އެންމެބޮޑު ޝަރުޢީ އަދަބަކުން މިނިވަންވުމުގެ އަވަސް ރެކޯޑް


ދެކުނުގެ ހަމަނުޖެހުމުގެ ދުވަސްވަރު ހުވަދުއަތޮޅުގައި ދެވަނަ ފަހަރަށް ވަކި ވެރިކަމެއް ގާއިމުކުރައްވައި އެކަމުގެ ތެރޭ ކުރެއްވި ކަންކަމާއި ގުޅިގެން ހަވަރުތިނަދޫ ތާނގީދޮށުގޭ (މިހާރު "ދެލްވައްތަ") މުޙައްމަދު ޙަމީދު ދިވެހިސަރުކާރުގެ ފަރާތުން ތަޙުގީގާއި ޝަރީޢަތުގެ މަރުޙަލާއަށް މާލެ ގެންދަވައި މެރުމަށް ނިޔާކަނޑައެޅި، އޭގެފަހުން އެ ޢުގޫބާތު ޢުމުރުދުވަހަށް ޖަލަށް ބަދަލުވެ، އޭގެފަހުން އެ އަދަބަށް ވެސް މާފުލިބި، މުޙައްމަދު ޙަމީދަށް ސަރުކާރުން އެ ދުވަސްވަރުގެ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް ދެއްވުމާއި މި ހުރިހާ ކަމެއްގެތެރޭ ޖުމްލަ ސަތޭކަ ދުވަސް ހަމަނުވާކަމީ މި މުއްދަތަށް ބަލާއިރު ދިވެހިރާއްޖޭގެ ރެކޯޑްއެވެ.

ދިވެހިސަރުކާރުގެ ބާރުގެ ދަށަށް ދެވަނަ ފަހަރަށް ތިނަދޫ ގެންނެވުމަށް އޭރުގެ ބޮޑުވަޒީރު އަދި ސިފައިންގެވެރިޔާ އިބްރާހީމް ނާޞިރު "ސިލްވަރކްރެސްޓް"ގައި ހަވަރުތިނަދޫއަށް ވަޑައިގެންނެވި އިރު، ހުވަދުއަތޮޅުގެ ހިންގާކޮމިޓީގެ ރައީސް މުޙައްމަދު ޙަމީދު އުޅުއްވީ އަތޮޅުބައްތެލިން އަތޮޅުތެރެއަށް ކުރައްވާ ދަތުރެއްގައިއެވެ. އެ ފަހަރު އޭނާއަށް ހަވަރުތިނަދޫގެ ޚަބަރު ލިބިވަޑައިގަތުމުން ދާންދޫއަށް ވަޑައިގެން ލަސްނުކުރައްވައި އެ ރަށުން ފުރާވަޑައިގެން އައްޑުއަތޮޅަށް ވަޑައިގަތީއެވެ. އޭގެ ފަހުން އެ ފަހަރު އައްޑުއަތޮޅުގެ ކަންތައްތައް ހަމަޖެހި މުޙައްމަދު ޙަމީދު މާލެއަށް ގެންނެވި އިރު އެ ފަހަރު ހުވަދުއަތޮޅުން މާލެގެނައި އެންމެންގެ ތަޙުގީގާއި ޝަރީޢަތުގެ މަރުޙަލާނިމި ޙުކުމް ތަންފީޒުގެ މަރުޙަލާ ހިނގަމުންދަނީއެވެ.

މުޙައްމަދު ޙަމީދު މާލެއަށް ގެންދަވައި ހެންވޭރު ބޯޅަދަނޑުގެ އިރުމަތީ ފަރާތުގެ ޖަލުގައި ބަންދުކުރިއެވެ. އޭރު އެ ޖަލުގައި ތިބި އެންމެން ވަނީ ވިލިގިލީޖަލަށް ބަދަލުކޮށްފައެވެ. ޙަމީދާއި އެކީ އެ ދަތުރު މާލެގެނައި ދެތިންމީހުން ފިޔަވައި ހުވަދުއަތޮޅުގެ މީހަކު އެ ޖަލަކު ނެތެވެ. 

އެއްރެޔަކު މެންދަމާއި ގާތް ވަގުތެއްގައި ޙަމީދަށް ފެނިވަޑައިގަތީ އެ ދުވަސްވަރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު ޖަލަށް ވަޑައިގެންނެވި ތަނެވެ. އޭނާގެ އަރިހުގައި ސިފައިންގެ ދެ އޮފިސަރުން ތިއްބެވިއެވެ. ޙަމީދާއި ވަރަށްގާތުގައި އިރުކޮޅެއް ވަންދެން ބައްލަވަން ހުންނެވުމަށް ފަހު، އެނބުރި ވަޑައިގަތީ އެއްވެސްއެއްޗެއް ވިދާޅު ނުވެއެވެ. 

އޭގެ ވަރަށް ކުޑައިރުކޮޅެއްގެ ފަހުން ސިފައިންގެ އޮފިސަރަކު ދުރުވެ ބައެއް ކަންތައްތައް ޙަމީދުގެ އަރިހުން އޮޅުން ފިލުއްވިއެވެ. ފަރިއްކޮޅުގެ ބޭނުންފުޅު ކުރެއްވޭގޮތާމެދު އެވެ. އެކަން ރަނގަޅަށް ނުކުރެއްވެނީ ކީއްވެތޯއެވެ. ބޭނުންފުޅުވަނީ ކޮން ކަމެއްތޯއެވެ. އޭގެ ޖަވާބުގައި ޙަމީދު ވިދާޅުވީ ކެއުމަށް ގެންނަ ތަކެތީގެ ދެރަކަމުން ރަނގަޅަށް އޭގެ ބޭނުން ނުކުރެވެނީ ކަމަށެވެ. ބޭނުންވަނީ ކެއުން ރަނގަޅުވުމާއި ނިދޭނޭގޮތެއް ވުމެވެ. ނިދުމަށް ބޭނުންކުރާނޭ އެނދެއް ފަދަ އެއްޗެއް ލިބުމެވެ. އޭގެފަހުން މި ކަންކަން ހަމަޖެހިގެން ދިޔަކަމަށް ޙަމީދު ވިދާޅުވިއެވެ.

މާލަހެއް ނުވެ ޙަމީދުގެ ތަޙުގީގު ފެށުމާއެކު އެ ކަމުގެތެރޭ އޭނާ އުޅުއްވަން ޖެހުނު ގޮތާއި އުޅުއްވިގޮތުގެ ބަޔާނެއް ތަޙުގީގަށް ދެއްވިއެވެ. "އެވަގުތު އެކަށީގެންވާ ތަޢުލީމެއް ލިބޭނޭގޮތެއް ނެތުމާއެކު ރާއްޖެއިން ބޭރަށް ގޮސްގެން ވެސް އެ ކަންކުރެވެނީ ފައިސާވެރި ނުވަތަ ސަރުކާރުން ފޮނުއްވާ ކުރިއަށް ތިއްބެވި ބޭފުޅުންގެ ދަރިންނަށްކަމަށް ވާތީ އެފަދަ ވަސީލަތެއް ނެތުމުން ޙަމީދުއާއި އެހެން ވެސް ބައެއް މީހުން ސިލޯނުގައިތިބެން މަޖުބޫރުވީ ކިޔެވުމުގެ ބޭނުމުގައެވެ. ޙާލަތުގެގޮތުން ވިސާގެ ކަންތައް މުޅިން ހަމަނުޖެހި އޮތް ނަމަވެސް ސިލޯނަށް ދިޔައީ ޕާސްޕޯޓާއެކީ އެވެ. މިގޮތަށް ސިލޯނުގައި ތިއްބައި ދެކުނުގެ ހަމަނުޖެހުން ފެށުމާއެކު ސިލޯނުގައި ކިޔަވަންތިބި ދެކުނުގެ ތިން އަތޮޅުގެ 14 ކުދިން މާލެ ގެންނަވައި ގަވައިދާޚިލާފަށް ބޭރުގައި ކިޔަވަންތިބިކަމަށް ޝަރީޢަތުން ޙުކުމްކޮށް އުތުރުގެ އަތޮޅުތަކަށް އަރުވާލީއެވެ.

އޭގެ ފަހުން މިނިވަންވެ މާލެ އައިއިރު ހުވަދުއަތޮޅުގެ ފުރަތަމަ ހަމަނުޖެހުން ނައްތާލައްވައިފައި އޮތުމާއެކު އަތޮޅަށް ދެވޭތޯ އެތައް ފަހަރަކު މަސައްކަތްކޮށްގެން ވެސް އެ ކަން ނުވީމާ ބޮޑުންގެ ބޭފުޅެއްގެ އަރިހުގައި މި ކަމަށް އެހީތެރިވެދެއްވާތޯ ދެންނެވުމުން އެ ބޭފުޅަކު މި ކަމާއި އުޅުއްވުމުގެ ތެރޭ އެހެން ކޮންމެވެސް ބޭފުޅެއްގެ ނުރުހުންތެރި ކަމެއް މީގެތެރެއަށް ވަނެވެ. އެންމެފަހުން އަޅުގަނޑުމެން މާލޭގައި ބައިތިއްބުމުން އަމަނަށް ގެއްލުމެއް ވެދާނެކަމުގެ ނަމުގައި އަނެއްކާ ވެސް އުތުރަށް ފޮނުވައިލީއެވެ. އޭގެފަހުން މާލެގެންނެވީ ދުވަސްކޮޅެއްގެ ފަހުންނެވެ. އަދި ސަރުކާރުގެ ހުއްދަ ލިބިގެން އަތޮޅަށް ދިޔައީއެވެ."

މީގެއިތުރަށް ވެސް އެ ތަޙުގީގުގައި ގިނަ ވާހަކަތައް ޙަމީދު ވިދާޅުވިއެވެ. އޭގެ ފަހުން މައްސަލަ ޝަރީޢަތަށް ގޮސް މަރުގެނިޔާ އިއްވިއެވެ. ނިޔާ ކަނޑައެޅުމުން ވިލިގިލީ ޖަލަށް ބަދަލުވީއެވެ. ވިލިގިއްޔަށް ބަދަލުވުމަށް ފަހު، މަރުގެ ނިޔާއަށް ލުޔެއްދެއްވާތޯ ކީރިތި މަހާރަދުންނަށް ދެންނެވުމުން ޢުމުރު ދުވަހަށް ޖަލު ބަންދަށް ލުއިކޮށްދެއްވިއެވެ.

އޭގެ ދުވަސްކޮޅެއްގެ ފަހުން ޢަފޫ ޢާއްމެއްގައި ހުރިހާ ކުށްވެރިން ވެސް މިނިވަންވީއެވެ. މި ވާހަކަ ނިންމަވައިލައްވަމުން ޙަމީދު ވިދާޅުވިއެވެ. "އެ މައްސަލާގައި އަހަރެން ބަންދުވެ، މާލޭގެ ޖަލަށްލެވި، ތަޙުގީގު ނިމި، ޝަރީޢަތުގެ ނިޔާ އިއްވައި، އެ ނިޔާ ލުއިވެ، އޭގެ ފަހުން މާފުލިބި މިނިވަންވެ މި ހުރިހާކަމެއް ހިނގައި ނިމުނު އިރު އޭގެތެރޭ ސަތޭކަ ދުވަސް ހަމަ ނުވެއެވެ. މާތް ﷲގެ ރަޙުމަތްފުޅާއި ސަރުކާރުގެ ހެޔޮފުޅުކަން ވެސް ވަރަށް ބޮޑެވެ."

ތެދެކެވެ. އިންސާނާ ކުރާ ކަންކަމުން މިކަހަލަ ކަންކަން މެދުވެރިވުމާއި ހޯދައިގަތުމުގައި ވެސް އިންސާނާގެ ވިސްނުމާއި ބުއްދީގެބޭނުން ފުރިހަމަ ގޮތުގައި ހިފުމަކީ ވެސް ނުހަނު ބޭނުންތެރި ކަމެކެވެ. މިހެނީ އިންސާނާ ހެއްދެވި ފަރާތުން އޭނާއަށް ދެއްވައިފައިވާ އަގުނުކުރެވޭ ފަދަ އެންމެބޮޑު އެއް ނިޢުމަތަކީ ބުއްދިއެވެ. ވިސްނުމާއި ފިކުރެވެ.
            -------------------
ޢަބުދުﷲ ޙިލްމީ
19/2/2013