ދިވެހީން މިދެކޭ ޑިމޮކްރަސީއާއި އިބްލީސް














މީގެ އެތައް އަހަރެއްގެކުރިން ފެށިގެން ދިވެހިރާއްޖެއިން ފެންނަމުން ދިޔަ އިސްލާމީ އުޚުއްވަތްތެރި ކަމާއި، އެއްބައިވަންތަ ކަމާއި ކުލުނާއި ލޯތްބާއި ހަމްދަރުދީއާއި ރިވެތި އަޚުލާގާއި ސުލޫކާއި ނެތިގެން މިދަނީ ޑިމޮކްރަސީގެ ނަމުގައި ޕާޓީ ފިކުރާއި ފައިސާއާއި ތަކެއްޗާއި ދުނިޔަވީ ދަހިވެތިކަން ދިވެހިމުސްލިމް ބަޔެއްގެ ހިތްތަކަށް ވަދެގެންނެވެ.  

ބައެއް މައިންބަފައިންނާއި އެމީހުންގެ ދަރިންގެ ތެރެއިންނާއި އެކިއެކި އަޚުންނާއި އުޚުތުންގެ ތެރެއިންނާއި ރައްޓެހިންނާއި ދޭދޭ ފަރުދުންގެ ތެރެއިންވެސް މިއަދު ފެންނަމުން ދަނީ އިސްލާމީ ރިވެތި ހަމަތައް ނެތިގެންދާ ތަނެވެ. މިއީ އިސްލާމީ ކޮންމެ ދިވެހި ދަރިއަކުވެސް ހެޔޮހިތުން ވިސްނައިލުން މިއަދު ލާޒިމުވެފައިވާ ކަމެކެވެ. މިކަންކަމާ މެދު އެބުނެވޭ ހެޔޮ ބަހަކީ ތިމާމެންގެ ދެ ދުނިޔޭގެ ސަލާމަތާއި ބާއްޖަވެރިކަން އޭގެތެރޭ ހިމެނޭ ބަހެއްނަމަ އެބަހެއް ބުނި މީހަކަށް ނުބަލައި އެމީހަކު އެބުނި ހެޔޮ ބަހަކަށް މިއަދު ވިސްނައި އެއަށް ޢަމަލުކުރަން ވެއްޖެއެވެ.

ޑިމޮކްރަސީގެ ނަމުގައި މަކަރުވެރިކަމާއި ޙީލަތްތެރިކަމުގެ ތެރެއިން ޕާޓީ ފިކުރާއި ފައިސާއާއި ތަކެއްޗާއި ދުނިޔަވީ ދަހިވެތިކަމުގެ އަވާގައި އަޅުގަނޑުމެން މުސްލިމް ދިވެހީންގެ ބަޔަކު ޖެއްސީ ޝައިޠޯނީ ބާރުތަކުގެ އެންމެކުރީގައި ހުދު ސުންދުސީ ފޭރާމުގައި ހަށިފޮޅައިލައި ޖަޑިބުހެދިގެން އިބްލީސުއްލަޢީން ހުރެގެންނެވެ. މުސްލިމު ދިވެހީންގެ ބަޔަކު ވާވައްދައި ޝައިޠާނީ ބާރުތަކުން ދައްކާ ހަވާނަފުސުގެ މަގުން ދަތުރުކުރާ މުސްލިމު ދިވެހީންގެ މީހަކަށްފަހު މީހަކު އާޚިރުގައި ވެއްޓޭނީ ފުންމިން އެނގިގެންނުވާ އަނދިރި ވަޅަކަށެވެ. މިހެންވެއްޖެ ނަމަ ދެން އެވަޅުން އެރޭނޭ އެއްވެސްގޮތެއް ނޯންނާނެއެވެ.

އިބްލީސުއްލަޢީނުގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން އެކަލޭގެ ސުވަރުގެއިން ނެރެލެއްވި ވަގުތުން ފެށިގެން އާދަމުގެދަރިން މަގުފުރައްދައި ނުބައިކަމުގެ އެންމެހައި ދޮރުތަކުން އެބައިމީހުން ވެއްދުމަށްޓަކައި މިކަލޭގެ ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިކަމަކީ މިހެންއޮތް ކަމެއްކަން އަޅުގަނޑުމެން މުސްލިމް ކޮންމެމީހަކު ވިސްނައިލިނަމަވެސް ލަހެއްނުވެ އެނގިދާނެއެވެ. 

ކުރިންވެސް ދަންނަވައިލިހެން މީގެ އެތައް އަހަރެއްގެކުރިން ފެށިގެން ދިވެހިރާއްޖެއިން ފެންނަމުން ދިޔަ އިސްލާމީ އުޚުއްވަތްތެރިކަން މިއަދު ނެތިގެން ދަނީއެވެ. އެތައް ގޮތަކުން އެތައް ކަމަކުންނެވެ. އޭގެ ފާޅުކަންބޮޑު އެއްކަމަކީ ތިމާމެންގެ ޕާޓީ ފިކުރުގެ މީހަކަށްނުވާނަމަ ތިމާމެންގެ މުސްލިމް އަޚާ ނުވަތަ އުޚުތު ދުނިޔެ ދޫކުރުމުން އެމައްޔިތާއަށް ކުރާ ހެޔޮދުޢާގައިވެސް ތިމާމެން ބައިވެރިނުވާ ކަމެވެ. ބައިވެރިވާންވެސް ބޭނުންނުވާ ކަމެވެ. އަދި ކީއްތޯއެވެ. އެމައްޔިތާގެ ކަށުނަމާދާއި އެމައްޔިތާއަށް ހެޔޮދުޢާކުރުމުގެ ވަގުތުކޮޅެއްގައިވެސް  ތިމާމެން ބައިވެރިނުވާ ކަމެވެ. ބައިވެރިވާންވެސް ބޭނުންނުވާ ކަމެވެ. މިއީ ތެދެއްތޯ ނޫނީ ދޮގެއްތޯ ބަލަން ބޭނުންވާ މީހަކަށް މިކަން ރަނގަޅަށް ފެންނާނެއެވެ. އެމައްޔިތާގެ ޖަނާޒާއާއި، ކަށުނަމާދާއި، އަދި އެމައްޔިތާއާއި ގުޅުންހުރި އެހެނިހެން ވެސް ކަންކަމާއި ތަންތަނުންނެވެ.

މުސްލިމުން ދުނިޔެ ދޫކުރުމަށްފަހު އެމައްޔިތުންނަށް ދަރުމައާއި ސަވާބާއި ފައިދާކުރާނޭ ކަންކަމުގެ އެއްކަމަކީ އޭނާއަށް ހެޔޮ ދުޢާކުރުމެވެ. މިދެންނެވިގޮތަށް އެމައްޔިތާއަށް ކުރާ ހެޔޮދުޢާގެ ފައިދާ އޭނާއަށް ކުރާނެކަމުގެ ދަލީލަކީ ކީރިތި ގުރުއާންގެ ވަޙީ ބަސްފުޅެވެ. 

މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ.
وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَحِيمٌ  (سورة الحشر - 10)
މާނައީ. "އަދި އެއުރެންގެ ފަހަތުން އަންނަމީހުން ބުނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ. އަޅަމެންނަށް ފާފަފުއްސަވައި މަޣުފިރަތު ދެއްވާފާނދޭވެ. އަޅަމެންނަށްވުރެ ކުރިން އީމާންކަންމަތީ ދެމިތިބި އަޅަމެންގެ އަޚުތަކުންނަށްވެސް ފާފަފުއްސަވައި މަޣުފިރަތު ދެއްވާފާނދޭވެ. އަދި އަޅަމެންގެ ހިތްތަކުގައި އީމާންވެއްޖެ މީސްތަކުންނަށް އެއްވެސްކަހަލަ ރުޅިވެރިކަމެއް އޮތަނުދެއްވާފާނދޭވެ. އަޅަމެންގެވެރި ރަސްކަލާކޮ. ހަމަކަށަވަރުން އިބަ އިލާހީ ނުހަނު އޯގާވެރި ރަޙީމުވަންތަ އިލާހެވެ."

ކީރިތި ރަސޫލު (ޞ.ޢ.ވ) ޙަދީސްކުރެއްވިއެވެ. 
"استغفروا لأخيكم واسألوا له التثبيت فإنه الآن يسأل" މާނައީ، ތިޔަބައިމީހުންގެ އަޚާގެ ފާފަފުއްސަވައި ދެއްވުމަށާއި، ސާބިތުކަން ދެއްވެވުމަށް ދުޢާކޮށްދޭށެވެ. މިހާރު އޭނާއާއި ސުވާލުކުރެވޭނެއެވެ. 
އަދިވެސް މާތް ރަސޫލު (ޞ.ޢ.ވ) ޙަދީސްކުރައްވާފައިވެއެވެ. 
"إذا صليتم على الميت فأخلصوا له الدعاء" މާނައަކީ، ތިޔަބައިމީހުން މައްޔިތާއަށްޓަކައި އިޚްލާޞްތެރިކަމާއި އެކު ދުޢާ ކޮށްދޭށެވެ.

ޑިމޮކްރަސީގެ ނަމުގައި ޝައިޠޯނީ ބާރުތަކުގެ މަކަރުވެރިކަމާއި ޙީލަތްތެރިކަމުގެ ތެރެއަށް އަޅުގަނޑުމެންގެ މުސްލިމް ދިވެހީންގެ ބަޔަކު ގެއްލި ހަލާކުވަމުންދާ ކަމީ، ނުހަނު ދެރަ ހިތާމަހުރި ކަމެކެވެ. ތިމާމެންގެ ޕާޓީ ފިކުރުގެ މީހަކަށްނުވާނަމަ ތިމާމެންގެ މުސްލިމް އަޚާ ނުވަތަ އުޚުތު ދުނިޔެ ދޫކުރުމުން އެމައްޔިތާއަށް ކުރާ ހެޔޮދުޢާގައި ވެސް ތިމާމެން ބައިވެރިނުވާ ކަމީ، ޝައިޠާނީ ބާރުތަކުގެ އަޅުންނަށް ތިމާމެން ވެއްޖެކަމުގެ އަލިގަދަ ހެއްކެކެވެ.
             ------------------

ލިޔުއްވީ: އިބްރާހީމް އާދަމް
31 ޑިސެމްބަރ 2014މ.