އަތަމަނަހުރާގެ ސޯޚީ ގަރަމް މަސާލާ














އަތަމަނަހުރާއަށް ފަރުބަދަތައް ލެއްގި ވާހަކަ ދެންނެވި ލިޔުމުގައި އެތާނގައި ދިރިއުޅޭ އަފުރާދުންނަކީ، "މުނިފޫހިފިލުވުން" ފިޔަވައި، މިދުނިޔޭގެ ގިނަ ކަންކަންތައްތަކެއް ފުރާ ފުރިހަމަވެފައިވާ ބައެއްކަމަށް ދެންނެވިފައިވާނެއެވެ. މިދެންނެވި "މުނިފޫހިފިލުވުން" މާނަކުރެވޭގޮތަކީ ބަޣުދާދަށް ތާތާރުންއަރައި މުޅި އެތަން ސުންނާފަތިކުރުމުގެ ކުރިން ބަޣުދާދުގެ ދިޖުލަތުކޯރުގެ އައްސޭރީގައި އެދުވަސްވަރުގެ ބޮޑެތިބޮޑެތީންގެ އެކި ގިންތިތަކާއި ފަންތިތަކުން ބާއްވަމުން ގެންދިޔަ ފަދަ "މިނިވަންތަ" "ސޯޚީ ގަރަމްމަސާލާ"ގެ ބާވަތަށެވެ. މުނިފޫހިފިލުވުމުގެ މިބާވަތުން ވަރަށް ތަފާތު ގިނަ ކަންތައްތަކެއް އެމީހުން އެދުވަސްވަރުކުރިއެވެ. މިކަންތައްތަކަކީ، އޭރު ދުނިޔޭގެ އެހެން އެއްވެސް ކަރައެއްގައި ކުރާ ކަންތައްތަކެއް ނޫންކަމަށްވެއެވެ. 

މިކަން އޮންނަނީ، ފަންތިތަކުގެ ޢުމުރާއި ގުޅޭގޮތުން ދެތިން ބައަކަށް ބަހާފައެވެ. ފުރަތަމަ ބައިގައި ހިމެނޭ ޒުވާނުން ކުރާކަމަކީ، އެ ކަރައިގެ އެކިއެކި ހިސާބުތަކުން އެކިއެކި މުހުތާދުތަކުގައި އެތަނަށް އައިސް ތިބޭ ޒުވާނުންގެ ސިކުޑިތަކާއި އެކިގޮތްގޮތުންކުޅެ ތަންދޮރުނޭނގޭ ޙާލަތަކަށް އެބައިމީހުން ގެނެސް، އެޝަހަރުގެ ރަށްބޭރާއި ބޮޑެތިމަގުތަކުގައި ބާވަތަކަށް ރުކުރުވާލުމެވެ.

އެގޮތަށް ތިބޭ ތިބުމުގައި، ތަފާތު އެތައްކަމެއް އެބަޔަކުހިންގައެވެ. ހިންގާ މިފަދަ ކަންތައްތަކުގެ ސަބަބުން އެއްއަހަރުން ފެށިގެން ފަންސަވީސް އަހަރާއި ދެމެދުގެ މުއްދަތަކަށް އެބައިމީހުން މިނިވަންތަ އިންސާނުންނާއި އެކަކެރިކުރަން ޖެހޭ ޙާލަތާއިވެސް ކުރިމަތިލާން ޖެހެއެވެ. އެކަމުގެ ސަބަބުން އެމީހުންގެ މައިންބަފައިންގެ އުންމީދުތައް ވަޔަށް ބުރައިގެން ދެއެވެ. ނަމަވެސް މައިންބަފައިންގެ ތެރެއިން ގިނަބަޔަކަށް ކަމުގެ ޙަޤީޤަތް ނޭނގެއެވެ. ނުވަތަ އެޢަދަދު ވަރަށް މަދެވެ.

ދެވަނަ ބައިގައި ހިމެނޭ ދޮށީ ޢުމުރުގެ މީހުން، މުނިފޫހިފިލުވުމަށްޓަކައި ކުރާކަމަކީ، މެހެމާން ސަރާތަކާއި ޖުވާޚާނާތަކަށް ޖަމާވެ، ހަށަވާދަކިޔައި، އެކަންކަން ދެމެހެއްޓުމަށްޓަކައި، އެމީހުންގެ ކޮށާރުތައް ދިއްރާސްކޮށްފައި ބެހެއްޓުމާއި، އިތުރު ބައިވެރީން ހޯދުމެވެ. ނަމަވެސް އެމީހުންނަށް އެންމެ ބޮޑު އުފާވެރިކަމެއް ޙާޞިލުކުރެވެނީ އެހެން ކަމަކުންނެވެ. އެކަމަކީ، އެކަރައިގެ ބައެއް ބައެއް "ދީވާންދާރުން" ނީސްތާއްޓަށް އަރައިގެން، އަބަދު އުޅެން ޖެހޭނެ ފަދަ މާޙަވްލެއް އެތާނގައި ޤާއިމުކޮށް ބޭއްވުމެވެ. 

މިކަމާއި، އެންމެ ވައްތަރީ "ރޯމަން އެމްޕެރާގެ ދުވަސްވަރު، އެމްޕެރާ ހިތްހަމަ ޖެއްސުމަށްޓަކައި ކުޅޭފަދަ ކުޅިވަރުތަކާއިއެވެ. އެކުޅިވަރަކީ، ސިންގާ އާއި، އިންސާނުންނާއި ދެމެދު (ބޮޑު މައިދާނުގައި) ހިންގާ ބަނޑުމުސާރައަށް ބެއްދުމާއި އެވެ. އެކަމުގެ ތެރޭގައި ބަލިކަށި އިންސާނުން ނުވަތަ އެމްޕެރާ ނުރެހޭ މީހުން ނިމިގެން ދަނީ، ގަދަފަދަ ސިންގާތަކުގެ ކޮއްތަކަށް ވެގެން ނެވެ. އެމީހުންގެ ކަށިތައް ހަފައިގެން ސިންގާތައް ކާ މަންޒަރަކީ، އެމްޕެރާއަށް ލިބޭ ވަރަށް ޚާއްޞަ އުފަލެކެވެ. އެއުޞޫލުން އަމާޒު ފަތްގަނޑަށް ނެރެނީވެސް އެކަރައިގެ ކުދިކުދި އަވަށްތަކުން އެތަނަށް އައިސް ތިބޭ ކުދީނާއި، ޒުވާނުންނާއި، އެނޫންވެސް މީސްމީހުންނެވެ. މިކަން މިގޮތަށް އޮތްއިރު، އުފަލާއި ޢަރާމުގައި ދުވަސްތައް ވޭތިކުރުމަށްޓަކައި، އެންމެ ދޮށީ ޢުމުރުގެ މީހުން ހިޖްރަކުރަކުރަނީ، އެކިއެކި ކަރަތަކަށެވެ. އެފަދަ މީސްމީހުންގެ ތެރޭގައި ނަންމަޝްހޫރު މީހުންގެތެރެއިން ގިނަބަޔަކުވެސް ހިމެނެއެވެ. މިފަދަ މީސްމީހުންގެ ޣާއިބުވެ، ދުވަސްތަކެއް ވުމަށްފަހު، އެމީސްމީހުންގެ އެންމެ ފަހުގެ ހިލަންވަނީ، ޣައިބަށްކުރާ ކަށުނަމާދުތަކުގެ އަލީގައެވެ.

ގާނޫނު
                ----------------------

ލިޔުއްވާފައިވަނީ؛ އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި