ުޢުޘްމާނީ ޚިލާފަތުގެ ފެށުމާއި ނިމުން















ޖުލައި 1299- 01 ނޮވެމްބަރ 1922 ގެ ޢައްބާސީ ދައުލަތުގެ ދުވަސްވަރަކީ އިސްލާމީ ދައުލަތުގެ ތަރައްޤީ އާއި ތަހުޒީބާއި ތަމައްދުނު އޭގެ އެންމެ ބާރުމިނުގައި ކުރިއަރަމުންދިޔަ ދުވަސްވަރޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ އެވެ. އަދި ވަކިން ޚާއްޞަކޮށް ޚަލީފާ ހާރޫނުއްރަޝީދުގެ ދުވަސްވަރާއި، ޚަލީފާ މައުމޫނުގެ ދުވަސްވަރަކީ، ޢިލްމީކަންތައްތަކާއި އަދި އެހެނިހެން ކަންތައްތަކަށް އެނޫން ދުވަސްވަރެއްގައި އަހައްމިއްޔަތުކަން ދެވިފައި ނުވާފަދަ މަތީދަރަޖައަކަށް އަހައްމިއްޔަތުކަން ދެވިފައިވާ ދުވަސްވަރެކެވެ. އެގޮތުން އެކިއެކި ބަސްބަހުން ލިޔެފައިހުރި ފޮތްތައް ޢަރަބިބަހަށް ތަރުޖަމާކުރެއްވުމާއި، ޢިލްމީ މައިދާނުގައި އިތުރު ހޯދުންތައް ހޯދައި، އިންސާނުން އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތްކުރެވެމުންދިޔަ ދުވަސްވަރެއްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އާދެ! މާތްﷲގެ ސުންނަތުގައި ނުވަތަ ޤުދުރަތީ ޤާނޫނުގައި ދުނިޔެމަތީގައި ހިނގަމުންދާ އެއްވެސްކަމެއް އެއްގޮތެއްގައި ދާއިމަށް ދެމިއޮތުން ލައްވާފައިނުވާތީ، ޢައްބާސީ ދައުލަތްވެސް އޭގެ މަންޒިލަށް ވާޞިލުވުމަށްފަހު ދެން ފެށުނީ އެ ދައުލަތުގެ އުޖާލާކަމާއި، އާރޯކަން ގެއްލި ހައިބަވަންތަކަން މަޑުމަޑުން ހީނަރުވާން ފެށުމުގެ ސިލްސިލާ އެވެ.

ކަމަކަށްފަހު ކަމެއް އުނިވެ، މުލަކަށްފަހު މުލެއް ބަލިކަށިވެ، ފަތަކަށްފަހު ފަތެއް ދޮންވެ، އެ ދައުލަތް އިންދިރާސްވެ ދާރުއްސަލާމުގައި ނުވަތަ ބަޣުދާދުގައި އޭރުހުންނެވި ޚަލީފާ المعتصم بالله ޤަތުލުވެ އިސްލާމީ ދައުލަތުގެ ހުންގާނު ތަތާރުން ނުވަތަ މޮންގޯލިއަނުންގެ އަތްމައްޗަށްއެރީ، މުޙައްރަމް 20، 656 ހ. (ޖެނުއަރީ 27، 1258 އާދީއްތަ) ގަ އެވެ. ގާތްގަނޑަކަށް ފަސް ޤަރުނުވަންދެން ހިނގަމުން ދިޔަ ޢައްބާސީ ދައުލަތްވައްޓައިލައި ބަޣްދާދު މުޅިން ސުންނާފަތިކޮށްލި ހިތާމަވެރި އެ ހާދީސާ އަކީ، އިންސާނިއްޔަތުގެ އިތުރަށް ތަހުޒީބާއި، ތަމައްދުނާއި، ތަޢުލީމަށް ވެސް ލިބިގެންދިޔަ އަނަރޫފަކަމެއްކަމުގައި ބުނެވެ އެވެ.

ތަތާރުން އެކުރިއަނިޔާވެރި ހަނގުރާމައިގައި ބަޣްދާދުގައިހުރި ލައިބްރަރީތަކާއި، ދާރުލްއާޘާރުތަކާއި، އަގުބޮޑު މުދާތައް އަންދާލައި އަދި ޢިލްމުވެރީންގެ ބުރަ މަސައްކަތުން ލިޔެ ތައްޔާރުކޮށްފައިވާ ފޮތްތައް ފުރާތުކޯރަށް އަޅާލުމުން އެ ކޯރުގެ ފެންގަނޑުގެ މަތިން އެ ފޮތްތައް ފެންނަކަމަށް ބުނެވެ އެވެ. އެކަމުގެތެރޭގައި އީޖާދީ އެތައް މަރުކަޒުތަކާއި، އިސްލާމީ އެތައް މަރުކަޒެއް ނައްތާލައި އިސްމާލީ ވަޙްދަތު މުޅިން ނައްތާލި އެވެ .

ޢައްބާސީ ދައުލަތް ވެއްޓި ދުވަސްތަކެއް ފާއިތުވުމަށްފަހު، މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން ޢުޘްމާނީ ދައުލަތް ޤާއިމުވެ، އިސްލާމީ ފުތޫޙަތު ފުޅާވެ ވަރުގަދަވެ އަދި އެއް އައްޓެއްގެ މަތީގައި ބައްޓަންކުރެއްވި ބާނީ އަކީ ޢުޘްމާނެވެ.ޙަޤީޤަތުގައި އެމީހެއްގެ ނަމަށް ޢުޘްމާނީ ދައުލަތް ނިސްބަތްވާ ޢުޘްމާނުގެ ބައްޕަ އިރްތުޣަލް އަކީ، ޢުޘްމާނީ ދައުލަތުގެ ފުރަތަމަ މުއައްސިސް ކަމުގައި ތާރީޚު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އޭނާގެ ނަންފުޅަކީ: އިރްތުޣަލް ބިން ސުލައިމާނު ޝާހް އައްތުރުކުމާނީ އެވެ. އޭނާ އަކީ ހުޅނަގު އޭސިއާ އިން ބޭރުކޮށްލެވުނު ތުރުކީ ޤަބީލާއެއްގެ ވެރިއަކަށް ހުންނެވި ބޭފުޅެކެވެ. އޭނާއަށް އެނބުރި ޤައުމަށް ދެވުނު ސަބަބެއްކަމަށް ބުނެވެނީ އޭނާގެ ބައްޕަ މަރުވުމުން އޭނާ ގަސްތުކުރީ އެނބުރި ޤައުމަށް ދިއުމަށެވެ. އެގޮތުން ދަތުރުކުރަނިކޮށް ކޯރަކަށް ވެއްޓި އެ ކޯރުގެ ފެންގަނޑު ދެމެމުން ދިޔަ ކޮޅަށް އޮޔާއެކު ގެންދަނިކޮށް ފެނުނީ ދެ ލަޝްކަރެއްގެ ދެމެދުގައި ހަނގުރާމަ ހިނގަމުނދާ މަންޒަރެވެ. އެހެންވެ އުސްތަނަކަށް އަރައި އެމަންޒަރުބަލަން ހުއްޓާ، އެތަނުން އެއްބަޔަކު ބަލިވާ މަންޒަރު ފެނިވަޑައިގަތުމުން،އެބަޔަށް ވަދެ އެމީހުނަށް ހިތްވަރު ދެއްވައި އެމީހުންނާއެކު، ހަނގުރާމަކޮށް (ކާމިޔާބުވުމުގެ އިމުގައި އޮތް) އެ ލަޝްކަރު ބަލިކުރުއްވީ އެވެ

އިސްވެ މިދެންނެވި ކާމިޔާބީއާއި ގުޅިގެން، އަލްއަމީރު އަލާއުއްދީން ސުލްޠާނަށް ވިސްނިވަޑައިގަތީ، އޭނާއަށް އެހީތެރިވުމަށް މާތްﷲ އޭނާ މެދުވެރިކުރެއްވީކަމަށެވެ. (އެ ސުލްޠާނަކީ، ސަލްޖޫޤީދައުލަތުގެ މީހުންގެ އަވަށެއްގައި ވެރިއަކަށް ހުންނެވި ބޭފުޅެކެވެ.) ކޮންމެއަކަސް އޭގެ ފަހުން ކުރެވުނު ހަނގުރާމަތައް ކާމިޔާބުވުމާއި، ލަޝްކަރުގެ އެންމެ ކުރީ ސަފުގައި އަބަދުވެސް އޭނާ ހުންނަވާތީ ޤަބީލާގެ މީހުން އޭނާއަށް ސުލްޠާނުގެ ލަޤަބު ދެއްވީ އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ނެވެ. އަދި އޭގެ އިތުރަށް ވަރަށް ގިނަ ރަށްތަކެއްގެ ވެރިކަމާއި އަދި ވަރަށް ގިނަ ރަށްތަކެއް ވެސް "އަލާއުއްދީން" އޭނާ އަށް ދެއްވި އެވެ. އޭނާގެ ޤިޔާދަތުގެ ދަށުގައި ފަތަޙަކުރެވޭ ރަށްތަކާއި އަދި ބިންތަކެވެ.

އެމީހެއްގެ ނަމަށް ޢުޘްމާނީ ދައުލަތް ނިސްބަތްވާ އަރުތަޣަލްގެ އެންމެ ދޮށީ ދަރިފުޅު ޢުޘްމާން ބިން އިރްތުޣަލް ކައިވެނިކުރެއްވީ ސަލްޖޫޤީ އަވަށުގެ ވަރަށް ޞާލިޙް އަޅުވެރިއެއްގެ ދަރިކަނބަލަކާއި އެވެ.މިދެންނެވި ކައިވެނިފުޅަށް މާގިނަދުވަހެއް ނުވެއުޅެނިކޮށް "އިސްކީ" ޝަހަރުގެ އަމީރު އެ އަންހެންކުއްޖާ އާއި ކައިވެނިކުރުމަށް އެދި އަންހެންކުއްޖާގެ ބައްޕަގެގާތަށް މީހަކު ފޮނުވުމުން އޭނާ އެކަން ޤަބޫލު ނުކުރުމުން އެ އަމީރު އެ ގެ ވަށާލައި ޢުޘްމާނު އޭނާ އާއި ޙަވާލުކުރުމަށް އެންގުމުން އެކަން ވެސް ނުކުރެއްވި އެވެ. ދެން ޢުޘްމާނު އެ އަމީރާއި ޙަމަލަދެއްވައި އޭނާ ބަލިކުރެއްވުމުން ޢުޘްމާނުގެ ހިތްވަރުފުޅުގެ ގަދަކަން އިޙްސާސްކުރެވި އަމީރުގެ ގާތްމީހަކަށް ޢުޘްމާނު ހެއްދެވީ އެވެ. ފަހުން އެ އަމީރު އާއި އޭނާގެ ޢާއިލާ ވެސް އިސްލާމްދީން ޤަބޫލުކުރެއްވި އެވެ. އެ ޢާއިލާ މަޝްހޫރުވެފައިވަނީ "މީޚާއީލް އޫޣަލީ" ގެ ޢާއިލާގެ ނަމުން ނެވެ.

ޢުޘްމާނުގެ ބައްޕަ އިރްތުޣަލް އަކީ، އައްސުލްޠާން އަލާއުއްދީނުގެ ވަޒީރެކެވެ. މީލާދީން 1288 (687ހ.) ގައި އިރުތުޣަލް ނިޔާވުމުން އޭނާގެ މަޤާމަށް ހަމަޖެއްސެވީ ޢުޘްމާނު އެވެ. ހަމަ އެ އަހަރު ޢުޘްމާނުގެ އަނބިކަނބަލުން މާލްޚާތޫން ރައްކާވި ފިރިހެން ކުއްޖާއަށް ދެވުނު ނަމަކީ ޙޫރުޚާން އެވެ.    ޢުޘްމާނު "ކަޅުކިއްލާ ނުވަތަ ޤުރުޙަ" ފަތަޙަ ކުރެއްވީ މީލާދީން 1289 (688ހ.) ގަ އެވެ. ކަޅުކިއްލާ ފަތަޙަކުރެއްވުމުން އިހުނަށްވުރެ ގިނަ ތަކެއްޗާއި އިތުރު އިމްތިޔާޒްތައް އޭނާއަށް ލިބިވަޑައިގަތެވެ. އަދި އެ ކިއްލާހުރި ބިން އޭނާއަށް ދެއްވައި "ބެކް" ގެ ލަޤަބް ވެސް ރަސްގެފާނު އޭނާއަށް ދެއްވި އެވެ. އިސްވެ މިދެންނެވި މަރްޙަލާތަކަށް ފަހު، ހަމައެކަނި ރަސްކަން ފިޔަވައި އެނޫން ހުރިހާ ކަމެއްގެ ބާރުތައް ހަމަޖެހުނީ އުޘްމާނަށެވެ. އަލާއުއްދީނަށް އޮތީ ރަސްކަން އެކަންޏެވެ.
   
ތަތާރުން (މޮންގޯލިއަނުން) ސަލްޖޫޤީ އަށް ޙަމަލާދީ ރަސްގެފާނު އަލާއުއްދީން އަވަހާރަކޮށްލީ މީލާދީން 1300 (699)ހ.) އެވެ. ތަތާރުންނަށް އެ ހަނގުރާމަ ކާމިޔާބުކުރެވުނީ ރަސްގެފާނު އަލާއުއްދީނު ބިގޫނިއާގެ ދަރިކަލުން "ޣިޔާޘުއްދީން" ރަސްކަމަށް ދަހިވެތިވެ ތަތާރުންނަށް އެހީތެރިވުމުގެ ސަބަބުން ނިޒާމު ގެއްލި، އުޘްމާނުގެ ފައުޖަށްވެސް ހުރަސްތަކެއް ކުރިމަތިވުމުގެ ސަބަބުންކަމަށް ބުނެވެ އެވެ. އަލާއުއްދީނު އަވަހާރަކޮށްލުމަށްފަހު ދެން ތަތާރުން އަވަހާރަކޮށްލީ ވަލީ ޢަހުދު ޣިޔާޘުއްދީން އެވެ.

ޣިޔާޘުއްދީނު އަވަހާރަކޮށްލުމުގެ ސަބަބުން ވެރިކަމަށް އައުމުގެ ފުރުޞަތު ޢުޘްމާނަށް ފަހިވެ، އޭނާ އަމިއްލައަށް އޭނާގެ ނަމަށް ބާދު ޔަޝާހް އާލު އުޘްމާނު މި ލަޤަބް އިތުރުކުރެއްވީ އެވެ. އޭގެފަހުން ޔަކީ ޝަހަރު އާބާދުކުރައްވައި އެ ޝަހަރަށް ދިރިއުޅުއްވުން ބަދަލުކުރައްވައި އޭނާގެ ދާއިރާ ފުޅާކުރެއްވުމަށްޓަކައި އަޒްމީރު އަދި އަޒްނީކް ޝަހަރަށް ޙަމަލަ ދެއްވީ އެވެ. ނަމަވެސް ވީ ނާކާމިޔާބެވެ. އެ ނާކާމިޔާބަށްފަހު އެނބުރި ޝަހަރަށް ވަޑައިގެން ދައުލަތުގެ ބާރުތައް އަލުން އިންތިޒާމުކޮށް އަނެއްކާވެސް ޙަމަލަ ދެއްވާން ތާއްޔާރިވެ ވަރަށް ޤައުމުތަކުގެ އަމީރުންނަށް ސިޓީ ތައް ފޮނުއްވައި 3 ކަމެއް ހުށަހަޅުއްވައި އޭގެތެރެއިން ކޮންމެވެސް އެއްކަމެއް އިޚްތިޔާރު ކުރެއްވުމަށް ވެސް ހުށަހެޅުއްވި އެވެ. އެގޮތުން ހުށަހެޅުއްވީ:
(1) އިސްލާމްދީން ޤަބޫލުކުރުން.
(2) ޖިޒީ ދިނުން.
(3) ހަނގުރާމަކުރުން މި އެވެ.

އެގޮތުން ވަރަށްގިނަ ވަރަށް ގިނަ ޤައުމުތައް އިސްލާމްވެ، ބައެއް ޤަވްމަތައް ޖިޒީ ދީގެން ތިބެން އެއްބަސްވީ އެވެ. އަނެއްބަޔަކު ޢުޘްމާނާއި ދެކޮޅަށް ބައިވެރިވީ ތަތާރުންނާއި އެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާއި ފަރުވާލެއް ނުބަހައްޓަވައި އޭނާ ތައްޔާރުވީ ހަނގުރާމައަށެވެ. ހަނގުރާމައިގެ ވެރިއަކަށް ހަމަޖެއްސެވީ ރަސްގެފާނުގެ ދަރިކަލުން އޫރުޚާނެވެ. އޭނާގެ އެހީތެރިއަކަށް ހަމަޖެއްސެވީ ޢުޘްމާނުގެ ރަޙްމަތްތެރިއެއްކަމަށްވާ މީޚާއީލެވެ. އެމީހުން "މަދީނަތު ބޫރުޞާ" އަށް ގޮސް އެރަށް ޙިޞާރުކުރީ މީލާދީން 1317 (717ހ.) ގަ އެވެ. އެރަށް ފަތަޙަކުރުމަށްޓަކައި މަގުތަނަވަސްކުރުމުގެ ގޮތުން ޙިމްސް އާއި އަރަދޫސް އަށް ޙަލަދީ އެތަންތަން ފަތަޙަކޮށް ގަދަކަމުން މަދީނަތު ބޫރުޞާއަށް ވަދެގަތެވެ. އަދި ބޫރުޞާގެ ވަށައިގެން ހުރި ހުރިހާ ތަނެއް ވެސް އެ ލަޝްކަރީން ފަތަޙަ ކުރި އެވެ.

ބުނެވޭ ގޮތުގައި އެ ލަޝްކަރަށް އެތަންތަން ފަތަޙަކުރެވުނީ، ގިސްތަންޠީނިއްޔާގެ ރަސްގެފާނުގެ ފަރާތުން ބޫރުސާގައި ހުރި ގަވަރުނަރަށް ސިޓީއެއް ފޮނުވައި އެރަށަށް ވަނުމުގެ ހުއްދަ ޢުޘްމާނުގެ ލަޝްކަރަށް ދިނުމަށާއި، އެ ލަޝްކާރާއި ހަނގުރާމަ ނުކުރެއްވުމަށް އެންގެވުމުން ނެވެ. އަދި އެ ލަޝްކަރުން ވެސް އެރަށުގެ އަހުލުވެރީންގެތެރެއިން އެއްވެސް މީހަކަށް ގެއްދުމެއްދީ ނުހެދުމަށް ވެސް އަންގަވާފައިވެ އެވެ. އެރަށުގެ އަހުލުވެރީންގެ ފަރާތުން ޢުޘްމާނުގެ ލަޝްކަރަށް ތިރީސްހާސް (ރަން) ފައުނު ދެއްވި އެވެ. އޭރު އެރަށުގެ ވެރިކަށް ހުންނެވި "އަފްރީނާސް" އިސްލާމްވީ އެވެ. އިސްލާމްވުމުން "ބެކް" ގެ ލަޤަބް އޭނާ އަށް ދެއްވައި ފަހުން އޭނާ ހުންނެވީ ޢުޘްމާނީ ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގަ އެވެ.
    
ޢުމުރުފުޅުން 70 ވަނަ އަހަރުގައި، މީލާދީން 1326 (ރަމަޟާން 26، 726ހ.) އުޘްމާނު އިރުތުޣަލް އަވަހާރަވުމުން ދެން ރަސްކަން ލިބިވަޑައިގަތީ އޫރޫޚާނުއްޘާނީ އަށެވެ. އެއީ ޢުޘްމާނުގެ ދެވަނަ ދަރިކަލުންނެވެ. އޭނާ އާއި ރަސްކަމުގެ ބާރުތައް ޙަވާލުކުރެއްވީ ޢުޘްމާނު އެވެ. އާލާސް ކަންފުޅުބޮޑުވުމުން އޭނާގެނެސް ރަސްކަން ޙަވާލުކުރެއްވީ އޭނާއަކީ ހިތްވަރުގަދަ އަދި ޝުޖާޢަތްތެރި ބޭފުޅަކަށްވާތީ އެވެ.
                          ---------------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު، ޒޫރިޔާގެ/ މަޑަވެލި
8/1/2013

މަޢުލޫމާތު:
އައްޝޭޚް ޢަބްދުﷲ ޖަމީލް