މަޑަވެލީ މޫސިޔާ (މޫސާ އިސްމާޢީލް) އާއި، ޢާއިލީ ވަނަވަރު










ތިރީގައިވަނީ، 07 އޯގަސްޓް 2011މ. ގެ "ހަވަރުއޮންލައިން"ގައިވާ ލިޔުމެކެވެ. މުޞަންނިފަކީ، އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި އެވެ. މަރުޙޫމް ޢަލީ ނަޞީރުގެ މި ލިޔުއްވުން "ގަލެހިރި" ސައިޓްގައި ޝާއިޢުކޮށްފައި މިވަނީ އޭގައިވާ މަޢުލޫމާތުގެ ބޭނުންތެރިކަމަށްޓަކަ އެވެ. މި މަޢުލޫމާތުގެ އިތުރަށް މި ލިޔުން ނިސްބަތްކުރެވޭ ފަރާތެއްކަމަށްވާ މަޑަވެލީ މޫސިޔާ (މަޑަވެލީ މޫސާ އިސްމާޢީލް)ގެ ޢާއިލާގެ ވަނަވަރު ހޯއްދަވަން ބޭނުންފުޅުނަމަ، މިތަނަށް ފިއްތަވާލެއްވުން އެދެމެވެ.
                ***********


މަޑަވެލީ މޫސިޔާ – "ހުވަދުއަތޮޅުގެ ފާހަގަކުރެވޭ ޝަޚުޞިއްޔަތެއް"

ރާއްޖޭގެ އެހެން އަތޮޅުތަކޭ އެއްގޮތަށް ހުވަދުއަތޮޅުގައި ވެސް ފާހަގަކުރެވޭ ޝަޚުޞިއްޔަތްތަކެއް އުފެދިފައިވާނެ އެވެ.  ނަމަވެސް އަތޮޅެއްގެ ޝަޚުޞިއްޔަތެއްގެ ޚިދުމަތާއި ފާހަގަކުރަންޖެހޭ ކަންކަން ލިޔުންތަކުން އެނގެނީ މަދު ފަރާތެއްގެ އެވެ. ރާއްޖޭގެ ޢާއްމު ލިޔެކިޔުންތަކުން ކުރިއްސުރެ އެނގެން ހުންނަނީ، މާލެއާއި ގުޅުންހުރި، ނުވަތަ މާލޭގައި ޚިދުމަތެއް ނުވަތަ ކަމެއްކުރި ފަރާތެކެވެ. މަދު ފަހަރެއްގައި ނޫނީ، ރާއްޖެތެރޭގެ ޝަޚުޞިއްޔަތެއްގެ ފާހަގަކުރެވޭ ކަމެއް ލިޔުންތަކުން ނުފެނެ އެވެ.  ވަރަށް ފަހަކަށް އައިސް އެކި ފަރާތްތަކުގެ ލިޔުއްވުމުން ރާއްޖެ ތެރޭގެ މަދު ފަރާތްތަކެއް އެނގެން ހުރެއެވެ. ރާއްޖެތެރޭގެ ޝަޚްޞިއްޔަތްތަކުން ފާހަގަކުރެވޭ ބައެއް ޝަޚުޞިއްޔަތާ ގުޅޭ އާޓިކަލްތައް މިހާރަކަށް އައިސް އެކިއެކި ނޫސް މަޖައްލާ އަދި ވެބްސައިޓްތަކުން މަދުމަދުން ނަމަވެސް ފެނެ އެވެ. އެއީ ހަނދާނާއި ތާރީޚާއި އަދި މަޢުލޫމާތަށްޓަކައި އުފާކުރަންޖެހޭ ކަމެކެވެ. 


ހުވަދުއަތޮޅުގައި ވެސް ފާހަގަ ކުރެވޭ ޝަޚުޞިއްޔަތް ތަކެއް އުފެދި ނިމިގެން ގޮސްފައި އެބަވެ އެވެ.  ފާހަގަކުރަންޖެހޭ ދަރިފަސްކޮޅެއް ވެސް ދޫކުރައްވާފަ އެވެ. އެގޮތުން އެފަދަ އެއްބޭކަލަކީ، އަޅުގަނޑު ވެސް އެ ރަށަކަށް އުފަންވި މަޑަވެލީގެ މޫސާ އިސްމާޢީލެވެ.  މޫސާ މާލިމީގެ އިސްމާޢީލްކަލޭގެ މޫސާ އެވެ އޭނާގެ މަޝްހޫރުވެފައިވާ ނަމަކީ، މަޑަވެލީ މޫސިޔާ އެވެ.

ދިރިއުޅުއްވުމުގައި މަޑަވެލީ މޫސިޔާ (މޫސާ އިސްމާޢީލް)ގެ ކާބަފައިންނަށް ކުރިމަތިވި، ގޮންޖެހުންތަކާ ބެހޭ ގޮތުން ކުރީއްސުރެ އިވިފައިވާ ބައެއް ވާހަކަތަކުގެ ބިންގަލެއް އޮތުމުން އެ ޒަމާނުގައި ރާއްޖޭގެ ދިރިއުޅުމުގެ ޙާލަތު ވެސް އެ ކަންކަމުން ސިފަވެގެންދެ އެވެ.  ހަމައެކަނި ތާރީޚީ ކަމެއްގެގޮތަކުން ނޫނެވެ.  އިޖުތިމާޢީ ސިޔާސީ ނިސްބަތުގައި ވެސް ކަންއޮތީ އެހެންނެވެ. ފޭރޭމީހުންގެ ނުބައިކަމުން މުދާކޮޅު ސަލާމަތްކުރުމާއި، ދިރިއުޅުމުގައި ފަސޭހަތައް ހޯދުމަށް މީހަކު ކުރަންޖެހުނު ބުރަ މަސައްކަތުގެ ހުރަހަކަށްވެގެން ދިޔަ ކަންކަން މި ޙާދިސާއިން އެނގެ އެވެ.  މިއީ ތާރީޚީ ކަންކަމަށް ލޯބިކުރައްވާ ފަރާތްތަކަށް ބޭނުންތެރި ވާހަކަތަކެއް ކަމުގައި ފަހަރުގައި ވެދާނެ އެވެ.

ގެމެންދޫ، ނުވަތަ ގަލަންދޫ މޫސާ މާލިމީ (މަޑަވެލީ މޫސިޔާގެ ކާފަ) ގެ ޢާއިލާ އަކީ، ފުވައްމުލަކުން ހިޖުރަކުރެއްވި ޢާއިލާއެއްކަމަށް ބުނެވެ އެވެ.  ގެމެންދޫއަކީ، ހުވަދުއަތޮޅު އިރުއުތުރު ދުނީގައި ކުރިން އޮތް ނަމަވެސް މިހާރު ނެތް ރަށެކެވެ.  މޫސާ މާލިމީމެންގެ ޢާއިލާއަކީ، ކުރިއްސުރެ ދިރިއުޅުއްވުމުގެ ފަސޭހަތަކާއި، ބޭރުގެ ކަނޑުފޭރޭ މީހުންގެ ނުރައްކަލުން މީހުންނާއި، މުދާ ސަލާމަތްކުރެއްވުމަށްޓަކައި ވިއަސް، ހުވަދުއަތޮޅުގެ ބައެއް ރަށްރަށުގައި އަމިއްލަގޮތުން ވަޒަންވެރިވަމުން ގެންދެވި ޢާއިލާ އެކެވެ.  އެ ޢާއިލާ އެ ފަހަރަކަށް އުޅޭ ރަށެއް ރޯގާ ބަލިމަޑުކަމެއްގައި ނުވަތަ ކޮންމެވެސް ސަބަބަކާހުރެ، ފަޅުވާން ދިމާވުމުން ނުވަތަ އެ ރަށަކީ ފަޅުރަށަކަށް ވެއްޖެނަމަ، އެ ރަށެއްގައި މީހުން ދިރިއުޅުމަށް ސަރުކާރުގެ ހުއްދައެއް ނޯންނާތީ، އެހެން ރަށެއްގައި މޫސާ މާލިމީމެންގެ ޢާއިލާ ވަޒަންވެރިވަނީ އެވެ.  އެންމެ ފަހުން އެ ޢާއިލާ އުޅުނުކަމަށް ބުނެވެނީ، ހުވަދުއަތޮޅު ކެރަމިންތާގަ އެވެ.  ނަމަވެސް އޭގެފަހުން މޫސާ މާލިމީ ކެރަމިންތާގައި ހުންނެވީ، އެރަށް ވަރުވާއަށް ލިޔުއްވައިގެންނެވެ.  އޭނާގެ ދަރިއެއްކަމަށްވާ އިސްމާޢީލުކަލޭގެ (މަޑަވެލީ މޫސިޔާގެ ބައްޕަ) ދިރިއުޅުއްވީ، މަޑަވެލީގަ އެވެ.  މަޑަވެލީ އިސްމާޢީލުކަލޭގެ ނަމުން އޭނާ މަޝްހޫރު ވެފައިވެ އެވެ.  މަޑަވެލީގައި ކުރިން ވެސް  (ގާތްގަނޑަކަށް މީލާދުގެ އަށާރަވަނަ ގަރުނު ފެށުއިރު)  މަދުބަޔަކު އުޅުނުކަމުގައި ވިއަސް، އާބާދީއެއް އެކަށައެޅި ރަނގަޅަށް ފެށިފައިވާކަމަށް ލިޔުންތަކުން ފެންނަނީ 1845މ. ގެ ފަހުން ނެވެ.

މޫސާ މާލިމީ ކެރަމިންތާ ވަރުވާއަށްލިޔުއްވީ، އެ ރަށުގައި ޢާއިލާއާއެކު އޭނާ ދިރިއުޅުއްވަމުން ގެންދަވަނިކޮށް މުޙައަމަދު ޢިމާދުއްދީން (4 ވަނަ) ގެ ރަސްކަމުގެ ކުރީކޮޅު ގާތްގަނޑަކަށް 1839 މީލާދީގައި ހުވަދުއަތޮޅުގެ ވާރުވެރިންގެ އަމުރަށް މޫސާ މާލިމީ އެ ރަށް ދޫކުރައްވަން އެންގެވުމުން ނެވެ.  މިކަމުގެ ޙައްލެއް ހޯއްދެވުމަށް މޫސާ މާލިމީ މާލެދުރުވެ ފަނޑިޔާރު މަނިކުފާނުގެ އަރިހުގައި މިވާހަކަ ދެންނެވި އެވެ.  ކެރަމިންތާގައި ރުއްގަސް އިންދަވައި ގޮވާންކޮށް ރަށް ބަލަހައްޓައި އެރަށުގައި ދިރިއުޅެނިކޮށް، އަތޮޅުވެރީން އެ ރަށް އޭނާއާއި ވަކިކުރައްވައި އަދި އޭނާގެ އަތުގައި ހުރި މުދާވެސް  އަތުލެއްވިކަމެވެ. 

ފަނޑިޔާރު މަނިކުފާނު މިވާހަކަތައް އައްސަވައި މިވާހަކަ ރަދުންނަށް ދަންނަވައި، އަދި އެރަށް މޫސާ މާލިމީއަށް ދެއްވުމުގެ މައްޗަށް މަޝްވަރާ އެރުވިއެވެ.  މިކަމާގުޅިގެން ރަދުން އޭނާއަށް ކެރަމިންތާ ދެއްވައި އިހުވެސް އެ ރަށުގައި އުޅުނު ފަދައިން އުޅެންދާން މާލިމީއަށް އެންގެވި އެވެ. މިފަހަރު ރަށް ދެއްވީ ރަށުގެވަރުވާއަށް އަހަރަކު ސާޅީސްކޮއްޓޭ ބޮލި ބޮޑުބަނޑޭރިގެއަށް މާލިމީ ދައްކަވާ ގޮތަށެވެ.  މާލިމީ ވެސް މިގޮތާއި ޤަބޫލުވެލެއްވި އެވެ.  މޫސާ މާލިމީ ކެރަމިންތާގައި އުޅުއްވީ ކިހާ ދުވަހަކުކަން އޮޅުންފިލާކަށް ނެތެވެ. (ކުރީގެ "ހުވަދުއަތޮޅު" ފޮތް -  ޞަފްޙާ 20 ން 22 ށް)

މޫސާ މާލިމީ ކެރަމިންތާގައި ދުވަސްތަކެއް ވޭތިކުރެއްވީ ތަނާ، އެ ރަށުގެ ބަދަލުގައި ހޯނޑެއްދޫގައި ވަޒަންވެރިވެލެއްވުމަށް ހުވަދުއަތޮޅުގެ ވާރުވެރިޔާ މޫސާ މާލިމީއަށް އެންގެވި އެވެ.  ވާރުވެރިޔާ އެ ފިޔަވަޅު އެޅުއްވީ މަދު މީސްކޮޅެއް އެކަނިމާ އެކަނި ވަކިން އެކަހެރިން ފަޅުރަށެއްގައި ވަޒަންވެރިވެގެން އުޅުމަށް ވާރުވެރިންނަށް ފެނިވަޑައިނުގަންނަވާތީ އެވެ.  އެ ދުވަސްވަރު ހުވަދުއަތޮޅުގައި ވާރު(އަތޮޅުވެރިކަން) ކުރަނީ، ހޯނޑެއްދޫގަ އެވެ.  ވާރުގެ ހަވަރުތިނަދުއަށް ބަދަލުކުރެއްވީ،  މޫސާ މާލިމީގެ އިސްމާޢީލްކަލޭގެ މޫސާ އިސްމާޢީލް (މަޑަވެލީ މޫސިޔާ)ގެ މަރިޔަމް މޫސާގެ ޙާޖީ މުޙައްމަދު ކަލޭގެފާނެވެ.  އޭނާގެ އަތޮޅުވެރިކަމުގަ އެވެ.

މޫސާ މާލިމީއަށް ވާރުވެރިޔާ އެންގެވި އެންގެވުމުގެ ބޭނުމަކީ، ފަޅުރަށެއްގާ މާލިމީ ހުންނެވުން ރަނގަޅުނޫން ކަމެވެ. އެހެންކަމަށް ވާތީ ވާރުވެރިޔާގެ މިއަމުރަށް ތަބަޢަވެލައްވައި ފަޅުރަށުން އޭނާގެ ދިރިއުޅުން ބަދަލުކުރެއްވީ މަޑަވެއްޔަށެވެ.  މަޑަވެލީގައި މިހާރު ދިރިއުޅޭ ގިނަ މީހުންނަކީ، މޫސާ މާލިމީއާއި މާލިމީ މަޑަވެއްޔަށް ދިރިއުޅުން ބަދަލުކުރެއްވިއިރު އެ ރަށުގައި އޮތް ދޮންނެއިގެ ޢާއިލާއާއި ދެ ޢާއިލާއަށް ނިސްބަތްވާ މީހުންނެވެ.  މަޑަވެލީ މޫސިޔާއަކީ، ކުރިން ދެންނެވިހެން މޫސާ މާލިމީގެ މަޑަވެލީ އިސްމާޢީލްކަލޭގެ މޫސިޔާ (މޫސާ އިސްމާޢީލް) އެވެ.  އިސްމާޢީލްކަލޭގެ ނަމުގެކުރިއަށް މަޑަވެލި ކިޔައިއުޅެނީ މަޑަވެއްޔަށް އޭނާ އުފަންވުމުންނެވެ.  ނަމަވެސް އޭނާގެ ބައްޕައާ މަންމަ އުފަންވީ އެ ރަށަކުނޫނެވެ.  މަޑަވެއްޔާ ގުޅޭ މިޙާދިސާ ހިނގާފައިވާކަމަށް ބުނެވެނީ، 1850މ. ވަނަ އަހަރުގަ އެވެ.  މިނޫނަސް މޫސާ މާލިމީމެން ހުވަދުއަތޮޅުގެ ރަށްރަށުގައި ދިރިއުޅުއްވުން ގެންދެވިގޮތާ މެދު ދައްކައިއުޅޭ އެ ކަމުގެ މާބޮޑު އިތުބާރެއް ނޯންނަ ވާހަކަތައް ހުރެ އެވެ.

މޫސާ މާލިމީ މަޑަވެއްޔަށް ދިރިއުޅުއްވުން ބަދަލުކުރެއްވި ދުވަސްވަރު މަޑަވެލީގައި އުޅެނީ (މަހަށްދިއުމުގެ ބޭނުމުގައި) ބަނޑަހަ ޖަހައިގެން ތިބި، ދޮންނެއި ޢާއިލާގެ 7 ފިރިހެން ކުދީންނެވެ.  މަޑަވެލީގައި އެންމެ ފުރަތަމަ (ގާތްގަނޑަކަށް މީލާދީން 1880 ގެ އަހަރު ތަކުގައި) މިސްކިތެއް ބިނާކުރެއްވީ މި 7 ބެއިންނެވެ.  އެ މިސްކިތް ޢިމާރާތްކޮށްފައި ވަނީ، މާލޭ ކަޅުވަކަރު މިސްކިތާއި އެއް ސިފައަކަށް ހަމަ އެ ބޮޑުމިނުގައި ހިރިގަލުންނެވެ.  މިހާރުގެ ވަޠަނިއްޔާ އެންޓަނާގެ އިރު ދެކުނުގައި  (ނިކަގަހާ ދިމާއިން  10 ވަރަކަށް ފޫޓުހާތަން ހުޅަނގު ދެކުނުގައި)  ޢިމާރާތްކޮށްފައިވާ، އެ މިސްކިތް ރޫޅާލީ މީލާދީން  1980މ. ގެ އަހަރު ތަކުގަ އެވެ. މި 7 ބެއިން ނިޔައުވެ ވަޅުލާފައިވަނީ، އެ މިސްކިތާއި ޖެހިގެން 10 ވަރަކަށް ފޫޓު އުތުރުގަ އެވެ. 

މީލާދީން 1800 ގެ އަހަރުތައް ފެށުނުއިރު މަޑަވެއްޔަކީ، މީހުން ދިރިއުޅޭ ރަށެއްގެގޮތުގައި ސަރުކާރުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ރަށެއްނޫން ކަމަށް ލަފާކުރެވެނީ، މަޑަވެއްޔަކީ، ފަޅުރަށެއްކަމަށް (މީލާދީން 1840 ވަނަ އަހަރު)  ކެޕްޓަން މޮރަސްބީ ލިޔުއްވާފައި ވާތީ އެވެ.  މިއީ ހަވަރުތިނަދޫގައި "ލާޓްދަގަނޑު"ގެ ނަމުން މަޝްހޫރުވެފައިވާ ދަގަނޑު ޖެއްސެވި މޮރަސްބީއެވެ.  ނަމަވެސް އެ ރަށާ ގުޅުންހުރި އެކިއެކި ކަންކަމަށް ރިޢާޔަތް ކުރާއިރު، މޮރަސްބީ އެ ވިދާޅުވާ ދުވަސްވަރުގައި ވެސް ކޮންމެވެސް ބަޔަކު މަޑަވެލީގައި ދިރިއުޅޭނެ ކަމުގެ ހެކި ލިބެ އެވެ.  ނަމަވެސް، ސަރުކާރުގެ އިދާރީ ދަފުތަރުގައި ދަފްތަރު ކުރެވިފައިނުވަނީ ކަމަށް ލަފާކުރެވެ އެވެ.  

އަލްއުސްތާޛު މުހައްމަދު އިބްރާހީމް ލުޠުފީ ލަފާކުރައްވާފައި ވަނީ، މަޑަވެލީގައި ދިރިއުޅެނީ ކާޑެއްދޫ ފަޅުކުރުމަށްފަހު، މަޑަވެއްޔަށް ދިޔަ މީހުން ކަމަށެވެ.  ނަމަވެސް ކާޑެއްދުއަށް ނިސްބަތްވާ އެއްވެސް ޢާއިލާއެއް އެ ރަށުގައި ފާހަގަކުރެވިފައި ނުވެއެވެ.  މަޑަވެލީގައި ފާހަގަކުރެވޭ ޢާއިލާތައް އެ ރަށަށް ހިޖުރަކޮށްފައި ވަނީ، ކޮނޮންޓާ، ކެރަމިންތާ، ކާށިހުޅުދޫން ކަމަށް ބުނެވެ އެވެ.  މި ދެންނެވި ރަށްރަށުން ހިޖުރަކުރި މީހުންގެ ކާފަދަރީން މިހާރު ވެސް އެ ރަށުގައި އެބަ ތިބޫ އެވެ. އެ މީހުންގެ ކުރީގެ ދަރިފަސްކޮޅު އެ ރަށްރަށާ ގުޅިފައިވެ އެވެ.

ސަރުކާރުން މަޑަވެއްޔަށް ވެރިއަކު(ކަތީބަކު) ހަމަޖެއްސެވީ، މީލާދީން 1890 ގެ އަހަރުތަކުގެ ފަހުކޮޅުގައި ކަމަށް ބުނެވެ އެވެ.  ބަރުތީލަކުރި ފަތްކޮޅަކުން އެންމެ ފުރަތަމަ ކަތީބުކަމަށް ހަމަޖެއްސެވީ މަޑަވެލީ ދޮންނެއިގެ މުޙައްމަދެވެ.  އޭގެފަހުން އޭނާގެ ނަމަކީ، މުޙައްމަދު ކައްތިކަލޭގެ އެވެ.  (ބަރުތީލަ ކުރުމަކީ، ފަތްކޮޅުގައި ލާއިން ރަދުން ސިއްކައެއް ޖެއްސެވުމެވެ.)  އެއީ ރަދުންނަށް އޭގެ އަގުއަރުވާފައި ގަންނަންޖެހޭ ލިއުމެކެވެ. ޚަޠީބުކަމާއި، އެ ފަތްކޮޅުގެ ކަންތައް ހަމަޖައްސަވައިދެއްވުމަށް އިސްކޮށް ޙަރަކާތްތެރިވެލެއްވީ، ހޯނޑެއްދޫ ބޮޑުކަލޭފާނު ކަމަށް ބޮޑުގޭ އާދަމްފުތު އަޅުގަނޑުގާތު ބުނުއްވި އެވެ.  ޢުމުރުން 100 އަހަރަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށް 2011 ވަނަ އަހަރު ފެށުނުތަނާ ހެން ނިޔައުވި ހޯނޑެއްދޫ ބޮޑުގޭ އާދަމްފުތަކީ، ބޮޑުކަލޭފާނުގެ ދަރިއެކެވެ.  ބޮޑުކަލޭފާނަކީ، ދައުލަތްހިންގެވުމުގައި އިސްކޮށްއުޅުއްވި ބޭފުޅުންނާއި، ވަރަށްގާތް ގުޅުމެއް އޮތް ބޭކަލެކެވެ.  

ހުވަދުއަތޮޅުގެ ޗާޓް ކުރެހި ކެޕްޓަން މޮރަސްބީއާއެކު އަތޮޅުތެރޭގައި އުޅުއްވި މާލިމީއަކީ، (ކޮނޑޭ ބޮޑުދޮންމަނިކާގެ ރައްކަލާ) ބޮޑުކަލޭފާނެވެ.  އޭނާއަކީ، ވަރަށް މަޝްހޫރު ކަރަވެއްސެކެވެ.  އޭނާގެ އެހީތެރިކަން ފާހަގަކުރައްވައި ކަލޭފާނުކަމާއި، އަދި ވަރުވާއެއް ނުނަންގަވައި، ހުވަދުއަތޮޅުގެ ދެ ފަޅުރަށްކަމަށްވާ ކެދެރާއި، ފެނެހުއްޓާ ވެސް ވަނީ އޭނާއަށް ސަރުކާރުން ދެއްވާފައެވެ.  އެ ދެ ރަށް އެ ޢާއިލާއިން ވަކިވީ އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ވުޒާރާތައް އުފައްދަވައި އެގްރިކަލްޗަރ މިނިސްޓްރީގެ ދަށަށް ފަޅުރަށްތައް ގެނެސް ވަރުވާއަށް ލިޔާގޮތަށް ހަމަޖެއްސެވުމާއި ގުޅިގެންނެވެ.  މި މަޢުލޫމާތު އަޅުގަނޑަށްދެއްވީ މަޑަވެލީ ޒޫރިޔާގޭ ޢަލީ އިބްރާހީމެވެ. ޢަލީ އިބްރާހީމުގެ މަންމައަކީ ގދ.ކަނަންދޫ (މިހާރު ފަޅުރަށެއް) ނެވިގޭ ދަލޭކަ(ޒުލޭޚަ) ގެ މަރިޔަމް އެވެ.  މި ޒުލޭޚާ ކަނަންދޫ އިން މަޑަވެއްޔަށް ހިޖްރަކުރީ މީލާދީން  1890 ވަނަ އަހަރު ހާތާނގައި ކަމަށާއި، މަޑަވެލީގެ އޭރުގެ އާބާދީއަކީ، ގާތްގަނޑަކަށް 100 ވަރަކަށް މީހުންކަމަށް ބުނެވެ އެވެ.

މޫސާ މާލިމީގެ މަޑަވެލީ އިސްމާޢީލްގެ މަޑަވެލީ މޫސާ އިސްމާޢީލް (މަޑަވެލީ މޫސިޔާ) މަޑަވެލި ދޫކޮށްލައްވައި ހަވަރުތިނަދޫގައި ދިރިއުޅުއްވުމެއް ފެއްޓެވީ، މަޑަވެލީގެ އެ ދުވަސްވަރުގެ ވެރިކަމުގެފަރާތުން އިންޞާފާއި ދެފުށްފެންނަ ހަމަހަމަ ގޮތެއްގައި ކަންކަން ކުރައްވަމުން ނުގެންދަވާތީވެ، އެކަން ރަނގަޅުކުރެއްވޭތޯ ކުރެއްވި މަސައްކަތުގެ ނަތީޖާއެއް ފެނިނުލެއްވުމުންނެވެ.  އެހެންވެ އެންމެފަހުން އޭނާ ނިންމެވީ، ހަވަރުތިނަދޫއަށް ހިޖުރަ ކުރައްވާށެވެ.  ހަވަރުތިނަދޫން މެރަދޫގޭ އާމިނަތު(އާމިނަ) އާއި ކާވެނިކުރައްވައިގެން ބޮޑު ޢާއިލާއެއް އުފެދުނެވެ.  ދަރީންގެދަރީންނާއި އެ ދަރީންގެ ދަރީންނާއި އެ މީހުންގެ ދަރިފަސްކޮޅު ވަރަށް ފުޅާކޮށް އެބަ ފެނެ އެވެ.

މަޑަވެލީ މޫސާ އިސްމާޢީލް ނިޔައުވެ ވަޅުލާފައިވަނީ، ކެރަމިންތާގަ އެވެ.  އޭނާގެ ކާފަ މޫސާ މާލިމީ ކެރަމިންތާގައި އުޅުއްވަނިކޮށް މާލިމީއާ ކުރިމަތިކުރުވި ދަތިކަމުގެ ސަބަބުން ކަމަށް ވިއަސް، މޫސާ އިސްމާޢިލްމެންނަށް ރަނގަޅު ދިރިއުޅުމެއް ފަހިވުމުން ކެރަމިންތާ އަލުން ހޯއްދެވި އެވެ.  އަދި އެ ރަށަކީ އެ ބޭކަލުންގެ ޢާއިލާއަށް އޮތް ރަށެކެވެ.  މޫސާ އިސްމާޢީލް (މަޑަވެލީ މޫސިޔާ)ގެ މަރިޔަމް މޫސާގެ ޙާޖީ މުޙައްމަދު ކަލޭގެފާނު ނިޔައުވުމާ ހަމައަށް ވެސް ކެރަމިންތާ އޮތީ އޭނައަށެވެ.

ހުވަދުއަތޮޅު ތިނަދޫގައި ފާހަގަކުރެވޭ ބޮޑެތި 25 ޢާއިލާގެ ތެރެއިން 15 ޢާއިލާއަކީ، މި ލިޔުމުގައިވާ މޫސާ އިސްމާޢީލް (މަޑަވެލީ މޫސިޔާ)ގެ ދަރީންގެދަރީންނާއި ގުޅިފައިވާ ޢާއިލާތަކެވެ.  އޭނާގެ ދަރިފަސްކޮޅެވެ.  މޫސިޔާ (މޫސާ އިސްމާޢީލް) އަކީ މަޑަވެލީގެ ބޭކަލަކަށް ވިޔަސް، އެ ރަށް ދޫކުރައްވައި އޭނާ ހަވަރުތިނަދުއަށް ދިރިއުޅުން ބަދަލުކުރެއްވީ މަޑަވެލީގައި އޭރު ހިނގަމުންދިޔަ ވެރިކަމުގެ ތެރެއިން ހަމަހަމަކަމާއި ފައިދާއާއި ބިނާކުރަނިވި ގޮތްތައްކަމަށް އޭނާ ދެކިލައްވާ ގޮތްތައް (މިހާރުގެ ޑިމޮކްރަސީ) ނެތުމުންކަމަށް އޭނާ އެ ދުވަސްވަރު ހާމަކުރައްވަމުން ގެންދެވި އެވެ.  އެހެންކަމުން އޭނާ ހަވަރުތިނަދުއަށް ހިޖުރަކުރައްވައި އެ ރަށާއި މެރަދޫއަށް ނިސްބަތްވާ މެރަދޫގޭ އާމިނަތު(އާމިނަ) އާ ކައިވެނިކުރައްވައި އެ ދެ ކަނބަލުންގެ ޒަވާޖީ ޙަޔާތުން ވަރަށްބޮޑު ދަރިކޮޅެއް އުފެދިގެން އައެވެ.

މޫސާ އިސްމާޢީލް (މަޑަވެލީ މޫސިޔާ)ގެ އުފެދިގެން އައި ދަރިފަސްކޮޅަށް އޭނާގެ ލޭގެ ވާރުތައިން ކޮންމެކަމެއް ވަރިހަމަނުވާ އުޞޫލާއި،  ޙައްގުގެ ބަސް އުފުލަންކެރޭ ގޮތްހުރި ހަރުދަނާ ބަޔެއްގެ ގޮތުގައި އުޅެންޖެހޭނޭ އެތައް ދަރީންނެއް މިހާރުވެސް ރާއްޖޭގެ އެކި ދިމާލުން އެބަ ފެނެ އެވެ.  ނަމަވެސް އޭނާގެ ޙަޔާތުގައި އޭނާގެ މަތިވެރިމަޤްޞަދު ޙާޞިލްވީ ކިހާވަރަކަށް ކަން ދަންނަވަން ނޭނގުނަސް، އޭނާގެ މަތިވެރި މަޤްޞަދު ޙާޞިލް ކުރެއްވުމުގައި އޭނާގެ ލެއިން ވާރުތަވެ އުފެދުނު ބޮޑު ދަރިފަސްކޮޅުން އެ މުޤައްދަސް ވާޖިބު އަދާކުރެއްވުމުގައި ދެމިތިއްބެވުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވަންޖެހޭނޭ ކަމަށް ޤަބޫލުކުރެވެ އެވެ.  އޭނާގެ ދަރިފަސްކޮޅަކީ، އެ ޝަޚުޞިއްޔަތަކަށްޓަކައި އުފާކުރުން ޙައްޤު ބަޔެކެވެ.  ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ދާއިރާއިން އެ ދަރިފަސްކޮޅުގެ އެތައް މޫނުތަކެއް ނުފެންނައިރެއް، އޭނާ ނިޔައުވިފަހުން އަދާހަމައަށް ވެސް ނުދެ އެވެ.

އިސްލާމީ ޢިލްމްވެރީންނާއި، ސަރުކާރުގެ މިނިސްޓަރުންނާ، ސްޓޭޓް މިނިސްޓަރުންނާ، އަތޮޅުވެރީންނާއި، ކައުންސިލަރުންނާއި، ގާޟީންނާއި، ނައިބުންނާއި، ކަތީބުންނާއި، މުދިމުންނާއި، ފައިސާވެރިންނާ، ޑޮކްޓަރުންނާއި، ޞިއްޙީ ޚިދުމަތްތެރިންނާ،  ޤާނޫނީ ވަކީލުންނާއި، އިންޖިނޭރުންނާއި، ޕައިލެޓުންނާއި، ޕާލަމެންޓް މެމްބަރުންނާއި، ސަރުކާރުގެ ތަފާތު އިސް މަގާމްތައް އަދާކުރެއްވި ފަރާތްތަކާއި،  ކަނބުރުވެރިންނާ، ތިލޭރުންނާ، ވަޑީންނާ، މާލިމީންނާ، ކެޔޮޅުންނާ، ދިވެހި ބޭސްވެރިންނާ، ފަންޑިތަވެރިންނާ، ނަކަތްތެރިންނާ، އެކިއެކި ފަންނީ ތަފާތު ހުނަރުވެރީން އެ ދަރިފަސްކޮޅުން އުފެދި ފެނިފައިވެ އެވެ. 

އިންޞާފާއި ހަމަހަމަކަން ގާއިމު ކުރެއްވުމަށް މަޑަވެލީގެ ވެރިން މަސައްކަތްކުރައްވާތީ ފެނިނުލެއްވުމުން އެ ރަށް ދޫކޮށްލެއްވި މަޑަވެލީ މޫސާ އިސްމާޢީލް (މަޑަވެލީ މޫސިޔާ) އަށް މަތިވެރި ގެ ޢަދުލުވެރިކަމާއި އިންޞާފުވެރިކަން ހާދަ ބޮޑެވެ.  އޭނާ އެދޭފަދަ އިންޞާފާއި ހަމަހަމަކަން ހޯދޭނޭ ގާބިލްކަމާއި،  ފަންވަރާއި،  ހުނަރާއި،  ކެރުމާއި،  ތަނަވަސްކަން ވެސް އޭނާއަށް ދެއްވީ އެވެ.  އޭނާގެ ލެއަށް އޭނާގެ ޢާއިލާއަށް ދެއްވީ އެވެ. އެކަން ކުރުމާއި ނުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެބަމީހުންގެ އަތްމަތީގައި އޮތުމާއެކު އެވެ.  މިއީ މީސްތަކުން ލިބިގަންނަން ޖެހޭ ބޮޑު ޢިބްރަތެކެވެ.

ހަވަރުތިނަދޫ ޢާއިލާތަކުގެ ވަނަވަރުފޮތް ޗާޕްކުރެވި ބެލޭނޭގޮތެއް ވުމުން، މަޑަވެލީ މޫސިޔާގެ ދަރިފަސްކޮޅާ ބެހޭ މަޢުލޫމާތު އެ ފޮތުން އެނގެން ހުންނާނެ އެވެ.  އޭގެކުރިން ވެސް އެއީ ކޮން ދަރިކޮޅެއްތޯއާއި، ކޮން ބައެއްތޯ ބަލަން ބޭނުންވާ ފަރާތަކަށް އެ ކަން ކުރެވުމަކީ ދަތިކަމެއް އޮތް ކަމެއްނޫނެވެ.  އަދި މަޑަވެލީ މޫސާ އިސްމާޢީލް (މަޑަވެލީ މޫސިޔާ)އަކީ ވެސް އެހާ ކުރީގެ ބޭކަލެއްނޫނެވެ.  އޭނާގެ ދަރީންނަށް ކާފަ މާމަ ކިޔުއްވާ ފަރާތްތައް ދުނިޔޭގައި އެބަ އުޅުއްވަ އެވެ.  
(ނިމުނީ)
                     --------------------

ލިޔުއްވީ: ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
havaruonline.com          
07 އޯގަސްޓް 2011މ.