ތިނަދޫ އާސާރީ ހުކުރުމިސްކިތުގެ ތަރާގަނޑު – އެއްވަނަ ބައިމިއީ، ހުވަދުއަތޮޅު ތިނަދޫގެ ހުކުރުމިސްކިތް ހުރި ބިމުގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށްޓަކައި އެ ބިން ސާފުކުރުމުގެ މަސައްކަތްކުރި އިރު އެ ތަނުން ފެނުނު ކުރީގެ ހުކުރުމިސްކިތުގެ ވީރާނާވެފައިވާ ބިންގާ ނުވަތަ ތަރާގަނޑު ހޯދުމުގެ މަސައްކަތް ކުރެވުނުގޮތާއި އަދި އެ ތަރާގަނޑާއި ގުޅުންހުރި މަޢުލޫމާތުކޮޅެއް ހާމަވެފައި އޮތުމުގެ ބޭނުންތެރިކަމަށްޓަކައި ކުރެވިފައިވާ މަސައްކަތެކެވެ. މިހެންވުމުން މިލިޔުމުގައި ބޭނުންތެރި މަޢުލޫމާތުކޮޅެއް ހިމެނިފައިވާނަމަ އެކަމުގެ ޝުކުރު ޙައްޤުވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީއާއި ހެރިޓޭޖް ޑިޕާޓްމަންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި އަލްފާޟިލާ ޔުމްނާ މައުމޫނަށެވެ. އެއީ މި ކަމުގެ ބޭނުންތެރިކަން އަޅުގަނޑުގެ ސަމާލްކަމަށް ގެންނެވީ އެ ބޭފުޅުންނަށްވާތީ އެވެ.

ހުވަދުއަތޮޅު ތިނަދޫ އާސާރީ ހުކުރުމިސްކިތް

ހުވަދުއަތޮޅު ތިނަދޫ އާސާރީ ހުކުރުމިސްކިތަކީ ހުކުރުމިސްކިތުގެ ނަމުން ނަންކިޔަން ފެށުނު ތިނަދޫގެ ފުރަތަމަ ހުކުރުމިސްކިތެވެ. މިއީ ހުވަދުއަތޮޅު މެންތަންދުއާއި ބޮޑުރެހާއާ ދެ ފަޅުރަށުން ލިބޭ އެއްޗަކުން އެ މިސްކިތަށް ބޭނުންވާނޭ ޚަރަދުބަރަދުގެ ކަންކަން ހިންގައި ބެލެހެއްޓުން ތިނަދޫ އެންމެހައި ރައްޔިތުންނާއި މަތިކުރައްވައި، 1347ހ. ގައި ސުލްޠާން މުޙައްމަދު ޝަމްސުއްދީން(3ވަނަ) ބޯގަފަތްކޮޅެއް ދެއްވާފައިވާ މިސްކިތެވެ. މި މިސްކިތް އުވާލެވި ނެތިގެން ދިޔައީ ހުކުރުނަމާދު ކުރުމަށް ޖާގަ ބޮޑު މިސްކިތެއް ބިނާކުރުމަށްޓަކައި އާސާރީ ހުކުރު މިސްކިތުގެ ބޭރުން ފަހުން ބޮޑު މިސްކިތެއް(މަސްޖިދުލް ޣާޒީ މުޙައްމަދު) ޢިމާރާތްކުރުމުންނެވެ.

މިހެންވީ ނަމަވެސް ޖާގަބޮޑުކޮށް ބިނާކުރި މަސްޖިދުލް ޣާޒީ މުޙައްމަދުގެ ބިންގަނޑު ތެރޭގައި އާސާރީ ހުކުރުމިސްކިތުގެ ތަރާގަނޑު ނުވަތަ ވީރާނާވެފައިވާ ބިންގާ ހުއްޓެވެ. މަސްޖިދުލް ޣާޒީ މުޙައްމަދު ނުވަތަ ތިނަދޫ ހުކުރުމިސްކިތް ހުރި ބިމުގައި މިހާރު ފެންނަން އެހުރީ ކުރިން ދެންނެވި ތިނަދޫ އާސާރީ ހުކުރުމިސްކިތުގެ ތަރާގަނޑެވެ.

ތިނަދޫ އާސާރީ ހުކުރުމިސްކިތް ބިނާކުރި ސީދާ ދުވަސްވަރެއް އަދި ހޯދިފައިނުވެ އެވެ. ނަމަވެސް މި މިސްކިތުގެކުރިން އެ ތާނގައި ހުރި މިސްކިތަކީ ޕޯޗްގީޒުންގެ ސަތާރައަހަރުވީ ލާއިންސާނީ ކާފިރު އަޅުވެތިކަމުގެ ދަށުން ދިވެހި އުއްމަތް ސަލާމަތްކުރެއްވި ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ދުވަސްވަރު އެ ރަދުން ބިނާކުރެއްވި މިސްކިތެވެ. މަސްޖިދުލް ޣާޒީ މުޙައްމަދު ނުވަތަ ތިނަދޫ ހުކުރުމިސްކިތް ތަޅާލައި ބިން ސާފުކުރުމުގެ މަސައްކަތްކުރި އިރު ޣާޒީ ރަދުންގެ ދުވަސްވަރުގެ މިސްކިތުގެ ބައެއް ގައުތައް އާސާރީ ހުކުރުމިސްކިތުގެ ބިންގަނޑު ތެރެއިން ތިނަދޫ ސޯމާ ޝަރީފު ޢަލީއާއި، އެމްއާރުޑީސީގެ އެކްސްކަވޭޓަރ އޮޕަރޭޓަރ ނާހިދުއާއި، އަޅުގަނޑާއި އަދި މިނޫން ބައެއް މީހުންނަށް ވެސް ފެނިފައިވެ އެވެ.

މިހެންވުމުން ތިނަދޫ މަސްޖިދުލް ޣާޒީ މުޙައްމަދު ނުވަތަ ހުކުރުމިސްކިތް ހުރި ބިމަކީ އެ ބިމުގައި މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރާތާ މަދުވެގެން 4 ގަރުނާއި 30 އަށްވުރެ ގިނަ އަހަރުވީ ބިމެއްކަން އެނގެ އެވެ. މި މުއްދަތަކީ ޣާޒީ ރަދުން ރަސްކަމަށް އިސްވެވަޑައިގަތް 1573މ. އިން 2009މ. އަށް ހިނގާފައިވާ ދުވަހެވެ.

ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރުން

ތިނަދޫގައި އިސްލާމީ މަރުކަޒެއް، ނުވަތަ އެ ތަނެއްގެތެރޭ މުސްލިމުން ނަމާދުކުރާނޭ ތަނެއް ހުރުމުގެ އިތުރަށް އިސްލާމީ މުޖުތަމަޢަށް ފައިދާކުރުވަނިވި ބައެއް ވަސީލަތްތައް އެ ތަނެއްގައި ގާއިމުވެފައި ހުރި ތަނެއް ހައްދަވައިދެއްވުމަށް ދިވެހި ސަރުކާރުން ނިންމެވުމުގެ މަފްހޫމަކީ ނުވަތަ ވިސްނައިވަޑައިގެންފައިވާ ގޮތަކީ، އެ ތަނެއްގެ ތެރޭ މުސްލިމުން ނަމާދުކުރުން ހުއްޓުވައި ސުންނާފަތިކުރުމަށް ދޫކޮށްލާފައިވާ ތިނަދޫ ހުކުރުމިސްކިތުގައި (ނުވަތަ އެ ތާނގައި ބިނާކުރާ އެއަށްވުރެ ކުޑަނޫން މިސްކިތެއްގައި) މުސްލިމުން ތިބެގެން އެބައިމީހުން ހައްދަވައި ގެންގުޅުއްވާ މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ކުއްތަންވެ އެ މަތިވެރި އިލާހަށް އަޅުކަން ކުރެވޭނޭ މަގު އެބައިމީހުންނަށް ފަހިކޮށްދެއްވުމެވެ. މިއީ އެކަމުގައި އެއްވެސް އޮޅުމެއްނޯންނާނެ މިންވަރަށް ކަށަވަރުވާ ކަމެކެވެ. އެކަމުގެ ގަރީނާއާއި ހެކި ފެންނަން ހުރި ކަމެކެވެ.

މިދެންނެވި ވާހަކައަކީ، 22 އޯގަސްޓް 2013މ. ގައި ރައީސް މައުމޫނާއި ރައީސް ޔާމީން ތިނަދޫއަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި މުސްލިމުންނަށް ތިނަދޫ ހުކުރުމިސްކިތުގައި ނަމާދުކުރެވޭނޭ ގޮތެއް ފަހިކޮށްދެއްވާތޯ އެ ބޭފުޅުންގެ އަރިހުގައި ދެންނެވިފައިވާ ދެންނެވުމަކާއި ވެސް ގުޅިގެން ތިނަދޫ ހުކުރުމިސްކިތުގައި ނުވަތަ އެ ބިމުގައި ބިނާކުރެވޭ އެއަށްވުރެ ކުޑަނޫން މިސްކިތެއްގައި މުސްލިމުންނަށް ނަމާދުކުރެވޭނޭ ގޮތެއް ހައްދަވައިދެއްވާނެ ކަމަށް އެ ބޭފުޅުން (ރައީސް މައުމޫން) ވިދާޅުވެފައިވަނިކޮށް، އޭރުގެ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ތިނަދޫއަށް ވަޑައިގެން 21 މާރޗް 2014މ. ގައި ތިނަދޫގެ ވަރަށްގިނަ ރައްޔިތުންނަށް އަޑުއިވޭގޮތަށް އެބައިމީހުންގެ ގާތުގައި "އިސްލާމީ ގައުމެއްކަމަށްވާ ސަޢޫދީގެ އޭރުގެ ވަލީޢަހުދު، (މިހާރުގެ ރަސްގެފާނު) ސަލްމާން ބިން ޢަބުދުލްޢަޒީޒުގެ އެހީފުޅު ވެސް އޮވެގެން ލަސްތަކެއްނުވެ ތިނަދޫ ހުކުރުމިސްކިތް އަލުން ބިނާކުރެއްވުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވާ ކަމަށް" ވިދާޅުވި ވާހަކަ އެވެ. އަދި އެއާއި ގުޅިގެން ތިނަދޫ ހުކުރުމިސްކިތް ހުރި ބިމުގައި މުސްލިމުން ނަމާދުކުރެވޭނޭ މިސްކިތެއް ވެސް ހިމެނޭގޮތުން އިސްލާމީ މަރުކަޒެއް އެޅުމަށްޓަކައި 27 އޮކްޓޫބަރ 2015މ. ގައި ހުކުރުމިސްކިތް ހުރި ބިން ސާފުކުރުމުގެ މަސައްކަތް ވެސް ފެށި ވާހަކަ އެވެ.


22 އޯގަސްޓް 1966މ.ގައި ހުވަދުއަތޮޅު ތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ދިރިއުޅެންފެށިއިރު ރަށުގެ ހުކުރުމިސްކިތް ހުރީ 40000 އަކަފޫޓުގެ ބިމެއް(ބްލޮކެއް)ގަ އެވެ. އޭގެފަހުން 10 އޯގަސްޓް 1986މ. ގައި ހުކުރުމިސްކިތުގެ ހުޅަނގު ފަރާތުން މިބިމުގައި ދެ ޢިމާރާތެއް ބިނާކޮށް އެ ތަންތާނގެ ބޭނުންކުރި އެވެ. އެއީ ހުވަދުއަތޮޅު ދެކުނުބުރީ ހެލްތުސެންޓަރާއި ސެންޓަރުގައި މަސައްކަތްކުރައްވާ އިސް ބޭފުޅުން ތިއްބަވާ ގެ އެވެ. މި ހުރިހާ ޢިމާރާތެއް ރޫޅާލައި ނައްތާލީ އެ ބިމުގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށެވެ.


މަތީގައި ދެންނެވިކަންކަން އެގޮތަށް ހުރުމުން ތިނަދޫ ހުކުރުމިސްކިތް ހުރި ބިމުގައި އެ މިސްކިތަށްވުރެ ކުޑަނޫން މިސްކިތެއް ދިވެހިސަރުކާރުން ބިނާކޮށްދެއްވާނެކަމީ އެ ސަރުކާރު އެ މައްޗަށް ނިސްބަތްވާ މައިގަނޑު އަސާސްކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށްޓަކައި އަދި މުސްލިމުންނަށްޓަކައި ދިވެހިސަރުކާރުން ކުރައްވާނެ ކަމެއްކަމުގެ އުއްމީދާއި ޔަގީންކަން ބޮޑެވެ.

މިހެނީ، ތިނަދޫ ހުކުރުމިސްކިތާއި ހެލްތް ސެންޓަރ ހިންގި ޢިމާރާތާއި އަދި ސެންޓަރުގައި މަސައްކަތްކުރައްވާ އިސް ބޭފުޅުން ތިއްބަވާ ގެއާއި މިހުރިހާތަނެއް ވުޖޫދުން ނައްތާލެއްވުމުގެ މަގުޞަދު ގުޅިފައިވަނީ ތިނަދޫ ހުކުރުމިސްކިތް ހުރި ބިމުގައި މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މުސްލިމު އަޅުތަކުންނަށް އެ މަތިވެރި އިލާހަށް އަޅުކަންކުރެވޭނޭ މަގު ފަހިކޮށްދެއްވުމަށް ދިވެހި ސަރުކާރުން ބޭނުންފުޅުވުމެވެ.

ތިނަދޫ އާސާރީ ހުކުރުމިސްކިތުގެ ތަރާގަނޑު ފެނުން:


ތިނަދޫ އާސާރީ ހުކުރުމިސްކިތުގެ ތަރާގަނޑު ހޯދައި ފެނުމުގެ ކޮންމެވެސް ވަރެއްގެ ޙިއްޞާއެއް ރައްދުވާ އެއް ފަރާތަކީ އަޅުގަނޑުކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފު ޢަލީއާއި ހެރިޓޭޖް ޑިޕާޓްމަންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި އަލްފާޟިލާ ޔުމްނާ މައުމޫން ދެކިވަޑައިގަނެ އެވެ. އަދި މިނޫން ބައެއް ބޭފުޅުން ވެސް އެގޮތަށް ދެކިވަޑައިގަންނަވާ ކަމުގެ އަޑު އޮވެ އެވެ.

ތިނަދޫ ކުރީގެ ހުކުރުމިސްކިތުގެ ވީރާނާވެފައިވާ ބިންގާ ނުވަތަ ތަރާގަނޑު ހޯދުމުގެ މަސައްކަތް ކުރެވުނު ގޮތާއި އަދި އެ ތަރާގަނޑާއި ގުޅުންހުރި މަޢުލޫމާތުކޮޅެއް ހާމަވެފައި އޮތުމުގެ ބޭނުންތެރިކަން އަޝްރަފާއި ޔުމްނާއާއި ދެ ބޭފުޅުން އަޅުގަނޑުގެ ސަމާލްކަމަށް ގެންނެވީ ވެސް ކުރިންދެންނެވި ސަބަބު އެގޮތަށް އޮތީމާ ކަމަށް ވުން އެކަށީގެންވެ އެވެ.

އެކި އެއްޗެތި ފެނުމުގައި އެކި ގޮތް ހުރެއެވެ. މީހަކު ނުދެނެހުއްޓާ އެ މީހަކަށް އެއްޗެއް ފެނުމާއި، އެ އެއްޗެއް ފެންނާނެކަމުގެ ކަށަވަރުކަމެއް ނެތި އެ އެއްޗެއް ހޯދަން ކުރި މަސައްކަތަކުން އެ އެއްޗެއް ފެނުމާއި، އެ އެއްޗެއް ފެންނާނެކަމުގެ ކަށަވަރުކަން އޮވެގެން އެ އެއްޗެއް ހޯދަން ކުރި މަސައްކަތުން އެ އެއްޗެއް ފެނުމާއި މިކަހަލަ ގޮތްތަކެއް ހުރެ އެވެ. މިގޮތްތަކަށް ބަލާނަމަ ތިނަދޫ އާސާރީ ހުކުރުމިސްކިތުގެ ތަރާގަނޑު ފެނުނީ އެ ތަރާގަނޑު ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އޮވެގެން ކުރި މަސައްކަތުންނެވެ. އަދި ހަމަ މިހެންމެ އެ ތަރާގަނޑުގެ ތެރެއިން ޣާޒީ ރަދުންގެ ދުވަސްވަރުގެ މިސްކިތުގެ ގައުތައް ވެސް ފެނުނީ އެ ތާނގައި(ތިނަދޫ ހުކުރުމިސްކިތުގެ ބިންގަނޑު ތެރޭ) އެ އެއްޗެތި ހުންނާނެކަމުގެ ޔަގީންކަން އޮވެގެން އެ މަސައްކަތްކުރީމަ އެވެ. މި ޔަގީންކަން ލިބިފައިވަނީ ތިނަދޫގެ ތާރީޚީ އެންމެގިނަ އަދި އެންމެ އިތުބާރުކުރެވޭ މަޢުލޫމާތު ލިޔުއްވައި ހާމަކުރައްވާފައިވާ ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީގެ ލިޔުއްވުންތަކުގެ އިތުރަށް އެންމެފަހުން ހުރި އާސާރީ ހުކުރުމިސްކިތުގައި ނަމާދުކޮށް އެގޯތި ތެރޭގައިވާ 2 ވެވުން ފެންވަރައި އަދި އެގޯތީގެ ބިންގަނޑުތެރޭގައި (މިހާރުފޮރުވިފައި)ވާ ހަވަރުތިނަދޫގެ މަޝްހޫރު "ހޮއްވަޑާ" ކިޔުނު ފެންމީރު ވަޅުން ފެންވެސް ބުއި ބައެއްމީހުން މިހާރުވެސް ދުނިޔޭގައި ތިބެ އެވާހަކަ ދައްކާތީއެވެ.

އިސްލާމީ މަރުކަޒެއް ބިނާކުރެއްވުމަށްޓަކައި ތިނަދޫ ހުކުރުމިސްކިތާއި ހެލްތްސެންޓަރާއި އެ ސެންޓަރުގައި މަސައްކަތްކުރައްވާ އިސް ބޭފުޅުން ތިއްބަވާ ގެ ނަގައި އެ ބިން ސާފުކުރުމުގެ މަސައްކަތްކުރީ 27 އޮކްޓޫބަރ 2015މ. ގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް (އެމް.އާރ.ޑީ.ސީ)ގެ ފަރާތުންނެވެ.


އެމް.އާރ.ޑީ.ސީ އިން އެ ބިން ސާކުރުމުގެ މަސައްކަތް ފެށުމުގެކުރިން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރުދާއިރާގެ މެމްބަރ އަލްފާޟިލް ސަޢުދުﷲ ޙިލްމީގެ އަރިހުގައި އަޅުގަނޑު ބޭނުމެއްގެ ވާހަކަ ދަންނަވައިލީމެވެ. އެ ބޭނުމަކީ ތިނަދޫ ހުކުރުމިސްކިތުގެ ބިންގަނޑު ތެރޭގައި އޭގެ ކުރިން އެ ތާނގައި ހުރި ހުކުރުމިސްކިތުގެ ތަރާގަނޑާއި ޣާޒީރަދުންގެ ދުވަސްވަރު އެ ރަދުން ބިނާކުރެއްވި މިސްކިތުގެ ބައެއް ތަކެތި ހުރުމުގެ އިތުރަށް މިސްކިތުގެ ގޯތިތެރޭގައިވާ ދެ ވެވުތެރޭ ވެސް ކުރިން ހުރި ހުކުރުމިސްކިތުގެ ބައެއް ތަކެތި ހުންނާނެކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެ ބިން ސާފުކުރުމުގެ މަސައްކަތް ހިނގަމުންދާއިރު ކުރިންދެންނެވި ތަކެތީގެ ފޮޓޯއާއި ވީޑިއޯ ނެގޭނޭ މަގެއް ހަމަޖައްސަވައިދެއްވުމެވެ.

(ވެވަކީ ފެންވެރުމަށްޓަކައި އޭގެތެރެއަށް މީހުންނަށް އެރެވޭގޮތަށް ހަރުފަތްތައްލައި ތިލަވަތް ގައު އަޅައި ކައިރި ހަދައިފައި ހުންނަ ބޮޑެތި ވަޅުފަދަ ފެންފެންގަނޑެވެ.)

މިވާހަކަ އަޅުގަނޑު ދެންނެވުމުން ސަޢުދުﷲ ޙިލްމީ އެކަން ހަމަޖައްސަވައިދެއްވި އެވެ. އަދި އެ ބިމުގެ މަސައްކަތް ފެށުމުގެ ތައްޔާރީއަށް ތިނަދޫއަށް ވަޑައިގަތް އެމް.އާރ.ޑީ.ސީގެ އެމް.ޑީ އަލްފާޟިލް އިބްރާހީމް ނަޒީމާ ވެސް އަޅުގަނޑާއި ބައްދަލުކުރެވޭނޭ ގޮތް ސަޢުދުﷲ ޙިލްމީ ހައްދަވައިދެއްވުމުން އެމް.އާރ.ޑީ.ސީގެ އެމް.ޑީ ވެސް އެ ކަމަށް ތަރުޙީބުދެއްވައި އެ މަގު އަޅުގަނޑަށް ފަހިކޮށްދެއްވުމުގެ ގޮތުން އަޅުގަނޑާއި ބައްދަލު ވެސް ކުރެއްވި އެވެ. އަދި އޭނާގެ ބެއްލެވުމުގެ ދަށުގައިވާ ސްޓާފުންނަށް ވެސް އެ މަޢުލޫމާތު އޭނާ ދެއްވި އެވެ.


ތިނަދޫ ހުކުރުމިސްކިތާއި ހެލްތްސެންޓަރާއި އެ ސެންޓަރުގައި މަސައްކަތްކުރައްވާ އިސް ބޭފުޅުން ތިއްބަވާ ގެ ނަގައި އެ ބިން ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް (އެމް.އާރ.ޑީ.ސީ)ގެ ހުރިހާ މުވައްޟަފުންގެ ފަރާތުން ވެސް އަޅުގަނޑަށް އެއްބާރުލުން ލިބެމުންދިޔަ އެވެ. މިހެންވުމުން ހުކުރުމިސްކިތް ރޫޅާލުމާއި މިސްކިތް ހުރި ބިން ސާފުކުރުމުގެ ފޮޓޯއާއި ވީޑިއޯ ނެގުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައިވީމާ އެކި ދުވަހުގެ އެކި ވަގުތުގެ އެކި ދިމާލުން އެކި ތަކެތީގެ 500 އަށްވުރެ މަދުނޫން ފޮޓޯއާއި ވީޑިއޯ އަޅުގަނޑު ނެގީމެވެ. އަދި މީގެތެރެއިން ބޭނުންތެރި ބައެއް ފޮޓޯއާއި ވީޑިއޯތައް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފާއި، ހެރިޓޭޖް ޑިޕާޓްމަންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި އަލްފާޟިލާ ޔުމްނާ މައުމޫނާއި، އެމްއާރޑީސީގެ އެމްޑީ އިބްރާހީމް ނަޒީމާއި، ތިނަދޫ އުތުރުދާއިރާގެ މެމްބަރ ސަޢުދުﷲ ޙިލްމީގެ އަރިހަށް އަޅުގަނޑު ފޮނުވީމެވެ. އަދި މިނޫން ބައެއް ބޭފުޅުންނަށް ވެސް ބައެއް ފޮޓޯއާއި ވީޑިއޯ ފޮނުވީމެވެ.  


މިގޮތުން ކުރެވުނު މަސައްކަތުގައި ތިނަދޫ އާސާރީ މިސްކިތުގެ ތަރާގަނޑު ފެނުމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއާއި ތިނަދޫ ކައުންސިލް ހިންގުމާއި ޙަވާލުވެހުންނެވި އިބްރާހީމް އައްސަދުގެ ސަމާލްކަމަށް އެ ކަން އަޅުގަނޑު ގެނައީމެވެ. އޭރު ހެރިޓޭޖް ޑިޕާޓްމަންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ޔުމްނާ މައުމޫން ރާއްޖޭގައި ވަޑައިގެން ނޫޅުއްވަ އެވެ. އެ ބޭފުޅުންގެ ސަމާލްކަމަށް މިކަން އަޅުގަނޑު ގެނައީ ތާރީޚާއި ސަގާފަތަކީ އެ ބޭފުޅުންގެ ދާއިރާގެ މަސްއޫލިއްޔަތުގެ ތެރޭ ވެސް ހިމެނޭ އެއްޗަކަށްވީމަ އެވެ.


މިހެންވުމުން އެ ބޭފުޅުން ވެސް އާސާރީ ތަރާގަނޑު ޙިމާޔަތް ކުރެއްވޭނެ ގޮތަކީ ކޮބައިތޯ ބައްލަވައި އެކަމަށް ޚާއްޞަ އަހުމިއްޔަތެއްދެއްވި ކަމަށް ގަބޫލުކުރެވެ އެވެ. އެއީ މިކަމާއި ގުޅިގެން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއާއި ހެރިޓޭޖް ޑިޕާޓްމަންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ޔުމްނާ މައުމޫނާއި ކަމާބެހޭ ބޭފުޅުންގެ ޓީމެއް ތިނަދޫއަށް ވަޑައިގެން ތިނަދޫ އާސާރީ މިސްކިތުގެ ތަރާގަނޑު ބައްލަވައި އަދި އެކަމާގުޅޭ ބައެއް މަޢުލޫމާތު ހޯއްދެވުމަށް އަޅުގަނޑާ ވެސް ބައްދަލުކުރެއްވީމަ އެވެ. އަދި މިހާރު އެ ބޭފުޅުން ގެންދަވަނީ އާސާރީ އެ ތަރާގަނޑު ޙިމާޔަތްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.
(ނުނިމޭ)
                    ------------------
ޢަބުދުﷲ ޙިލްމީ
13 ފެބްރުއަރީ 2016މ.