ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅު









ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅާއި އަދި އެ ކަމަނާއާއި ގުޅުންހުރި ބައެއް މަޢުލޫމާތު ހޯއްދެވުމަށް ބައެއް ފަރާތްތަކުން އަޅުގަނޑާއި ގުޅުއްވަނީ އެކި ބޭފުޅުންގެ އެހީތެރިކަމާއެކު ދެއްވަދޫ ރަސްގެފާނާއި ބެހޭ ބައެއް މަޢުލޫމާތްތައް އަޅުގަނޑު ހާމަކުރާތީކަމަށް ވެދާނެ އެވެ. މިހެންވުމުން އެކަމުގައި އަޅުގަނޑަށް އެއްޗެއް އެނގިފައިހުރިނަމަ އެ އެއްޗެއް އެ ފަރާތްތަކުގައި ދަންނަވަމުން ގެންދަމެވެ. މިގޮތަށް މިކަން ހިނގަމުންދަނިކޮށް އަޅުގަނޑާއި ގާތް ބޭފުޅަކު ފޯނުކުރައްވައި ވިދާޅުވި އެވެ.

"އެކި ލިޔުންތަކުގައި ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅު އެކިގޮތަށް ހުރުމުން އޭގެ ރަނގަޅު ނަންފުޅަކަށްވާނީ ކޮން ނަންފުޅެއްތޯ ބެއްލެވުމަށް އޭނާގެ އަނބިކަނބަލުން ބޭނުންފުޅުވެ އެވެ. އޭނާ ހައްދަވަމުން ގެންދަވާ އެސައިންމެންޓަކަށެވެ."

މިހެންވެ، އެ ދެ ކަނބަލުން މިއަދު އަޅުގަނޑާއި ބައްދަލުކުރެއްވުމުން އަޅުގަނޑު ދެންނެވީމެވެ.

"ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅާމެދު އޮޅުންތަކެއް ހުރިކަމަށް ފެނިވަޑައިގެން ވަޑައިގަތް ތިޔަ ދެ ކަނބަލުން (ދެމަފިރި ކަނބަލުން)ގެ ތެރެއިން އަންހެންބޭފުޅަކީ ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅާއި ގުޅިގެން އުފެދިފައިވާ ދަރިކޮޅުގެ ބޭފުޅަކަށްވީ ހިނދު،  އޮޅުމެއްނެތި ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅު އެނގިވަޑައިގަތުމަކީ ބޭނުންތެރި ކަމެކެވެ. މިގޮތުން އެއްވެސް ކަހަލަ އޮޅުމެއް އަދި ސުވާލެއް ވެސް ނުއުފެދޭގޮތަށް ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅު އެވަނީ އެ ނަންފުޅު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކު ލިޔުއްވައިފަ އެވެ. އެއީ އެ ކަމަނާގެ ދަރިކަލުން ދެއްވަދޫ ރަސްގެފާނު ނުވަތަ މުޙައްމަދު ބިން ޙާއްޖު ޢަލީ އެވެ. އެ ރަދުންގެ ރަސްކަމުގެ ދުވަސްވަރު އެ ރަދުން ދެއްވަދޫއަށް ދެއްވި ވަގުފު ފަތްކޮޅެއްގައި އެ ރަދުންގެ މަންމާފުޅުގެ ނަންފުޅު ލިޔެފައިވެ އެވެ." އެ ނަންފުޅަކީ އައިސާބީ އެވެ.

1 ޖުމާދިލް އައްވަލް 1106ހ. (ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ 3ވަނަ އަހަރު) ގައި އެ ރަސްގެފާނު ދެއްވަދުއަށް ދެއްވި ވަގުފުފަތްކޮޅެއްގައި [ތިމަން ރަދުންގެ ކާބަފައި އަބޫބަކުރު ފަޑިޔާރުކަލޭގެއަށް އުފަން ތިމަން ރަދުންގެ މައި އައިސާބީގެ ދަރީގެދަރި މިރިމީންގެ ކިބައަށް............] މި ގޮތަށް ލިޔުއްވާފައި އޮތީމާ ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅަކީ ނުވަތަ އެ ރަދުން ލިޔުއްވި ނަންފުޅަކީ އައިސާބީ ކަން އޮޅުމެއްނެތި އެނގެ އެވެ. މި ފަތްކޮޅު ދިވެހިބަހުގެ އެކެޑެމީގައި އެބަ އޮތެވެ. އަދި މީގެ ކޮޕީއެއް އެ ތަނުގެ އިސްވެރިއަކު އަޅުގަނޑަށް ވެސް ދެއްވި އެވެ.


ހުވަދުއަތޮޅުގައި ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު މަޝްހޫރުވެފައިވަނީ "އައިސާދިޔޯ"ގެ ނަންފުޅުންކަމަށް ވިޔަސް އެ ކަމަނާގެ ދަރިކަލުން ދެއްވަދޫ ރަސްގެފާނުގެ ފަތްކޮޅެއްގައި އެ ރަދުންގެ މަންމާފުޅުގެ ނަންފުޅަކަށް "އައިސާދިޔޯ" ބޭނުންފުޅު ނުކުރައްވާނެކަމަށް ބެލެވެ އެވެ. އެއީ "އައިސާ"ގެ ފަހަތަށް އަންނަ "ދިޔޯ"ގެ ސަބަބުންނެވެ. ދިވެހިބަހުގައި "ދިޔޯ"ގެ މާނައަކީ "ރީތި އަންހެނާ" އެވެ. "އައިސާދިޔޯ"ގެ މާނައަކީ "ރީތި އަންހެނާ ޢާއިޝާ" އެވެ. މިހެންވުމުން ދެއްވަދޫ ރަސްގެފާނު އެ ރަދުންގެ މަންމާފުޅުގެ ނަންފުޅަކަށް ބޭނުންފުޅުކުރެއްވީ "އައިސާބީ" އެވެ. އައިސާބީ، އާމިނާބީ، ޚަދީޖާބީ ފަދަ ނަންތަކަކީ ކުރީގެ ދުވަސްވަރު ރާއްޖޭގައި ބޭނުންކުރި ނަންތަކެވެ.

ކުރީގެދުވަސްވަރު ދިވެހިރާއްޖޭގައި "ދިޔޯ"ގެ ކުރިއަށް "ކަކުނި ނުވަތަ ކަކުނީ" ގެނެސްފައިވަނީ އެ އަންހެނެއްގެ ލޮލުގެ ކަޅިރަވައިގެ ތޫނުކަމަށްޓަކަ އެވެ. ކަޅިރަވަ ތޫނުވުމަކީ ލޮލުގެ ބުރުޞޫރަ ރީތިކަމާއެކު އަސަރުގަދަވުމެވެ. މިފަދަ ބައެއް އަންހެނުންނަކީ ހެދިހުރި ހަށިގަނޑުގެ ބުރުޞޫރައިގެ ވެސް ފުރިހަމަކަމާއެކު އާދަޔާއި ޚިލާފު ރީތިކަމެއް ލިބިފައިވާ ބަޔެކެވެ.

(ދިޔޯގެ ކުރިއަށް "ކަކުނި ނުވަތަ ކަކުނީ" މިބަސް ބޭނުންކޮށްފައިވަނީ ބައެއްކަހަލަ ކަކުންޏަކީ އޭގެލޮލުގެ ވިދުވަރު ގަދަ އަދި ކަޅިރަވައިގައި އާދަޔާއި ޚިލާފު ރީތިކަމެއް ހުންނަ އެއްޗަކަށްވުމުން އެއަށް ނިސްބަތްކޮށްކަމަށް ބުނެވެ އެވެ. ދިވެހިބަހުގައި ކަޅިރަވަ ކިޔަނީ ލޮލުގެ ބުރުޞޫރައަށެވެ.)

ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އައިސާބީއަކީ އެކަމަނާއަށް ޤުދުރަތުން ހަދިޔާކުރެއްވި ނުހަނު އަގުހުރި ނިޢުމަތެއްކަމަށްވާ އާދަޔާޚިލާފު ރީތިކަމަށްޓަކައި "ދެއްވަދޫ ރީތި އަންހެންބޭފުޅާ" (ދެއްވަދޫ ކަކުނީ ދިޔޯ)ގެ ނަންފުޅުން ވެސް މަޝްހޫރުކަން ލިބިވަޑައިގަތް ބޭފުޅެކެވެ. މިހެންވީ ނަމަވެސް އެއީ އެ ކަމަނާގެ ޚާއްޞަ ނަންފުޅެއްނޫނެވެ. އެ ކަމަނާގެ ޚާއްޞަ ނަންފުޅަކީ ޢާއިޝާ އެވެ. ނުވަތަ އައިސާބީ އެވެ. މިއީ ޢަރަބި ކަލާމް ދެނެވަޑައިގަންނަވާ އަދި ޢަރަބި ނަންފުޅަކުން (އަބޫބަކުރު) މުޚާޠަބްކުރާ ރާއްޖޭގެ މަޝްހޫރު ފަނޑިޔާރެއްގެ ދަރިކަނބަލަކަށްވީމާ އެ ކަމަނާގެ ޢަރަބި ނަންފުޅެއް ނެތި ހަމައެކަނި "ކަކުނިދިޔޯ ނުވަތަ ކަކުނީދިޔޯ" ނުކިޔާނެކަމީ ގަބޫލުކުރަންޖެހޭ ކަމެކެވެ. އޭގެ ދަލީލަކީ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ އަންހެން ބޭފުޅުންގެ ތެރޭ  ޢާއިޝާ ނުވަތަ އައިސާބީ ފިޔަވައި ދެން ތިއްބެވި ދެ ބޭފުޅުންނަށް ވެސް ޢަރަބި ނަން ކިޔާފައިވުމެވެ. ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ ތިންވަނައަހަރު ޛުލްޙައްޖު މަހު ފަނަރަވަނަ ދުވަހު ދެއްވަދޫގެ ކުޑަ މިސްކިތަށް އެ ރަދުން ލިޔެދެއްވި ވަގުފުފަތްކޮޅެއްގައި [ތިމަން ރަދުންގެ ކާބަފައި އަބޫބަކުރު ފަޑިޔާރު ކަލޭގެޔާއި، މިކަލޭގެ އުފަން ދޮންމަރި ދޮންކަބުލޯގެއާއި، މި ކަލޭގެ ތިބި ދޮންއާމިނާ ކަބުލޯގެޔާއި ..........] މިގޮތަށް އެބަ އޮތެވެ. ދޮންމަރި ދޮންކަބުލޯއަކީ މަރިޔަމް އެވެ. ދޮންއާމިނާ ކަބުލޯއަކީ އާމިނަތު އެވެ. މި ފަތްކޮޅު ވެސް ދިވެހިބަހުގެ އެކެޑެމީގައި އެބަ އޮތެވެ. އަދި މީގެ ކޮޕީއެއް އެ ތަނުގެ އިސްވެރިއަކު އަޅުގަނޑަށް ވެސް ދެއްވި އެވެ.

ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅަކަށް އައިސާބީ، އައިސާދިޔޯ، އަދި އައިސާބީ ކަނބުލޯ، މިކަހަލަ ގޮތްގޮތަށް ކުރީގެ ބައެއް ލިޔުންތަކުގައި ހުރި ނަމަވެސް ހުވަދުއަތޮޅުގައި އެ ކަމަނާ މަޝްހޫރުވެފައިވަނީ އައިސާދިޔޯ (ރީތި އަންހެނާ ޢާއިޝާ)ގެ ނަންފުޅުންނެވެ. މިކަމަނާގެ ފިރިކަލަކީ އައްޑޫ ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަލުން އަލްޙާއްޖު ޢަލީ ތުއްކަލާ އެވެ. މިނޫން އެހެން ބޭފުޅަކު އެ ކަމަނާއާއި ކައިވެނިކުރެއްވިކަމެއް އެނގޭކަށް ނެތެވެ. ދިވެހިތާރީޚުގައި މަޝްހޫރު ދެއްވަދޫ ރަސްގެފާނަކީ އައިސާބީ ނުވަތަ އައިސާދިޔޯއާއި އަލްޙާއްޖު ޢަލީ ތުއްކަލާގެ ދަރިކަލެކެވެ.

ދެއްވަދޫގަނޑުވަރު އާމިނާ މަނިކުފާނަކީ، ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު އައިސާބީ ނުވަތަ އައިސާދިޔޯގެ ޙޫރު މާމާފުޅު ދަރިކަނބަލެކެވެ. އައިސާބީ ނުވަތަ އައިސާދިޔޯގެ ދޮންދަލޭކަ ކަނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ ދޮންދަލޭކަ ކަނބުލޭގެފާނުގެ ބޭފުޅެކެވެ. މި އާމިނާ މަނިކުފާނަކީ، އެއްގޮތް ވައްތަރުކޮޅާއި، އުޅުއްވުމާއި، މިޒާޖާއި، އަދި އެފަދަ ގިނަ ކަންކަމެއްގައި ވެސް އޭނާގެ ހޫރު މާމާފުޅު އައިސާދިޔޯގެ ދިރިހުރި ނަކަލެއްކަމަށް އެ ދުވަސްވަރުގެ މުސްކުޅިން ބުނެއުޅެ އެވެ. ދެއްވަދޫގަނޑުވަރު އާމިނާ މަނިކުފާނުގެ ފިރިކަލަކީ މުޡުހިރުއްދީން ރަދުންނަށް ޙޫރުކާފަ، އަދި ޙާޖީ ބަންޑާރައިންނަށް (ސުލްޠާން ޣިޔާޘުއްދީނަށް) މުނިކާފަ ވިދާޅުވާ މުޙައްމަދުދީދީ (ތުއްކަލާ ދީދީ) އެވެ.

ދެއްވަދޫގަނޑުވަރު އާމިނާ މަނިކުފާނާއި މުޙައްމަދުދީދީ (ތުއްކަލާ ދީދީ) އަށް ލިބިވަޑައިގަތް ދަރިކަނބަލުން ދޮންދީދީއާއި ފުރަތަމަ ކައިވެނިކުރެއްވީ މުޡުހިރުއްދީން ރަދުންނަށް ޙޫރުކާފަ، އަދި ޙާޖީ ބަންޑާރައިންނަށް (ސުލްޠާން ޣިޔާޘުއްދީނަށް) މުނިކާފަ ވިދާޅުވާ ދޮންދީދީ (ކޮނޑޭދީދީ)ގެ ދަރިކަލުން އިބްރާހީމްދީދީ އެވެ. ދޮންދީދީއާއި ކައިވެނިކުރައްވައި މި އިބްރާހީމްދީދީ ލިބިވަޑައިގަތް ފިރިކަލަކީ ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅު އައިސާބީ ނުވަތަ އައިސާދިޔޯގެ ޙޫރު މާމާފުޅު ދަރިކަލެކެވެ. އައިސާބީ ނުވަތަ އައިސާދިޔޯގެ ދޮންދަލޭކަ ކަނބުލޭގެފާނުގެ މަރިޔަމް ކަނބުލޭގެފާނުގެ ދޮންދަލޭކަ ކަނބުލޭގެފާނުގެ ޙަސަން މަނިކުފާނެވެ.


އެކި ލިޔުންތަކުގައި ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅު އެކިގޮތަށް ހުރުމުން އޭގެ ރަނގަޅު ނަންފުޅަކަށްވާނީ ކޮން ނަންފުޅެއްތޯ ބެއްލެވުމަށް އަޅުގަނޑާއި ބައްދަލުކުރެއްވި ދެކަނބަލުންގެ ތެރެއިން އަންހެން ބޭފުޅަކީ މަތީގައިވާ ޢާއިލީ ވަނަވަރުގެ ޗާޓްގައިވާ ދެއްވަދޫ ގަނޑުވަރުދީދީ (ޚަދީޖާދީދީ)އާއި ގުޅިގެން އުފެދިފައިވާ ޢާއިލާގެ ބޭފުޅެކެވެ. އުޅުއްވަނީ ހުވަދުއަތޮޅު ތިނަދޫގަ އެވެ.

ނިންމާލަމުން ވެސް ދަންނަވަމެވެ.

ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ޚާއްޞަ ނަންފުޅަކީ ޢާއިޝާ ނުވަތަ އައިސާބީ ކަން އެނގެ އެވެ. އެއީ 1 ޖުމާދިލް އައްވަލް 1106ހ. (ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ 3ވަނަ އަހަރު) ގައި ދެއްވަދޫ ރަސްގެފާނު ނުވަތަ ސުލްޠާން މުޙައްމަދު ބިން ޙާއްޖު ޢަލީ ދެއްވަދުއަށް ދެއްވި ވަގުފު ފަތްކޮޅެއްގައި [ތިމަން ރަދުންގެ ކާބަފައި އަބޫބަކުރު ފަޑިޔާރުކަލޭގެއަށް އުފަން ތިމަން ރަދުންގެ މައި އައިސާބީގެ ދަރީގެދަރި މިރިމީންގެ ކިބައަށް............] މިގޮތަށް އޮތުމުން ދެއްވަދޫ ރަސްގެފާނުގެ މަންމާފުޅުގެ ނަންފުޅަކީ ނުވަތަ އެ ރަދުން ލިޔުއްވި ނަންފުޅަކީ އައިސާބީ ކަން އެއްވެސް އޮޅުމެއްނެތި އެނގޭތީވެ އެވެ.
                 -----------------

ޢަބުދު ޙިލްމީ
17 އޮކްޓޫބަރ 2016މ.