ލާ-މަރުކަޒީ ގޮތުން ވަރިކުރުން















ކުޑަދޮންތުގެ އަނބި ޙައްވާފުޅު ގާތުގައި މަނިކުބޭ ގޯތީ މަރިޔަނބު ބުނި އެއްޗަކުން ޙައްވާފުޅުގެ އެ ހުންނަ ރަސްމީ ރުޅިގަނޑު އޭގެ ޖަގަހައިން ކުއްލިއަކަށް ބޭރަށް ނުކުމެ ބުއްރާސް ކުކުޅެއްހެން ނައިބުކަލޭގެ (ޤާޟީ)ގެ ގެއާ ދިމާލަށް ދުއްވައިގަތެވެ.

(ކުކުޅުހައު ކުއްލިއަކަށް އަޑުގޮއްވަމުން އުދުހިގެންދާ ދިއުމަށް "ބުއްރާސް" ކިޔަ އެވެ. އަދި މަޖާޒީ ބަހެއްގެ ގޮތަށް ރުޅިގަދަ އަންހެނުން ރުޅިއައިސްގެން ހަޅޭލަވައިގަންނަ ގަތުމަށް ވެސް "ބުއްރާސް" ކިޔަ އެވެ.)

ނައިބުކަލޭގެ ގެ ހުންނަ މަގަށް ޙައްވާފުޅަށް ނުކުމެވުނުއިރު ގޭގެ ދޮރޯށި ހުޅުވާލައްވާފައި އެތެރަށް ވަންނަވަން ނައިބުކަލޭގެ އުޅުއްވަނީ އެވެ. ނަމަވެސް އެ މަގުގެ އުތުރުފަރާތުން އަންހެނެއްގެ ހަޅޭކުގެ އަޑު އިވިލައްވައިގެން އެ ދިމާލަށް ބައްލަވައިލެއްވިއިރު ކަމަކުދާކަށް ނެތެވެ. އަޑުގެކޮޅަށް (އަޑުގައިހުރި އެންމެ ބާރަށް) ހަޅޭލަވަމުން މާނޭވާލަމުން ދުވެފައި މިހިރަ އަންނަނީ އެއްކަލަ ޙައްވާފުޅެވެ. މި އަޑުފަށްގަނޑަށް ތަންގަނޑު މީހުން ވެސް މިވަނީ ކީއްތޯބަލަން މަގުމައްޗަށް ނުކުންނަނީ އެވެ.

ޙައްވާފުޅު އެ އައިގޮތަށް އައިސް "ދޮންތު އަހަރެން ވަރިކޮށްފިކަން ދެނަހުރީމުހޭ" ނައިބުކަލޭގެ ގާތުގައި އެހުމުން ނައިބުކަލޭގެ ޙައިރާންވެ ހުންނަވާފައި ބުނުއްވި އެވެ. 
"ނުދެނެހުރީމެވެ. ވަރިކުރީ ކޮންއިރަކުހެއްޔެވެ. 

"ޙައްވާފުޅު ބުންޏެވެ. "އާނ! ނޭނގޭނެ އެވެ. އެނގޭނީ ކިހިނަކުންހެއްޔެވެ. އެ ކަން ކުރީ ސިއްރުންނެވެ. މަނިކުބޭ ގޯތީ މަރިޔަނބު މަގޭ ގާތުގައި ބުނީ ވަރިކުރީ އެ އުޅޭ ޙަރީރާ ބުނެގެން އޭނާއާއި އިނުމަށްޓަކައި ލާ-މަރުކަޒީގޮތުންނެވެ. އެހެންވީމާ ލާ-މަރުކަޒީގޮތުން ކުރާ ވަރިއެއް ނޭނގޭނެ އެވެ. ބަލަ! ނައިބުކަލޭގެ މެން މި ލާމަރުކަޒީއެއް ހެދިފަހުން ހަމަޖެހިލައިގެން މި ރަށުގައި ބަޔަކަށް އުޅެވޭނޭ އެއްވެސް ގޮތެއް ނެތެވެ. ޖެހިޖެހީނުން މީހަކު ބިންމައްޗަށް ދަންމާލައިފާ ވެސް މި ދަންމާލީ ލާމަރުކަޒީގޮތުންނޭ، މި ކަމާ ކުރެވޭނެކަމެއް ނޯންނާނެޔޭ ބުނީމާ އެ ނިމުނީ އެވެ. ޙައިރާންވެ އެވެ." 

ނައިބުކަލޭގެއަކީ ޙައްވާފުޅުގެ ފިރި ކުޑަދޮންތުގެ ވެސް ރައްޓެއްސަކަށް ވުމާއެކު ޙައްވާފުޅުގެ އެ ހުންނަ ޒީލަގަދަ ރުޅިގަނޑު ވެސް އޭނާއަށް އެނގިލައްވަ އެވެ. އެހެންވުމާ އެކު، މި ދެމަފިރިންގެ ދެމެދުގައި ޖެހޭ ކުނިބުނީގެ ކަންތައް ޙައްލުކޮށްދެއްވުމަށް ވެސް ބައެއް ފަހަރު އުޅުއްވަން ޖެހިލައްވަ އެވެ. ޙައްވާފުޅާއި ކުޑަދޮންތުއާ ދެމަފިރީންގެ ދެމެދަށް ވަންނަ ކުނިބުނީގެ އެންމެބޮޑު މައްސަލައަކަށްވެފައި އޮންނަނީ ހަފުތާއެއްގެ ތެރޭ ހުކުރު ހޯމަ އަންނަ ގޮތަށް ހަފުތާއަކު ދެ ފަހަރު އެ ޙަރީރާއެއްގެ ރޯގާ ޙައްވާފުޅަށް ޖެހުމެވެ.

ޙައްވާފުޅު ދެއްކި ވާހަކަ އައްސަވަން ހުންނަވާފައި އޭނާގެ ކޮނޑުގައި އަތް ޖައްސަވާލައްވާފައި ނައިބުކަލޭގެ ބުނުއްވި އެވެ. "ލާ-މަރުކަޒީގޮތުން ވަރިކުރާ ގޮތެއް އަދި ކައިވެނިކުރާ ގޮތެއް ވެސް ލާ-މަރުކަޒީ ޤާނޫނުގައި ނޯވެއެވެ. އެ ޤާނޫނަކީ މުޅިން އެހެންކަހަލަ ޤާނޫނެއް ނޫންހެއްޔެވެ. އެހެންވީމާ އެ ޤާނޫނުގެ ދަށުން އެ ކަންކަމެއް ނުކުރެވޭނެ އެވެ.  ލާމަރުކަޒީއާއި ގުޅުވައިގެން ތިޔަކަހަލަ އަޑުއަޑު އެހާ ގަދަވެގެން އުޅެނީ ލާމަރުކަޒީގައި އެހެން ކޮންމެވެސް ކަންކަމެއް ހުރެގެން ކަމަށް ވެދާނެ އެވެ. އަޅާނުލާށެވެ. ތިޔަ ވަރިއެއްގެ ވާހަކަ ވާނީ، ދޮގަކަށެވެ. ގެއަށް ދާށެވެ."

ނައިބުކަލޭގެ އެ ގޮތަށް ބުނުއްވުމުން ގޮތަކަށް ހަމަޖެހިލައިގެން ހުރެ ޙައްވާފުޅު ގެއަށް ދާން ހިނގައިގަތީ ޝައްކެއްގައި ހުރެގެންނެވެ. އެހެންވަނީ ވެސް ސަބަބެއް އޮވެގެންނެވެ. އެހެނީ، އެ ބުނާ ޙަރީރާއަކީ ވެސް ހެދިހުރި ހަށިގަނޑާއި ވަނާތަކާއި ޝާއްބަކަން އާސްމާނަށް ގޮންޖަހާލެވޭ ވަރުގެ ރީތި އަންހެނަކަށް ވާތީ، ޙަރީރާގެ މޯހިރުގައި ކުޑަދޮންތުއަށް ޖެހެވުމަކީ ވެސް ނުވާނޭ ކަމެކޭ ބުނެވޭނީ ކާކަށްހެއްޔެވެ!؟
               -----------------

ލިޔުއްވީ: މީމު ނޫނު