ހަވަރުތިނަދޫގެ ގޮއިވެރިކަމާއި، އިބްރާހީމް ދޮށިމޭނާ ކިލެގެފާނު


ދިވެހި ތާރީޚްގައި ހިނގާފައިވާ ޙާދިސާއެއް ކަމުގައިވާ 1887މ. ގައި މާލޭގެ ބޮޑުހުޅުޖެހުމުގެ އެންމެ އިސްމީހާ އައްޑުއަތޮޅަށް އަރުވާލުމުން ފިލައިގެން ދިޔުމަށް ރޭވި ރޭވުމުގައި އެހީތެރިވުމަށް އެއްބަސްވީ އައްޑޫ މުޙައްމަދުދީދީއެއް ކަމާއި، އެކަމަކާއި ގުޅިގެން ހަވަރުތިނަދޫ ގޮއިވެރިކަމެއްގެ ވާހަކަ ބަޔަކު ލިޔެފައިވަނިކޮށް ތަންކޮޅެއްކުރިން ދުށީމެވެ. މިދެންނެވި މުޙައްމަދުދީދީ އެއީ އައްޑޫ މީހެއްތޯއެވެ. ނުވަތަ ހުވަދޫ މީހެއްތޯއެވެ. ފިލައިގެން ދިޔުމަށް ރޭވި ރޭވުމުގައި އެބުނާ ބޮޑުހުޅުގެ އިސްމީހާ ފިލައިގެން ދިޔަތޯއެވެ. އެއީ ޙަޤީޤަތުގައިވެސް ކުރަންއުޅުނު ކަމެއްތޯއެވެ. އެމީހަކު ފިލައިގެން ދިޔުމަށް ރޭވި ރޭވުމުގައި އެހީތެރިވެ އުޅުނުކަމާއި އެކަމުގައި އުޅުނުކަމަށް ބަޔަކަށް ހީވެފައިވާ މީހެއްގެ ޢާއިލާއަކަށް ނިސްބަތްވާތީ ބަޔަކު ފަޚުރުވެރިވާ ފަދަ ޝަރަފުވެރި ގޮއިވެރިކަމެއް އެއްއިރެއްގާވެސް ހަވަރުތިނަދޫގައި އޮތްތޯއެވެ. 

މާލޭގެ ބޮޑުހުޅުޖެހުމުގެ އެންމެ އިސްމީހާ އައްޑުއަތޮޅަށް އަރުވާލުމުން ފިލައިގެން ދިޔުމަށް ރޭވި ރޭވުމުގައި އެހީތެރިވުމަށް އުޅުނަތީވެ ހަވަރުތިނަދޫގެ ގޮއިވެރިކަން މީހަކަށް ލިބުނުކަމަށް އެހެންބަޔަކު އެދެކެނީ، ހަމައެކަނި އެބަޔަކަށް ގޮއިވެރިކަން އެހާ ފަޚުރުވެރި ކަމަކަށް ވެގެންތޯއެވެ. ނުވަތަ އަތިރީގޭ މީހުންނާއި ގުޅިގެން ހަވަރުތިނަދޫގެ ގޮއިވެރިކަމެއް އެމީހަކަށް ލިބުނުތޯއެވެ. ހަވަރުތިނަދޫ އެޒަމާނުގެ "ގޮއިވެރިކަން" އެއީ ހަމަ އެހާވަރުގެ ކަމަކީތޯއެވެ.

ހަވަރުތިނަދޫގެ ގޮއިވެރިކަންކުރި އެއްވެސްފަރާތަކުން އެކަމާއި ފަޚުރުވެރިވެގެން އެއީ މާބޮޑުކަމެއް ކަމަށް ދެކިގެން އުޅުނުކަމަށް ޤަބޫލު ނުކުރެވެއެވެ. އެކަން އެނގޭނޭގޮތެއް ވެސް ނެތެވެ. އެހެންވީއިރު އެފަރާތްތަކާ މެދު މިނޫންގޮތަކަށް މާނަކުރާބަޔަކު އެކަން އެކުރަނީ ކީއްވެގެންތޯއެވެ. އައްޑޫ މީދޫ އައިސާބީގެ ދަރު ޙުސައިން ތަކުރުފާނުގެ ފުތް އަލްފަޤީޙު އިބްރާޙީމް ތަކުރުފާނު (އައިސާބީގެ ދަރު ދޮންބެއްޔާ) ގެޚިދުމަތުގެ އަގު ވަޒަންކުރައްވައި މިތަކުރުފާނުން ދުނިޔޭގައި ހުންނެވިހާ ދުވަހު އައްޑުއަތޮޅު ގަމު ގޮއި އޮތީ މި ތަކުރުފާނުންގެ މޭޒުމައްޗަށް ވަރުވާޔަކާއި ނުލައި ދެއްވާފައެވެ. އެކަމުގެ ހުރިހާ މަންފާއެއް އޮތީ، އެތަކުރުފާނަށެވެ. (އެ ގޮއި ދެއްވީ ޢިމާދުއްދީން ރަދުންގެ ޒަމާނުގައެވެ. ނަމަވެސް އެތަކުރުފާނު ވެސް އެކަމާއި ފަޚުރުވެރިވެލައްވައި ނޫޅުއްވައެވެ.) ނަމަވެސް ހަވަރުތިނަދޫގައި ހުންނެވި ގޮއިވެރިޔާއަކީ، އެރަށު މީހުން ލައްވައި މަސައްކަތް ކުރުވައިގެން އެމީހުންގެ އަތުން ނަގާ ޖިޒީ، ނަގައި ސަރުކާރަށް ފޮނުވުމަށް ނުވަތަ ގެންދަން ހަމަޖައްސާފައިވާ މުއައްޒަފެކެވެ.


ގޮޔާއި ގޮއިވެރިކަމަކީ ކޮބައިތޯއެވެ. މީހަކު ވަރުވާއަށް ލިޔެގެންއުޅޭ ގޮއިފާލައްބަޔަކީ ގޮޔެކެވެ. އެތާކަށް އެހެންބަޔަކު ގޮސް އެބަޔަކަށް ފައިދާވާގޮތަށް އެތާނގައި ކުރާ މަސައްކަތަކުން އެ ގޮޔެއް ލިޔުއްވައިގެން އުޅޭ ފަރާތަކަށް ދޭންޖެހޭ އެއްޗަކީ ގޮއިބަޔެވެ. މިފަދައިން ގަސްރުކަށް ނެގޭބަޔަކީ "ދެބައި" މިހެން ކިޔައި އުޅެއެވެ. މީހުން އުޅޭރަށްރަށާއި ފަޅުރަށްރަށުގައިވެސް އެޒަމާނުގައި ދަނޑުގޮވާން ކުރެއެވެ. އެޒަމާނާއި އެކަށީގެންވާ މިންވަރަށް އެތަންތާނގެ ބިމުގެފައިދާ ހޯދައެވެ. ޢީދު ގާތްވަމުން އަންނައިރު، އަންހެންވެރިން އެތަންތާނގެ ވަލަށްގޮސް ބޮޑެތި މުޅޯށިތައް ފުރަފުރައިގެން އުނބު، ދަރު ގެންނާނެއެވެ. ގޮއިފާލައްބަތަކަށް، ހިންނަތަކަށް ވަދެ ކާށި ހޮވައި، އޭގެ ތެރޭން ބޮޑެތި ކާށީން ތެޔޮ ވެސް ހާނައެވެ. 

ގޮއި ނުވަތަ ގޮޔަކީ، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ފުރަބަންޑާރަ ރުއްގަހަށް ކިޔާ ނަމަކެވެ. އެ ރުއްގަހަކީ ސަރުކާރުގެ ބިމުގައި ރައްޔިތުން އިންދާ އެއްޗެކެވެ. އެގޮތުން އެކިއެކި މީސްމީހުންގެ ރުއްދަނޑުތައް ވެސް ރަށްރަށުގައި އޮވެއެވެ. އެކަންކުރާ ގޮތަކީ، ރުއްތަކެއް ފަޅުވައިގެން ރަށުގައި ހުސްކޮށް ބިމެއްގައި އެ ރުއްތައް އިންދަނީއެވެ. ބައެއްމީހުން އަތޮޅުއޮފީހާއި ނުވަތަ އެރަށެއްގެ ރަށުއޮފީހާއި ވާހަކަ ދައްކައިގެން، އޮފީހުން ދައްކާ ހުސްބިމެއްގައި ވެސް ރުއްތައް އިންދައެވެ. އެގޮތައް އިންދާ ރުއްތައް ހެދި ފޯދުމުން އެކަން ރަށުއޮފީހަށް އެންގުމުން، އަތޮޅުއޮފީސް މެދުވެރިކޮށް ސަރުކާރުގައި ދަންނަވަނީއެވެ. އަހަރުންއަހަރަށް ސަރުކާރުގެ ވަފުދެއް ރަށްރަށް ވަޑައިގެން އެގޮތަށް އިންދާފައިހުންނަ ރުއްތަކުގައި "ތައް" ޖަހައެވެ. އެ ބޭކަލުންނަށް ކިޔަނީ، ބަނޑޭރި ބޭކަލުންނެވެ. ބައެއްފަހަރަށް މާލެއިން ވަޑައިގަންނަވަނީ އެންމެ ބޭފުޅެކެވެ. އެ ޓީމުގައި ބައިވެރިވާ އިތުރު ބޭކަލުން ހަމަޖައްސަވަނީ، އަތޮޅު އޮފީހުންނެވެ.

ތައްކައްޓަކީ: ވަށްކޮށް (އެއިންނަގޮތަށް) އެއްކޮޅު ތޫނުކޮށްފައިވާ، ދޮޅުއިންޗި ފަލަމިނުގެ ދަނގަޑު ހޮޅިބުރިއެކެވެ. ތައްޖަހާގޮތަކީ، އެ ހޮޅިބުރީގެ ތޫނުކޮށްފައިވާ ކޮޅު ރުކުގައި ނުވަތަ ގަހުގައި ޖައްސައި މަރުތޭލަކުންޖަހައި ވަކަރުގަނޑުގައި ޖެހެންދެން އަޑިއަށް ވައްދަނީ އެވެ. އެގޮތަށް ތައްޖަހަނީ، ފޯދިފައިހުންނަ ދިވެހި ރުއްތަކާއި، ލަކުޑިއަށް ކަމުގާ ވަރުގެ ނުވަތަ ވަށަމިނުގައި ރިއަނެއް ހުންނަވަރުގެ ގަސްގަހުގަ އެވެ. ތައްޖެހުމަށްފަހު، އެތަން އިންނާނީ، ވަށް ބޮޅެއްގެ ގޮތަށެވެ. މި ވަށްބޮޅުތަކުގެ ޢަދަދަދުގެ ތަފްޞީލަކީ:

1 ތައް ޖަހަނީ، އިންދި މީހާގެ ރުއް ނުވަތަ ގަހުގައެވެ. އެގޮތުން ހަމަޖައްސަނީ އިންދިމީހާއަށް އެކެއް ބަންޑާރަޔަށް އެކެވެ. 2 ތައް ޖަހަނީ، ރައްޔިތައް ރައްޔިތުން އިންދާ ރުއްގަހުގަ އެވެ. އެބައި ވަރުވާއަށް ލިޔެދެއެވެ. 3 ތައް ޖަހަނީ، ބަންޑާރަޔަށް ނަގާ ބައިގައެވެ. ބަންޑާރައަށް ނަގަނީ، އެންމެ ގަދަރުއް ނުވަތަ ގަހެވެ. 4 ތައް ޖަހަނީ، އެންމެރުކެއް ގަހެއް އިންދިމީހާގެ ރުއްގަހުގައެވެ. އެއީ ބަންޑާރަޔަށް ބައެއް، އިންދި މީހާއަށް ބައެކެވެ. 5 ތައް ޖަހަނީ، ތައްކައްޓައްނަގާ ރުއްގަހުގައެވެ. (ކޮންމެ 25 ރުއްގަހަކުން އެއްރުއްގަސް ނަގަނީ ތައްކައްޓަށެވެ.)

ކަށްވަޅުރުކަކީ، މިބައިގައިހިމެނޭ ރުކެއް ނޫނެވެ. އެއީ މަރުވާމީހާ ޤަބްރުސްތާނުގައި ވަޅުލުމުގެ އަގެއްގެ ގޮތުން އެމީހެއްގެ ވާރުތަ އިރުތަފަރާތުން މިސްކިތަށް ދޭ ރުކެކެވެ. އެގޮތުން ދޭނެ ރުކެއް ނެތް މީހެއްނަމަ އެމީހާ ވަޅުލަނީ، ޤަބްރުސްތާނުން ބޭރުގައި، ދުރުހިސާބެއްގައެވެ. މިއީ ދާދިމިދާކަށްދުވަހާ ޖެހެންދެން އެކަންކަން ހިނގާފައިވާ ގޮތެވެ.

ފަޅު ރަށްރަށުގައި ހުންނަ ރުއްގަސް އަހަރަކު އެއްފަހަރު ގުނަ އެވެ. ގުނަނީ ފަންވަތް ބަނދެގެންނެވެ. އެއްރުއް ހުރި މީހާއަށް ސަރުކާރަށް އޭނާ ދައްކަންޖެހޭ ބައިގެ ބަދަލުގައި ފައިސާއަށް އަގުމަގުކުރެވޭ ކޮންމެއެއްޗެއް ވެސް ދެއްކިދާނެއެވެ. އެގޮތުން މަސް، ބޮލި، ރޯނު ފަދަ ތަކެތި ވެސް ދެއްކިދާނެއެވެ. ތައްކަށީގެ ރުއްގަހަކީވެސް ސަރުކާރު ނުވަތަ ބަންޑާރަ ރުއްގަހެވެ. އެބައިވެސް ވަރުވާއަށް ލިޔެދެއްވައެވެ. އަދި ކުރިން މިދެންނެވި ގޮތަށް އަގުމަގު ވެސް ކުރެވެއެވެ. ރައްޔިތަށް، ރައްޔިތުން އިންދާ ރުއްގަސް، ވަރުވާއަށް ލިޔެދެއްވަނީއެވެ. އެއީ ގޮއި ރުއް ނުވަތަ ގޮއިގަނޑު ނުވަތަ ގޮއިފާލައްބައެވެ. އަމިއްލަ މީސްމީހުންގެ އެފަދަ ތަންތަނަކީ، ހިންނައެވެ. ޢާއްމުގޮތެއްގައި ވަރުވާއަށް ލިޔެދެއްވަނީ، ރުއްގަނޑު ތަކެވެ. ސަރުކާރުގެ ގަސްގަހާގެހި ވިއްކަނީއެވެ. ނުވަތަ ބޭނުންވުމުން ކަނޑައިގެން ސަރުކާރަށް ގެންދަނީ އެވެ. (ފުނަ، ކާނި، ހިރުދު ފަދަ ގަސްތައް ހުންނަނީ ބައެއް ރަށްރަށުގައެވެ.) ސަރުކާރަށް ގެންދަނީ ވަކި ބޮޑުމިނެއްގެ ކާއްޓެވެ. ލޯވަޅެއް އަޅާފައިއޮންނަ ފިލައެއް (ސަރުކާރުން އެކަމަށް) ފޮނުވާފައިއޮވެއެވެ. އެ މިނުގެ އެއްފިލާ ސަރުކާރުގެ ކަމާބެހޭ އިދާރާގައި އޮންނާނެއެވެ. ސަރުކާރަށް ދައްކަންޖެހޭނީ އެ ފިލާގައި އިންނަ ލޯވަޅުން ނުވެއްޓޭ ވަރުގެ ކާއްޓެވެ.

ރަށްރަށުގެ ގޮއިފާލައްބަ ހިންނަ ފަދަ ތަންތަން ވަރުވާއަށް ލިޔާމީހުން، އާމްދަނީހޯދުމުގެ މަސައްކަތް އެތަންތަނުގައި ކުރެއެވެ. "ގޮއި" އެއީ ރުއްދަނޑުތައްކަމަށްވާތީ، އެތަންތަނުގައިހުންނަ ރުއްތައް ލިޔުމަށްފަހު، ކުރީޒަމާނުގައި އެތަންތަނުގައި ގެއެއްއަޅައިގެން ރާވެރިކަމުގެ މަސައްކަތާއި، ރުއްތައް ސާފުކުރުމާއި، ކުރެވެންހުރި މިންވަރަކަށް ދަނޑުވެރިކަމުގެ މަސައްކަތްވެސް ކުރުވައެވެ. މަހުންމަހަށް ކާށިއެޅުވުމާއި، ރާ ކެއްކުމާއި، ދެންވެސް ބަލަންޖެހޭ ތަކެއްތި ބެލެހެއްޓުމަށް ގޮއިވެރިއަކު ހަމަޖައްސައެވެ. (އެގޮތުން ފަޅުރަށްތައް ބެލެހެއްޓުމަށް އެރަށްތަކުގައި ތިބޭ މީހުންގެ ނަމަކީ "ރަށްވެރިޔާ" އެވެ. އެރިކާއްޓާއި، ދަނޑުވެރިކަމުން ބައިނެގުމުގެ ކަންކަން ބަލަހައްޓާނީ އެމީހާ އެވެ. އެހެނިހެން މަސަތްކަތްކުރާނެ މީހުން ވެސް ބޮޑެތި ފަޅުރަށްރަށުގައި ތިބެއެވެ. އެމީހުން ނިދައި، ކައިބޮއިހަދަނީ އެ ރަށްރަށުގައެވެ.)

ރަށްރަށުގެ ގޮއި ލިޔެގެން އުޅޭ މީހުން މަހުންމަހަށް ރުކުއަޅާ މީހުން ރަށުތެރެއިން ހޯދައިގެން ގެނެސް އެކަންކަން ކުރުވައެވެ. ރުކުއަޅާ މީހުންނަށް ލިބެނީ، އެރިކާއްޓާއި، ގުރުޑުކާއްޓެވެ. އެރިކާއްޓަށްދެނީ 5/1 ބައެވެ. އެހެންނަމަވެސް ރާވެރިކަމަކީ، ދާއިމީކޮށްކުރާ މަސައްކަތެއްކަމަށް ވާތީ، އެކަންކުރަނީ، ރާބަދިގެއެއް އަޅައި، އެކަމަށް މީހުން ހަމަޖައްސައިގެންނެވެ. އެ މަސައްކަތްކުރަން އަންހެނުންވެސް ތިބެއެވެ. ރާ ކައްކަން ގެންދާ މީހުންނާއި، އެހެނިހެން މަސައްކަތްކުރަން ގެންދާ މީސްމީހުންގެ ނަމުގެ ކުރިއަށް "ގޮއި" އެޖުމްލަ އިތުރުކޮށްގެން ނަން ކިޔައެވެ.

އެގޮތުން އެމީހުންގެ ނަމުގެ ކުރިއަށް ގޮއިއާމިނަ، ގޮއިފާތުމަ، ގޮއިހަލީމާ އިތުރުކޮށް އެނަން ކިޔައެވެ. މުޅިގޮއިގަނޑުގެ ވެރީންނަށް ހަމަޖައްސާ ފިރިހެނުންގެ ނަމުގެ ކުރިއަށް އިތުރުކޮށް ދާއިމީކުރެވެނީ "ގޮއި" މި ޖުމްލައެވެ. އެގޮތުން ގޮއި އަލި މަނިކު، ގޮއި އަހަންމަދު، ގޮއި އީސާ، ގޮއި މޫސާ، ރަށްވެރި ހަސަނު، ކިޔައެވެ. ގޮއިލިޔާ ފަރާތުން އެކަންކަމަށް ހަމަޖައްސާ ބައެއް މީހުންނަށް ގޮއިވެރި އަލީ، ގޮއިވެރި މުޙަންމަދު، ގޮއިވެރި ތުއްތު، ކިޔައެވެ. އަދި ބައެއްފަހަރަށް އެމީސްމީހުންގެ ޢާއިލާއަށްވެސް އެ ނަން ނިސްބަތްކުރެވެއެވެ. އެގޮތުން ގޮއިގޭ ޢަލި ދީދީ، ގޮއިގޭ އައިސާދީދީ، ގޮއިގޭ މުޙަންމާ ދީދީ، ގޮއިގޭ ހުސައިން، ގޮއިގޭ ފާތުމާވެސް ކިޔައެވެ. ޙަޤީޤަތުގައި އެއީ ބަނޑޭރި ނުވަތަ ސަރުދާރު ކަމެކެވެ. ގޮއިބަލަހައްޓަން ޙަވާލުވާ މީހުންގެތެރެއިން މުއްސަދިވާ މީހުންނަށް ކަލޭގެ ނުވަތަ ކަލޭގެފާނޭވެސް ކިޔާފައި ހުރެއެވެ. އެގޮތުން ގޮއިވެރި އަލި ކަލޭފާނު ނުވަތަ ގޮއިގޭ އަލި ކަލޭފާނޭ ވެސް ކިޔައެވެ. ގޮއިވެރިކަމުގެ ޝަރަފަކީ، ގޮއިލިޔެގެން ލިބިގަންނަ ފަރާތަށް އޮންނަ ކަމެކެވެ. މިސާލަކަށް މަސްދޯންޏެއް، ނާލު ބައްތެއްޔެއް ނުވަތަ ނާލު ބޯޓެއްގެ ޝަރަފާއި، ފަޚްރުގެ ވެރީންނަކީ، އެއުޅަނދުފަހަރުގެ ދަންޑަހެލުން، މާލިމީން، އަދި ކައްޕިތާނުންނެއް ނޫނެވެ. ޝަރަފުވެރީންނަކީ، އެ އުޅަނދުފަހުރުގެ ވެރީންނެވެ. ނުވަތަ އޯނަރުންނެވެ. ނަމަވެސް ކައްޕިތާނުން، ނެވީން، އަދި މާލިމީންނަށް ނުވަތަ އެ އާއިލާއަށް އެފަދަ ނަންތައް ނިސްބަތް ކުރެވެއެވެ. ދަންޑަހެލު އަލީ، މާލިމީ އަލިބެ، އަދި މާލިމީގެއޭ ވެސް ކިޔައެވެ.

ހަވަރުތިނަދޫގެ ގޮއިވެރިކަމަކީ އެކަމެއްއޮތް ޒަމާނުގައި އެކަން ކުރިމީހަކު ނުވަތަ އެމީހެއްގެ ޢާއިލާ އެކަމާއި އެހާ ފަޚުރުވެރިވާންޖެހޭ ވަރުގެ ކަމެއްނޫނެވެ. އެކަން އޮވެފައި ނެތުމުންވެސް ބަޔަކު އެހާ ކަންބޮޑުވާންޖެހޭ ކަމެއްވެސް ނޫނެވެ. ފުރަ ބަންޑާރަ ކަމެކެވެ. އަރައި ފައިބާ ކަމެކެވެ. އެދުވަސްވަރު ވެސް އެކަންދިޔައީ އަރައި ފައިބަމުން ނެވެ. ހަވަރުތިނަދޫގެ ގޮއިވެރިކަމަކީ، ކޮބައިތޯއާއި އެކަމުގައި ކުރަން ޖެހެނީ ކޮންކަމެއްތޯ ބަލައިފިނަމަ ފަޚުރުވެރިވުމާއި ކަންބޮޑުވުމެއް އެކަމުގައިނެތްކަން ރަގަޅަށް އެނގޭނެ އެވެ. އެކިފަހަރުމަތިން އެކަންކުރި މީހުންނާއި، އެމީހުންގެ ޢާއިލާ އެކަމަށް ފަޚުރުވެރިވާން ޖެހޭކަމަށް އޭގެ މާފަހުގެ ޖީލެއްގެ މަދުމީހަކު ހީކުރާ ކަހަލައެވެ. ނަމަވެސް ކޮންމެވެސް މުއްދަތަކަށް އެކަންކުރިމީހެއްގެ ނަމާއިގުޅިގެން "ގޮއިވެރި" ކިޔާފައި އޮވެދާނެއެވެ. އެއީ މިހާރުވެސް ބައެއްމީހުން ނުވަތަ އެމީހެއްގެ ޢާއިލާ ވަކިކޮށް ދެނެގަތުމައްޓަކައި ބައެއްފަހަރު ވެފައި އޮންނަ ކަމެކެވެ. އެކަމެއްކުރި ފަރާތަކުން އެފަދަނަމެއް ކިޔުމަށް ކޮންމެހެންބޭނުން ވެގެން ކުރާކަމެއް ނޫނެވެ. އެހެންބަޔަކު ކިޔާގޮތަކަށް އޮންނަކަމެކެވެ. މިސާލަކަށް ސެންޓަރު ޢަލިބެ، ނާއިބު އިސްމާޢީލް ދީދީ، ދޭވާނި ޢަލިފުޅު، އެސްޓީއޯ ސަލީމް، ގާޒީ ނަޢީމް ފަދަ ބައެއް ބޭކަލުންގެ ނަމާއިގުޅިގެން މަގާމެއްގެ ނަން ނުވަތަ މަގާމުގެގޮތުން ކުރެއްވިކަމެއް އެބޭކަލުންގެ ނަމާއި ގުޅިގެން ކިއިފައި ހުރެއެވެ.

ހަވަރުތިނަދޫގެ ދަނޑުކޮޅާއި، މެދުރުއްގަނޑާއި، ބަރާސީލާއި، ތިނަދޫ މާފުއްޓާއި، ކޫއްޑުވާއި، ކާޑެއްދޫ، މާލޭގެ ހަވަރަށް އޮތް ޒަމާނުގައި ހަވަރުތިނަދޫގެ ރައްޔިތުން އެކަމަށް ކޮންމެހެން އެދުމެއްނެތި، ހަވަރުގެ ފަރާތުން މިތަންތަން އެރަށު ރައްޔިތުންނަށް ވަރަށްބޮޑު ވަރުވާކަށްއަށް ދީގެން އެބައިމީހުންލައްވައި އެތަންތާގައި ކުރުވާ މަސައްކަތެއްކޮށް އޭގެ ހުރިހާފައިދާއެއް ނަގައި މާލެ ފޮނުވުމަށް ހަވަރު ތިނަދޫގައި މާލޭގެ ހަވަރުގެ ފަރާތުން ބޮޑު ބޭކަލެއްގެ ނަމުގައި މާލެއިން ފޮނުވާ މީހަކު ހަވަރުތިނަދޫގައި ބެހެއްޓިއެވެ. އެ ޒަމާން ބަދަލުވެ، ފަހުން ބޮޑުބޭކަލެއްގެ ބަދަލުގައި އެހެން މީސްމީހުން ބައިތިއްބާގޮތަށް ހަމަޖެއްސުމުން، އެމީހުން މަޝްހޫރު ވެފައިވަނީ ހަވަރުތިނަދޫގެ ގޮއިވެރިޔާގެ ނަމުންނެވެ. އެދުވަސްވަރު މިކަމަށް ހަމަޖައްސަނީ ހުވަދުއަތޮޅުގައި ދިރިއުޅޭ ކޮންމެވެސް މީހެކެވެ. މިމީހެއްގެ މަސައްކަތަކަށް ވެފައިވަނީ ކުރިންދެންނެވި ތަންތާގެ ފައިދާއާއި، އަހަރަކު އެއްފަހަރު އޮންނަ ވަރުވާގެ އިތުރުން ހަވަރުތިނަދޫގެ ރައްޔިތުންގެ އަތުން ކޮންމެއަހަރަކު އެއްފަހަރު ޖިޒީއަށްނަގާ ތަކެތި 300 ބޮޑުވައްޓޭ ބޯޑި (ބޮޑު ފަތަފޮޅި ކުދެވަޓި ވެށުން) އާއި، ކާޑެއްދޫ ކުނަލުގެ 200 ކުނަލާއި، ރަށުގެ ކޮންމެ ގެއަކުން ހުޅެވި ކުނަލަކާއި، ރަށުން 16 ބުރި ވަކަލަކާއި، ބޮއްކުރައަކާއި، ރަށުގެ ކޮންމެ މީހެއްގެ އަތުން 02 ސަމްސާ ކާށިތެޔޮ (25 އަޑުބާ) އާއި، އަދި ރަށުގެ ކޮންމެ މީހެއްގެ އަތުން ބައިކޮއްޓޭ ބޮލި ނަގައި މާލޭގެ ހަވަރަށް ފޮނުވުމެވެ. އެކަމަށް ހަމަޖައްސާ މީހުން ފަހުން އެކަމުން ވަކިވެ އެހެން ރަށްރަށުގައި ވެސް ދިރިއުޅެފައިވާކަން އެނގެ އެވެ. އެގޮތުން ދެއްވަދޫ ގޮއިވެރި ކަޅުތުއްތު ދީދީ ފަހުން ދިރިއުޅުއްވީ ކ.އަތޮޅު ގުރައިދޫގައެވެ. މިތަކެތި މާލެއަށްގެންދާ އުޅަނދުގެ ނަމަކީ، ގޮއިއޮޑިއެވެ. އަތޮޅުތަކުން ނެގޭ ވާރުޚަރާޖަކީ، ސަރުކާރުން ބައިތިލްމާލަށް ޖަމާކުރާއެއްޗެއް ކަމަށް ވިއަސް އެދުވަސްވަރު ހަވަރުތިނަދޫ މީހުންގެ އަތުން ނަގާ ޖިޒީ އަކީ، ހަވަރުގެ ތަކެއްޗެވެ.

ގޮއިވެރިކަމަކީވެސް ވަޒީފާއެކެވެ. އަތޮޅުވެރިކަމަކީވެސް ވަޒީފާއެކެވެ. ނާއިބު ކަމަކީވެސް ވަޒީފާއެކެވެ. ޚަޠީބުކަމަކީ ވެސް ވަޒީފާއެކެވެ. ކާތިބުކަމާއި، ޕިޔޯނުކަމަކީވެސް ހަމަ ވަޒީފާއެކެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް ލިބުން ލާއިގު ކަންކަމެވެ. އެއީ ފަޚްރާއި، ޝަރަފް އޮތް ކަމެއްކަމަށްވާނަމަ، އެކަންކަންއޮތީ، އެކަންކަން ލިބުނު ފަރާތްތަކަށެވެ. އިސްލާމީ ހިޔާވަހިކަމުގެތެރޭގައި އެކަން އޮތްގޮތް ސީރަތުން ވަރަށް ސާފުކޮށް އެނގެން އެއޮތީއެވެ. ކޮންމެމީހަކަށްވެސް ލިބޭނީ، އެމީހަކު އެޅިއެއްޗެއްގެ "އެރި" އެވެ. އެނޫން އެހެންގޮތަކަށް އެކަންކަން މާނަކުރާނަމަ ކެޔޮޅު އަހަންމަދުގެ ދަރިއަކަށް ރައީސްކަން ލިބިވަޑައިގެންފިނަމަ އޭނާ ވާނީ ކެޔޮޅު ރައީސަށެވެ. އަދި އަހަންމަދު ރައީސުގެ ދަރިފުޅަކީ ކެޔޮޅެއްނަމަ އޭނާ ވާނީ، ރައީސު ކެޔޮޅަށެވެ. މިއީ އެކަން އޮތްގޮތްކަމަށް އެއްވެސް މީހަކު ޤަބޫލު ނުކުރާނެއެވެ. މާތް ﷲ ގެ ހަޒްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ އެންމެ ތަޤްވާވެރި މީހާއެވެ. ރިޝްވަތަށް މާތް ﷲ ގެ ހަޒްރަތުން ލިބޭ ލޮބޮވެތިކަމެއް އޮތްކަމެއް އެނގިއެއްނެތެވެ.

މާލޭގެ ބޮޑުހުޅުގެ ޙާދިސާގައި އަތިރީގޭ އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދެފައިންޕުޅުގައި ބިޑި އަޅައި އައްޑުއަތޮޅަށް ފޮނުވި އޮޑި، މޫސުމް ނުބައިވެ ވިއްސާރަވެ ދަތުރުކުރެވޭވަރު ނުވެގެން ހަވަރުތިނަދޫ ފަޅުގައި ދެހަފުތާއަށްވުރެ ގިނަ ދުވަހު އޮތެވެ. އޭރު ހުވަދުއަތޮޅުގެ އަތޮޅުވެރިޔަކީ ޙާޖީ މުޙައްމަދު ކަލޭގެފާނެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކީ ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނުގެ އިބްރާހީމް އެދުރު ތަކުރުފާނުގެ ބޮޑު މުރީދު ތަކުރުފާނު ގެ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ އަޙުމަދު ދޮށިމޭނާ ކިލެގެފާނު (ދޮން އަޙުމަދު ދީދީ)ގެ ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ދޮށީ ދަރިކަލުން، އިބްރާހީމް ދީދީ އެވެ. މަންމައަކީ މާލޭ ދީނުގޭ ކަލޭފާނުގެ މަރިޔަމް ދީދީ އެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 15 ޖުމާދިލް އޫލާ 1260ހ، 2 ޖޫން 1844 ގައެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ބޮޑުފުޅުވި ބޭފުޅުންނަކީ ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނާއި، ސުމުއްވުލް އަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި، އައްނަބީލް ޢަބުދުލް ޙަމީދު ދީދީ އާއި، އަދި އައްނަބީލާ ތުއްތު ދޮންދީދީ އެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަދާކުރެއްވި ވަޟީފާތަކަކީ:

ތުރުކީގެ ފަރާތުން އޮޅުދޫ ކަރައިގެ ގާލީގައި ހުންނަވާ ކޮންސަލްކަން (ޖޭޕީ)
އިބްރާހީމް ނޫރައްދީންގެ ބޮޑު ވަޒީރުކަން ( 1300 ހ. ޝައްވާލުމަހުތެރޭގައި)
މުޙައްމަދު މުޢީނުއްދީން ގެ ބޮޑު ވަޒީރުކަން ( ރަސްކަމުގެ ކުރީކޮޅު)
އިބްރާހީމް ނޫރައްދީންގެ ދެވަނަ ރަސްކަމުގެ ބޮޑު ވަޒީރުކަން ( 1306ހ އިން 1310ހ އަށް )
ދޮށިމޭނާ ކިލެގެކަން (ކޮލިލެއްވީ 1302ހ ގެ ޝައްވާލް މަހުގެ ތެރޭގައި)
މުހައްމަދު ޝަމްސުއްދީން(3) ގެ ފުރަތަމަ ރަސްކަމުގެ ބޮޑުވަޒީރުކަން ( 7މެއި 1893މ / 20 ޝައްވާލް 1310 ގައި )
މުޙައްމަދު ޢިމާދުއްދީން(6) ގެ ދެވަނަ ރަސްކަމުގެ ބޮޑު ވަޒީރުކަން: (  20 ޖުލައި 1893 / 6 މުޙައްރަމް 1311ހ) އަށް . މިބޮޑު ވަޒީރުކަމުން ވަކިވީ 1317ހ ގައި .
މުހައްމަދު ޝަމްސުއްދީން(3) ގެ ދެވަނަ ރަސްކަމުގެ ބޮޑުވަޒީރުކަން : (11 މާރޗް 1903މ / 11 ޛުލްޙައްޖާ 1320ހ) އަށް . މިބޮޑު ވަޒީރުކަމުން ވަކިވީ 1343ހ ގައި

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ފުރަތަމަ ރަސްކަމުން ފެށިގެންނެވެ. އެރަދުންގެ ބޮޑު ވަޒީރު ކަމުގެ މަގާމްގައި ޚިދުމަތްކުރައްވަން ފެއްޓެވިއެވެ. އޭގެ ފަހުން ތިއްބެވި އެކި ރަސްރަސްކަލުންގެ ދައުރުގައިވެސް އެކި ވަގުތު އެމަގާމް ފުރުއްވެވިއެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވިއިރު ހުންނެވީ މުޙައްމަދު ޝަމްސުއްދީން ރަދުންގެ ބޮޑުވަޒީރު ކަމުގައެވެ. އެއީ ރަސްކަމުގެ ކުރީކޮޅުއެވެ. އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ހިމެނެނީ އަތިރީގެ ޚާންދާންގެ ވެރިކަމުގެ އެންމެ ޚާއްޞަ އެއް ޝަޚްޞިއްޔަތު ކަމުގައެވެ. ސިޔާސީ ގޮތުން އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަކީ ދިވެހި ދައުލަތަށް ކުރިމަތިވި ހަމަނުޖެހުން ތަކެއްގައި އުޅުއްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ. ވެރިކަމުގެ ދާއިރާގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައިވެސް، ކެތްތެރިކަމާއެކު، ގައުމަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ވަރަށްގިނަ ރޮނގު ރޮނގުން ކާމިޔާބާއި ނާކާމިޔާބު އެމަނިކުފާނާއި ކުރިމަތި ލެއްވިއެވެ. ނަމަވެސް އެންމެ ފަހުން އެމަނިކުފާނަކީ އަތިރީގޭ ޚާންދާންގެ ވެރިކަން ތަމްކީން ކުރެއްވި ޝަޚްޞިއްޔަތެއް ކަމުގައި ވިއެވެ. ބޭރު ދުނިޔޭގައި ވެސް އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ފާހަގަ ކުރެވިގެންވިއެވެ. ވަރަށް ހަރުދަނާ ޝަޚްޞިއްޔަތެއް މެއެވެ. އިސްކޮޅުން މެދުމިނުގެ ދޮން ބޭފުޅެކެވެ.

އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ޚާއްޞަ ޚިދުމަތުގެ ތެރެއިން ފާހަގަ ކޮށްލެވެނީ ބޮޑު ރަސްގެފާނު މާލޭގެ ވަށައިގެން ލެއްވި ތޮށި ވީރާނާވެފައިވާތީ 1312 ހ ގައި މާލޭގެ ބޭރު ތޮށި ލެއްވުމާއި، ވޯރާ ވިޔަފާރިވެރިންގެ އަތުން ޑިއުޓީ ނަންގަވާގޮތަށް ހަމަޖެއްސެވުމެވެ. އެ ކިލެގެފާނު އަވަހާރަވީ ދިވެހި ދައުލަތުގެ ބޮޑު ވަޒީރުގެ ގޮތުގައި ހުންނަވައި 4 ރަމަޟާން 1343ހ، 31 މާރޗް 1925 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގައެވެ. 

މާލޭގެ ބޮޑުހުޅުގެ މައްސަލާގައި ކުށްވެރިއެއްގެ ގޮތުން ކިލެފާނު އައްޑުވަށް ފޮނުވާލެއްވި ދަތުރުގައި ވިއްސާރަވުމުން ފަޅުއޮޑިއެއްގާ ގިނަދުވަސްވަންދެން ހަވަރުތިނަދޫގެ ބަނދަރުގައި އިބްރާހީމް ދޮށިމޭނާކިލެގެފާނު އެހެން އޮންނަވަން ވެއްޖެނަމަ އެފަހަރު ދިވެހިދައުލަތުން ކިލެގެފާނަށް ކަޑައެޅުއްވި އަދަބަށްވުރެ މާއުނދަގޫ މޫސުމީ އަދަބެއް ކިލެގެފާނަށް ލިބިވަޑައިގަންނަވަމުން ދާތީ ހުވަދުއަތޮޅުގެ އެއިރުގެ އަތޮޅުވެރިޔާ އެ ކިލެގެފާނު ހަވަރުތިނަދޫއަށް ބޭލުއްވިއެވެ. އެކަންކުރެއްވޭ ފަދަ ބާރާއި އިޚްތިޔާރެއް އަތޮޅުވެރިންނަށް ލިބިލައްވާފައިވާ ނަމަ އެކަން އެންމެބޮޑަށް އެނގިލައްވާނީ ވެސް އަތޮޅުވެރިންނަށެވެ. އެބާރާއި އިޚްތިޔާރެއް ނެތްނަމަ އެކަމުގެ ދުއްތުރާތަކާއި، ފަހުން އޭނާ ކުރިމަތިލައްވަންޖެހޭނެ އެވެ. އެކަމާއި ޖަވާބުދާރީ ވެލައްވަންވާނެއެވެ. ދިވެހިދައުލަތުގެ އޭރުގެ ބޮޑު ކުށްވެރިއަކަށް އެފަދަ ޢިނާޔަތެއް ދެއްވުމުން އަތޮޅުވެރިކަމުގެ މަގާމް ގެއްލި ކުށްވެރިވާނެއެވެ. (އެފަދަކަމެއްވީކަމެއް އެނގިއެއްނެތެވެ.) އޭގެފަހުންވެސް ގިނަ އަހަރުތަކެއްވަންދެން އަތޮޅުވެރިޔާ މުޙައްމަދު ކަލޭގެފާނު މަގާމްގައި ދެމިހުންނެވިއެވެ. ކުށްވެރިއެއް ނުވެއެވެ. އެފަހަރުގެ ވިއްސާރައާއި  މޫސުމް ރަނގަޅުވުމުން އެއޮޑިއެއްގައި ކިލެގެފާނު އައްޑުއަތޮޅަށް ފުރުވާލެއްވިއިރު އަތޮޅުވެރިންގެ މަސްއޮޑިއެއް (މަސްދޯންޏެއް) އޮޑިއާއެކު އައްޑުއަށް ދިޔައެވެ. އެދިޔައީ އައްޑޫއޮޑި އައްޑުއަށް ނުގޮސް ކިލެގެފާނު ގޮވައިގެން ފިލައިގެން ސިލޯނަށް ހިނގައިދާނެކަމަށްތޯ ނުވަތަ ކިލެގެފާނަށް އެހިނދަށް އެރުވޭ ގާތްކަމެއްގެ ގޮތުންތޯ ނުވަތަ ނޫންތޯ އަޅުގަނޑަކަށް ނޭނގެއެވެ. ކޮންމެއަކަސް އަތޮޅުވެރިންގެ މަސްދޯންޏެއް އޮޑިއާއެކު އައްޑުއަށް ދިޔައެވެ.

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އައްޑުއަށް ފޮނުވިތާ މާގިނަދުވަހެއް ނުވެ ކިލެގެފާނު މިނިވަންވެވަޑައިގަތެވެ. އައްޑޫން ފިއްލަވައިގެން ވަޑައިގެން ރާއްޖެއިން ބޭރަކަށް ވަޑައެއް ނުގަންނަވަ އެވެ. އެކަން ކުރައްވަން އުޅުއްވިނަމަ އެކަމުގައި ބޮޑު ދައްޗެއް އޮންނާނޭކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ. އެކިލެގެފާނުގެ ބާރުފުޅު ރާއްޖެއިން ބޭރުގައި އެދުވަސްވަރު ވަރަށްގަދަޔަށް އޮތުމާއެކު ކިލެގެފާނު މިނިވަންކުރުމުގެ މަސައްކަތް ބޭރާއި އެތެރޭގައި އޭރުވެސް ހިނގަމުން ދިޔައެވެ. ދިވެހިތާރީޚުން އެކަން ބައްލަވާށެވެ. އެހެންކަމާއެކު ކިލެގެފާނު މިނިވަންވެވަޑައިގެން ދިވެހިދައުލަތުގެ މަތީފަޑީގައި ބާރާއެކު ހިމެނިވަޑައިގަތެވެ. އެކަން ހިނގައިދިޔަ ގޮތް ދިވެހިތާރީޚުން އެނގެން އެބަ އޮތެވެ.

ކިލެގެފާނު މިނިވަންވެ ވަޑައިގަތުމުގެ މާފަހުން ހަވަރުތިނަދޫގެ ގޮއިވެރިކަމަށް ދެއްވަދޫ އިސްމާޢީލްދީދީގެ މުޙައްމަދުދީދީ ހަމަޖެހުނެވެ. މިއީ އައްޑޫގެ މީހެއްނޫނެވެ. ހުވަދޫ މީހެކެވެ. އޭރުގެ ހުވަދުއަތޮޅުގެ އަތޮޅުވެރި ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނާއި ދެބެންގެ ދެދަރި އަންހެނެއްގެ ދަރިއެކެވެ. އަޅުގަނޑަށް ގިނަ ގޮތްގޮތުން އެނގި ގަބޫލުކުރެވިފައިވަނީ ކުރިއްސުރެ ވެސް ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ދިގުވެރިކަމުގެ ދުވަސްވަރުގެ ހުރާގޭ ރަސްރަސްކަލުންނާއި މާލޭގެ ވެރިކަމުގެ ގިނަބޮޑުންނާއި އޭނާއާއި ގާތްކަން އޮތްކަމެވެ. ޚާއްޞަކޮށް ބޮޑު ހުޅުގެ ޙާދިސާ ހިނގިއިރުގެ ރަސްގެފާނުކަމަށްވާ މުޢީނުއްދީން(ސާނީ) ރަދުންނާއި، ނޫރައްދީން ބަންޑާރައިންނާއި، ޝަމްސުއްދީން ރަދުންނާ ވެސް ގާތް ބޭކަލެއްކަމެވެ. އަދި ޝަމްސުއްދީން ރަދުންގެ ކޮއްކޯފުޅު ދޮންގޮމާއާއި، އެގޮމާގެ ފިރިކަލުން އަލްއަމީރު ޢަބުދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނާއިވެސް ވަރަށްގާތްކަން އެނގެއެވެ. ރަންނަބަނޑޭރި ކިލެގެފާނަކީ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލެކެވެ.

ކަންހިނގި ގޮތަކީ މިއީކަމަށްވާއިރު ދެއްވަދޫ އިސްމާޢީލް ދީދީގެ ދަރިއެއްކަމަށްވާ މުޙައްމަދުދީދީގެ މަންމައަކީ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ދެބެންގެ ދެދަރި ދައްތައަކަށް ވުމުން މުޙައްމަދުދީދީއަށް ހަވަރުތިނަދޫގެ ގޮއިވެރިކަން ހަމަޖެހިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އިސްމާޢީލްދީދީގެ ރަށްކަމަށްވާ ދެއްވަދޫގެ ކަޅުތުއްތުދީދީ ވެސް އޭރުވަނީ ހަވަރުތިނަދޫގެ ގޮއިވެރިކަން ކުރައްވާފައިކަމަށް ވާތީ ދެއްވަދޫ ދަރިކޮޅުގެ މީހަކަށް އަލުން އެކަން ދެއްވުމަކީ ވެސް ފަހަރުގައި ވެދާނެ ކަމެކެވެ. ދެއްވަދޫއަށް ނިސްބަތްވާ ބޭފުޅަކު ދިވެހި ރާއްޖޭގެ ރަސްކަން ވެސް ކުރެއްވިއެވެ. ދޮށިމޭނާ ކިލެގެފާނަށް ކޮށްދެއްވި ކަމަކުން އޭގެ ބަދަލުގައި ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަމިއްލަ ނަފުސަށް އެހިނދަށް ބޭނުންވެލައްވާނޭ މާބޮޑުކަމެއް އޮންނާނެއެކޭ ހިޔެއްނުވެއެވެ. އަދި އަތޮޅުވެރިޔެއްގެ ޙައިސިއްޔަތުން ކަލޭގެފާނު ކުރެއްވި ވަކިކަމަކާއި ގުޅިގެން އޭނާއަށް އެހެންބޭފުޅަކު އިތުރަށް ކަމެއް ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ބާއޭ ވެސް ހީވެއެވެ. މިހެނީ މުޙައްމަދު ކަލޭގެފާނަކީ އެހާތަނަށް ވެސް ހުވަދުއަތޮޅުގައި ހުންނެވި އެންމެ ތަނަވަސް ފަރާތެވެ. ދެފަހަރެއްގެމަތިން 31 އަހަރު އަތޮޅުވެރިކަމުގައި ހުންނެވި ބޭކަލެކެވެ. 

އާދެ! ހުވަދޫ އަތޮޅުވެރި ކަލޭފާނު، ނުވަތަ ހަވަރުތިނަދޫ ޙާޖީ މުހަންމަދު ކަލޭފާނުގެ ސިޔަރަތަކީ، ފަޚްރުވެރި، އަދި ވަރަށް މުއްސަނދި ސިޔަރަތެކެވެ. ހެއްކާއި، ޤަރީނާތައް ވަރަށް ގިނައެވެ. ޔޯލަކޮށްފައެއް ނޫނެވެ. އޭނާ ދެކެފައިވާ މީހުންނާއި، އަދި އޭނާގެ އަމިއްލަ ޤަލަމުގެ ލިޔެކިއުންތަކުންވެސް މެއެވެ! އެ މަޢުލޫމާތުގެ އަހުލުވެރީން ވަނީ، އެ މަޢުލޫމާތު ލިޔެފައެވެ. ތާރީޚް އޭގެ އަމިއްލަ ނަފުސު އިޢާދަކުރާނެއެވެ. އެކަމަށް ބޭނުންވެއްޖެ ހިނދެއްގައެވެ.

ހަވަރުތިނަދޫގެ ގޮއިވެރިކަމަކީ ރައްޔިތެއްލައްވައި ކުރުވި (އަޅުވެތިކަމުގެ) ފުރަ ބަންޑާރަ ކަމެކެވެ. އެއީ އަރައި ފައިބާ ކަމެކެވެ. އެދުވަސްވަރު އެކަންދިޔައީވެސް އަރައި ފައިބަމުންނެވެ. އެއީ ފަޚުރުވެރިވާންޖެހޭ ވަރުގެ މާމޮޅު ކަމެއްނޫނެވެ. އެކަން އޮވެފައި ނެތުމުން ވެސް މީހަކު އެހާ ކަންބޮޑުވާން ޖެހޭ ކަމެއް ވެސް ނޫނެވެ.
            --------------------
ލިޔުއްވީ: ޢަލީ ނަޞީރު/ ޒޫރިޔާގެ، މަޑަވެލި
21/12/2012