އައްޑުއަތޮޅު ހުޅުދޫ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ ޢާއިލާ


ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނަކީ، އައްޑުއަތޮޅު މީދޫ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ، އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ، އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ، މީދޫ ގެދަރު އާމިނާ މަނިކުފާނުގެ، ޢާއިޝާފާނުގެ، އައިސާބީގެދަރު ޚަދީޖާފާނު(ޚަދީޖާމަނިކެ)ގެ، ޢަލިމަނިކުފާނު(ހުޅުދޫ ރަހާ)ގެ، ޢީސާފުޅު ކަލޭގެފާނެވެ. ކަލޭގެފާނު ކަން ދެއްވުމުގެކުރިން އޭނާ މަޝްހޫރުވެފައި ވަނީ ގައުމާތުގޭ ޢީސާފުޅުގެ ނަމުންނެވެ.

މަތީގައިވާ ވަނަވަރު އެގޮތަށް އަންނައިރު ގިނަ ފަރާތްތަކާއި އެ ވަނަވަރާއި ގުޅިފައިވުމުން، އޭގެ ކޮންމެ ފަރާތަކުން ވެސް ވަނަވަރަށް ބަލައިލެވިދާނެއެވެ. ޢީސާފުޅު ކަލޭގެފާނަކީ، ފުވައްމުލަކު ދައިގަޑު މާފަތްތަކުރުފާނުގެ، ސުލްޠާން ޢަލީ (7ވަނަ)ގެ، ސުލްޠާން ޙަސަން (10ވަނަ)ގެ، އިބްރާހީމް މަނިކުފާނުގެ، ޙުސައިން މަނިކުފާނުގެ، ޢަލިމަނިކުފާނު(ހުޅުދޫ ރަހާ)ގެ، ޢީސާފުޅު ކަލޭގެފާނު ކަމަށް ވެސް ލިޔެވިދާނެއެވެ.

ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނު ފުރަތަމަ ކައިވެނިކުރެއްވީ ހުޅުދޫގެ ބޭކަނބަލަކާ އެވެ. މިކައިވެނީގެ ދަރިންނަކީ:
(1) ޙަސަންފުޅު
(2) އަންހެންދަރިއެއް
ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނު ދެވަނައަށް ކައިވެނިކުރެއްވީ ސުލްޠާން ޙަސަން 10ވަނަ ގެ، އިބްރާހީމް މަނިކުފާނުގެ، ޙުސައިން މަނިކުފާނު، މީދޫ އައިސާބީގެދަރު ޚަދީޖާ މަނިކެ އާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް މުޙައްމަދު މަނިކުފާނު(މީދޫރަހާ)، ހުޅުދުމައިގޭ އާމިނާ ކާނލެގެއާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް ހުޅުދުމައިގޭ ކަތްދާ މަނިކުފާނު އާއި އެވެ. މިހެންވުމުން ޢީސާފުޅު ކަލޭގެފާނާއި ކަތްދާ މަނިކުފާނާއި ދެބެންގެދެދަރި އެވެ. ޢީސާފުޅު ކަލޭގެފާނާއި ކަތްދާ މަނިކުފާނުގެ މިކައިވެނީގެދަރިންނަކީ:
(3) ދޮންމަނިކުފާނު
(4) މޫސާ މަނިކުފާނު
(5) އާމިނާ މަނިކުފާނު (ދޮންރަނާ)
(6) އެޅަރަނާ (އެޅަރަންދިޔަ)
(7) ކޮއްކޯބެއްޔާ
(8) އިބްރާހީމްރަހާ
(9) އަޙުމަދު މަނިކުފާނު
(ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ ހުރިހާ ދަރިންގެ ނަމުގެކުރިއަށް ވެސް "ޢީސާފުޅުގޭ" މިގޮތަށް ޢާއިލީގޭގެ ނަން ކިޔައެވެ.)

(1) ޢީސާފުޅުގޭ ޙަސަންފުޅުގެ ޢާއިލާ:

ޢީސާފުޅުގޭ ޙަސަންފުޅު ފުރަތަމަ ކައިވެނިކުރެއްވީ ފުވައްމުލަކު އަންހެން ބޭކަނބަލަކާ އެވެ. މިކައިވެނީގެދަރިންގެތެރޭ 2 ފިރިހެންދަރިންނާއި 5 އަންހެންދަރިން ތިއްބެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ ފިރިހެންދަރިންގެތެރެއިން މުޙައްމަދުފުޅު (ތަންޑޭލު މުޙައްމަދުފުޅު)ގެ ދަރިންނަކީ ޢަލިމަނިކުފާނު، އާމިނާމަނިކުފާނު، ފާތުމާމަނިކެ(ދޮންމަނިކެ) ޙުސައިން މަނިކުފާނު، ޢާއިޝާ މަނިކުފާނު، މަރިޔަމް މަނިކުފާނު އެވެ. މީގެތެރެއިން ޢާއިލާއޮތީ ޢަލިމަނިކުފާނާއި، ޙުސައިން މަނިކުފާނާއި މަރިޔަމް މަނިކުފާނުގެ އެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ ޢަލިމަނިކުފާނު ކައިވެނިކުރެއްވީ ފުވައްމުލަކު މިނާވޭރު ސަންފާދީދީ އާއި އެވެ. މިކައިވެނީގެދަރިއަކީ ފާތުމާދީދީ އެވެ. ފާތުމާދީދީއާއި ކައިވެނިކުރެއްވީ ކިލެގެފާނުގެ އާމިނާދީދީގެ ބެރިމަގު އިބްރާހީމްދީދީގެ ޙުސައިންދީދީގެ ޢަބުދުﷲ ދީދީ އެވެ. މިޢަބުދުﷲ ދީދީގެ މަރިޔަމް ރަޝީދާ ފިޔަވައި އެހެންދަރިންގެ މަންމައަކީ މި ފާތުމާދީދީ އެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ ޙުސައިން މަނިކުފާނު ފުރަތަމަ ކައިވެނިކުރެއްވީ، ކިލެގެފާނުގެ ޙަސަންދީދީގެ ފެންގަނޑުމަގު ތުއްތުދީދީގެ ޢާއިޝާދީދީ އާއި އެވެ. މިކައިވެނީގެ ދަރިއަކީ އާމިނާދީދީ އެވެ. އާމިނާދީދީގެ ދަރިންނަކީ ބެރިމަގު ފަހުގެ އިބްރާހީމްދީދީގެ ކައިވެނީގެ ދަރިންނެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ ޙުސައިން މަނިކުފާނު ދެވަނައަށް ކައިވެނިކުރެއްވީ، ކިލެގެފާނުގެ މުޙައްމަދުދީދީގެ އަޙުމަދުދީދީގެ ގަންޖާމުގޭ ފާތުމާދީދީ އާއި އެވެ. މިކައިވެނީގެދަރިންނަކީ އަޙުމަދުދީދީ، އިބްރާހީމްދީދީ، މަރިޔަމްދީދީ، ޢާއިޝާދީދީ، ސަންފާދީދީ، ޢަލިދީދީ، ދޮންދީދީ، މުޙައްމަދުދީދީ އެވެ. މި އެންމެންގެ ނަމުގެކުރިއަށް ޢާއިލީގޭގެ ނަން "މިސްކިތްމަގު އެދުރުގެ" ކިޔައެވެ. 

ޢީސާފުޅުގޭ ޙަސަންފުޅުގެ މަރިޔަމް މަނިކުފާނާއި ފުރަތަމަ ކައިވެނިކުރެއްވީ، ބެރިމަގު ފަހުގެ އިބްރާހީމްދީދީ އެވެ. ލިބިވަޑައިގަތީ ކަތްދާދީދީ އަޙުމަދުދީދީ، މުޙައްމަދުދީދީ އެވެ. މުޙައްމަދުދީދީ ފިޔަވައި އެހެންކުދިންގެ ދަރިކޮޅު އެބައޮތެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ މަރިޔަމް މަނިކުފާނުގެ ދެވަނަ ކައިވެންޏަކީ ފުނާޑު މަގުއެދުރުގެ އިބްރާހީމްދީދީ، މަރިޔަމް މަނިކުފާނާއި ކުރެއްވި ކައިވެންޏެވެ. މިކައިވެނީގެދަރިންނަކީ އަމީނާ، އަމީނު އެވެ. މީގެތެރެއިން އަމީނާގެ ޢާއިލާ އެބައޮތެވެ. މިދަރިންގެ ނަމުގެކުރިއަށް ޢާއިލީ ގޭގެނަން ކިޔައެވެ. "މަގުއެދުރުގެ" އެވެ.
މަރިޔަމް މަނިކުފާނުގެ ތިންވަނަ ކައިވެންޏަކީ، ކިލެގެފާނުގެ މުޙައްމަދުދީދީގެ ފެންފުށީ ގަނޑުވަރު އަޙުމަދުދީދީގެ ގަންޖާމުގޭ މުޙައްމަދުދީދީ، މަރިޔަމް މަނިކުފާނާއި ކުރެއްވި ކައިވެންޏެވެ. މިކައިވެނީގެ ދަރިއަކީ މުނިއްޔަތު އެވެ. މުނިއްޔަތުގެ ޢާއިލާވެސް އެބައޮތެވެ.

ޢީސާފުޅުގޭ ޙަސަންފުޅު ދެވަނައަށް ކައިވެނިކުރެއްވީ ހުވަދުއަތޮޅު ތިނަދޫގެ ބޭކަނބަލަކާ އެވެ. މިކައިވެނީގެދަރިންނަކީ، އާމިނާފުޅާއި، އަޙުމަދުބެއްޔާ އާއި ޢަބުދުއްރަޙުމާނު އެވެ. މި ޢަބުދުއްރަޙުމާނުގެ ޢާއްމުނަމަކަށް "ބޮޑުކަޅާބެއްޔާ" ކިޔައެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ އާމިނާފުޅާއި ކައިވެނިކުރެއްވީ ހުވަދުއަތޮޅު ތިނަދޫ މޫސާ މާލިމީ(ކާސިމްބެއްޔަގެ ބެއްޔާ) އެވެ. މިކައިވެނީގެ ދަރިންނަކީ، ދިހެރޭ ދޮންބެއްޔާ، ދީދައިތާ، ރެކިބެއްޔާ، ކުދެކަލޯ އެވެ. ދިހެރޭ ދޮންބެއްޔާގެ ދަރިންނަކީ ރެކިދިޔެ، ދޮންކަމަނަ، ރެއްކާބެ އެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ އާމިނާފުޅުގެ ދިހެރޭ ދޮންބެއްޔާގެ ރެކިދިޔެގެ ދަރިއަކީ، ތިނަދޫ މާކޯނި ޙުސައިން ކަލޭގެފާނެވެ. ޙުސައިންކަލޭގެފާނުގެ ދަރިންނަކީ، ޢާއިޝަތު ޙުސައިން އާއި، މާކޯނި ޢަބުދުއްޞަމަދު ޙުސައިން އާއި، ބެންހާގޭ ޢަބުދުﷲ ރަޝީދު އާއި، އަލިދޯދި ޚަދީޖާ ޙުސައިން އާއި، މާކޯނި މުޙައްމަދު ރަޝާދު ޙުސައިން އެވެ. މިދަރިންގެ ޢާއިލާ އެބައޮތެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ އާމިނާފުޅުގެ ދިހެރޭ ދޮންބެއްޔާގެ ދޮންކަމަނަގެ ދަރިންނަކީ ނޮޑެލް އިސްމާޢީލް، ނޮޑެލް އިބްރާހީމްފުތެވެ. މިދަރިންގެ ޢާއިލާ އެބައޮތެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ އާމިނާފުޅުގެ ދިހެރޭ ދޮންބެއްޔާގެ ރެއްކާބެގެ ދަރިންނަކީ ރީޙުއްޞަބާ އާމިނާފާނު، ޑާރކްބްލޫ ޢަލިތަކުރުފާނު، ސަންޑަލްވުޑް ދޮންބީފާނެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ އާމިނާފުޅުގެ ދީދައިތާގެ ދަރިންނަކީ ފެހިވިލާގެ ދޮންމަރިޔަމް، ތެވެލި އިބްރާހީމް މަނިކެވެ. ރެކިބެއްޔާގެ ދަރިއަކީ އާދަމްފުތެވެ. ކުދެކަލޯގެ ދެ ކުދިންނަކީ ދޮންޢަލީ އާއި ޤާސިމެވެ. ކުދެކަލޯގެ ޤާސިމް ކައިވެނިކުރީ ފެހިވިލާގެ، ދޮންމަރިޔަމް އާއި އެވެ. ލިބުނުދަރިންނަކީ ޙައްވާ ފެހިވިލާގެ، އާމިނަ ސީޕިޔާގެ، ޢަލީ ސޯމާ، އަދި ރެކިދިޔެއެވެ. ރެކިދިޔެގެ ދަރިއަކީ ރަތަފަންދޫ މުލަންމާގޭ ޙަސަންފުތެވެ. ކުދެކަލޯގެ ދޮންޢަލީ ކައިވެނިކުރީ ހަވޮއްޑޭ ދޮންބެއްޔާގެ އިބްރާހީމް ތަކުރުފާނުގެ ދޮންބީފާނާއި އެވެ. ލިބުނުދަރިއަކީ ކައިދާފާނު ތެވެލި އެވެ. ކައިދާފާނާއި ކައިވެނިކުރެއްވީ މަތީގައިވާ ތެވެލި އިބްރާހީމް މަނިކެވެ. ކައިދާފާނާއި އިބްރާހީމް މަނިކުގެ ދަރިންނަކީ ދޭލިޔާގޭ ޢާއިޝަތު ނަސީމާ އާއި ތެވެލި ޢަލީ ޝަމީމެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ އަޙުމަދުބެއްޔާގެ ޢާއިލާނެތެވެ.                  

ޢީސާފުޅުގޭ ޙަސަންފުޅުގެ ޢަބުދުއްރަޙުމާނު އާއި ތިނަދޫ މަރިޔަމް(މަރިޔާ) ގެ ކައިވެނީގެ ދަރިންނަކީ، ޙުސައިންފުތު، ޢަލިފުތު، ތިނަދޫ މުނިޔާގެ ޙަސަންފުތު، ތިނަދޫ ހަސްތީގެ މުޙައްމަދު މުނީރު، މާތޮޑާ ކުދިރުއްދޮށުގެ އާމިނާދިޔެ، ތިނަދޫ ސިތާރާގޭ ޙައްވާދިޔެ އެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ ޢަބުދުއްރަޙުމާނުގެ ތިނަދޫ މުނިޔާގެ ޙަސަންފުތުގެ މިހާރުހުންނެވީ މުނިޔާގޭ މުޙައްމަދު ޒާހިރު ޙަސަނެވެ. މުޙައްމަދު ޒާހިރުގެ ޢާއިލާ އެބައޮތެވެ. 

ޢީސާފުޅުގޭ ޙަސަންފުޅުގެ ޢަބުދުއްރަޙުމާނުގެ ހަސްތީގޭ މުޙައްމަދު މުނީރުގެ ދަރިންނަކީ ގ.ޕާކީޒާ ޢާއިޝަތު މުނީރާ، ހަސްތީގޭ ފާތުމަތު މުނީރާ، ހަސްތީގޭ މުޙައްމަދު ޒުހައިރު، ހަސްތީގޭ މުޙައްމަދު ޒުބައިރު، ހަސްތީގޭ މުޙައްމަދު ޒާހިރެވެ. މިޢާއިލާތައް އެބައޮތެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ ޢަބުދުއްރަޙުމާނުގެ މާތޮޑާ ކުދިރުއްދޮށުގެ އާމިނާދިޔަގެ ދަރިންނަކީ ތުއްތު، މަރިޔަމްދިޔެ، ޢާއިޝާދިޔެ، އަދި ޖަޢުފަރު އެވެ. މިޢާއިލާތައް އެބައޮތެވެ.

ޢީސާފުޅުގޭ ޙަސަންފުޅުގެ ޢަބުދުއްރަޙުމާނުގެ ތިނަދޫ ސިތާރާގޭ ޙައްވާދިޔެގެ ދަރިއަކީ، މުޙައްމަދު އާދަމް(ޙައްވާދައިތަގެ ކަލޯ) އެވެ. މިޢާއިލާ އެބައޮތެވެ.

(2) ޢީސާފުޅުގޭ އަންހެންދަރިއެއް
މީނާގެ ޢާއިލާނެތެވެ.

(3) ޢީސާފުޅުގޭ ދޮންމަނިކުފާނުގެ ޢާއިލާ:

ޢީސާފުޅުގޭ ދޮންމަނިކުފާނު ކައިވެނިކުރެއްވީ، ހުޅުދުމައިގޭ އިބްރާހިމް މަނިކުފާނާއި މީދޫ ގަނޑުވަރު ކަތްދާދީދީގެ ކައިވެނީގެ ދަރި ފާތުމަތުދީދީ އާއެވެ. ދޮންމަނިކުފާނާއި ފާތުމަތުދީދީގެ މިކައިވެނީގެ ދަރިންނަކީ އިބްރާހީމްދީދީ، އަޙްމަދުދީދީ، ޙަސަންދީދީ އެވެ.
(އީސާފުޅުގޭ ދޮންމަނިކުފާނު، މި ފާތުމަތުދީދީ އާއި ކައިވެނިކުރެއްވުމުގެ ކުރިން ފާތުމާދީދީ އާއި ނާއިބުގޭ މުޙައްމަދުދީދީ ކުރެއްވި ކައިވެނީގެ ދަރިއަކު ހުންނެވިއެވެ. އެއީ ނާއިބުގޭ ޙައްވާދީދީ އެވެ. މި ޙައްވާދީދީ އާއި ކައިވެނިކުރެއްވީ ހުޅުދުމައިގޭ ޙަސަންމަނިކުފާނުގެ އެޅަރަހާ އެވެ.)


ޢީސާފުޅުގޭ ދޮންމަނިކުފާނުގެ އިބްރާހީމްދީދީ ކައިވެނިކުރެއްވީ، މީދޫ ގަނޑުވަރު އަޙްމަދުދީދީގެ ޙަސަން ދީދީ އާއި ދިޔަގެ އާމިނާ މަނިކުފާނުގެ ކައިވެނީގެ ދަރިންގެތެރެއިން ފާތުމަތުދީދީ އާއެވެ. މިކައިވެނީގެ ދަރިންނަކީ މާވަގޭ މުޙައްމަދުދީދީ، މާވަގޭ ޙައްވާދީދީ އެވެ.

ޢީސާފުޅުގޭ ދޮންމަނިކުފާނުގެ އިބްރާހީމްދީދީގެ މާވަގޭ މުޙައްމަދުދީދީ ކައިވެނިކުރެއްވީ، ގަނޑުވަރު ކަތްދާދީދީގެ އެޅަބެއްޔާގެ އަޙްމަދުދީދީ، ހަސަންކާރި ޙައްވާދީދީ އާއި ކުރެއްވި ކައިވެނީގެ ދަރިންގެތެރެއިން މަރިޔަމްދީދީ އާއި އެވެ. މިޢާއިލާ އެބައޮތެވެ.

ޢީސާފުޅުގޭ ދޮންމަނިކުފާނުގެ އިބްރާހީމްދީދީގެ މާވަގޭ ޙައްވާދީދީ އާއި ކައިވެނިކުރެއްވީ، އައްޓިއަރު އަޙްމަދުދީދީ އެވެ. މިކައިވެނީގެ ދަރިންނަކީ އައްޓިއަރު އާމިނަތުދީދީ، އައްޓިއަރު އިބްރާހިމްދީދީ، އައްޓިއަރު ޢާއިޝާދީދީ އެވެ.
(އައްޓިއަރު އަޙްމަދުދީދީ އަކީ އައްޓިއަރު މޫސާތައްޚާނުގެ އައްޓިއަރު ޙައްވާދީދީ އާއި ކަޅޮދަރިއަގެ އިބްރާހިމްމަނިކުފާނާ ކުރެއްވި ކައިވެނީގެ ދަރިންގެތެރެއިން އައްޓިއަރު އަޙްމަދުދީދީ އެވެ.)

ޢީސާފުޅުގޭ ދޮންމަނިކުފާނުގެއަޙްމަދުދީދީ، އާމިނާމަނިކެއާއި ކުރެއްވި ކައިވެނީގެދަރިންގެ ތެރޭ މީދޫ ކަޅު ޢަލިދީދީ އާއި، އިބްރާހީމްދީދީ އާއި، މުޙައްމަދުދީދީ ތިއްބެވިއެވެ. މި ތިން ދަރިންގެވެސް ޢާއިލާ އެބައޮތެވެ. މުޙައްމަދުދީދީގެ ފުރަތަމަ ކައިވެންޏަކީ ދާންދޫގައި ހުންނަވައިގެން އެރަށު އޮޅަކައިދާގެ ދޮންކަމަނާ އާއި ކުރެއްވި ކައިވެންޏެވެ. މިކައިވެނީގެ ދަރިއަކީ މަރިޔަމްދީދީ އެވެ. ދޮންކަމަނަ ނިޔައުވުމުން މުޙައްމަދުދީދީ ދެއްވަދޫގައިވަޒަންވެރިވެ، ދެއްވަދޫ ވާރުގޭ ތުއްތުދީދީގެ، ރެކިދީދީގެ، ދެއްވަދޫ ކަރަންކާގޭ ފާތުމާދީދީ އާއި ކައިވެނިކުރެއްވީއެވެ. މިކައިވެނީގެދަރިއަކީ ދޮންދީދީ އެވެ. މުޙައްމަދުދީދީގެ ދަރިންގެ ޢާއިލާ އެބައޮތެވެ.

ޢީސާފުޅުގޭ ދޮންމަނިކުފާނުގެ ޙަސަންދީދީ ފުރަތަމަ ކައިވެނިކުރެއްވީ، ބޮޑައްބީގެ ޙައްވާ މަނިކުފާނާއެވެ. މިކައިވެނީގެ ދަރިއަކީ ބޮޑައްބީގެ ޢާއިޝަތުދީދީ އެވެ.
(ބޮޑައްބީގެ ޙައްވާ މަނިކުފާނަކީ ބޮޑައްބީގެ ދޮންބެއްޔާ، ހުޅުދުމައިގޭ ޙަސަން މަނިކުފާނުގެ އައިސާ މަނިކުފާނާ ކައިވެނިކުރައްވައިގެން ލިބިލެއްވި ދަރިއެކެވެ.)

ޢީސާފުޅުގޭ ދޮންމަނިކުފާނުގެ ޙަސަންދީދީ ދެވަނަ ކައިވެނިކުރެއްވީ، އެދުރުގޭ އާމިނާފާނުގެ މުޙައްމަދުރަހާގެ މަރިޔަމް މަނިކުފާނާއެވެ. މިކައިވެނީގެ ދަރިންނަކީ ބޭރުގޭ ދަލޭކާދީދީ، ބޭރުގޭ ޙައްވާދީދީ، ބޭރުގޭ ޢަލިދީދީ އެވެ. 
  
(4) ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޢާއިލާ:

ޢީސާފުޅުގޭ މޫސާ މަނިކުފާނު ފުރަތަމަ ކައިވެނި ކުރެއްވީ، މީދޫ ގަނޑުވަރު އަޙްމަދުދީދީގެ ޙައްވާދީދީ އާއި އެވެ. މިކައިވެނީގެ ދަރިންނަކީ، ޙަސަންދީދީ، މުޙައްމަދުދީދީ، ފާތުމަތުދީދީ(ސޭހުގޭ ފާތިންދައިތާ)، އަދި ފުވައްމުލަކު ފާންނަމަގު ދޮންދީދީ(ޢާއިޝާދީދީ) އެވެ.
(ގަނޑުވަރު އަޙްމަދުދީދީގެ ޙައްވާދީދީ އާއި ގަނޑުވަރު ކަތްދާދީދީގެ ޢަލިދީދީ(ކުބެއްޔާ) އާއި ވެސް ކައިވެނިކުރެއްވިއެވެ. އެކައިވެނިން ކުބެއްޔާގެ މަރިޔަމްދީދީ، ކުބެއްޔާގެ އަޙްމަދުދީދީ ލިބިލެއްވިއެވެ.)

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޙަސަންދީދީ ފުރަތަމަ ކައިވެނިކުރެއްވީ ދޮންއާބުގޭ ޙަސަން ތައްޚާނު(ކަޅުބެއްޔާ) ގެ ދޮންއާބުގޭ ޙައްވާދީދީ އާއެވެ. ޙަސަންދީދީގެ މިކައިވެނީގެދަރިންނަކީ އަޙުމަދުދީދީ، މޫސާދީދީ، މީދޫ ސޭފުގޭ (ޢީސާފުޅުގޭ) މަރިޔަމްދީދީ، ތިނަދޫ ސްޕާކްލިންގ އިބްރާހީމްދީދީ، ތިނަދޫ ޕިންކްރޯޒް ޢަލިދީދީ، އެވެ. (ޙަސަންދީދީގެ މި ދަރިންގެތެރެއިން އަޙުމަދުދީދީ އާއި މޫސާދީދީގެ ޢާއިލާނެތެވެ.)

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޙަސަންދީދީގެ މީދޫ ސޭފުގޭ (ޢީސާފުޅުގޭ) މަރިޔަމްދީދީ އާއި ކައިވެނިކުރެއްވީ، އޭނާއާއި ދެބެންގެދެދަރި ސޭފުގޭ ރެކިދީދީ (އިބްރާހީމްދީދީ) އެވެ. މިކައިވެނީގެދަރިންނަކީ، ސޭފުގޭ ފާތުމަތުދީދީ(ފާތުމަތު ޝަރީފާ) އާއި އަދި ސޭފުގޭ އާމިނަތުދީދީ އެވެ.

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޙަސަންދީދީގެ އީސާފުޅުގޭ މަރިޔަމްދީދީގެ ސޭފުގޭ ފާތުމަތުދީދީ(ފާތުމަތު ޝަރީފާ) އާއި ކައިވެނިކުރެއްވީ މީދޫ ސޭފުގޭ އިބްރާހީމް އަޙުމަދުދީދީ އެވެ. އިބްރާހީމް އަޙުމަދުދީދީ އާއި ސޭފުގޭ ފާތުމަތު ދީދީގެ ޢާއިލާ އެބައޮތެވެ.

މީދޫ ސޭފުގޭ އިބްރާހީމް އަޙުމަދުދީދީގެ ބައްޕައަކީ މީދޫ ގަނޑުވަރު އަޙުމަދުދީދީގެ ޙަސަންދީދީ އާއި، މީދޫ ރަހާ (މުޙައްމަދު މަނިކުފާނު) ގެ މޫސާ މަނިކުފާނުގެ އާމިނާ މަނިކުފާނުގެ ކައިވެނީގެ ދަރިއެއްކަމަށްވާ އަޙުމަދުދީދީ އެވެ. އިބްރާހީމް އަޙުމަދުދީދީގެ މަންމައަކީ، ހެނެއިކަމަނާރު ދޮންޔޫސުފުގެ، އުމަރުތަކުރުގެ، ހަސަން މަނިކާގެ، މުހައްމަދު ޚަތީބު މަނިކާގެ، ފާތުމާބީގެ، ޙައްވާބީއާއި މީދޫ ވަށޮދިޔަގެ މާލިމީގެ ދަރިންގެ ތެރެއިން އާއިޝާފާނު (ހައްވާރަނިޔަގެ ދިޔަ) އެވެ. ތާރީޚު ދިރާސާ ކުރެއްވުމުގެތެރޭ އައްޑުއަތޮޅުގެ ތާރީޚާއި ދަރިފަސްކޮޅަށް އިބްރާހިމް އަޙުމަދުދީދީ ޚާއްޞަކަމެއް ދެއްވައެވެ. މީދޫގެ ކޯގަންނާއި ތާރީޚީ މިސްކިތްތަކާއި ބައެއް ނަސަބުތައް އެނގޭނޭހެން އޭނާ ފޮތެއްވެސްލިޔުއްވިއެވެ.

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޙަސަންދީދީގެ އީސާފުޅުގޭ މަރިޔަމްދީދީގެ މީދޫ ސޭފުގޭ އާމިނާދީދީގެ ދަރިއަކީ ޢީސާފުޅުގޭ ޢަބުދުﷲ ދީދީ އެވެ.

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޙަސަންދީދީގެ ތިނަދޫ ސްޕާކްލިންގ އިބްރާހީމްދީދީ، ހުވަދުއަތޮޅު ތިނަދޫ ޙަސަންފުޅުބޭގެ ކުޑަބީފާނު (ކުދެއިފާނު) އާއި ކުރެއްވި ކައިވެނީގެދަރިންނަކީ ބްލެކްސުމިތު ޙައްވާދީދީ، އަލިތަރި މަރިޔަމްދީދީ، ގޯލްޑަންއެގް ޢާއިޝާދީދީ، ވޭވްބްރޭކް ފާތުމާދީދީ، ސްޕާކްލިންގް ޢަލިދީދީ، ހޯޑެއްދޫ ދަތުރުނާގޭ ޙަސަންދީދީ، އަދި ތިނަދޫ ފީރޯޒުގޭ އަޙުމަދުދީދީ އެވެ. މި ޢާއިލާތައް އެބައޮތެވެ.

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޙަސަންދީދީގެ ތިނަދޫ ޕިންކްރޯޒް ޢަލިދީދީ ކައިވެނިކުރެއްވީ، ތިނަދޫ ޕިންކްރޯޒް އައިހާފާނާއި އެވެ. މިކައިވެނީގެ ދަރިއަކީ، ތިނަދޫ ޕިންކްރޯޒް މަރިޔަމްދީދީ(މަރިޔަމް ޙަސީނާ) އެވެ. މި މަރިޔަމްދީދީގެ ޢާއިލާ އެބައޮތެވެ.
(ތިނަދޫ ޕިންކްރޯޒް އައިހާފާނަކީ، ތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނުގެ އާމިނާފާނާއި، ތިނަދޫ މުޙައްމަދު ކަތީބު ކަލޭގެފާނުގެ ޢަލިތަކުރުފާނު ކަތީބުގެ ކައިވެނީގެ ދަރި މޫސާ ކަލޭގެފާނުގެ އަޙުމަދު ތަކުރުފާނު، މާމެންދޫ މޫސާބެއްޔާ ނުވަތަ ތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާގެ އާމިންދިޔެ(ކުދެއާމިންދިޔެ) އާއި ކުރެއްވި ކައިވެނީގެދަރިންތެރެއިން އެއްދަރިކަމަށްވާ ތިނަދޫ ޕިންކްރޯޒް އައިހާފާނެވެ.)

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޙަސަންދީދީ ދެވަނައަށް ކައިވެނިކުރެއްވީ ތިނަދޫ ލައިޓްރޯސް ޢާއިޝާދިޔެ އާއި އެވެ. މިކައިވެނީގެދަރިންނަކީ، ތިނަދޫ ފީރޯޒްގޭ ފާތުމާދީދީ، ތިނަދޫ ފީރޯޒްގޭ ޙުސައިންދީދީ، ތިނަދޫ ލައިޓްރޯސް އާމިނާދީދީ އެވެ.  

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޙަސަންދީދީގެ ތިނަދޫ ފީރޯޒްގޭ ފާތުމާދީދީ އާއި ކައިވެނިކުރެއްވީ، ހުވަދުއަތޮޅު ތިނަދޫ ނާއިބު އިސްމާޢީލްދީދީ(އިސްމާޢީލް ޒާހިރު) އެވެ. ފާތުމާދީދީ އާއި އިސްމާޢީލްދީދީގެ ކައިވެނީގެ ދަރިންނަކީ ކަތްދާދީދީ (ޚަދީޖާ ޒާހިރާ) މަރިޔަމްދީދީ (މަރިޔަމް ޒާހިރާ) އަދި ޙައްވާދީދީ (ޙައްވާ ޒާހިރާ) އެވެ. ކަތްދާދީދީ އާއި މަރިޔަމްދީދީގެ ޢާއިލާ ނެތެވެ. ޙައްވާދީދީގެ ޢާއިލާ އެބައޮތެވެ.
(ނާއިބު އިސްމާޢީލްދީދީގެ ބައްޕައަކީ ޙާޖީ ބަންޑާރައިންގެ ކިލެގެފާނުގެ އަޙުމަދުދީދީގެ ފާޠިމާދީދީގެ މޫސާދީދީ ނުވަތަ ކުއްދީދީ އެވެ. މަންމައަކީ ހުވަދުއަތޮޅު މާމެންދޫ ކަލޯބެއްޔާ ނުވަތަ ތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ ސަންފާދިޔެ އެވެ.)

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ ޢާއިލާނެތެވެ. މީނާ އަވަހާރަވީ ހަވަރުތިނަދޫން މީހުން ފައިބަމުންދިޔަ ވަގުތު ކުއްލި ޝޮކެއްގައެވެ. އޭނާގެ ޤަބުރު ވަޅުލީ މާގޮނޑެރެހާގަ އެވެ. އޭރު ޙުސައިންދީދީ ކައިވެނިކުރައްވައިގެން ހުންނެވީ މިލިޔުމުގެ މަތީގައިވާ ހުވަދުއަތޮޅު ތިނަދޫ މާކޯނި ޙުސައިން ކަލޭގެފާނުގެ ޢާއިޝަތު ޙުސައިން އާއި އެވެ.

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޙަސަންދީދީގެ ތިނަދޫ ލައިޓްރޯސް އާމިނާދީދީ އާއި ކައިވެނިކުރެއްވީ، އިބްރާހީމް ތަކުރުފާނު(ޙަސަން ތަކުރުފާނު ބެއްޔަގެކަލޯ) އެވެ. މިކައިވެނީގެ ދަރިންނަކީ މޫސާދީދީ (މޫސާ އިބްރާހީމް) އާއި ދޮންދީދީ (ފާތުމަތު ރަޝީދާ) އެވެ. މިދަރިންގެ ޢާއިލާ އެބައޮތެވެ.
(އިބްރާހީމް ތަކުރުފާނު (ޙަސަން ތަކުރުފާނު ބެއްޔަގެކަލޯ)ގެ މަންމައަކީ މަޑަވެލީ މޫސިޔާގެ ތިނަދޫ ދޮންރެކިދިޔެގެ، ދިޔެ(ދައިތާ) އެވެ. ބައްޕައަކީ ތިނަދޫ ބޮޑުކަތީބު އަޙުމަދު ކަތީބު ކަލޭގެފާނުގެ، ދޮން ޙުސައިން ތަކުރުފާނުގެ ޙަސަން ތަކުރުފާނެވެ.)

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ މުޙައްމަދުދީދީ ފުރަތަމަ ކައިވެނިކުރެއްވީ ހުޅުދުމައިގޭ ޙަސަން މަނިކުފާނުގެ ދޮންރަހާގެ އާމިނާ މަނިކުފާނު (ރަނާ) އާއި އެވެ. މިކައިވެނީގެދަރިންނަކީ ކަތްދާދީދީ، ފާތުމާދީދީ އެވެ.ފާޠުމާދީދީ އާއި މީދޫ "ކަޅުދަރިޔަގެ" (ގޭގެނަމެއް) އަޙްމަދު މަނިކުފާނުގެ ކައިވެނީގެދަރިންނަކީ މުޙައްމަދުދީދީ، ޢަލިދީދީ، ޙައްވާދީދީ، ޢާއިޝާދީދީ އެވެ. މީގެތެރެއިން ޢާއިޝާދީދީ ފިޔަވައި އެހެންދަރިންގެ ޢާއިލާ މީދޫގައިވެއެވެ. މީގެތެރެއިން މުޙައްމަދުދީދީ އާއި ޢަލިދީދީ ދިރިއުޅުއްވީ "ކަޅުދަރިޔަގޭ"ގަ އެވެ.
ކަތްދާދީދީ އާއި ކައިވެނިކުރީ ދޮން އިބްރާހިމްދީދީ އެވެ. އެކައިވެނީގެ ދަރިންނަކީ މުޙައްމަދުދީދީ(ދޮން އިބުރާއްކަލޯ) އާއި، ޢާއިޝަތުދީދީ އެވެ. މި މުޙައްމަދުދީދީ(ދޮން އިބުރާއްކަލޯ) އާއި ޢާއިޝަތުދީދީގެ ޢާއިލާވަނީ އައްޑުއަތޮޅު ފޭދޫގައެވެ. އާއިޝަތުދީދީގެ ކެނެރީވިލާ މަރިޔަމްދީދީ ފޭދޫގައި އުޅުއްވައި ޢާއިލާ އެބައޮތެވެ. މުޙައްމަދުދީދީ(ދޮން އިބުރާއްކަލޯ)ގެ ދަރިންނަކީ ފާތުމަތުދީދީ، ޢަބުދުﷲދީދީ އެވެ. މިޢާއިލާތައް އެބައޮތެވެ.

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ މުޙައްމަދުދީދީ ދެވަނައަށް ކައިވެނިކުރެއްވީ، ދޮންއާނބުގޭ މޫސާ ތަކުރުފާނުގެ ފާތުމާފާނާއި އެވެ. މިކައިވެނީގެދަރިންނަކީ އަޙްމަދުދީދީ އާއި އިބްރާހީމްދީދީ އެވެ.

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ މުޙައްމަދުދީދީގެ އިބްރާހީމްދީދީ، ހުވަދުއަތޮޅު ތިނަދޫ ކުދެރެކިދިޔެ އާއި ކުރެއްވި ކައިވެނީގެދަރި ތިނަދޫ ނޫމަރާގޭ ޢާއިޝަތު އިބްރާހީމްދީދީގެ މަރިޔަމް ޙިލްމީ، ފަރީޝާ ޢަބުދުﷲ، އަޙުމަދު ޢަބުދުﷲ ގެ ޢާއިލާ ތިނަދޫގައި އެބައޮތެވެ.   
(މުޙައްމަދުދީދީ ތިނަދޫގައި އުޅުއްވިއިރު، އޭނާގެ އަޙްމަދުދީދީ އާއި އިބްރާހީމްދީދީ އާއި ދެބެއިންވެސް ތިނަދޫގައި އުޅުއްވިއެވެ. ނަމަވެސް ފަހުން އަޙްމަދުދީދީ ނައިފަރުގައި އުޅުއްވިކަމުގެ މަޢުލޫމާތު ލިބުނެވެ. އެފަހަރު އިބްރާހީމްދީދީ، ތިނަދޫ ކުދެ ރެކިދިޔެ އާއި ކައިވެނިކުރެއްވީއެވެ.)

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ މުޙައްމަދުދީދީ، ތިންވަނައަށް ކައިވެނިކުރެއްވީ، ތިނަދޫގައި ހުންނަވައިގެން ހުވަދުއަތޮޅު މާމެންދޫ ކަލޯބެއްޔާ ނުވަތަ ތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ ފާތުމާދިޔެ(ފާތިންދިޔެ) އާއި އެވެ. މިކައިވެނީގެދަރިއަކީ ތިނަދޫ އޯޝަންމީޑް ޙައްވާދީދީ އެވެ.

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ މުޙައްމަދުދީދީގެ ތިނަދޫ އޯޝަންމީޑް ޙައްވާދީދީ އާއި ކައިވެނިކުރެއްވީ ދޮންކަލޯއެވެ. މިކައިވެނީގެދަރިންނަކީ މ.ކިޔުޕިޑް ޢަބުދުﷲ ސަޢީދާއި، ތިނަދޫ އޯޝަންރީޑް ޢަބުދުލްހާދީ އާއި، ތިނަދޫ އޯޝަންމީޑް އަޙުމަދު ޙިލްމީ އާއި، އޯޝަންމީޑް މުޙައްމަދު މުޢީން އާއި، އަދި ފެއަރލިންގ ޙުސައިން ޙިލްމީ އެވެ. މިދަރިންގެ ޢާއިލާ އެބައޮތެވެ.


(ތިނަދޫ އޯޝަންމީޑް ޙައްވާދީދީ އާއި ކައިވެނިކުރެއްވި ދޮންކަލޯއަކީ ތިނަދޫ ފޫޅުމާ ކަޅުދައިތަގެ އާދަމް ކަލޭގެފާނުގެ ޙުސައިން (ވައިހޭބެއްޔާ) އާއި، ބޮޑެފޮޑަހު ޙައްވާ ދައިތާގެ ކައިވެނީގެދަރިންގެތެރެއިން ދަރިއެކެވެ.)

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ފާތުމަތުދީދީ(ސޭހުގޭ ފާތިންދައިތާ) އާއި ސޭފުގޭ ދައިތާގެ ޢަލިދީދީގެ ކައިވެނީގެދަރިންނަކީ ސޭފުގޭ ރެކިދީދީ (އިބްރާހީމްދީދީ)، ދޮންދީދީ، އަޙުމަދުދީދީ، މުޙައްމަދުދީދީ އެވެ.
ސޭފުގޭ ރެކިދީދީ (އިބްރާހީމްދީދީ) ކައިވެނިކުރެއްވީ، ޢީސާފުޅުގޭ މަރިޔަމްދީދީ އާއި ކަމަށާއި އެޢާއިލާގެ ވާހަކަ ކުރީގައި ލިޔެފައިވާނެއެވެ.
ފާތުމަތުދީދީ (ސޭހުގޭ ފާތިންދައިތާ) ގެ ސޭފުގޭ ދޮންދީދީ އާއި ކައިވެނިކުރެއްވީ، އައިސާދަރު ދޮންބެއްޔާގެ މުޙައްމަދުދީދީ (އައިސާދަރު އެއްބެ) އާއެވެ. މިކައިވެނީގެދަރިއަކީ ސޭފުގޭ ދިޔެ އެވެ.
ފާތުމަތުދީދީ (ސޭހުގޭ ފާތިންދައިތާ) ގެ އަޙުމަދުދީދީ އާއި މުޙައްމަދުދީދީ އާއި ދެ ދަރިންގެ ޢާއިލާނެތެވެ.  

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ފުވައްމުލަކު ފާނަންމަގު ދޮންދީދީ(ޢާއިޝާދީދީ) އާއި، ފުވައްމުލަކު "ކަރިއްޔަ" ކިލެގެފާނުގެ އަމިނާދީދީގެ ބެރިމަގު ޢަލިދީދީގެ ކައިވެނީގެދަރިންނަކީ ކަތްދާދީދީ ފާނަންމަގު، މަރިޔަމްދީދީ ފާނަންމަގު އެވެ. ފުނާޑު ގަނޑުވަރު އަޙުމަދުދީދީގެ ޢަލިދީދީ، ފާނަންމަގު ކަތްދާދީދީ އާއި ކައިވެނިކުރައްވައިގެން ލިބިވަޑައިގަތް އައްނާއިބު މުޙައްމަދުދީދީގެ ޝީރީންގެ ޢާއިލާއާއި ފާނަންމަގު ކަތްދާދީދީގެ ވިދުވަރުގޭ މަރިޔަމްދީދީގެ ޢާއިލާ އެބައޮތެވެ. އަދި ފާނަންމަގު މަރިޔަމްދީދީގެ ޢާއިޝާދީދީއާއި އިބްރާހީމްދީދީގެ ޢާއިލާވެސް އެބައޮތެވެ.  

ޢީސާފުޅުގޭ މޫސާ މަނިކުފާނު ދެވަނައަށް ކައިވެނިކުރެއްވީ ފުވައްމުލަކު އަލްގެދަރު ސަންފާމަނިކާ އެވެ. މިކައިވެނީގެ ދަރިއަކީ އާމިނާމަނިކެ އެވެ. ނުވަތަ ފުވައްމުލަކު "މަހަމުދޭކަލޭގެ" ފަހުން ފުވައްމުލަކު "މަރުޖާނުގެ" އާމިނާމަނިކެ އެވެ. މި އާމިނާ މަނިކާއި ފުވައްމުލަކު މަރުޖާނުގޭ މުޙައްމަދު ތައްޚާނުގެ ކައިވެނީގެ ދަރިންނަކީ އަޙުމަދުމަނިކު، ފާތިމާމަނިކެ، މަރިޔަމްމަނިކެ އެވެ. މީގެތެރެއިން އަޙުމަދު މަނިކުއާއި ފާޠިމާމަނިކެގެ ޢާއިލާ އެބައޮތެވެ. މަރިޔަމްމަނިކެގެ ޢާއިލާނެތެވެ.
(އަލްގެދަރު ސަންފާމަނިކެ އަކީ ފުވައްމުލަކު މައިގޭ ހަސަން މާރާދަ ކަލޭގެފާނާއި، ފުވައްމުލަކު "ދިހެރޭމަގު" އައިސާމަނިކެގެ ދަރިއެކެވެ.)

ޢީސާފުޅުގޭ މޫސާ މަނިކުފާނު ތިންވަނައަށް ކައިވެނިކުރެއްވީ ސިއްކަ ދޮންމުހާތައްޚާނުގެ އަތިރަގޭ ކަތްދާފާނާ އެވެ. މި ކައިވެނީގެދަރިންނަކީ ޢަލިމަނިކުފާނާއި، ޢާއިޝާ މަނިކުފާނާއި، މަރިޔަމް މަނިކުފާނެވެ. މީގެތެރެއިން ޢާއިޝާ މަނިކުފާނާއި، މަރިޔަމް މަނިކުފާނުގެ ޢާއިލާނެތެވެ.
(އަތިރަގޭ ކަތްދާފާނަކީ ސިއްކަ ދޮން މުޙައްމަދު ތައްޚާނު، އަތިރަގޭ ފާތުމާފާނާއި ކުރެއްވި ކައިވެނީގެ ދަރިންގެތެރެއިން ދަރިއެކެވެ.)

ޢީސާފުޅުގޭ މޫސާ މަނިކުފާނުގެ ޢަލިމަނިކުފާނު ކައިވެނިކުރެއްވީ، ހުވަދުއަތޮޅު ދެއްވަދޫ ކަތްދާދީދީގެ އިސްމާޢީލްދީދީގެ ތިނަދޫ ގޮއިވެރި މުޙައްމަދުދީދީގެ ދޮންދީދީ އާއި އެވެ. މިކައިވެނީގެ ދަރިންނަކީ ރެކިދީދީ، ފާތުމާދީދީ، މަރިޔަމްދީދީ، ތިނަދޫ ސްޓާރލިންގ އަޙްމަދު ޙިލްމީ (އަޙްމަދުދީދީ)، ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީ، ތިނަދޫ ހަލަވެލި މުޙައްމަދު ޙިލްމީ (މުޙައްމަދުދީދީ) އެވެ. ރެކިދީދީ، ފާތުމާދީދީ، މަރިޔަމްދީދީގެ ޢާއިލާ ނެތެވެ. އަޙްމަދު ޙިލްމީ، ޙަސަން ޙިލްމީ، މުޙައްމަދު ޙިލްމީގެ ޢާއިލާ އެބައޮތެވެ.

(5) އީސާފުޅުގޭ އާމިނާ މަނިކުފާނުގެ ޢާއިލާ:

ޢީސާފުޅުގޭ އާމިނާ މަނިކުފާނު(ދޮންރަނާ) އާއި ކައިވެނިކުރެއްވީ ގަމު ކޮއްޔާ އިބްރާހިމް ތައްޚާނު އެވެ. މިކައިވެނީގެ ދަރިންނަކީ، ބޭރުގޭ މުޙައްމަދު މަނިކުފާނާއި، ބޭރުގޭ މަރިޔަމް މަނިކުފާނާއި، ބޭރުގޭ ފާތުމާ މަނިކުފާނު އެވެ.
(އިބްރާހިމް ތައްޚާނަކީ މަލިކު އަހްމަދުކާކާގެ ގަމު އީދިގަލިގޭ ޢަލިކަލޭގެފާނުގެ ދޮންޙުސެން ތައްޚާނުގެ ދަރިއެކެވެ. މި އިބްރާހިމްތައްޚާނު، ގަމު އެއްގަނޑުވަރު މަރިޔަމް މަނިކުފާނާ ކައިވެނިކުރައްވައި ތުއްތުބެއްޔާ އާއި ދިޔަ (ކުދުރަނާ) ވެސް ލިބުނެވެ.) 

ޢީސާފުޅުގޭ އާމިނާ މަނިކުފާނުގެ ބޭރުގޭ މުޙައްމަދު މަނިކުފާނު، ކައިވެނިކުރެއްވީ، މަލިކު އަޙްމަދު ކާކާގެ އީދިގަލިގޭ ޢަލިކަލޭގެފާނުގެ ދޮންމުޙައްމަދު ތައްޚާނުގެ އައިސާމަނިކުފާނުގެ ފާތުމާ މަނިކުފާނާއެވެ. މިކައިވެނީގެ ދަރިންނަކީ، ބޭރުގޭ އަޙްމަދު މަނިކުފާނު، ބޭރުގޭ ޙައްވާ މަނިކުފާނު، ބޭރުގޭ ޢަބުދުﷲ ޢަފީފު، ބޭރުގޭ ލަޠީފާ އެވެ. މިދަރިންގެ ޢާއިލާ އެބައޮތެވެ.

ޢީސާފުޅުގޭ އާމިނާ މަނިކުފާނުގެ ބޭރުގޭ މަރިޔަމް މަނިކުފާނުގެ އާމިނާ މަނިކުފާނުގެ ދަރިންނަކީ، ޙުސައިން މަނިކުފާނު، މޫސާރަހާ، ދޮންމަނިކެ، ޢާއިޝާ މަނިކުފާނު، ރެކިދީދީ އައިސްގެ އެވެ.

ޢީސާފުޅުގޭ އާމިނާ މަނިކުފާނުގެ ބޭރުގޭ ފާތުމާ މަނިކުފާނުގެ ދަރިންނަކީ، ކަތްދާ މަނިކުފާނާއި، ކުދުދަލޭކަ އާއި، ޢަބުދުﷲ އެވެ. ކަތްދާ މަނިކުފާނުގެ ދަރިންނަކީ، ޢަބުދުﷲ މަނިކުފާނާއި، އަޙުމަދު މަނިކުފާނާއި، އިބްރާހީމް މަނިކުފާނާއި، މަރިޔަމް މަނިކުފާނެވެ. ބޭރުގޭ ފާތުމާ މަނިކުފާނުގެ ޢަބުދުﷲ ނިޔައުވީ އިންޑިޔާގައެވެ. އޭނާގެ ދަރިއަކީ ފޭދޫ ޖަމީލެވެ.

(6) ޢީސާފުޅުގޭ އެޅަރަނާގެ ޢާއިލާ:

ޢީސާފުޅުގޭ އެޅަރަނާއާއި ކައިވެނިކުރެއްވީ، މީދޫ ގަނޑުވަރު އަޙްމަދު ދީދީ އެވެ. މިކައިވެނީގެ ދަރިއަކީ، މަރިޔަމްދީދީ އެވެ. މި މަރިޔަމްދީދީ އާއި އައްޓިއަރު މޫސާ ތައްޚާނު ކުރެއްވި ކައިވެނީގެދަރިންނަކީ އައްޓިއަރު ކައްދާދީދީ، އައްޓިއަރު ޙުސެންދީދީ، އައްޓިއަރު ޙަސަންދީދީ، އައްޓިއަރު ޙައްވާދީދީ އެވެ. މީގެތެރެއިން ޙަސަންދީދީގެ ޢާއިލާއެއްނެތެވެ. އެހެންދަރިންގެ ޢާއިލާ އެބައޮތެވެ. 
(މިމަރިޔަމްދީދީ އާއި ހުޅުދޫ ޙަސަން މަނިކުފާނު ކުރެއްވި ކައިވެނީގެދަރިއަކީ ޢާއިޝާދީދީ އެވެ. މީނާއާއި ގަމު މަތިކެޑަގޭ އިބްރާހިމް މަނިކާއި ކައިވެނިކުރައްވައި އެކައިވެނީގެދަރިންގެ ޢާއިލާ ފޭދޫގައި އެބައޮތެވެ.)
(ގަނޑުވަރު އަޙްމަދުދީދީ، މި އެޅަރަނާގެ އިތުރުން ކަޅިހާރު ދޮންކަތްދާ މަނިކުފާނުގެ ޢާއިޝާ މަނިކުފާނާއި، އެދުރުގޭ އާމިނާފާނުގެ ފާތުމާފާނާއި، އަދި ހުޅުދޫ ކޮއިބެއާގެ ރަނާޔާއި ކައިވެނިކުރައްވައި މިޢާއިލާތައްވެސް އެބައޮތެވެ.)
(އައްޓިއަރު މޫސާ ތައްޚާނު، ކަޅިހާރު ޙުސެންތައްޚާނުގެ އާމިނާފާނާއި ކުރެއްވި ކައިވެނީގެދަރިންނަކީ، އައްޓިއަރު ޢަލިތައްޚާނު، އަދި އިބްރާހިމް ތައްޚާނެވެ.)

(7) ޢީސާފުޅުގޭ ކޮއްކޯބެއްޔާގެ ޢާއިލާ:

ޢީސާފުޅުގޭ ކޮއްކޯބެއްޔާ، ކައިވެނިކުރެއްވި އެކަކީ ދޮހޮވާގެ މަރިޔަމް ބީފާނު އެވެ. މިކައިވެނީގެދަރިއަކީ، ޙައްވާ މަނިކުފާނެވެ. (މި މަރިޔަމް ބީފާނާއި ގަނޑުވަރު ދޮންމަނިކުފާނުގެ ކައިވެނީގެ ދަރިއަކީ ޙުސައިން މަނިކުފާނު (ކީއްޔާބެއްޔާ) އެވެ.
ޢީސާފުޅުގޭ ކޮއްކޯބެއްޔާ ދެން ކައިވެނިކުރެއްވީ ދޮންއާބުގޭ މޫސާ ތަކުރުފާނުގެ ފާތުމާފާނާ އެވެ. ޢީސާފުޅުގޭ ކޮއްކޯބެއްޔާ އާއި ދޮންއާބުގޭ މޫސާ ތަކުރުފާނުގެ ފާތުމާފާނުގެ ކައިވެނީގެދަރިއަކީ ޢާއިޝާ މަނިކުފާނެވެ.
(މި ދޮންއާބުގޭ މޫސާ ތަކުރުފާނުގެ ފާތުމާފާނު، އީސާފުޅުގޭ މޫސާ މަނިކުފާނުގެ މުޙައްމަދުދީދީ އާއި ކައިވެނިކުރައްވައި އަޙްމަދުދީދީ އާއި އިބްރާހިމް ދީދީ ވެސް ލިބުނެވެ. ދޮންއާބުގޭ މޫސާ ތަކުރުފާނުގެ ފާތުމާފާނަކީ ފަހުން މީދޫ ކޮއްކޯގެ ބެއްޔާގެ ނަމުން މަޝްހޫރުވި އިބްރާހިމް މަނިކުފާނު (ނުވަތަ ރަންހަދާ ބެއްޔާ) ގެ ބައްޕަ "އާމިނާބީގެ އެޅަތައްޚާނު" ގެ އުޚްތެކެވެ. މީގެ ތަފްޞީލް މަތީގައި ބަޔާންކުރެވިއްޖެއެވެ.)

(8) ޢީސާފުޅުގޭ އިބްރާހީމްރަހާގެ ޢާއިލާ

ޢީސާފުޅުގޭ އިބްރާހީމްރަހާ، ކައިވެނިކުރެއްވީ ގައްދޫގެ އަންހެން ބޭކަނބަލަކާއި އެވެ. މިކައިވެނީގެ ދަރިންނަކީ، ޢަލިރަހާ އާއި ދޮންރަހާ އެވެ.

ޢީސާފުޅުގޭ އިބްރާހީމްރަހާގެ، ޢަލިރަހާގެ ދަރިންނަކީ، ޢަބުދުލް ޣަފޫރު، ތުއްތުކަމަނަ، ޢާއިޝާ މަނިކެ، އަދި ގައްދޫ އަލިވާގޭ ޢަބުދުލްކަރީމް ޢަލީ އެވެ.

ޢީސާފުޅުގޭ އިބްރާހީމްރަހާގެ، ދޮންރަހާގެ، މޫސާ ރަހާގެ ދަރިއަކީ، އާމިނާމަނިކެ އެވެ.

(9) ޢީސާފުޅުގޭ އަޙުމަދު މަނިކުފާނުގެ ޢާއިލާ:

ޢީސާފުޅުގޭ އަޙުމަދު މަނިކުފާނު ދިރިއުޅުއްވީ މީދޫގައިކަމަށް ވާތީ މިޢާއިލާ ހޯދައި ދެނެގަތުމުގެ މަސައްކަތްކުރެވެމުން އެބަ ގެންދެވެއެވެ.
މަތިވެރި ﷲ ގައުމާތުގޭ ޢީސާފުޅު ކަލޭގެފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ނިމުމެއް ނެތް ރަޙުމަތް ލައްވާށިއެވެ. އާމީން!

ނޯޓް:
މިލިޔުން ލިޔެފައިވަނީ، މީދޫ ޢަންބަރީވިލާ އަލްފާޟިލް އަޙުމަދު ނާޞިޙާއި، މީދޫ ކަޅިހާރު އަލްފާޟިލް އަޙުމަދު މުޖުތަބާ އާއި، ފުވައްމުލަކު ވިދުވަރުގޭ އަލްފާޟިލް ޢަލިދީދީ އާއި، ތިނަދޫ ތެވެލި އަލްފާޟިލް ޢަލީ ޝަމީމާއި، ދެއްވަދޫ ކަރަންކާގޭ އަލްފާޟިލް މުޙައްމަދުދީދީ، ދެއްވި މަޢުލޫމާތާއި އެހީތެރިކަމުގެ އިތުރަށް، ތިނަދޫ ހަލަވެލި އަލްމަރުޙޫމް މުޙައްމަދު ޙިލްމީ، ލިޔުއްވައިފައިވާ ޢާއިލީ މަޢުލޫމާތްތަކުގެ އެހީތެރިކަމާއެކުގައެވެ.
                 --------------------
ޢަބުދުﷲ ޙިލްމީ
17/12/2012