ހުވަދުއަތޮޅުގެ ކުރީގެ ބައެއް އާދަކާދަ

މީލާދީން 17 ވަނަ ޤަރުނު ފެށުނުއިރު، ހުވަދު އަތޮޅުގެ 70 ރަށުގައި މީހުން ދިރިއުޅުކަން ތާރީޚީ ގޮތުން އެނގެއެވެ. ގދ. އަތޮޅުގައި މީހުންދިރިއުޅޭ ގިނަ ރަށްރަށުގެމަގުތައް ހަނިވެފައި، މަދުކަމަށްވިއަސް ވެށީގެ އާބުހަވާ އެހާ ގޯހެއްނޫނެވެ. ދެފަރާތުގައި ހުންނަނީ، ހިޔާދޭ ބޮޑެތި ގަސްގަހާގެހި ހެދިފައެވެ. އަދި ދިވެހި ރުއްތައް ވެސް އެހާ ގިނައެވެ.

ހެދިފައިވާ ގަސްގަހާގެއްސަށް ބަލާއިރު، މައިގަނޑު ގޮތެއްގައި ފެންނަ ގަސްތަކަކީ، ހިރުނދު، މިދިލި، ދިއްގާ، ފުނަ، ކާނި، ބަނބުކެޔޮ، ނިކަ، ދަނބު، ކުރެދި ފަދަ ގަސްތަކެވެ. ވުމާއެކު މުޅިރަށް އެކީގައި ކަހަލަ ގޮތަކަށް އޮންނަނީ ހިޔާވެފައެވެ. ގިނަ ރަށްރަށުގައި މީހުން ދިރިއުޅެނީ، ފީނިފީންޏަށް ނުވަތަ ވަރަށްކުޑަކުޑަ ބިންކޮޅެއްގައެވެ. ގިނަ ރަށްރަށުގެ ބިމުގެ ބޮޑުބައި އޮންނަނީ ގަސްގަހާގެހީން ފުރިފައެވެ. ގަސްގަހާގެހީން މުއްސަނދިވެފައިވާ މި ރަށްތައް ދުރުން ފެންނާނީ ޖަންގައްޔެއް ކަހަލަ ގޮތަކަށެވެ.


ކުރީޒަމާނުގައި ފުރާދުއްވާ އުޅަނދުފަހަރު ބަނދެ، ގެތައް ޢިމާރާތްކުރުމަށް ބޭނުންކުރަނީ، ރަށުން ކަނޑާ ލަކުޑިއެވެ. ގޭގޭގެ މަތިވަނޑާންގަނޑު ހަދައި ބެރިއަޅަނީ ވެސް ރުއްލަކުޑިއާއި، ގަސް ލަކުޑީންނެވެ. ކަންމިހެން ހުރުމާއެކު، ކުނިގޮނޑުތައްވެސް އޮވެއެވެ. މަދިރި އުފެދޭ ތަންތަންވެސް މަދެއްނޫނެވެ. ކުނިގޮނޑާއި، ފެންފެންގަނޑަކީ ބަލިމަޑުކަން ފަތުރައިދޭ މަދިރި ފަދަ ޒާތްޒާތުގެ ފަނިފަކުސާ އާލާވާ ތަންތަންކަން އެނގެންފެށީ 1940 އަހަރުތަކުގައެވެ. މިފަދަ ކަންކަމަށް އެދެވޭ ޙައްލެއް އައިސްފައިވަނީ 1980 ގެ އަހަރުތަކުގައެވެ. 

ގެވެށީގެ ސާފުތާހިރުކަން

ގެވެށި ސާފުތާހިރުކޮށް ބަލަހައްޓަނީ އަންހެނުންކަމަށް ވިއަސް ފިރިހެނުންވެސް އެކަމުގައި އެހީތެރިވެދެއެވެ. އަންހެންވެރީން، ގެއާއި ގޯތިތެރެ ދުވާލު ދެއިރު ކުނިކަހާ ސާފުކުރާއިރު، އެމީހުންނަށް ނުކުރެވޭވަރުގެ މަސައްކަތް ކޮށްދެނީ ފިރިހެނުންނެވެ. އަންހެނުންތައް ފަތިހުދެތުވެ ފަތިސް ނަމާދަށްފަހު ފުރަތަމަ ދާނީ އަތިރިއަށެވެ. އަތިރިއަށްދާއިރު މުޅޯއްޓެއް ނުވަތަ ވަށިގަނޑެއް ގެންދާނެއެވެ. ނިމިގެން ގެއަށްދާއިރު ކަށިވެލި ގެންދާނެއެވެ. އަދި ދަތްއުނގުޅަން ވަކިން ލޮނުދޮންވެލި ވެސް ގެންދާނެއެވެ. ދެ ޖިންސުގެ ބައެއް މީހުން ދަތް އުނގުޅަނީ އަތިރިއަށްގޮސް އެތަނުގައެވެ. ދަތް އުނގުޅުމަށް ފަހު، ކޯދޮންނަނީ، މޫދު ލޮނުންނެވެ. އަނެއްބައި މީހުން ގޭދޮށަށް އައިސް ވެސް ދަތް އުނގުޅައެވެ. ދަތް  އުނގުޅަނީ ކަނާތުގެ ޝަހާދަތް އިނގިލީގައި ވެލި ހާކައިގެން އިނގިލީންނެވެ. އަދި ދަތް އުނގުޅަމުން ގެއަށް އައުމަކީ، އާދަވެގެން ކޮށްއުޅޭ ކަމެކެވެ. ދަތް އުނގުޅާއިރު، އިލޮށިގަނޑަކުން ދަތްތައް ރަނގަޅަށް ސާފުކުރެއެވެ. އަންހެންވެރީން ގެއަށް އައިސް ގޭގެ ކުރިމަތީގެ މަގުމައްޗާއި، ގޯތިތެރެ ކުނިކަހައި ސާފުކުރެއެވެ. 

މަގުމަތީގައި އަދި ގޭ ދޮރުމަތީގައި ފަޅާފައިހުންނަ ކުދި ގަސްތައް (ވިނަ) ނޮޅައި، މަށަންދަތި އަޅައި، ބިންގަނޑު އެއްވަރުކޮށް ހަދާނެއެވެ. ހެނދުނު ގޭމީހުން ނިދާހޭލުމުން، ދެން ފަށަނީ، އަށި، އެނދުތަކުގެ ތަންމަތި ފޮޅައި، ސާފުކޮށް ތަންމަތި އަވީލާށެވެ. މަދުވެގެން ހަފުތާއަކު ދެފަހަރު އެތަކެތި އަވީލާނެއެވެ. ކުނިކަހައި އެއްތަނަކަށް ކުނި ޖަމާކޮށް މުޅޯއްޓަކަށް ނުވަތަ ވަށިގަނޑަކަށް އަޅައި ހެނދުނު ނުވަތަ ހަވީރު ގެންގޮސް ކުނި އުކާލަނީ އަތިރިމައްޗަށް ނުވަތަ ގޮނޑުދޮށަށެވެ. ބައެއް މީހުން ހަވީރުވެސް ކުނިކަހައެވެ. ކުނިކަހަން ބޭނުންކުރަނީ، އިލޮށިފައްޗާއި، މަށަން ދައްޗެވެ. އެތަކެއްޗަކީވެސް އަމިއްލައަށް އެމީހުން ތައްޔާރުކުރާ ތަކެއްޗެވެ. އިލޮށި މަށައި އިލޮށިފަތި ތައްޔާރުކުރަނީ އަންހެނުންނާއި، އަންހެން/ފިރިހެން ކުދީންނެވެ. މަށަންދަތި ހަދަނީ ފިރިހެނުންނެވެ. އަގު ދިނުމުން އެކަން ކުރާ މީހުންވެސް ތިބެއެވެ. ގެއާއި، ބަދިގޭގައި ބޭނުންކުރާ ގެވެހި ކަންވާރުތަކާއި، ތަކެތި ދޭތެރެ ދޭތެރެއިން ދޮވެ ސާފުކުރެއެވެ. ބައެއް މީހުން ތެލިތަށި، ސަމްސާ ދޮންނަން ގެންދަނީ އަތިރިމައްޗަށެވެ. ދޮންވެލި ލައިގެންނާއި، ލުއި ގާ އުނގުޅައިގެން ތެލީގެ ދެފުށް އުނގުޅައި ސާފުކުރަނީ އަތިރިމަތީގައެވެ.

ރަށުތެރެއާއި ވެށި ސާފުކުރުން

ރަށުތެރޭގައި އޮންނަ މީހުން ދިރިނޫޅޭ ހުސްކޮށް އޮންނަ ސަރަޙައްދާއި، ދިރިއުޅޭ އަވަށުގެ ވަށައިގެންވާ މަގުތައް ކުނިކަހާ ސާފުކުރަނީ އަންހެނުންނާއި ފިރިހެނުންނެވެ. މަދުވެގެން ހަފުތާއަކު އެއްދުވަހު (ޢާއްމުކޮށް ބުރާސްފަތި ދުވަހު) ކުނިކަހާ ސާފުކުރެއެވެ. މަގުތަކުގެ ޖަންގައްޔާވީ ހިސާބުގަނޑުގެ ވިނަ ނޮޅައި، ވިނަ ކޮށައި، ގަސްގަހުގެ އޮފިތައް ކަނޑައި، ސާފުރަނީ ފިރހެނުންނެވެ. ޢާއްމުގޮތެއްގައި މަހަކު އެއްދުވަހު އެ މަސައްކަތް ކުރެއެވެ. އެކަމަށް ޚާއްޞަ ދުވަހަކީ ހުކުރުދުވަހެވެ. ހުކުރުދުވަހަކީ، ބޮޑެތި ފިރިހެނުން ރަށުގައިތިބޭ ދުވަސްކަމަށްވާތީ، ހިނގާބިނގާވެ އުޅޭ މަގުތަކާއި، ގަބުރުސްތާނުގެ ވިނަނޮޅައި، ގަސްތައް ކަނޑައި ސާފުކޮށް ހަދަނީ ފިރިހެނުންނެވެ.

އެނދު، އަށްޓާއި، އަންއޮނު ދޮވެ ސާފުކުރުން

އަންނައުނު ދޮންނަނީ އަތިރިމައްޗަށް ގެންގޮސްގެން މޫދުންނެވެ. ބޯފޮއްޗާއި، މަދިރިގެ ދޮންނަނީ، މޫދުގައި އަޅައިގެން ހަފުތާއެއްހާ ދުވަހު ބޭއްވުމަށްފަހުއެވެ. އެކަންކުރާ ގޮތަކީ، މާރެއްގައި (ފަލަ ރޯނުގަނޑެއްގައި) އައްސައި އޮޔާ ނުދާ ގޮތަށް މޫދުގައި ދެތިން ދުވަހު ބޭއްވުމަށްފަހު، ދޮންވެލިގަނޑުގައި ތަޅައި ދާ ފިލުވުމަށްފަހު ސާފު ފެނުން ފެންލައި އަވީގައި ބަހައްޓައިގެންނެވެ. އަހަރަކު އެއްފަހަރު މަދިރިގެއާއި އެނދުތަކާއި، އަށިތަކާއި، ގޮނޑިމޭޒު ފަދަ ތަކެތި ދޮވެ ސާފުކުރެއެވެ. އުނދޯއްޔާއި، އެނދުތަކާއި ސަރަންފީ ގޮނޑިއާއި، އަދަރާދަ ގޮނޑީގައި ހުންނަނީ ރޯނު ފުރާފައެވެ. ބައެއް މީހުން ސަންދޯއްމާރަށް އަނެއްބައި މީހުން ނަލަމާރަށްވެސް ރޯނުފުރައެވެ. ރީތިވެފައި ޚަރަދުބޮޑީ ނަލަމާރަށް ރޯނުފުރުމުންނެވެ. އަށިތައް ބަހައްޓާފައި ހުންނަނީ، ދެފޫޓަށް އުސްކޮށް ހަތަރު ފައިމަތީގައެވެ. އަށިތަކުގައި ހުންނަނީ، ފަޑިއަޅައި، މަޅުއަޅާފައެވެ. ފިރިހެނުން އަންނަ މުންޑު ނުވަތަ ފޮތިގަނޑު ދޮންނަނީވެސް މޫދުންނެވެ. މޫދުން ދޮވެގެން ފެނުން ފެންލައިގެން އަވީގައި އަޅައި ހިއްކަނީއެވެ. ހިއްކަން އަޅާއިރު ވާންކޮށް ދަމާފައި ވެސް ބަހައްޓައެވެ. ބޭނުމަކީ، ރޫ ނުޖެހި ހިއްކުމެވެ. ބައެއް ފިރިހެނުން މޫދުން ފެންވެރުމަށްފަހު މިސްކިތުވަޅުން ފެންވަރައިގެން މުންޑު އަވީގައި ހިކެންދެން ބާއްވައެވެ. އެގޮތަށް ހަދަނީ ބައެއް މީހުންގެ އަތުގައި އެންމެ މުންޑެއް އޮންނާތީއެވެ.

އުނުއޮރިޔާން ނިވާކުރުން

ފިރިހެނުން އަންނަން ބޭނުންކުރަނީ މުންޑު ނުވަތަ ކުލަޖައްސާފައި ހުންނަ ފޮތިގަނޑެވެ. އަންނައުނަކީ އެހާ ގިނަ އެއްޗެއްނޫނެވެ. ޢާއްމުކޮށް މީހެއްގެ އަތުގައި ގިނަވެގެން އޮންނަނީ ދެގަނޑެއްޗެވެ. އެއީ ހުކުރު ހެދުމަކާއި، އާދައިގެ ހެދުމެކެވެ. ހުކުރުހެދުން ބޭނުންކުރާނީ ހަމައެކަނި ހުކުރު ނަމާދަށެވެ. ނަމާދުން ނިމިގެން ގެއަށްއައިސް އަވަހަށް އެ ހެދުން ބަދަލުކުރެއެވެ. ހުކުރު ދުވަހަކީ، ގިނަ ގޭގައި ފާތިޙާ ޞަލަވާތް ފަދަ ކަންކަމަށް ކައްކާ ދުވަސްދުވަހެވެ. (ފާތިޙާގެ ވާހަކަ ލިޔާނީ، އެކަމާގުޅޭ ބަޔާނުގައެވެ.) ގަންޖުފަރާސް ނުވަތަ ޓީޝާޓް ތަޢާފަރުވުމުގެ ކުރިން ބޭނުންކުރަނީ މުންޑާއި ފޮށައެވެ. އާއްމުކޮށް ފޮށާ ބޭނުންކުރަނީ، ބޮލުގައި އެޅުމާއި، ގައިގައި ލުމަށެވެ. ބައެއްމީހުން ފޮށާގެ ބަދަލުގައި ރުމާ ވެސް ބޮލުގައި އަޅައެވެ. ހަރުވާޅުބުރި ތަޢާރަފުވީ މާފަހުންނެވެ. 1960 ގެ އަހަރުތައް ފެށުނުއިރުވެސް މީހުނާއި، ނުއިނދެ ތިބޭ އަންހެނުން ނިވާކުރަނީ ހަމައެކަނި ފޫޅުން ތިރިއެވެ. މިއީ އެޒަމާނުގައި އެހާ އައިބުކަމެއް ވެސް ނޫނެވެ. ތާރީޚުން އެނގޭ ގޮތުގައި ރެހެންދި ޚަދީޖާގެ ރަނިކަމުގައި އެކަމަނާއާއި، އެކަމަނާގެ (އަންހެން) ހަށިފާރަވެރީންގެ ޙާލުހުރީ ވެސް މިކަހަލަގޮތަކަށް އިބްނިބަޠޫޠާގެ ލިއުއްވުންތަކުން އެނގެއެވެ. އަޅުގަނޑުގެ ޢުމުރުން ހަތަރު ފަސްއަހަރުގައި އަންހެންކުދީން އޮރިޔާން ނިވާކުރުމުގެ އެފަދަ މަންޒަރުތައް އަޅުގަނޑުވެސް ދުށީމެވެ.

ބޯދޮވުމާއި، ފެންވެރުން

ކުރީޒަމާނުގައި ގދ.އަތޮޅުގެ މީހުން ބޯދޮންނަށް ބޭނުންކުރަނީ، އަޅިފެނާއި، ކުކުޅުބިހެވެ. (ބޯދޮންނަން ބޭނުންކުރަނީ ކުނިވެފައިހުންނަ ކުކުޅުބިހެވެ.) ކުނި ބިސް ބޭނުން ކުރަނީ އެއިން ގަދައަށް ފޮނު ނިކުންނާތީއެވެ.  ބޯދޮންނަން އަޅިފެން ހަދަނީ، ގަނޑުއަޅި، ސާފު ފެންއެއްޗަކަށް އަޅައި، ދެތިން ދުވަސްވަންދެން ބަހައްޓައިގެންނެވެ. ދެތިންދުވަސްވުމުން ދެން އެ ފެނުން އިސްތަށިގަނޑު ރަނގަޅަށް ދޮންނަނީއެވެ. ބޯ ދޮވުމަށްފަހު ފެންވަރަނީ، ވެވަށް އެރިއެވެ.

ވެވު ފޮރުވުމަށްފަހު، ވަޅުތައް ޤާއިމުވުމުން ދެން ފެންވަރަނީ ދާނީން ފެންނަގައިގެން ވަޅުންނެވެ. ވެވަކީ، ވަށަމިނުގައި 10 ވަރަކަށް ފޫޓު ހުންނަވަރަށް އަނގަމަތި ފުޅާކޮށް އަދި ފެނުގެ ފުންމިން ތިންހަތަރު ފޫޓު ހުންނަވަރަށް ފުންކޮށް ކޮނެ ވަށައިގެން ގާ ޖަހާފައި ހުންނަ ބޮޑެތި ވަޅުތަކެވެ. ގިނަ ވެވުތައް ހުންނަނީ، ދޫނިފަތް ނުވަތަ ފަތްތިރު ލާފައި ބިމުން މައްޗަށް ދޮޅުފޫޓުވަރަކަށް އުސްކޮށްފައެވެ. ދޫނިފަތް މަތީގަ އިށީނުމުން މޭކަށިގަނޑަށްވުރެ މައްޗަށް ފެންފަށަލަ ހުރެއެވެ. ފެންވަރާއިރު، އަންހެނުންގެ މޭކަށިގަނޑުން ފެށިގެން ތިރި ނިވާކުރަނީ، ފޮތިގަނޑެއް ބަނދެގެންނެވެ.  ދާނިހަދާފައި ހުންނަނީ، ބޮޑެތި ކާށީގެ ނާށީގައި ދަނޑިއެއް ޖަހައިގެންނެވެ. ގދ.އަތޮޅުގެ މީހުން އެއަށް ކިޔާ ނަމަކީ، ގޮޅާ ދާނި އެވެ. ފިރިހެނުން އާދަވެ ފެންވަރަނީ މޫދުން ނެވެ. މޫދުން ފެންވެރުމަށްފަހު، މިސްކިތު ވެވުން ނުވަތަ ވަޅުން ގަޔަށް ފެންއަޅަނީއެވެ. ރާއްޖޭގެ ބައެއް ރަށްރަށުގެ އަތިރިމަތީގައި ބޮޑުވަޅު ނުވަތަ ވެވުހަދާފައި ހުއްޓަސް ހުވަދުއަތޮޅުގައި މިފަދަ ވަޅުތަކާއި، ވެވުތައް ހަދާފައި ހުންނަނީ މިސްކޮތްދޮށުގައި އެކަންޏެވެ. ފިރިހެނުން ފެންވަރައިގެން އަންނައުނު ހިއްކަނީ ވެސް މިސްކިތްދޮށުގެ ވިނަގަނޑުމަތީގައި ފަތުރައިގެންނެވެ. ވެވުހަދަން ފުރަތަމަ ބޭނުންކުރީ ޅޮސްވަކަރާއި، ރުއްވަރެވެ. ވެވުހަދަނީ، ބިމުގައި ހަތަރުފަސްފޫޓު ފުން ވަޅުގަނޑެއް ކޮނެ އެތަނުގައި ލަކުޑި އަތުރައިގެންނެވެ. ތިލަވަތްގާ ހަދަނީވެސް ވެސް ލަކުޑި އަތުރައިގެންނެވެ.


ތިލަވަތްގާ އަޅަނީ، މަތީގައި އަޅާ ލަކުޑިއާއި ތާށިވާގޮތަށެވެ. އެންމެމަތީގައި، ނިންމާ ހިސާބުގެ ލަކުޑިހުންނަނީ ތަޅުއިލި ޖަހާފައެވެ. ލަކުޑީގެ ޒަމާނަށް ނިމުމެއްއައީ، ވެލިގަލާއި، ހިރިގާ ތަޢާރަފު ވުމުންނެވެ. އެކަމަށް ނިމުންއައީ އުވަ  އޭގެ ފަހުން ސިމެންތި ތަޢާރަފު ވުމުންނެވެ. ވެވަށްއެރި ފެންވެރުމަކީ، ގައިންގަޔަށް ބަލި ފަތުރައިދޭ ކަމެއްކަން ކަށަވަރުވުމާއިގުޅިގެން ސަރުކާރުން ވެވުތައް ނައްތާލީ 1940 ގެ އަހަރުތަކުގައެވެ. 

ގޯތިގެދޮރު އިމާރާތްކުރާގޮތް

ކުރީޒަމާނުގައި ގދ.އަތޮޅުގައި ގޯތިގެދޮރު އިމާރާތްކުރަނީ، ދަނޑިފަނުންނެވެ. އެކަމަށް ޢާއްމުކޮށް ބޭނުންކުރަނީ، ދުނބުރި ދަނޑިއާއި، އުނި ދަނޑިއާއި، ދިއްގާ ދަނޑިއާއި މަދޮށި ދަނޑިއެވެ. ގެ އެޅުމުގެ ކުރިން ފުރަތަމަ ހަދާގޮތަކީ، ދަނޑިތައް ކަނޑައި މޫދުގައި އެޅުމެވެ. އެގޮތަށް މަހެއްހާ ދުވަހު ބެހެއްޓުމަށްފަހު، ދަނޑިތައް މޫދުންނަގައި ތޮށިނޮޅައި އަވީންހިއްކައި ބޭނުން ވަންދެން ހިޔަލުގައި ބަހައްޓަނީއެވެ. ދެން ޖަމާކުރަނީ، ރޯނާއި ބެރިއަޅާނެ ވަކަރެވެ. އޭފެފަހުން ތޮށަލި ވިޔަނީއެވެ. ގދ.އަތޮޅުގެ މީހުން ތޮށައްޔަށް ކިޔާނަމަކީ "އޯލެއި" އެވެ. ތޮށަލިވިޔަން ހަދާގޮތަކީ، ރުއްރުކުން ދޮންފަން ކަނޑައި މޫދުގައިއަޅައި މަހެއްހާދުވަހު، ބެހެއްޓުމަށްފަހު، އެއްގަމަށް ގެނެސް ތޮށަލިވިޔެ އަވީންހިއްކައި ބޭނުންވަންދެން ހިޔަލުގައި ބަހައްޓަނީއެވެ. ހިޔަލުގައި ބަހައްޓަނީ ވާރޭފެން ނުޖެހޭގޮތަށެވެ. ވާރޭފެނުން ތެމުމަކީ، ފީވުން އަވަސްވާކަމެކެވެ.

ބުނެވިދިޔަ ތަކެތި ތައްޔާރުކުރާއިރު، ވެލިގާ ނުވަތަ ހިރިގާ ކަނޑައި ހަތަރެސްކަނަށް ވާގޮތަށް ގާ ތައްޔާރުކުރަނީއެވެ. ގަލެއްގެ ފުޅާމިން ދެފޫޓު ތިންފޫޓު ވަރުވާނެއެވެ. ބޯމިނުގައި ހުންނާނީ ހަތަރު ފަސްއިންޗިއެވެ. ގޭގެ ބިންގާ ހުންނަ ކިއްސަރަށް ގަލުގައި ތިންބައިކުޅަ އެއްބައި ބިމުގައި ވަޅުލައި، މަތީގަލުގައި ހަތަރެސްކަނަށް ލޯވަޅު އަޅާނެއެވެ. ދަނޑިޖަހާނީ އެ ލޯވަޅުތަކަށެވެ. ހަމަ އެމަސައްކަތާއެކު ފަންގިވިޔެފައި ހުންނާނެއެވެ. ފަންގި ވިންނަނީ، ދޮންފަން ކަނޑައި، ދެތިންހަފުތާ ވަންދެން މޫދުގައި ބެހެއްޓުމަށްފަހު، ފަންވަތްތައް ކަނޑައިގެން އިއްޔަކަށް ނުވަތަ ފަލަ ކައްޓަކަށް ހިމަރޯނުފަށެއް ލައްވައިގެން އެ ފަށަށް އަމުނައިގެންނެވެ. ގޯތިގެދޮރު އިމާރާތްކުރުމަށް ފަލަރޯނާއި، މެދުރޯނާއި، ހިމަރޯނު ބޭނުންކުރެއެވެ. ގޭގެ ދޮރުހެދުމަށާއި، ބެރިއެޅުމަށް ބޭނުންކުރަނީ، ރުއްވަކަރު (ނިރޮޅުވަކަރު) އެވެ. ބެރިއެޅުމަށް ބައެއްފަހަރު ފަލަ ދުނބުރި ގަސް މެދުން ދެފަޅިކޮށްގެން ވެސް ބޭނުންކުރެއެވެ. ގޭގެ ބޮޑުދޮރުފަތްތަކާއި، ކުޑަދޮރުގެ، ދޮރުފަތްތައް ހަދަނީ، ބަނބުކެޔޮ ފިލާއިންނެވެ. ދޮރުތައް ބަންދުކުރަން ދޮރުގެ އެތެރެއިން އަޅަނީ ތަންޑެކެވެ. ގެއަޅަން ހަދާގޮތަކީ، ދަނޑީގެ ކޮޅުތައް ހަތަރެސްކަނަސްވާ ގޮތަށް ފޭއްސައި ގަލުގައި އަޅާފައިވާ ލޯވަޅުގައި ޖަހައި ހުރަސްދަނޑި އަޅައި ހިމަރޯނުން ބަނދެ ކުކުޅުވަހި ހަދައި، ވަސް ބާއްވައި، ފައިދޮށްތަކާއި، ބެރިތައް އަތުރަނީ އެވެ. ފައިދޮށްތަކާއި "ވަސް" ދަނޑި ބަންނަން ބޭނުންކުރަނީ މެދުރޯނެވެ. ބެރިތައް ބަންނަށް ބޭނުންކުރަނީ، ފަލަ ރޯނެވެ. ގިނައިން ދަނޑި ލިބޭ މީހުން ދަނޑިޖަހަނީ ވަރަށް ގާތްގާތުގައެވެ. ބެރިއަޅަނީ، ދަނޑިޖަހައި ނިމުމުން ބިމުންފެށިގެން 10 ވަރަކަށް ފޫޓު މަތީގައި ހުރަހަށް ޑަބަލް ދަނޑި އަޅައި އޭގެމަތީގައެވެ. 

މިމަސައްކަތް ނިމުމުން ތޮށަލިން ނުވަތަ ފަންގިލައި ހިޔާކޮށް ބިތުގައި ފަންގި ޖަހައި ބިތްތައް ބައްދާނެއެވެ. ތޮށަލި ނުވަތަ ފަންގި ޖަހައި ބިތްތައް ބައްދައި ގޭގެތެރެއަށް ކަށިވެލި ނުވަތަ ދޮންވެލި ލައި އެނދު އަށިފަދަ ތަކެތި ބެހެއްޓުމުން ގެ ތައްޔާރުވީއެވެ. ގިނަ ގެތައް ބައިކޮށްފައިހުންނަނީ ދެބަޔަކަށެވެ. އެއީ އެތެރެބަޔަކާއި ބޭރު ގެއެކެވެ. އެތެރެގޭގައި ނިދާނީ ދެމަފިރިންނާއި ކުޑަކުދީންނެވެ. ބޭރުގޭގައި ނިދާނީ އެނޫން މީހުންނެވެ. އެނދު އަށި ހުންނަނީ، ފައިޖަހައި އޭގެ މަތީގައި ބަހައްޓައި ބިތާއެކީގައި ރޯނުން ބަނދެފައެވެ. އެނދު އަށީގައި ރޯނުފުރަނީ ނަލަމާރަށެވެ. އަށިތަކުގައި މަޅު އަޅަނީއެވެ. ގިނަ މީހުން އެނދުގައި އަޅަނީ ކުނަލެވެ. ޢާއްމުކޮށް ކުނާވިޔަނީ ގައްދޫ، ފިޔޯރީ، ރަތަފަންދޫ، ހަވަރުތިނަދޫ މީހުންނެވެ. އަތުންފަހާ ތިނޯހުން ކޮތަޅުފައި އެކޮތަޅަށް ފޮތިއަޅައި ބާލީސް ހަދައެވެ. ބާލީސް ބޭނުންކުރަން ފެށުމުގެ ކުރިން ބާލީހުގެ ގޮތުގައި ބޭނުންކުރީ ކަނދު ފާޑުގެ މަޑު ލަކުޑިއެވެ. ފުޅިބައްތި ބޭނުންކުރުމުގެ ކުރިން ބޭނުންކުރީ ވޮށެވެ. ވޮށް ދިއްލަނީ، ކާށިތެޔޮ ނުވަތަ މަހުތެޔޮ ބޭނުންކޮށްގެންނެވެ. ގިނަ ގޭގޭގައި ހުންނަނީ ބޮޑުދޮރުގެ އެންމެދޮރެކެވެ. ކުޑަދޮރު ވަރަށް މަދުވާނެއެވެ. ރޭގަނޑު ނިދަނީ ބައްތި ނިއްވާލާފައިގެންނެވެ. ބައެއް ގޭގޭގެ، ގޭތެރޭގައި ނުވަތަ ގޭތެރެއަށް ދުން ވަންނަގޮތަށް އަލިފާން އަންދައެވެ. އޭގެ ބޭނުމަކީ، މަދިރީން ސަލާމަތްވުމެވެ. ހުޅުގަނޑު ރޯނުވެ ގިނަވަގުތު ދުންއަރާޒާތުގެ ތަކެތި އަލިފާންގަނޑަށް އަޅައިގެން އެންދުމަށް ކިޔާނަމަކީ ދުންމަޅިޖެހުމެވެ. ނިދަން އޮށޯތުމުގެ ކުރިން ކޮންމެ މީހަކުވެސް ދެފައިދޮވެ ފޮތިގަނޑަކުން ފެންހިއްކާނެއެވެ.  

ކެއިންބުއިން

ދިވެހި ތާރީޚުން އެނގެންއޮތް އެންމެ ކުރީޒަމާނުގައިވެސް ރާއްޖޭގެ އަހުލުވެރީން ކައިބޮއިއުޅުނީ، އެއްގަމާއި، ކަނޑުފަޅުގެ ބާވަތްތައް ކަން އެނގެއެވެ. އެގޮތުން ހުރައި ރަށްތަކުގެ އަހުލުވެރީންގެ ކެއުމަކީ ވެސް ހަމަ އެފަދަ ތަކެއްޗެވެ. ކަނޑުފަޅުން ލިބޭ، ކެއުމަށް ބޭނުންކުރާ ބާވަތްތަކަކީ، ފަޅުމަތީގަ ދިރިއުޅޭ  ގޮޅާ، ރިނދަލި، ބޮލި ފަދަ ސޫފާސޫތްޕާ، އަދި ވެސް އެ ބާވަތުގެ ދިރޭ ތަކެއްޗާއި، ފަރުމަހާއި، ކަނޑު މަސް ފަދަ ތަކެއްޗެވެ. އެއްގަމުން ލިބޭ، ކެއުމުގެ ބާވަތްތަކަކީ، ބިންބި، ކުދިބަތް، ދޮނަޅަ، ހިއްތަލަ، ޒުވާރި، އޮޅުއަލަ، ފުރެއްދެއަލަ، ކައްޓަލަ، ބަރަބޯ، ބަނބުކެޔޮ، ދޮންކެޔޮ، އުރާ، ކަނޑޫ، ކަށިކެޔޮ، ކާށި ފަދަ ތަކެއްޗެވެ. އެ ބާވަތްތަކަކީ، ތަރުކާރީއާއި، މޭވާއާއި، ފަލަމަޑީގެ ބާވަތްތަކެވެ. ބޭރުން ގެނެސްގެން ހަނޑޫ، ހަކުރު، ފުށް ބޭނުންކުރަން ފެށުނީ، ދާދި މިދާކަށްދުވަހުއެވެ. އެވޭލާ ޒަމާނުގައި، ހަކުރުގެގޮތުގައި ބޭނުންކުރަނީ ރުކުރާއެވެ. އޭގެފަހުން ގޫޑު ހަކުރެވެ. ގޫޑުހަކުރު ބޭނުންކުރަންފެށުނީ ވެސް ވަރަށްފަހުންނެވެ. ހަނޑޫ، ހަކުރު، ފުށް ފުރަތަމަ ބޭނުންކުރަން ފެށުނީ، މައުލޫދު، ޞަލަވާތްފާތިހާ ފަދަ، ޚާއްޞަ ކަންކަމަށެވެ. ބުނެވިދިޔަ ބާވަތްތަކުގެތެރެއިން، ހަނޑޫ، ހަކުރު، ފުށް ފިޔަވާ، އެނޫން ތަކެއްޗަކީ، ރާއްޖޭގައި ހެއްދޭ ތަކެއްޗެވެ. ގދ.އަތޮޅުގައި ބޭނުންކުރާ އެންމެ ޚާއްޞަ ކެއުމަކީ، އޮޅުއަލައާއި، ކަނޑުލާއި، ބަނބުކޭލާއި، ހިއްތަލަ ފަދަ ބާވަތްތަކެވެ. ބަތާއި، ރޮއްޓާއި، ގަރުދިޔަ އާއި، ސައި ބޭނުންކުރަން ފެށުނީ 1960 ގެ އަހަރުތަކުގެ ފަހުންނެވެ. 1980 ގެ އަހަރުތައް ފެށުނުއިރު ތިންއިރު ކެއުމަށް ބޭނުންކުރަނީ ވެސް ބަތާއި، ގަރުދިޔަ އާއި، ރިހައެވެ. ހެނދުނު ނާސްތާކުރަން ވެސް ބައެއް މީހުން ބޭނުންކުރީ ބަތާއި ގަރުދިޔަ (މަހަލޮނެ) އެވެ. މިހާރުވެސް ބައެއް މީހުންގެ ހެނދުނުގެ ނާސްތާއަކީ، ބަތާ ގަރުދިޔައެވެ. ރާމަސްހުންޏަކީ ގދ.އަތޮޅުގެ މީހުންގެ ވަރަށް ޚާއްޞަ ކެއުމެކެވެ. ރާމަސްހުނި ހަދަނީ، ކާށިހުންޏާއި، ދިޔާ ހަކުރާއި ވަޅޯމަސް (ރަތްތިރިމަހަ) އެއްކޮށް މޮޑެގެންނެވެ. ދާދިފަހަކާއި ޖެހެންދެންވެސް މައުލޫދު ކިޔާދުވަސްވަރު، މައުލޫދު ނިންމާލުމުގެ ކުރިން ކިޔާ ދުޢާގައި ވެސް އެންވެރިކަމާއި، މަސްވެރިކަން ތިޔާގިކުރައްވައި، ރާމަސްކާށި، ތިޔާގިކުރެއްވުމަށް ދުޢާކުރެއެވެ.

ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ ތަފްޞީލް

ކަނޑޫ ގަހަކީ، އޮޅުތަކާއި، ޗަސްބިންތަކުގައި 8 ފޫޓު ނުވަތަ 10 ފޫޓުއުސްމިނަށް ހެދޭ ވަރަށް ވަކަ ގަސްތަކެކެވެ. އެ ގަހުގެ ތޮޅިއަކީ ކަނޑޫ އެވެ. އެތޮޅި ހަރުވުމުން ބިނދެގެން ނުވަތަ ކަނޑައިގެން ގެނެސް ފެނުގައި ނުވަތަ ލޮނުގައި ކައްކައި ހިތި ފިލުވަނީއެވެ. އެ ތޮޅި، ކެއްކުމުގެކުރިން، ބައެއް މީހުން މެދުމިނަކަށް ތަޅައި، ޗިސްކުރެ އެވެ. ދެން ކައްކައި ހިތިފިލުވަނީއެވެ. ކެއުމުގައި ކަނޑޫ ބޭނުންކުރާ އެއްގޮތަކީ، ކާށިހުންޏާއި، ދިޔާހަކުރާއި އެއްކޮށް މޮޑުމެވެ. ދެވަނަ ގޮތަކީ، ކާށިހުންޏާއި، ރިހާކުރާއި މިރުހާއި، ލުބޯ އެއްކޮށް މޮޑުމެވެ. ކަނޑުލަކީ، ފައިބަރުގިނަ ކާނާއެކެވެ. އަދި އެއީ ގިނަ ދުވަސްތަކަކަށް ކޮށާރުކުރެވޭ ބާވަތެއްވެސްމެއެވެ. އެއީ ލޭ މައްޗަށްދިއުމާއި، ސަރުބި އިތުރުކޮށްދިނުމާއި ހަކުރުބަލިން ދުރުކޮށްދީ، ބަނޑު ހަމަޖައްސައިދީ، އަދި ހަކަތަ ދަމަހައްޓައިދޭ ކާނާއެކެވެ. ކަނޑުލަކީ، ފަލަމަޑިއާއި، ތަރުކާރީގެ ބާވަތެކެވެ.

ހިއްތަލައަކީ، ބިމުގެއަޑިއަށް ގޮނޑިފައިބާ ފަލަމަޑީގެ ބާވަތެކެވެ. ހިއްތަލަގަހަކީ 2 ފޫޓު ނުވަތަ 3 ފޫޓަށް ހެދޭ ގަހެކެވެ. އެގަހުގެ އޮށަކީ، ދޮންވެ ފައްކާވުމުން ވަރަށް މީރު ފޮނި މޭވާފަދަ އެއްޗެކެވެ. ހިއްތަލައަށް ފުރަތަމަ ހަދާގޮތަކީ، ތުނިކޮށް ތޮށިމަށައި، ހިރިގަލެއްގައި ގާނައި، ހަތްފަހަރު ފެނުކައްކައި، ފެންބަދަލުކޮށް ހިތިފިލުވުމެވެ. އަދި ފުށްފުކަށް ނުވަތަ ތުނިކޮށް ފޮތިފޮއްޗަށް ކޮށައިގެން ވެސް ކައްކައި ހިތިފިލުވައެވެ. ފުށްފުކަށް ކޮށައިގެން ބަތްވެސް ކައްކައެވެ. ގާނައިގެން އުފައްދަނީ ހިއްތަލަފުށެވެ. ފުށުން ޢާއްމުކޮށް ކައްކަނީ ފޮނި ކާތަކެތިކަމަށް ވިއަސް، ހުނިރޮށިވެސް ފިހެއެވެ. އެއިންކުރާ ޚާއްޞަ އެއްބޭނުމަކީ، މާބަނޑުމީހުން ވިހެއުމަށްފަހު، އެމީހުންގެފަރާތުން ފޯރުކޮށްދޭ ހަދިޔާ ތައްޔާރުކުރުމެވެ. އެކަންކުރުމަށް ފުރަތަމަ ހަދާގޮތަކީ، ތެތްކޮށްހުންނަ ހިއްތަލަފުށް ދުނބުރިފަތެއްގައި ތުނިކޮށްފަތުރައި، އަވީންހިއްކައި ތުނިފަށަލަ (ފޮޅި) ފަތުން ނައްޓައި އަނެއްކާވެސް އަވީގައިބަހައްޓައި  މުރަނަކޮށް ފުނޑުކޮށް ދިޔާހަކުރާ އެއްކޮށް ހޫނުކޮށް ނުވަތަ ކައްކައި ޑަބިޔާފަދަ ކަންވާރުތަކުގައި ބަންދުކޮށް މާބަނޑުމީހާ ވިހެއުމަށްފަހު، އެއިން މެހެމާންދާރީ އަދާކުރުމެވެ. އެފޮޅިއަށް ގދ.އަތޮޅުގެ މީހުން ކިޔާ ނަމަކީ، "ވައިފޮޅި"އެވެ. ހަކުރާއި އެއްކުރުމަށްފަހު ކިޔާނަމަކީ، "ތަރަފޮނަ" ނުވަތަ "ވައިމަތު" އެވެ. ހިއްތަލަފުށަކީ، ހިލިބޭސް ހަދަން ބޭނުންކުރާ އެއްޗެމެވެ. ގދ.އަތޮޅުގެ މީހުން ހިލިބޭހަށް ކިޔާނަމަކީ، "ބަނގެ" އެވެ. ބަނގަކީ 99 ވައްތަރުގެ ގަހުގެ ފަންސަނގައާއި، ހިއްތަލަފުށާއި، މަތިކަރާބޭހާއި، ދިޔާހަކުރާއި، އެއްކޮށް ކައްކައިގެން ހަދާ ފޮނި ކާއެއްޗެކެވެ. ރާފޮޅިއާއި، ބޮޑު ފަތަފޮޅިއާއި، ހުއްބޮނޑި ހެދުމަށްވެސް ހިއްތަލަފުށް ބޭނުންކުރެއެވެ. ހިއްތަލަފަތުގެ ދިޔައަކީ، ޖެހިތަދުވާ ތަންތަނުގެ ތަދުކެނޑުވުމަށް ބޭނުންކުރާ ދިޔައެކެވެ.


އޮޅުއަލަކީ، ޗަސްބިން ނުވަތަ އޮޅުތަކުގައި ދޮޅު ފޫޓު ނުވަތަ ދެފޫޓަށް ހެދޭ ގަހެކެވެ. އެއީ ވެސް ފަލަމަޑީގެ ބާވަތެކެވެ. ބަރަބޮލަކީވެސް ފަލަމަޑީގެ ބާވަތެކެވެ. ބިމުގެ އަޑިއަށް ގޮނޑިފައިބާ (ކެއުމަށް ބޭނުންކުރާ) ތަކެއްޗަށް ކިޔާނަމަކީ، ފަލަމަޑިއެވެ. އޮޅުއަލަގަސް އޮޅުގައި އިންދުމަށްފަހު، އަޅި ބުރުއްސަނީ، އެގަސްތައް ރަނގަޅަށް ހެއްދުމަށްޓަކައެވެ. ދެތިން މަސްދުވަހަށްފަހު ތިންހަތަރު އިންޗިއަށް ގޮނޑިފައިބައެވެ. ދެން އެބައި ކެނޑުމަށްފަހު، އަނެއްކާވެސް އެގަސްތައް އިންދަނީއެވެ. އެގޮތުން އެތައްފަހަރަކު އެގަސް ބޭނުންކުރެއެވެ. އޮޅުއަލައަކީ، ފެނުގައި ކައްކައިގެން ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. އޮޅުއަލައަކީ، ތުނިކޮށް ފޮތިފޮއްޗަށް ކޮށައި ތެލުލައިގެންވެސް ކެއުމަށް ބޭނުންކުރާ އެއްޗެކެވެ. އަދި އެއީ ގިނަދުވަހަށް ބެހެއްޓޭ އެއްޗެކެވެ. އަލައަކީ، ކާށިހުންޏާ އެކު މޮޑެގެން ފޮނިކޮށް ނުވަތަ ކުޅިކޮށް ކެއުމަށް ބޭނުންކުރާ މީރު ކާނާއެކެވެ. އެއީ ހަށިގަނޑުގެ ބުންވަރު ދަމަހައްޓައިދޭ އެއްޗެކެވެ.

މާއަލަކީ، ކޮންމެ ތަނެއްގައިވެސް ހެއްދޭނެ ގަހެކެވެ. މާއަލައަކީ، އަޑިއަށް ގޮނޑިފައިބާ އެއްޗެއްނޫނެވެ. މާއަލަގަހަކީ، ތިންހަތަރު ފޫޓަށްވެސް އުސްކޮށް ހެދޭ ގަހެކެވެ. އަލަގަނޑުވެސް ހަމަ އެހާމެ ދިގުވާނެއެވެ. އެއީވެސް އޭގެ ދަޅިގަނޑު ފެނުގައި ކައްކައިގެން ކެއުމަށް ބޭނުންކުރާ މީރުކާނާއެކެވެ. ކައްޓަލައަކީ، ބިމުގެ އަޑިއަށް ގޮނޑިފައިބާ އެއްޗެކެވެ.  ގޮނޑިއަކީ އެވެލުގެ މޫތަކެވެ. ބިމުގައި ކައްޓަލަކުރި އިންދަނީ، ފަސްގަނޑުޖަހައި ވެލިގަނޑު ސާފުކޮށް ގާތައް ހޮވުމަށްފަހުއެވެ. ދެން ތިންހަތަރު މަސްދުވަހަށްފަހު ކައްޓަލަ ކޮންނަނީއެވެ. އެއީ ފޮނިރަހަދޭ ކާނާއެކެވެ. އެއީ ފެނުގައި ކައްކައި މޮޑެގެންވެސް ކާން ބޭނުންކުރާ އެއްޗެކެވެ. އެއިން ކަނދިވެސް ކައްކައެވެ. ބަރަބޮލަކީ، ވެލެއްގައި އަޅާ ބާވަތެކެވެ. އެއީ ބިންމަޗަށް ކުރިގަނޑު ފެތުރޭގޮތަށް ހެދޭ އެއްޗެކެވެ. ބަރަބޮލަކީ، ފެނުގައި ކައްކައިގެންނާއި، ރިހަ ކައްކައިގެންވެސް ކެއުމަށް ބޭނުންކުރާ ފަލަމަޑީގެ ބާވަތެކެވެ.

ބަނބުކޭލަކީ، ގަހެއްގައި އަޅާ އެއްޗެކެވެ. އެއީ ބިޔަކޮށްހެދޭ ގަހެކެވެ. ބަނބުކެޔޮގަސް ރާއްޖެއަށް ތަޢާރަފުކުރެއްވީ އައްސުލްޠާން މުޙަންމަދު ޣިޔާޘުއްދީން ނުވަތަ ޝަހީދުކުޅަ ބަންޑާރަ އިންކަމަށް ބުނެވެއެވެ. ބަނބުކޭލަކީ، ވަރަށްގިނަ ގޮތްގޮތަށް ބޭނުންކުރާ ކާނާއެކެވެ. ފެނުގައި ކައްކައިގެންނާއި، ތެލުލައިގެންނާއި، ރިހަ އަދި ކަނދި ކައްކައިގެންވެސް ބޭނުންކުރެއެވެ. ބަނބުކޭލާއި، ބަރަބޮލުގެ ތަފްޞީލް މިޖީލުގެ އެންމެންވެސް ދަންނާނެތީ އިތުރަށް ލިއުމުގެ ބޭނުމެއް އޮތްކަމަށްކަށް ނުދެކެމެވެ.

ކަށިކޭލަކީ، ބިޔަކޮށްހެދޭ ގަހެއްގައި އަޅާ އެއްޗެކެވެ. ކަށިކެޔޮގަނޑު ދޮންވުމުން އޭގެ ވައްތައް ލިޔެގެން ނުވަތަ ތުނިކޮށް ފޮތިފޮއްޗަށް ކޮށައިގެން އެއިން ކަށިކޭލުފަނި ކައްކައެވެ. އެއީ ލޭ ސާފުކޮށްދޭ އެއްޗެކެވެ. ކަށިކޭލު ފަންޏަކީ، ޚާއްޞަކޮށް މާބަނޑުމީހުން ބޭނުންކުރުމަށް ރަގަނޅު އެއްޗެކެވެ. އެއީ މަހުވިޔައިގެ ސަބަބުން ފައި ދުޅަވުމާއި، ނާރުފުއްޕުމުން ސަލާމަތްކޮށްދޭ އެއްޗެކެވެ. ގޮދަން، ބިންބި، ކުދިބަތް، ދޮނަޅަ، ޒުވާރި، އުރާ ފަދަ ތަކެއްޗަކީ، އުޑި ބޭނުންކޮށްގެން މުގުރައި ފުށަން ހަދައިގެން ބޭނުން ކުރާ ބާވަތްތަކެކެވެ. ގޮދަނުގެ ބޮނޑިބަތަކީ، ވަރަށް ޚާއްސަ ކެއުމެކެވެ. ދޮންކެޔޮގަހާއި މެދު އިތުރު މަޢުލޫމާތެއް ދިނުމުގެ ބޭނުމެއް އޮތްކަމަށް ނުދެކެމެވެ. ދާދިފަހާއި ޖެހެންދެންވެސް މޭވާގެގޮތުގައި ބޭނުންކުރީ، ހަމައެކަނި ދޮންކޭލާއި، ފަޅޮޅެވެ. ތަރުކާރީއާއި މޭވާ ޢާއްމުކޮށް ބޭނުން ކުރަން ފެށުނީ 1990 ގެ އަހަރު ތަކުގެ ފަހުންނެވެ. އެފަދަ ތަކެއްޗާއި މެދު ބައެއްމީހުން ބުނަނީ، އެއީ ޖަނަވާރުގެ ކާނާ ކަމަށެވެ. ބޮނޑިކޮޕީއާއި، ކޮޕީފަތާއި، އަދި މިނޫނަސް އެފަދަ ތަކެތި ބޭނުންކުރަން ފެށުނީވެސް ދާދި މިދާކަށްދުވަހުއެވެ.

ކެއިންބުއިމުގެ ވައްޓަފާޅިއާ، އަދި ބޭނުންކުރި ބައެއްތަކެތި

ކުރީޒަމާނުގައި ކާނާ ތައްޔާރުކުރަން ބޭނުންކުރި ކަންވާރުތަކަކީ، އަމިއްލައަށް އުފައްދާ ތަކެއްޗެވެ. ގިނަތަކެތި ހަދަނީ، ނާއްޓާއި، ލަކުޑި ބޭނުންކޮށްގެންވެ. އެއީ ތަށި، ސަމްސާ ފަދަ ތަކެއްޗެވެ. ކާބޯތަކެތި، އުފުލާ، އަދި ގެންގުޅެ ރައްކާ ކުރުމަށް ބޭނުންކުރީ، ރުކުފަތިންނާ، ފަންވަތުން ހެދި ކަންވާރުގައެވެ. އެއީ، ގޮށި، ވަށި، ބަތްޕޮޅި މުޅޯށި، ގޮނު، މުންސާއާ އަދި މި ނޫންވެސް އެފަދަ ތަކެއްޗެވެ. ކެއިންބުއިމަށް، ތަށީގެގޮތުގައި ދޮންކެޔޮފަތް ވެސް ބޭނުންކުރިއެވެ. ޢާއްމުގޮތެއްގައި ކައިބޮއިހަދަނީ، ޢާއިލާގެ އެންމެން އެއްޖަމާޢަތެއްގައެވެ. ކެއިންބުއިމަށް ޖަމާޢަތްހަދައިގެން އިށީނދެ ތިބެނީ، ބިންމަތީގައެވެ. އަތްދޮންނަނީ، ވަޅުދޮށަށްގޮސް ނުވަތަ ފެންއަޅާފައިހުންނަ ކަންވާރަށް އަތް ގަންބައިގެންނެވެ. ގޭގެ އެންމެންގެ ކާތަކެތި އެއްކޮށް މޮޑެގެން އެއިން އެންމެން ކައިބޮއިހަދައެވެ. ތައްޔާރުކޮށްފައި ފަހަށް ރައްކާކުރާ ކާބޯތަކެތި ހުންނަނީ، ގޮށިޖަހާފައެވެ. ގޮށި ވިޔަނީ، ރުކުފަތިންނާއި، އިލޮށީން ނެވެ. ހުނިގާނަށް ބޭނުންކުރަނީ ކަނދުލަކުޑިން ހަދާފައިހުންނަ ތަގަރި (ހުނިގާނާ ގަނޑު) އެވެ. ކައްކަން ބޭނުންކުރީ ފުފޭ (ދޮންތަވާ) އެވެ. ބޯފެންއަޅާ ކަންވަރަކީ، އީޓުހަދާ ކިސަޑުން ހަދާފައި ހުންނަ (ފީމޫޓު ބަޑިއާ) ބަނޑިޔާއެވެ. ދާދި މިދާކަށް ދުވަހާ ޖެހެންދެންވެސް ކައިބޮއިހަދަނީ، ހެނދުނާއި، މެންދުރާއި، ރޭގަނޑުގައި އެކަންޏެވެ. ދެއިރުދެމެދުގައި ކައިބޮއިހެދުމެއް ނޯވެއެވެ.

އުނދުން ހެދުން

ކައްކާ އުނދުން ދެގޮތަކަށް ތައްޔާރުކުރެއެވެ. އެއްގޮތަކީ، ތިން ގާބުރި ބޭނުންކުރުމެވެ. ދެވަނަގޮތަކީ، ވަށްކޮށް ނުވަތަ ހަތަރެސް ކަނަށް އަދި ފޫޓެއްހާ ދިގުމިނުގެ ގަލެއްގެބޭރުގައި އަޅި އުނގުޅައި، ހިއްކައި އޭގެ ތިންފައިގެމައްޗަށް ކަންވާރުއުދައިގެން ކެއްކުމެވެ. އަޅިޖަހަން ނުވަތަ އުނގުޅަން ހަދާގޮތަކީ، އަޅިއާއި ފެނާއި އެއްކޮށް ޗަކައަޅިއަށް ހަދައި އެއަޅި ގަލުގެބޭރުގައި އުނގުޅައި ބޭނުންވާވަރަށް ފަލަކުރުމެވެ.  އެގޮތަށް ތިންގާ ހަދައި އެ ތިންގަލުންކުރެ ކޮންމެ ގަލެއްގެ ތިންބައިކުޅަ އެއްބައި ބިމުގައި ވަޅުލައި، އެ ތިންގަލުގެ މައްޗަށް ކަންވާރު އުދަނީއެވެ. އުނދުންތަކުގެ ބޮޑުކުޑަމިން ނިސްބަތްވަނީ، އޭގެމައްޗަށް އުދާ ކަންވާރެއްގެ ބޮޑުކުޑަ މިނަށެވެ. ކައްކަން ބޭނުންކުރަނީ ދަރެވެ. ބަދިގޭގައި ދުމަށި ހަދަނީ އުނދުނަށްވުރެ ދެތިން ފޫޓު މަތީގައެވެ. ދުމަށި ހަދަން ބޭނުންކުރަނީ ފަންތޮއްޓެވެ.

މައިގަނޑު ކާނާ

އެ ވޭލާއިން މި ވޭލާއާ ހަމަޔަށް އާދެވުނުއިރު ކެއިންބުއިމަށް ބޭނުންކުރާ ބައެއް ތަކެތި ލިސްޓުކޮށްލުމަކީ، އެންމެ ރަނގަޅު ކަމެއްކަމަށް ދެކެމެވެ. އެފަދަ ބައެއް ތަކެއްޗަކީ އޮޅުއަލަ، މާއަލަ، ކަނޑޫ، ރަނޑޫ، ބަނބުކެޔޮ، ކައްޓަލަ، ކުދިބަތް، ދޮނަޅަ، ޒުވާރި، ބިންނި، އުރާ، ފުށްކަނދި ނުވަތަ ލައްޑާ، ފޮނިބަތްޕެން، ލޮނުބަތްޕެން، އަސޭމިރުސްލީ ފޮނި އަދި ލޮނު ބައްތްޕެން، ބަނބުކެޔޮލީބަތް، ރޫސިޔާބަތް، ގަށާބަތް، މަސްބަތް، ކުދިބަތުބަތް، ގޮދަން ބޮނޑިބަތް، ހިއްތަލަބަތް، މާލޮސްކޭލުފަނި ނުވަތަ ހުޓިކިރުކޭލެ، ފަތްކެޔޮ މާޅޮސްކެޔޮ، ދިރިފިޔާބަތް، ބިރިޔާނީ، ރޮއްޓާ އަދިވެސް ބައެއްކަހަލަ ބަތް ހިމެނެއެވެ. އޭގެއިތުރަށް ގަރުދިޔަ، ރޯމިރުސް، ހިކިމިރުސް، ލުބޯ، ލޮނުލުބޯ، ލޮނުމިރުސް، ރިހާކުރު، ދިޔާހަކުރު، ރިހާކުރުދިޔަ، ރިހާކުރުރިހަ، މަސްރިހަ، މަސްފެން، މަސްކުރޮޅި، ތެލުލިމަސް، ފިހުނުމަސް، ހަނާކުރިމަސް، ގަރުދިޔަމަސް، ވަޅޯމަސް، ކަނޑުކުކުޅު، ބަނބުކޭލުރިހަ ނުވަތަ ސަންނަޓި، ބަނބުކޭލުހިތި، ބަނބުކޭލުސަޓަނި، މުރަނގަތޮޅިރިހަ، މުރަނގަތޮޅިމަސްސުނި، ބަރަބޯރިހަ، ބޮޑުފިޔާސަޓަނި، ގަބުޅިސަޓަނި، ކަރުހަކުރު، މުސަންމާ، ޅެބަންނަމަސް، ކުކުޅުރިހަ، ކުކުޅުސުރުވާ، ހުތްމަސްކާށި، އަސާރަ، ހިކިރިހަ، ރެހިގަރުދިޔަ، ރެހިރިހަ، ކުކުޅުބިހުރިހަ، އަނބުރިހަ، މިރުސްލީމަސް، މުސަންމާ، ފިޔާސަޓަނި، ފަޅޮލުސަޓަނި، ބޮޑުފިޔާސަޓަނި، ބަނބުކޭލުބޮނޑިބަތް، ހަނޑުލުބޮނޑިބަތް، ސާގުބޮނޑިބަތް، ކުރުނބާފަނި، އަނބުފަނި، ކަށިކޭލުފަނި، ހިއްތަލަފުށުފަނި، ކަރާފަނި، ސާގުފަނި، ފުފުލުކަނދި، ދަނޑިއަލުވި ބޯކިބާ، ބަތްޕެން، އިސްބަޣުލުފަނި، ފެންފޮޅި، ރިހަފޮޅި، ފޮނިފޮޅި، ހުނިހަކުރުފޮޅި، ގެރިރިހަ، މީގެއިތުރަށް އޯރޮސް، ކަނަމަދުހަލުވާ، ބޮނޑިހަލުވާ، ހުވދޫބޮނޑި، ލަޑޯ، ހިއްކިބަނބުކެޔޮ، ބަރަބޮލުހަލުވާ، ރިހާކުރުފޮޅި، ފޮނިބޯކިބާ، ކިރުބޯކިބާ، ކުޅިބޯކިބާ، ބަޑިޔާ، މަސްރޮށި، މުރުއްބާ، ބޯފޮޅި، ބޯހުނި، މާފުށް، އަވެލި، ފިހުނބަނބުކެޔޮ، ފެންބަތް، ފެންފަތަފޮލި، ގުޅަ، މަސްފަތަފޮޅި، ބިސްފަތަފޮޅި، ބިސްކީމިއާ، ސަންބޯސާ، ފޮނިރޮށި، ކުޅިރޮށި، ކަވާބު، ކާޖާ އާއި މިނޫންވެސް ބައެއް ބާވަތްތައް ބޭނުންކުރެއެވެ.

ނިދުން

ރަށްތަކުގެއަހުލުވެރީންނަކީ، ރޭގަނޑު ވަރަށް އަވަހަށް ނިދާބައެކެވެ. އެޒަމާނުގައި އެމީހުން ރޭގަނޑުއުޅުނީ ވޮށު އަލީގައެވެ. ރަށްރަށުގައި ގަސްތައް ވަރަށް ގިނަވާނެއެވެ. ވުމާއެކު، ރަށުތެރެ ވަރަށް އަނދިރިވާނެއެވެ. ހަނދުފޮއިމޫސުމުގައިވެސް ގަސްތަކުގެ ހިޔަނި އެޅިފައިވާތީ، ރަށުތެރެފެންނާނީ،އަދިރިކޮށެވެ. ހިނގާބިނގާވާ މީހުން ރޭގަނޑު އަށެއްގެފަހުން ވަރަށް މަދުވާނެއެވެ. ރޭގަނޑު 9 ޖެހުމުގެކުރިން އެންމެން ވެސް ނިދާނެއެވެ. ޢިޝާނަމާދުގެ ފަހުން ހުރިހާ ކުޑަކުދީން ނިންދަވާނެއެވެ. ހަމަ އެހާމެ އަވަހަށް ފަތިހު ހޭލާނެއެވެ. މަސްވެރީންނާއި، ރާވެރީންނާއި، ވަޑިވެރީންނާއި، އެނޫންވެސް ފަންނުތަކުގެ މީހުން ވަރަށް ހެދުނާ އެމީހުންގެ މަސައްކަތް ފަށާނެއެވެ. މަސްވެރީން ވަރަށް ފަތިހާ މަހަށް ފުރާނެއެވެ. ފަތިހު ހޭލައިގެން އެމީހުންގެ މައިން، އަނބީން އެމީހުންގެ ކާބޯތަކެތި ތައްޔާރުކޮށްދޭނެއެވެ. ކުޑަކުދީން ހޭލައްވާ، ފެންވަރުވާ ރީތިކޮށް ހަދާނެއެވެ. އެއަށްފަހު، ގޯތިތެރެއާއި، މަގުމަތި ކުނިކަހާ، އެނދުތަންމަތި، ރީތިކޮށް ހަދާނެއެވެ. މަސްވެރީންވެސް އިރުއޮއްސުމުގެ ކުރިން ރަށަށް އަންނާނެއެވެ. ރޭގަނޑު ހޭލާތިބެގެން މުނިފޫހިފިލުވުމަށް އެޒަމާނުގައި މާގިނަ ކަންކަމެއް ނުކުރެއެވެ. ނަމަވެސް ހަނދުވަރު މޫސުމާއި، ޚިތާން މޫސުމުގައި ރޭގަނޑު ރައިވަރު، ބަނދި، ޅެން، ފަރިހި ކިއުން އޮވެއެވެ. އަދި ބޮޑުބެރުޖެހުން ވެސް އޮވެއެވެ. ރޭގަނޑަށް ރަށުތެރެ އަނދިރިވެފައި އޮންނާތީ، ޖިންނި ފުރޭތަފެންނަ ވާހަކަ ވަރަށްގިނައިން ދައްކައެވެ. އެގޮތުން، ހާމުންޑި ނުވަތަ ހަންޑިއާއި، އަވައްޓެރީންނާއި، ހަންޑިގަނޑު، ރަށުތެރޭ މީހާ، ނުވަތަ ބަޑިއެދުރު ރަށްކޮޅުމައިމޭލިދައިތަ، ސަފަރުކަތްދައާއިއެނޫނަސް އެޒާތުގެ ބިރުގަންނަ ތަކެތީގެ ވާހަކަ ކުދިންގާތުގައި ދައްކައެވެ. އެވޭލާ މީހުންނަކީ، ރޭގަނޑަށް ނިދުން އާދަކޮށް، ދުވާލުގެ ވަގުތުތަކަށް މަސައްކަތް އާދަކޮށްގެން އުޅުނު ބައެކެވެ. (ނިމުނީ)
           ---------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި