ފައިސާގެ ފަހަތުން އިންސާނާ













ދުނިޔެ ނިމުމުގެ ކޮޅުމަތި ފެށިފައިވާ އިރު ނަހަމަ ގޮތުގައި ފައިސާހޯދައި ލިބިގަތުމުގެ ބޭނުމުގައި އިންސާނުންގެ ބަޔަކު ފައިސާގެ ފަހަތުން ދުވަމުންދާ ތަން ފެންނާނެ އެވެ. މިއީ މީގެ އެތައް ސަތޭކަ އަހަރެއްގެ ކުރިން ވެސް އެނގިފައިވާ ކަމެކެވެ. 

ފައިސާގެ ފަހަތުން ދުވަމުންދާ މީހުންގެ ތެރޭ ހިމެނެނީ ކޮންފަދަ އިންސާނުންތޯ އެވެ. އޭގެ ތެރޭ އެފަދަ ގޮތްގޮތުން ފައިސާ ހޯދައި ލިބިގަތުމަކީ ހުއްދަނޫން ކަމެއްކަމާއި އެއީ ބޮޑުވެގެންވާ ޙަރާމްކަމެއް ކަން ރަނގަޅަށް އެނގޭ ބަޔަކު ވެސް ވާނެ އެވެ. މިގޮތަށް ހޯދައި ލިބިގަންނަ ފައިސާއަކީ ތިމާއާއި ތިމާގެ އަނބިދަރީން އެ ފައިސާއިން ކައިބޮއި، އެ ފައިސާއިން ދުނިޔޭގެ ޖާހާއި މާލު އުފުލައި، އަދި އެ ފައިސާއިން ޢިލްމު އުނގެނި ހެދިކަމަށް ވިޔަސް އޭގެ ޙަގީގީ މަންފާއެއް ނުކުރާނޭ ފައިސާއެކެވެ. 

ޙައްގާއި ބާޠިލަކީ ކޮބައިކަން އެބައިމީހުންގެ ބަހާއި ޢަމަލުން މީސްތަކުންނަށް އަންގައި އޮޅުންފިލުވައި ދިނުމުގެ ޛިންމާއާއި މަތިވެ ތިބި ބައެއް ފަރާތްތަކުން އެފަދަ ކަންކަން އޮޅޭގޮތަށް ނުބައިކަން ބޮޑު އެފަދަ މަގުމަގު ޚިޔާރުކޮށް އެފަދަ މަގުމަގުން ހިނގައި އުޅޭ ތަން ފާޅުގައި މީސްތަކުންނަށް ފެނުމަކީ ދުނިޔެ ނިމުމުގެ ކޮޅުމަތި ފެށިއްޖެ ކަމުގެ ސާފު ޢަލާމާތެކެވެ.  އަދި ހަކުރުގެ ވަށައިގެން މެހި އުޅޭހެން ދުނިޔޭގެ މާލާއިޖާހުގެ ތަނަވަސްކަން ހުރި ފަރާތްތަކުގެ ވަށައިގެން ބަޔަކު މީހުން އުޅޭތަން މީސްތަކުންނަށް ފެނުމަކީ ވެސް ދުނިޔެ ނިމުމުގެ ކޮޅުމަތި ފެށިއްޖެކަމުގެ ސާފު ޢަލާމާތެކެވެ.

ޙައްގުގެ މަގުގައި ސާބިތުވެ ހުރި މީހަކީ ދެ ދުނިޔޭގެ ބާއްޖަވެރިއެކެވެ. ޙައްގުގެ މަގުގައި ސާބިތުވެ ހުރި މީހެއްގެ ފޯރުންތެރިކަން ކުޑަކަމާއި އެ މީހެއްގެ ވަށައިގެން އެނބުރޭ މީހުންނެތް ކަމަށް ފެންނަނީ ކަނުވެގެންވާ ލޯތަކަށެވެ. މިހެނީ ކުޑަ އިރުކޮޅަކު ހިމޭނުން އިނދެ ތިމާގެ ވަށައިގެން ހިނގަމުންދާ ކަންކަމަށް ތިމާގެ އަމިއްލަ ވިސްނުމާއި ފިކުރު ހިންގައިލި ނަމަވެސް އެކަން އޮތީ އެހެން ނޫންކަމަށް ލަހެއްނުވެ އެނގިދާނެ އެވެ.
                  -------------------

ލިޔުއްވީ: އިބްރާހީމް އާދަމް