
ހަވަރު ބޮޑުބޭކަލުން:
މިއީ ކޮލިލައްވައި
އަސާ ދެއްވާފައި ތިއްބަވާ ބޭކަލުންނެވެ. އެ ބޭކަލުންނަކީ، ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު ރަސްމީހެދުމުގައި އަސާހިއްޕަވައިގެން އަރިހުގައި ދުރުވާ ބޭކަލުންނެވެ.
ހަވަރު ބެރު:
މިއީ ހަވަރު އެއްކުރުމަށް
ޖަހާ ބެރެކެވެ. މިބެރު ޖަހާނީ ރަސްކަލަކު ރަސްކަލެއްގެ އަނބިކަނބަލަކު ދަރިކަލަކު ދަރިކަނބަލަކު ނުވަތަ ވަޒީރުބޭކަލަކު ނުވަތަ ހަތްދޮށުކޮލީގެ ބޭފުޅަކު އަވަހާރަވެއްޖެނަމައެވެ.
(ހަތްދޮށުކޮލީގެ ބޭކަލުންނަކީ ކިލެގެކަމުގެ ކޮލިލައްވާފައި ތިއްބަވާ ބޭފުޅުންނެވެ.) ބޮޑުބޮލި ބެހުމާއި ބޮޑޮފަތަފޮޅި ބައްސަވަންވެސް ހަވަރަށް ބެރުޖަހައެވެ. އަދި ދިމާވާ އެކިއެކި ބޮޑެތި ކަންކަމުގައި
މިބެރު ޖަހައެވެ. ހަވަރުބެރު
ޖަހާނީ، ބެރުވެރީންގެ އެދުރުމީހާ ނުވަތަ އޭނާގެބަދަލުގައި ހުންނަ އިސް ދަރިވަރެވެ.
މިބެރުޖަހާ މީހާ ހުންނާނީ، މަޖިލީހަށް އަރާ ބޭކަލުންގެ ރަސްމީ ހެދުމުގައެވެ.
މިބެރު ޖަހާނީ ރަދުންގެ އަމުރުފުޅަށް
މާބަނޑޭރި ބޭކަލަކު އެންގެވީމައެވެ. ޢާއްމުކޮށް ހަވަރުބެރު ޖަހާނީ ނާބުސްޚާނާގައެވެ.
ހަވަރު ބޮޑުބޮލި:
މިބޮއްޔަކީ އޮޅިމެދު
ރަށްރަށުން އަހަރަކު އެއްފަހަރު (ހަނގުބޭކަލުންނަށް ރަސްމީގޮތުގައި ލާޖެހިދަނޑި ހިއްޕަވައިގެން
ދުރުވެ) ނަންގަވާ ބޮއްޔެކެވެ. މިބޮލި އަހަރަކު އެއްފަހަރު ހަވަރަށް ބަހާނެއެވެ. މިބެހުމަށް
ކިޔާނީ ބޮޑުބޮލި ބެހުމެވެ.
ހަވަރު ބޮޑުފަތަފޮޅި:
މިއީ ހަވަރުތިނަދޫ
ވަރުވާގެތެރޭގައި އަހަރަކު އެއްފަހަރު ހަވަރަށްގެނެސްގެން އުޅުނު ބޯކޮށް ފިހެފައިހުންނަ ފޮނިރަހަލާ ބޮޑު ފަތަފޮޅިއެވެ.
ހަވަރު
ބޮޑުފަތަފޮޅި ކުނާ:
ހަވަރު ބޮޑުފަތަފޮޅި
ކުނަލަކީ، ހަވަރުތިނަދޫ ވަރުވާގެތެރޭގައި އަހަރަކު އެއްފަހަރު ހަވަރަށްގެނެސްގެން އުޅުނު ފޭރާންދެރަ ހުދު ކުނަލެވެ.
މިތަކެތި ބަހާނީވެސް
ހަވަރަށް ބެރުޖަހައި ގުޅަކުޅޭފަސްގަނޑަށް
ހަވަރު(ހަނގު ބޭކަލުން) އެއްކޮށް ބޮޑުއަށީގައެވެ. ގުޅަކުޅޭފަސްގަނޑަކީ ސަލްޓަންޕާރކްގެ
ކުރިމަތީގައި މިހާރު އެއޮތް ބުރުހުރި
ތަނާ އެބުރުގެވަށައިގެން ހުސްކޮށް އެއޮތް ބިމެވެ. ބޭރު ބޮޑުއައްޓަކީ ސަލްޓަން ޕާރކްގެ
ދޮރޯށީގެ އިރުމަތިން ހުސްކޮށް އެއޮތް ތާނގައި ދެފުރާޅަށް ހިޔާކޮށް ވަރަށް އުސް ތަޅުންގަނޑެއް އަޅާފައި ހުންނަ ތަނެކެވެ. މިތަނަކީ، ހަނގުބޭކަލުން ދަމަށްދުރުވެ އަދި
ހަވަރުގެ އެކިއެކި ބެހުންތައް
ބަހައި ހަދާއުޅޭ ތަނެވެ.
ހަވަރަށް ދެއްކުން:
ހަވަރަށް ދެއްކުމަކީ،
ދަވްލަތަށް ނުވަތަ ރަދުންނަށް ބޮޑު ކުށެއްކޮށްފި މީހަކަށް އަދަބުދިނުމަށްޓަކައި ޚާއްޞަގޮތެއްގައި
ހަނގުބޭކަލުން ބޭނުން ކޮންމެގޮތެއް އެމީހަކަށް
ހަދާލުމަށް ރަދުން އެމީހަކު އެބޭކަލުންނަށް(ހަވަރަށް) ދެއްވުމެވެ. ނޫނީ ރައްޔިތުންނަށް
ފެންނަގޮތަކަށް އެމީހަކާމެދު ޢަމަލުކުޅައުމަށް އެމީހަކު ރައްޔިތުންނާއި ޙަވާލުކުރުމެވެ. ގަންހިންގަނީވެސް އެފަދަ މީސްމީހުންނެވެ.
ބައެއް ޙާލަތްތަކުގައި
ހަވަރަކީ، ރައްޔިތުންނެވެ. އެފަދަ ބައެއް ޙާލަތްތަކަކީ، ރައްޔިތުން އިސް ނަގައިގެން ކަމެއްކުރުން ނުވަތަ ރައްޔިތުންލައްވައި
ކަމެއް ކުރުވުންކަމަށްވެސް ވެފައި އެބަހުއްޓެވެ. މީގެއިތުރަށް ރައްޔިތުންނަށް ނިސްބަތްވާ ބައެއް ކަންތައްތަކަކީވެސް ހަވަރުކަމުގައި ބެލެވޭފަހަރު އާދެއެވެ. އަދި ޤަވްމު ނުވަތަ ރަށެއް ނުވަތަ ރައްޔިތުންގެތެރެއިން
ބަޔަކު ހަވަރުގެ ބާރުގެދަށަށް ގެނައުން ނުވަތަ ކާރފިއުހިންގުން އެއީވެސް ހަވަރުގެ ބާރުގެ ދަށަށް ގެނައުމެކެވެ.
ހަވަރު
ހުއްޓިލެއްވުން:
ހަވަރު ހުއްޓިލެއްވުމަކީ، ހަވަރު(ހަނގުބޭކަލުން)
ރަދުންގެއަރިހުގައި ރަސްމީގޮތުން ކޮންމެވެސް ބޮޑުކަމަކާމެދު އެއްޗެއް ދެންނެވުމަށްޓަކައި، ގުޅަކުޅޭ ފަސްގަނޑަށް އެއްވާ އެއްވުމެވެ.
ގިނަފަހަރަށް އެއްވާނީ ހުކުރުދުވަހު ހުކުރުން ފޭބުމަށްފަހުގައެވެ. ހަވަރު އެއްވުމާއި
ހަވަރު ހުއްޓިލެއްވުމަކީވެސް ދާދި އެކައްޗެކެވެ.
ހަވަރު
ބަލިކުޅަ:
މިއީ ފަންވަތެއްގައި
ޖަހާ ބާވަތެއްގެ ގޮށެކެވެ. މިގޮށަކީ، އޭރު ހުންނެވި ރަސްކަލެއްގެ އަނބިކަނބަލަކު ފަންވަތެއްގައި ޖެއްސެވި ގޮށެކެވެ. މިގޮށް ޖައްސަވާފައި ހަވަރަށް މިފަންވަތް ފޮނުއްވާފައި ވިދާޅުވިއޭ "މިގޮށް ތިޔަ ބޭކަލުން މޮއްސަވައި
ބައްލަވާށެވެ." ދެން މިބޭކަލުން މި ގޮށް މޮއްސަވަން އުޅުއްވަ އުޅުއްވާވެސް މި
ގޮށެއް ނުމޮއްސެވުނެވެ.
މިހެންވީމާ
މި ގޮށަށް މީގެފަހުން ކިޔަނީ، "ހަވަރު ބަލިކުޅަ" ގޮށެވެ.
މި ގޮށަށް މީގެފަހުން ކިޔަނީ، "ހަވަރު ބަލިކުޅަ" ގޮށެވެ.
ހަވަރު
ކެނބު:
ހަވަރު ކެނބަކީ، އިހުގައި ނާފަހަރުގެ
ނަގިލީގައި ޖެހުމަށާއި، އަދިވެސް ބޮޑެތިއެއްޗެހި އެހިލުމަށް ޖަހާ ފަލަ ވަލަކަށް ކިޔާ ނަމެކެވެ. މި ވަލަށް ބޮޑު ސަލާމަތި އަދި ބިލާދަރުވެސް ކިޔައެވެ. އިހުގައި މިކަހަލަ
ފަލަ ކެނބު އަޅާނީ، ހަވަރު
ނުކުންނަވައިގެން އަތިރިމަތީގައި ނުވަތަ މަގުމަތީގަ އެވެ. އެ ވައު އަޅައިއުޅުނު މަގަށް
އޭރު ކިޔަނީ، "ކެނބުއަޅާމަގު" މިހެންނެވެ. މިހާރު އެމަގަކީ ސޯސަންމަގެވެ.
ހަވަރުއޮޑި:
މިއޮޑިއަކީ ހަވަރުތިނަދޫން
އަހަރަކު އެއްފަހަރު އެރަށުގެ ވަރުވާ ހިފައިގެން އަންނަ އޮޑިއެވެ.
ހަވަރު
ފެންފަތަފޮޅި އެޅުން:
ހަވަރު ފެންފަތަފޮޅި
އެޅުމަކީ، ހަވަރުގެ ގޮވާލުމަށް ފެންފޮޅި ފިހާން މަޖިލީހަށް އަރާ ބޭކަލުން ގޭގެއަށް ހަނޑޫބެހުމެވެ. މި ބަހުގެ
މަޖާޒަކީ، ތިމާއަށް އިވުނު
ޚަބަރެއް ހުރިހާތާކަށް ފަތުރަމުން ހިނގުމެވެ.
ހަވަރު
ތުންފުހި:
ހަވަރު ތުންފުއްސަކީ، ހަވަރު ގޮވާލުމުން
ދުރުވެ ކޭންބައްލަވައިގެން އަތްފުއްސަވާން އެލުވާފައިހުންނަ ފޮތިގަނޑަށް ކިޔާ ނަމެކެވެ. މިބަހުގެ މަޖާޒަކީ ޝަހުވާނީގޮތުން ތިމާގެގާތަށް އައި ކޮންމެ ފިރިހެނަކާ
ޤަބޫލުވާ އަންހެނުންނަށް
ހަވަރު ތުންފުއްސޭ ކިއުމެވެ.
ހަވަރަށް
ގޮވައިލުން:
މިއީ ވަޒީރުންނާއި،
ފުރަދާނައިން ޢީދު ރޯދައަށް ހަވަރަށް ދެއްވާ ޖާފަތެވެ.
ހަވަރު
ގެރި:
ހަވަރު ގެރިއަކީ، ހަވަރު(ހަނގުބޭކަލުން)
އުޟުޙިއްޔާ ކަތިލެއްވުމަށް ރަދުންދެއްވާ ގެރިއެކެވެ.
ހަވަރު ގެރި ކަތިލާގޮތަކީ، ދިހަރޯދަ ޢީދުދުވަހު
ރަދުން ޢީދުނަމާދުން ފައިބައިވަޑައިގެން
ގަނޑުވަރަށް ވަޑައިގެންނެވީމާ ހަނގުބޭކަލުން އެބޭކަލުންގެ ރަސްމީ ކަންކަން ނިމުމަށްފަހު، ދެން ހަނގުބޭކަލުން
ދުރުވާނީ ބަނޑޭރިގޭދޮށަށް ގެރި ބައްލަވައެވެ. ދުރުވާއިރު ބަނޑޭރިގޭގައި ހަވަރުގެރި އޮންނާނީ ބަނދެފައެވެ.
ހަވަރު
ހިފުން:
މިއީ އިހުޒަމާނުގައި،
ޒުލްޙިއްޖާ މަހު 6 ވަނަރޭ ގެރި ހިއްޕަވަން ހަވަރަށް ގޮވައިލުމެވެ. މިގޮވާ ގޮތަކީ ހަނގު ބޭކަލުންގެ ގޭގޭދޮށަށް މަޖިލީހަށް އަރާ ބޭބޭކަލުން ދުރުވެ،
ތަކުރާ، ތަކުރާ، ތަކުރާ، މާދަމާ ހެނދުނު
ހަތް ފިޔަވަޅަށް މައްޗަށްގޮޅީ މައިޒާންދޮށަށް ގެރި ހިއްޕަވަން ނުކުންނަވާ! މިހެން ގޮވުމެވެ.
ހަވަރަށް
ކަންޒޫރި ދިނުން:
ހަވަރަށް ކަންޒޫރި
ދިނުމަކީ، ރަދުންނަށް ބޭފުޅަކު ލިބިވަޑައިގަތުން ނުވަތަ ތުއްޕުޅުބޭފުޅެއްގެ އިސްތަށިފުޅު ތުރުކުރެއްވުން ނުވަތަ އެފަދަ ބޭފުޅެއްގެ ކައިވެނިފުޅު ކުރެއްވުމުން ހަވަރަށް
ކާންދިނުމެވެ.
ހަވަރުތިނަދޫ
ރައްޔިތުންގެ އަތުން ހަވަރަށްނެގޭ ބައެއްތަކެތި
މި ތަކެތި ނަގަނީ
ޢުމުރުން 15 އަހަރު ވީ މީހުންގެ އަތުންނެވެ.
ބޮޑުވައްޓޭ
ބޯނޑި ނުވަތަ ބޮޑު ފަތަފޮޅި 300
މިއީ ދިވެހި ހަކުރާއި
ގަބުޅިހުނިލައިގެން ވެރާ / އުރާ ނުވަތަ ކުދިބަތުން ހިލައިގެން ހަދާ އެއްޗެކެވެ. ހިލުމަށްފަހު، ރޮށިދަމާގޮތަށް 1 ފޫޓް ޑައިމީޓަރުގައި
1 އިންޗި ބޯމިނުގައި ދަމާ، އުނިފަތުގައި
އަތުރާ ފައި ދުމަށިމަތީގައި ބަހައްޓާ ހިއްކަނީ އެވެ. ހިކުނީމާ ފުޅަފިން ހަދާފައިވާ ވަށިގައި، ވައްޓެއްގައި އެތައް ފަތަފޮޅިއެއް ހުންނަގޮތަށް ބަންދުކޮށް ވެހަނީ އެވެ.
ކުދެވަޓި ނުވަތަ ވެށުން 1200
މިއީ ދިވެހި ހަކުރާއި
ގަބުޅިހުންޏާ އެއްކޮށް ހިލާފައި {ދޮން} ކެޔޮފަތުގައި ބަންދުކޮށްގެން ހަދާ އެއްޗެކެވެ.
ކާޑެއްދޫ ކުނާ 1200
މިއީ ނިދަން އެޅޭ
ބޮޑުމިނުގެ އެއްވެސް ރޮނގެއް ނުހުންނަ ފޭރާންދެރަ ކުނަލެވެ. މިއީ ހަވަރު ތިނަދޫގައި
ވިޔާ ވައްތަރެކެވެ. މިވައްތަރު ކުނަލަށް ދެފަލު ކުނަލޭ ކިޔައެވެ. ކުނާ ބޭނުންކުރަނީ
ސަންދޯކުގައި އަޅާށެވެ.
ހުޅެހިކުނާ
މިވައްތަރުކުނާ
ނަގަނީ ހަވަރުތިނަދޫ ކޮންމެ ގެއަކުން ކުނަލެކެވެ.) މިއީ ނިދަންއަޅާ ބޮޑުމިނުގެ ކުނަލެކެވެ.
ކުނަލުގެ މެދުގައި ހުރަހަށް ކައިވަތެއްވަރު ފުޅާމިނުގެ ކަޅު ރޮނގެއް ހުރެ އެވެ. ކުނާ
ދެއްވަނީ، ހަވަރުގެ ބޮޑު ބޭކަލުންނާއި އަދި ސަރުކާރުގެ އެ ފަންތީގެ ބޭފުޅުންނަށެވެ.
ގޮއިއޮޑީގެ ބޮއްކުރާ 1
މިއީ ހަވަރުގެ ބޭނުމަށް
ކޮންމެއަހަރަކު މާލެ ގެންދިއުމަށް ބަންނަ އެއްޗެކެވެ. މިބޮއްކުރާ ބޭނުންކުރަނީ، މާލޭ ކަނޑިއްމާގެ ބައްތިދިއްލަން ދިއުމަށެވެ. ހަވަރުތިނަދޫ މީހުން މިބޮއްކުރާއަށް ކިޔާ ނަމަކީ، ހަވަރު ފޮޅެޔާ ނުވަތަ ގޮއިވެރިގޭ
ފޮޅެޔާ އެވެ.
ވަކަވައު (ވާނާ ވަލެ) 8
މިއިން ކޮންމެ ވަލެއް
އޮންނަނީ، ދެބުރިއަށެވެ. އެހެންކަމުން އެކުގައި 16ބުރި އެވެ. މި ވައު ބޭނުން ކުރަނީ،
ރަސްގެފާނުގެ ޖަލިޔާކޮޅަށާއި، ގަނޑުވަރުތެރޭގެ ބޭނުންތަކަށެވެ.
ކާށިތެޔޮ 25 އަޑުބާ
މިތެޔޮ ނަގަނީ،
ކޮންމެ ކޮންމެ މީހެއްގެއަތުން 2 ސަމްސާ ތެލެވެ.
ހަވަރުތިނަދޫގެ
ކޮންމެ ދެމީހެއްގެ އަތުން ބޮލިކޮއްޓޭ އެއް.
----------------
"ޢަބުދުﷲ ޙިލްމީ"
މަޢުލޫމާތު:
އަލްމަރުޙޫމް ޢަލީ
ނަޞީރު ޒޫރިޔާގެ/ މަޑަވެލި (ލިޔުއްވުން)