ހުވަދުއަތޮޅުގެ އެންމެވަރުގަދަ ޝަޚުޞިއްޔަތު

ހުވަދުއަތޮޅާއި އަދި އެ އަތޮޅު ތިނަދޫއާއި ގުޅުންހުރި ދުވަސްވީ މަޢުލޫމާތުތަކެއް އެކި ބޭފުޅުންގެ އެހީތެރިކަމާއެކު އަޅުގަނޑު ހާމަކުރަމުން ގެންދާތީވެ ހުވަދުއަތޮޅުގެ (ތިނަދޫ ވެސް ހިމެނޭގޮތުން) އެންމެވަރުގަދަ ޝަޚުޞިއްޔަތަކީ ކޮބައިތޯ ބައެއް ފަރާތްތަކުން އަޅުގަނޑާއި ސުވާލުކުރައްވަމުން ގެންދަވަ އެވެ. ނަމަވެސް މިއީ މިހާރު އިންޓަނެޓުން (މާކޮއްރާހުން) ވެސް އޭގެ ޖަވާބު އެނގެން އޮތް ސުވާލެކެވެ. އަދި މިހާރު ދިރިތިބި ހުވަދުއަތޮޅަށް ނިސްބަތްވާ ހޭލުންތެރި، ގިނަ ބަޔަކަށް ވެސް މި ސުވާލުގެ ޖަވާބު ދެވިދާނެކަމަށް ގަބޫލުކުރެވެ އެވެ. 

ހުވަދުއަތޮޅުގެ އެންމެވަރުގަދަ ޝަޚުޞިއްޔަތެއް ހާމަކުރުމުގައި އަޅުގަނޑުގެ ދައުރެއް އޮތުމަކީ މިހާތަނަށް ވެސް އަޅުގަނޑު ބޭނުންނުވެފައި އޮތް ކަމެކެވެ. އެކަންކުރުމަށް އަޅުގަނޑަށް އެހާ ފަސޭހައެއް ވެސް ނޫނެވެ. އެއީ، "ވަރުގަދަ" މާނަކުރެވޭ ކަންކަމުގެތެރޭ ގަދަފަދަކަމާއި، ބާރުގަދަކަމާއި، ޞިއްޙަތު ރަނގަޅުވުން ހިމެނޭތީވެ، ހުވަދުއަތޮޅުގެ އެންމެ ގަދަފަދަ، އެންމެ ބާރުގަދަ، އަދި އެންމެ ޞިއްޙަތު ރަނގަޅު މީހަކު ހޯދުމަކީ އެއްވެސް މީހަކަށް ކުރެވެންނޯންނާނެ ކަމަކަށްވާތީ ނޫނެވެ. އަދި ކީއްތޯ އެވެ. މިކަންކުރުމަށް އަޅުގަނޑަށް އެހާ ފަސޭހަވެފައި ނުވަނީ، އެ ހުރިކަމެއް ހުރިގޮތެއްގައި ހުރީމަ އެވެ.

މިކަން މިގޮތަށްވަމުން ދަނިކޮށް ތިނަދޫ އަލިދޯދި އަލްފާޟިލް ޢަބުދުﷲ ޢަފީފު އާއި ބައްދަލުވެ ބައެއް ވާހަކަ ދެންނެވުމުގެ ތެރޭ އަޅުގަނޑާއި ކުރިމަތިވަމުންދާ "ހުވަދުއަތޮޅުގެ އެންމެވަރުގަދަ ޝަޚުޞިއްޔަތު"ގެ ސުވާލުގެ ވާހަކަ ދަންނަވައިލީމެވެ. ޢަބުދުﷲ ޢަފީފުގެ އަރިހުގައި މި ސުވާލުގެ ވާހަކަ ދެންނެވީ އޭނާއަކީ ދިވެހިބަހާއި އެ ބަހުގެ އަދަބިއްޔާތުގެ އިތުރަށް މޮޅު ޝާޢިރަކަށްވީތީ ނޫނެވެ. ސުވާލުގެ ވާހަކަ ދެންނެވީ އޭނާއަކީ ހުވަދުއަތޮޅުގެ ބިނާކުރަނިވި، ނޫނީ އުފެއްދުންތެރި، ނޫނީ ޚިދުމަތްތެރި، އެކި ބޭފުޅުންގެ މަޢުލޫމާތު ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށްވާތީ، ހުވަދުއަތޮޅުގެ އެންމެ ވަރުގަދަ ޝަޚުޞިއްޔަތަކީ ކޮބައިކަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެތީ އެވެ.

މި ސުވާލުގެ ވާހަކަ ދެންނެވުމުން ޢަބުދުﷲ ޢަފީފު ވިދާޅުވި އެވެ.
]ޝަޚުޞިއްޔަތުގެ "ވަރުގަދަ" ކަން ދައްކައިދެނީ ގަދަފަދަކަމާއި، ބާރުގަދަކަމާއި، ޞިއްޙަތު ރަނގަޅުވުމަކަށް ނޫނެވެ. ޝަޚުޞިއްޔަތުގެ "ވަރުގަދަ"ކަން ދައްކައިދެނީ، އެ މީހެއްގެ ކިބައިގައި ގިނަ ކަންކަމެއް ފުއްދައި ދިނުމުގެ ހުނަރާއި ގާބިލުކަން ހުރެފައި އެ ކަންކަމުގެ ބޭނުމުގައި އެހެންމީހުން އެ މީހެއްގެ ގާތަށް ދާން ޖެހިފައިވުމެވެ. އެ މީހެއްގެ އެހީތެރިކަމާއި މަދަދު ހޯދަން ޖެހުމެވެ. މިކަން މިގޮތަށް އޮތުމާއި އަދި އެނޫން ކަންކަމަށް ބަލާނަމަ ވެސް، ހުވަދުއަތޮޅުގެ "އެންމެ ވަރުގަދަ ޝަޚުޞިއްޔަތަކީ" ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނެވެ. ވީމާ، އެ ޝަޚުޞިއްޔަތުގެ ތަޢާރަފަކާއެކު އެ ސުވާލަށް ޖަވާބު ދޭށެވެ.[

         ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު

ހުވަދުއަތޮޅު މިހާތަނަށް ދެކިފައިވާ އެންމެވަރުގަދަ ޝަޚުޞިއްޔަތަކީ، ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނެވެ. ޚުޝާމަދުކުރުމާއި ޢާއިލީ މަޞްލަޙަތުން އެއްކިބާވެ ހުރެ ދަންނަވާނަމަ، ވަރުގަދަ ޝަޚުޞިއްޔަތެއްގެ ނިސްބަތުގައި ހުވަދުއަތޮޅު ފިޔަވައި އެހެން އަތޮޅަކުން ވެސް އެއާއި އެއްވަރުގެ ޝަޚުޞިއްޔަތެއް ފެނުމަކީ ނާދިރުކަމެކެވެ.

]ހުވަދުއަތޮޅުގައި އެންމެގިނަ ދުވަހު ވާރުކުރެއްވި (އަތޮޅުވެރިކަން ކުރެއްވި) ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނަކީ،  އަތޮޅާއި ރާއްޖޭގެ ނިސްބަތުގައި ބެލިކަމަށް ވިޔަސް އާދަޔާއި ޚިލާފު ޝަޚުޞިއްޔަތެއް ކަމަށް ގަބޫލުކުރަން ޖެހެ އެވެ. ފަރުދެއްގެ ނިސްބަތުގައި އެއަށްވުރެ ގިނަ ކަންކަން ރަނގަޅު ފެންވަރެއްގައި ކުރައްވާފައިވާ އަނެއް ބޭފުޅަކު އެ ޒަމާނުގައި ރާއްޖޭގައި ހުރެދާނެ ކަމާމެދު ވެސް ސުއާލު އުފެދެ އެވެ. މި ވަރުގަދަ ޝަޚުޞިއްޔަތު ދެކިފެނި  ތަޖުރިބާ ކުރެވިފައިވާ މީހުން އަދިވެސް ތިނަދޫއާ  އެހެން ތަންތާނގައި އެބަ ތިބޫ އެވެ. އެފަދަ ބައެއް މީހުންގެ ފަރާތުން އެނގޭގޮތުގައި ހަވޮއްޑާއި ހުނަދޫގައި ތިބި ޖުޒާމްބަލީގެ މީހުންނާއި އަދި އެނޫން ރަށްރަށުގައި ތިބި ފައިފަލަބަލީގެ މީހުންގެ ބަނޑުފުރާނަ މުއްތިކުރުމަށްޓަކައި ވެސް އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވެ އެވެ. ޖުޒާމްބަލީގެ މީހުން ބުނާގޮތުގައި  އެ މީހުންނަށް ކުރިމަތިވި އެންމެ ހީނަރު  ދުވަސްވަރަކީ، ހަވަރުތިނަދޫ  ފަޅުވެފައި އޮތް ދުވަސްވަރެވެ. އެ ދުވަސްވަރު މަހެއްގެމައްޗަށް ހަމައެކަނި 3 ލާހި ހަނޑޫ ވެސް ލިބިފައިވެ އެވެ. އެތައްބަޔަކު ހައިހޫނުކަމުގައި އެ ދެ ރަށުގައި ވަނީ ދުނިޔެ ދޫކޮށްފަ އެވެ.[ – އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި

 ޢާއްމު ދިރިއުޅުއްވުމުގެ ތެރެއިން:

އިސްކޮޅުން 6 ފޫޓަށްވުރެ ދިގު، ހަށިކޮޅު ބިޔަ، ގައިގެކުލަ މެދުމިނަށްވުރެ ކަޅު، ރަނގަޅު ޞިއްޙަތެއްގެ ވެރި ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު ޢާއްމުގޮތެއްގައި ހުންނަވަނީ އެ ދުވަސްވަރުގެ މަރައްކާރު (ރަތްފޭރާމުގެ) މުންޑާއި ގަންޖުފަރާހުގަ އެވެ. ބައެއްފަހަރަށް މަކަނަށް ފޮށާ ލައްވައިގެން އާދައިގެގޮތަކަށް ހުންނަވަ އެވެ. މަދުފަހަރަކު ހަމައެކަނި މުންޑެއް އަނދެލައްވައިގެން ވެސް ހުންނަވަ އެވެ. ބޭނުންކުރައްވަނީ ބޭރުން ހަދާފައިވާ ފައިވާނާއި އޭނާ އަމިއްލައަށް ހައްދަވާ މަރަވަޅި އެވެ. މީސްމީހުންނާއި ކޮންމެހެން ދައްކަވަން ޖެހޭ ވާހަކައެއްފިޔަވައި ގިނަވަގުތު ހަނު ހުންނެވުން އިސްކުރެއްވި ބަސްމަދު ބޭފުޅެކެވެ. ޢާއްމުކޮށް ފަރިއްކުޅުއްވަނީ، ރާބުޅައިން ކައްކާ ކިރު ގަރުދިޔައާއި، ހިއްކި ބަނބުކޭލެވެ. ޙާޖީ  މުޙައްމަދު ކަލޭފާނަކީ، އޭރު ވެސް މިހާރު ވެސް ތިނަދޫއާއި  މަޑަވެއްޔާއި އަދި  ހޯޑެއްދޫއަށް ނިސްބަތްވާ އެންމެ ޢާއިލާ ބޮޑު، އަދި އަވަހާރަވުމާއި ހަމަޔަށް ވެސް އެންމެގިނަ ބަޔަކު ބޯލެނބި ޝަޚުޞިއްޔަތުކަމަށް، ހުވަދުއަތޮޅުގެ ތާރީޚު ދިރާސާކުރައްވައި އޭގެ އަލީގައި ގިނަ ލިޔުންތަކެއް ލިޔުއްވާފައިވާ މަޑަވެލީ ޒޫރިޔާގޭ އަލްމަރުޙޫމް ޢަލީ ނަޞީރު ލިޔުއްވާފައިވެ އެވެ.

ހުވަދުއަތޮޅު ތިނަދޫގައި އޭރުވެސް، އަދި މިހާރުވެސް އޮތް އެންމެބޮޑު ދެ ދަރިކޮޅަކީ، "ހަވަރުތިނަދޫ ޢަލިކަލޭގެ" ދަރިކޮޅާއި، "މަޑަވެލީ މޫސިޔާ (މޫސާ އިސްމާޢީލް)"ގެ ދަރިކޮޅެވެ. މި ދެ ދަރިކޮޅު ވެސް ޙާޖީ މުޙައްމަދު ކަލޭގެފާނާއި ގުޅެ އެވެ. މީގެތެރެއިން މަޑަވެލީ މޫސިޔާގެ ދަރިކޮޅު ތިރީގައިވާ ލިންކުން ވެސް ފެނިވަޑައިގަންނަވާނެ އެވެ.
http://www.galehiri.com/2013/05/blog-post_27.html


ފަންނީ ހުނަރުވެރިކަމުގެ ތެރެއިން:

ޙާޖީ މުޙައްމަދު ކަލޭގެފާނަކީ ކަނބުރެއްގެ ހުރިހާ މަސައްކަތެއް ކުރައްވަން އެނގިވަޑައިގެން އަމިއްލަ ކަނބުރުގޭގައި އަމިއްލަ ބޭނުމަށާއި އެހެންމީހުންގެ ބޭނުންތަކަށް އެ މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަލިފާނުން ދޮންކޮށް ވިރުވައިއަޅައިގެން މާދާ،  ދަންމާނު ބުޅި،  ހައްދަވައި، ނަގިލި، ކަތިވަޅި، ވަޅި، ފުރޯ، ހަނު،  އެންދަމާ ދާ، ލާނދާ، ހެއްދެވިއެވެ. އަދި އަމިއްލައަށް ލާނދާ އުއްކަވަ އެވެ. ދިގުހަރާއި، ބޮމަކަނދުގައި ލިޔެ ލާޖަހައި ކުރެހުން އަޅާފައިވާ އެކިވަރުގެ މަލާފަތާއި، އެކި ތަކެތި ހައްދަވަ އެވެ. ތިލޭރުވެރިކަމާއި،  އެކި ވައްތަރުގެ ވަޑާމާއި، ބޭސްވެރިކަމާއި،  ނަކަތްތެރިކަމާއި، ފަންޑިތަވެރިކަމާއި، އަދި މާލިމީކަން ވެސް ޙާޖީ މުޙައްމަދު ކަލޭގެފާނަށް މޮޅަށް އެނގިވަޑައިގަނެ އެވެ.

އަމިއްލަ ދޯނިފަހަރާއި އެހެން ދޯނިފަހަރަށް ވެސް ބޭނުންވާތީ ކަނޑުފަޅުގެ ހުރިހާ ވައްތަރެއްގެ މަސްވެރިކަން ކުރުމަށް ބޭނުންވާ ބުޅި ހައްދަވަ އެވެ. ހުވަދުއަތޮޅަށް ފެމުނުގެ މަސްވެރިކަމާއި، ކަށިމިޔަރުގެ މަސްވެރިކަން ތަޢާރަފުކުރައްވައި އެ ދެ ވައްތަރުގެ މިޔަރުބޭނޭ ކަހަލަ ބުޅިހަދަން ފެއްޓެވީ ވެސް އޭނާ އެވެ. މިހުރިހާ ކަމަކީވެސް އެ ކަންކަން ކުރައްވަން އޭނާއަށް ރަނގަޅަށް އެނގިވަޑައިގެން، އަމިއްލަބޭނުމާއި، އަދި އޭގެ ކަމަކަށް ބޭނުންވާ އެހެން މީހުންނަށް ވެސް އެ ކަމެއް ކޮށްދެއްވުމުގެ އިތުރަށް، އެއިން ކަމެއް ދަސްކުރުމަށް ބޭނުންވާ މީހަކަށް އެ ކަމެއް ދަސްކޮށްދެއްވުމަށް ވެސް އޭނާ ކުރެއްވި މަސައްކަތްތަކެވެ. އަދި ކަލޭގެފާނަކީ އެ ދުވަސްވަރު ޢާއްމުކޮށް ދިވެހިން ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ވެސް އެނގިވަޑައިގަންނަވާ ބޭފުޅެއްކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ.

ހުވަދުއަތޮޅުގެ ހުރިހާ ފަޅުރަށެއްގެ ނަންތަކާއި، އެ ރަށްރަށް އޮންނަ ތަންތަނާއި، އަތޮޅުގެ ގިރިފަރާއި،  ކަނޑުއޮޅިތައް ހުންނަ ތަންތަން ވެސް އެނގިވަޑައިގެން ކަނޑު ފަޅުގެ ހުރިހާ ވައްތަރެއްގެ މަސްވެރިކަމަށް ވެސް މޮޅުކަމަށް ގަބޫލުކުރެވޭ ޙާޖީ މުޙައްމަދު ކަލޭފާނު، ހަވަރުތިނަދޫގެ 7 ދޯންޏަކަށް އެއްދުވަހު މަސްބާނައިދެއްވި ވާހަކައަކީ، 1962މ. ގައި ހަވަރުތިނަދޫން މީހުންބޭލުމާއި ހަމައަށް ވެސް، އެ ރަށުގައި މަޝްހޫރު ވާހަކައެކެވެ. އޭރު އެ ދުވަސް ތިނަދޫގައި ފާހަގަކުރަނީ "7 ކުޑައިގެ ދުވަސް" ގެ ގޮތުގަ އެވެ.

މިކަންހިނގި ގޮތަކީ، މުޙައްމަދު ކަލޭގެފާނު މަސްވެރިކަން ކުރައްވަން ފުއްޓަރުފަރާތަށް ބޮއްކުރާއެއްގައި ނުކުމެ އުޅުއްވަނިކޮށް ފަރާއި ދާދިގާތުން މަސްވެރީން މަސްބާނަމުން ގެންދަނިކޮށް ފެނިވަޑައިގެން އޭގެ ދޯންޏަކަށް އަރާވަޑައިގެން މަސްބާނާދެއްވައި،  އެ ދޯނި ފުރުމުން އަނެއް ދޯންޏަށް ވަޑައިގެން މަސްބާނާ ދެއްވައި، އެގޮތަށް 7 ދޯންޏަށް ވެސް  އެ ދުވަހު މަސްބާނާ ދެއްވީ އެވެ.

ދިވެހިރާއްޖޭގެ ފާހަގަކުރެވޭ ތާރީޚީ ގިނަ މަޢުލޫމާތުތަކާއި،  އައްޑޫ ހުވަދޫ ފުވައްމުލަކާއި މާލޭގެ ބޮޑެތި ޢާއިލާތަކުގެ ވަނަވަރާއި، އެ ޢާއިލާތަކާއި ގުޅޭ މުހިއްމު މަޢުލޫމާތު ހޯއްދަވައި އެ އެއްޗެތި ލިޔުއްވި އެވެ. އައްޑޫ ހުވަދޫ ފުވައްމުލަކާއި އަދި މާލޭގެ ބޮޑެތިދަރިކޮޅުތަކުގެ ޢާއިލީ ވަނަވަރުތައް ފަސޭހަކަމާއެކު ކިޔުއްވާދެއްވުމުގައި އެފަދަ ދެވަނައެއްނުވާ މަޝްހޫރު ތިނަދޫ އޯޝަންޕާކް ވިލިގިލީ ޙުސައިން ބުނުއްވަނީ، "އޭނާއަށް އެކަން ދަސްވެފައިވަނީ އޭނާގެ ޢުމުރުން 12 އަހަރުގައި ވިލިގިލިން އޭނާ ގެންނަވައި ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ގޭގައި އޭނާ އުޅުއްވިއިރު އެ ވަނަވަރުތައް މުޙައްމަދު ކަލޭގެފާނު ވިދާޅުވެދެއްވާ އަޑު އިވެމުންދާތީ" އެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނަކީ އެ ދުވަސްވަރުގެ ލިޔުންރީތި، އަދި ޢިބާރާތް ކުރެއްވުމުގެ ކުޅަދާނަކަން ވެސް ފާހަގަކުރެވޭ ބޭފުޅެކެވެ. މަދުފަހަރަކު ޅެން ފަރިހި ހެއްދެވި އެވެ. މީގެތެރެއިން އެ ދުވަސްވަރު މަޝްހޫރުވެގެން ދިޔަ "ބުރުގާ އުނދުނަށް ވަދެއްޖެ" މި ކަލުގެ ދެތިން ބަސް، ތިނަދޫ ކޫވިލް މަރިޔަމް ޒާހިރާއި ތިނަދޫ ބްލެކްނެކް ފާޠިމަތު ގާސިމް ކިޔުއްވައިދެއްވި އެވެ.

"ބުރުގާ އުނދުނަށް ވަދެއްޖެ، ކުރު ފާތުމަ ލޯ އަނދައްޖެ
   ކޮށި ފޮތި ތައް ނަގާންވެއްޖެ،  ކޮށި ކަންފަތް ނެތަސްވެއްޖެ
              ގާބުރު ނިވާވާންވެއްޖެ، އާބުރު ދައްކާންވެއްޖެ

]އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭފާނަކީ، ވަރަށްބޮޑު ކަރަވެއްސެކެވެ. އޭނާއަކީ، ފަސްމީރު ކުރިރުކެކެވެ. މިހެން މިދެންނެވީ ސަބަބުތަކެއް ހުރެގެންނެވެ. މިފޮތުގައި އަޅުގަނޑު ލިޔެފައި މިވަނީ، އޭނާއާއި ބެހޭ މަޢުލޫމާތުގެ ކުޑަކުޑަ މިންވަރެކެވެ. އަދި އަޅުގަނޑަށް އެނގިފައިނުވާ، ނަމަވެސް އެހެން ފަރާތްތަކަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު އެބަ ހުރިކަން ފަހުން އަޅުގަނޑަށް އެނގިފައިވެ އެވެ. ނަމަވެސް އޭރު މި ފޮތް ލިޔެ ނިމިއްޖެ އެވެ[. - އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި، ލިޔުއްވާފައިވާ "ދީވީ ތަރިކަ" ފޮތުން

ދީނީ އަދި ތަޢުލީމީ ޚިދުމަތުގެ ތެރެއިން:

ޙާޖީ މުޙައްމަދު ކަލޭގެފާނަކީ، ފަރުޟު ނަމާދު އަދާއަށްކުރައްވައި މިސްކިތް ޢިމާރާތްކުރައްވައި އެ ތަންތާނގެ އާބާތުރަ ފިލުއްވައި އެ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެކެވެ. ހަވަރުތިނަދޫ މޫސާގެ ދަރިކަލުން ޢަލީ ބިނާކުރެއްވި އެ ރަށުގެ ދެކުނުކޮޅު މިސްކިތް ބައުވެ މަރާމާތުކޮށްގެން ބެލެހެއްޓޭވަރު ނުވާތީ، މުޙައްމަދު ކަލޭފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު އޭނާގެ އެހީފުޅު ވެސް އޮވެގެން އެ މިސްކިތް 10 ޝައްވާލް 1348 (10 މާރޗް 1930މ.) ގައި އަލުން ޢިމާރާތްކުރެއްވި އެވެ. އަދި އޭނާގެ އަމިއްލަ ޚަރަދުގައި ތިނަދޫ ބަރާސީލު މިސްކިތް (މަސްޖިދު އަލްޙާއްޖު މުޙައްމަދު) ބިނާކުރައްވައި އެނޫން ބައެއް މިސްކިތްތަކަށް ވެސް އެކި ވަރުގެ އެހީވެދެއްވި އެވެ.

ހުވަދުއަތޮޅު ފަރެހުގެ ވަރަށްބޮޑު ހުސްބިމެއް (މިހާރު ފަރެހު ކޮނޑެދޫ) ގައި ރުއް އިންދަވައި، އެތަން އެ ރަށުގެ މިސްކިތުގެ ބޯގައަކަށް ހަމަޖެހޭނޭގޮތް ހައްދަވައިދެއްވައި، ހުވަދުއަތޮޅު "މެންތަންދޫ" ކިޔާ ފަޅުރަށުގެ ރުއްތައް ދެރަވެ ނެތިދަނިކޮށް އެރަށުގައި އަލުން ރުއް އިންދަވައި (ޝަމްސުއްދީން 3 ގެ ރަސްކަމުގެ ދުވަސްވަރު) ތިނަދޫ ހުކުރުމިސްކިތުގެ ޚަރަދުބަރަދުގެ ކަންކަން މެންތަންދޫއިން ހަމަޖެހޭނޭގޮތް ހަމަޖައްސަވައި ދެއްވީ ވެސް ޙާޖީ މުޙައްމަދު ކަލޭގެފާނެވެ. މީގެއިތުރަށް ހުވަދުއަތޮޅު ކޮނޑޭގައި ވެސް ގިނަ ރުއްތަކެއް އިންދަވައި އެ ރުއްގަނޑު އެ ރަށުގެ މިސްކިތުގެ ބޯގައަކަށް ހަމަޖެހޭނޭގޮތް ހަމަޖައްސަވައި ދެއްވި އެވެ. މާތް ބޮޑެތި ޢިލްމުވެރީންނަށް ބަހައްޓަވާ އިޙްތިރާމާއި ގަދަރެއްގެ ގޮތުން މަޝްހޫރު ވާދޫ ދަންނަކަލޭފާނުގެ ޒިޔާރަތް މިހާރު އެ ހުރިގޮތަށް ހެއްދެވީ ވެސް ޙާޖީ މުޙައްމަދު ކަލޭފާނެވެ.

މިސްކިތްތަކުގެ ކަންކަމަށް އެހީތެރިވެދެއްވުމުގެ ތެރޭ، ފުވައްމުލަކުގެ ހުކުރުމިސްކިތް ހިޔާކުރުމަށް ބޭނުންވާ އީޓާއި އެ މަސައްކަތްކުރުމުގެ ޚަރަދުގެ ކަންކަން ވެސް ޙާޖީ މުޙައްމަދު ކަލޭގެފާނު ހަމަޖައްސަވައި ދެއްވި އެވެ. ކަލޭގެފާނަކީ މުލަކުގެ ބޮޑުންގެ އިތުރަށް ޢާއްމުންނާ ވެސް ވަރަށް ގުޅުންބޮޑު ބޭފުޅަކަށްވާތީވެ، އޭނާގެ އޮޑިދޯނިފަހަރަށް ބޭނުންވެ ހައްދާފައިވާ ރުއްގަސް އެ ދުވަސްވަރު އެ ރަށުގައި ހުރެ އެވެ. މިފަދަ ރުއްގަސްތައް މުޙައްމަދު ކަލޭގެފާނު ކެނޑުއްވިކަމަށް ވިޔަސް، އޭގެ މޫތަކުން ކުރިފަޅައި އަލުންހެދޭ ގަސްގަހަކީ ވެސް މުޙައްމަދު ކަލޭގެފާނުގެ އެއްޗެހިކަމަށް ހަމަޖެހި، ދާދި ފަހަކާ ޖެހެންދެން ވެސް އެކަން އެގޮތަށް އޮތެވެ.

ފުވައްމުލަކުގެ ހުކުރުމިސްކިތުގައި ޙާޖީ މުޙައްމަދު ކަލޭގެފާނު ޖައްސަވައިދެއްވި އީޓުތައް ދުވަސްވެ ބައުވުމުގެ ސަބަބުން މި އީޓުތައް ބަދަލުކޮށް އެ މިސްކިތް ޓިނުންހިޔާކުރީ، ރައީސް މައުމޫންގެ ވެރިކަމުގަ އެވެ.

ޙާޖީ މުޙައްމަދު ކަލޭފާނު ހުވަދުއަތޮޅަށް ކޮށްދެއްވި އެންމެ އަގުހުރި ޚިދުމަތަކީ، އެ އަތޮޅުގެ ތަޢުލީމަށްޓަކައި އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތްކަމަށާއި، އެއީ އޭނާގެ އިސް ނެންގެވުމާއި ފުރިހަމަ އެހީތެރިކަމާއި ބެއްލެވުމުގެ ދަށުން ޢަރަބި ތަޢުލީމު ވެސް ފުރަތަމަ ކިޔަވައިދޭން ފެށި "މަދަރުސަތުލް އަސްބާޙް" 15 ޖުމާދަލްއާޚިރާ 1351ހ. (16 އޮކްޓޫބަރ 1932މ.) ގައި ތިނަދޫގައި ހުޅުއްވުން ކަމަށާއި، އޭގެފަހުން ހުވަދުއަތޮޅުގެ ހުރިހާ ރަށެއްގެ ވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވި އެންމެންނަކީ ވެސް އެ މަދަރުސާގެ ޢިލްމީ ދަރިވަރުން ކަމަށް މަޑަވެލީ ޒޫރިޔާގޭ އަލްމަރުޙޫމް ޢަލީ ނަޞީރު ލިޔުއްވާފައިވެ އެވެ.

]ޙާޖީ މުޙައްމަދު ކަލޭފާނަކީ،  އޭނާކުރެއްވި ވެރިކަމުގެގޮތުންނާއި އަމިއްލަފުޅު ގޮތުން ހުވަދުއަތޮޅަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ގޮތުން ވަރަށްޚާއްޞަ ބޭފުޅެކެވެ. ޝަޚުޞީގޮތުން ވިދުންގަދަ ޝަޚްޞެކެވެ. އޭނާއަކީ، ހުވަދުއަތޮޅުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތްތަކުގެ އެންމެ އުސް ކުންނެވެ. ހުވަދުއަތޮޅަށް ޢާއްމުކުރައްވައިގެން ތަޢުލީމީ ހިޔާވަހިކަމެއްގެ ބިންގާ އެންމެ ފުރަތަމަ އަޅުއްވައިދެއްވީ ވެސް އޭނާ އެވެ. ވީމާ، އޭނާގެނަން "ރަންއަކުރުން" ފާހަގަކޮށްލަން ޖެހެ އެވެ. ހުވަދުއަތޮޅުގެ ތަޢުލީމަށްޓަކައި އޭނާ އެ އެޅުއްވި ބިންގަލަކީ ނުވަތަ އެ ޢިމާރާތަކީ، ޚާއްޞަކޮށް ހަވަރުތިނަދޫ، ޢާއްމުކޮށް ހުވަދުއަތޮޅުގެ ތަޢުލީމަށްޓަކައި އެންމެ ފުރަތަމަ ހުޅުއްވެވި "އެދުރުވެހި" ކަމަށްވާ "މަދަރުސަތުލް އަޞްބާޙު" އެވެ[. - އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި

ގައުމީ ޚިދުމަތުގެ ތެރެއިން:

ޙާޖީ މުޙައްމަދު ކަލޭގެފާނަކީ ދިވެހިގައުމަށް ތެދުވެރި ހީވާގި އިޚްލާޞްތެރި ޚާދިމެކެވެ. ދެ ފަހަރުގެ މެދުކެނޑުމެއްގައި ހަޔެއްކަ ދުވަސްވީ 31 އަހަރުގެ ތެރޭ، ހުވަދުއަތޮޅުގެ އަތޮޅުވެރިއަކީ ޙާޖީ މުޙައްމަދު ކަލޭގެފާނެވެ. މީގެތެރެއިން 1 ފަހަރު އަތޮޅުގެ ބޮޑު ނާއިބަކީ ވެސް އެއީ އެވެ. އަތޮޅުވެރިކަމުގެ ފަހުން ދުނިޔެ ދޫކުރެއްވުމާ ހަމައަށް (10 އަހަރު)  ހުންނެވީ، ހަވަރުތިނަދޫ ގޮއިވެރިކަމާއި އެ ރަށުގެ އިސް ކަތީބުގެ މަގާމުގަ އެވެ. އަދި އެ ދުވަސްވަރު އަތޮޅުގައި އުފައްދާފައިވާ ވިޔަފާރި ޖަމްޢިއްޔާގެ ޚަޒާންދަރަކީ ވެސް  ޙާޖީ މުޙައްމަދު ކަލޭގެފާނެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ލިބިވަޑައިގަތް އިރު އަތޮޅުވެރިކަން ކުރާ ރަށަކީ، ހޯޑެއްދޫ އެވެ. ނަމަވެސް ގިނަ ކަންކަމުގައި ހޯޑެއްދުއަށް ވުރެ ތިނަދޫގައި އަތޮޅުގެ ވެރިކަމާއި ބެހޭ މަސައްކަތްކުރުން ފަސޭހަވެފައިވާތީ އެކަން ތިނަދޫއަށް ބަދަލުކޮށްދެއްވުމަށް  މުޙައްމަދު ކަލޭގެފާނަށް އަތޮޅުވެރިކަން ލިބިވަޑައިގެންނެވިތާ ވަރަށް ކައިރީ ދައުލަތުގައި އެ ވާހަކަ ދަންނަވައި އެގޮތަށް ހަމަޖެހިގެންދިޔުމުން ހޯނޑެއްދޫގައިހުރި ވާރުގެ (އެއަށްވުރެ ފަހުގެގޮތަށް ބަލާނަމަ އަތޮޅުގެއާއި،  އަތޮޅުއޮފީސް) ރޫޅާލައްވައި، ތިނަދޫގައި ވާރުގެ ބިނާކުރެއްވީ އެވެ.

(އަޅުގަނޑަށް ދާދިފަހުން ފެނިފައިވާ ލިޔުމެއްގައި ވާރުގެ ތިނަދޫގައި ރޭނީ، 26 ރަޖަބު 1344ހ. ކަމަށް ލިޔެފައި އޮތެވެ. ނަމަވެސް ހުވަދުއަތޮޅާ ބެހޭ އެންމެ އިތުބާރު މަޢުލޫމާތު ހާމަކުރައްވާފައިވާ ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީގެ ލިޔުއްވުމުން އެނގެނީ، ތިނަދޫގައި ވާރުގެ ބިނާކުރެއްވީ، 26 ރަޖަބު 1349ހ. - 16 ޑިސެމްބަރ 1930މ. ގައި ކަމަށެވެ.)

ހަވަރުތިނަދޫގައި ވާރުގެ ރޭނުމަށް ބޭނުންވާނޭ ގަލާއި، ވެއްޔާއި، އުވަ ހޯދައި މަސައްކަތްކުރުމުގައި އަތޮޅުގެ މީހުން އުޅޭ ރަށްރަށުގެ ޙިއްޞާއޮތް ކަމަށް ތިނަދޫ އެވަރފާސްޓް ޙަސަން އިބްރާހީމް ދީދީ މަޢުލޫމާތު ދެއްވަ އެވެ. ތިނަދޫގައި ޙާޖީ މުޙައްމަދު ކަލޭގެފާނު ބިނާކުރެއްވި ވާރުގެ ޢިމާރާތަށް އޭގެފަހުން ކުދިކުދި ބަދަލުތައް ގެނެވިފައި ވިޔަސް، 1962މ. ވަނަ އަހަރު ހަވަރުތިނަދޫން މީހުން ބޭލުމާއި ހަމައަށް (މަދު ދުވަސްކޮޅެއް ފިޔަވައި) ހުވަދުއަތޮޅުގެ އަތޮޅުއޮފީސް ހިންގާފައިވަނީ، އެ ޢިމާރާތުގަ އެވެ.

ހުވަދުއަތޮޅުގެ ހިންގުމާއި ބެހޭ ކަންކަމުގެ ރަސްމީ ލިޔެކިޔުމުގެ ތަކެތި ވާރުގޭގައި ހުރެފައި ޢާއްމުކޮށް އިދާރީ ކަންކަން ހިންގަނީ ވާރުގޭގަ އެވެ. ނަމަވެސް އަތޮޅުވެރިޔާ ޙާޖީ މުޙައްމަދު ކަލޭގެފާނު ގޭގައި އުޅުއްވާ ވަގުތެއްގައި ކޮންމެހެން އެވަގުތު ލިޔަންޖެހޭ ރުއްލަކުޑި ކަނޑުވައިދޭ ސިޓީތަކާއި، ރަށްރަށުގެ ވެރިންނަށް އަންގަވަން ޖެހޭ ބައެއް ކަންކަމުގެ ސިޓީ ލިޔުއްވައިގެން އަތޮޅުވެރިޔާގެ ކާތިބު (ފަހުން ތިނަދޫ ނައިބު) އިސްމާޢީލް ޒާހިރު ގެންނެވުމުން އަތޮޅުވެރިޔާ އޭގައި ސޮއި ކުރައްވަމުން ގެންދެވި އެވެ.

(ޙާޖީ މުޙައްމަދު ކަލޭގެފާނު، ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ދެ ފަހަރުގެ ޖުމްލަ ޢަދަދަކީ 19 އަހަރު ކަމަށް ބައެއް ލިޔުންތަކުގައި ހުރިކަމަށް ވިޔަސް، އޭގެ ރަނގަޅު ޢަދަދަދަކީ 31 އެވެ.)

އެ ދުވަސްވަރު އަމިއްލަ ކަންކަމުގައި ވާރުގޭގެ ބޭނުމެއް އަތޮޅުވެރިޔާ މުޙައްމަދު ކަލޭގެފާނު ނުކުރައްވަ އެވެ. އެ ދައުރުގެ ގިނަ ދުވަހު ވާރުގެ ބެލެހެއްޓުމަށް އެ ތާނގައި ހުރީ ހައްދުންމަތީ ކޮއްކޯބެ ކިޔާ މީހެއްކަމަށާއި، ވާރުގެއާއި އަދި ކޮއްކޯބެގެ މަސައްކަތް ހިނގާ ނުހިނގާގޮތް ކޮންމެ ދުވަހަކު ބައްލަވަމުން ގެންދެވީ ޢާއިޝަތު ގާސިމް މެންގޯޓްރީ/ ތިނަދޫ (ބޭސް އައިސާދައިތަ) ކަމަށް، ތިނަދޫ އެވަރފާސްޓް ޙަސަން އިބްރާހީމް ދީދީ އާއި ޙަވާލާދެއްވައި ހުވަދުއަތޮޅުގެ ތާރީޚު ދިރާސާކުރެއްވި ބޭފުޅެއްކަމަށްވާ މަޑަވެލީ ޒޫރިޔާގޭ އަލްމަރުޙޫމް ޢަލީ ނަޞީރު ލިޔުއްވާފައިވެ އެވެ. ޢަލީ ނަޞީރު ލިޔުއްވާގޮތުން ހުވަދުއަތޮޅުގައި އެންމެފުރަތަމަ ރަސްމީ ކަންކަމުގައި އަންހެނުން އުޅުމުގެ ފެށުމަކީ އެއީ އެވެ.

ހުވަދުއަތޮޅު ހޮވޮއްޑާގައި ދިރިއުޅޭ މީހުން، މީހުންމަދުވެ އެ ރަށުން ފައިބަންޖެހުމުން ތިނަދޫ ބަރާސިލު އަވަށުގައި ތިބޭ ފައިފަލަބަލީގެ މީހުން   ހަވޮއްޑާއަށް ގެންދެވީ ވެސް މިއަހަރުގެ ތެރޭގަ އެވެ. މިކަންކުރެއްވީ ފައިފަލަބަލި ފެތުރެމުންދާލެއް އަވަސްކަމާއި ބައްޔަށް ދޭނޭ ޚާއްޞަ ފަރުވާއެއް އެ ދުވަސްވަރު ލިބެންނެތުމުގެ ސަބަބުން، ސަލާމަތުން ތިބި މީހުންގެ ރައްކާތެރިކަމަށާއި ބަލި ކޮންޓްރޯލް ކުރުމަށް އެޅެންއޮތް ފިޔަވަޅެއްގެ ގޮތުންނެވެ. މިކަން މިގޮތަށް ހަމަޖެހުނީ، އަތޮޅުވެރި ޙާޖީ މުޙައްމަދު ކަލޭގެފާނާއި އަތޮޅުގެ ކުރިއަށްތިއްބެވި ބޭފުޅުންނަށް މިކަން މިގޮތަށް ގެންދެވުމަށް ފެނިވަޑައިގެން އެ ވާހަކަ ދިވެހިދައުލަތުގައި ދެންނެވުމުންނެވެ.

ފުދުންތެރިކަމުގެ ތެރެއިން:

ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނަކީ އޭނާ ދުނިޔެ ދޫކުރެއްވުމާއި ހަމައަށް ވެސް ހުވަދުއަތޮޅުގައި ހުންނެވި އެންމެ ތަނަވަސް މުއްސަނދި ފަރާތެވެ. މިކަން އޭނާއާއި ހަމައަށް ފޯރުމުގެ އެއް ވާސިޠާއަކީ ދައުރުވަމުން ދިޔަ ޢާއިލީ ތަނަވަސްކަމެކެވެ. މިވާހަކަ ތިނަދޫ މާކޯނި އަލްމަރުޙޫމް ޢަބުދުއްޞަމަދު ޙުސައިން އާއި ޙަވާލާދެއްވައި މަޑަވެލީ ޒޫރިޔާގޭ އަލްމަރުޙޫމް ޢަލީ ނަޞީރު ވެސް ހާމަކުރައްވާފައިވެ އެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނާއި ހަމައަށް ފޯރާފައިވާ ޢާއިލީ ތަނަވަސްކަމުގެ ފެށުމަކީ، މުޙައްމަދު ކަލޭގެފާނުގެ ބޮޑުބޭބެ ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭގެފާނެވެ. މިއީ 1281ހ. އިން ފެށިގެން 13 އަހަރުވަންދެން ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި ވަރަށް މުއްސަނދި ބޭފުޅެކެވެ. އަތުގައި ރަން އުޅާބައެއް، އަދި ކަރުގައި ފައްޓަރުބައެއް އެޅި ހުވަދުއަތޮޅުގެ ފުރަތަމަ އަންހެންކުއްޖަކީ، ރާގުޅި އަޙުމަދު ކަލޭގެފާނުގެ އާމިނާފާނެވެ.

ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނަކީ ހުވަދުއަތޮޅުގެ އެކި ވަރުގެ ހައެއްކަ ފަޅުރަށް ވަރުވާއަށް ލިޔުއްވައިގެން އުޅުއްވައި، ބޭރު ދަތުރުކުރާ ދެ އޮޑިއާއި  އެތެރޭގެ މަސްވެރިކަމާއި އެހެނިހެން ކަނޑުދަތުރަށް ބޭނުންވާ އެކި ވަރުގެ ހަތަރުފަސް އުޅަނދު ގެންގުޅުއްވައި އެކި ތަކެތީގެ ވިޔަފާރިކުރެއްވި ބޭފުޅެކެވެ. ފަގީރުންނާއި މިސްކީނުންނަށް އަޅާލައްވައި އެހީވެދެއްވައި މުހުތާދުވެރިންގެ މުހުތާދުތައް ފުއްދަވައިދެއްވި ދީލަތި އިޙުސާންތެރިއެކެވެ. ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރައްވައި ޢިލްމު އުނގަންނައި ދެއްވުމަށް އިސްކަންދެއްވައި އެ ކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރެއްވި ބަފައެކެވެ. އޭނާގެ ތިއްބެވީ 3 ފިރިހެން ކުދިންނާއި 2 އަންހެން ކުދިންނެވެ. ހުވަދުއަތޮޅަށް އުފެދުނު އެންމެ މޮޅު މާލިމީ އެއް ކަމަށްވާ އަލްމަރުޙޫމު މުޞްޠަފާ މަންޞޫރު އަކީ ވެސް މުޙައްމަދު ކަލޭގެފާނުގެ ދަރިއެކެވެ. މަންޞޫރު ކިޔަވައި ވިދާޅުވެފައި ވަނީ މިޞްރުގެ ޖާމިޢުލް އަޒުހަރާއި އަދި އިންޑިޔާ އިންނެވެ.

މި ހުރިހާ ކުދިންނަށް ވެސް ދިރިއުޅޭނޭ ރަނގަޅު ފެންވަރުގެ ގޭގެ ހައްދަވައިދެއްވި ކަމަށާއި، ތިނަދޫގައި އެންމެފުރަތަމަ ރަނގަޅު ފެންވަރަކަށް ރާނާ ކިރުއުވަ ޖަހައި ތަޅުން އެޅި ފުރަތަމަ ގެއަކީ ވެސް މީގެތެރެއިން ގެއެއްކަމަށް ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ޢާއިޝަތު މުޙައްމަދުގެ އާމިނަތު ފަރީދާ މަޢުލޫމާތުދެއްވި އެވެ.

މުޙައްމަދު ކަލޭގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ކުރިން އޭނާގެ ޙައްވާ މުޙައްމަދާއި އަޙުމަދު ވަޙީދު ދުނިޔެދޫކުރެއް ވިއިރު އެއިން ކޮންމެ ފަރާތެއްގެ އަންހެން ދަރިއަކު ދުނިޔޭގައި ވާތީ، "އެއީ ޔަތީމު ކުދިންކަމަށާއި އެ ކުދިންގެމުދަލުގައި ނުޖެހި  އެ މުދައު އެ ކުދިންނަށް ހަމައަށް އަދާކުރުމަށާއި މުޙައްމަދު ކަލޭގެފާނުގެ ތަރިކަމުދައު ބަހާއިރު އޭނާގެ ދަރިންނަށް (އަންހެން ފިރިހެން ވަކިނުކޮށް) އެއްވަރަކަށް މުދައު ބެހުމަށް މުޙައްމަދު ކަލޭގެފާނު ވަޞިއްޔަތްކުރައްވާފައި ވާތީ އެކަންކުރީ އެގޮތަށްކަމަށް ޙާޖީ މުޙައްމަދު ކަލޭގެފާނުގެ އަޙުމަދު ވަޙީދުގެ ފާޠިމަތު ވަޙީދާ މަޢުލޫމާތު ދެއްވި އެވެ.


ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ތަނަވަސްކަމުގެ ވާހަކަ ދައްކަވަމުން މއ. ބާރަނާއާގެ ހުސައިން ތައްޚާނު (ތިނަދޫ އަމީރުއްޒަހުރި)އާއި ޙަވާލާދެއްވައި މަޑަވެލީ އަލްމަރުޙޫމް ޢަލީ ނަޞީރު ލިޔުއްވާފައިވަނީ "މުޙައްމަދު ކަލޭގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިފަހުން އޭނާގެ ތަރިކަ ބެހި ދުވަހު  5 ބަޔަށް ތަކެތި ބެހުމުން އެއިން ކޮންމެ ބަޔަކަށް ލިބުނު ހަމައެކަނި ބަތްކާ ތަށީގެ ޢަދަދަކީ 750 ކަމަށާއި، އަދި ރުނބާ ފަދަ އެހެނިހެން ކަންވާރާއި، ރިހި ރުފިޔާގެ ޢަދަދު ވެސް ވަރަށް ގިނަ" ކަމަށެވެ. ޙުސައިން ތައްޚާނަކީ މުޙައްމަދު ކަލޭގެފާނުގެ ތަރިކަ ބެހި ދުވަހު ވާރިޘެއްގެ ފަރާތުން މުދަލާއި ޙަވާލުވި ފަރާތެކެވެ.

ނިންމާލުން:

ޙާޖީ މުޙައްމަދު ކަލޭގެފާނު 2 ފަހަރަށް ޙައްޖުގެ މަތިވެރިއަޅުކަން އަދާކުރެއްވި އެވެ. މީގެތެރެއިން 2 ވަނަ ފަހަރުގެ ދަތުރު އޭނާގެ އަނބިކަނބަލުން މަރިޔަމްފާނު ވެސް ޙައްޖުގެ އަޅުކަމަށް ޢަރަބިކަރައަށް ގެންދެވި އެވެ. މުޙައްމަދު ކަލޭގެފާނަކީ ޙަޔާތުނާމާ ލިޔުއްވި ބޭފުޅަކަށްވެފައި މި ދެ ދަތުރު އޭނާ ލިޔުއްވުން އެކަށީގެން ވިޔަސް، އޭގެތެރެއިން މިހާރު ފެންނަން އޮތީ 2 ވަނަ ދަތުރުގެ ދަތުރުނާމާ އެވެ. މިއީ ހުވަދުއަތޮޅު ތިނަދޫ މީހެއްގެ އަމިއްލައަތުން ކަރުދާހުގައި ލިޔެ، މިހާރު ފެންނަން އޮތް އެންމެދުވަސްވީ ލިޔުމެވެ. މިއީ 1927މ. ވަނަ އަހަރުގެ ލިޔުއްވުމެކެވެ. މި ލިޔުމުގައި އެ ފަހަރު މުޙައްމަދު ކަލޭގެފާނު "އަލްގުދުސް" އަށް ކުރެއްވި ދަތުރު ވެސް ވެ އެވެ. މި ދަތުރު ބައްލަވައިލެއްވުމަށް ބޭނުންފުޅުނަމަ، މިތަނަށް ފިއްތަވާލެއްވުން އެދެމެވެ.

"ގަލެހިރި" ސައިޓްގައި ޝާއިޢުކޮށްފައިވާ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ދުވަސްވީ މި ލިޔުއްވުމުގައިވާ "އަލްގުދުސް"އަށް ކުރެއްވި ދަތުރު މިޒަމާނުގެ ލިޔުމުން ލިޔުއްވި ދިވެހިބަހާއި އަދަބުގެ މާހިރެއްކަމަށްވާ ތިނަދޫ އަލިދޯދި ޢަބުދުﷲ ޢަފީފު މި ލިޔުމާމެދު އޭނާ ދެކެވަޑައިގަންނަވާ ގޮތް ހާމަކޮށްދެއްވުމަށް ލިޔުއްވާފައިވެ އެވެ.

]ދަތުރުނާމާގެ މިބައި މިޒަމާނުގެ ލިޔުމުން ލިޔުނު މީހެއްގެގޮތުން އަޅުގަނޑު (ގދ. ތިނަދޫ އަލިދޯދި ޢަބްދުﷲ ޢަފީފު) ދަންނަވާނީ މިއީ މީގެ 84 އަހަރުކުރިން ލިޔުއްވާފައިވާ ލިޔުއްވުމަކަށް ވާއިރު ވެސް، ލިޔުމުގެ ޢިބާރާތްތައް ވަރަށް ފަސޭހައިން ދޭހަކުރެވެ އެވެ. އެ ދުވަސްވަރުގެ ލިޔުންތަކުގައި ހުންނަ ދޭހަކުރުމަށް އުނދަގޫވާ ގޮތް މި ލިޔުމަކު ނެތެވެ. ލިޔުމަކީ ދަތުރުމަތީގައި ވަރަށް އަވަދިނެތި އުޅުއްވަމުން ލިޔުއްވާފައިވާ ލިޔުމަކަށް ވާތީ (ދޭހަ ނުގެއްލޭގޮތަށް) ކުރުކޮށްލައްވާފައި ހުރި ބައެއް ތަންތަން ފުރިހަމަކޮށްލުން ނޫން މާބޮޑު ބަދަލެއް އަޅުގަނޑު ނުގެންނަމެވެ. ދެން މި ލިޔުމުން ފާހަގަކުރެވޭ އަނެއްކަމަކީ އަލްމަރުޙޫމް މުޙައްމަދު ކަލޭގެފާނު މި ލިޔުމުގައި ވަގުތު (ގަޑިއާއި މިނެޓަށް ދަންދެން) ބަޔާންކޮށް ދެއްވުމަށް ބަހައްޓަވާފައިވާ ފަރުވާތެރިކަމެވެ. އަދި އެ ކަލޭގެފާނުގެ ސިފަކުރެއްވުމުގެ މޮޅުކަމާ ފޭބެންނެވި ސިޑިތަކުގެ ހަރުފަތްތަކުގެ ޢަދަދު ވެސް ބަޔާންކޮށް ދެއްވާފައިވުމުން ދޭހަވަނީ ލިޔުންތެރިކަމަށް ވަރަށް ބޮޑަށް ހޭލުންތެރިވެލައްވާފައިވާ ކަމެވެ. އަދި މި ލިޔުމަކީ އެ ދުވަސްވަރުގެ އެންމެރީތި ލިޔުމަކާ އެއްފެންވަރުގެ ރީތި ލިޔުމެއްކަމަށް ވެސް ފާހަގަކުރެވެއެވެ[. – ޢަބުދުﷲ ޢަފީފު 

ޙާޖީ މުޙައްމަދު ކަލޭގެފާނަކީ އެ ދުވަސްވަރަށް އެކަށޭނަ ޢިލްމު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން އޭނާ ކުރެއްވި ކަންކަމާއި އަދާކުރެއްވި ވަޟީފާތަކާއި އަދި އޭނާ ގެންގުޅުއްވައި ބައްލަވަމުން ގެންދެވި ފޮތްފޮތުން އެނގެ އެވެ. މި ފޮތްތައް ހުންނަނީ އޭނާގެ ގޭގެ ބޭރުގެތެރޭ ކުޑަ އަށިމަތީ ހުންނަ އަލަމާރިއެއްގަ އެވެ. އޭގެތެރޭ ޢަރަބިބަހުން ލިޔެ ޗާޕުކޮށްފައިވާ ފޮތްތަކާއި، އެ ދުވަސްވަރުގެ ޢިލްމީ ބޭފުޅުން އަތްޕުޅުން ލިޔުއްވައި ޗާޕްނުކުރާ ޢަރަބި، އަދި ދިވެސްއަކުރުން ލިޔެފައިވާ ފޮތާއި ތާނައަކުރުން ލިޔެފައިވާ ފޮތް ހުރެ އެވެ. 1962މ. ގައި ހަވަރުތިނަދޫން މީހުން ބޭލުމާ ހަމައަށް ވެސް، ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ފޮތް އަލަމާރީގައި ފޮތްތައް ހުރުމާއެކު، އަޅުގަނޑަށް ވެސް އެ ފޮތްތައް ފެނިފައިވެ އެވެ.

ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ފުރަތަމަ ޙައްޖުދަތުރުގައި އޭނާ ބައްލަވައިގަތް ޢަރަބި ފޮތްތަކެއްގެ ނަންތަކާއި ބައްލަވައިގަތް އަގުތައް އެ ދަތުރުގެ ދަތުރުނާމާގައި ލިޔުއްވާފައިވެ އެވެ. މީގެތެރޭ: مَوعِظَةُ المؤمنين، كتاب اللَّمع، مَنَاقِبُه، القواعد الجَلِيَّة، دروس التاريخ الإسلامي، كشف الغُمَّة، لواقح الأنوار، تَذْكِرَة، المطالعة الأوَّلِيَّة، جواهر الأدب، مُخْتَارُ الصِّحَاح، السعادة الأبدية في الشريعة الإسلامية، جواهر الإعراب، كشف الغمة من جميع الأمة، لواقح الأنوار القدسية في العهود المحمدية، اللمع في أصول الفقه، المقاصد، فتح الجواد بشرح الإرشاد على متن الإرشاد، الأساس في الفقه الشافعية، الأنوار المحمدية من المواهب اللدنية، نزل الأبرار، نور اليقين في سيرة سيد المرسلين، اتمام الوفاء في تاريخ الخلفاء، موعظة المؤمنين مختصر احياء علوم الدين، ذكرى العاقل وتنبيه الغافل، طبقات الخواص أهل الصدق والإخلاص، موعظة المؤمنين من إحياء علوم الدين، كتاب اللَّمع، قواعد اللغة العربية، ފަދަ ބޭނުންތެރި ފޮތްތައް ހުއްޓެވެ.

ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ޙައްޖުގެ މި ދަތުރުގައި އޭނާ ބައްލަވައިގަތް ފޮތްތަކުގެ ނަންތަކާއި އެ ދަތުރުނާމާގެ ބައެއް ލިޔުންތައް އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން ބައްލަވައި، އެއާއިމެދު އޭނާ ދެކިވަޑައިގަންނަވާ ގޮތް ހާމަކޮށްދެއްވުމަށް ލިޔުއްވާފައިވެ އެވެ.

ފޮތްތައް ހިމެނޭ ލިސްޓްގައި މި ފޮތާ (كتاب اللَّمع)  ވިދިގެން އޮތީ ޢަރަބި ބަހުގެ ޤަވާޢިދު ފޮތެއް (قواعد اللغة العربية)ކަމަށް ވާތީ، މިއީ،  كتاب اللمع في العربية ކަމަށް ބެލެވެ އެވެ. މި ފޮތަކީ، ޢަރަބި ބަހުގެ ނަޙުވު (النحو) ޢިލްމާއި، ޞަފުރު (الصرف) ޢިލްމުގެ ފޮތެކެވެ. މި ފޮތުގެ ޝަރަޙަތައް ލިޔުއްވާފައިވާ ބަހަވީ ޢިލްމުވެރިން ވަރަށް ގިނަ އެވެ. ވިކިޕީޑިޔާގައި އެއިން 23 ޢިލްމުވެރިއެއްގެ ނަން ބަޔާންކުރެވިފައި ވެ އެވެ. އެހެންކަމުން، މި ފޮތަކީ، ޢަރަބި ބަހުގެ ވަރަށް މުހިންމު ފޮތެއްކަން އެނގެ އެވެ.ފޮތުގެ މުއައްލިފަކީ، ފުންނާބުއުސް ނަޙުވު ޢިލްމުވެރިޔާ، أبو الفتح عثمان بن جني އެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ޢިރާޤުގެ މޫޞަލް ސަހަރުގައި، ހިޖުރީ ސަނަތުން 322 ވަނަ އަހަރު އެވެ.

ފޮތްލިސްޓްގެ ލިޔުމާމެދު:
ފޮތްތަކުގެ ނަންތައް ލިޔެވިފައިވަނީ، ޢަރަބި ލިޔުމުގެ ޤަވާޢިދު ފޮތްތަކުގައި ބަޔާންކުރެވިފައިވާ ވަކި ބާވަތެއްގެ ލިޔުމަކުން ނޫނެވެ. އެކަމަކު، ޤަވާޢިދު ފޮތްތަކުގައި ބަޔާންކުރެވިފައިވާ ތަފާތު ލިޔުންތަކުގެ ސިފަތައް އޭގައި އެކުލެވެ އެވެ. ނަސްޚު ލިޔުމާއި، ފާރިސީ ލިޔުމާއި، ރިޤުޢާ ލިޔުމާއި، ޘުލުޘު ލިޔުމުގެ އަކުރުތައް އޭގައި ހިމެނެ އެވެ. އަދި ބައެއް ތަންތަނުގައިވާ އަލިފާއި، ހުރިހައި ދެފަށްލާމެއް ލިޔެވިފައިވަނީ، ދީވާނީ ލިޔުމުގެ ސިފައަށް ކަން ވެސް ފާހަގަކުރެވެ އެވެ. މިއިން އެނގޭ އެއްޗަކީ، ފޮތް ލިސްޓް ލިޔުއްވި ބޭކަލަކަށް ޢަރަބި ލިޔުމުގެ ތަފާތު ބާވަތްތައް އެނގިވަޑައިގެންފައިވާ ކަމެވެ. އެ ބޭކަލަކު ފޮތް ލިސްޓް ލިޔުއްވާފައިވަނީ ވަރަށް އަވަދިނެތި އުޅުއްވަމުންކަން ލިޔުމުން ދޭހަވެ އެވެ. އެހެންކަމުން، އޭނާއަށް އެނގިވަޑައިގަންނަވާ ހުރިހާ ޢަރަބި ލިޔުމުގެ ބާވަތެއް އޭގައި ހިމެނިފައިވަނީ ކަމަށް ލަފާކުރެވެ އެވެ.

ދެ ޞަފުޙާއަށް ނަޒަރެއް:
ފޭރާން ހެޔޮ، ބަސްމަގު ރިވެތި ލިޔުމެކެވެ. އެ ޒަމާނުގެ މޮޅު ތަޢުލީމުޔާފުތާއެއްގެ ޤަލަމުން ނޫނީ ނުލިޔެވޭނެ ލިޔުމެއް ކަމަށް ޤަބޫލުކުރެވެ އެވެ. ލިޔުންތެރިޔާ އަކީ، ދިވެހި ސަގާފަތާއި އަދަބިއްޔާތުގައި ވެސް ފުންނާބު އުސް ބޭކަލެއް ކަމަށް ޤަބޫލުކުރެވެ އެވެ. ތާނަ އަކުރުގެ އިތުރުން ދިވެސް އަކުރު ފަދަ ދިވެހި ސަގާފަތުގައި ހިމެނޭ އެހެން އަކުރުތައް ވެސް އޭނާއަށް އެނގިވަޑައިގަންނަވާތީ އެވެ. 


                                      ]ހުވަދޫ އަތޮޅުވެރިކަލޭފާނު، ނުވަތަ ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ސިޔަރަތަކީ، ފަޚުރުވެރި، އަދި ވަރަށް މުއްސަނދި ސިޔަރަތެކެވެ. ހެއްކާއި، ގަރީނާތައް ވަރަށްގިނަ އެވެ. ޔޯލަކޮށްފައެއް ނޫނެވެ. އޭނާ ދެކެފައިވާ މީހުންނާއި، އަދި އޭނާގެ އަމިއްލަ ގަލަމުގެ ލިޔެކިޔުންތަކުން ވެސް މެއެވެ. އެ މަޢުލޫމާތުގެ އަހުލުވެރީން ވަނީ، އެ މަޢުލޫމާތު ލިޔެފަ އެވެ. ތާރީޚް އޭގެ އަމިއްލަ ނަފުސު އިޢާދަކުރާނެ އެވެ. އެ ކަމަށް ބޭނުންވެއްޖެ ހިނދެއްގަ އެވެ.[ - އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި

ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު ދުނިޔެ ދޫކުރެއްވީ 3 ވަނަ ފަހަރަށް ޙައްޖަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުގެ 25 ވަނަ ދުވަހު މާލޭގައިކަމަށާއި، އޭރު އޭނާގެ ޢުމުރަކީ 63 އަހަރުކަމަށް، އޭނާގެ ފިރިހެންދަރިފުޅު އަޙުމަދު ވަޙީދުގެ ފާޠިމަތު ވަޙީދާ މަޢުލޫމާތު ދެއްވަ އެވެ. ޙާޖީ މުޙައްމަދު ކަލޭގެފާނުގެ މަގްބަރާ އޮތީ، މައްޗަންގޮޅީ އާމިސްކިތު ގަބްރުސްތާނުގައި އޭނާގެ އަންހެން ދަރިފުޅު ޙައްވާ މުޙައްމަދު (ޙައްވާފާނު)ގެ މަހާނައާއި ޖެހިގެންނެވެ.  

މަތިވެރި ﷲ، އަލްމަރުޙޫމް ޙާޖީ މުޙައްމަދު ކަލޭފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި އެވެ. އާމީން.
                                 -------------

ޢަބުދުﷲ ޙިލްމީ
24 ފެބްރުއަރީ 2016މ.

ފަންނީ އެހީ:
އަލްފާޟިލް ޢަބުދުﷲ ޢަފީފު އަލިދޯދި/ ތިނަދޫ، އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން

މަޢުލޫމާތުގެ ޙިއްޞާ:
އަލްމަރުޙޫމް ޙަސަން ޙިލްމީ ޖަނަވަރީގެ/ ތިނަދޫ (ލިޔުއްވުން)، އަލްފާޟިލް ޢަބުދުﷲ ޢަފީފު އަލިދޯދި/ ތިނަދޫ، އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން، އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި (ލިޔުއްވުން)، އަލްފާޟިލް ޢަލިދީދީ ވިދުވަރުގެ/ ފުވައްމުލައް، އަލްފާޟިލާ ފާޠިމަތު ވަޙީދާ ގެލަ/ ތިނަދޫ، އަލްފާޟިލާ އާމިނަތު ފަރީދާ މ. ސޯންބްލޫ/ މާލެ، އަލްފާޟިލް މުޙައްމަދު ޒުހައިރު ޖޭނެސްޓް/ ތިނަދޫ، އަލްފާޟިލާ މަރިޔަމް ޒާހިރާ ކޫވިލް/ ތިނަދޫ، އަލްފާޟިލާ ފާޠިމަތު ގާސިމް ބްލެކްނެކް/ ތިނަދޫ