މުދާވެރިކަމުން ލިބޭ އަރާމަކީ، ޗާބޫކުން ފަސްބޮނޑި އެޅުން

















ޢައްބާސީ ދަވްލަތުގެ ޚަލީފާއެއްކަމަށްވާ ހާރޫނުއްރަޝީދު އުފަންވެވަޑައިގަތީ އީރާނުގެ ރަށެއްކަމަށްވާ "Rey" ގައި 17 މާރޗް 763މ. ގަ އެވެ. ރޭ އަކީ މިހާރުގެ ތެހެރާނުގެ ކައިރީގައި އޮތް ރަށެކެވެ. އަވަހާރަވީ ޢުމުރުފުޅުން 46 އަހަރުގަ އެވެ. ފަސްދާނުލެވިފައިވަނީ އީރާނުގެ "Tus" ގަ އެވެ. ޚަލިފާކަންކުރެއްވީ ސެޕްޓެމްބަރ 14، 786މ. ން މާރޗް 24، 809މ. އަށް (22 އަހަރާއި 191 ދުވަހު އެވެ.) 

އޭނާގެ ބައްޕާފުޅުގެ ނަންފުޅަކީ، މުޙަންމަދު ބިން މަންޞޫރު އަލްމަހްދީ އެވެ. މަންމާފުޅުގެ ނަންފުޅަކީ، އަލްޚައިޒުރާން ބިން އައްތާރު އެވެ. އަނބިކަނބަލުންގެ ނަންފުޅަކީ، ޒުބައިދާ އެވެ. އޭނާއަކީ، އިސްލާމް ދީނާއި، ސައެންސާއި، ތާރީޚާއި، މިއުޒިކާއި އަދި އާރޓް ގެ ރޮނގުން ވަރަށްގިނަ ކުރިއެރުންތަކެއް އިސްލާމީ އުންމަތަށް ތަޢާރަފުކޮށްދެއްވި ބޭފުޅެކެވެ. އޭނާ ޤާއިކުރެއްވި ލައިބްރަރީގެ ނަމަކީ "ބައިތުލްޙިކްމާ" އެވެ.

ޚަލީފާ ހާރޫނުއްރަޝީދަކީ، ވަރަށް މުރާލި ބޭފުޅެކެވެ. ފަޓާނީ ހެދުން (ދަތުރުވެރިންގެ ހެދުން) ތުރުކުރައްވައިގެން ކޮންމެރެއަކު ވެސް ދަންވަރު (އޭނާގެ އެންމެ އިސް ވަޒީރާއެކު) ރަށުތެރޭގައި ހިންގަވާ ފަޤީރުންގެ ޙާލުއަޙުވާލު ބައްލަވާ ހައްދަވަ އެވެ. ރޭނގަޑު ދަތުރުފުޅުކުރައްވަނީ، އަސްކޮޅު ޒެމްޕޯސް (އަސްދާނަ ގޮނޑި) ގެ މައްޗަށް ރަސްގެފާނު ސަވާރުވެ ވަޑައިގެން، ފަހަތްޕުޅުގައި ވަޒީރު ބައިންދަވައިގެންނެވެ. ގިނަވަގުތު ހޭދަކުރައްވަނީ، ފަޤީރުންގެ އަވަށްތަކާއި، ދަތުރުވެރީންގެ މަންޒިލްތަކުގަ އެވެ. އެތަންތަނުން ފެނިވަޑައިގަންނަވާ ހުރިހާކަމެއް ލިޔުއްވަ އެވެ. އެގޮތުން އެވަގުތު ހަމަޖެއްސެވެން ނެތްކަމެއްކަމަށްވާނަމަ، އަނެއްދުވަހުގެ ދަރުބާރަށް ހުށަ ހަޅުއްވައިގެން ޙައްލުކުރައްވަ އެވެ.

ދަތުރުފުޅުކުރައްވަނީ، ބައްދަލުވާ އެއްވެސް މީހަކަށް އެއީ ޚަލީފާކަމެއް ނޭނގޭނެ ގޮތަށެވެ. އެމަސައްކަތުގެ  ތެރޭގައި، ފަޤީރުންގެ ޖިފުޓިތަކުން މެހެމާންދާރީ ހޯއްދަވައި އަވަހާރަފުޅުލައްޕަވައި ފަރީއްކުޅުއްވައި ހައްދަވަތެވެ. އަދި މަގުމަތިން ބައްދަލުވާމީހުންނާއި ސުވާލުކުރައްވައި، ބައެއްފަހަރަށް އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދެއްވަ އެވެ. އެވަގުތަށް އެންމެ ބޮޑަށް ދަތިވާ ކަންކަމަކީ ކޮބައިތޯ ވެސް ބައްލަވަ އެވެ. ބަލިޙާލުގައި ތިބޭ މީހުންނަށް ބޭސްފަރުވާގެ އެހީތެރިކަން ވެސް ފޯރުކޮށް ދެއްވަ އެވެ. ފެނިވަޑައިގަންނަވާ އަދި ކުރައްވާ ކޮންމެކަމެއްވެސް އަކުރެއްފިއްޔެއް ވިއަސް ދޫނުކުރައްވައި ލިޔުއްވަ އެވެ. އެއިން ތަޖްރިބާ ތަކެއް ވެސް ލިބިވަޑައިގަންނަވަ  އެވެ.

އެ ދެ ބޭފުޅުންގެ އާދައިގެމަތިން ދަތުރުކުރައްވަމުން ވަޑައިގެން އެއްރެއަކު ރަށުގެ ރަށްބޭރުގައި ހުރި މައިޒާނެއްގައި މަޑުކުރައްވައި ގެން ތިއްބަނިކޮށް އެތަނަށް ދަތުރުވެރިއަކު އައިސް މަޑުކޮށްފި އެވެ. އެމީހާ އައީ އަހެއްގެ ލަގަނުގައި ހިފައިގެން ހިނގާފަ  އެވެ. އެމީހާގެ އެއްއަތުގައި އޮތީ ދަނގަޑު ޗާބޫކެވެ. އެމީހާ އެ އަސް ގެންގުޅެނީ، ވަރަށް އޯގާތެރިކަމާއެކުގަ އެވެ. ބައެއްފަހަރު އޭގައި ފިރުމަމުން ކޮންމެވެސް ވާހަކަތަކެއް ވެސް ދައްކަ އެވެ. އެ އެއްޗެހިތަކެއް ކިޔާއިރު ބައެއްފަހަރަށް ގިސްލެވެ އެވެ. އަދި ރޮވެ އެވެ.

މިހިސާބުން ރަސްގެފާނުގެ އިޝާރާތަކަށް ވަޒީރު އެމީހާއާއި ސުވާލުކުރައްވަން ފައްޓަވައިފި އެވެ.
ވަޒީރު: ކަލޭގެއަކީ، ކޮންނަމެއްކިޔާ ކާކު ހެއްޔެވެ؟ ތިޔަކިޔަނީ ކޮން އެއްޗެހިތަކެއްހެއްޔެވެ؟ އަދި ތިޔަ ރޮނީ ފަހެ ކީއްވެގެން ހެއްޔެވެ. އަސްމައްޗަށް ސަވވާރުނުވެ، ހިނގާފައި ތިއުޅެނީ ކީއްވެގެން ހެއްޔެވެ؟
އެމީހާ: ތިޔައީ ކާކު ހެއްޔެވެ.
ވަޒީރު: ފުރަތަމަ ސުވާލުކުރީ އަހަރެން ނޫން ހެއްޔެވެ؟
އެމީހާ؟ އެއްބަހެވެ. ތިޔަކަންއޮތީ ތިޔަގޮތަށެވެ. އަހަރެންނަކީ، ޢަރާމެއް ހޯދުމަށް ދަތުރުކުރާ މުސާފިރަކީ މެވެ. ހިނގާފައި މިއުޅެނީ މީހުންނާއި ބައްދަލުކުރަން ފަސޭހަވާނެތީ އެވެ.
ވަޒީރު: އަހުގައި ދަތުރު ކުރިއަސް މީހުންނާއި ބާއްދަލުވާނެ ނޫން ހެއްޔެވެ؟
އެމީހާ: އާއެކެވެ.
ވަޒީރު: ޗާބޫކެއް ތިޔަ ގެންގުޅެނީ ކީއްވެގެން ހެއްޔެވެ.
އެމީހާ: މި ދޭތިންކުރެ އެކައްޗަކާ ވެސް އަހަރެންނަކަށް ވަތްކެއްނުވެވޭނެ އެވެ. އަހުގެ ލަގަނުގައި އެއްއަތުން، އަނެއްއަތުން މި ޗާބޫކުގައި ހިފަހައްޓައިގެން ނޫންގޮތަކަށް އުޅުމަކީ، އަހަރެންގެ ޠަބީޢަތާއި ގުޅިފައިވާ ކަމެއްނޫނެވެ.
ވަޒީރު: އެއީ ކީއްވެގެން ހެއްޔެވެ؟
އެމީހާ: އަހުރެން މި ވާހަކަ ކިޔައިދޭނީ، ދެ ޝަރުޠެއްގެ މަތިންނެވެ.
 ވަޒީރު: އެއީ ކޮން ދެ ޝަރުޠެއް ހެއްޔެވެ؟
އެމީހާ: ފުރަތަމަ ޝަރުޠަކީ، ކަލޭގެ އަތުގައި ހިފަހައްޓައިގެން ހުރުމެވެ. ދެވަނަ ޝަރުޠަކީ، ވާހަކަ ކިޔައި ނިމުމުން އަހަރެން އެދޭ ކަމެއް ކޮށްދިނުމެވެ. ފަހަރުގައި އެއީ ކަލޭ ނުރުހޭ ޝަރުޠަތަކަށް ވެސް ވެދާނެ އެވެ.
އެހާހިސާބުން ވަޒީރުގެ ބަސްހުއްޓި ހަނުހުންނަވަން ޖެހިވަޑައިގެންފިއެވެ.
އެމީހާ: އެއީ އުރެދުމެއް ކަހަލަ ކަމެއް ނޫނެވެ. ނަމަވެސް އެއީ އިންސާނިއްޔަތުގެ ގޮތުން ހިތް ނުރުހޭ ޒާތުގެ ކަމެކެވެ. ނަމަވެސް އެއީ އަހަރެންނަށް ކޮށްދެވޭ ފަރުވާ އެކެވެ. އެއީ ބޭސްވެރިކަމެއްކަހަލަ ކަމެކެވެ.
ރަސްގެފާނު: އެހެންކަމަށްވާނަމަ ކަލޭ އުޅޭ ތަނެއް ބުނާށެވެ. މާދަމާ އަހަރުމެން ކަލޭގެއާއި ބައްދަލު ކުރާނަމެވެ.
އެމީހާ: ދެވަނަ މީހަކު ވެސް މިތަނުގައި ހުރީހެއްޔެވެ؟
ރަސްގެފާނު: އާއެކެވެ.
އެމީހާ: އެންމެ ރަގަނޅެވެ. މާދަމާ ހެދުނުން ފެށިގެން ހަވީރުވަންދެން މި ރަށްބޭރުގެ ދަތުރުވެރީންގެ ކުޑަމަންޒިލުގައި މަޑުކުރާނަމެވެ. ކޮންމެއަކަސް ރަސްގެފާނާއި ވަޒީރަށް އެމީހާގެ ކިބައިން ސަލާމަތްވެވަޑައިގެންނެވުނީ އެރޭ ވެސް އެމީހާ އެ އެދުނު މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައެވެ. ފައިސާއާއި ތަކެތީގެ ގޮތަކުންނޫނެވެ.

އަނެއްދުވަހު ހެދުނު ރަސްގެފާނުގެ ދަރުބާރަށް އެމީހާ ޙާޒިރުކުރެވިއްޖެ އެވެ. އެމީހާއަށް އޭނާގެ ވާހަކަ ކިޔައިދޭން އަންގަވައިފި އެވެ. އެމީހާ: މިއީ ކޮންތަނެއްހެއްޔެވެ؟ މިތަނުގައި ތިބީ ކިތައް މީހުން ހެއްޔެވެ؟
ވަޒީރު: މިއީ ޚަލީފާ ހާރޫނުއްރަޝީދުގެ ދަރުބާރެވެ. މިތަނުގައި ތިބި މީހުން މިތިބީ އެވެ. ބަލާލީމާ ޢަދަދު އެނގޭނެ ނޫންހެއްޔެވެ؟
އެމީހާ: އަހަރެންނަކީ ދެ ލޯ އަނދިރި މީހަކީމެވެ!
ކުއްލި ޙައިރާންކަމެއް ވަޒީރަށް ލިބިވަޑައިގެންނެވުމުން އެތަނުގައި ތިބި މީހުންގެ ޢަދަދު ރަސްގެފާނު ވިދާޅުވެދެއްވުމަށްފަހު، އޭނާގެ ވާހަކަ ކުރިއަށް ގެންދަން ވިދާޅު ވެއްޖެ އެވެ.
އެމީހާ:   ދަރުބާރުގެ އަހުލުވެރީންނޭވެ! އަޅުގަނޑުގެ ވާހަކަ އަޑުއައްސަވާށެވެ. އަދި އެކަމުން ޢިބްރަތެއް ވެސް ހޯއްދަވާށެވެ. 

އަޅުގަނޑަކީ މި އިރާޤް ގެ ރައްޔިތަކީމެވެ. މެދުފަންތީގެ ތަނަވަސްމީހަކީމެވެ. ބައްޕައަކީ މެދުފަންތީގެ ވިޔަފާރިވެރިއެކެވެ. އަޅުގަނޑު ކުރާ މަސައްކަތަކީ ބައްޕަގެ ވިޔަފާރި އިތުރުކުރުމަށްޓަކައި މަސައްކަތްކުރުމެވެ. އެގޮތަށް އުޅެނިކޮށް ބައްޕަ ނިޔާވެއްޖެ އެވެ. ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ އަހަރެންނެވެ. އެކަކަށް ބަލާއިރު މުދަލުގެ ޢަދަދު ވަރަށްގިނަ އެވެ. ނަމަވެސް ގިނަފަހަރަށްވާގޮތަކީ، ސަލާންޖަހާ މީހަކަށް ދެވެނީ ވަރަށްކުޑަ މިންވަރެކެވެ. ނުވަތަ ބައެއްފަހަރު ނުދެވެ އެވެ. ނަމަވެސް ކަސްބީ އަންހެނުންނަށް ދެވޭ މިންވަރު ވަރަށް ގިނަ އެވެ. ރޭގަނޑުގެ ގިނަ ވަގުތު ހޭދަކުރެވެނީ އެކަމުގަ އެވެ. އެގޮތުގެމަތިން އެއްރެއަކު ރަނގަޅު ޝިކާރައެއް އަތުޖެހޭތޯ ހިނގަމުންދަނިކޮށް އަވަށާއި ވަރަށްދުރު ހިސާބަކުން ފެނުނީ އިސްކޮޅުން ދިގުވަރެއްގެ މީހެކެވެ. ތުބުޅި ވަރަށް ދިގެވެ. ލައިގެން ހުރީ ހުދުކުލައިގެ ޖުއްބާ އެކެވެ. އަތުގައި ތަސްބީހަ ފައްޗެއް އޮތެވެ. އަދި އޭނާގެ ވަށައިގެން 70 ޖަމަލު އޮތެވެ. އެއިން ކޮންމެ ޖަމަލެއް ވެސް ބަރުކޮށްފައިވަނީ، ރަނާއި ރިއްސާއި ޖަވާހިރުންނެވެ. އަހަރެން ހެދިގޮތަކީ، ލައިގެންހުރި ފޭރާމުން ބޮޑުބައެއް ވީދާލައި، ގައިގައި ހިރަފުސް އުނގުޅައިގެން އެމީހާގެ ގާތަށް ގޮސް ސަލާން ގޮވައިފީމެވެ. އެމީހާ ޖަވާބުދީފައި ކުރިއަށް ހިނގައިގަތެވެ. އަހަރެން އަނެއްކާ ވެސް ފަހަތުން ދުވެފައި ގޮސް އަރާހަމަކޮށް ސަލާން ގޮވާފައި ބުނެފީމެވެ. ކަލޭގެއާއޭ، ތިޔަތަނުން އެއް ޖަމަލު އަހަރެންނަށް ދީފާނަން ހެއްޔެވެ. ތިޔަ ހުރިހާ ރަނާއި ރިއްސާއި ޖަވާހިރެއް އެކަކަށް މާގިނަ ނޫން ހެއްޔެވެ؟ ވަރަށް މަޑުމައިތިރި ރާގެއްގައި އެމީހާ ބުނެފި އެވެ. ތިޔައީ ރަނގަޅުވާހަކަ އެކެވެ. ނަމަވެސް މުދަލަކީ، ވަޙްޝީ ހަތިޔާރެކެވެ. އަހަރެން ބުނެފީމެވެ. ތިޔައީ ނުދޭންވެގެންދައްކާ ބަހަނާއެކެވެ. އެމީހާ ބުނެފި އެވެ. ނޫނެކެވެ. އެއް ޖަމަލު ދީފީމެވެ. ގެންދާށެވެ. 

ތިމަންނައަށް އެ ޖަމަލުގައި ހުރި މުދާ ރަނގަޅަށް ބެލުމަށްފަހު ލިބުނު ހިތްހަމަޖެހުމަކާއި އަދި ވީ އުފަލެއްގެ ބޮޑުކަމާއި އެދުންވެރިކަމެއްގެ ބޮޑުކަމުން އަދި އެއް ޖަމަލު ދީފާނަންތޯ އެހުމުން އެމީހާ ބުނެފި އެވެ. ބާކީ އެއޮތް 69 ޖަމަލު ވެސް ދީފީމެވެ. ގެންދާށެވެ. ކޮންމެއަކަސް އެމީހާއި ވާހަކަދެއްކުމުގެތެރޭގައި އޭނާގެ ޖީބުން ދެ ދަޅެއް ނަގައިގެން އުޅެނިކޮށް ފެނިފައިވާތީ، އެއީ ކޮން ދެ ދަޅެއްތޯ އަހައިފީމެވެ. އެމީހާ ބުނެފި އެވެ. އެއީ ދެ އަނދުން ދަޅެކެވެ. އެތަނުން އެއް ދަޅުން އަނދުން އަޅައިފިނަމަ ކަނޑާއި އަދި އެއްގަމުގައިހުރި ހުރިހާ ޚަޒާނާތަކެއް އެމީހަކަށް ފެންނާނެ އެވެ. އަހަރެން އެމީހާގެ ދެފައިގައި އާދޭސްކޮށް ބުނެފީމެވެ. މި ޖަމަލުތައް ވެސް ބޭނުމެވެ. އަނދުންދަޅު ވެސް ބޭނުމެވެ. އެހެން ބުނުމުން އެމީހާ ހެދިގޮތަކީ، އަހަރެންގެ ކަނާތު ލޮލުގައި އަނދުންއަޅާފައި އެ ދަޅު އަހަރެންނަށް ދީފި އެވެ. ކުއްލިއަކަށް އަހަރެންގެ އެ ލޯ ހީވީ ތަރަތަރަޖަހައިގެން ދިޔަ ހެންނެވެ. ރަންރިއްސާއި، ޖަވާހިރާއި، ފީރޯޒާއި، އަލިމަހާއި ނަން ހުސްކޮށް އެ ހުރިހާ ތަކެއްޗެއް އެހުރީ ލޯމަތީގައި ފެންނާށެވެ. ވީއުފަލެއްގެ ބޮޑުކަމުން އެދަޅު ޖީބަށްލައިގެން ޖަމަލުތައް ގޮވައިގެން ތަންކޮޅަކަށް ގޮސްފައި ހިތަށްއެރިއެވެ. އަދި ދާނަމެވެ. އެ ދަޅުގެ ފައިދާ އަދި މާބޮޑުވާނެ އެވެ. އަނެއްކާ ވެސް ފަހަތުން ދުވެގޮސް އެ ދަޅު ދޭތޯ ރޮއި އާދޭސް ކޮށްގަތުމުން އެމީހާ ބުނެފި އެވެ. އެންމެރަނގަޅެވެ. ދޭނަމެވެ. އެކަމަކު މި ދަޅުން އަނދުން އެޅުމުން ވާނެ "ފައިދާއަކީ" އަނދުން އެޅުމާއެކު ދެ ލޯ އަނދިރިވެ ކަނާތަށް ޗާބޫކެއް އަރާނެ އެވެ. ވާތަށް އަހެއްގެ ލަނގަނެއް އަރާނެ އެވެ. އޭގެފަހުން އެމީހާ ކެއަސް ނިދިކަމަށް ވިއަސް އޭނާއަށް އެއްވެސް ކަހަލަ އަރާމެއް ނުލިބޭނެ އެވެ. ހަމައެކަނި އަރާމެއް ލިބޭނީ ކައިގެން ވެސް އަދި  ނިދަން ބޭނުންވުމުންވެސް (އެހެން މީހަކުލައްވައި) ބޮނބިފަޅީގައި މި ޗާބޫކުން ހެސްކިޔާފައި ފަސްއެތިފަހަރު އެޅުމުން ނެވެ. ދެން ކުރަންޖެހޭނެހާވެސް ކަމަކީ، މި އަހަށް ކާންދިނުމެވެ. ނަމަވެސް އެ އަހުގައި ދަތުރެއް ނުކުރެވޭނެ އެވެ. 

އަހަރެންގެ ހިތަށްއެރިއެވެ. މިއީ ރަނގަޅުވާހަކައަކަށް ނުވާނެއެވެ. އެއީ އޭގެ ފައިދާ ބޮޑުކަމުން ނުދޭންވެގެން ދައްކާވާހަކަ އެވެ. މިހެން ހިތަށް އަރާފައި ބުނެފީ މެވެ. އެންމެ ރަނގަޅެވެ. ދޭށެވެ. އެމީހާ ބުނެފި އެވެ. ކަމަކަށް މާބޮޑަށް ދަހިވެތިވެ އެދުން ބޮޑުވެއްޖެނަމަ، ކޮންމެ މީހެއްގެ ޚިޔާލު ދަތުރުކުރާނީ، ނުބައި މަގުންނެވެ. އެކަމަކަށް ހިތް ރުހޭނަމަ، ކިތައްމެ ނުބައިކަމެއްވިއަސް އެކަމެއް ރަނގަޅުވާނެ އެވެ. އަދި ހިތް ނުރުހޭނަމަ ކިތައްމެ ރަނގަޅުކަމެއްކަމަށް ވިއަސް އެކަމަކަށް ހިތް ނުރުހޭނެ އެވެ. އެދުންވެރިކަމަކީ، ބުއްދި ފާސިދުވާކަމެކެވެ. އެހެންބުނުމަށްފަހު، އެމީހާ އެ އަނދުންދަޅު ދީފި އެވެ. އަހަރެން ވެސް ވާތުލޮލުގައި އަނދުން އަޅައިފީމެވެ. އޭގެ ފަހުން އަހަރެންގެ ޙާލަތު ބަދަލުވިގޮތް މިފެންނަނީ އެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ބޭނުމެއްނޫނެވެ. ރަސްގެފާނެވެ. މިއީ ރަސްގެފާނުގެ ފަހަރެވެ. އަހަރެންގެ ބޮނބިފަޅީގައި ހެސްކިޔާފައި ފަސްބޮނޑި އަޅުއްވާދެއްވާށެވެ. މުދާވެރިކަމުންލިބޭ އަރާމަކީ، ބޮނބިފަޅީގައި ފަސްބޮނޑި އެޅުމެވެ.

ދެން ރަސްގެފާނު އަމިއްލަފުޅަށް އޭނާގެބޮނބޮފަޅީގައި ފަސްބޮނޑިއެޅުއްވުމުން ބިންމަތީގައި ދެތިންފަހަރަކަށް އެނބުރިލާފައި ތެދުވެ ރަސްގެފާނުގެ އަތްޕުޅުގައި ބޮސްދީފައި، ވެދެއްވި ހެޔޮކަމަށް ޝުކުރު ދަންނަވަމުން އަހުގެ ލަގަނުގައި ހިފައި އަސް ދަމަމުން ވެއްޓެމުން ކަހަލަ ގޮތަކަށް ނިކުމެގެން ހިނގައްޖެ އެވެ!
                                         ------------------------

މިވާހަކައަކީ ވާހަކައިގެ މަފްހޫމް ނުގެއްލޭގޮތަށް އެކި ބަހުން އެކި ޢިބާރާތުން ކިޔަމުންދާ ވާހަކައެކެވެ. ރާއްޖޭގައި ޗާޕްކޮށް ނެރިފައިވާ އަލްފުލައިލާގެ "ބާބާ ޢަބުދުﷲ އާއި ދަރުވޭޝް ކަލޭގެ" ވާހަކައަކީ މިދެންނެވިގޮތުން ވާހަކައިގެ މަފްހޫމް ނުގެއްލޭގޮތަށް ލިޔުއްވައިފައިވާ ވާހަކައެކެވެ.

ލިޔުއްވީ: "ގަލަންދޫ"