އެޓޯލްސްގެ ބެންޗު ޓީމް











ބެންޗަކީ ބައެއްކަހަލަ ކުޅިވަރުތަކުގައި އެކަކަށްވުރެ ގިނަމީހުން ނުވަތަ ޓީމެއްކުޅޭނަމަ، އެ ޓީމެއްގައިހިމެނޭ ބަދަލު ކުޅުންތެރިންނާއި އެ ޓީމެއްގެ ކަންތައް ބަލަހައްޓާމީހުން ދަނޑުންބޭރުގައި ނުވަތަ ކުޅެން ހަމަޖެހިފައިވާ އިމުގެ ބޭރުގައި އިށީނދެގެން ތިބޭ ގޮނޑި، ދިގުގޮނޑި ފަދަ އެއްޗެހިކަމަށް ބުނެވެ އެވެ.

ބޮޑު އޮޑީގެ އެކި ދިމާލުން އެކި ކަންކަން ކުރައްވާ ގޮތުން ރައްޔިތުންގެ ފައިސާއިންކުރެވޭ ޚަރަދުތައް އެތައް ގުނަޔަކަށް ބޮޑުވެ އޭގެ ހިސާބުބަލާ މެޝިންތަކަށް ނުކުޅަދާނަވެގެން ގޮސް ރައްޔިތުމީހާގެ އަނގަޔާއި އަތާއި ދެމެދަށް އެކަމުގެ ދަތިތައް ވަދެގެންއުޅޭ ވާހަކަ އިވެމުންދިޔަ އެވެ. އޭގެ އެއްއަޑަކީ އެޓޯލްސްގެ ބެންޗްޓީމުގެ ކުޅުންތެރިންގެ މަހުމުސާރައާއި ޖޯޒީއާއި ފަރސްޓް އެއިޑާއި މެޗު ޕްރެކްޓިހާއި ކުޅުންއޮންނަ ގަޑީގެ ފެންފުޅިއާއި ޖޫހާއި ބިސްކޯދާއި މި ކަންކަމަށް ފައިސާގެ ޚަރަދުތަކެއް ހިނގަމުންދާތީ ރައްޔިތުމީހާގެ އަނގަޔާއި އަތާއި ދެމެދަށް މިތަކެތި ވަދަގެން އުޅޭ އަޑެވެ. އެޓޯލްސްގެ ބެންޗުގައި ތިބޭ ގިނަ ކުޅުންތެރިންނަކީ ގިނަ މެޗަށް ދަނޑަށްއަރުވައި ކުޅުވާ ބަޔެއްނޫން ކަމަށް ވެސް އަޑުތައް އިވެމުން ދިޔަ އެވެ. މެޗަށް ނާރުވަނީ އެ ކުޅުންތެރިންގެ ފިޓްނެސް ނެތީމާކަމަށް ވެސް ވެދާނެ އެވެ. 

ބުނެވެނީ އެޓޯލްސްގެ ބެންޗުޓީމުން ފެންނަމުން ދިޔަ ގިނަ ކުޅުންތެރިން ކުޅެއުޅުނީ ރާއްޖޭގައި ބޯޅަދަނޑުތައް ހަދައި އެ ތަންތާނގައި އިންސާނުން ކުޅެއުޅެމުގެ މާކުރިން ކަމަށެވެ. މިހެންމެ، ކުޅެއުޅުނު ބަޔަކު ކުޅެއުޅުނީ ވެސް ދަނޑުބިންތަކާއި ރާޅުޖަހާފަށުން ގޮނޑުދޮށުގަ އެވެ. އެހެންވީމާ އެޓޯލްސްގެ ބެންޗުޓީމު ދަނޑަށް އެރުވިއެއް ކަމަކު މިހާރުގެ ކުޅުންތެރިންނާ އެކީ ހިފަހައްޓާލެވެން ވެސް ނޯންނާނެތާ އެވެ. މިހެން މިކަންއޮތް އިރު އެއްވެސް ޓީމެއްގެ ބެންޗުގައި ބަޔަކު ބައިތިއްބައިގެން އެބައިމީހުންނަށް ރައްޔިތުންގެ ފައިސާތަކެއް ޚަރަދުކުރުން ވާނީ ކޮންކަހަލަ ކަމަކަށް ހެއްޔެވެ. އެއީ ރައްޔިތުންގެ ގިނަމީހުން ރުހޭކަމަކަށް ވާނެހެއްޔެވެ. ނުވާނެއެވެ.

އެޓޯލްސްގެ ބެންޗްޓީމަށް އެންމެބޮޑަށް ފާޑުވިދާޅުވި ބޭފުޅުން ވެސް ވިދާޅުވަމުން ގެންދެވީ ބަޔަކަށް ފައިސާތަކެއް ދިނުމުގެ ބޭނުމުގައި ބަޔަކު ހަމަ ގެންގުޅެނީ ކަމަށެވެ. އެ ބަޔަކީ ކަމަށްޤާބިލް އަދި ކަމަކަށްވާ ކަމެއް ކުރެވޭނޭ ބަޔެއްނޫން ނަމަވެސް ކަމެއްނެތް ނަމެއްގައި ގިނަ ފައިސާތަކެއް އިސްރާފުކުރަނީ ކަމަށެވެ. ވެރިކަމުގެ ފަރާތަށް ބޯގިނަކޮށް ވެރިކަމުގެ ބާރުގަދަކޮށް ވެރިކަމުގެ ބޮޑުންނަށް ސަނާކިޔައި އަދަބު ތަޢުޡީމުގައި ބަޔަކު ގެންގުޅެނީ ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ފައިސާތަކެއް ހޭދަކޮށްގެން ކޮށްގެންވާނޭ ކަމެއްނޫން ކަމަށެވެ. ރައްޔިތުންގެ އެހާގިނަ ފައިސާތަކެއް ވެރިން ހިތުހުރި ކަމަކަށް ހިތުހުރި ގޮތަކަށް ޚަރަދުކޮށްގެން ނުވާނޭކަމަށެވެ.


އެޓޯލްސްގެ ބެންޗުޓީމުގައި ތިބި ފޯވާޑުންނާއި މިޑްފީލްޑަރުންނާއި ޑިފެންޑަރުންނާއި ކީޕަރުންނާއި ކައްޕީންގެ ތެރެއިން އޭރު އެންމެގިނަ ދިމާލުން އަޑުއިވުނު ނަންތަކަކީ ސްޕެޝަލް ޑިއުޓީ އޮފިސަރުންނާއި ރާއްޖެތެރޭގެ ވަކީލުންނާއި ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިންނާއި އަތޮޅުއޮފީހުގެ އެހީތެރިންނާއި އޮފީސް އެސިސްޓެންޓުންގެ ނަމެވެ. މިއީ ރައްޔިތުންގެ ފައިސާ ބޭކާރުގޮތުގައި ޚަރަދުކުރާ ފައިސާގެ އިސްރާފު ބޮޑު ފަރާތްތައްކަމަށް އަޑު އިވެމުން ދިޔަ އެވެ.

އޮނަތިރީހުގެ ފަހަތަށް އޮންނަ ތިރީހުގެ އަހަރުތައް ނިމުމުން ދެން ގުނަންފެށުނު އަހަރުތަކާ އެކީ ބޮޑު އޮޑީގެ ހަފޮޅުން އެތެރޭގެ ބާރުގަދަ ހިސާބުގައި ތިއްބެވި ރައްޔިތުންގެ ފައިސާ އިސްރާފުކުރުމަށް ބޭނުންފުޅުނުވާ ބައެއް ފަރާތްޕުޅުތަކުން ރައްޔިތުންގެފައިސާ އިސްރާފުކުރެވޭ ދިމަދިމާލަކީ ކޮބައިތޯ ބެއްލެވި އެވެ. އޭރު އެޓޮލްސްގެ އިސްރާފު ބެންޗުޓީމު ވަނީ އެ ކުޅުންތެރިއެއްގެ އައިޑީގައި އޮތް އަތޮޅެއްގެ އަތޮޅު އެސޯސިއޭޝަންގެ ބެންޗަށް ބަދަލުކޮށްފައި ކަމުގެ އަޑު އިވެމުން ދިޔަ އެވެ. އަދި ކޮންމެ ފޮޔެއްގެ ހުކުރު ހޮނިހިރު ފިޔަވައި ޢާއްމުކޮށް ކޮންމެ ދުވަހަކުމެ ކުޅެންޖެހޭ މެޗުގެ ކޮންމެވެސް ހިސާބަކުން ނުކުޅެ ބެންޗުގައި އެއްވެސް ކުޅުންތެރިއަކު އިށީނދެގެން ނުތިބެވޭ ގޮތަށެވެ. 

ރައްޔިތުންގެ ފައިސާ އިސްރާފުކުރާ ބެންޗުޓީމުގެ ކުޅުންތެރިން މެޗަށް ނާރުވައި ދޫކޮށްލުމުގެ މަސައްކަތް ފެށުނީ ޤައުމަށްޓަކައެވެ. ރައްޔިތުންނަށްޓަކަ އެވެ. ކަމެއްނެތް ނަމެއްގައި ރައްޔިތުންގެ ފައިސާއިން ބޮޑެތިބޮޑެތި މުސާރަދީފައި ބަޔަކު ބައިތިއްބުމަކީ ހެޔޮވާވަރުގެ ކަމަކަށް ނުވުމުންނެވެ. މިހެންވުމުން އެ ކަމަށްޓަކައި ވިސްނަންޖެހޭ ބަޔަކު އެ ކަމަށް ވިސްނުމަކީ ވެސް ނެތްކަމެއް ނޫނެވެ. އޮތް ކަމެކެވެ. ވިސްނަންޖެހޭ ބަޔަކު އެ ކަމަށް ވިސްނަންޖެހޭ ވެސް މެ އެވެ. ކޮޅުނެތްކޮޅަށް ރައްޔިތުންގެ ފައިސާ އިސްރާފުވާތީ އެވެ. ފުރަތަމަބެލީ ބެންޗުޓީމުގެ ކުޅުންތެރިންނާ ބެހޭ ޑިސިޕްލިންގެ ނުވަތަ ކޮރަޕްޝަންގެ މައްސަލައެއް ކުޅުމުގެ އިދާރާއަށް ހުށަހެޅި ނުނިމި އޮތްތޯ އެވެ. އަތޮޅު އެސޯސިއޭޝަންގެ ބޮޑުމީހާއާއި ފޯނުން ގުޅައިގެންނެވެ. ބޮޑުމީހާ އެ ކަން ބެއްލެވިއެވެ. ބެއްލެވި ގޮތަކަށެވެ. އެ ގޮތަކީ ކޮބައިކަމެއް ނޭނގެ އެވެ. ބޮޑުމީހާ އޭނާ ޖަވާބު ދެއްވަން ޖެހިވަޑައިގަންނަވާ ފަރާތަށް ޖަވާބުދެއްވި ކަމަށް ވަނީ ކުޅުންތެރިއަކާ ބެހޭ އެފަދަ ކަމެއް ހުށަހެޅި މިހާތަނަށް ނުނިމި ނެތް ކަމަށެވެ.

މިހާވަރަކުން އަދި ނުނިމުނެވެ. ދެން ބޮޑުމީހާއަށް ޖެހިވަޑައިގަތީ އެސޯސިއޭޝަންގެ ޢާއްމު ފެކްސް މެޝިނާއި ވަކިން ބޮޑުމީހާގެ މޭޒުމަތީ އޭނާއަށް ޚާއްޞަ ފެކްސް މެޝިނެއްގެ ކައިރީ އިންނަވައިގެން އޭގެތެރެއިން ނުކުތް އަމުރުމަޢުރޫފުގެ ހޫނުކަން އަލިފާނަށްވުރެ ގަދަ ބޮޑު އޮޑީގެ އިސް ފަޑީގެ ބޮޑު ވެރިޔަކު ސޮއިކުރެއްވި ލިޔުމަކަށް އަވަސް މަގަކުން ޖަވާބެއް ދެއްވާށެވެ. އޭގައިވަނީ އާދަކޮށް ފުލްޓީމަށް ކުޅުނު ނަމަވެސް އެ ލިޔުމުގައި ފާހަގަކުރާ ބެންޗު ކުޅުންތެރިންގެ އެއްވެސް މައްސަލައެއް ހުށަހެޅިފައިވާ ނަމަވެސް، ނުނިމިވާ ނަމަވެސް، އަދި އެ ކުޅުންތެރިންނާ މެދު ހިތްހަމަ ނުޖެހުމެއްވާ ނަމަވެސް، ލަސްނުކޮށް އަވަހަށް އެންގުމަށެވެ.

މޫސަބޭ ކުޅެއުޅުނު އަތޮޅު އެސޯސިއޭޝަންގެ ބޮޑުމީހަކަށް އޭރު ހުންނެވީ ތަންކޮޅެއް ލަފާދާރު ބޭކަލެކެވެ. ކުޅުންތެރިންނަށާއި މޫސަބެއަށް ވެސް ކުލުނުހުރި ވަރަށްހެޔޮ މީހެއްކަމަށް މޫސަބޭ ދެކެ އެވެ. 

އެއްދުވަހަކު ބޮޑުމީހާގެ ޖަގަހައަށް ވަންނަޖެހޭ ކަމެއް ދިމާވެ މޫސަބޭ އެ ޖަގަހައަށް ވަނުމުން ވަރަށް ދެރަވެލައްވާފައި އެއްކަލަ ލިޔުން ދައްކަވަމުން ބޮޑުމީހާ ބުނުއްވީ މި ލިޔުމަށް ޖަވާބުދޭން ޖެހިއްޖެ އެވެ. ކަން އޮތްގޮތަށް ކަމުގެ ޙަޤީޤަތާއި އެއްގޮތަށެވެ. ޙަޤީޤަތާއި އެއްގޮތް ޖަވާބަކީ ކުރިން ވެސް ބޮޑުމީހާ ދެއްވަމުން ގެންދެވި ޖަވާބެވެ. ހުރިހާ ވާހަކައަކާއި ހުރިހާ ކަމަކާއި އެއްކޮށް ކަނޑައި ގުނަ ގެއްލީމާ ވެސް ނުކުންނަ ޖަވާބެވެ. "ކުޅުންތެރިންގެ ކަމެއް ނެތޭ" މިހެންނެވެ.

ދިޔަތާކަށް އަތޮޅު އެސޯސިއޭޝަންގެ ބޮޑުމީހާގެ ޖަވާބު ހިނގައްޖެ އެވެ. އެއްކަލަ އިސްރާފު ބޮޑު އެޓޯލްސްގެ ބެންޗް ޓީމް ކޮންމެ ދުވަހަކުމެ ފުލް މެޗަށް އެބަ ކުޅެ އެވެ. ނަމަވެސް ބޮޑު އޮޑީގެ އިސް ފަޑީގެ ބައެއް ދިމަދިމާލުން އެ މީހުން ކުޅުމަކަށް ބޭނުމެއް ނުވެއެވެ. މާބޮޑުކަމެއް ނެތި ކަނޑައެޅިގެން ބަޔަކަށް މުސާރައެއް ދިނުމުގެ ބޭނުމުގައި މަޤާމްތަކެއް ހަދަހަދައިގެން ބަޔަކު ލައްވައިގެން ރައްޔިތުންގެ ފައިސާއިން އެ މީހުންނަށް މުސާރަ ދިނުމަކީ އިންސާނުންނޭ ކިޔާ ބަޔަކު ކުރަން ހެޔޮވެގެންވާ ކަމަކަށްނުވާތީ އެވެ. އެއީ ތެދެކެވެ. އެއްގޮތަކަށް ވެސް އެހެންވެގެން ނުވާނެ އެވެ.

ދެންއައީ ހަރުދަނާ އީމާންތެރި ކަމަށް ކަމޭހީކުރާ އުޞޫލެވެ. މިއުޞޫލުން ނޫން އެއްވެސް ގޮތަކުން އެ ކަން ހަމަޖެހެން ނެތީމަ އެވެ. ބެންޗުޓީމަށް ރައްޔިތުމީހާމެންގެ އިސްރާފު ފައިސާ ކޮންމެހެން ހޭދަކުރަން ބޭނުން ނުވާތީ ޑިސިޕްލިނަކުން ކޮރަޕްޝަނަކުން އީމާނަކުން އިޙުސާނަކުން އެ ކަން ހުއްޓުވޭނޭ އެއްވެސް މަގެއް ނުފެނުމުން އެންމެފަހުން ހެދި ގޮތަކީ ބެންޗުޓީމުގެ ކުޅުންތެރިން ދަނޑުގައި ކުޅޭ މަޤާމްތައް އުވާލީ އެވެ. އޭގެ އިތުރަށް ބެންޗު ވެސް ރޫޅާލީ އެވެ. ފޯވާޑުންނާއި މިޑްފީލްޑަރުންނާއި ޑިފެންޑަރުންނާއި ކީޕަރުންނާއި ކައްޕީން ނެތި ފުޓްބޯޅަ ކުޅެވޭނެ ގޮތެއް ނޯންނާނެތާ އެވެ. އެބައި ނިންމާލީ ޤައުމަށްޓަކަ އެވެ.  އެ ނަމުގަ އެވެ. ރައްޔިތުންނަށްޓަކަ އެވެ. އެ ނަމުގަ އެވެ. ރައްޔިތު މީހާމެންނަށް ހެވަކަށެވެ. އެ ނަމުގަ އެވެ. ހެޔޮ ވިސްނުމުގަ އެވެ.  އެ ނަމުގަ އެވެ. އެބައިމީހުންގެ ފައިސާއިން އިސްރާފު ނުކުރަންވެގެންނެވެ. މިހުރިހާ ނަމެއްގަ އެވެ. 

ރަނގަޅު ނިންމުމެކެވެ. އެއީ ރައްޔިތުންގެ ފައިސާ ރައްކާތެރިކޮށް ބެލެހެއްޓުމާއި ބޭކާރުގޮތުގައި އެ ފައިސާ އިސްރާފުގެ މަގުން ހޭދަ ނުކުރުމަށެވެ. މިހެނީ ކަމެއްނެތް ހަމައެކަނި ނަމެއްގައި ކަނޑައެޅިގެން ބަޔަކަށް މުސާރަދިނުމުގެ ބޭނުމުގައި އޮފީސްތަކާއި މުއައްސަސާތަކާއި އެކި ތަންތަނާއި މަޤާމްތަކެއް ހަދަހަދައިގެން ބަޔަކު ލައްވައިގެން ރައްޔިތުންގެ ފައިސާއިން އެ މީހުންނަށް މުސާރަދިނުމަކީ އެއްވެސް މީހަކު ކޮށްގެން ނުވާނޭ ކަމެކެވެ. އެއީ ހަމަ ރަނގަޅު ގޮތެކެވެ. އެހެންވެގެން ނުވާނެ އެވެ. އެއީ އެއްވެސް ޒަމާނެއްގައި ދިވެހި ރައްޔިތުންގެ ގިނަމީހުން މަރުޙަބާ ކިޔާނޭ ކަމެއްނޫނެވެ. އެ މީހުން އެދޭނޭ ކަމެއްނޫނެވެ. އަދި އިންޞާފެއް ވެސް ނޫނެވެ.
            ------------------------

ޢަބުދުﷲ ޙިލްމީ
15 އޮކްޓޫބަރ 2009މ.