ހުވަދުއަތޮޅު ދެކުނުބުރީ ހެލްތުސެންޓަރ ހުޅުވުން













މިއަދު (10 އޮގަސްޓް 1969މ.) އެންމެފުރަތަމަ ލިޔެލަންޖެހޭނީ ރޭގެ އުފާވެރި ޖަލްސާގެ ވާހަކަ ދޮގެއްތޯއެވެ؟ ހެލްތުސެންޓަރ ހުޅުވުމުގެ ޖަލްސާފެށުނީ 8.30 ގައި އަތޮޅުގޭ ދެކުނުފަރާތުން ރަށުއޮފީހާ ދޭތެރޭގައެވެ. އެއީ ސެންޓަރގެ ކުރިމައްޗެވެ. ގަޑިޖެހުނުއިރު، އަތޮޅުގެ އެކި ރަށްރަށުގެ ވެރިންނާ ހަވަރުތިނަދޫގެ އެއްމެހާ ކަމުވޮށީންގެއިތުރަށް ހިސާބަކަށް ޖިންސުލަތީފުންވެސް ޙާޒިރުވެފައިވެއެވެ. ރިޔާސަތު  އެތުރިފައިވަނީ ހުޅަނގު ފަރާތުގައެވެ. ދެކުނުފަރާތުން ނަންބޯޑަކުން "ގދ. ހެލްތްސެންޓަރ" ނަންބޯޑު އެބަފެނެއެވެ. 


މުޅިތަނަށް ވެރިވެފައިވާ މިޔްޒިކެއްގެތެރޭގައި މިހާރު އަތޮޅުވެރިޔާ ގައްދޫ އަލްފާޟިލް ޙުސެންމަނިކު ވެސް ޙާޒިރުވެލައްވައިފިއެވެ. މުޅިތަނަށް ވެރިވި ހަމަހިމޭންކަމާއިއެކު، ޞަލަވާތުގެ ބަރަކާތުން ޖަލްސާ ފައްޓަވާދެއްވީ ޤާޟީ އަލްފާޟިލް އަޙްމަދު ޙަބީބުއެވެ. ޖަލްސާ ތަޢާރަފްކުރެއްވުމުގެ ގޮތުން ވާހަކަދެއްވީ ރަށުގެކަތީބު އަލްފާޟިލް މޫސާފަތުޙީ އެވެ. ރާއްޖޭގެ 8ވަނަ ހެލްތުސެންޓަރގެ ގޮތުގައި މިހެލްތުސެންޓަރު ހުޅުވޭކަމަށްޓަކައި ޕަބްލިކު ހެލްތުސެންޓަރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިފަދަ ސެންޓަރަކުން އަތޮޅުގެޞިއްޙަތަށްލިބޭނެ މަންފާ ހާމަކުރެއްވިއެވެ. ދެން ވާހަކަދެއްކެވީ އަތޮޅުކޮމިޓީގެފަރާތުން އަލްފާޟިލް ޢަބުދުއްޞަމަދު ޙުސޭން އެވެ. ނުހަނު އިޙްތިރާމާއިއެކު އަތޮޅުވެރިޔާގެ އަރިއަހުން ހެލްތުސެންޓަރ ހުޅުއްވާދެއްވުން އެދެމުންނެވެ. ތަބަކެއްގެމަތީގައިވާ ކަތުރެއް އަތޮޅުވެރިޔާގެއަތްޕުޅަށް އެރުވުމުން ސެންޓަރގެ ކައިރިޔަށް ވަޑައިގެން "މާތްﷲގެ އިސްމުފުޅުގެ ބަރަކާތް ލިބިގަންނަމުން މިސެންޓަރުން އަތޮޅަށް މަތިވެރި ޚިދްމަތްތަކެއްލިބުން އެދި"  ދަމާލެވިފައިވާ ފީތާފަށް ކަޑުއްވާލަދެއްވިއެވެ. ތަރްޙީބީ އަތްތިލަބަޑިޔެއްގެ ތެރޭގައެވެ.

ދެން އޮތީ އަތޮޅުވެރިޔާ އާ ކޮމިޓީގެ މެމްބަރުން ސެންޓަރުތެރެ ބައްލަވާލެއްވުމެވެ.  ކުޑަ ހިނދުކޮޅަކަށްފަހު ދެން އިވެމުންދިޔައީ ހެލްތުސެންޓަރ ހުޅުވުމުގެ މުނާސަބަތުގައި ޕަބްލިކުހެލްތުން ފޮނުއްވާފައިވާ ބަޔާނެއްއިއްވުމެވެ. އެބަޔާނުގައި ރައިއްޔަތުންނަށާ ވެރިންނަށް ޚާއްޞަގޮތެއްގައި އެމަސައްކަތުގައި އެއްމެ ބޮޑަށް ޙަރަކާތްތެރިވެ އުޅުއްވި އަތޮޅުކޮމިޓީ މެމްބަރ އަލްފާޟިލް ޢަބުދުއްޞަމަދަށް ޝުކުރު އަދާކުރައްވާފައިވެއެވެ. ދެން އިވެމުންދިޔައީ މުނާސަބަތުގައި ހެދިފައިވާ ޅެމެއްގެ އަޑެވެ. (ސްޕީކަރެއްގެ ޒަރީޢާއިންނެވެ.) ޕްރޮގްރާމްގެ 7ވަނަ ނަމްބަރުގައިވަނީ އަތޮޅުވެރިޔާގެފަރާތުން އަލްފާޟިލް ގައްދޫ ޙަސަންމަނިކު (އަތޮޅުވެރިޔާގެ ދަރިކަލުން) ވާހަކަދެއްކެވުމެވެ. އޭނާގެ ވާހަކައިގައި ފުރަތަމަ ހެލްތުސެންޓަރެއް ހުޅުއްވާދެއްވުން އެދި ދަވްލަތަށް ދެންނެވުނު ތާރީޚާ އެކަން ލަސްވަމުންދިޔަ ސަބަބު ހާމަކޮށްދެއްވިއެވެ. އަދި ސެންޓަރެއް ހުޅުވުނުނަމަވެސް އެކަން ކުރިއެރުވުމަށްޓަކައި ބޭނުންވާ އިއްތިޙާދުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އަތޮޅުވެރިޔާ އާ އަތޮޅުކޮމިޓީން ގަސްދުކުރަނީ މުސްތަޤްބަލްގައި ސެންޓަރުގެ ގޮފިތަކުން އަތޮޅުގެ ހުރިހާ ރަށްތަކަށްވެސް ފައިދާ ލިބޭނޭގޮތް ހަމަޖައްސަވާދެއްވުން ކަމުގައި ވިދާޅުވިއެވެ.

ދެން އޮތީ ޢާއްމުޞިއްޙަތާއިބެހޭ ގޮތުން އަޅުގަނޑު ވާހަކަދެއްކުމެވެ. އަޅުގަނޑުގެ ވާހަކައިގައި މިއީ ސިއްޙަތަށްޓަކައި އިންދުނު ތަހްޒީބުގެ އޮށެއްކަމުގައި ދެންނެވީމެވެ. މިކަމުގެ ފައިދާ އެއްދުވަހުން އަނެއްދުވަހަށް ފެންނަމުންދާނެއެވެ. ފުރަތަމަ ފަށައިގަންނައިރު މިކަމަށް މާބޮޑު ޢާއްމު ތަރުޙީބެއްނެތް ނަމަވެސް ފަހުން މިއީ އެއްމެބޮޑު ތަރްޙީބުލިބޭ ޚިދުމަތަށްވާނެއެވެ. ރާއްޖޭގައި ފުރަތަމަ ހުޅުވުނު ސެންޓަރުގައި ޚިދްމަތްކުރުމުގެ ނަޞީބު ލިބިފައިވާ މީހެއްގެގޮތުން މިވާހަކަ ތަޖްރިބާއާއިއެކު ދެންނެވީމެވެ. ޢާއްމު ޞިއްޙަތާބެހޭގޮތުން ދެންނެވީ ޞިއްޙަތަކީ އެއްވެސްމީހެއްގެ އަމިއްލަ އެއްޗެއްނޫނެވެ. ޤަވްމީ އެއްޗެކެވެ. އެމީހަކު ޤަވްމުގައި ހިމެނިފައިވާ ޙައިސިއްޔަތަކުން ޞިއްޙަތުގެ ގެއްލުން ޤަވްމަށް ލިބިގެންދާނެއެވެ. މިސާލެއްގެގޮތުން މިހާރު ޑަބްލިޔޫ އެޗް އޯ އިން ހިލޭ ބޭސްލިބޭ ޓީ ބީ ލެޕްރެސީ އަދި މެލޭރިޔާ ފައިލޭރިޔާ ފާހަގަކޮށްލީމެވެ. އަދި ދާދިއަވަހަށް މާލޭގައި އެބަލިތަކަށް ފަރުވާކުރާމީހުން ބޭހާއިއެކު މިސެންޓަރުން ފަރުވާކުރުމަށް ރިފަރ ކުރެވޭނެއެވެ. އަޅުގަނޑު ހީކުރިވަރަށްވުރެ މިރަށުގެ ޢާއްމުޞިއްޙަތު ރަގަޅެވެ. ސަބަބެއްކަމުގައި ފެންނަނީ މިހާރު މިރަށުގައި މަގުތައްހެދި ގެތައްހެދެމުންދާ ރަގަޅު އިންތިޒާމުގެސަބަބުން އާބުހަވާ ރަގަޅުކަމެވެ. ވާހަކަ ނިންމާލަމުން އަތޮޅުވެރިޔާގެ ވާހަކަޔަށް ތާއީދުކޮށް އަތޮޅުވެރިޔާއަށާ އަތޮޅުކޮމިޓީއަށް ޝުކުރުދެންނެވުމާއި ޞިއްޙީ ޚިދުމަތުގައި އަތުކުރިއޮޅާލުމަށް އިލްތިމާސްކުރީމެވެ.

ދަވްލަތަށް ޝުކުރު އަދާކުރެއްވުމުގޮތުން ވާހަކަދެއްކެވީ އަލްފާޟިލް ޙަކީމް ޙުސެން ޢަފީފެވެ. އޭނާގެ ވާހަކައިގައި ދަވްލަތަށްޝުކުރު އަދާކުރެއްވުމުގެ އިތުރަށް ޞިއްޙަތުގެމައްޗަށް އަލިއަޅުއްވާލައްވާ  ބޭސްވެރިކަމުގެ އެހާރާއި މިހާރުގެމައްޗަށްވެސް ބައްލަވާލެއްވިއެވެ. ދަވްލަތުން މިއެޅުއްވި ފިޔަވަޅަކީ، ތަރައްގީއަށްޓަކައި ކޮންމެހެން އަޅުއްވަންޖެހިއްޖެ ފިޔަވަޅެކެވެ. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަށާ ދަވްލަތުގެ އެހެން ވެރިންނަށް ޚާއްސަގޮތެއްގައި ޕަބްލިކުހެލްތުގެ ވަކީލަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަތޮޅުވެރިޔާ އާ އަތޮޅުކޮމިޓީ މެމްބަރުންވެސް ހިމެނުއްވިއެވެ. ދެން ތަނަށް ވެރިވެގެންދިޔައީ ޤަވްމީ ސަލާމުގެ އިޙްތިރާމެވެ. ޖަލްސާ ނިމިގެންދިޔައީ އަތޮޅުވެރިޔާގެ ކުރު ބަސްކޮޅަކުންނެވެ.

ސައިގެބައި އޮތީ ދެބައިކުޅައެއްބައި ކޮކްޓޭލް ގޮތަކަށެވެ. ސައި ނުނިމިއުޅެނިކޮށް ވާރޭ ވެހެންފަށައިފިއެވެ. ފުރަތަމަ ތުނިކޮށްވެހިލުމަށްފަހު ބޯކޮށްލުމުން އެއްބައި ބޭކަލުންދުރުވީ ރަށުއޮފީހު ފެންޑާއަށެވެ. އަނެއްބައި ބޭކަލުން ސެންޓަރުގެ ފެންޑާއަށެވެ. ވާރޭވެހުނުލެއް ބޯކަމުން ވަރަށްގިނައިރު "ހައްޔަރުވެފައި"ތިބުމަށް ޖެހުނެވެ. ވެހުނު ބޯ ވާރޭ ބަޔެއް ބޭކަލުން ތަރުޖަމާކުރެއްވީ "ބަރަކާތެއް" ކަމުގައެވެ.

އާދެ! ގދ. ހެލްތުސެންޓަރ ހުޅުވުނީއެވެ. ޙަމްދާ ޝުކުރުހުރީ ނިޢްމަތްތަކުގެވެރި ﷲ އަށެވެ. ޝުކުރާ ތާރީފު އަދާކުރެވެނީ މިކަމުގައި މަސައްކަތްކުރެއްވި ހިއްމަތްތެރިންނަށެވެ.
                  ---------------------

ލިޔުއްވީ: އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ މީޒާން/ ނައިފަރު (ޑައިރީ)