އާދަނުގެ މިލްކުވެރިކަން ސާބިތުކުރުން
















އާދަނުގެ މިލްކުވެރިކަން ސާބިތުކުރުމަށްޓަކައި ރަށުތެރޭގައި މެގަފޯނުން ގޮވަމުންދާ އިޢުލާނެއްގެ އަޑު އިވިފައި އެދުވަހު އެތައް ބަޔަކު ޙައިރާންވެ މަގުމައްޗަށް ނުކުތެވެ. ގޮވަމުންދަނީ "އާދަނު އަލަށްޖެހި ދަތްޕިލައާއި، އޭނާ ގެންގުޅޭ އެންމެހައި މުންޑާއި، ސަތާރަ ސޯރުފޮތިކޮޅާއި، ރަތްކުލައިގެ ދެ ހަރުވާޅާއި، މިދިޔަ ޖެނުއަރީ މަހު ކެއި އެންމެހައި ކާތަކެއްޗާއި، ބުއި ފެނާއި، އެތަކެތި ބޭރުވިނަމަ ބޭރުވި ފާޚާނާއާއި، އެފާޚާނާގެ ނަރުދަމާއާއި، އާދަނުގެ ގޭގެ ވަޅާއި، އެވަޅުގެ ދާންޏާއި، އެދާނިން ނެގި ފެނާއި، އަދި އެގޭ ބަދިގޭގެ އެންމެހައި ސާމާނުގެ މިލްކުވެރިކަމާ މެދު ދަޢުވާކުރާ އެއްވެސް ފަރާތެއްވާނަމަ ހަތްދުވަހުގެ ތެރޭ އެކަން އަންގަންޖެހޭ ފަރާތަށް އެންގުމަށެވެ."

މިއިޢުލާނެއްގެ އަޑު އިވުނުނަމަ އިވުނުހާބަޔަކު އެދުވަހު މަގުމައްޗަށް ނުކުތީ ދިވެހިރާއްޖޭގެ މީސްތަކުންނަށް ޢާއްމުކޮށް އެނގިގެން ރާއްޖޭގައި އިންސާނީ އަޅުންނާއި ޖާރިޔާއިން ގެންގުޅުނީ މާކުރީގެ ޒަމާނެއްގައި ކަމަށްވެފައި މިހާރު އަނެއްކާ އިންސާނެއްގެ މިލްކުވެރިއެއް ހޯދުމަށް އުޅެގަތުމުންނެވެ.

އެދުވަހު އެރަށުގެ މަގުމައްޗަށް ނުކުތް މުސްކުޅި ފުރައިގެ އަންހެނަކު މިކަމާ ކަންބޮޑުވެ ގޭގެ ދޮރޯށިކައިރީ ހުއްޓައި އެމަގުންދިޔަ މީހެއްގެ ގާތުން އަހައިލިއެވެ. "ތާޅަފިލިން އެގޮވަނީ ކީކޭހެއްޔެވެ. އެއީ އަހަރެމެންގެ އައިމިނަމެންގެ އާދަނުގެ ވާހަކަހެއްޔެވެ. އޭނާއަކީ މީހެއްގެ އަޅެއްހެއްޔެވެ؟"

އެމީހާ ޖަވާބުދިނެވެ. "ދައިތަ ތިއުޅެނީ މިރާއްޖޭގައި ނޫން ދޮތައެވެ. ބަލަ، މިރާއްޖެއަށް ޑިމޮކްރަސީ ގެނައިއިރު އެއެތީގެ ތެރޭ ޑަޒަންޑަޒަނުގެ އަޅުންނާއި ޖާރިޔާއިން ތިއްބެއްނޫންހެއްޔެވެ. އެގޮވަނީ ދައިތަމެންގެ އައިމިނަމެންގެ އާދަނުގެ ވާހަކަކަމަށް ވަންޏާ އެއާދަނަކީވެސް އެއްކަލަ މިބުނި އެތީގެ ތެރޭ އަޅަކަށްވެދާށި ތޯއްޗެކެވެ. މަށެއް ނުދެނެހުރީމެވެ."

މިދުވަހު އާދަނުގެ އަނބި ސަންޕާފުޅަށް މި އިޢުލާނުގެ އަޑުއިވުމާއެކު ވިލާތު ކުކުޅެއްހެން ފުންމައިގެންގޮސް އާދަނުގެ ކުރިމައްޗަށް ޖެހިފައި ބުންޏެވެ.

"އެ ގޮވާ އެއްޗެއް އެބަ އަޑު އިވޭހެއްޔެވެ. ތިޔަހަރަ ދެ ކަންފަތުން އެ އަޑު އަހައިބަލާށެވެ. އާދަނު ދުނިޔެއަށް އުފަންވީފަހުން މީހާގެ އެތެރެހަށްޓަށް ލެވުނު އެންމެހައި ކާތަކެތީގެ އަގުވެސް ދައްކަން ޖެހުނީއެވެ. މީހާގެ ހަށިގަނޑުގެ މިލްކުވެރި ފަރާތަކީވެސް ކޮބައިތޯ ބަލާ ހިސާބަށް ދިޔައީއެވެ. އެހެންވާނެ ނޫންހެއްޔެވެ. މީހާ ތިޔަހަރަ ދަނީ ދުވާލަކު ޕާޓީއަކަށް ސޮއިކުރަމުންނެވެ. އެއްދުވަހާ ދެ ޕާޓީއަށްވެސް ސޮއިކުރަނީއެވެ. މިގޭ ދޮރުން އެތެރެވާ ކޮންމެ ފޯމެއްގައި އެބަ ސޮއިކުރެއެވެ. އެއިން ކޮންމެ ޕާޓީއެއްގައި އުޅެންޖެހެއެވެ. އެމީހުންބާއްވާ އެއްވުންތަކަށް ދާން ޖެހެއެވެ. ނުދިޔައިއްޔާ އެމީހުން އިލެކުޝަނުގެ ބޮޑުމީހާ ގާތު އެޝަކުވާ އެބަ ކުރެއެވެ. ވިސްނައިބަލާށެވެ. ތިޔައީ އިންސާނުން އުޅެންވާ ވައްތަރެއްހެއްޔެވެ. އާދަނުމެން ދުނިޔެއަށް އައީ ހިތަކަށް ދުނިޔެ ތަޅައި ތިރިއަރުވާލައިފައި އެނބުރި ދާންހެއްޔެވެ. ސޮއިކުރާ ކޮންމެ ޕާޓީ ފޯމަކަށް ލިބޭ ފައިސާއަކީ ޙަލާލުވާނެ އެއްޗެއްހެއްޔެވެ. މާދަމާވެސް މަރުވެދާނެއެވެ. ތިޔަ ވައްތަރަށް ނުއުޅެ އިޞްލާޙުވެ ބަލާށެވެ.

ޙައްވަ ދިޔުމުން އާދަނުގެ ހިތަށްއެރިއެވެ. "އެވެސް ދޮގެއްނޫނެވެ. ކުޑަ ލާރިކޮޅަކަށް މި ވިއްކައިލެވެނީ މަގޭ ނަފުސެވެ. އެކަން އެނގޭބަޔަކުވެސް ތިބޭނެތާއެވެ. އެކަމަކު އެމީހުންނަށްވެސް އެނގެންޖެހޭ އެއްޗެއް އޮންނާނެއެވެ. ގޯނިގޯނީގެ ވަޢުދު ހިފައިގެން ރައްޔިތުންގެ ގާތަށް ތިމާމެން މިއަންނަ ބޭނުމާމެދުގައެވެ. މިއަންނަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ރައްޔިތުންނަށް ރަނގަޅަކަށްތޯ، ނޫނީ ތިމާމެންގެ އަމިއްލަބޭނުމާއި އަމިއްލަފައިދާއަށްޓަކައި ތިމާމެންނަށް ރަނގަޅަކަށްތޯއެވެ. 

ޕާޓީ ހަދަނީ ނިކަމެތި ރައްޔިތުންގެ ބައިތުލްމާލުން ތިމާމެންނަށް ލިބޭނޭ ލާރިއާއި، ތިމާމެން ބައިވެރިވާ ސަރުކާރަކުން ތިމާމެންނަށް ލިބޭނޭ ސުލޮޓާއި، ފުލެޓާއި، މަޤާމާއި، ކަންފަސޭހަކަމާއި، އަތްފަސޭހަ ކަމާއި، މިކަންކަމުގެ ބޭނުމުގައިތޯ މިއީ އެބަޔަކުވެސް ދަންނަންޖެހޭ ކަމެކެވެ. މިކަން ދަންނަންޖެހެނީ އަހަރެމެން އެކަންޏެއްނޫނެވެ. ދެފަރާތުންވެސް މިކަން ދަންނަންޖެހެއެވެ. އެގޮތަށް ދަންނަނަމަ އިންސާނުންގެ މިލްކުވެރިކަމުގެ އިޢުލާނެއް އެގޮތަކަށް ގޮވާކަށް ނުޖެހޭނެއެވެ. އެފަދަ އިޢުލާނެއް ނުގޮވިނަމަވެސް އިންސާނުންގެ މިލްކުވެރިފަރާތަކީ ކޮބައިކަން ތިޔަ ޕާޓީ ހަދާ މީހުންނާއި އަހަރެމެންނަށްވެސް އެނގޭނެއެވެ."
                           ------------------

ލިޔުއްވީ: މީމު ނޫނު
07 ފެބްރުއަރީ 2013މ.