ތިނަދޫ އާބާދީ ފަންސަވީހާއި އެސްޓީއޯ ސަލީމް
ތިނަދޫ އާބާދީ ފަންސަވީސް ނިސްބަތްކުރެވެނީ 1962މ.ގައި ހަވަރުތިނަދޫން މީހުންބޭލުމުން 1966މ.ގައި އެރަށުގައި ވަޒަންވެރިވީ ބަޔަކު ވަޒަންވެރިވެ އެއާބާދީއަށް  25 އަހަރު ފުރުމަށެވެ.

ހަވަރުތިނަދޫ ބިމުގެ ދެވަނަ އާބާދީއަކީ 1962މ. ގައި ހަވަރުތިނަދޫން ބޭލި މީހުން އަނެއްކާ އަނބުރައި އެރަށަށް ގެންގޮސްގެން އެމީހުންނަށް ނިސްބަތްކުރެވޭ އާބާދީއެއްނޫނެވެ. ހަވަރުތިނަދޫން ބޭލި މީހުން އެރަށަކަށް އަނބުރައި ނުގެންދެއެވެ. ގެންދަން އުޅުނުކަމެއްވެސް އަޅުގަނޑު ނުދެނެހުރީމެވެ. ހުވަދުއަތޮޅުގެ ފަޅުރަށެއްގެގޮތަށް އޮތް ރަށެއްގައި ވަޒަންވެރިވުމަށް ބޭނުންބަޔަކަށް އެކަމުގެ ފުރުޞަތު ހުޅުވާލީމާ، އެރަށަށް ދިޔަބަޔަކު ދިޔައީއެވެ. ނުދިޔަބަޔަކު ނުދިޔައީއެވެ. 


އެސްޓީއޯ ސަލީމުގެ ނަމަކީ ދިވެހިރާއްޖޭގެ ފަހުގެ ސިޔާސީ ވެށީގައި މަޝްހޫރުވީ ނަމެކެވެ. މިލިޔުމުގެ ސުރުޚީގައިވެސް އެވަނީ އެނަމެވެ. އެސްޓީއޯ ސަލީމެވެ. އެސްޓީއޯ ވަޟީފާގައި އޭނާ އުޅުއްވުމުން އެނަމެއް ކިޔަން ފެށުނީއެވެ. ނަމަވެސް އެއީ ތިނަދޫ ނަރުގިސްވިލާ އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ސަލީމެވެ. އަޅުގަނޑަށް ފެނިފައިވާ ހިސާބުގައި ފެނިފައިވާ ގޮތެއްގައި މަރުޙޫމް ސަލީމަކީ ބަޔެއްގެހިތަށް ބަޔަކު ވައްދައިދީފައިވާ ފަދަ، ނުބައި ނުލަފާ  ބޭކަލެއްނޫނެވެ. ރަނގަޅު ބޭކަލެކެވެ. ފޯރުންތެރިކަމާއި ކުޅެދުންތެރިކަން ހުރި މިންވަރަކުން އެކަންކަމަށް ބޭނުންވާ ކުޅެދުންތެރިކަން ކުޑަ ފަރާތްތަކަށް އެހީތެރިވެދެއްވި ބޭކަލެކެވެ. ޢާއްމުކޮށް ރައްޔިތުންނަށް ފައިދާހުރި ކަންކަމާއި ސަރުކާރަށް ބޭނުންތެރި ކަންކަމުގާވެސް އެފަރާތްތަކަށް ބޭނުންފުޅުވީ ހިނދު ބަހާއި ޢަމަލުންވެސް އެކަންކަމަށް ވަރަށްބޮޑަށް އެއްބާރުލުން ދެއްވި ބޭކަލެކެވެ. ސަރުކާރުން އެކަންކަމަށް ބޭނުންފުޅުނުވީމާ އެކަންކަމުގައި ސަރުކާރާއި ދުރުގައި އުޅުއްވި ބޭފުޅެކެވެ. އެހެން ފަރާތްތަކުން އޭނާއަށް މިނެދޭ ނާޅިން ބޭނުންވެލައްވާނަމަ މިނެދޭން ރަނގަޅަށް އެނގިލައްވައެވެ. ކުރުކޮށް ދަންނަވާނަމަ މަރުޙޫމް ސަލީމަކީ އެމީހަކު އެދޭގޮތަކަށް އެމީހަކާމެދު ކަންކުރެއްވޭތޯ ބެއްލެވި ބޭކަލެކެވެ.

ތިނަދޫ އާބާދީ ފަންސަވީހުގެ މަސައްކަތް ފަށައި ހިނގަމުންދިޔަ އިރު ރަށު ފެންވަރުންނާއި އެމީހެއްގެ ފެންވަރުން އެއްބާރުލުން އެކަމުގައިއޮތް ނަމަވެސް އެމާޙައުލުގެ ބައެއް ދިމަދިމާލުން ކޮންމެވެސްވަރެއްގެ ތާށިކަމެއް އެކަމުގައި ހުއްޓެވެ. ހުރި ކަމެއްގައި ހުރި މިންވަރެއްގައެވެ. ނަމަވެސް އޭރުގެ އަތޮޅުވެރިޔާ މ.ނިޔަމި އަލްފާޟިލް އަޙުމަދު ރަޝީދު ގެންގުޅުއްވި ވިސްނުންފުޅެއްގެ ހަރުދަނާކަމުން އެކަންކަން ތިލަފަށަށް މުޅިންނާރައި ދޭތެރެއަކުން ބީހިލާ ދޭތެރެއަކުން ފުންވެލާ މިކަހަލަގޮތަކަށް ދިޔައީއެވެ. ތިނަދޫ އާބާދީ ފަންސަވީހުގައި ކުރަން ބޭނުންވި ހުރިހާކަމެއް އެކަންކަމުގެ އެންމެ ފުރިހަމަކޮށް ނުކުރެވުނަސް ކުރެވުނުކަމެއް ކުރެވި ނިމިގެން ދިޔުމުގާވެސް މަރުޙޫމް ސަލީމުގެ ފުރިހަމަ ދައުރެއް އޭގައިއޮތެވެ. ޙަގީގަތަކީ މިއީކަމަށް ވުމުން މިކަމަށް ދެބަސްވެ އެކި ތަންތަނުން އެކިވަރުގެ އެކި ކޮޅުކޮޅު އެމަރުޙޫމާ މެދު ހިއްލަންއުޅޭނީ ތިމަތިމާމެންގެ ޒާތީކަމެއްގެ ތެރެއިން އެކަމެއްކުރާ ބަޔެކެވެ. އެހެނީ 27 ޑިސެމްބަރ 2007މ. ގައި މުޙައްމަދު ސަލީމު ވަނީ ދުނިޔެ ދޫކުރައްވާފައެވެ.

ތިނަދޫ އާބާދީ ފަންސަވީސް ފާހަގަކުރުމުގެ މުނާސަބާގެ ބައެއް ފޮޓޯ


އަޅުގަނޑަށް މަރުޙޫމް ސަލީމް ތަޢާރަފުވީއްސުރެ އުފެދުނުގާތްކަން އަޅުގަނޑުގެ ފަރާތުން އެގޮތަށް ދެމެހެއްޓޭތޯ ބެލީމެވެ. ބައެއްފަހަރު ސަލީމު ސަރުކާރުގެ ބަންދުގައި ހުންނަވާއިރު އެގެޔަށް ވަދެލައި އުޅޭނޭ މީހުން ނުވެފައި އޮންނައިރުވެސް އޭނާއަށް ޒިޔާރަތްކޮށްލުމަށް އަޅުގަނޑު އެގެއަށްގޮސް އުޅެމެވެ. އެމަރުޙޫމްގެ ޢާއިލާއާއި އަދި ގިނަ ބަޔަކަށްވެސް އެކަން އެނގިފައި އޮންނާނެކަމަށް ހީކުރަމެވެ. އެކަމަކު މަރުޙޫމް ސަލީމާއި އަޅުގަނޑުގެ ގުޅުމަކީ ސަރުކާރުގެގޮތުން ސަރުކާރަށް ނުވަތަ ރައްޔިތުންގެގޮތުން ރައްޔިތުންނަށް އެއްވެސް ޚިޔާނާތްތެރި ކަމެއް ޣައްދާރު ކަމެއް ދުވަހަކުވެސް ނުވާގޮތަށް ބޭއްވި ގުޅުމެކެވެ. އަމިއްލަގޮތުން އިސްލާމީ ރިވެތި ގިއުގަނޑުތެރޭ ބޭއްވި އިޚުލާޞްތެރި ގުޅުމެކެވެ.

މަރުޙޫމް ސަލީމަކީ ސަރުކާރާއި ވެރިންނަށް ވަރަށްބޮޑު އެއްބާރުލެއްވުމާއި އެހީތެރިކަން ރައްދުކުރެއްވި ފަރާތެކެވެ. އެކަން ރަނގަޅަށް ދަންނާނޭ މީހުން ތިނަދޫގެ ބިމުގައި މިހާރުވެސް އެބަ ތިއްބެވެ. މަރުޙޫމް ސަލީމް ސަރުކާރާއި ފެޔަށް ޖެހިލެއްވީ ސަރުކާރުން އޭނާ ފެޔަށް ޖައްސާލެއްވީމައެވެ. ނޫންނަމަ، އެހެނެއް ނުވާނެއެވެ. އެސްޓީއޯގައި އޭނާ އަދާކުރެއްވި ވަޟީފާ ގެއްލިދިޔުމާއި މާބޮޑުކަމެއް ނެތި ސަރުކާރުގެ ބަންދުގެދަށަށް ތަފާތު އެތައް ފަހަރެއްގައި ގެންދެވުމާއި، ބަންދުވާ ބައެއް ފަހަރު އެބަންދެއްގައި ގެންދެވޭ އެހެން މީސްމީހުންނަށް ވުރެ އޭނާއަށް ކުރިމަތިވާ ބަންދުގެ ދަތިކަމާއި އުނަދގުލާއި މިހުރީ މަރުޙޫމް ސަލީމު ސަރުކާރާއި ފެޔަށް ޖެހިލެއްވި ކަންކަމެވެ. ތެދެކެވެ. އެއްފަހަރު ސަލީމުގެ ފަރާތުގައި ކަމެއް ނެތެކޭނޫނެވެ. ނަމަވެސް އެނޫން ފަހަރަކު އެފަދަބޮޑު ބަންދެއްވާން ޖެހޭ ފަދަ ޙަގީގީ އެއްވެސް ސަބަބެއް ސަލީމުގެ ފަރާތުގައި އޮތްކަމަށް އަޅުގަނޑަށް އެނގިފައެއް ނެތެވެ.

މަރުޙޫމް ސަލީމަކީ އެދުވަސްވަރުގެ ސަރުކާރާއި ފެއަށް ޖެހިފައިވާ މީހެއްކަމަށް ބަދަލުކޮށްލެއްވީ އެސަރުކާރުގެ މަތީފަޑީގައި ތިއްބެވި ނުފޫޒުގަދަ ބައެއް ފަރާތްޕުޅުންނެވެ. މިއީ ގިނަ ބަޔަކަށް އެނގިފައިވާނޭ ކަމެކެވެ. މަރުޙޫމް ސަލީމަކީ އޭރުގެ ސަރުކާރު ތަޖުރިބާކުރި ނޮވެމްބަރ 3 ގެ ބާޣީންނަށްވުރެ ވެސް ނުބައި މުޖުރިމަކު ކަމަށް އެސަރުކާރުގެ މަތީފަޑީގެ ބައެއް ދިމަދިމާލުން ތަރުޖަމާކުރިއެވެ. މިހެންވުމުން އޭނާއަށް އަމާޒުކުރެވުނު ބާޣީ ހޫނުގަޑު އަޅުގަނޑާ ހަމައަށްވެސް ފޯރިއެވެ. އެދުވަސްވަރު ސަރުކާރުގައި އަޅުގަނޑު އަދާކުރި ވަޟީފާގެގޮތުން އަޅުގަނޑުދެކެ ހިތްހަމަނުޖެހޭ ބައެއް ފަރާތްތަކުން އަޅުގަނޑު އަންދާލަނީ ސަލީމާއި ސަރުކާރާ ދެމެދު ރޯވެފައިވާ އަލިފާންގަނޑަށް އަޅުގަނޑު ކޮއްޕައި ވައްޓާލައިގެންނެވެ. މިހާތަނަށް އައިއިރު މުޅިން އަނދައި އަޅިޔަށްނުވެ އަޅުގަނޑު ހުރީ "ގެންދަވަންދެން" ހުންނާން ޖެހޭތީއެވެ.

އެދުވަސްވަރުގެ ސަރުކާރުން ތިނަދޫގެބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފުލުހުން އައިފަހަރެއްގާ އެކަން އަޅުގަނޑަށް އެނގުނީ އެދުވަހުގެ މެންދުރު އެގަޑީގައި ފުލުހުންގެ އިސް ވެރިޔަކު އަތޮޅުވެރިޔާއާއި ގުޅުއްވުމަށް އެދިވަޑައިގެން އޭރުގެ އަތޮޅުވެރިޔާ އަލްފާޟިލް ޢަލީ ޝަރީފުގެ ފޯނަށް ގުޅުއްވުމުން ޖަވާބެއް ލިބިވަޑައިނުގަތުމުން ފުލުހުންގެ އެވެރިޔަކު އަތޮޅުއޮފީހާއި ގުޅުއްވައި އޮފީހުގެ (ފުރާޅުދަށުގައި) އެވަގުތު ހުރި އިސްމީހަކާ ގުޅުއްވުމަށް އެދިވަޑައިގަތުމުންނެވެ. މިހެންވެ ފުލުހުންގެ އެވެރިޔާ އަޅުގަނޑާއި ގުޅުއްވައި ފުލުހުންގެ މަސައްކަތަށް އަތޮޅުއޮފީހުގެ އެއްބާލުން ދިނުމަށް އެދިވަޑައިގަތެވެ. އޭރު ފުލުހުން ތިނަދޫއަށް އައިސް ބައެއްފަރާތަތައް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިވެސް މެއެވެ. އޭރު ސަލީމު ހޯދަނީއެވެ. އޭރަކު ނުފެނެއެވެ. އެކަމަކު ސަލީމުއަށް އެކަންއެންގީ އަޅުގަނޑުކަމަށް ވެއްޖެއެވެ. އެހެންޏާވެސް އެވާހެން މިފަހަރުވެސް ދަރުގަނޑަކަށް އަލިފާނުގެތެރެއަށް އަޅުގަނޑު ކޮއްޕާލީއެވެ. މިފަހަރު އެހާވަރަކުން އެކަމެއް ނުނިންމައެވެ.

އޭގެފަހުން ސަލީމުގެ ބަދަލުގައި އެމްޑީޕީ ތިނަދޫއޮފީސް ހިންގަނީވެސް އަޅުގަނޑުކަމަށް ގަދަ ވައިރޯޅިއެއްހެން ސަރުކާރާއި ހަމައަށް ހިނގައްޖެއެވެ. ޖެހިގެން އައި ދުވަހު ސަރުކާރަށް ސަޕޯޓްކުރާ ކޮންމެވެސް ވެބްސައިޓެއްގައި އެވާހަކަ ނިކަންފަލަ އެހާމެ ހިމަ ހުދުކުލައިގެ ރަތް އަކުރަކުން ލިޔެވެސްފި އެވެ. އެކަމަކު މިއީ ދޮގެއްކަމާއި އަޅުގަނޑަކީ އެމްޑީޕީގެ ސަޕޯޓަރެއް ނޫންކަމާއި ސަރުކާރުގެ ސިއްރުތައް ސަލީމަށް ހާމަކޮށްދޭ މީހެއްނޫންކަން ރަނގަޅަށް އެނގޭނޭ އެމްޑީޕީގެ މީހުންވެސް ތިބޭނެތާއެވެ. 

އޮފީހެއްގެ ސަރުކާރުފަޅީގައި އިޚުލާޞްތެރިކަމާއެކު ހުރެ އެފަޅިން އެމީހަކު ބަލައިނުގަތުމަށް ވުރެ އެކަހަލަ ވަގުތެއްގައި އިދިކޮޅުފަރާތުގެ ބައެއްމީހުން އުފާވާނޭކަމެއް އޮންނާނެބާއެވެ. އެހެންޏާ އޭރުވެސް އަދި މިހާރުވެސް އެމްޑީޕީން އަޅުގަނޑު ބޭނުންވެގެން ނޫޅެއެވެ. އަދި އެހެން ޕީއަކުންވެސް އަޅުގަނޑު ބޭނުންވެގެން ނޫޅެއެވެ. މިހެންމެ އަޅުގަނޑަކީވެސް އެއްވެސް ޕީއެއްގެ މީހަކީމެއްވެސް ނޫނީމެވެ. ނަމަވެސް ކޮންމެބަޔަކުވެސް އަލިފާން އަންދަންވީމާ އަޅުގަނޑަކީ ދަރުގަނޑަކަށް ބޭނުންކުރަނީ ތޯއްޗެކެވެ.

މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ މަރުޙޫމް މުޙައްމަދު ސަލީމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ.

ނޯޓެއް:

މިލިޔުމުގައި ބޭނުންކޮށްފައިވާ ފޮޓޯތަކުގެ އިތުރު ތަޢާރަފު ހޯއްދަވާނީ ކިޔުންތެރިން އަމިއްލަފުޅަށެވެ. ތިނަދޫ އާބާދީ ފަންސަވީހުގެ ބައެއްފޮޓޯ މިލިޔުމުގައި ބޭނުންކުރީ އެމުނާސަބާގެ ޙަރަކާތްތަކާއި މިލިޔުން ނިސްބަތްކުރެވޭ ފަރާތާއި ހުރި ގުޅުމުގެ ބޮޑުކަމަށްޓަކައެވެ. މިލިޔުމުގައި އެވަނީ ކޮންކަހަލަ ސުރުޚީއެއްތޯ ކިޔުންތެރިންގެ ހިތްޕުޅުގައި ސުވާލުއުފެދުން އެކަށީގެން ވިޔަސް އެސުރުޚީއާ މެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ސުވާލެއްނެތެވެ. ކަށަވަރުވާކަމަކީ ތިނަދޫ އާބާދީ ފަންސަވީހުގެ ހުރިހާކަމެއް ބައިބައިކޮށް އެކަމާއުޅުނު މީސްމީހުންނަށް ބަހައިފިނަމަ، މަރުޙޫމް ސަލީމަށް ލިބިލައްވާ ބައި ކުޑަނުވާނޭކަމެވެ. 
              -----------------------

ޢަބުދުﷲ ޙިލްމީ
“havaruonline” - 2009