ޑިމޮކްރަސީގެ ފިރުޢައުނު މުދާ















ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތަކަށް ބާވަތްބާވަތުގެ އެއްޗެހި ލެއްގުމަކީ ކުރިއްސުރެ ހިނގަމުންދާ ކަމެކެވެ. ނަމަވެސް ގިނައިން އެއްޗެހި ލައްގަނީ ހުޅަނގު މޫސުމްގައެވެ. ޚާއްޞަކޮށް އެ މޫސުމްގެ ބާރު ވަޔާ ވިއްސާރައާ އެކު އެވެ. މީގެ އަހަރުތަކެއްގެ ކުރިން ފެށިގެން މިގޮތަށް ލައްގާ އެއްޗެތީގެ ތެރޭ ވިހިން ފެށިގެން ތިރީހާ ދޭތެރޭ ޤަރުނުތަކުގެ އާދަމުގެދަރިންނަށް އެ ތަކެތި ފެނުމުން އެބައިމީހުން ޙައިރާންވެ ތަލިން ކުޅުހިކޭ ވަރުގެ އެކި އެއްޗިހި ލައްގަމުން އެބަ ދެއެވެ. މިއިން ކޮންމެ އެއްޗެއްގައި "ޑިމޮކްރަސީ" ލިޔެފައި އޮވެއެވެ.

ލައްގާތަކެތީގެ ތެރޭ އެތެރޭގައި ހޮއިނެތް ދިހަބާރަ ޓަނު ހުންނަ ވަރުގެ ބޮޑެތި ދަގަނޑާއި ފޮނިރަހަ ގަދަކަމުން ކައިބޮއިހެދުމަށް ދަތިވާވަރުގެ ދޯބުރާލިހަކުރު ގުޅިތަކާއި އިންސާނުންނަށް އޭގެ ފޮޓޯ ނުފެންނަ ގޮތަށް ހަދާފައިވާ ޓީވީތަކާއި ދޫނި ސޫފާސޫތްޕަށް ނޫނީ އޭގެ އަޑުނުއިވޭ ރޭޑިޔޯތަކާއި ފެނަށް ގިރިގެން ނުދާނޭ ކުލަކުލައިގެ ކަރުދާހުގެ ގާނޫނުތަކާއި އަސާސީ ޖުއްލާބުގެ ގުޅަބޭހާއި ލާމަރުކަޒީ ވިހި އޮށުގެ ތަސްބީހަ ފައްޗާއި ޙައްޤާނިއްޔާ ދުއްރަތަކާއި ޕާޓީ ސިސްޓަމްގެ ރިހާކުރާއި އަޚުލާގަށް މާބަނޑުވެފައިވާ ކުލުނު ޖާޑިތަކާއި އިންސާނީ ހަމަތަކުގެ ދެފުށް ފެންނަ ބޯކަރުދާސް ފޮށިގަނޑުތަކާއި މިކަހަލަ ގިނަ އެއްޗެހިތަކެއް ހިމެނެއެވެ.

ކަނޑުތަކުގެ އޮޔާއި ވައިގެ ސަބަބުން ވިޔަސް ރަށްރަށުގެ ގޮޑުދޮށްތަކަށް ލައްގައިފާނެ ކަމަށް މީގެކުރިން އިންސާނުންގެ ބުއްދިއަށް ނުގެނެވޭވަރުގެ އެއްޗެހިތަކެއް ލައްގަމުން ދާތީ މި ކަމާއި ޙައިރާންވެ ކަންބޮޑުވީ ލަފާދާރު ނާމާނިގާރުންގެ ބަޔަކު މިއީ ކޮންފަދަކަމެއްތޯ ބެލުމަށް ކުރި މަސައްކަތުން އެނގުނީ މި ތަކެއްޗަކީ ޑިމޮކްރަސީގެ ފިރުޢައުނު މުދާ ކަމަށެވެ. ވަކި ދީނެއް ވަކި މަޛުހަބެއް ވަކި ކުލައެއް ނެތި އާދަމުގެދަރިންގެ އެއްވެސް ބަޔަކަށް އެއިން ހެޔޮ ފައިދާއެއް ލިބެންނެތް ތަކެތި ކަމަށެވެ.

މި ތަކެތީގެ ގޮތްބާވަތް ނޭނގި އެއަށް ދަހިވެތިވެ އޭގެ ބޭނުންކުރަން ފަށައިފިނަމަ އެ ބަޔެއްގެ ތެރޭ ޢަދުލު އިންޞާފާއި ހަމަހަމަކަން ނޯންނާނެ ކަމަށެވެ. ތަބާވާނެ ގާނޫނެއް ގަވައިދެއް ވެރިއެއް ނެތި ވައްކަންކުރުމާއި ފޭރުމާއި ލޫޓްވުމާއި މާރާމާރީއާ ލޭއޮހޮރުން ހިނގާނެކަމަށެވެ. ގަދަފަދަ ޖައްބާރުން ނިކަމެތިންގެ މައްޗަށް ވެރިވެގެން ހިތަށް އެރިކަމެއް ހިތަށްއެރި ވަގުތަކު ހިތަށްއެރި ގޮތަކަށް ކުރާނެކަމެވެ. ޖެއްސުން ކުރުމާއި އަނެކުންގެ ޙައްގުތަކާއި އަބުރަށް އަރައިގަތުމާއި ޣީބަ ބުނުމާއި މަކަރު ހެދުމާއި ދޮގު ހެދުމާއި ފާޙިޝް ޢަމަލުކުރުމާއި ރިޝްވަތާއި ފަސާދައާއި ފިތުނަވެރިކަން ބިމުގެ ވެއްޔަށްވުރެ ގިނަވެދާނެ ކަމެވެ.

ދިވެހިރާއްޖޭގެ ރަށްރަށުގެ ގޮޑުދޮށްތަކަށް ލައްގަމުންދާ ޑިމޮކްރަސީގެ ފިރުޢައުނު މުދަލުގެ ބޭނުންކުރުމުން ވާނެގޮތަކީ ކޮބައިކަން ލަފާދާރު ނާމާނިގާރުންނަށް އެނގުމުން ލަސްނުކޮށް މި ކަން މީސްތަކުންނަށް އަންގައިދޭން އެބައިމީހުން މަސައްކަތްކުރި ނަމަވެސް މިފަދަ ތަކެތި ރަށްރަށުގެ ގޮނޑުދޮށްތަކުން ހޮވާމީހުން އެހެން މީހުންނަށް އެ ތަކެތި ސިފަކޮށްދެމުން ގެންދަނީ އެ ތަކެއްޗަކީ ދުނިޔޭގައި ބަޔަކަށް ލިބޭނޭ އެންމެބޮޑު ނަޞީބުކަމުގަ އެވެ. އޭގެ ބޭނުންކޮށްގެން ނޫނީ ސަލާމަތާއި ރައްކާތެރިކަމާއި ބާއްޖަވެރިކަމެއް ނުލިބޭނެ ކަމަށެވެ.
             ---------------------------

ލިޔުއްވީ: މީމު ނޫނު