ޒިޔާރަތަކަށް ކުރި ޒިޔާރަތެއްގެ ދިރާސާ – ދެވަނަ ބައި











މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައި މިހާރު ފެންނަންހުރި ދިޔަމިގިލީ ރަދުންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގެ އުފެދުމާއި އަދި އެ ޒިޔާރަތުގެ ތެރޭ ބޭފުޅަކު ފުރަތަމަ ފަސްދާނުލެއްވީ ދިޔަމިގިލީ ރަދުންގެ ޒިޔާރަތުގެ ތެރޭ ދަތިނުވެ ބޭފުޅަކު ފަސްދާނުލެއްވޭނޭ ޖާގަ ނެތިގެންނޫނެވެ. އޭރު ދިޔަމިގިލީ ރަދުންގެ ޒިޔާރަތުގެ ތެރޭ އެ ރަދުންގެ މަހާނަފުޅާއި ޖެހިގެން ހުޅަނގުގައި ދަތިނުވެ އެއްބޭފުޅަކު ފަސްދާނުލެއްވޭނޭ ޖާގަ އޮންނާނެކަމަށް ދިވެހިތާރީޚު ފޮތުން އެނގެ އެވެ. ނަމަވެސް މިޖާގަ ހުހަށް ބޭއްވެވީ ދިޔަމިގިލީ ރަދުންނާއި ލޭގެގޮތުން ނުވަތަ ޒަވާޖީގޮތުން ގުޅުންބޮޑު ބޭފުޅަކަށްޓަކައި ކަމަށް ވުމަކީ ކަންހިނގި ގޮތަށް ބަލާއިރު ވެދާނެ ކަމެކެވެ. 


އިބްރާހީމް ރަސްގެފާނުގެ ނަންފުޅުގައި ޒިޔާރަތެއް ހުއްޓަސް އެ ޒިޔާރަތުގެ އުފެދުމާއި އަދި އެ ޒިޔާރަތުގެ ތެރޭ ފުރަތަމަ ފަސްދާނުލެއްވުން ގުޅިފައިވަނީ އިބްރާހީމް ރަސްގެފާނާ ނޫނެވެ. އެކަން ގުޅިފައިވަނީ 1150ހ. ރަބީޢުލްއައްވަލް 5 ގައި އަވަހާރަވީ އިބްރާހީމް ރަސްގެފާނުގެ އަނބިކަނބަލުން ޢާއިޝާ ކަނބާފާނާ އެވެ. މިއީ އިބްރާހީމް ރަސްގެފާނުގެ ބޭފުޅުންގެ ތެރެއިން ދަރިކޮޅު އުފެދިފައިވާ ހުރިހާ ބޭފުޅުންގެ މައިކަނބަލުންނެވެ. މިކަމަނާ އަވަހާރަވީއިރު ރަސްކަމުގައި ހުންނެވީ އެ ކަމަނާގެ ފިރިކަލުން އިބްރާހީމް ރަސްގެފާނެވެ.

އިބްރާހީމް ރަސްގެފާނުގެ އަނބިކަނބަލުން ޢާއިޝާ ކަނބާފާނު އަވަހާރަވީތާ 7 އަހަރެއްހާ ދުވަހުގެ ފަހުން 1157ހ. މުޙައްރަމް 27 ގައި (އިބްރާހީމް ރަސްގެފާނުގެ ރަސްކަމުގައި) އެ ރަދުންގެ މައިކަނބަލުން އާމިނަތު ކަނބައިދި ކިލެގެފާނު އަވާރަވެއްޖެ އެވެ. މިކަމަނާ އަވަހާރަވުމުން ފަސްދާނުލެއްވީ ދިޔަމިގިލީ ރަދުންގެ މަހާނަފުޅާއި ޖެހިގެން ހުޅަނގުގަ އެވެ. ދިވެހިތާރީޚު ފޮތުގެ 160 ވަނަ ޞ. ގައި ވަނީ، "މިކަމަނާ ފަސްދާނުލެއްވީ ދިޔަމިގިލީ ރަދުން ފަސްދާނުގައިލެއްވި ގުއްބުތެރޭ އެރަސްގެފާނުގެ މަހާނަފުޅުގެ ކައިރީގަ" އެވެ. ދިޔަމިގިލީ ރަދުންގެ ޒިޔާރަތުގެ ތެރޭ އެ ރަދުންގެ މަހާނަފުޅާއި ޖެހިގެން ހުޅަނގުގައި ދަތިނުވެ އެއްބޭފުޅަކު ފަސްދާނުލެއްވޭނޭ ޖާގަ އޮންނާނެކަމަށް ދިވެހިތާރީޚު ފޮތުން އެނގޭކަމަށް ކުރިން ދަންނަވާފައިވަނީ މިހެންވެ އެވެ.

މީހެއްގެ މަހާނަކައިރީ އެހެން މީހަކު ވަޅުލުން ދޭހަކޮށްދެނީ އެ މަހާނައާއި ޖެހިގެން ވަޅުލުމެވެ. އެ ދެމެދުގައި އެހެން މަހާނައެއް ނެތުމެވެ. ލޮލަށް ފެންނަފަށުގައި އެ ދެމެދުގައި އެހެން ފާރެއް ނެތުމެވެ. އަދި ލޮލަށް ފެންނަފަށުގައި އެ ދެމެދުގައި އެހެން ބިތްގަނޑެއް ވެސް ނެތުމެވެ. ނޫންނަމަ އެއީ "ކައިރި"ކަމަށް ނުވާނެ އެވެ. ކައިރިކަމަށް ބެލެވެން ވެސް ނޯންނާނެ އެވެ.

ލޮލަށް ފެންނަފަށުގައި އެ ދެމެދުގައި އެހެން ފާރެއް ނުވަތަ އެހެން ބިތްގަނޑެއް ނެތުމުގެ ވާހަކަ ދަންނަވާފައި އެވަނީ ދެ ކަމަކަށްޓަކަ އެވެ. ފުރަތަމަ ކަމަކީ، ލޮލަށް ނުފެންނަ ފަށުގައި އެ ދެމެދުގައި ހުރަހެއްވުމެވެ. އެއީ ދެ މަހާނައިގެ ދެމެދުގައި އަޑީގައިވާ ވެލީގެ ފަށަލަ ހުރަހެވެ. ދެވަނަ ކަމަކީ، ދިޔަމިގިލީ ރަދުންގެ އަނބިކަނބަލުން އާމިނަތު ކަނބައިދި ކިލެގެފާނު ފަސްދާނުލެއްވި އިރު އެ ކަމަނާގެ މަހާނަފުޅާއި އޭނާގެ ފިރިކަލުންގެ މަހާނަފުޅާއި ދެމެދުގައި ލޮލަށް ފެންނަފަށުގައި އެހެން ފާރެއް ނޫނީ އެހެން ބިތްގަނޑެއް ނެތް ނަމަވެސް، މިހާރު އެ ދެމެދުގައި އެހެން ފާރެއް ނޫނީ އެހެން ބިތްގަނޑެއް ލޯތަކަށް ފެންނަފަށުގަ ހުރުމެވެ. މިކަން ކުރެއްވުން ނޫނީ މިބަދަލު ގެންނެވުން ވަރަށްބޮޑަށް އެކަށީގެންވާ ގޮތެއް ކުރިންވެސް ދެންނެވިފައިވާނެ އެވެ. އެއީ އެ ކަމަނާގެ ދަރިކަލުން ސުލްޠާން މުޙައްމަދު ޣިޔާޡުއްދީންގެ ރަސްކަމުގެ ދުވަސްވަރު އެ ރަދުންގެ އިސްނެންގެވުމާއި ބެއްލެވުން އޮވެގެންނޫނީ ނުހިނގާނެ ކަމެކެވެ. އެއީ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ފުރައުއްތަވީމާ އެ ރަދުންގެ މަހާނަފުޅު އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގެ ތެރޭ އޮންނަގޮތަށް ހަމަޖައްސަވަން ސުލްޠާން މުޙައްމަދު ޣިޔާޡުއްދީން ބޭނުންފުޅުވުމެވެ. މިއީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ގަބޫލުކުރެވޭ ކަމެކެވެ. އަދި މާލޭ ހުކުރުމިސްކިތް ފޮތުން ވެސް މީގެ ދަލީލުލިބެ އެވެ.

އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތާއި ބެހޭގޮތުން މާލޭ ހުކުރުމިސްކިތް ފޮތުގެ 20 ވަނަ ޞ. ގައިވެ އެވެ.
"މިޒިޔާރަތުގައި ހުރި ގާތަކުގެމައްޗަށް ވިސްނާއިރު އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން މިޒިޔާރަތުގެތެރޭ ފަސްދާނުލެވިފައި އޮންނެވުން އަޅުގަނޑުމެންގެ ހިތަށް ވަރަށް ޚާއްޞަ ނުކުތާއެއް ވައްދާދެ އެވެ. އެއީ އިބްރާހީމް ރަސްގެފާނާއި އެރަސްގެފާނުގެ ޢާއިލާގެ ބޭފުޅުންނާއި ދޮންބަންޑާރައިންނާއި ދެމެދުގައިވާ ގާތްކަމުގެ ބޮޑުކަމެވެ. ޣިޔާސުއްދީން ރަދުންނާއި ދޮންބަންޑާރައިންނާއި ދެމެދުގައި އޮތް ގުޅުމުގެ ސާފުކަމާއި ހަރުދަނާކަމެވެ. މިހެނީ، ދޮންބަންޑާރައިން އަވަހާރަވުމުން އިބްރާހީމް ރަސްގެފާނުގެ މަންމާފުޅާއި އިބްރާހީމް ރަސްގެފާނާއި އަދި އެރަދުންގެ އަނބިކަނބަލުންގެ އަރިހުގައި ދޮންބަންޑާރައިން ފަސްދާނުލެވުމަކީ ކުރީގައި ދެންނެވި ގުޅުން އެދެންނެވި ގޮތުގައި ހުރިކަމުގެ ވަރަށްވަރުގަދަ ދަލީލެކެވެ. ޝައްކެއްނެތް ގޮތުގައި އެބިސްތާނުގައި ދޮންބަންޑާރައިން ފަސްދާނުލައްވާނީ ޣިޔާސުއްދީން ރަދުންނެވެ."

ތިމާގެ މަންމައާއި ތިމާގެ ބައްޕައާއި ތިމާގެ މުންނަ(ބައްޕަގެ މަންމަ) ވަޅުލާފައިވާ ބިސްތާނައެއްގެ ތެރޭ އޮތް ހަމައެކަނި ޖާގައިގައި ތިމާ ބޭނުންވެގެން އެހެންމީހަކު ވަޅުލުން ދޭހަކޮށްދެނީ ތިމާގެ ހިތުގެ އީމާންތެރިކަމާއި އިޙުސާންތެރިކަމެވެ. ދުނިޔެ ދޫކުރި ފަރާތާއި ތިމާއާއިދެމެދު އޮތް ލޯތްބާއި ގަދަރާއި އިޙުތިރާމެވެ. ފަހެ، ހުރާގޭ މުޙައްމަދު މަނިކުފާނު ފަދަ ތަޞައްރަފު ފުދި ބާލިޣުވެފައިވާ ބޭފުޅަކަށް މިކަން އެނގިވަޑައިނުގަތްކަމީ، އޭނާއާއި ލަޢުނަތްލެއްވި އިބްލީހާއި ދެމެދުގައި އޮތް ގުޅުމާއި ދުނިޔެވީ އެދުންވެރި ކަމެއްގެ ބޮޑުކަމެވެ.   

              އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތް: 

(ފޮޓޯ ބަލާމީހުންގެ ކަނާތުން ވާތަށް)
1- ޣިޔާޘުއްދީން ރަދުންގެ މުންނަ (ބައްޕަގެ މަންމަ) އާމިނަތު ކަނބައިދި ކިލެގެފާނުގެ މަހާނަފުޅުގެ ގައު
2- ޣިޔާޘުއްދީން ރަދުންގެ ބައްޕާފުޅު އިބްރާހީމް ރަސްގެފާނުގެ މަހާނަފުޅުގެ ގައު
3- ޣިޔާޘުއްދީން ރަދުންގެ މަންމާފުޅު ޢާއިޝާ ކަނބާފާނުގެ މަހާނަފުޅުގެ ގައު
4- ޣިޔާޘުއްދީން ރަދުންގެ ލޯތްބާއި ގަދަރާއި އިޙުތިރާމް ލިބިވަޑައިގެންފައިވާ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ މަހާނަފުޅުގެ ގައު

މި ޒިޔާރަތުގައި ފުރަތަމަ ފަސްދާނުލެއްވީ 1150ހ. ރަބީޢުލްއައްވަލް 5 ގައި އަވަހާރަވީ ޢާއިޝާ ކަނބާފާނެވެ. މިއީ އިބްރާހީމް ރަސްގެފާނުގެ ބޭފުޅުންގެ ތެރެއިން ދަރިކޮޅު އުފެދިފައިވާ ހުރިހާ ބޭފުޅުންގެ މައިކަނބަލުންނެވެ. ދެން މި ތާނގައި ފަސްދާނުލެއްވީ 1163ހ. ރަބީޢުލްއައްވަލް 18 ގައި ފުރައުއްތަވީ އިބްރާހީމް ރަސްގެފާނެވެ. އެންމެފަހުން ފަސްދާނުލައްވާފައި ވަނީ 1180ހ. ރަމަޟާން 2 ގައި ފުރައުއްތަވީ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީނެވެ.

ދިޔަމިގިލީ ރަދުންގެ އަނބިކަނބަލުން އާމިނަތު ކަނބައިދި ކިލެގެފާނު (ޣިޔާޘުއްދީން ރަދުންގެ މުންނަ)ގެ މަހާނަފުޅުގެ ގައު އިބްރާހީމް ރަސްގެފާނު ޒިޔާރަތުގެ ތެރެއިން ފެންނަގޮތްވެފައި ވަނީ، ދިޔަމިގިލީ ރަދުންގެ ޒިޔާރަތާއި ޖެހިގެންހުރި މި ޒިޔާރަތަކީ ވެސް ކޮންމެ ޒިޔާރަތެއްގައި ހަތަރު ބޭފުޅުން ފަސްދާނުލައްވާފައިވާ ތަންތަންކަމުގެ ބަދަލު ގެންނެވީމާ ކަމަށް ބެލެވެ އެވެ. އެއީ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން ފުރައުއްތަވެ މި ޒިޔާރަތުގެ ތެރޭ ފަސްދާނުލެއްވުމުންނެވެ. ނަމަވެސް ފަހުގެ ދުވަސްވަރެއްގައި ދިޔަމިގިލީ ރަދުންގެ ޒިޔާރަތުގެ ތެރޭ ޢާއިޝާ ކަނބާ ރަނިކިލެގެފާނު (ކަކާގޭ ގޮމާ) ފަސްދާނުލެއްވި އެވެ. މި ގޮމާ ފަސްދާނުލައްވާފައި ވަނީ، ދިޔަމިގިލީ ރަދުންނާއި އެ ރަދުންގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނާއި ދެމެދުގައި ހުރި މަގުބަރާ ފާރު ނެގުމަށްފަހު އެ ދަތި ހަނި ޖާގައިގަ އެވެ. މިއީ މުޖުތަމަޢަށް ރައްދުކޮށްދީފައިވާ ވަރުގަދަ މެސެޖެއް ކަމަށް ދިވެހިތާރީޚު ދިރާސާކުރައްވާ ބައެއް ބޭފުޅުންދެކިވަޑައިގަނެ އެވެ.  

ދިޔަމިގިލީ ރަދުންނާއި އެ ރަދުންގެ ދަރިކަލުން އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތް ބޭރުން ބަލާބެލުމަށް ގުޅިފައިވާތީ މިހާރު ފެނުނަސް ކުރިން އެއީ ޖެހިޖެހިގެން ވަކިވަކިން ހުރި ދެ ޒިޔާރަތްކަން ކައިރިން ބަލައިލުމުން ރަނގަޅަށް އެނގެ އެވެ. ދެ ޒިޔާރަތް ބޭރުން ގުޅުވާފައި ވިޔަސް މިހާރުވެސް އެތެރެއިން އެއީ ދެ ޒިޔާރަތެވެ.

ނިންމާލުން:

ހިތަށްއަރާ ކަމެކެވެ. އެހާ މަދުންނޫނެވެ. ގިނައިންނެވެ. މާލޭ ހުކުރުމިސްކިތް ފޮތުގެ 19 ވަނަ ޞ. ގައި ވެސް އެ ވާހަކަ ލިޔެފައިވެ އެވެ. "މާލޭގެ ހުކުރުމިސްކިތުގެ ގަބުރުސްތާނަކީ ރާއްޖޭގެ ތާރީޚާއި ބެހޭ ގޮތުންނާއި އަދި އިހުގެ އާސާރާއި ގުޅޭގޮތުން ވަރަށްވެސް އަގުހުރި ޚަޒާނާއެކެވެ." މިހެންވީއިރު މި އަގުހުރި ޚަޒާނާއިން އިތުރު ހަމަ އެންމެ އޮއްޓަރެއް ވެސް ލިބޭތޯ ނުވަތަ އިތުރު އެއްޗެއް ހޯދައި ބަލަން ބޭނުންވާ ބަޔަކަށް ދައްކައިލެވޭތޯ މިހާރުގެ ޢިލްމީ ޖީލަށް ވަގުތުކޮޅެއް ހަމަ ނުލިބެނީބާވަ އެވެ؟! ކޮނެގެންނޫނެވެ. ބޭރުފުށުންނެވެ. ބަލާ ބެލުންތަކުންނެވެ. ޢިލްމީ ދިރާސާއިންނެވެ.

މިވާހަކަ ދަންނަވައިލީ، މިކަމަށް ބޭނުންފުޅުވާ ފަރާތްޕުޅުތަކަށް އެ ފުރުޞަތު ދެއްވަން ކަމާބެހޭ ބޭފުޅުން ތައްޔާރަށް ތިއްބެވީތީ އެވެ. އެކަމަށް ވަރަށްބޮޑަށް ތަރުޙީބުދެއްވާކަން ގަބޫލުކުރެވޭތީ އެވެ. ދިވެހިބަހުގެ އެކެޑެމީއާއި ހެރިޓޭޖް ޑިޕާޓްމަންޓުންނެވެ. އަޅުގަނޑުގެ ފެންވަރާއި އަޅުގަނޑަށް ވަގުތުލިބުނު ވަރަކުން އަޅުގަނޑަށް ކުރެވުނުކަމެއް ކުރެވިފައި އެ ވަނީ ވެސް އެ ބޭފުޅުންގެ ފުރިހަމަ ތަރުޙީބާއި ޢަމަލީ އެހީތެރިކަމާއި އެއްބާރުލެއްވުން އޮވެގެންނެވެ. މިކަމަށްޓަކައި ދިވެހިބަހުގެ އެކެޑެމީއާއި ހެރިޓޭޖް ޑިޕާޓްމަންޓުގެ ވެރިންނާއި މުވައްޟަފުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ.
                 -------------------
ޢަބުދުﷲ ޙިލްމީ
10 މޭ 2016މ.