ހަވަރުތިނަދޫގެ އިން ވަކިކުރުން















ގޯއްޗެއްގެ އިން ވަކިކުރުމަކީ އެހާ އުނދަގޫކަމެއް ނޫނެވެ. އެކަން ގިނަބަޔަކު ދަންނާނެއެވެ. އަދި އެގޯއްޗެއްގެ އިން ވަކިކުރުމަށްފަހު، އެގޯތީގެ އިން ނުވަތަ ބޮޑުމިން އެވަނީ ކަނއެޅިފައި ކަމާއި، މިކަހަލަ އިންތަކަކީ ޢާއްމުގޮތެއްގައި އެކިދުވަސްވަރު އެކިވަރަށް ބަދަލުވަމުންދާ އެއްޗެއްނޫންކަން ވެސް ގިނަބަޔަކު ދަންނާނެއެވެ. އެއިމެއް އޮންނާނީ އޮތް ވަރަށެވެ. އެހެންނަމަވެސް ރަށެއްގެ އިންވަކިކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ.

ގިނަ ރަށްރަށަކީ ބައެއް މޫސުމުގައި ބޮޑުވެ، ކުޑަވެ މިކަހަލަ ގޮތްތަކެއް ކުރިމަތިވާ ރަށްރަށެވެ. ހުވަދުއަތޮޅު ހަވަރުތިނަދޫ އަށް އެންމެފުރަތަމަ އަޅުގަނޑު ދިޔައީ، 1960މ. ހާތަނުގައެވެ. އަތޮޅުގެ އެހެން ރަށްރަށާ އަޅައިބަލާއިރު ތިނަދޫއަކީ، އޭރުވެސް ހުރިހާ ގޮތަކުން ކުރިއަރާފައިވާ ރަށެކެވެ. އެއީ ދެބަޣާވާތުގެ ދެމެދެވެ.

އޭގެފަހުން އެރަށަށް ދިއުމުގެ ފުރުޞަތު އަޅުގަނޑަށްލިބުނީ 1963މ. ވަނައަހަރުއެވެ. އޭރު އެރަށަކީ ފަޅުރަށެކެވެ. 1982މ. ވަނަ އަހަރު އެރަށަށް އަޅުގަނޑުދިޔައީ އެއަތޮޅު ހެލްތްސެންޓަރުގައި މަސައްކަތް ކުރުމަށެވެ. ކޮމިއުނިޓީ ހެލްތްވޯކަރުކަމުގެ ވަޒީފާގައެވެ. ބަލިމީހާގެ ގާތަށް ހެލްތްވޯކަރު ގޮސް ބޭސްފަރުވާކުރާ ގޮތަށް ހަމަޖެހިފައި އޮންނަ އެދުވަސްވަރު ބައިސިކަލެއްހާ ހިސާބުވެސް ހެލްތް ސެންޓަރުގައި ނުހުރެއެވެ. ވުމާއެކު، އެދުވަސްވަރު އެރަށުގައި މީހުން ދިރިއުޅުނު ހުރިހާ ގެތަކަށް އެތައް ފަހަރަކު އަޅުގަނޑަށް ވަދެވިފައި ހުންނާނެއެވެ. ނޮވެމްބަރ 26، 2011މ. މުޙައްރަމް 1، 1433ހ. ގައި ތިނަދޫއޮފީހުން ލިބުނު އެރަށުގެ ކުރެހުމެއް ނުވަތަ ޗާޓެއް އަޞްލަކަށް ބަލައިގެން ތައްޔާރުކުރި އެރަށުގެ އެދުވަސްވަރުގެ ގެތައް އެނގޭނެ ޗާޓެއް  މިލިޔުމުގައި ހިމަނާފައިވާނެއެވެ. 

ކޮންމެއަކަސް އެރަށަކީ، ރާއްޖޭގެ އެހެނިހެން ރަށްތަކާއި ޚިލާފަށް ރަށުގެ ހަތަރުފަރާތުން ރަށުގެބޮޑުމިން(ސަރުކާރުން) ކަނޑައެޅުއްވުމަށްފަހު އަލުން މީހުން އާބާދުކޮށްފައިވާ ރަށެކެވެ. ނަމަވެސް ރަށުގެ ބޮޑުބައެއް އޭރުވެސް އޮތީ މޫދުގައެވެ. ބައެއް ދިމަދިމާލުން ފުންވިލު ތެރޭގައެވެ. "ތިނަދޫ މާފުށި" އެއީ އޭރުވެސް އެރަށުގެ ބައެކެވެ. އެކަން އެރަށުގެ ޗާޓުން އެނގެއެވެ. ތިނަދޫގެ ޗާޓަކީ އެރަށުގެ ފަޅުތެރެއާއިވެސް ގުޅިފައިވާ އެއްޗެކެވެ. ރަށުގެ ފަޅު ހިއްކައި ބިން ބޮޑުކުރަމުންދާ ވަރަކަށް ރަށުގެ އަވަށްތަކާއި މަގުތަކާއި ގެތަކަށްވެސް ޗާޓްގައި ކަނޑައެޅިފައިވާ އުޞޫލުން އިނގިރޭސި ނުވަތަ ހިސާބުގެ އަކުރެއް ހަމަޖެހެމުންދާ ގޮތަށެވެ. 

ރަށުގެ ކޮންމެ އަވަށެއްގައި 25 ބްލޮކްވާއިރު، ކޮންމެ ބްލޮކްއެއްގައި  40 ހާސް އަކަފޫޓު ހުރެއެވެ. އަދި މީގެތެރޭ 8 ގޯތި އޮވެއެވެ. މިހެންވީމާ، ކޮންމެ ގޯއްޗެއްގައި ފަސްހާސް އަކަފޫޓު ހުރެއެވެ. ރަށުގެ މަގުތައް ހަދާފައިވަނީ، ކޮންމެ އަވަށެއްގެ ބޭރުން ވަށައިގެން އޮންނަ މަގު 25 ފޫޓްގެ ފުޅާމިން، އަދި އެނޫން ކޮންމެ ބްލޮކެއްގެ ބޭރުން އޮންނަ މަގުގެ ފުޅާމިން 15 ފޫޓް ހުންނަ ގޮތަށެވެ.  














ތިނަދޫގެ ކޮންމެ ބްލޮކްއަކުން 5000 އަކަފޫޓުގެ 8 ގޯތި ދީގެން 1966މ. ވަނަ އަހަރުން ފެށިގެން ގޯތިދީ ނިމުނުއިރު ރަށުގެ ހިކިފަސްބިން ވަނީ (ގާތްގަނޑަކަށް) ހުސްވެފައެވެ. ރަށުގެ ފަޅު ފުންކޮށް، ބިންހިއްކުމުގެ މަޝްރޫޢޫ ފެއްޓީ މާރޗް 29، 1988މ. ވަނަ އަހަރު އެވެ. ތިން ފިޔަވައްސަކަށް ބަހައިގެން ފެށި އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 95 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ބުނެވެއެވެ. ދެވަނަ ފިޔަވަހީގައި ޗަސްބިން(ކުޅި) ހިއްކައި އަދި ތިންވަނަ ފިޔަވަހީގައި ރަށުގެ ހުޅަނގުފަރާތާއި، އުތުރުފަރާތް ހިއްކައި މާފުއްޓާއި ގުޅާލެވުނެވެ. އަދި 2008މ. ވަނަ އަހަރު ނިމުނުއިރު (ބޮޑުހިލަޖަހައިގެން) ބަނދަރު ހަދަން "ކެނޭޑިއަން" ފަންޑުގެ އެހީ ލިބިފައިވެއެވެ. ގދ. ތިނަދޫ އަލުން އާބާދުކުރީ އެރަށުގެ ޗާޓެއް ކުރަހައި ހިސާބު ނަންބަރު ޖަހައި އަދި އޭބީސީޑީގެ އަކުރުތަކުން ކޮށިތައް ފާހަގަކޮށް، އެރަށަށް ބިމުގެ ބޮޑުމިނެއް އެކަށައަޅާފައެވެ.




















ތިނަދޫގެ އުތުރުން ދެކުނަށް އަދި ހުޅަނގުން އިރަށްވެސް 1 ން ފެށިގެން 100 އަށް ނަމްބަރ ދެވިފައިވާ ޗާޓުގައި ހުކުރުމިސްކިތް ބްލޮކްގެ އުތުރުގައި 61 ނަމްބަރ މަގު، އަދި އެމިސްކިތް ބްލޮކްގެ އިރުމަތީގައި 16 ނަމްބަރ މަގު އޮންނަގޮތަށް އެދުވަސްވަރުގެ ތިނަދޫގެ ބައުންޑްރީ ނުވަތަ ރަށުގެ ބޭރުގެ އިން ކުރެހީމާ އެދުވަސްވަރު ތިނަދޫގެ ހިކިފަސްތަން ފާހަގަކުރެވިދާނެއެވެ. މިހެންމެ މިގޮތަށް ކުރެހުމުން ރަށުގެ އެތެރޭގެ މިންތަކެއްވެސް އޮޅިގެން ނުދާނެއެވެ. އަޅުގަނޑު ތިނަދޫއަށް ދިޔައިރު މީހުން ދިރިއުޅެނީ ހިސާބު އަކުރުގެ ތަރުތީބުން އުތުރުން ދެކުނަށް ބަލާނަމަ "58 ނަމްބަރ" މަގުން ދެކުނުގައެވެ. އުތުރުން ދެކުނަށް ބަލާނަމަ، 1 ނަމްބަރ" މަގު ވާނީ ހޫޓިކަނޑާއި ދާދި ކައިރީގައެވެ.

ގދ. އަތޮޅު ތަޢުލީމީމަރުކަޒު، ގދ. ހެލްތްސެންޓަރ، ތިނަދޫ ޔަންމާ ސެންޓަރ، ތިނަދޫ އައިސް ޕްލާންޓް، ތިނަދޫ/ އެސް.ޓީ.އޯ ފިހާރަ، ތިނަދޫ މީޑިޔާ ސެންޓަރ، ތިނަދޫ އޮފީސް، ތިނަދޫ ކޯޓް، ތިނަދޫ ޕޮލިސް ސްޓޭޝަން، ތިނަދޫ ޗައިލްޑް އެންޑް ވިމެންސް ސެންޓަރ، ގދ. އަތޮޅުގެ، ގދ. އަތޮޅުއޮފީހުގެ އައު ޢިމާރާތް، ރީޖަނަލް ހޮސްޕިޓަލް، އިލެކްޓްރިކް ކަރަންޓް، ނަރުދަމާ، ބިންހިއްކުން، ފަޅު ފުންކުރުން، އަބޫބަކުރު ސްކޫލް، ތިނަދޫ ސްކޫލް،  ސާފު ބޯފެން އުފައްދާ ޕްލާންޓު ގެނައުން، ތިނަދޫ މަސްޖިދުލް އިޚުލާޞް، މިފަދަ ތަންތަނާއި ކަންކަމަކީ، 1978މ. ވަނަ އަހަރާއި 2008 މ.ވަނަ އަހަރާއި ދެމެދު ރައީސް މައުމޫން ޢަބުދުލް ޤައްޔޫމްގެ ސަރުކާރުން ތިނަދޫއަށް ކޮށްދެއްވި އަގުހުރި ކަންކަމެވެ. އެހެންނަމަވެސް އަޅުގަނޑުދެކޭގޮތުގައި ރައީސް އިބްރާހީމް ނާޞިރުގެ ސަރުކާރުން ތިނަދޫގެ ބޮޑުމިން ނުވަތަ ނުވަތަ ތިނަދޫގެ އިން ވަކިކޮށްދެއްވުމަކީވެސް ތާރީޚަށްޓަކައި ފާހަގަކުރަން ޖެހޭ ކަމެކެވެ. ބަދަލުނުކުރެވޭނެ ތާރީޚީ ޙަޤީޤަތެކެވެ. 
                ----------------
ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ / މަޑަވެލި
06 މޭ 2014މ.