ހުވަދޫ ތިނަދޫ ހުކުރުމިސްކިތަށް ރަޙުމަތުގެ ހިޔާވެހިކަމެއް

ޕޯޗްގީޒުންގެ ސަތާރައަހަރުވީ ލާއިންސާނީ ކާފިރު އަޅުވެތިކަމުގެ ދަށުން ދިވެހި އުއްމަތް ސަލާމަތްކުރެއްވުމަށް ފަހު، ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅެއްގައި ތިނަދޫއަށް ވަޑައިގަތްއިރު، ތިނަދޫގައި ޣައިރުދީނުގެ ބަޔަކު ތިބެ، އެ ބަޔަކު އަޅުކަންކުރާ ތަނެއްވެސް ތިނަދޫގައި ހުއްޓެވެ. އެ ދަތުރުފުޅުގައި އެ ރަދުން ގޮވައިލެއްވި ތައުޙީދުގެ ގޮވައިލެއްވުމަށް ތިނަދޫގައި ތިބި ބަޔަކު މާތްވެގެންވާ އިސްލާމްދީން ޚިޔާރުކުރުމަށްފަހު، އެބައިމީހުން ނަމާދުކުރާނޭ ފުރަތަމަ މިސްކިތަކަށް ހަމަޖެއްސެވީ، އޭގެ ކުރިން ޣައިރުދީނުގެ އަހުލުވެރިން އަޅުކަމަށް ބޭނުންކުރި ތަނެވެ. މުސްލިމުން އަޅުކަންކުރާ މިސްކިތަކަށް އެ ތަން ބަދަލުކުރެއްވީ، ޣައިރުދީނުގެ އަސަރުތައް އެ ތަނުންފުހެލައްވައި އާބާތުރަ ފިލުއްވުމަށްފަހުއެވެ.

ފަހުން އެ ތާނގައި އަލުން މިސްކިތެއް ވެސް ޢިމާރާތްކުރެވުނެވެ. އޭރުއްސުރެ 1962މ. ގައި ތިނަދޫއިން މީހުންބޭލުމާ ހަމައަށް ވެސް، އެ ތާނގައި ހުރި މިސްކިތުގެ ފޮޓޯ މިލިޔުމުގައި ހިމަނައިލީމެވެ.

އެ ފަހަރު، ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް މާލެ ވަޑައިގެންފައި، ތިނަދޫގައި އެކަށީގެންވާ އެހެން މިސްކިތެއް ވެސް ބިނާކޮށްދެއްވިއެވެ. އެއީ ތިނަދޫގައި މިހާރު ބަންދުކޮށްފައިވާ ހުކުރުމިސްކިތް ހުރި ތާނގައި ބިނާކުރެއްވި މިސްކިތެކެވެ. އޭގެ ގިނަ އަހަރުތަކެއްގެ ފަހުން ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ބިނާކޮށްދެއްވި މިސްކިތުގެ ޖާގަކުޑަވެ، އެ މިސްކިތުގެބޭރުން ފަހުން މިސްކިތް ބޮޑުކުރި ނަމަވެސް، އެ ރަދުން ބިނާކޮށްދެއްވި މިސްކިތުގެ ބިނާގެ އަސަރު، މިހާރު އެ ހުރި ހުކުރުމިސްކިތުގެ އެތެރެއިން ފެންނަން ހުންނާނެ ކަމަށް ބުނެވެއެވެ. ތިނަދޫގެ ހުކުރުމިސްކިތުގެ ނަން ނިސްބަތްވަނީ ވެސް އުތީމު ރަދުންނަށެވެ. "މަސްޖިދުލް ޣާޒީ މުޙައްމަދު" އެވެ.


1962މ. ގައި ތިނަދޫން މީހުން ބާލައި 1966މ. ގައި ދިވެހިންގެ ބަޔަކު ތިނަދޫގައި ވަޒަންވެރިވުމާ ހަމައަށް، ތިނަދޫ ހުކުރުމިސްކިތުގައި ޢާއްމުކޮށް ނަމާދުކޮށް ނޫޅެއެވެ. އެ ދުވަސްކޮޅު އެ މިސްކިތުގައި ނަމާދުކުރި ނަމަ، ނަމާދުކޮށްފައި ވަނީ ފަޅުރަށެއްގެ ގޮތުގައި ތިނަދޫ ބަލަހައްޓަން ތިބި ބަޔެކެވެ. އޭގެފަހުން 1966މ. ގައި ދިވެހިންގެ ބަޔަކު ތިނަދޫގައި ވަޒަންވެރިވުމާ ގުޅިގެން އަނެއްކާ ވެސް އެ މިސްކިތުގައި ނަމާދުކުރަމުން ގޮސް، 2009މ. ގައި އެ މިސްކިތުގެ ތެރޭ މިނިކަށި ހުރިކަމަށް ބަޔަކު ބުނެ، އެ ބަޔެއްގެ ބާރުގައި އެ މިސްކިތް ބަންދުކުރުމުން އެހެން ހުރެ، މިސްކިތް ސުންނާފަތިވަމުން ނުވަތަ ސުންނާފަތިކުރަމުން އެ ދަނީއެވެ.


މީގެ އެތައް އަހަރެއްގެ ކުރިން، ތިނަދޫ ހުކުރުމިސްކިތް ބިނާކޮށްފައި ވަނީ، ޤަބުރު ވަޅުލައިފައިވާ ޤަބުރުސްތާނެއްގައި ނޫނެވެ. އެފަދަ އެއްވެސްކަމެއް ނެތް ބިމެއްގައެވެ. ނަމަވެސް އޭގެފަހުން އައި ދުވަސްތަކުގައި މިސްކިތް ބޮޑުކޮށް، މިސްކިތުގެ ތަރަހައަށް އަންނަމުން ދިޔަ ބަދަލުތަކުގެތެރޭ، މިސްކިތާއި ގާތުގައި ކުރީ ޒަމާނުގައި ވަޅުލައިފައިވާ ޤަބުރުގެ ބަޔެއް ނަމަވެސް މިސްކިތުގެ އިމަށް، ނުވަތަ ފަހުން މިސްކިތް ބޮޑުކުރި އިމުގެ ތެރެއަށް ވަދެފައިވުމަކީ ވެދާނެކަމެކެވެ. މިރާއްޖޭގެ ބައެއް މިސްކިތްތަކުން ވެސް އެފަދަ ކަންކަން ފެނެއެވެ. ނަމަވެސް އެ ތާކުން މިނިކަށިނަގައި ނަމާދުކުރުން ހެޔޮވާގޮތަށް ހަދަނީއެވެ. މިހެން ވިޔަސް، މި މިސްކިތުގައި މި ކަމެއް ކުރާނެ ބަޔަކު ނެތި، ނުވަތަ ކުރެވޭނޭ ބަޔަކު މި އުޑުދަށުގައި ތިބިކަމަކަށް ނުވެ، ފަސް އަހަރެއްހާ ދުވަސް، ވޭތިވެ ހިނގައްޖެއެވެ.

ތިނަދޫގެ ރައްޔިތުންގެތެރެއިން އެތައް ބަޔަކު ވެސް އެ ކަމަށްއެދޭތީއާ އެކު، ތިނަދޫ ހުކުރު މާމިސްކިތުގައި އިސްލާމުންނަށް ނަމާދުކުރެވޭނޭގޮތެއް ހައްދަވައިދެއްވާތޯ، ދިވެހިރާއްޖޭގެ އޭރުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދުގެ ކަންފަތްޕުޅާއި ހަމައަށް އެ ވާހަކަ ގެންގޮސްދޭނޭ ކޮންމެވެސް މީހަކު މިބިންމަތީގައި ލެއްވުމަށް އެދި، 26 އޯގަސްޓް 2011 ގައި "ހަވަރު އޮންލައިން"ގައި ވެސް އަޅުގަނޑު ލިޔެފައިވާނެއެވެ.

"ޢިއްޒަތްތެރި ރައީސެވެ. މިއީ ކުޑަކަމެއް ނޫނެވެ. ވަރަށްބޮޑު ކަމެކެވެ. އެކަން ހަނދުމަފުޅު ކުރެއްވުން އެދެމެވެ. މަނިކުފާނާއި މިވަގުތު މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ، ބަޔެއްގެ މިކަހަލަ ކަންތައްތައް ޙަވާލުކުރައްވައި މަތިކުރައްވާފައިވާ، ދިވެހި އިސްލާމް ރައްޔިތުންގެ ގިނަބަޔަކު މި ވާހަކަ މަނިކުފާނުގެ އިސްލާމީ ވަޒީރަށް އެތައްފަހަރަކު ދަންނަވައިފިއެވެ. އެ ކަމަށް އެއްވެސް އަލިމަގެއް ނުފެނުނެވެ. އެ ދެ މިސްކިތް (އޭރު ދެ މިސްކިތް ބަންދުކޮށްފައި ހުއްޓެވެ.) އެ ހުރީ، ވަރަށްގިނަމީހުން ދިރިއުޅޭ ސަރަޙައްދެއްގައެވެ. އެ ދެ މިސްކިތަށް ގޮސް މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޢިބާދާތު ނުކުރެވުމުގެ ދަތިކަން އިސްލާމުންގެ ބަޔަކަށް އިންތިހާއަށް ބޮޑުވެއްޖެއެވެ. އެ ދެ މިސްކިތް ބަންދުކޮށް ފަޅުކޮށް، މުޅި ހިސާބުގަނޑު އަނދިރިކޮށް، ނާމާންކޮށް، ވަގުންނާއި ލުޓޭރުންގެ އަވަށްގަނޑަކަށް، އެ ހިސާބު ވެއްޖެއެވެ. މަނިކުފާނު ތިނަދޫގައި ހުންނަވަނިކޮށް މި ވާހަކަ ދެންނެވުނު ނަމަ، މިސްކިތް ސަރަޙައްދުގެ ހަމައެކަނި ރޭގަނޑުގެ ޙާލަތު ނަމަވެސް ބައްލަވާލެއްވުނީހެވެ.

ޢިއްޒަތްތެރި ރައީސެވެ. ދަންނަވަން މިއުޅެނީ، މުސްލިމުންގެ އެތައްބަޔަކު އެކަމަށް ނުހަނުބޮޑަށް ބޭނުންވެފައިވާ ކަމެކެވެ. ތިނަދޫ ޖޭނެސްޓް އަލްފާޟިލް މުޙައްމަދު ޒުހައިރު ވެސް އެތައްބަޔެއްގެ ފަރާތުން މަނިކުފާނަށް މީގެކުރީން ދަންނަވާފައިވާ ވާހަކައެކެވެ. އެދުވަހު އޭނާ އެ ވާހަކަ ދެންނެވީމާ، ވަގުތުން އިސްލާމީ ވަޒީރާއި ގުޅުއްވޭތޯ މަނިކުފާނު އުޅުއްވިކަމީ، އުފާކުރަންޖެހޭ ކަމެކެވެ. ނަމަވެސް އޭރު ގުޅުއްވޭގޮތެއް ނުވީމާ، އެ ކަން ނޯޓްކުރައްވައި އެ ކަމާއި އުޅުއްވާނޭ ވާހަކަފުޅު ވިދާޅުވިއެވެ. އޭގެފަހަކުން އެ ކަމުގެ ޚަބަރެއް ރައީސްގެ ފަރާތްޕުޅުން، ނުވަތަ ރައީސް ވިދާޅުވެގެން އެހެން ފަރާތަކުން ވެސް ޒުހައިރަށް ލިބިލައްވާފައި ނުވެއެވެ."

ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދުގެ ކަންފަތްޕުޅާއި ހަމައަށް އެ ވާހަކަ ގެންގޮސްދޭނޭ ކޮންމެވެސް މީހަކު މި ބިންމަތީގައި ލެއްވުމަށް އެދި، 26 އޯގަސްޓް 2011 ގައި "ހަވަރު އޮންލައިން"ގައި އަޅުގަނޑު ލިޔުނު ލިޔުމަށް ވެސް އިޖާބައެއް ލިބޭ ތަނެއް ނުފެނިވަނިކޮށް، 2013ގެ ރިޔާސީ އިންތިޚާބަށް އެކި ބޭބޭފުޅުން ކުރިމަތިލެއްވުމާއި ގުޅިގެން އެ ބޭބޭފުޅުން ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުތަކުގައި އެ ރަށްރަށާއި އަދި އެ ރަށްރަށުގެ ވަކިވަކި އަފުރާދުންނަށް ވެސް ބޭނުންވެފައިވާ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމުގެ ވަޢުދާއި ޢަހުދު ކުރައްވަމުން ގެންދަވާތީ، އެ ދުވަސްވަރު "ގަލެހިރި" ސައިޓް މެދުވެރިކޮށް ވެސް، ތިނަދޫ ހުކުރުމިސްކިތުގެ ކަންތައް އެ ބޭފުޅުންގެ ސަމާލްކަމަށް އަޅުގަނޑު ގެނައީމެވެ. މިހެންމެ، ތިނަދޫގެ ހުކުރުމިސްކިތަށް މެދުވެރިވެފައިވާ ކަންތައް ފޮޓޯ މެދުވެރިކޮށް ވެސް، "ގަލެހިރި" ސައިޓް ބައްލަވާ ބޭފުޅުންގެ ސަމާލްކަމަށް އަޅުގަނޑު ގެނައި ގޮތަށް މިއަދާހަމައަށް ވެސް އެ ވަނީއެވެ.

މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ، މި ބިންމަތީގައި ލެއްވި އިންސާނުންނަށް އެކި ފަހަރު އެކި މިންވަރުގެ ބާރުތަކާއި ކެރި ފޯރުންތެރިކަން ދެއްވުމުގައި އެ މަތިވެރި ފަރާތްޕުޅުގެ ޙިކްމަތްވަންތަ ކަމާއި، ދެނެވޮޑިގަތުން ބޮޑުކަމާއެވެ.

ތިނަދޫގެ ހުކުރުމިސްކިތް ބަންދުކޮށް މިސްކިތް ސުންނާފަތިކުރަމުން ދާތާ، ފަސް އަހަރުވެގެންދާ އިރު ވެސް، މި މިސްކިތުގައި އިސްލާމުންނަށް ނަމާދުކުރެވޭނޭ ގޮތެއް ހަމަނުޖެހި ގޮސްފައި ވަނީ، އެ މިސްކިތުގައި ނަމާދުކުރުމަށް ނުފޫޒާއި ބާރުގަދަ ބަޔަކު ބޭނުންނުވުމުގެ ސަބަބުން ކަމަށް ބަލަންޖެހެއެވެ. ޙަގީގަތަކީ މިއީ ނޫންތޯއެވެ. ރާއްޖެ މިދެކޭ ނަމޫނާ ޑިމޮކްރަސީގެ ތެރޭގައި މިސްކިތްތައް ބަލަހައްޓަވަނީ އެ ރަށެއްގެ ކައުންސިލުންކަމަށް ވެފައި، ތިނަދޫ ހުކުރުމިސްކިތް ބަންދުކޮށްފައި ހުރީ އެ މިސްކިތްތެރޭ މިނިކަށި ހުރެގެން އެ ކަށިތައް ނެގޭނެ ޚަރަދެއް ނެތިގެން ކަމަށްވާ ނަމަ، ރަށު ކައުންސިލުން އެ ހައްދަވާ ކުލަކުލައިގެ ޕާކްތަކާއި ކުޅިވަރުކުޅެ މުނިފޫހިފިލުވައިދޭ ތަންތަނަށް އެ ކުރައްވާ ޚަރަދުތަކުން ދާދި ކުޑަ މިންވަރެއް ހޭދަކޮށްލެއްވި އަސް، ތިނަދޫ ހުކުރުމިސްކިތް ފިޔަވައި، އެ މިސްކިތުގެ ވަށައިގެން އެ އޮތް ސަރަޙައްދުން ވެސް މިނިކަށި ނެގިދާނެއެވެ.

ތިނަދޫގެ ހުކުރުމިސްކިތަކާއި މިނިކައްޓަކާއި ކޮންމެހެން ގުޅުވުމުގެ ބޭނުމެއް އެބަ އޮތްތޯއެވެ. އެހެނީ، މިނިކައްޓަކީ، އަބަދާއަބަދު މިސްކިތް ތެރޭ، ގަހެއްހެން ހެދި ބޮޑުވާ އެއްޗެއްނޫނެވެ. އެއީ، މިސްކިތް ތެރޭ ހުރިނަމަ، ނެގޭނެ އެއްޗެކެވެ. ނަގާ އެއްޗެކެވެ. ދެއްވަދޫ ރަސްގެފާނު ތިނަދޫގައި ބިނާކުރެއްވި މިސްކިތް ފަހުން ބޮޑުކުރުމުން މިސްކިތުގެ އިމަށް ވެސް އެ ކައްޓެއް ވަންކަމަށް ބެލެވިގެން މިހާރު އެހެރީ އެ ކަމެއް ހަމަޖެހި، އިސްލާމުންނަށް ނަމާދުކުރެވޭގޮތަށް ހަދާފައި ނޫންތޯއެވެ. މިނިކަށި ހުންނަ ތަންތާނގައި ނަމާދުކުރުން ހެޔޮނުވުމާއި، ގަޟާ ޙާޖަތްކުރުން ހުއްދަނުވުމާއި، އަނބިފިރިކަމުގެ ގުޅުން މަނާވަނީ ހަމައެކަނި މިސްކިތެއްގެ ތެރޭ މިނިކަށި ހުރީމާތޯއެވެ. ބޯޅަދަނޑާއި، މީސްމީހުންގެ ގޯތިތެރެއާއި، ގިފިއްޔާއި، ގޭގެ އެތެރިގެއާއި، ދެމަފިރިންގެ އެނދު ދަށާއި، މިތަންތާނގައި މިނިކަށީގެ ބޮޑެތި ގަބުރުސްތާނުތައް ހުއްޓަސް ހެޔޮތޯއެވެ. މިފަދަ ތަންތަން ތިނަދޫގައި ހުރީ ކިހާވަރަށް، ކޮންތަނެއްގައިތޯ އެބަ އެނގޭބާވައެވެ.  

ތިނަދޫގެ ހުކުރުމިސްކިތް ބަންދުކޮށް މިސްކިތް ސުންނާފަތިކުރަމުން ދާތާ، ފަސް އަހަރުވެގެންދާ އިރު ވެސް، މި މިސްކިތުގައި އިސްލާމުންނަށް ނަމާދުކުރެވޭނޭ ގޮތެއްވޭތޯ އެކި ބޭފުޅުންގެ ކަންފަތްފުޅުގެ ހިރުން ފިލުވައިލުމަށްޓަކައި، އެ ބޭފުޅުންގެ ކަންފަތްޕުޅު ކައިރީ މެގަފޯނުގަނޑެއް ބޭނުންކޮށް، ކުޑަކޮށް މުޒާހަރާ ޖައްސައިލާ ތަނެއް ވެސް ނުފެންނަނީ، އެ މިސްކިތުގައި ނަމާދުކުރުމަށް ނުފޫޒާއި ބާރުގަދަ ބަޔަކު ބޭނުންނުވުމުގެ ސަބަބުން ކަމަށް ބަލަންޖެހެއެވެ. އެހެނީ، ތިނަދޫއަކީ، ބޭނުންވާ ކަންކަމުގައި ބޭނުންވެއްޖެ ހިނދެއްގައި، މުޒާހަރާއާއި އިސްތިޢުފާ ޖެއްސުމަށް ނުހަނު މަޝްހޫރު ރަށަކަށްވާ އިރު، މާތްވެގެންވާ އިސްލާމް ދީނަށްޓަކައި، މާތްކަން އިތުރު މިސްކިތެއްގެ ޙައްގުގައި މެގަފޯނުގަނޑެއް ހިއްލައިލާނެ ބަޔަކު ވެސް، ތިނަދޫގައި ނެތެވެ. ދެރަކަމުގެ ކޮޅެއް އެބަ އޮތްތޯއެވެ.

މިދެންނެވިކަންކަން އެހެން ހުއްޓައި، 22 އޮގަސްޓް 2013މ. ގައި ރައީސް މައުމޫންއާއި، ރައީސް ޔާމީން ތިނަދޫއަށް ވަޑައިގަތެވެ. އެ ބޭފުޅުންގެ މި ދަތުރުފުޅުގައި ރައީސް ޔާމީންގެ ފައިންޕުޅު އަޅުގަނޑަށް ފެނުމުން ރައީސް މައުމޫންގެ ފައިންފުޅު ވެސް އަޅުގަނޑަށް ފެންނާނެގޮތެއް ހަމަޖައްސަވައި ދެއްވާތޯ ރައީސް ޔާމީންގެ އަރިހުގައި އަޅުގަނޑު ދަންނަވައިލުމުން އެ މަނިކުފާނު އެ ކަން ހަމަޖައްސަވައިދެއްވިއެވެ. ރައީސް ޔާމީންގެ އަރިހުގައި މިވާހަކަ އަޅުގަނޑު ދެންނެވީ، ރައީސް މައުމޫނަށް އަޅުގަނޑު އެނގިވަޑައިގަތް ނަމަވެސް، އެ ބޭފުޅުންގެ އެ ދަތުރުފުޅުގެ ގޮތުން ވަކިވަކި މީސްމީހުންނާއި ވަކިވަކީން އެ ބޭފުޅުންނާއި ބައްދަލުކުރެއްވޭނޭ ވަގުތެއް އެ ދަތުރުފުޅުގައި ނެތްކަން އެނގުމުންނެވެ. ފަހުން އަޅުގަނޑަށް މަޢުލޫމާތު ލިބުނުގޮތުގައި އެ ދަތުރުފުޅުގައި ރައީސް މައުމޫން އާއި ބައްދަލުކޮށްލުމުގެ ވަގުތުކޮޅެއް ލިބުނީ ވެސް، ހަމައެކަނި އަޅުގަނޑަށެވެ.

އެ ދުވަހު، ރައީސް މައުމޫންއާއި ރައީސް ޔާމީނާއި ދެ ބޭފުޅުން ވަރަށް ކައިރިކައިރީގައި ތިއްބަވަނިކޮށް، ރައީސް މައުމޫންގެ އަރިހުގައި ތިނަދޫ ހުކުރުމިސްކިތަށް ދިމާވެފައިވާ ނިކަމެތިކަމާއި، އެ މިސްކިތަކީ ރަށުގެ އެންމެ ބައިބޯ މީސްގިނަ ސަރަޙައްދެއްގެ މެދުގައި ހުރި މިސްކިތަކަށް ވުމާ އެކު، މިސްކިތް ބަންދުކޮށްފައި ހުރުމުން އެ ހިސާބުގަނޑުގެ މުސްކުޅިންނާއި ދުރު ތަންތަނަށް ހިނގައި ބިގައި އުޅޭ މީހުންނަށް ނަމާދުކުރުމަށް ވަރަށްބޮޑަށް ދަތިވެގެން އުޅޭކަމާއި، އަދި އެކަމާއި ގުޅިގެން އެ މިސްކިތުގައި ނަމާދުކުރެވޭނޭ ގޮތެއް ވޭތޯ އެހާތަނަށް އަޅުގަނޑުމެން ކުރި މަސައްކަތްތަކުގެ ވާހަކަ ވެސް ދެންނެވީމެވެ. މިވާހަކަތައް އެއްސެވުމަށް ފަހު، މަތިވެރި ﷲ ގެ ރަޙުމަތްފުޅާ އެކު، ލަސްތަކެއް ނުވެ އެ ކަން ހަމަޖެހިގެންދާނެ ކަމުގެ އުއްމީދާއި އުފާވެރިކަން ރައީސް މައުމޫން އަޅުގަނޑަށް ދެއްވިއެވެ. އަދި އެ ދުވަހުގެ ފަހުން ވެސް، ތިނަދޫ ހުކުރުމިސްކިތުގެ ކަންތައް ހަނދުމަފުޅު އެބަހުރިކަމާއި އެކަން ހަމަޖައްސަވައި ދެއްވާނެ ވާހަކަ، ރައީސް މައުމޫން އަޅުގަނޑުގާތު ވެސް، ވިދާޅުވެފައިވެއެވެ.


މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމަކަށް އިރާދަކުރެއްވުމާ އެކު، ލަހެއްފަހެއް ނެތި އެ ކަމެއް ވެދެއެވެ. ތިނަދޫ ހުކުރުމިސްކިތަކީ، ރަށުގެ އެންމެ ބައިބޯ މީސްގިނަ ސަރަޙައްދެއްގެ މެދުގައި ހުރި މިސްކިތަކަށް ވުމާ އެކު، ބަޔެއްގެ ނުފޫޒާއި ބާރުގައި މިސްކިތް ބަންދުކުރުމުގެ ސަބަބުން އެ މިސްކިތުގައި އިސްލާމް އަޅުތަކުންނަށް ނަމާދުނުކުރެވި ދިޔަ ދުވަސްތަކަށް ނިމުމެއް އަންނަނީއެވެ. 21 މާރޗް 2014މ. ދުވަހުގެ އިރު އުދަރެހާއި ނިވާވެގެން ދިޔައީ، ހާމަކަންބޮޑު ބިމަކަށް ޙާޟިރުވެ ތިބި ތިނަދޫގެ ވަރަށްގިނަ އިސްލާމީ އަޚުންނާއި އުޚުތުންގެ ލޯތަކުން އޮހޮރެމުން ދިޔަ ނުހަނު ބޮޑު އުފާވެރިކަމެއްގެ ކަރުނަޔާއި އެކީގައެވެ. އެ ދުވަހުގެ ބަރަކާތްތެރި އެ ގަޑީގައި އެ ތާނގައި ތިބި އިސްލާމީ އަޚުންނާއި އުޚުތުންނާއި މުޚާޠަބްކުރައްވައި ދިވެހި ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، "އިސްލާމީ ގައުމެއްކަމަށްވާ ސަޢޫދީގެ ވަލީ ޢަހުދު ޕްރިންސް ސަލްމާން ބިން ޢަބުދުލް ޢަޒީޒުގެ އެހީފުޅުގެ ދަށުން ލަސްތަކެއްނުވެ، ތިނަދޫ ހުކުރުމިސްކިތް އަލުން ބިނާކުރެއްވުމަށް ހަމަޖައްސަވައިފައިވާ ކަމަށެވެ. އަލްޙަމްދު ލިﷲ!ދިވެހި ރާއްޖެ މިދެކޭ ނަމޫނާ ޑިމޮކްރަސީގެ ތެރެއިން މީސްމީހުންގެ ނުފޫޒާއި ބާރުގެދަށުން މަތިވެރި ﷲ ގެ ގެކޮޅުކަމުގައިވާ މިސްކިތްތައް ބަންދުކުރުމުގެ ބާބަށް، ތާއަބަދަށް ނިމުން ދެއްވާށިއެވެ. އާމީން!

           ----------------------
ޢަބުދުﷲ ޙިލްމީ
26 މާރޗް 2014މ.