ބައިއޮޑި - ނުބައިއޮޑި














އެކުގައި މަސައްކަތްކޮށްއުޅުނު ރައްޓެހިބަޔެއްގެ ވާހަކައެވެ. އެމީހުންކުރަނީ ދަނޑުގޮވާންކުރުމުގެ މަސައްކަތެވެ. ދުވާލުދާހަތަރުދަމު އެމަސައްކަތުގައި ވަރަށް ބުރަކޮށް އަވީގައި އުޅެފައި ރޭގަނޑަށް އިރުއޮއްސުމުން ނިދަނީ އެވެ. އަނެއްދުވަހު ހޭލައިގެން ހެނދުނު ނާސްތާއަށްފަހު އަނެއްކާވެސް މަސައްކަތް ފަށަނީ އެވެ. އެކިމީހުން ކުރަނީ އެކިވައްތަރުގެ ދަނޑުގޮވާމެވެ. އެއްބަޔަކު ހައްދަނީ، ހަނޑުލެވެ. އަނެއްބަޔަކު ހައްދަނީ، ޒުވާރިއާއި، ބިންބި އެވެ. އުއްދަނޑި ހެއްދުމުގެ މަސައްކަތްވެސް ބައެއްމީހުން ކުރެ އެވެ. އެކިމީހުން އެކިމަސައްކަތެވެ.

ކޮންމެ މީހަކީވެސް ވަކިމީހެކެވެ. އެމީހަކުކުރާ މަސައްކަތެއް ކުރަނީ އެމީހެކެވެ. ވަކިވަކީންނެވެ. ނަމަވެސް މިއެންމެންނަކީވެސް ދެކޮޅުވެރިކަމެއްނެތި މަސައްކަތްކުރާ ބައެކެވެ. އެމީހުން އެ މަސައްކަތްކުރާތާ މިހާރު އެތައް އަހަރެއްވެފައިވާއިރު އެމީހުންގެ މަސައްކަތުންލިބޭ އެއްޗެއް ވިއްކަނީވެސް ވަކިވަކީންނެވެ. ނަމަވެސް އެތަކެތި ގަންނަނީ އެއްމެ މީހެކެވެ. އެމީހާއާއިއެކު ގިނަބަޔަކު ޙަރަކާތްތެރިވެ އުޅެއެވެ. ނަމަވެސް ދަނޑުވެރީންނަށް ހީވެފައި އޮންނަނީ އެއިން ކޮންމެ މީހަކީވެސް ވަކި މީހެއް ކަމަށެވެ. އެކަމަކުވެސް ދަނޑުވެރީންނަށް ފާހަގަކުރެވޭކަމެއް އޮވެއެވެ.  އެކަމަކީ، އެއެންމެންނަށް އެކަކު އަމުރުކުރާތީ އެވެ.

މިކަމުގެ ފިކުރުގައި މިމީހުން ތިބޭތާ ދުވަސްތަކެއްވުމަށްފަހު، އެއްދުވަހަކުދަނޑުވެރީން އެމީހާ އާއި ސުވާލުކޮށްފި އެވެ. އަހަރުމެންނަކީވެސް އެއްތަނެއްގައި ނުވަތަ އެއްބިމެއްގައި މަސައްކަތްކުރާ ބަޔަކީމުއެވެ. ނަމަވެސް އެއްވެސް މީހަކު އަނެއްމީހާއަށް އަމުރެއް ނުކުރެއެވެ. އެކަމަކު މިއެންމެންނަށް ނުވަތަ ތިބާއާއެކު އަންނަ މީހުންނަށް ތިބާ އަމުރުކުރާތީ ފެނެއެވެ. މިއީ ކިހިނެއްވާކަމެއްހެއްޔެވެ؟ ޖަވާބުގައި އެމީހާ ބުންޏެވެ. މިއެންމެންނަކީވެސް އަހަރެންގެ ނޯކަރުންނެވެ. މިމުދަލުގެ ވެރިފަރާތަކީ އަހަރުމެންގެ ކުންފުންޏެވެ. އަހަންނަކީ ކުންފުނީގެ މެނޭޖަރެވެ. އަރެން ފިޔަވައި އަދިވެސް ހައެއްކަ މީހުން ކުންފުނީގައި ތިބެއެވެ. އަހަންނަކީ އޭގެތެރެއިން އެކަކީމެވެ. ބައިވެރިއަކީމެވެ. ނަމަވެސް އިތުރަށް އަހަރެން މިކުރާ މަސައްކަތަށް ވަކިން މުސާރަ ލިބެއެވެ. އަހަރުވުމުން އެންމެންގެ މެދުގައި ކުންފުންޏަށް ލިބިފައިހުންނަ ފައިސާ ބަހަނީއެވެ. ރަނގަޅު ފައިދާއެއްވެސް ލިބެއެވެ. އެމީސްމީހުން އުޅެނީ ވަރަށް ތަނަވަސްކޮށެވެ. އަހަރެންވެސް އުޅެނީ ވަރަށް ތަނަވަސްކޮށެވެ. ނަމަވެސް މަސައްކަތްކުރަން އަހަރެން ބޭނުންވާތީ އާއި އަދި ކުންފުނީގެ ވެރިފަރާތުން މަސައްކަތް ހިނގާނުހިނގާގޮތް ބަލަން މީހަކުހުރުމަކީ ކުރަންޖެހޭ ކަމެއްކަމަށްވާތީ، އަހަރެން އެކަމުގައި އިސްވެއުޅެނީއެވެ. މިހާހިސާބުން އެމީހާގެ އެދުވަހުގެވާހަކަ ނިމުނީއެވެ.

އަނެއްދުވަހު ހެނދުނު ދަނޑުވެރީން (ކުޑަވަގުތުކޮޅަކަށް) އެއްތަނަކަށްއެއްވެ، އިއްޔެ އިވުނު ވާހަކަތަކާމެދު ވަރަށްބޮޑަށް ފިކުރުކޮށްފޫއެވެ. އެމީހުންނަށް ގަބޫލުކުރެވުނީ، އެމީހުންވެސް އެގޮތަށް ކުންފުންޏެއް ހަދައިގެން މަސައްކަތްކޮށްފިނަމަ، މިއަށްވުރެ ނަތީޖާ މާރަނޅުވާނެ ކަމަށެވެ. އަދި އަރާމުބޭނުންވާ ބައިވެރީންނަށް އެކަންވެސް ކުރެވިދާނެ ކަމަށެވެ.  ނަމަވެސް އެމީހުންނަށް ނޭނގޭ އެއްކަމެއް އޮތެވެ. އެކަމަކީ ކުންފުނި ހިންގާގޮތެވެ. ކޮންމެއަކަސް އެމީހުންވެސް ކުންފުންޏެއް ހެދުމަށްފަހު އެކީގައި މަސައްކަތްކުރަން ފަށައިފިއެވެ. އެކަމަކުވެސް އެމީހުންނަށް އުޅެވެނީ ޒަމާނުއްސުރެންފެށިގެން އެމީހުންނަށް އާދަވެފައިވާ ގޮތަށެވެ. އެގޮތަކީ، އެމީހަކު ހައްދާ ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމުގެ މަސައްކަތެވެ. އެއްތަނެއްގައި ފައިސާ ޖަމާކޮށްފައި ބެހެއްޓުމުގެ އުޞޫލަކީ އެއިން އެކަމުވެސް ޤަބޫލުކަމެއް ނޫނެވެ. ބޭނުންވަނީ އެމީހަކަށް ލިބޭ ފައިސާ އެމީހެއްގެ އަތުގައި ބެހެއްޓުމަށެވެ. އިސާހިތަކު ދެބަސްވުން އުފެދި މަސައްކަތް ހީނަރުވާން ފަށައިފިއެވެ.

މަސައްތަށް ހީނަރުކަންލިބުމުން އުފެއްދޭތަކެތި މަދުވާތީ، އެކަން ފާހަގަކުރެވިގެން މުދާ ގަންނަމީހާ އެކަމާއި ސުވާލުކޮށްފި އެވެ. ޖަވާބުގައި އެމީހުންބުނީ، އެމީހުންވެސް މިހާރު މަސައްކަތްކުރަނީ ކުންފުންޏެއް ހަދައިގެން ކަމަށެވެ. އެހެންވެ ދެބަސްވުން އުފެދި މަސައްކަތްތައް ހީނަރުވަނީކަމަށެވެ. ކޮންމެއަކަސް މުދާގަންނަމީހާ ދަނޑުވެރީންނަށް ކުންފުނި ހިންގާގޮތް ވަރަށް ސާފުކޮށް ކިޔައިދީ އެއްތަނެއްގައި ނުވަތަ އެކެއްގެއަތުގައި ފައިސާބެއްޓުމަށް ލަފާދީފިއެވެ. އެ ލަފަޔާއެކު، ހިތާދެކޮޅަށްވެސް އެކެއްގެއަތުގައި ފައިސާ ބަހައްޓަމުން ގެންދެއެވެ. ނަމަވެސް އެމީހާއާއިމެދު ދެންތިބިމީހުން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. އަދި އެމީހާވެސްދެކެނީ އެފައިސާއިން ބޮޑުބައެއް ލިބެންޖެހެނީ އޭނާއަށްކަމަށެވެ. މިހާހިސާބަށް ކަންކަންދިޔައިރު ދަނޑުހެއްދުމުގެ މަސައްކަތް ހީނަރުވާން ފަށައިފިއެވެ. މަސައްކަތަށް ފަރުވާކުޑަކުރުމުގެ ސަބަބުންނެވެ. ހަމައެއާއެކު އެއްބަޔަކު އަނެއްބައެއްގެ ދަނޑަށް ގޯނާވެސް ކުރަން ފަށައިފިއެވެ. ނަމަވެސް ހުރިހާ ދަނޑަކީވެސް ކުންފުނީގެ އުޞޫލުން މިހާރު އެންމެންގެދަނޑެވެ. އެކަމަކު އެކަން އެމީހުންނަށް ނުވިސްނެއެވެ. ކަންމިހެންވާން ފެށުމުން އެކަމުގެ ނޭދެވޭ އަސަރު އެންމެބޮޑަށް ކުރަންފެށީ އެމީހުންގެއަތުން މުދާގަންނަ މީހާއަށެވެ. އެކަމާއި އެމީހާ ވަރަށްބޮޑަށް ހިތްހަމަނުޖެހި ދަނޑުވެރީންނާއި ވާހަކަދެއްކުމުން އެކަންކަން ހިނގާގޮތް އެމީހުން ކިޔައިދީފިއެވެ. އަނެއްކާވެސް އެކަންކަން ރަނގަޅުކުރުމަށް ދަނޑުވެރިޔާ ގަސްތުކޮށްފިއެވެ.


އެގޮތުން އޭނާނިންމީ އެމީހުން، އެމީހުންގެ އަޞްލަށް ރުޖޫޢުކުރުން އެއީ އެންމެ ބުއްދިވެރިގޮތް ކަމަށެވެ. އެހެންވެ، އެމީހުންގެގާތުގައި އޭނާބުނީ މިހާހިސާބުން ކުންފުނީ ރޫޅާލުމާށާއި އަދި ލިބިފައިވާ ފައިސާ އެންމެންގެ މެދުގައި ހަމަހަމަކޮށް ބެހުމަށެވެ. ނަމަވެސް އެކަމަކީ އެމީހުންނަށް ޤަބޫލުކުރަން ފަސޭހަކަމަކަށް ނުވިއެވެ. ސަބަބަކީ ކުރިންވެސް އެކިމީހުން ހައްދަނީ އެކިބާވަތްބާވަތުގެ ތަކެތިކަމަށްވެފައި، ތަފާތުބާވަތްތަކަށް ލިބޭއަގު ވެސް ތަފާތުކަމަށްވާތީއެވެ. މިކަން މިގޮތަށްއޮތްއިރު ދެން ދިމާވި އަނެއްކަމަކީ، ފައިސާ ބެހެއްޓި މީހާގެ އަތުގައި ބަހާނެ ފައިސާއެއްނެތުމެވެ. ހަމައެއާއެކު، އެމީހުން އަމިއްލައަށް އެކަކަށް ސިއްރުން އަނެކަކު ދަނޑުތަކަށް ކޮށްފައިވާ ގެއްލުންތަކުގެބޮޑުކަމުން އަލުން އެމަސައްކަތް ފެށޭކަށްވެސްނެތެވެ. ކަންތައް މިހާހިސާބަށް ދިއުމުން މުދާގަންނަ މީހާ ބުނީ، ކުންފުނި ހަދައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ނެތްބަޔަކު އެކަން ކުރަންއުޅުމަކީ ނުވަތަ ކުންފުނިހެދުމަކީ ނުވަތަ ކޮންމެމީހަކުވެސް އެކަމެއް ބޭނުންވާކަމެއް ގިނަބަޔަކުގުޅިގެން ކުރަންއުޅުމަކީ "ބައިއޮޑި ނުބައިއޮޑި" ކަމަށެވެ. ތިޔަ އެންމެންނަށްވެސް އެންމެ އައުލާކަންބޮޑީ ކޮންމެމީހަކުވެސް ވަކިވަކިން އެމީހެއްގެމަސައްކަތް އެމީހަކުކުރުން ކަމަށެވެ.
                                     ------------------

ލިޔުއްވާފައިވަނީ: އަލްމަރުޙޫމް ޢަލީ ނަޞީރު ޒޫރިޔާގެ/މަޑަވެލި
22/4/2013