ހަވަރުތިނަދޫ ހުކުރުމިސްކިތް – 1950ގެ ކުރީގެ











ހުކުރުމިސްކިތުގެ ނަމުގައި އެކި ދުވަސްވަރު އެކި ބޮޑުމިނުގައި ހުވަދުއަތޮޅު ތިނަދޫން ފެންނަމުން ގޮސްފައިވާ މިސްކިތްތައް ހުންނަ ތާނގައި ކުރިން ހުންނަނީ، ހުކުރު ޞައްޙަވާކަމަށް އެދުވަސްވަރު ބެލެމުންދިޔަ 40 މީހުންނަށް ޖާގައިގެގޮތުން ދަތިނުވެ ނަމާދުކުރެވޭ ވަރުގެ މިސްކިތެއްނޫނެވެ. އެއަށްވުރެ ޖާގަ ދަތި ކުޑަ މިސްކިތެވެ. ނަމަވެސް މި ސަރަޙައްދަކީ އެ ދުވަސްވަރު ރަށުގެ މެދުތެރެއަށްވެފައި ރަށާއި އަތޮޅު ހިންގުމުގެ އިދާރާތައް ވެސް ހުންނަ ހިސާބަށްވާތީ މިތާނގައި ހުންނަ މިސްކިތަކީ ޖާގައިގެގޮތުން ރަށުގެ ރައްޔިތުންނަށް ހުކުރުނަމާދުކުރެވޭ ވަރުގެ މިސްކިތަކަށް ބަދަލުކުރަން ޖެހުނެވެ. މި ބަދަލު ގެނެސް މިތާނގައި ހުންނަ މިސްކިތުގައި ހުކުރުނަމާދު ކުރުމުގެ ކުރިން ތިނަދޫގައި ހުކުރުނަމާދު ކުރަމުން ދިޔައީ ތިނަދޫ ދެކުނުކޮޅު މިސްކިތުގައެވެ. މިހެންވީ ނަމަވެސް އެ މިސްކިތަށް ހުކުރުމިސްކިތޭ ނުކިޔައެވެ. 


ހުވަދުއަތޮޅު ތިނަދޫ ދެކުނުކޮޅު މިސްކިތް ޢިމާރާތްކުރެއްވީ ތިނަދޫގެ އަމިއްލަފަރާތަކުންނެވެ. 1284ހ. (1876މ.)ގައި ސުލްޠާން މުޙައްމަދު ޢިމާދުއްދީން(4) މި މިސްކިތަށް ދެއްވި ބޯގަ ފަތްކޮޅުން އެނގޭގޮތުގައި ތިނަދޫ ދެކުނުކޮޅު މިސްކިތް ޢިމާރާތްކުރެއްވީ ހަވަރުތިނަދޫ މޫސާގެ ދަރިކަލުން ޢަލީ އެވެ.

ހުކުރުމިސްކިތުގެ ނަމުން ނަންކިޔަން ފެށުނު ފުރަތަމަ މިސްކިތަކީ ތިނަދޫގައި ކުރިން ހުކުރުނަމާދު ކުރަމުންދިޔަ ތިނަދޫ ދެކުނުކޮޅު މިސްކިތުގެ ފަހުން އެ މިސްކިތެއްގެ ޖާގަ ބޮޑުކޮށް ހުކުރުކުރަން ފެށި މިސްކިތެވެ. އޭރުއްސުރެ ތިނަދޫގެ މާމިސްކިތަކީ މިއެވެ. ހުވަދުއަތޮޅު މެންތަންދުއާއި ބޮޑުރެހާއާ ދެ ފަޅުރަށުން ލިބޭ އެއްޗަކުން ތިނަދޫގެ މި މާމިސްކިތަށް ބޭނުންވާނޭ ޚަރަދުބަރަދުގެ ކަންކަން ހިންގައި ބެލެހެއްޓުން ތިނަދޫ އެންމެހައި ރައްޔިތުންނާއި މަތިކުރައްވައި، 1347ހ. ގައި ސުލްޠާން މުޙައްމަދު ޝަމްސުއްދީން(3ވަނަ) ވަނީ މި މިސްކިތަށް ބޯގަފަތްކޮޅެއް ވެސް ދެއްވާފަ އެވެ.



















މިސްކިތާއި އެއްގޮތްވުން ކައިރިކަމަށް ބެލެވޭ 2 މިސްކިތެއްގެ ފޮޓޯ

މި މިސްކިތް އުވިދިޔައީ މި މިސްކިތް އެތެރެއަށްވާ ގޮތަށް އޭގެ ބޭރުން ބޮޑު މިސްކިތެއް ޢިމާރާތްކުރުމުންނެވެ. އެއީ 1950މ. ގައި ޢިމާރާތްކުރި ތިނަދޫ ހުކުރުމިސްކިތް "މަސްޖިދުލް ޣާޒީ މުޙައްމަދު"އެވެ. 1962މ. ގައި ހަވަރުތިނަދޫން މީހުން ބޭލިއިރު އެރަށުގައި ހުރީ 1950މ. ގައި ޢިމާރާތްކުރި މިސްކިތަށް އެއްވެސް ބަދަލެއް ނުގެނެސްއެވެ.












1950މ. ގައި ބިނާކުރި ތިނަދޫ ހުކުރުމިސްކިތް

މިހެންވެފައިވަނިކޮށް އުވާލެވުނު މިސްކިތުގެ ތަރާގަނޑުން(ވީރާނާވެފައިވާ ބިންގަލުން) ފެށިގެން މަތީގެ ބައިތަކެއް ހޯދުނީ މިސްކިތެއް ވެސް ހިމެނޭ އިސްލާމިކް ސެންޓަރެއް ބިނާކުރުމަށްޓަކައި ތިނަދޫ ހުކުރުމިސްކިތް "މަސްޖިދުލް ޣާޒީ މުޙައްމަދު" ރޫޅާލައި ބިން ސާފުކުރުމުގެ މަސައްކަތްކުރުމުގެ ތެރޭ 22 ނޮވެމްބަރ 2015މ. ގަ އެވެ.










"މަސްޖިދުލް ޣާޒީ މުޙައްމަދު" ރޫޅާލުމުގެ މަސައްކަތްކުރަނީ

ގާތްގަނޑަކަށް ދެތިންފޫޓު މައްޗަށް ފެންނަންހުރި މި ތަރާގަނޑު ހުރީ 1950މ. ގައި ޢިމާރާތްކުރި ތިނަދޫ ހުކުރުމިސްކިތް "މަސްޖިދުލް ޣާޒީ މުޙައްމަދު"ގެ ޢިމާރާތުގެ ބިންގަނޑުތެރޭގަ އެވެ. މި މިސްކިތް ފުރަތަމަ ޢިމާރާތްކޮށްފައިވަނީ 22.3+18.5 ފޫޓުގެ ބޮޑުމިނުގަ އެވެ. ނަމަވެސް އަހަރުތަކެއްގެ ފަހުން މިސްކިތުގެ އުތުރާއި ދެކުނާއި އަދި އިރުމައްޗަށް ފެންޑާތަކެއް ހަދައި މިތާނގައި ވެސް ނަމާދުކުރެވޭގޮތް ވުމުން މިސްކިތުގެ ބޮޑުމިންވަނީ 28.7+30.3 ފޫޓަށް ބަދަލުވެފަ އެވެ. އަދި އޭގެފަހުން ވެސް އިރުމަތީ ފެންޑާ އިތުރަށް ބޮޑުވެފައިވާކަމަށް ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީގެ ލިޔުއްވުމުން އެނގެ އެވެ.













1950މ. ގެ ކުރިން ހުރި މިސްކިތުގެ ތަރާގަނޑު ފެނުނު ފޮޓޯ

"މަސްޖިދުލް ޣާޒީ މުޙައްމަދު"ގެ ޢިމާރާތުގެ އެތެރެއިން ހޯދުނު ކުރީގެ މިސްކިތުގެ ތަރާގަނޑަކީ ޢިމާރާތްކުރިތާ އަހަރުތަކެއްގެ ފަހުން ޖާގަ ބޮޑުކުރުމަށްޓަކައި އެ މިސްކިތުގެ އުތުރާއި ދެކުނާއި އަދި އިރުމައްޗަށް ވެސް ފެންޑާ ހަދައި ޖާގަ ބޮޑުކޮށްފައިވާ މިސްކިތެކެވެ. މި ފެންޑާތައް ހެދިކަމަށް ބެލެވެނީ 1300ހ. (1882މ.)ގަ އެވެ. މިގޮތަށް ބެލެވެނީ މި ބިނާގެ އިރުމަތީ ފެންޑާ ހެދުމުގެތެރޭ ފޮރުވިގެންދިޔަ ކުރީ މިސްކިތުގެ ގަލުވަޑާމުގެ ކުރެހުންތަކެއް ހުރި ގަލެއްގައި މިގޮތަށް ۱۳00 (1300) ލިޔެފައިވުމުންނެވެ.



















ގަލުގައި 1300 އޮތް ތަންކޮޅާއި އެ ގާ

ޢަރަބި ވިޔައަކުރުން 1300 އޮންނަނީ ۱۳۰۰ މިގޮތަށްކަމަށް ވާތީ، ކުރެހުންތަކެއް ހުރި ގަލުން މި ޢަދަދު ދެކިފައިވާ ބައެއް މީހުން ބުނަނީ އެއީ 1300 ކަމަށެވެ. އަދި އެއީ 1355 (۱۳۵۵) އަށް ވެސް ވެދާނެކަމަށް ބުނާ ބަޔަކު ތިއްބެވެ.

ގަލުވަޑާމުގެ ކުރެހުންތަކެއް ހުރި ގަލުގައި ލިޔެފައި އެ ވަނީ 1300 އަށް ވިޔަސް، ނޫނީ 1355 އަށް ވިޔަސް އެއީ މި މިސްކިތް ޢިމާރާތްކުރި ހިޖުރީ ތާރީޚުކަމަށް ބެލެވޭކަށް ނެތެވެ. މިސްކިތް ޢިމާރާތްކުރުމުގެ، ނޫނީ އެ ކުރެވުނީ ބޮޑު މަރާމާތެއްކަމަށް ވިޔަސް އެ ކުރެވުނުކަމެއް ކުރުމުގެ ފުރުޞަތު ބޮޑީ 1109ހ. (1697މ.) ން ފެށިގެން ގިނަވެގެން ދެތިން އަހަރެއްގެތެރޭގަ އެވެ. ގިނަވެގެން ދެތިން އަހަރަކީ އެ ދުވަސްވަރުގެ މެދުމިނުގެ މިސްކިތެއް ބިނާކުރެވޭނޭ ނުވަތަ އެ މިނުގެ މިސްކިތެއްގެ ބޮޑު މަރާމާތެއްކުރެވޭނޭ ވަރުގެ ކުޅެދުންތެރި ބަޔަކަށް އެކަމެއް ކުރުމަށް ކުޑަ މުއްދަތެއްނޫނެވެ.


















































1950މ.ގެ ކުރީ މިސްކިތުގެ ތަރާގަނޑުގެ ފޮޓޯތަކެއް


މަތީގައި ދެންނެވިދިޔަ ކަންކަމަށާއި އެހެން ބައެއް ކަންކަމަށް އިތުރަށް ބަލައިލުން:

ހ- ތަރާގަނޑު ފެނުނު މިސްކިތުގައި ނަމާދުކުރި ބައެއް މީހުން މިހާރުވެސް ތިނަދޫއާއި އެނޫން ބައެއް ރަށްރަށުގާ ވެސް ތިބި މި މިސްކިތުގެ ގަލުވަޑާމާއި ލިޔެ ލާޖެހި ލާގެތެރޭ ބެރިއެއްގައި ޢަރަބިން ލިޔެފައިވާ ލިޔުމަކީ، 1300ހ. ނުވަތަ 1355ހ. ވަނަ އަހަރާ ހަމައަށް އަންނައިރު އެ ބޭފުޅެއް އަވަހާރަވީތާ ގަރުނަކާއި އަދި އޭގެ އިތުރަށް މަދުވެގެން 40އަށް ވުރެ ގިނަ އަހަރުވެފައިވާ، އަންހެން ބޭފުޅެއް އަވަހާރަވީ ވާހަކައާއި މިނޫންވެސް އެ ކަމަނާއާއި ގުޅޭ ބައެއް ލިޔުންތަކެވެ.  މިކަން މިހެން އޮތްއިރު މި ބޭފުޅަކާއި ތިނަދޫއާއި އޮތް އެއްވެސްކަހަލަ ގުޅުމެއް ވެސް އެނގޭކަށް ނެތެވެ. މިހެންވުމުން މި މިސްކިތަކީ 1300 ނުވަތަ 1355 ވަނަ އަހަރު ޢިމާރާތްކުރި މިސްކިތެއްނަމަ އެ ލިޔުން ލިޔުމުގެ އެއްވެސް ބޭނުމެއް އޮވެދާނެކަމަށް ގަބޫލުކުރަން ދައްޗެވެ. މިދެންނެވި އަންހެން ބޭފުޅަކީ ދެއްވަދޫ ރަސްގެފާނުގެ އަނބިކަނބަލުން ކަނބާ ޚަދީޖާ އެވެ. 1109ހ. (1697މ.) ގައި އެ ކަމަނާ އަވަހާރަވެ ފަސްދާނުލެވިފައިވަނީ ވެސް ތިނަދޫގައި ނޫނެވެ. ދެއްވަދޫ ރަސްގެފާނުގެ ޒިޔާރަތުގެ ތެރޭ މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގަ އެވެ.












1950މ. ގެ ކުރިން ތިނަދޫގައި ހުރި ހުކުރުމިސްކިތުގެ ލާގެތެރޭ ބެރިއެއްގައި ހުރި ޢަރަބިލިޔުން

ށ- ތަރާގަނޑު ފެނުނު މިސްކިތުގެ ބެރިއެއްގައި ކަނބާ ޚަދީޖާއާއި ގުޅުންހުރި ލިޔުމެއް ހުރުމަކީ، މި މިސްކިތް ބިނާކުރެއްވީ އެ ކަމަނާގެ ފިރިކަލުން ސުލްޠާން މުޙައްމަދު ބިން ޙާއްޖު ޢަލީ ނުވަތަ ދެއްވަދޫ ރަސްގެފާނު ކަމަށް ބަލަންޖެހޭ ސަބަބެއްނޫނެވެ. އެހެނީ، ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތްތަކުގައި އެ ރަދުންގެ ސިއްކަ ހުރެ އެވެ. ތިނަދޫގައި ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި ހުއްޓޭކޮޑު (ފުށިކޮޅު) މިސްކިތް "މަސްޖިދުލް ސުލްޠާން މުޙައްމަދު" ގައި ވެސް އެ ރަދުންގެ ސިއްކަ ހުއްޓެވެ. މިހެންމެ، މާލޭގެ 6ވަރު ނިސްބަތްވާ 6 ބޮޑުބޭކަލުންގެ ނަންފުޅުވެސް އެނގޭގޮތަށް އެ ބޭކަލުން މި މިސްކިތަށް ދެއްވި ބޯގަފަތްކޮޅުން ވެސް މި މިސްކިތް ޢިމާރާތްކުރެއްވީ ދެއްވަދޫ ރަސްގެފާނުކަން އެނގެއެވެ.
















ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތްތަކުގައި ހުންނަ އެ ރަސްގެފާނުގެ ސިއްކަ

އެ ދުވަސްވަރު ދެއްވަދޫ ރަސްގެފާނު ހުވަދުއަތޮޅުގައި ބިނާކުރައްވައި އެ ރަދުންގެ ސިއްކަޖަހާފައިވާ ދެ މިސްކިތަކީ ތިނަދޫ މިސްކިތާއި މަގުއްދޫގެ މިސްކިތްކަމަށް ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއާ ޙަވާލާދެއްވައި އަލްފާޟިލާ ނަސީމާ މުޙައްމަދު "ހަވީރު" ނޫހުގައި ލިޔުއްވާފައިވެ އެވެ.
http://www.haveeru.com.mv/dhivehi/history/122735













ދެއްވަދޫ ރަސްގެފާނު ތިނަދޫގައި ބިނާކުރެއްވި މިސްކިތް ބޭރުން ފެންނަގޮތް – 1966
















ދެއްވަދޫ ރަސްގެފާނު ތިނަދޫގައި ބިނާކުރެއްވި މިސްކިތް ބޭރުން ފެންނަގޮތް – 2008

1109ހ. ގައި ކަނބާ ޚަދީޖާ އަވަހާރަވީއިރު އެ ކަމަނާގެ ފިރިކަލުން ދެއްވަދޫ ރަސްގެފާނު ތިނަދޫގައި ބިނާކުރެއްވި މިސްކިތް(މަސްޖިދުއް ސުލްޠާން މުޙައްމަދު)ވަނީ އޭގެ 4 އަހަރުކުރިން 1105ހ. ގައި މުޅިން ނިމިފަ އެވެ. މިހެންވީމާ ކަނބާ ޚަދީޖާ އަވަހާރަވުމުން އެ ވާހަކަ އެ ކަމަނާގެ ފިރިކަލުން ޢިމާރާތްކުރެއްވި މިސްކިތުގެ ލާގެތެރޭ ލިޔެލާޖެހި ބެރިއެއްގައި ލިޔުމުގެ ފުރުޞަތު ކުޑަ އެވެ. މި ކަންކަން މި ގޮތަށް އޮތުމާއެކު އެ ކަމަނާގެ ވާހަކަ ތިނަދޫގެ އެހެން މިސްކިތެއްގެތެރޭ ހުރުން އެކަށީގެންވާ 2 ގޮތެއް އެބަ އޮތެވެ.

ފުރަތަމަ ގޮތަކީ، ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު ބައެއް ރަށްރަށުގެ މިސްކިތްތަކުގެ މަރާމާތާއި އާބާތުރަ ފިލުވުން ފަދަ ކަންކަން ރާއްޖޭގެ އެންމެމަތީ ވެރިކަމުގެ (ރަސްގެފާނުގެ އަނބިކަނބަލުން ވެސް ހިމެނިވަޑައިގަންނަވާ ގޮތުން) ދީލަތި ޢިނާޔަތެއް ވެސް އޮވެގެން ހިނގަމުން ގޮސްފައިވާތީ މި މިސްކިތުގައި އެފަދަކަމެއް ހިނގަމުންދަނިކޮށް އެ ރަސްގެފާނުގެ އަނބިކަނބަލުން ޚަދީޖާ 7 ރަބީޢުލްއާޚިރް 1109ހ. ގައި އަވަހާރަވީމާ އެ ވާހަކައާއި އެއާއިގުޅިގެން އެ ކަމަނާގެ ފާފަ ފުއްސަވައި ސުވަރުގޭގެ ރަޙުމަތްލެއްވުމަށް ދުޢާކުރާ ވާހަކަ ލިޔުމެވެ. އެ ކަމަނާގެ ފިރިކަލުން ފުރައުއްތަވީ އެ ކަމަނާ އަވަހާރަވީތާ 3 އަހަރެއްހާ ދުވަހުގެ ފަހުންނެވެ.

ދެވަނަގޮތަކީ، ދެއްވަދޫ ރަސްގެފާނު ތިނަދޫގައި ބިނާކުރެއްވި މިސްކިތުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވައިލެއްވުމަށް ދެއްވަދޫގައި އިންނަވާފައި ތިނަދޫއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަސްގެފާނުގެ ދައްތާފުޅު ޛުލައިޚާ އަވަހާރަވުމުން ތިނަދޫ ހުކުރުމިސްކިތް ހުރި ތާނގައި އެ ދުވަސްވަރު ހުރި މިސްކިތުގެ އުތުރުފަރާތު ބިސްތާނައިގައި އެ ކަމަނާ ފަސްދާނުލެވިފައި ވުމުން އެ މިސްކިތާއި ދެއްވަދޫ ރަސްގެފާނުގެ ދެ ކަނބަލުންގެ އިތުރަށް އެ ޚާންދާނާއި ވެސް އެ ދުވަސްވަރު އޮތުން އެކަށީގެންވާ ގާތް ގުޅުމެކެވެ. މި ކަމުގެ ސަބަބުން އެ ދުވަސްވަރު އެ މިސްކިތަށް ބޭނުންވާ މަރާމާތާއި ފިލުވަންޖެހޭ އާބާތުރަ ފިލުވުމުގައި ދެއްވަދޫ ރަސްގެފާނުގެ (އަނބިކަނބަލުން ވެސް ހިމެނޭގޮތުން) ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން އޮތުމަކީ އެ ކަން އެ ގޮތަށް ނެތުމަށްވުރެ އޮތުން އެކަށީގެންވާ ކަމެކެވެ.

ނ- "މަސްޖިދުލް ޣާޒީ މުޙައްމަދު"ގެ ޢިމާރާތުގެ އެތެރެއިން ހޯދުނު ކުރީގެ މިސްކިތުގެ ތަރާގަނޑަކީ 1355ހ. (1936މ.) ގައި ބިނާކުރި މިސްކިތެއްގެ ތަރާގަނޑުނަމަ، އޭގެ 14 އަހަރު ފަހުން 1369ހ. (1950މ.) ގައި މިސްކިތް ރޫޅާލައި އެ ތާނގައި އެއަށްވުރެ ބޮޑު މިސްކިތެއް ޢިމާރާތްކުރަން ޖެހެނީ ކީއްވެތޯ ސުވާލުއުފެދެ އެވެ. އެހެނީ، ބެލެހެއްޓޭ މިސްކިތެއްގެ ޙަޔާތުގައި 14 އަހަރަކީ ދިގު މުއްދަތެއްނޫނެވެ. ވީއިރު އެ މުދަތުގެ ތެރޭ އެ މިސްކިތެއް ނައްތާލަން ޖެހެނީ އެ މިސްކިތުގައި ހުކުރުނަމާދު ކުރާ މީހުންނަށް ޖާގަނުލިބޭވަރަށް އެ މުދަތުގެ ތެރޭ ރަށުގެމީހުން (ފިރިހެނުން) ގިނަވީތޯ، ނޫނީ 14 އަހަރުގެ ތެރޭ މިސްކިތް ބާވީތޯ މި ހުންނަނީ އެކަންކަމަށް ވިސްނާލުން ނެތް ކަންކަމެއް ނޫނެވެ. ވިސްނާލުން އޮތް ކަންކަމެވެ.

ތިނަދޫގެ ކަތީބުކަމާއި ގާޟީކަން ވެސް ކުރެއްވި ބޭފުޅެއްކަމަށްވާ ތިނަދޫ ޕާމްޝޭޑް އަލްފާޟިލް އަޙުމަދު ޙަބީބު މަޢުލޫމާތުދެއްވި ގޮތުގައި ގަލުވަޑާމާއި ލިޔެލާޖެހި ލާގެހުރި މި (އާސާރީ) މިސްކިތް ނައްތާލައި އެ ތާނގައި އެހެން މިސްކިތެއް ބިނާކުރެއްވުމަކީ 2 ފަހަރުމަތިން 31 އަހަރު ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވުމަށްފަހު، އޭރު ތިނަދޫގެ އިސް ވެރިއަކަށް (އިސް ކަތީބަކަށް) ހުންނެވި ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނު ރުހިވަޑައިގެންނެވި ކަމެއްނޫނެވެ. ނަމަވެސް އެ ދުވަސްވަރު ތިއްބެވި ވެރިންގެ ތެރެއިން ޒުވާން 2 ވެރިއެއްގެ އިސްނެންގެވުމާއި ދޫނުކުރެއްވުމުގެ ތެރެއިން އެ ކަން ކުރެއްވީ އެވެ. އެއީ ޢަބުދުﷲ ކަތީބު(ޢަބުދުﷲ މޫސާ) އާއި ތުއްތުކަތީބު(ޙަސަން ޙިލްމީ) އެވެ.

ޢަބުދުﷲ ކަތީބާއި ތުއްތުކަތީބުގެ އިތުރަށް އޭރު ރަށުގެވެރިންނަށް ތިއްބެވީ، ޙާޖީ މުޙައްމަދު ކަލޭގެފާނާއި އަބޫބަކުރު ކަތީބު ކަލޭގެފާނާއި ކަތީބު ޙުސައިންދީދީ (އޮޅަދީދި ކަތީބު)އާއި ކުޑަކަތީބު ގާސިމް ތަކުރުފާނާއި މުދިމް ޙުސައިން ތަކުރުފާނާއި ނާއިބު އިސްމާޢީލްދީދީ (އިސްމާޢީލް ޒާހިރު) އެވެ. އަތޮޅުވެރިއަކީ ވީރު ޢަލިދީދީ އެވެ. 

ގަލުވަޑާމާއި ލިޔެލާޖެހި ލާގެހުރި ތިނަދޫގެ ކުރީގެ (އާސާރީ) ހުކުރުމިސްކިތް ނައްތާލުމުގައި ރަށުގެ އިސް ކަތީބު ޙާޖީ މުޙައްމަދު ކަލޭގެފާނުގެ ރުހިވަޑައިގަތުމެއް ނެތީ އެއީ އާސާރީ މިސްކިތެއްގެ ގޮތުގައި ބެހެއްޓެވުން ކަމަށް ވެދާނެ އެވެ. މިހެންމެ ރަށުގެ ވެރިންގެ ތެރެއިން އެހެން ދެ ބޭފުޅެއްކަމަށްވާ ޢަބުދުﷲ ކަތީބާއި ތުއްތުކަތީބު މަސައްކަތްކުރެއްވީ ޖާގަ ބޮޑު މިސްކިތެއް ބިނާކުރެއްވުން ކަމަށް ވެސް ވެދާނެ އެވެ. މިގޮތުން ޖާގަބޮޑު މިސްކިތެއް ބިނާކުރުމަށްފަހު އެ މިސްކިތް ހުޅުއްވައިދެއްވީ 3 ޝަޢުބާން 1372ހ. (18 އެޕްރީލް 1953މ.) ގައި ރައީސް މުޙައްމަދު އަމީނެވެ.











ރައީސް އަމީން ހުވަދުއަތޮޅު ތިނަދޫގައި

ރ- 1950މ. ގައި ޢިމާރާތްކޮށް އޭގެފަހުން އެކި އަހަރު އެކި ވަރުގެ އެކި މަރާމާތުތައް ކުރަމުންދިޔަ ތިނަދޫ ހުކުރުމިސްކިތް "މަސްޖިދުލް ޣާޒީ މުޙައްމަދު" ހުރި ތަނަކީ ޣާޒީ ރަދުންގެ ދުވަސްވަރުން ފެށިގެން މިސްކިތެއް ހުންނަ ތަނެކެވެ.

އުތީމުރަދުން ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު ރާއްޖޭގެ ދެކުނަށްކުރެއްވި ދަތުރުފުޅުގައި ތިނަދޫއަށް ވަޑައިގަތްއިރު އެ ރަށުގައި ޣައިރުދީނުގެ ބަޔެއް ތިބިކަމަށާއި އެފަދަމީހުން އަޅުކަންކުރާ ތަނެއް ވެސް އެ ރަށުގައި ހުރިކަމަށް ކުރިއްސުރެ ތިނަދޫގެ ހަރުދަނާ މުސްކުޅިން ވެސް ބުނަމުން ގޮސްފައިވެ އެވެ.

އެ ދަތުރުފުޅުގައި އުތީމުރަދުންގެ ގޮވައިލެއްވުމަށް މާތްވެގެންވާ އިސްލާމްދީން ޚިޔާރުކުރުމަށްފަހު އެބައިމީހުން ނަމާދުކުރާނޭ ފުރަތަމަ މިސްކިތަކަށް ހަމަޖެއްސެވީ އޭގެކުރިން ޣައިރުދީނުގެ އަހުލުވެރިން އަޅުކަމަށް ބޭނުންކުރި ތަނެވެ. މުސްލިމުން އަޅުކަންކުރާ މިސްކިތަކަށް އެ ތަން ބަދަލުކުރެއްވީ ޣައިރުދީނުގެ އަސަރުތައް އެ ތަނުން ފުހެލައްވައި އާބާތުރަ ފިލުއްވުމަށްފަހު އެވެ. ފަހުން އެ ތާނގައި އަލުން މިސްކިތެއް ވެސް ޢިމާރާތްކުރެވުނެވެ. އޭރުއްސުރެ 1962މ. ގައި ތިނަދޫއިން މީހުންބޭލުމާ ހަމައަށް ވެސް އެ ތާނގައި ނަމާދުކުރާ މިސްކިތެއް ހުރެ އެވެ.












ޣައިރުދީނުގެ މީހުން އަޅުކަންކުރުމަށް ބޭނުންކުރި ތާނގައި ހަވަރުތިނަދޫން މީހުން ބޭލިއިރު ހުރި މިސްކިތް

މިއީ މިހާރު އެ ރަށުގެ "އަލިހަނދުވަރުގެ" އެ ހުރި ހިސާބެވެ. އެ ފަހަރު އުތީމު ރަދުން މާލެވަޑައިގެންފައި ތިނަދޫގައި އެކަށީގެންވާ އެހެން މިސްކިތެއް ވެސް ބިނާކޮށްދެއްވިއެވެ. އެއީ ހުކުރުމިސްކިތް "މަސްޖިދުލް ޣާޒީ މުޙައްމަދު" ހުރި ތާނގައި ބިނާކުރެއްވި މިސްކިތެކެވެ.

އުތީމު ރަދުން ބިނާކޮށްދެއްވި މިސްކިތުގެ ޖާގަކުޑަވެ އެ މިސްކިތުގެބޭރުން ފަހުން މިސްކިތް ބޮޑުކުރި ނަމަވެސް ނުވަތަ ކުރިއަށްވުރެ ބޮޑު މިސްކިތެއް ބިނާކުރިއަސް އުތީމުރަދުންގެ މިސްކިތުގެ ބިނާގެ އަސަރު ބޮޑުކުރި ހުކުރުމިސްކިތުގެ އެތެރެއިން ފެންނަން ހުންނާނެކަމަށް ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީގެ ލިޔުއްވުމުންނާއި އަދި ތިނަދޫގެ ކުރީގެ ހަރުދަނާ މުސްކުޅިންގެ ވާހަކަތަކުން ވެސް އެނގެ އެވެ.

"މަސްޖިދުލް ޣާޒީ މުޙައްމަދު" ރޫޅާލައި އޭގެކުރީ އެ ތާނގައި ހުރި މިސްކިތުގެ ތަރާނގަޑު ހޯދުމުގެ މަސައްކަތްކުރުމުގެ ތެރޭ އޭގެ ކުރީގެ ބިނާއެއްގެ ގައުތައްކަމަށް ބެލެވޭ އެކި ވަރުވަރުގެ ގައުތަކެއް އެގޮތްމިގޮތަށް ހުއްޓާ މިތަރާގަނޑުގެ އަޑިން ކަޅުވެލިތަކުގެ ތެރެއިން ފެނިފައިވެ އެވެ. މި ކަޅުވެލިތަކުގެ އަޑީގައިވަނީ ފެންފަށަލަ އެވެ. ކަޅުވެލިތަކުގެ މައްޗަށްހުރީ ހަތަރު ފަސް އިންޗީގެ ބޯމިނަށް ދޮންވެލި އަޅައި އެއްވަރުކޮށްފަ އެވެ. މި ދޮންވެލިތަކުގެ މަތީގައި އެއްވަރަށް އަތުރާފައިވާ ވެލިގައުތަކެއްގެ މަތީގައިވަނީ އެ ޒަމާނުގައި އެކަން ކުރެވެން އޮންނަގޮތަށް އުވައިން ތަޅުން އަޅާފަ އެވެ. މިހެންވުމުން މިއީ އެންމެކުރިން އެ ތާނގައި ޣާޒީ ރަދުންގެ ދުވަސްވަރު ބިނާކުރި މިސްކިތުގެ ގައުތައްކަމަށް ވުމަކީ ވެދާނެ ކަމެކެވެ.














"މަސްޖިދުލް ޣާޒީ މުޙައްމަދު" ބޭރުން ފެންނަގޮތް - 2008

ނިންމާލުން:

ނިންމާލަމުން ހަމަ އެންމެ ކަމެއްގެ ވާހަކަ ދަންނަވައިލާނަމެވެ. ދިވެހި ސަރުކާރުގެ ކަމާބެހޭ ވެރިންގެ އަރިހުން އެދޭ ކަމެކެވެ. އެއީ، ހުވަދުއަތޮޅު ތިނަދޫ ހުކުރުމިސްކިތް "މަސްޖިދުލް ޣާޒީ މުޙައްމަދު" ހުރި ބިމުގައި ސަރުކާރުން ޢިމާރާތްކޮށްދެއްވާ އިސްލާމިކް ސެންޓަރ ގައި ހުންނަ މިސްކިތުގެ ނަން ވެސް އެ ބިމުގައި ކުރިންހުރި މިސްކިތުގެ ނަމާއި އެއްގޮތަށް ދިވެހި ގައުމުގެ ދުވަހަކު ފަނޑުވުމެއް ނެތް މަތިވެރި ގައުމީ ބަޠަލް ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ނަންފުޅަށް ނިސްބަތްކޮށްދެއްވުމެވެ. ބޭނުމަކީ އެ ރަދުން ހުވަދުއަތޮޅު ތިނަދޫއަށް ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ތާއަބަދަށް ވަޒަންކުރުމެވެ. ތިނަދޫގެ ބިން ކަނޑުގެ ސަޠަޙައިން މައްޗަށް އޮތްހާ ހިނދެއްގަ އެވެ. ތިނަދޫގެ ބިމުގައި މަތިވެރި ﷲގެ ޙަޟްރަތަށް ސަޖިދަކުރާ މުސްލިމުން ތިބިހާ ހިނދެއްގަ އެވެ.

މިވާހަކަ ދަންނަވައިލީ، ދީނީ އަދި ގައުމީ ތިލަފަތުގައި ބުރަދަންހުރި ބައެއް ބޭބޭފުޅުންގެ ނަންފުޅަށް ނިސްބަތްކުރެވޭ ރާއްޖޭގެ ބައެއް މިސްކިތްތަކާއި ސްކޫލްތަކާއި އެނޫން ވެސް މުހިއްމު ބިނާތަކަށް ފަހުން އަންނަ ޢިމްރާނީ ނުވަތަ އެނޫން ބަދަލަކުން ވިޔަސް އެފަދަ ބައެއް ތަންތަނަށް ކުރިން ކިޔަމުންދިޔަ ނަން ބަދަލުވާތަން ފެންނާތީ އެވެ. މިހެންމެ އެ ތަނަކާއި ނުވަތަ އެ ރަށަކާއި އެއްވެސް ގުޅުމެއް ކަމެއްނެތް ބައެއް ބޭބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް އެ ތަނެއްގެ ނުވަތަ އެ ރަށެއްގެ ބައެއް މިސްކިތްތަކާއި ސްކޫލްތަކާއި އެނޫން ވެސް މުހިއްމު ބިނާތަކަށް ނަން ކިޔުމަކީ ވެސް ފެންނަމުންދާ ކަމަކަށްވާތީ އެވެ.
                       --------------------
ޢަބުދުﷲ ޙިލްމީ
14 ޑިސެމްބަރ 2015މ.

މައިގަނޑު މަޢުލޫމާތުގެ ޙިއްޞާ:
އަލްމަރުޙޫމް ޙަސަން ޙިލްމީ ޖަނަވަރީގެ/ ގދ. ތިނަދޫ (ލިޔުއްވުން)
ދިވެހިބަހުގެ އެކެޑަމީ
އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދުވީ
އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން