ހަވަރުތިނަދޫގައި ސިފައިން ތިބި މަރުކަޒުގެ އުނދޯލިގޭގައި އަލިފާން ރޯކޮށްލުން - 1961













ތިރީގައިވަނީ ހުވަދުއަތޮޅުގެ ތާރީޚީ މަޢުލޫމާތު މުއްސަނދި ބޭފުޅެއްކަމަށްވާ އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/ މަޑަވެލި ގެ ލިޔުއްވުމެކެވެ. މީގައިވަނީ މަޝްހޫރު ދެކުނުގެ ގަޑުބަޑާއި ގުޅިގެން ދެވަނަފަހަރަށް ހުވަދުއަތޮޅު ދިވެހިސަރުކާރާއި ވަކިކޮށްލި ރޭ ހަވަރުތިނަދޫގައި ސިފައިން ތިބި މަރުކަޒުގެ އުނދޯލިގޭގައި އަލިފާން ރޯކޮށްލި މީހަކު މަރުޙޫމް ނަޞީރަށް ކިޔައިދީފައިވާ ބައެއް ވާހަކަތަކެވެ. 

މަރުޙޫމް ނަޞީރަށް މިވާހަކަތައް ކިޔައިދީފައިވާ މީހާގެ ނަން ނަޞީރު ލިޔުއްވާފައިވީ ނަމަވެސް އެއީ މިހާރު ދުނިޔެ ދޫކޮށްފައިވާ މީހަކަށްވާތީ އެ ނަން މިހާރު ހާމަކުރުމުގެ މާބޮޑު ބޭނުމެއްނެތް ކަމަށް ދެކިގެން އެ ނަން ނުލިޔުނީ އެވެ.

މަރުޙޫމް ޢަލީ ނަޞީރަކީ ދެކުނުގެ ގަޑުބަޑާއި ގުޅިގެން ދެ ފަހަރަށް ހުވަދުއަތޮޅުގައި އުފެއްދި ހަމަނުޖެހުންތަކުގެ މަޢުލޫމާތު ވެސް އެކި ފަރާތްތަކާއި މީސްމީހުންގެ ކިބައިން ވަރަށް ތަފުޞީލުކޮށް ހޯއްދަވައިގެން ލިޔުއްވި ބޭފުޅަކަށްވާތީ މިހުރިހާ ލިޔުމެއް ވެސް "ގަލެހިރި" ސައިޓަށް ލިބިފައިވެ އެވެ. މަރުޙޫމް ނަޞީރަކީ "ގަލެހިރި" ސައިޓްގެ ކޯ ފައުންޑަރއެކެވެ.
                *************

އަޅުގަނޑަކީ، ސުވާދީބު ސަރުކާރުގެ ވަރަށް އިސް އަދި އެ ސަރުކާރުގެ (ރަށުގެ ނަން)ގެ ސިފައިންގެ މީހަކީވެސްމެ އެވެ. ބޮޑުވަޒީރު އިބްރާހިމް ނާޞިރު ފުރަތަމަފަހަރަށް ހަވަރުތިނަދުއަށް ވަޑައިގެންނެވި ދުވަހު "މޯލްޑިވްސްޓާރ" އާއި ދެކޮޅަށްދިޔަ މީހުންނާއެކު އަޅުގަނޑުވެސް ގޮސްހުރީ އެ ރަށު (ހަވަރުތިނަދޫގެ) ބަރާސިލުކޮޅުގަ އެވެ. އެ ބޯޓުން (ބަރާސީލާއި ގާތްކޮށްފައިވާ މޯލްޑިވްސްޓާރގެ ލޯންޗުން) އިންޒާރުދެމުން، އިންޒާރުތައް ވަރުގަދަކުރަމުން ގޮސް އެންމެފަހުން ބަޑިޖަހަން ފެއްޓީ އެވެ. ކުއްލިއަކަށް ކަރަށް ފިނިވިހެން ހީވެގެން އަތްލީއިރު ގަދައަށް ލޭ ފައިބަނީ އެވެ. އެއީ ވަރަށް ގާތުން ދިޔަ ވަޒަނެކެވެ. ރަނގަޅަށް ހޭވެރިކަންވީއިރު، އަޅުގަނޑު އޮތީ ގެއެއްގަ އެވެ. ކަންކަން ވަނީ މުޅިން ބަދަލުވެފަ އެވެ. އިބްރާޙިމް ނާޞިރު ހުންނެވީ އެ ރަށަށް ފައިބައިވަޑައިގެންނެވެ.

ދެން އަޅުގަނޑު ގެންދިޔައީ ސިފައިން މަރުކަޒުކޮށްގެން ތިބި ގެއަށެވެ. ނާޞިރު އަރިހުގައި އައި ބޭސްވެރިން ބޭސްގަނޑެއް އަޅުގަނޑުގެ ކަރުގައި އަޅާފައި ހުއްޓެވެ. ނަމަވެސް ލޭ މަނަލެއްނުވެ އެވެ. އެގޮތުގައި ހައެއްކަ ދުވަސްވީއިރު ވެސް ރަނގަޅެއް ނުވެއެވެ. ދެން އަޅުގަނޑުގެ މާމަ އެ ރަށަށް އައިސް ސިފައިންނާއި ވާހަކަދައްކައިގެން ބޭސް ކުރަން އެދެމުން އެމީހުން ހުއްދަ ދިނުމުން، ބޭސްކުރަން މާމަ ފެއްޓީ އެވެ. ނަމަވެސް ރަށަށް ދާކަށް ހުއްދައެއް ނުދެ އެވެ.

އެ ދުވަސްވަރު އަޅުގަނޑު ބަހައްޓާފައި ހުރީ ސިފައިންތިބޭ މަރުކަޒުގަ އެވެ. އެތަނުގައި ހުރިއިރު ކުރީ ސިފައިން ބޭނުންކުރާ ބަޑި ސާފުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގައި އަޅުގަނޑާއެކު އުޅުނީ، އެ ރަށު (މީހާގެ ނަން) އެވެ. އެބަޑިތަކުގައި ވަޒަން ނެތްކަން (ސިފައިން ފިޔަވައި) އެނގޭނީ އަޅުގަނޑުމެން ދެ މީހުންނަށް އެކަންޏެވެ. އެ ތަނުގައި ދުވަސްކޮޅަކު ބެހެއްޓުމަށްފަހު ރަށަށް ފޮނުވާލީ އެވެ.

ރަށުގައި އުޅެނިކޮށް އައްޑުއަތޮޅަށް ދިއުމުގެ ހުއްދަ އަތޮޅުއޮފީހުން ލިބުމުން "ވޮޓް" ބައްތެލިން އައްޑުއަތޮޅަށް ދިޔައީ އެވެ. އެ އަތޮޅަށް ގޮސް ޖަލްސާ ކުރުމަށްފަހު، ދެން އައީ ހަވަރުތިނަދޫގައި ތިބި ސިފައިން އެ ރަށުން ބޭލުމަށެވެ. ސިފައިންގެ ގެއަށް ޙަމަލަދޭން ދިޔަ ބައިގައި އަޅުގަނޑު ދިޔައީމެވެ. ސިފައިން ބޭނުންކުރާ ބަޑިތަކުގައި ވަޒަން ނެތްކަން ކުރިން އެނގިފައިވާތީ އެކަމުގެ ފައިދާ ވެސް ކުރި އެވެ. އެ ތަނުގައިހުރި އުނދޯލިގޭގައި ރޯކޮށްލީ ވެސް އަޅުގަނޑެވެ. އެފަހަރު އެ ރަށުގައި ތިބި ސިފައިންނާއި ސަރުކާރުގެ މީހުން ބަނދެގެން އައްޑުއަތޮޅަށް ގެންގޮސް އާރް.އޭ.އެފް. ގެ ސިފައިންނާއި ޙަވާލުކުރީ އެވެ. އޭގެފަހުން ރަށަށް އައިސް، އަނެއްކާ ވެސް ސުވާދީބު ސަރުކާރުގެ ޙަރަކާތުގައި އުޅެނިކޮށް ގައްދޫ ރައްޔިތުންނާއި، ހޯނޑެއްދޫ ރައްޔިތުން ސުވާދީބާއި ދެކޮޅުވުމުން، އެ ދެ ރަށަށް ވެސް ދިޔައީމެވެ. ދެވަނަ ފަހަރަށް އިބްރާޙިމް ނާޞިރު ހަވަރުތިނަދުއަށް ވަޑައިގަތުމަށްފަހު ރަށުގައި ހުއްޓާ  މާލެގެންގޮސް ޖަލަށްލައި، ފަހުން އަރުވާލީ އެވެ.

އާދެ! އަޅުގަނޑުމެން އެ ކުރީ ރަނގަޅުކަމެއް ނޫނެވެ. އޭރު އެ ކަންކަން ކުރެވުނީ، ހުވަދުއަތޮޅުގައި ތިބި ސުވާދީބު ސަރުކާރުގެ އިސް މީހުން ދިން ނުބައި މަޢުލޫމާތުގެ ސަބަބުންނެވެ. އެކަމުގެ ސަބަބުން ޒުވާން ޖީލެއް ހަލާކުވެ ދިޔައީ އެވެ. އަޅުގަނޑުމެން އެ އުޅުނުގޮތަށް އުޅެން އޭރުގެ ސަރުކާރުން ދޫކޮށްލިނަމަ، ދެކުނުގެ 3 އަތޮޅު މިރާއްޖޭގެ ބައެއްގެގޮތުގައި ނޯންނާނެ އެވެ. ނުވަތަ ވަރަށްބޮޑު ގެއްލުމެއް މިޤަވްމަށް ލިބުނީސްކަން ކަށަވަރެވެ. - (މަޢުލޫމާތު ދިން މީހާގެ ނަން)
                 ------------------
"ގަލެހިރި"
25 އޮކްޓޫބަރ 2016މ.