ކަޅުހިންޏަށް ދުނިޔެ ރަންވުން











ބަހުގެ ހަމަތަކުން މިއީ މުޙާވިރާ ބަހެކެވެ. ސުރުޚީގައި އެބުނާ ޢިބާރާތު ތަފްޞީލަކީ، ރަންރިޔާލައެއްގެ މެދުގައި އޮތް ކަޅުހިންޏަކަށް އޭތީގެ ވަށައިގެންއޮތް މާޙައުލު ރަންކުލައިގައި ފެންނަ ވާހަކަ އެވެ. އޭތީގެ ނަޒަރުގައި މުޅިދުނިޔެ ވަނީ ރަންވެފަ އެވެ. އެކަމަކު އެ ރަންރިޔާލަ އޮތީވެސް ދުނިޔޭގައި އެވެ. ދުނިޔޭގެ ދެން އޮތް ބައެއް އެ ހިންޏަކަށް ނުފެނެ އެވެ.  ލޮލަށް ފެންނަ ދުރުމިން ވަރަށްސާފުކޮށް ފެންނަށް އޮތްކަމަށްވިއަސް ނުފެންނަ ދުރުމިނުގެ މަޢުލޫމާތެއް ނޭނގޭނެ އެވެ. 


ދިވެހިރާއްޖެއަށް ރޭޑިއޯ ތަޢާރަފުވީ 1970 ގެ އަހަރު ތަކުގަ އެވެ. މޫސުމާ ބެހޭ މަޢުލޫމާތު އެދުވަސްވަރު ރޭޑިއޯ އިން ފޮނުވަ އެވެ. އެ މަޢުލޫމާތުގައި ކިޔަނީ "ލޮލަށްފެންނަ ދުރުމިން ސާފު" ކަމަށާއި، ވައިޖެހޭ ދެއްސަޅާއި އަދި މިނޫނަސް އެފަދަ އެކަމާއި ގުޅުންހުރި މަޢުލޫމާތެވެ. އޭގެ ތަންކޮޅެއް ފަހުގެ ތާރީޚެއްގައި އެ ޢިބާރާތް ކިޔަނީ "ރާއްޖޭގެ ސީ އޭރިއާ ފޯކާސްޓް" އެވެ. ނަމަވެސް މިހާރު ކިޔަނީ "ރާއްޖޭގެ މޫސުމް ކުރިއަށް ލަފާކުރާގޮތް" މިގޮތަށެވެ.

ފެނުން: މިޖުމްލައިގެ މާނައަކީވެސް ހަމައެކަނި ލޮލަށް ފެނުމުގެ މާނައެއް ނޫނެވެ. ފެނުމުގެ މާނަ ހުރިހާ ޙިއްސުތަކާއި ގުޅިފައިވެ އެވެ. އެގޮތުން ލޮލަށް ފެނުން، ބުއްދިއަށް ފެނުން މިއީވެސް ދާދި އެއްގޮތް ކަންކަމެވެ.

އާދެ! އެއްކަމެއްގެ މައްޗަށް އަނެއްކަމެއްވެރިވުން، މިއީ ދެރަގޮތްތައް މެދުވެރިވުމުގެ އަސާސީ ބިންގަލެވެ. އެގޮތުން ފެންނަ ކަންކަމުގެ މައްޗަށް، ނުފެންނަ ކަންކަންވެރިވެ އެވެ. 2005 ގެ ސުނާމީ އަކީ އެފަދަ ކަމެކެވެ. އެއީ ވެދާނެކަމަށް ބެލިފައި ނުވާ ކަންކަން ތަޙައްމަލްކުރަން ޖެހުމެވެ. އަނދިރިކަމުގެ މައްޗަށް، އަލިކަން ވެރިވުމަކީ، ނަތީޖާ ބަދަލުކުރާ ކަމެކެވެ. އެމީހަކަށް ވާހަކަ ދެއްކޭނީ، އެމީހަކަށް އެނގިފައިވާ މިންވަރަކަށެވެ. އެމީހަކަށް ސާފުވާނީ، އެމީހަކަށް ލޮލާއި، ބުއްދިއަށް ފެންނަ ދުރުމިނެކެވެ. މިއާ ޚިލާފަށް ލޮލާއި، ބުއްދިއަށް ނުފެންނަ މިންވަރެއްގެ، ދަންނަކަމަށް ދެކިގެން ވާހަކަދެއްކުމާއި އަދި ޢަމަލުކުރުމަކީ، ހިލަގަނޑެއް، ފުށްގަނޑަކާއި އެއްވަރުކުރުން ކަހަލަ ކަމެކެވެ. އަދި އެއީ މާސިންގާ ކަނޑަކާއި، ސައިޖޯޑެއް އެއްވަރުކުރުމެވެ. ޢިލްމުގެ މަދު މިންވަރަކީ، ނުދަތުމާއި އެއްވަރު ކަމެކެވެ.

އެންމެބޮޑަށް ތަކުލީފް އުފުލަންޖެހޭ ބޭފުޅުންނަކީ، އެންމެބޮޑު ޢިލްމުވެރީންނެވެ. އިސްލާމީ ތާރީޚާއި ދުނިޔޭގެ ތާރީޚާއި އަދި ރާއްޖޭގެ ތާރީޚުންވެސް އެކަން ފެންނަށް އެހުރީ އެވެ. އެފަދަ ބޭބޭފުޅުންގެ ކުރިފުޅުމައްޗަށް، މަރުތޯ ނުވަތަ އުރެދުމެއްތޯ ޚިޔާރުކުރައްވާނީ، މި ދެކަން ހުށަހެޅުމުން ދެތުމުގެ ޢިލްމުވެރީން ޚިޔާރުކުރައްވާފައިވަނީ، މަރެވެ. މިއީ ވެސް އެފަދަ ބޭބޭފުޅުންގެ ޢަޤީދާގެ ގަދަފަދަކަން ޘާބިތުކޮށްދޭ އަލިގަދަ ހެއްކެކެވެ. މުއްސަނދި ޙާލަތާއި ފަޤީރު ޙާލަތު ހުށަހެޅުމުން ޚިޔާރުކުރައްވަނީ، ފަޤީރު ޙާލަތެވެ.

ރާއްޖޭގެ ތާރީޚުގައި އެންމެ މަޝްހޫރު ޢިލްމުވެރިޔާ މުޙައްމަދު ޖަމާލުއްދީން (ވާދޫ ދަންނަކަލޭފާނު) އެއީ ވެސް އެފަދަ ބޭފުޅެކެވެ. އާރާއި، ބާރާއި، މުއްސަނދިކަމާއި، ޖާހަށްވުރެ ބޮޑަށް ދަންނަކަލޭގެފާނު ބޭނުންފުޅުވީ، އެކަނިވެރިކަމާއެކު، ފަޤީރު ޙާލަތުގައި ފުށިރަށެއްގެ ވަލުތެރޭގައި ހުންނަވައިގެން ޢިލްމު ފެތުރުއްވުމަށެވެ. އޭރު ތަޚުތުގައި އިންނެވި ރަދުންނަކީ ބޮޑުތަކުރުފާނެވެ. އެހެންނަމަވެސް އެދުވަސްވަރަކީ، 16 ވަރަކަށް އަހަރަށް ދެމިގެންދިޔަ ޣައިރުދީނުގެ ވެރިކަމެއް ނިމުނު ހިސާބެވެ. އެހިސާބަށް އާދެވުނުއިރު ރާއްޖޭގައި ނުވަތަ މާލޭގައި ތިބިކަމަށް ތާރީޚު ހެކިދެނީ (ފާޅުގައި އިސްލާމްދީނަށް އުޅެންކެރޭ) ހައެއްކަ މީހުންނެވެ. ވުމާއެކު، އެފަދަ މާޙައުލެއްގައި އުޅުއްވުމަކީ، ޖާނަށް ނުރައްކާވެދާނެ ކަމެއްކަމަށް ފެނިވަޑައިގަންނަވާތީވެ، ފުރަމާލެ ދޫކޮށްލައްވައި އެހެން ދިމާއަކަށް ހިޖުރަކުރެއްވުން އެއީ އެންމެ ރައްކާތެރި ގޮތް ކަމަށެވެ.

އާދެ! މުޙައްމަދު ޖަމާލުއްދީނު (ނާއިބު ތުއްތު) އެއީ ވެސް ޙައްޤުގެ ބަސް ބުނުއްވައިގެން އަރުވާލެވުނު ބޭކަލެކެވެ. އެ އެއްބަސްވުމަކީ، އަޅުވެތިކުރުމުގެ އެއްބަސްވުމެއްކަމަށް ވާތީ، އެއްބަސްވުން ތަރުޖަމާކޮށް ނުދެއްވީވެސް އެތުއްތު އެވެ. އެއް ރަސްކަލަކު ތަޚުތުގައި އިންނަވަނިކޮށް، އަނެއް ރަސްކަލަކު އެ ތަޚުތުގައި ވެޑުވުން ހެޔޮނުވާނެކަމަށް ބުނުއްވީ ވެސް ހަމަ އެތުއްތު އެވެ. މިފަދަ ޢިލްމުވެރީންގެ ކަށިފުރޭނުމަށްފަހު، އެބޭފުޅުންގެ މޮޅުކަމުގެ ވާހަކަދައްކައި، އަޑުއުފުލުން އެއީ އާ ކަމެއް ނޫނެވެ.

މައްޔިތާއިގެ ޖަނާޒާގައިބައިވެރިވެ، މައިޔިތާއި އުފުލައި، އަދި ފަހަތުން ސަހަރާއަށް ދިއުން އެއީ ނުހަނު ގިނަގުނަ ދަރުމަ އާއި ޘަވާބު ހުރިކަމެއްކަމަށް ވިދާޅުވުމަށްފަހު ވެސް އެކަމަށް ފަސްޖޭގޮތްވުން އެއީ ކޮންފަދަ ދަތުމެއްތޯ ވެސް ސުވާލު އުފެދެ އެވެ.
                 ---------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި