ދިވެހިރާއްޖެއަށް ނުދިޔުމަށް އިބްލީސް ނިންމުން















ބޭބެއެއްގެ ބޭސްފަރުވާއަށް އެ މީހާ ގޮވައިގެން ހިންދުކަރައަށް ދިޔަ ދިވެއްސަކާއި ބޮޑު ފައްޅިއެއް ހުންނަ ހިސާބަކުން މީހަކާއި ދިމާވިއެވެ. ބަލާބެލުމަށް އެއީ ދިވެހިންގެ މީހެކޭ ހީކޮށް އެ މީހާގެ ކައިރިއަށް ޖެހިލުމުން ދިވެހިބަހުން އެ މީހާ ބުންޏެވެ.

"ކަލެއަށް ތިޔަ ހީވިގޮތް އެހާ ގޯހެއްނޫނެވެ. މަށަކީ ކަލޭމެންގެ ރާއްޖޭގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަން ޖެހިގެން ވަރަށްގިނަ ދުވަހު އެ ތާނގައި އުޅުނު މީހަކީމެވެ. އެ މަސައްކަތުގެ ބޮޑުބަޔެއް މިހާރުވަނީ ނިމިފައެވެ. ދެންހުރި މަސައްކަތަކީ އެ ތާނގައި އަހަރެން ނެތްކަމަށް ވިއަސް މަޑުމަޑުން ހިނގަމުން ގޮސް ނިމުމަކަށް ދާނެ މަސައްކަތްތައް ކަމަށް އަހަންނަށް ގަބޫލުކުރެވޭތީ ކަލޭމެންގެ ރާއްޖެއަށް ދެން ނުދާން އަހަރެން މިހުރީ ނިންމައިގެންނެވެ."

މި ވާހަކަ ދައްކާ މީހަކީ ބޭރުން ދިވެހިރާއްޖެއަށް އައިސް ރާއްޖޭގައި ވިހި ތިރީސް އަހަރު ވަންދެން އުޅޭ މީހުނަށްވުރެ ދިވެހިބަހުން ވާހަކަދެއްކުމުގެ ގޮތްގަނޑާއި ވައްޓަފާޅި ރަނގަޅު މީހެކެވެ. 

މިހެންވެ، މި ކަމާއި ދިވެހިންގެމީހާ ޙައިރާންވެފައި ހުއްޓައި ދިވެހިންގެ ތެރެއިން ނަން މަޝްހޫރު ތިންހަތަރު މީހެއްގެ ނަން ކިޔައިފައި މިހާރު އެ މީހުން އެކަކު އަނެކާއާއި ގުޅޭ މިންވަރާއި އެ މީހުން ކުރަމުން ގެންދާ ކަންކަމާއި އޭގެ ސަބަބުން ތަނަށް އަންނަނީ ކޮންކަހަލަ ބަދަލުތަކެއްތޯ އެ މީހާ އަހައިލިއެވެ.

ދިވެހިންގެ މީހާ ބުންޏެވެ.
"އެ މީހުން އެބަ އުޅެއެވެ. އެއީ ބައެއްފަހަރު އޭގެ އެކަކު އަނެކާއާއި ހިފައިގަންނަ ހިސާބަށް ރުޅިވެރިކަން ގޮސް އެއްވެސް ގުޅުމެއް ގާތްކަމެއް ނެތް ބަޔެއްކަމަށް މީހުންނަށް ފެނުނަސް ޙަގީގަތުގައި ވަރަށް ގުޅުން އޮތް ބަޔެއްކަމަށް މިހާރު ވަރަށް ގިނަމީހުން ގަބޫލުކުރާ ބަޔެކެވެ. މި ދުވަސްވަރު އެކަހަލަ އަޑުތައް ވަރަށް ގަދައެވެ."

ދިވެހިބަހުން ވާހަކަދައްކާ ބޭރުމީހާ ބުންޏެވެ.
"ތިޔަ ބުނީ ރަނގަޅަށެވެ. އެ މީހުންނަކީ ވަރަށް ގުޅެންޖެހޭ ބަޔެކެވެ. ގުޅެންވާނެ ބަޔެކެވެ. ނުގުޅި ނުއުޅެވޭނެ ބަޔެކެވެ. އަދި އެއީ މިހާރު އަހަރެންގެ ނުހަނު ގާތް ބަޔެކެވެ. އެ ތާނގައި އަހަރެން ކުރި މަސައްކަތުގައި އަހަންނަން އެންމެބޮޑަށް އެހީތެރިކަން ފޯރުކޮށްދިނީ ވެސް އެ މީހުންނެވެ. އެހެންވެ އަހަރެން ވެސް އަހަރެންގެ ހިތްހެޔޮކަމާއި ގާތްކަން އެ މީހުންނަށް ފޯރުކޮށްދިނީމެވެ. މިހެންވެ އެ ތާނގައި އަހަރެންކުރި މަސައްކަތުގެ ބޮޑުބަޔެއް ވެސް މިހާރުވާނީ އެ މީހުންނާއި ޙަވާލުކޮށްފައެވެ. އެ މީހުން ވަރަށް ފަރުވާތެރިކަމާ އެކު އެ މަސައްކަތް ކުރަމުން ގެންދާނެއެވެ.

ކަލޭމެންގެ ރާއްޖޭގައި އަހަރެން ކުރި އެންމެބޮޑު މަސައްކަތަކީ އެ ވެށީގެ ދުޅަހެޔޮކަމަށްޓަކައި ކުރި މަސައްކަތެވެ. ވެށީގެ ދުޅަހެޔޮކަމާއި ހަށީގެ ދުޅަހެޔޮކަމާއި މިއީ ދެ ކަމެކެވެ. ވެށީގެ ދުޅަހެޔޮކަމުގެ ފައިދާ މިހާރު އެ ދަނީ ބާރު ސްޕީޑްގައި ފެންނަމުންނެވެ. އަހަރެން މި ބުނި ވެށީގެ ދުޅަހެޔޮކަމަށް އެކިމީހުން ކިޔަނީ އެކި ނަމެވެ. ގިނަ މީހުން ކިޔަނީ ޑިމޮކްރަސީއެވެ. މި ނަން ވެސް މުޅިއަކުން ގޯހެއްނޫނެވެ. އެހެނީ ބޭނުންވަނީ ކޮންމެހެން ނަމެއްނޫނެވެ. ބޭނުންވަނީ ކަމެވެ. އެ ކަން ހިނގަމުން އެހެރަ ދަނީ ނޫންހެއްޔެވެ. ޑިމޮކްރަސީގެ ބޭނުންތެރި ކަމާއި އޭގެ ސަބަބުން ޚޮދު އެ މީހުންނަށް ވެސް ލިބޭނޭ ފައިދާތައް އަހަރެން ވާނީ އެ މީހުންނަށް ނުހަނު ރަނގަޅަށް އޮޅުންފިލުވައި ދީ އެ މަގަށް އެ މީހުން ތަރުބިއްޔަތުކޮށް ހާނާފައެވެ. މިހެންވީމާ އެ ޑިމޮކްރަސީގެ ތެރެއިން ފެއަށް ޖެހިލުމަކީ މިހާރަކު އެ މީހުން ކުރާނޭ ކަމެއްނޫނެވެ. އަދި ކުރެވޭނޭ ކަމެއް ވެސް ނޫނެވެ. އަހަރެން ހީކުރި ވަރަށްވުރެ މާ މޮޅަށް އެ މީހުން އެ މަސައްކަތް އެބަ ކުރެއެވެ.

ދެނެހުރިންހެއްޔެވެ. ވެށީގެ ދުޅަހެޔޮކަން އާލާވެ ތަރައްގީގެ އުސް ކުންނުތަކަށް ދެވޭނީ ޒަމާނީ ޑިމޮކްރަސީގެ އައްސޭރިތަކަށް ފަސޭހަކަމާއި މިނިވަންކަމާ އެކު އިންސާނާއަށް ވާޞިލުވެވޭ މިންވަރަކުންނެވެ. މި ކަމަށްޓަކައި ވަކިވަކި ބައިތަކެއް ހެދި އެ ބައިތައް އެއްބަޔަކު އަނެއް ބަޔަކަށް ވުރެ ކުރި އަތުލުމަށް ގަދައަޅައި މަސައްކަތްކުރުން އައުލާކަން ބޮޑެވެ. މިހެންމެ މި ބައިތައް ކުރިއަރައި ދިޔުމުގައި އެ މީހުންގެ ތެރޭ ފޯރުންތެރިކަން ހުރި ފަރާތްތަކުން އެއަށްވުރެ ދަށް ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ ކުރަންޖެހޭ ކަމެކެވެ. 

މިކަހަލަ އެހީތެރިކަމަށް ރިޝްވަތާއި ފަސާދައިގެ ނަން އެކި ތަންތާނގައި ބޭނުންކުރިއަސް އަހަރެން ދެކެނީ އެއީ ޒަމާނީ ޑިމޮކްރަސީގެ އައްސޭރިތަކަށް ފަސޭހަކަމާއި މިނިވަންކަމާ އެކު ވާޞިލު ވުމަށްޓަކައި ކުރާ ލުއި ހޭދައެއް ކަމަށެވެ. މި ހޭދަ ކުރުމަށްޓަކައި ބޭނުންވާ ފައިދާގެ ތަނަވަސްކަން ޒަމާނީ ޑިމޮކްރަސީގެ ތެރެއިން ލިބެން އޮތް ގޮތަކުން ލިބެން އޮތް މަގަކުން ހޯދުމަކީ މައްސަލައެއް ނޫނެވެ. މިހެންމެ އެ ކަން ކުރެވެން އޮތް ޒަމާނީ ޑިމޮކްރަސީގެ ރިވެތި ހަމަތަކާ އެއްގޮތަށް ޒިންމާދާރު ކަމާ އެކު އެ ކަން ކުރުމަކީ ވެސް މައްސަލައެއް ނޫނެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

މި ކަން ކުރުމުގައި އެކި ފަހަރު އެކި ނަން ޚިޔާރުކޮށް ތަނުގެ އާބުހަވާއާއި ރައްޔިތުން އާސޯޚުކޮށް އެ މީހުންނަށް ވާނުވާ ނޭންގުން އައުލާކަން ބޮޑެވެ. މި ގޮތަށް ޚިޔާރުކުރާ ނަންނަމުގެ ތެރޭ ދީނުގެނަމާއި ގައުމުގެނަމާއި އެކި ގާނޫނުގެ ނަމާއި ފަޅުރަށްރަށުގެ ނަމާއި ކުތުބުޚާނާ ތަކުގެ ނަން ބޭނުން ކުރާށެކޭ ކޮންމެހެން އަހަރެން ނުބުނަމެވެ. އެކަމަކު އެ ނަންނަން ބޭނުންކުރަންޏާ ބޭނުންކުރުމަކީ ވެސް މައްސަލައެއް ނޫނެވެ. އެއީ ބޭރުފުށުގެ ނަމެކެވެ. ކަމަކީ އެތެރެފުށުގެ މުޅިން އެހެން ކަމެކެވެ. އެ ކަން އެ ކުރަނީތާއެވެ."

ބޭރުމީހާގެ ވާހަކަ ނިންމައިލަން ޖެހުނީ ފައްޅީގެ ރަނގަބީލުގެ އަޑަށް އެ ދިމާލަށް އެ މީހާ ހިނގައިގަތުމުންނެވެ. ހިނގައިގަންނަމުން ހިކި ހީލުމަކުން ހީލަމުން ބުންޏެވެ. "އަހަންނަކީ ކާކުކަން ކަލޭގެ ބޭބެއަށް އެނގުން ގާތެވެ. އޭނާކުރެން އަހައި ބަލާށެވެ. އެކަމަކު އެއީ އަހަރެންގެ ގާތް މީހެއްނޫނެވެ. އޭނާ އެ ހުރީ ޒަމާނީ ޑިމޮކްރަސީއާއި މާ ދުރުގައެވެ. އެހެން އުޅެގެން ތަރައްގީގެ އުސް ކުންނުތަކަށާއި ޒަމާނީ ޑިމޮކްރަސީގެ އައްސޭރިތަކަށް ވާޞިލު ނުވެވޭނެއެވެ." މިހެން ބުނެފައި ހިނގައިގަތީއެވެ.

ދިވެހިމީހާ އެ މީހުން ތިބޭ ހޮޓަލަށް ގޮސް އޭނާއާއި ތިމާގެ ބޭބެއަށް މި ވާހަކަ ކިޔައިދީފައި އެއީ ކާކުތޯ އެހީމާ ބޭބެ ބުންޏެވެ.

"ދެން އެއްގޮތަކަށް ވެސް އެ ހިސާބަށް ގޮސްގެން ނުވާނެއެވެ. އެއީ ކާކުކަން އެނގޭތޯ އަމިއްލައަށް ވިސްނޭތޯ ބަލާށެވެ. ނުވިސްނޭނަމަ ރާއްޖެއަށް ގޮސް އެއީ ކާކުކަން ބުނެދޭނަމެވެ. މާދަމާ ފުރަންޖެހޭ ނޫންހެއްޔެވެ."

ބޭބެ ބުނި ބުނުމަށް އެއީ ކާކުތޯ ވިސްނުމަކުން ވެސް އެއީ ކާކުކަމެއް ނޭނގުނެވެ. ވަނީ ޝައްކެކެވެ. އެއީ ދިވެހިރާއްޖޭގައި އޭނާގެ ގާތް ބައެއް މީހުންގެ ނަންތައް ބުނެދީފައި ވުމާއި އެ މީހުންގެ ކަންތައްތައް ހުންނަގޮތުންނެވެ.

އަނެއްދުވަހު ހިންދުކަރައިން ފުރައިގެން ހުޅުލޭ އެއަރޕޯޓްގައި ބޯޓް ޖެއްސުމުން ބޭބެ ބުންޏެވެ.

"ކޮއްކޮއާއި ބައްދަލުވެފައި އެވާ މީހަކީ އިބްލީސް ކަމަށް ބޭބެގެ ހިތް ބުނެއެވެ. އޭނާ އެ ހުރީ ސިފަ ބަދަލުކޮށްގެންނެވެ. އެ ނޫން އެހެން އެއްވެސް މީހެއްގެ ވާހަކަތަކެއް އެ ގޮތަކަށް ނުހުންނާނެއެވެ."
                           -----------------

ލިޔުއްވީ: މީމު ނޫނު
26 އޮކްޓޫބަރ 2015މ.