އިންނަން އުޅުނު އެކަކަށްވެސް ނުއިނދެވުނު














އެއްދުވަހަކު ޒުވާން ފިރިހެން ކުއްޖަކު އޭނާގެ ބައްޕަގެ ގާތުގައި ބުންޏެވެ. "ތިމަންނައަށް ވަރަށް ކަމުދާ ޒުވާން ރީތި އަންހެން ކުއްޖަކު ފެނިއްޖެ އެވެ. އެ ކުއްޖާއާ އިންނަން ބޭނުމެވެ."
އުފާފާޅުކުރުމަށްފަހު ބައްޕަ ބުންޏެވެ. "ތިޔަ ކުއްޖާ ވީ ކޮންތާކުހެއްޔެވެ؟ ތިޔަ ކުއްޖާއާ އިންނަންވާނީ ތިމަންނައަށް ދެއްކުމަށްފަހުގަ އެވެ."

ދެން ބައްޕައަށް އެކުއްޖާ ދައްކާލަން ދިޔަ އެވެ. އެކުއްޖާއަށް ބަލާލުމަށްފަހު ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! މިއީ ތިބާއާ އަރާއަރަފޯދިގެންވާ އަންހެން ކުއްޖެއް ނޫނެވެ. މިހައި ޒުވާން ރީތި އަންހެން ކުއްޖަކާ އިންނަންވާނީ ތިމަންނާ ކަހަލަ ތަޖުރިބާކާރު، ޢުމުރުން ދުވަސްވީ މީހެކެވެ."

ބައްޕަގެ މި ބަހާމެދު ދަރިފުޅު ކަނޑައެޅިގެން ދެކޮޅުހެދި އެވެ. ބައްޕަ ރުހުނަސް ނުރުހުނަސް އެކުއްޖާއާ އިންނާނީ އޭނާ ކަމަށް ބުންޏެވެ. ދެން މި ދެބަފައިންގެ ދެމެދުގައި ޒުވާބު ގަދަވެ، މައްސަލަ ޙައްލުކުރުމަށްޓަކައި ފުލުހުންނާ ހަމައަށް ދިޔަ އެވެ.

މައްސަލަ ބެއްލެވި ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ. "ތިޔަ ދެބަފައިންކުރެ އެ އަންހެން ކުއްޖާއާ އިންނާނެ މީހަކު ކަނޑައަޅާނީ އެކުއްޖާ އެވެ."

ދެން މިކަން ބެލުމަށްޓަކައި އެކުއްޖާ ފުލުހުންގެ މަރުކަޒަށް ހާޒިރުކުރެވުނެވެ. އެހިނދު، އެކުއްޖާގެ ރީތިކަމާއި ޒުވާންކަން ފެނިފައި، ފުލުހުންގެ އޮފިސަރު ބޭޤަރާރުވެއްޖެ އެވެ.
އޮފިސަރު ވިދާޅުވި އެވެ. "ތިޔައިގެ ދެބަފައިންކުރެ މީހަކު، މިހައި ރީތި ފުރިހަމަ ޒުވާން އަންހެން ކުއްޖަކާ އަރާއަރަފޯދިގެނެއް ނުވެ އެވެ. މިކުއްޖާއާ އިންނަންވާނީ ތިމަންނާ ކަހަލަ ޤަދަރުވެރި މޮޅު މީހެކެވެ."

ދެން އެ ދެ ބަފައިން، ފުލުހުންގެ އޮފިސަރާ ޖަދަލުކޮށް އަރާރުންވެ، މައްސަލަ ޙައްލުކުރުމަށްޓަކައި އެ ޝަހަރުގެ ބޮޑުވަޒީރުގެ އަރިހަށް ދިޔަ އެވެ.
ބޮޑުވަޒީރަށް އެކުއްޖާ ފެނުމުން ވިދާޅުވި އެވެ. "މިހައި ރީތި ފުރިހަމަ ޒުވާން އަންހެން ކުއްޖަކާ އިނުމަށް ކަލޭމެން ތިން މީހުންކުރެ މީހަކު ކުފޫހަމަވެގެނެއް ނުވެ އެވެ. މިކުއްޖާއާ އެކަށީގެންވަނީ، ތިމަންނާ ކަހަލަ މަޤާމު މަތިވެރި ވަޒީރެކެވެ."

ބޮޑުވަޒީރުގެ މި ބަސްފުޅު އަނެއް ތިންމީހުން ޤަބޫލެއް ނުކުރި އެވެ. ދެން މިބައިމީހުންގެ މެދުގައި އަނެއްކާވެސް ޒުވާބު ގަދަވެ، މައްސަލަ ޙައްލުކުރަން ޖެހިއްޖެ އެވެ. މިފަހަރު މައްސަލަ ޙައްލުކުރަން ދިޔައީ އެ ޝަހަރުގެ ރަސްގެފާނުގެ އަރިހަށެވެ.

ރަސްގެފާނު ވިދާޅުވި އެވެ.
"އަންހެން ކުއްޖާ ގެންނާށެވެ. އޭރުން މައްސަލަ ޙައްލުކޮށްދީފާނަމެވެ."
ރަސްގެފާނަށް އަންހެންކުއްޖާ ފެނިވަޑައިގަތުމުން، ވިދާޅުވި އެވެ. "ތިޔަ ހަތަރު މީހުންކުރެ މީހަކު، މިހައި ރީތި ޒުވާން އަންހެން ކުއްޖަކާ އިންނާކަށް ލާއިގުވެގެނެއް ނުވެ އެވެ. މިކުއްޖާއާ އިންނަންވާނީ ތިމަންނާ ކަހަލަ ޢިއްޒަތްތެރި ރަސްކަލެކެވެ."

ރަސްގެފާނުގެ މިހެން ވިދާޅުވުމުން، އެންމެން އަރާރުންވެ ޖަދަލުކުރަން ފެށި އެވެ. އެހިނދު، އެ އަންހެން ކުއްޖާ ކުޅިބަލަން ހުރެފައި ބުންޏެވެ.
"ކަލޭމެން ފަސްމީހުންކުރެ އެކަކަށް ވެސް ޙައްލު ނުކުރެވުނު މައްސަލަ، މިބުނާ ގޮތަށް ޙައްލުކުރެވިދާނެ އެވެ. ތިމަންނާ ދުއްވައިގަންނާނަމެވެ. ދެން ކަލޭމެން ފަސްމީހުން ތިމަންނާގެ ފަހަތުން ދުވެފައި އަންނާށެވެ. ކަލޭމެންގެ ތެރެއިން ތިމަންނާ އިންނާނީ، ތިމަންނާގެ ގައިގައި ފުރަތަމަ އަތްލާ މީހަކާ އެވެ."

މިހެން ބުނުމަށްފަހު، އަންހެން ކުއްޖާ ދުއްވައިގެންފި އެވެ. ދެން އެ ފަސް މީހުން އޭނާގެ ފަހަތުން ދުއްވައިގަތެވެ. ތަންގަނޑަކަށް ދެވުނުތަނާ، އެ ފަސް މީހުން ފުންވަޅުގަނޑަކަށް ވެއްޓިއްޖެ އެވެ.

ދެން އެއަންހެން ކުއްޖާ އައިސް އެވަޅުގަނޑުގެ އަނގަމަތީގައި ހުރެ އެމީހުންނަށް ގޮވާލާފައި ބުންޏެވެ.
"މަށަކީ ކާކުކަން މިހާރު ކަލޭމެންނަށް އެނގިއްޖެހެއްޔެވެ؟ މަށަކީ، ދުނިޔެ އެވެ.
            ----------------------

މުޞަންނިފު: ބައްވާބަތުލް އިސްލާމް
ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން