ބަޣާވާތެއްގައި ބައިވެރި ނުވުމަށް ކުރުވި ހުވާ"އަޅުގަނޑު، އިސްލާމްދީނަށާއި ދައުލަތަށް ތެދުވެރިވެ، ކިޔަމަންތެރިވުމަށާއި، ދައުލަތާ އިދިކޮޅު އެއްވެސް ފިތުނައެއް ބަޣާވާތެއްގައި ބައިވެރި ނުވުމަށް މާތްރަސްކަލާނގެ ރަސްކަންފުޅު ގަންދީ ހުވާކުރަމެވެ."

މި ހުވާގެ ޢިބާރާތަކީ ރާއްޖޭގެ ވަޒީރުންގެ މަޖިލިހުން ފާސްކުރައްވާފައިވާ ޢިބާރާތެކެވެ. މިހުވާ ލައިދެއްވީ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީއެވެ. ހުވާ ލައިދެއްވީ ދައުލަތުގެ ވަރަށް އިސް ބޭފުޅުންތަކެއްގެ ހާޒިރުގައެވެ. އޭގެ ތެރޭގައި ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމްއެފެއާޒް) އަލްފާޟިލް އިބްރާހީމް ރަޝީދު، ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ޝިހާބު، މަޙްކަމަތުއްޝަރުޢިއްޔާގެ ވެރިޔާ (މިނިސްޓަރ އޮފް ޖަސްޓިސް) އަލްފާޟިލް އަޙްމަދު ޒަކީ، ތަޙްޤީޤު ކޮމެޓީގެ މެމްބަރު އަލްފާޟިލް ޢަބްދުލްމަޖީދު މާހިރު، ތަޙްޤީޤު ކޮމެޓީގެ މެމްބަރު އަލްފާޟިލް ބަންދު މުޙައްމަދު ކަލޭފާނު، މަޙްކަމަތުލް އަމަންޢާންމު (މިނިސްޓްރީ އޮފް ޑިފެންސް) ގެ ވެރިޔާގެ ނާއިބުގެ ބަދަލު އަލްފާޟިލް ޢަބްދުލް ޙަންނާން ޙަލީމް ހިމެނިވަޑައި ގެންނެވިއެވެ.

ހުވަދޫ ބަޣާވާތާ ގުޅިގެން ސަރުކާރުގެ ދަށަށް ފުރަތަމަ ފަހަރަށް ހަވަރު ތިނަދޫ (މިހާރުގެ ގދ. ތިނަދޫ) ގެންނެވީ ވަޒީރުލް އަޢުޡަމް އިބްރާހީމް ނާޞިރު މޯލްޑިވްސްޓާރުގައި އެރަށަށް ވަޑައިގެން 1959 ޖުލައި 17 ވަނަ ދުވަހުއެވެ. އޭގެފަހުން އެރަށުގައި ދެވަނަ ފަހަރަށް ބަޣާވާތްކޮށް އޭރު އައްޑު އަތޮޅުގައި އުފައްދާފައި އޮތް ޣައިރުޤާނޫނީ ދައުލަތެއް ކަމުގައިވާ "ޔުނައިޑެޓް ސުވައިދީބު އައިލެންޑްސް" ގެ ދިދަ ދެވަނަ ފަހަރަށް ނެގިއެވެ. އެއީ 1961 ވަނަ އަހަރުގެ ޖޫންމަހުގެ 15 ވީ ބުރާސްފަތި ދުވަހެވެ. އެރޭ ރަށުގައި އަމަން ބެލެހެއްޓުމަށް ދިވެހި ދައުލަތުން ބައިތިއްބާފައި ތިބި ސިފައިންނާއި ސަރުކާރުގެ މުވައްޒަފުންނަށް ބޮޑެތި އަނިޔާތައްކޮށް ރޯނުންބަދެ އައްޑު އަތޮޅަށް ފޮނުވާލިއެވެ. 

މި ޚަބަރު ދިވެހި ދައުލަތަށް ލިބުމުން މާލޭގެ ފަޅުގައި އޮތް ގ. އަތޮޅު (މިހާރުގެ ހުވަދު އަތޮޅުގެ އުތުރުބުރިއާއި ދެކުނުބުރި) ގެ ރައްޔިތުން ގެނެސް ޖަލުގޭގައި ހައްޔަރު ކުރިއެވެ. މިގޮތުން ފުރަތަމަ މީހުން ހައްޔަރުކުރި ދުވަހުވެސް ފަޅުއޮޑިފަހަރުން 42 މީހުން ހައްޔަރު ކުރިއެވެ. މީގެ އިތުރުން މާލެތެރެއިން ގެނެސްގެންވެސް ބަޔަކު ހައްޔަރު ކުރިއެވެ. މި މީހުން ޖަލުގައި ހައްޔަރުކުރިއިރު މިބައި މީހުން ތިބީ ދިވެހި ސަރުކާރާ އެއްކޮޅަށްކަމެއް ނުވަތަ ދެކޮޅަށް ކަމެއް ނޭނގެއެވެ. މި މީހުން ތިބި ގޮތެއް ދެނެގަތުމަށް ދައުލަތުން މިބައި މީހުން ލައްވާ ހުވައެއް ކުރުވިއެވެ.  1961 ޖުލައި 12 ވަނަ ދުވަހުގެރޭ މަޙްކަމަތުލް އަމަންޢާންމުގެ ފެންޑާމަތީގައި ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ފުރަތަމަ ހުވާ ލައިދެއްވީ 45 މީހަކަށެވެ. އެމީހުން އެތަނަށް ގެންނަވައި ފުރަތަމަ އަލްއުސްތާޛު އިބްރާހީމް ޝިހާބު އެމީހުންނަށް ނަސޭހަތް ދެއްވުމުގެ ގޮތުން ވާހަކަ ދެއްކެވިއެވެ. "ހުވަޔަކީ ކޮން އެއްޗެއްކަމާއި ހުވާ ކުރުމަށްފަހު ދުވަހަކުވެސް އެއާ ޚިލާފުވެގެން ނުވާނެ ކަމަށާއި ޚިލާފުވެއްޖެނަމަ ހުރި ގެއްލުންތައް" ބަޔާން ކޮށްދެއްވިއެވެ. އަދި ހުވާ ކުރުމަށް ބޭނުންނުވާ މީހަކު ހުރިނަމަ އެމީހަކު އެއްކައިރިއަށް ޖެހުމަށް ވިދާޅުވިއެވެ. އެއްވެސް މީހަކު ހުވާ ކުރަން ބޭނުން ނެތިގެން އެއްކައިރިއަކަށް ނުޖެހެއެވެ. 

ދެން ހަމަޖެހިފައިވާ ގޮތަށް ޝައިޚް އިބްރާހީމް ރުޝްދީ ފަހަރަކު މީހަކަށް ހުވާ ލައިދެއްވަމުން ގެންދެވީއެވެ. އަދި އެއަށްފަހު ހުވާގެ ޢިބާރާތް ލިޔެފައިވާ ފޮތެއްގައި ކޮންމެ މީހަކުވެސް ސޮއި ކުރަމުން ގެންދެވީއެވެ. ސޮއި ކުރުވުމުގެ މަސައްކަތް ކުރެއްވީ މަޙުކަމަތުލް އަމަންޢާންމުގެ ސެކްރެޓަރީ ބުޗާގޭ ދޮންމަނިކެވެ.


ހުވާކުރި އެންމެން ޖަލުން ދޫކޮށްލައްވައި މާލޭގައި ބަންދު ކުރެއްވީއެވެ. ކޮންމެ ހޮނިހިރު ދުވަހަކު ހެދުނު މަޙްކަމަތުލް އަމަންއާންމުގައި އޮންނަ "މާލޭގައި ބަންދުކޮށްފައި ތިބޭ މީހުން ސޮއިކުރާ" ފޮތުގައި ސޮއި ކުރަން އަންގަވާފައެވެ. ޖެހިގެންއައިރޭ 11 މީހަކު ލައްވާ ހުވާކުރުވައި ސޮއިކުރުވިއެވެ. ޖުމުލަ 56 މީހުންގެ ތެރެއިން "ސަރުކާރާ އެއްކޮޅަށް ޚިދުމަތްކުރި" 5 މީހަކު ފާހަގަ ކުރެވިގެން އެ ފަސްމީހުން ވަގުތުން މިނިވަން ކުރައްވައި ދޫކޮށްލެއްވިއެވެ. އަދި އޭރު ނުކުތް "ފަތިސް" ނޫހުގައި އެކަން އިޢުލާންވެސް ކުރެއްވިއެވެ.
                     -------------------
28 ޖެނުއަރީ 2014
http://webcache.googleusercontent.com/search?q=cache:LzXuht_mSxYJ:addana.mv/10502+&cd=22&hl=en&ct=clnk&gl=mv