ހަވަރުތިނަދޫ ހުކުރުމިސްކިތް - 1950
ހަވަރުތިނަދޫ ހުކުރުމިސްކިތުގެ ނަމުން މަޝްހޫރުވި މިސްކިތަކީ ހަވޮއްޑޭ މުދިންބެ ފާތިޙާ ޞަލަވާތް ކިޔުއްވުމަށްފަހު ހަވަރުތިނަދޫ ޢަބުދުﷲ ކަތީބާއި ތުއްތުކަތީބު(ޙަސަން ޙިލްމީ) ބިންގާ އަޅުއްވައިދެއްވި މިސްކިތެވެ. މިމިސްކިތުގެކުރިން އެ ތާނގައިހުރި މިސްކިތަށްވުރެ މިއައު މިސްކިތް ބޮޑުކުރީ މިސްކިތުގެ ހުޅަނގަށް(މިޙުރާބުގެ ހުންނަ) ބަޔާއި މިސްކިތުގެ އިރުމަތީ ދެވަނަބިތުން ބޭރަށް ތިންރިޔަން ބަޔެވެ. (3 ރިޔަން ބަޔަކީ 72 އިންޗި ނުވަތަ 6 ފޫޓެވެ.) މި މިސްކިތުގެ ވަޑާމުގެ އިސް މާވަޑިއަކީ ތިނަދޫގެ މަޝްހޫރު މާވަޑި މޫސާތަކުރުފާނު (ސީވިޔް/ތިނަދޫ)އެވެ.

14
ޖުމާދިލްއައްވަލް 1369ހ. (04 މާރޗް 1950މ.) ގައި ބިންގާއަޅައި 01 ޖުމާދިލްއައްވަލް 1371ހ. (28 ޖެނުއަރީ 1952މ.)ގައި ޢިމާރާތްކޮށް ނިމި ނަމާދުކުރަން ފެށި މިސްކިތް 1962މ. ގައި އެރަށުން މީހުންބޭލިއިރު ވެސް ހުރި ހުކުރުމިސްކިތަކީ މިއެވެ. އޭގެފަހުން 1966މ. ގައި ހަވަރުތިނަދޫގައި ދެވަނަފަހަރަށް ބަޔަކު ވަޒަންވެރިވީއިރު ވެސް މިސްކިތްހުރީ އެގޮތަށެވެ. 

މި މިސްކިތުގެ ބިންގާއެޅިއިރު ޢަބުދުﷲ ކަތީބާއި ތުއްތުކަތީބުގެ އިތުރަށް ވެރިންގެގޮތުގައި އެރަށުގައި ތިއްބެވީ އިސްކަތީބު ޙާޖީ މުޙައްމަދު ކަލޭގެފާނާއި އަބޫބަކުރު ކަތީބު ކަލޭގެފާނާއި ކަތީބު ޙުސައިންދީދީ(އޮޅަދީދި ކަތީބު)އާއި ކުޑަކަތީބު ގާސިމް ތަކުރުފާނާއި މުދިމް ޙުސައިން ތަކުރުފާނާއި ނާއިބު އިސްމާޢީލްދީދީ(އިސްމާޢީލް ޒާހިރު) އެވެ.

އަލްއަމީރު މުޙައްމަދު އަމީން ދިވެހިދައުލަތް ހިންގެވި ދުވަސްވަރު (01 ޖެނުއަރީ 1953މ. ގައި ރައީސްކަން ލިބިވަޑައިގަތުމުގެ ކުރިން) ތިނަދޫއަށް ވަޑައިގަތް ދުވަހެއްގައި ރާނާ އުވަނުޖަހާހުރި ހުކުރުމިސްކިތް ބެއްލެވުމަށްފަހު އޭނާ އަތޮޅުތެރެއަށް ވަޑައިގެން ދެ ދުވަހެއްގެފަހުން އެނބުރި ތިނަދޫއަށް ވަޑައިގަތްއިރު އެތެރެއާ ބޭރުގައި އުވަޖަހައި މި މިސްކިތް ނިންމާފައިވުމަކީ އެ ކިލެގެފާނު ޙައިރާންފުޅުވި އަވަސް މަސައްކަތެއްކަމަށް ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވައިފައިވެ އެވެ.

އުވައަކީ ސިމެންތި ހިކޭހާ އަވަހަށް ހިކޭ އެއްޗެއްނޫނެވެ. ލަކުޑިއާއި ދަރާއި އަކިރި އެންދީމާ އެއިން ނެގޭ އެއްޗެކެވެ. އެ ފަހަރު ވިއްސާރަ މޫސުމެއްގައި މި މިސްކިތުގެ ބޭރުގައި އުވަޖަހަންވުމުން ވާރެއިން ހިޔާކުރަންޖެހޭތީ އެކަންކުރީ މިސްކިތުގެ ބޭރުގައި ހަތަރެސްކަން ރިޔާ ދަމައިގެންނެވެ. އެއީ އެ ދުވަސްވަރު ތިނަދޫގައި ހުރި ބޭރު ދަތުރުކުރާ އޮޑިފަހަރުގެ ބޮޑެތި ރިޔަލެވެ.

އަލްއަމީރު މުޙައްމަދު އަމީން ދިވެހިދައުލަތް ހިންގެވި ދުވަސްވަރު ރާއްޖެތެރޭގެ ރަށްރަށުގެ މިސްކިތްތަކުގައި ހުރި ބޯގަފަތްކޮޅާއި އެނޫން ވެސް ތާރީޚާ ގުޅުންހުރި ބައެއްކަހަލަ ލިޔުންތައް މާލެއަށް ގެންނެވުމަށްޓަކައި އެ ރަށްރަށަށް ވަފުދެއްގެ ބޭފުޅުން ފޮނުއްވައި އެފަދަ އެއްޗެހި މާލެއަށް ގެންދެވިކަމުގެ މަޢުލޫމާތު ލިބިފައިވެ އެވެ. މިވަފުދު ތިނަދުއަށް ވަޑައިގަތްއިރު އެ ރަށުގައިހުރީ ޖާގައިގޮތުން ހުކުރުނަމާދުގައި ދަތިވާތީ ޖާގަ ބޮޑުކުރުމަށްޓަކައި 1950މ. ގައި ބިންގާއަޅައި ޢިމާރާތްކުރި މިސްކިތުގެކުރިން އެ ތާނގައިހުރި މިސްކިތެވެ. މި ވަފުދުގެ ބޭފުޅުން މާލެއަށް ގެންދެވި ތިނަދޫގެ މިސްކިތްތަކުގެ ބޯގަފަތްކޮޅާއި އެނޫން ވެސް ތާރީޚާ ގުޅުންހުރި އެއްޗެތީގެތެރޭ ހުކުރުމިސްކިތުގެ ބެރިއެއްގައި ޢަރަބިބަހުން ލިޔެފައިހުރި ލިޔުމެއްގެ ނަކަލެއް ގެންދެވި އެވެ.

އިރާދަކުރެއްވިއްޔާ މި ދެންނެވި ނަކަލާއި އެއާއި ގުޅުންހުރިކަމަށް ބެލެވިދާނެ ކަންކަމުގެމައްޗަށް ބައެއް ބޭފުޅުންގެ އިރުޝާދާއި މަޢުލޫމާތު ހޯދުމަށްފަހު ކޮންމެވެސް އެއްޗެއް ދަންނަވައިލެވޭތޯ މަސައްކަތްކުރާނަމެވެ.
               ---------------------
ޢަބުދުﷲ ޙިލްމީ
07 އޮކްޓޫބަރ 2015މ.