ދިވެހިރާއްޖޭގެ މީހުންއުޅޭ ރަށެއްގައި ތިން ހަތަރު އަހަރުވެގެންދާއިރުވެސް އަޅާލާނެ މީހަކުނެތް މިސްކިތެއްހުރި ވާހަކަދައްކަންޖެހުމަކީ ހިތާމަހުރިކަމެކެވެ. ދެރަކަމެކެވެ. ނަމަވެސް މިކަންއޮތީ މިހެންނެވެ. ހުވަދުއަތޮޅު ތިނަދޫގެ އެންމެބައިބޯ މީސްގިނަ ސަރަޙައްދުގައި ކުރިއްސުރެ ހުރި މިސްކިތްވަނީ އެމިސްކިތުގެ ކޮންމެވެސް ދިމާލަކުން ބިންގައުދަށުގައި މިނިކަށި ހުރިކަމަށް ބެލެވިގެން 2009މ. ވަނަ އަހަރުންފެށިގެން ބަންދުކޮށްފައެވެ. ނުބައިކަމާއި އަޅުވެތިކަންބޮޑު 17 އަހަރުގައި ދިވެހީންގެމައްޗަށް ވެރިވެގެން އުޅުނު ކާފިރުބަޔެއްގެ އަތްދަށުން މިރާއްޖެ މިނިވަންކޮށްދެއްވި ޣާޒީ ރަދުން މިމިސްކިތް ބިނާކުރެއްވީ ޤަބުރު ވަޅުލައިފައިވާ ޤަބުރުސްތާނެއްގައިނޫނެވެ. އެފަދަކަމެއްނެތް ބިމެއްގައެވެ. ނަމަވެސް އޭގެފަހުން އައި ދުވަސްތަކުގައި މިސްކިތް ބޮޑުކޮށް މިސްކިތުގެތަރަހައަށް އަންނަމުންދިޔަ ބަދަލުތަކުގެތެރޭ މިސްކިތާއި ގާތުގައި ކުރީ ޒަމާނުގައި ވަޅުލައިފައިވާ ޤަބުރުގެބަޔެއްނަމަވެސް މިސްކިތުގެ އިމަށް، ނުވަތަ ފަހުން މިސްކިތްބޮޑުކުރި އިމުގެތެރަށް ވަދެފައިވުމަކީ ވެދާނެކަމެކެވެ. މިރާއްޖޭގެ ބައެއް މިސްކިތްތަކުން އެފަދަ ކަންކަން ފެނެއެވެ. ނަމަވެސް އެތާކުން މިނިކަށިނަގައި ނަމާދުކުރުން ހެޔޮވާގޮތަށް ހަދަނީއެވެ. މިހެންވިޔަސް މިމިސްކިތުގައި މިފަދަކަމެއް ކުރަން އިސްނަގާނެ އަދި މިތަންފެންނަ ކުޅެދުންތެރި ފޯރުންތެރި އިންސާނުންގެބަޔެއް މިއުޑުދަށުގައި ތިބިކަމަކަށްނުވެއެވެ.
ތިނަދޫއަކީ ކުޅެދުންތެރި
ފޯރުންތެރިބަޔެއް ނިސްބަތްވާ ރަށެއްކަމަށް ބުނެވޭ އަޑެއްއިވެއެވެ. މިހެންމެ ތިނަދޫގެ
އަންހެނަކަށް މަންމަ، ނުވަތަ ތިނަދޫގެ ފިރިހެނަކަށް ބައްޕަ، ނުވަތަ ތިނަދޫގެ އަންހެނަކަށް
އަނބި ވިދާޅުވާ މިރާއްޖޭގެ ވެރިކަމުގެ މަތީފަޑީގެ ބޭފުޅުންވެސް އެބަ ތިއްބެވިކަމަށް
ބުނެވޭ އަޑެއްއިވެއެވެ. މިހެންވިޔަސް ތިނަދޫގެ އެންމެބައިބޯ މީސްގިނަ ސަރަޙައްދުގައި
ކުރިއްސުރެ ހުރި މިމިސްކިތް އެފަދަ އެއްވެސް ފަރާތަކަށް ފެނިވަޑައިގެން،
ފެނި އަދި ދެކެފައެއްނުވެއެވެ. އެކަމާއި އުޅުއްވައި
އުޅެފައި ނުވެއެވެ.
ދުނިޔެއޭ މިކިޔާ
ވަގުތީ ގޮވަތީގައި އެންމެ މާތްކަންބޮޑު، އަދި އެންމެ ޙުރުމަތާއި ޢިއްޒަތްތެރިކަން ބޮޑު ތަނަކީ މިސްކިތެވެ. ނަމަވެސް މިކަންދަންނަންޖެހޭ
ބަޔަކު މިކަން ނުދަންނަކަމަށްވަންޏާ އެކަމާއި ކުރާނީވެސް ކޮންކަމެއްހެއްޔެވެ. ކުރެވޭނީވެސް
ކޮންކަމެއްހެއްޔެވެ. މިރާއްޖޭގެ ޤާނޫނުގައި ކަޅާއިހުދާއި ފެއްސާއިރަތުން ލިޔެފައިވާގޮތުގައި
މިރާއްޖޭގެ އެއްވެސް މިސްކިތަކަށް ވޯޓެއް ނުދެވެއެވެ. ވޯޓްދެވެނީ އެކަމަށް ޢުމުރުހަމަވާ
ދިވެހި އިންސާނުންނަށެވެ. އެހެންނޫންނަމަ މިފަދަ ނިކަމެތި ބަދުޣަރީބު ގޮތަކަށް މިފަދަ
މިސްކިތެއްނުހުރީހެވެ. އަދި ޢަމުދުން ރިޔާސީއިންތިޚާބު ކަހަލަ ނިކަމެތީންގެ އަތްފޯރާފަށަށް
ކަންފަސޭހަކަން ލައްގާ އިންތިޚާބެއްގައި މިމިސްކިތުގެ ވޯޓްގެބޭނުމުގައިވެސް ރިވެތި
ގަނޑުވަރެއްފަދަ ތަނަކަށް މިމިސްކިތް ހެދީހެވެ.
ނަމަވެސް ދަންނާށެވެ.
މިކަމުގައި މަސްއޫލުވެ ޖަވާބުދާރީވާންޖެހޭ ބަޔަކު މިއަދު ބޯމަތި ނުވިކަމަށްވިޔަސް އަންނަންއޮތް
ދުވަހު މިކަމާއި މަސްއޫލުވެ ޖަވާބުދާރީވާންޖެހޭ ބަޔަކު ތިބޭނެކަން ދަތުންހުއްޓެވެ.
އެދުވަހުން ނިކަމެތި އަޅާގެ ދަތުމާއި ދެނެގަތުމުގެތެރޭ ތިޔަ ކަމެއް ނުވެޔޭ ނުބެނެވޭހުއްޓެވެ.
އަދި މިއަޅާއަށް އިބަ ﷲ ދެއްވި ފުދުންތެރިކަމާއި ފޯރުންތެރިކަމުގެތެރޭ ތިޔަފަދަ ކުޅެދުންތެރިކަމެއް
ނުވެޔޭވެސް ނުބުނެވޭ ހުއްޓެވެ. އެހެނީ އެއީ ބޮޑުވެގެންވާ ދޮގެއްކަމަށް ހެކިދޭހުށީ އެމީހެއްގެ
އަމިއްލަ ގުނަވަންތަކެވެ.
---------------------------
ޢަބުދުﷲ ޙިލްމީ
22/2/2013