ކަތުރުފަނި އެޅުން




ދުނިޔޭގެކަންކަން ހިނގަމުންދާ ގޮތަށް ބަލައި އެއިން ޢިބްރަތެއް ލިބިގަތުމަކީ ބުއްދިވެރިންގެ މައްޗަށް އޮތް ކަމެކެވެ. އަދި ޚާއްޞަކޮށް އެ ބައެއްގެ ތެރޭ އުޅޭ ބަޔަކަށެވެ.

ތިމާމެންގެ ވެށީގައި ކަންކަން ހިނގާފައިވާ ގޮތަކީ ކޮބައިތޯ ހިނގަމުންދާ ގޮތަކީ ކޮބައިތޯ އޭގެ ނަތީޖާއަކީ ކޮބައިތޯ ބެލުމަކީ ކަންކަމާއި އެއްޗެހި ބެލެހެއްޓުމަށް އިސްވެތިބޭ ބަޔަކަށާއި އެ ބަޔަކުލައްވައި އެ ކަމެއް ކުރުވަން ތިބި ބައެއްގެ މައްޗަށް ވެސް ލާޒިމުކަމެކެވެ.

މާއްދީ އެއްޗެތީގައި އޭގެޒާތުގައި ކަތުރުފަނި އެޅުމާއި އޭގެޒާތުގައިނޫން ގޮތަކަށް ކަތުރުފަނި އެޅުވުމަކީ ވެސް ވަމުންދާ ކަމެކެވެ. ޢާއްމުގޮތެއްގައި ކަތުރުފަނި އަޅަނީ ރަނގަޅަށް ނުބެލެހެއްޓޭ ފޮތްފޮތާއި ކަރުދާހުގައެވެ. ނަމަވެސް އެކި އެއްޗިއްސާއި ކަންކަމަށް ނިސްބަތްކޮށް ވެސް އެ އެއްޗެއްގައި ނޫނީ އެ ކަމެއްގައި ކަތުރުފަނި އެޅުމޭ ބުނެ އުޅެއެވެ. އެއީ މިސާލުބަހެކެވެ. އެބަސް މާނަކުރެވިދާނެ އެއްގޮތަކީ އެއްޗެއްގެ ނުވަތަ ކަމެއްގެ އެކި ތަންތާނގައި ފަނިއަޅައި އެ އެއްޗެއް ނުވަތަ އެ ކަމެއް ކައި ހުސްކޮށްލުމެވެ. ހަލާކުވުމެވެ. އޭގެބޭނުން ރަނގަޅަށް ނުކުރެވޭގޮތް ވުމެވެ. އެންމެފަހުން އެ އެއްޗެއް ނުވަތަ އެ ކަމެއްނެތިގެން ދިޔުމެވެ.

އެއްޗެއްގައި ކަތުރުފަނި އަޅައިފާނެ ގޮތްގޮތް ހުރެއެވެ. އެއްގޮތަކީ އެ އެއްޗެއް ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އޭގެ ޒާތުގައި ކަތުރުފަނި އެޅުމެވެ. އަނެއްގޮތަކީ އެހެން ފަރާތެއްގެ ފޮރުވިފައިވާ ބޭނުމެއްގައި އެ ފަރާތަކުން ކަތުރުފަނި އެޅުވުމެވެ. އެ ކަމަށްޓަކައި މަސައްކަތް ކުރުވުމެވެ. ކޮންމެސަބަބެއް މެދުވެރިވެގެން ވިޔަސް މިކަން މިހެންވުމެވެ. މިއީ ވެދާނެކަމެކެވެ. ވަމުންދާކަމެކެވެ. މިފަދަ ކަންކަން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައިވެއެވެ. އަދި ފެންނަމުން އެބަދޭވެސް މެއެވެ. ނަމަވެސް ތިމާމެން ގެންގުޅެ ބަލަހައްޓަމުންދާ އެއްޗަކީ ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު ބަލަހައްޓަމުންދާ އެއްޗެއްކަމުގައި ވަނީނަމަ ކަތުރުފަންޏެއްގެ ސަބަބުން އެއްޗެއް ކައި ހުސްކޮށް އޭގެ ބޭނުން ނުކުރެވޭގޮތްވުމަކީ ވާނޭކަމެއްނޫނެވެ. އެފަދަ ޖާގައެއް ފުރުޞަތެއް ނޯންނާނެއެވެ.

މިހެންވުމުން އެ ބައެއްގެ ވެށީގައި ކަންކަން ހިނގާފައިވާ ގޮތަކީ ކޮބައިތޯ ހިނގަމުންދާ ކޮބައިތޯ އޭގެ ނަތީޖާއަކީ ކޮބައިތޯ ބެލުމަކީ ކަންކަމާއި އެއްޗެހި ބެލެހެއްޓުމަށް އިސްވެ ތިބޭ ބަޔަކަށާއި އެ ބަޔަކުލައްވައި އެ ކަމެއް ކުރުވަންތިބި ބައެއްގެ މައްޗަށް ވެސް ލާޒިމުކަމެކެވެ. ތިމާމެންގެ އެއްޗެއްގައި ނުވަތަ ތިމާމެން ކުރާ ކަމެއްގައި ކަތުރުފަނި އެޅިޔަ ނުދީވޭތޯ ބެލުމަކީ ބުއްދިވެރިންގެ މައްޗަށް އޮތް ކަމެކެވެ. އެފަދަމީހުން ކުރަންޖެހޭ ކަމެކެވެ.
                                 ---------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި