ނަސީރުގެ ލިޔުއްވުންތަކުން - ދޭއް











ތިރީގައި އެވަނީ "ގަލެހިރި" ސައިޓްގެ ކޯ ފައުންޑަރ އަލްމަރުޙޫމް ޢަލީ ނަޞީރަށް ބައެއް ބޭފުޅުން ދެއްވާފައިވާ މަޢުލޫމާތެވެ.
                 **********

އައްޑޫ ހުޅުދޫ މާލިމީގޭ ޢަލިމަނިކުފާނާއި، ހުޅުދޫ ހަޖާމުގޭ މަރިޔަމް މަނިކުފާނާއި ދެ ކަނބަލުންގެ ދަރިކަލުން މޫސާ މަނިކުފާނަކީ، އައްޑުއަތޮޅު ހުޅުދުއަށް އުފަން ބޭފުޅެކެވެ. ފަހުން އޭނާ މަޝްހޫރުވެފައިވަނީ، މޫސާ ހިރިހަމައިދި ކަލޭފާނުގެ ނަންފުޅުންނެވެ. އޭނާއަކީ، ހުވަދުއަތޮޅު ތާރީޚުގެ ވަރަށް ޚާއްސަ ދުވަސްވަރަކާއި ގުޅިފައިވާ ބޭފުޅެކެވެ. ލަފާކުރެވޭގޮތުގައި އޭނާ އުފަންވެވަޑައިގެންފައި ވަނީ 1901މ. (1319ހ.) ގަ އެވެ. ހަވަރުތިނަދުއަށް އޭނާ ވަޑައިގަތީ 1926މ. ހާ ތާގަނ އެވެ. އެންމެފުރަތަމަ އޭނާ ހަވަރުތިނަދުއަށް ގެންނެވީ އެ ރަށު ޔޫސުފް ޞިދުޤީއަށް ޤުރުއާން ކިޔަވައިދެއްވުމަށްޓަކަ އެވެ. އެ ފަހަރު އޭނާ ހުންނެވީ ހުސައިން ކަލޭފާނުގެ ގޭގަ އެވެ.

ޢަރަބި މައުލޫދު މާނަޔާއެކު ދެނެވަޑައިގަންނަވާ މޫސާ މަނިކުފާނަކީ، އަޑުރިވެތި އަދި މަޚްރަޖައަށް އަހުލުވެރި ބޭފުޅެކެވެ.  މިކަމަކީ، ޢުމުރުފުރާގެ ކުދިން ވަރަށްބޮޑަށް ޝައުގުވެރިވާ ކަމެކެވެ. އެ ކަމަކީ، ކޮންމެކޮންމެ މީހަކަށްކުރެވޭ ކަމެއް ވެސް ނޫނެވެ. ހަވަރުތިނަދޫގައި މޫސާ މަނިކުފާނުގެ ޒަވާޖީޙަޔާތް ފެއްޓެވުމުގެ އަޞްލަކީ، އެއީކަމަށް ބުނެވެ އެވެ. އޭނާގެ ޙަޔާތުގެ ބައިވެރިޔާ އާމިނަތު ޢަބްދުއްރަޙްމާނު (ރެކިދިޔެ) ގެ ބައްޕައަކީ، މަޑަވެލީ މޫސާ ޢަލީ (މަޑަވެލީ މޫސިޔާ)ގެ ސަންފާގެ، ޢަބްދުއްރަޙުމާން (އޮޅަފުތު) އެވެ. މަންމައަކީ މާމެންދޫ އޮޅަފުތުބެއްޔާގެ، މޫސާ (ފޮޑަހުތެރޭ މޫސާބެއްޔާ)ގެ، ކަމަނާ(ކަމެންދައިތަ) އެވެ.

ޢަބްދުއްރަޙުމާނަކީ ވަރަށްބޮޑު މުއްސަންޖެކެވެ. ރަށުގެ ގަދަރުވެރި އަޝްރާފެކެވެ. ކޮޅުނބު ދަތުރުކުރާ އޮޑިފަހަރު ދުއްވާ ބޭކަލެކެވެ. ކޮންމެއަކަސް ރެކެދިޔާއި، މަނިކުފާނުގެ ގުޅުން ވުޖޫދުވީ ހިނދު، (އޭނާއަކީ، ރަށުންބޭރުގެ ބޭފުޅަކަށްވުމުން ހަވަރުތިނަދޫގައި އޭނާ ހުންނަވައިފާނެކަމުގެ ޔަގީންކަމެއްނެތުމުން ވިއަސް) ޢަބްދުއްރަޙުމާނަކީ ރަށުގެ ގަދަރުވެރިއަކަށް ވާތީ، އެ ކަމަކީ ޢަބްދުއްރަޙުމާނު  ޤަބޫލުކަމަކަށް ނުވުމާއެކު، ހަވަރުތިނަދޫ ދޫކުރައްވައި ރަށަށް ވަޑައިގަތުމަށް މޫސާ މަނިކުފާނު ނިންމަވައި، އެގޮތަށް ކަންތައްކުރެއްވި އެވެ.

ނަމަވެސް އާމިނަތު ޢަބްދުއްރަޙްމާނުގެ އެ ޚިޔާލަށް ކުޑަވެސް ބަދަލެއް ނައުމުގެ ސަބަބުން އެ ކަން ޢާއިލާގެތެރޭ ބޮޑު މައްސަލައަކަށްވެ، އެ މީހުން އެ ކަމަށް ގޮތެއް ނިންމި އެވެ. އެ ގޮތުން ނުފޫޒާއި ތަނަވަސްކަން ލިބިވަޑައިގެން ހުންނެވި އެ ޢާއިލާގެ ވެސް ބޭކަލެއްކަމަށްވާ އެދުވަސްވަރުގެ ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނުގެ މަޝްވަރާގެމަތިން، އެ ޢާއިލާގެ ބޭކަލެއްކަމަށްވާ މޫސާ ގާސިމް (ކާސިންކަލޭގެ މޫސާ ނުވަތަ މޫސަބޭ) އާއި އަދި އެ ޢާއިލާގެ އަންހެން ކަނބަލަކާއި ކައިވެނިކުރައްވައިގެން ހުންނެވި ޙުސައިން ކަލޭފާނާއި، ދެ ބޭކަލުން އައްޑުއަތޮޅަށް ދުރުވެ މޫސާ މަނިކުފާނު ހަވަރުތިނަދުއަށް ގެންނަވައި އާމިނަތު ޢަބްދުއްރަޙްމާނާއި މޫސާ މަނިކުފާނުގެ ޒަވާޖީޙަޔާތުގެ ބިންގާ އަޅުއްވައި ދެއްވި އެވެ. އަދި އެ ދެ ކަނބަލުންނަށް ގެއެއް އަޅުއްވައި ދިރިއުޅުއްވުމަށް ބޭނުންވާނެ ގެވެހި ކަންވާރާއި އެހެނިހެން ތަކެތި ފުރަތަމަ ހޯއްދަވައި ދެއްވީ ވެސް އެ ތިން ބޭކަލުންނެވެ.

އެ ތިންބޭކަލުން އެޅުއްވި މި ފިޔަވަޅުއެޅުއްވީ ރަށުގެ ތަޢުލީމަށްޓަކަ އެވެ. އެ ބޭކަލުން ދެކިލައްވާގޮތުގައި މޫސާ މަނިކުފާނު ފަދަ ބޭފުޅަކަށް ހަވަރުތިނަދޫގައި ދިރިއުޅުއްވުމުގެ ފުރުޞަތު ހޯއްދަވައި ދެއްވުމަކީ އެ ބޭކަލުންގެ ޒިންމާއެކެވެ.

މޫސާ މަނިކުފާނަށް އެ ބޭކަލުން ހަވަރުތިނަދޫގައި އަޅުއްވައިދެއްވި ގޭގެ ނަމަކީ "ޗާންދަނީގެ" އެވެ. ފަހުން އެ ގެ މަޝްހޫރު ވެފައިވަނީ "ހިރިހަމާތިގެ" ނަމުންނެވެ. އެ ގެއަށް އެ ނަން ނިސްބަތްވީ، މޫސާ މަނިކުފާނަށް (ހަތްދޮށު ކޮއްޔެއް ކަމަށްވާ) ހިރިހަމައިދި ކަމަށް ކޮލިލެއްވުމުންނެވެ. އެ ދުވަސްވަރު ހަތްދޮށު ކޮލިލެއްވި އަނެއްބޭކަލަކީ، ގައްދޫ އިސްމާޢިލް ވަތަބަނޑޭރި ކަލޭފާނެވެ.

ހަގަޑި ބައި ކޮމިޓީއާއި  ކޫއްޑޫ

މޫސާ މަނިކުފާނު ދިރިއުޅުއްވުމަށް އެންމެފުރަތަ ފެއްޓެވި މަސައްކަތަކީ، ކުދީންނަށް ގުރްއާން ކިޔަވައިދެއްވުމެވެ. މޮޅު މާލިމީއެކެވެ. އޭނާއަކީ، "ހޮބީއެއްގެ ގޮތުން" ލާނދާ އުއްކަވަން ވަޑައިގަންނަވާ ބޭފުޅެކެވެ. ގިނަ ދުވަސްތަކެއްނުވެ، ރަށުގެ އަޝްރާފުންގެތެރޭ ހިމެނި ހަގަޑިބައި ކޮމިޓީގައި ވެސް ހިމަނައިފި އެވެ. ހަގަޑިބައި ކޮމިޓިއަކީ، ރައްޔިތުންގެ މައްސަލަތައް ހުށަހަޅައި، ފައިސަލާކުރާ ކޮމިޓީ އެވެ. ކޮމިޓީގެ ބައްދަލުވުން އޮންނަނީ، މަޣްރިބު ނަމާދާ، ޢިޝާނަމާދާއި ދެމެދު އެވެ. އެ ދުވަސްވަރަކީ، ހަވަރުތިނަދޫ ރައްޔިތުންގެ ފަރާތުން މާލޭގެ ހަވަރަށް ދައްކަންޖެހޭ "ޖިޒީ" ދެއްކުމަށްޓަކައި ހުވަދުއަތޮޅުގެ ބޮޑެތި ފަޅުރަށްތައް ހަވަރުތިނަދޫ މީސްމީހުންނާ ވަރުވާއަށް ޙަވާލުކޮށްފައި އޮތް ދުވަސްވަރެކެވެ. ޖިޒީ ނަންގަވަން ހުންނަވަނީ، ގޮއިވެރި އެކެވެ. އެގޮތުން ކޫއްޑޫ ޙަވާލުކޮށްފައި އޮތީ، ހަވަރުތިނަދޫ (އައްޑޫ) ރާ މޫސާ އާއި އެވެ. ކޫއްޑޫގެ ވަރުވާ ނުދެއްކި އޮންނަތާ ދެއަހަރެއްހާ ދުވަސްވެފައިވާ މައްސަލަ ކޮމިޓީއަށް ހުށަހެޅި، މަޝްވަރާ ކުރުމަށްފަހު، ނިންމީ މޫސާ މަނިކުފާނާއި ކޫއްޑޫ ޙަވާލުކުރުމަށެވެ. އޭރު އޭނާއަކީ، އަތްމަތި ތަނަވަސް ބޭފުޅެކެވެ. މަސްދޯންޏެއްވެސް ދުއްވަވަ އެވެ. ލަފާކުރެވޭ ގޮތުގައި އެއީ 1946މ. ވަނަ އަހަރެވެ.

އޭރު މޫސާ މަނިކުފާނަކީ، ކޮޅުބުދަތުރުކުރާ ކޮލިގޭ ކުޑައޮޑީގެ މާލިމީ އެވެ. މަނިކުފާނު ކޫއްޑުވާ ޙަވާލުވެވަޑައިގަތް އަހަރަކީ، އެ ރަށުގެ މަތިވަރު ވަރަށްރަނގަޅު އަހަރެކެވެ. ކޫއްޑޫ ލިބިވަޑައިގަތުމާއެކު އެރަށަށް ރާ އެރީން ގެންދަވައި ރާއެރުމުގެ މަސައްކަތާއި، ކުފުރާތެޅުމުގެ މަސައްކަތާއި، ރުއްތައް އާލާކުރުމުގެ މަސައްކަތް ފައްޓަވައިފި އެވެ. ދެއަހަރެއްހާ ދުވަހުގެތެރޭ އެތައް ސަތޭކަ ހަންދަރެއްގެ ކުފުރާ ލިބޭވަރަށް ރަށުގެ މަތިވަރު ރަނގަޅުވެއްޖެ އެވެ. އެ ތަކެއްޗަކީ ވިއްކަން ކޮޅުބަށްގެންދާ މުދަލެވެ.  ކުފުރާ ބޭނުންކުރަނީ ތެޔޮހާނާށެވެ.  ކޫއްޑޫގައިކުރާ ރާވެރިކަމުން މަހަކަށް 12 ނުވަތަ 15 ރުނބާ ދިޔާ ހަކުރު ކޮންމެމަހަކު ލިބެ އެވެ. ގިނަ ދުވަހެއްނުވެ މޫސާ މަނިކުފާނު، އޭނާގެ އަނބިކަނބަލުންގެ ބޮޑުބޭބެ ސަންފާގެ އިބްރާހީމުގެ އޮޑި ބައްލަވައިގަނެ އެ އޮޑި މަރާތުކޮށް ބޮޑުކޮށްގެން ކޮޅުނބު ދަތުރުތައް ފައްޓަވައިފި އެވެ. އެ އޮޑީގެ ދަތުރުތައް ފެށުމާއެކު، ކުރިން މޫސާ މަނިކުފާނު ދުއްވެވި ކޮލިގޭ ކުޑައޮޑި (ހައިވަރުއޮޑި) ހަވަރުތިނަދޫ ކަތީބު ޙުސައިން މުޙައްމަދުދީދީ (އޮޅަދީދީ ކަތީބު)އާއި ޙަވާލުކުރައްވައިފި އެވެ.

މޫސާ މަނިކުފާނުގެ އަމިއްލަ އޮޑީގެ ދަތުރުފެށިތާ ދެތިން އަހަރެއްހާ ދުވަހުގެތެރޭ ބޮޑުއޮޑިއެއް ބަނުމުގެ މަސައްކަތް މޫސާ މަނިކުފާނު ފައްޓަވައިފި އެވެ. ހަމަ އެއާއެކު މަސްދޯނިތައް އިތުރުވެ، ވިޔަފާރި ފަށްޓަވައިފި އެވެ. އެ ގޭގެ ވިޔަފާރި ފުޅާވެ ދާދިއަވަހަށް ހުވަދުއަތޮޅުގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވިޔަފާރިކުރާ ތަނެއް ޤާއިމުކުރައްވައި 1950މ. ގެ އަހަރުތައް ފެށުނުއިރު އަތޮޅުގެ ވިޔަފާރީގެ ނުވަދިހަ އިންސައްތަ އެ ގޭގެ ފުރާޅުގެދަށަށް ގޮސް، އަތޮޅުގައި ދެވަނައަށް އެންމެ މީހުންގިނަ "ގައްދޫ" ވިޔަފާރިވެރީންނާއި، ހަވަރުތިނަދޫގެ ވިޔަފާރިވެރީންނަށް ވުރެ ކުރިއަށް ވާޞިލު ވެވިއްޖެ އެވެ.

ކޮޅުނބު ދަތުރު

ޒަމާނުއްސުރެ ދިވެހީންނަކީ ކޮޅުނބު ދަތުކުރާ ބައެކެވެ. 1940 ގެ އަހަރުތައް ފެށުނުއިރު ވެސް އެ މީހުން ސީދާ ކޮޅުނބަށް ދަތުރުކުރެ އެވެ. އަދި އައްޑޫ ހުވަދޫ އޮޑިފަހަރު ވަރަށް ގިނައިން ކޮޅުބަށް ދަތުރުކުރެ އެވެ. ހުވަދުއަތޮޅަކީ، ގިނައިން މަސްބާނާ އަދި ކުފުރާ ބޭރުކުރާ އަތޮޅެވެ. ބައެއް ފަރާތްތަކުން އެ ދުވަސްވަރު "ކޮޅުނބު" ސިފަކޮށްފައިވަނީ، އަނގަމަތި ޚަޒާނާއެއްގެ ގޮތުގަ އެވެ. ދުވަސްވަރުގެގޮތުން އެއީ ކޮޅުނބުގެ ރަންޒަމާން ވެސް މެ އެވެ. އެ ދުވަސްވަރަކީ، ކޮޅުނބު ހާބަރު ވެސް ވަރަށް ތިޔާގި ދުވަސްވަރެއްކަމަށް ބުނެވެ އެވެ. ޚާއްޞަކޮށް ހައިވަކަރާއި، ސައްކެޔޮ އަދި އޮރިމަސް ވަކަރު ލިބެން ހުރެ އެވެ. 1940 ގެ އަހަރުތަކުގައި ދަތުރުކުރި މާލިމީއަކު ބުނީ، ހިކި ކަނޑުމަސްކޮޅެއް ދިނުމުން އޮޑިފަހަރު ފުރެންދެން ލަކުޑި ބަރުކޮށްދޭ ކަމަށާއި، ފަރުނީޗަރާއި އަދި އެނޫން މުދާ ވެސް ބޭނުން ވަރަކަށް ގެނެސްދޭ ކަމަށެވެ. އެ ކަމުގެ ސަބަބުން ދަތުރުވެރީންނާއި، މުއްސަނދީނގެ ޢުމްރާނީ ޙާލަތަށް ވަރަށްބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. ހަވަރުތިނަދޫގެ އެ ދުވަސްވަރުގެ ތަނަވަސްކަމަށް އިޝާރާތްކޮށް އެ މީހާ ބުނީ، ހަމައެކަނި ލަކުޑީގެ ޢަދަދަށް ބެލިކަމަށް ވިއަސް (ހަވަރުތިނަދޫން މީހުންބޭލިއިރު) އެ ރަށުގައި ހުރި ލަކުޑީގެ ޢަދަދު މުޅި ރާއްޖޭގައި ހުރި ލަކުޑީގެ ޢަދަދަށްވުރެ ގިނަވާނެ ކަމަށެވެ. އަދި އެނޫން ވެސް ކިތަންމެ ބާވަތެއްގެ މުދާ އެ ރަށުގައި ހުންނާނެކަމަށް ވެސް އެ މީހާ ބުނެފައިވެ އެވެ.

މޫސާ މަނިކުފާނާއި، ކޮލިގޭ ޢުމަރުމަނިކާއި ދެމެމެދު ގާތްގުޅުމެއް އޮވެ އެވެ. މަނިކުފާނުގެ ފައިސާ މާލޭގައި ހުންނަނީ ޢުމަރުމަނިކުގެ ޙަވާލުގަ އެވެ. މަނިކުފާނުމެން މާލޭގައި ތިއްބަވާ މ. ސައްކެޔޮގަސްދޮށުގެ އަކީ ވެސް ޢުމަރުމަނިކުގެ ގެއެކެވެ. މަނިކުފާނުގެ ދަރިކަލުން ޢަބްދުﷲ މޫސާ (ފަހުން ޢަބުދުﷲ ކަތީބު) މާލޭގައި ކިޔަވަން ހުންނެވީ ވެސް އެ ގޭގަ އެވެ. މަނިކުފާނު އޭނާގެ އަމިއްލަ އޮޑިފަހަރުން ދަތުރުކުރައްވަން ފެއްޓެވުމުން ވެސް އެ ގުޅުމަށް ހީނަރުކަމެއް ނާދެ އެވެ.

މޫސާ މަނިކުފާނުގެ ފަރާތުން މ. ބަގީޗާގެ އިބްރާހީމް ޝިހާބާއި، މ. ފެންފިޔާޒުގޭ އާދަމް ނަސީރު މަނިކުމެންނަށް ނުހަނު ދީލަތިކަމާއެކު، އެހީތެރިކަން ފޯރުކޮށްދެއްވަ އެވެ. މިހެންމެ، ޢަބްދުﷲ ކަތީބުގެ ފަރާތުން ހ. އަތިރީގެއަށް އެހީތެރިކަން ފޯރުކޮށްދެއްވަ އެވެ.  އާދަމް ނަސީރު މަނިކު މާލޭގައި ހިންގަވާ ހޮޓަލުގެ ސޭޓަކީ ކަނޑޫދޫ ދޮންއަލީ އެވެ.  

މީލާދީން 1950 ގެ އަހަރުތައް ފެށުނުއިރު، މޫސާ މަނިކުފާނުގެ ދެ ބޭފުޅެއްކަމަށްވާ ޢަބްދުﷲ މޫސާ އާއި މުޙައްމަދު ސަޢީދު އާއި ދެ ބޭފުޅުންނަކީ ވެސް ހަވަރުތިނަދޫގެ ދެ ކަތީބުންނެވެ. މޫސާ މަނިކުފާނުގެ ޢަބްދުލްމުޣްނީ އަށް ކަތީބުކަން ލިބިވަޑައިގަތުމުގެ ކުރިން އޭނާ ދުނިޔެ ދޫކުރައްވައިފި އެވެ. މޫސާ މަނިކުފާނަށް ހިރިހަމައިދިކަން، ގައްދޫ އިސްމާޢީލް ފުތަށް ވަތަބަނޑޭރިކަން ދެއްވީ އަލްއަމީރު މުޙައްމަދު އަމީން ދީދީ އެވެ.

ހިރިހަމައިދި ކަލޭފާނަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ދެއްވީ، އެ އަތޮޅުގެ އަތޮޅުވެރިޔާ އަލްފާޟިލް އަލްމަރުޙޫމް ވީރު ޢަލިދީދީ އަވަހާރަވުމާއި ގުޅިގެން އެ ކަން ތަޙުގީގު ކުރެއްވުމަށާއި، އަދި ރަށްވެހިކަމުގެ ވާދައިގެ ތަށި ދެއްވުމަށް އަލްއަމީރު މުޙައްމަދު އަމީން ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އަމީން ދީދީ ސަރުކާރު ހިންގެވި ދުވަސްވަރު މޫސާ މަނިކުފާނު މެންނާއި، ވަރަށްގާތް ގުޅުމެއް ބެހެއްޓެވި އެވެ. މިގޮތުން އަމީން ދީދީގެ ޖުމްހޫރީ ދަރުބާރުގެ ރަސްމިއްޔާތު ބޭއްވުމަށް އިސްޓޭޖް ތައްޔާރު ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަތް ބޭފުޅުންގެ ލިސްޓުގެ ކުރީގައި މޫސާ މަނިކުފާނާއި ދަރިކަލުން ޢަބްދުﷲ ކަތީބުގެ ނަން ހިމެނެ އެވެ. އެ ކަމަށް 30000.00ރ (ތިރީސްހާސް ރުފިޔާ) މޫސާ މަނިކުފާނު ޚަރަދު ކުރެއްވި އެވެ. ގައުމުގެ ވަލިއްޔުލްއަމުރު ކަމުގެ މަގާމުގައި އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނު ހުންނަވަން ފެންނަކަމަށް (މުތަޤައްދިމް ޕާޓީގެ ޖަލްސާއަށް) ހުށަހެޅުއްވީ ވެސް ޢަބްދުﷲ ކަތީބެވެ. އެ ޕާޓީއަކީ މުޙައްމަދު އަމީން އިސްވެ ހުންނަވައިގެން (މުޙައްރަމް 7، 1370ހ.ބުދަ) އޮކްޓޫބަރ 18، 1950މ. ވަނަ އަހަރު ދުވަހު އުފެއްދި ޕާރޓީއެކެވެ. އެޕާޓީގެ ސެކްރެޓެރީއަކީ، ވެލާނާގޭ އަލްފާޟިލް އިބްރާހިމް ނާޞިރެވެ.

އެ ޕާޓީގެ ޖަލްސާގައި އަމީންދީދީ ދެއްކެވި ވާހަކަފުޅަކީ، އިބްރާހިމް ނާޞިރު އެހާ ޤަބޫލުފުޅު ވާހަކަފުޅެއް ނޫނެވެ. އަމީން ދީދީ ވިދާޅުވިކަމަށްވަނީ، އެ މަނިކުފާނު އެންމެ ކަންބޮޑުވެ ވަޑައިގަންނަވަނީ، އެ މަނިކުފާނަށްފަހު ވެރިކަންކުރައްވާނެ ބޭފުޅަކު ރާއްޖޭގައި ނެތީމަ އެވެ. ނަމަވެސް މުސްތަގުބަލުގެ 3 އުންމީދުން ތިއްބެވިކަމަށާއި، އެ ބޭފުޅުންނަކީ، މުޙަންމަދު ޒަކީ، ޝަމްސުއްދީނު ޙިލްމީ، ހުސައިން އަލި ދީދީ ކަމަށެވެ. ތަންކޮޅެއް ފަހުން އަލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާކިލެގެފާނަށް ރައްދުދެއްވަމުން ޢަބުދުﷲ އިސްމާޢީލް (އިސްމާޢީލު ކަލޭފާނުގެ ތުއްތު) އަރިހު އިބްރާހީމް ނާސިރު ވިދާޅުވިކަމަށް ވަނީ އޭނާއަށް ލިބިވަޑައިގެންފިނަމަ، (އަމީންދީދީއަށް ވުރެ) މާރަނގަޅަށް ވެރިކަންކުރައްވާނެ ކަމަށެވެ.

މާލޭގެ ޢިއްޒަތްތެރި ބޭފުޅުންގެ އިތުރަށް، ކަލޭގެފާނުކަން ދެއްވާފައިވާ އަތޮޅުތަކުގެ ބޭފުޅުން އެ ޖަލްސާއަށް ވަޑައިގަތެވެ. އަތޮޅުތަކުން ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެ މާލަމަށް އެންމެ ފުރަތަމަ ވެދެވަޑައިގަތީ، އައްޑުއަތޮޅު ފެންނާ މަނިކުފާނުގެ ދެ ކަނބަލުން ނެވެ. ދެން ހިރިހަމައިދި ކަލޭފާނާ، ނައިފަރު ޢަބްދުލްޙަކީމު ކާންނާ ކަލޭފާނާއި، އޭދަފުށީ ޔޫސުފް ކަލޭފާނެވެ. ދެން މާލޭގެ ޢިއްޒަތްތެރި ބޭބޭފުޅުންނާއި، އަތޮޅުތަކުން ވަޑައިގެންނެވި ކަލޭގެފާނުންނާއި، ކަނބުލޭގެފާނުން ފަދަ ބޭބޭފުޅުންނެވެ. (މަޢުލޫމާތު: ޢަބްދުއްޞަމަދު ޙުސައިން މާކޯނި/ ތިނަދޫ)

ރަށްވެހިކަމުގެ ފަތިސް

ރަށްވެހިކަމުގެ ފަތިހަކަށް އަލިދަންމަތިކޮށްދެއްވި ބޭފުޅަކީ، އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުރަހަށާއި ދިގަށް 25 ފޫޓު ފުޅާމިނުގެ މަގެއް ހެއްދެވިއެވެ. ރައްޔިތުންލައްވައި އުވަދަވައިގެން އެމީހުން ލައްވައި މަސައްކަތް ކުރުވައިގެން އެމަގުތަކުގެ ދެފަރާތުގައި 5 ފޫޓު އުސްކޮށް ފާރު ރޭނުއްވިއެވެ. ރައްޔިތުންގެ މެދުގައި ވާދައިގެރޫޙެއް އުފައްދައިގެން ކުރުވި އެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވި މީހުންނަށް ކަލޭފާނުކަމުގެ ލަގަބު ދެއްވިއެވެ.

(އެ ދުވަސްވަރު އެ މީހެއްގެނަމުގެ ތެރެއަށް "ދީދީ" އަންނަ މީހަކަށް "ކަލޭގެފާނު" ކަމުގެ ލަގަބު ނުދެވެ އެވެ. އެއީ އެ ލަގަބަށްވުރެ "ދީދީ" އިސްވުމުންނެވެ.)

ރަށްވެހިކަމުގެ މަސައްކަތަކީ، ރާއްޖޭގައި ބަލިމަޑުކަން އިންތިހާއަށް ގިނަވަމުންދާތީ، ރާއްޖެއިންބޭރުން ޑޮކްޓަރުންގެ ޓީމެއް ގެނެސްގެން ކުރެވުނު ސާރވޭ ރިޕޯރޓަކާއި ގުޅިގެން ކުރެވުނު މަސައްކަތެކެވެ. އެ މަސައްކަތުގެ ސަބަބުން މަދިރި އުފެދޭ ތަންތަނާއި، ކުނިގޮނޑުތައް ނައްތާލެވި ރަށްރަށުގެ އާބުހަވާއަށް ދުޅަހެޔޮކަން ލިބިގެންދިޔަ އެވެ. އެ ކަމަކަކީ، އަލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދެމެހެއްޓެނިވި ޚިދުމަތްތަކުގެތެރޭ ހިމެނޭ ވަރަށްމަތިވެރި ޚިދުމަތެވެ. މިހާރު (2011މ.) ވެސް އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެ ދުވަސްވަރު ރޭނި ފާރުތައް އެބަހުއްޓެވެ.

އަލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާކިލެގެފާނު ފެއްޓެވި ރަށްވެހިކަމުގެ މަސައްކަތަށް މުޅިހުވަދުއަތޮޅަށް އެންމެބޮޑު ހޭދައެއް ކުރެއްވީ މޫސާ މަނިކުފާނެވެ. ހަވަރުތިނަދުއަށް އެންމެބޮޑު ހޭދައެއްކުރެއްވީ، ޙާޖީ މުޙަންމަދު ކަލޭފާނެވެ. ގައްދުއަށް އެންމެބޮޑު ހޭދައެއްކުރެއްވީ ގައްދޫ އިސްމާޢީލް ކަލޭފާނެވެ. ވިލިނގިއްޔަށް އެންމެބޮޑު ހޭދައެއް ކުރެއްވީ އެރަށު މުދިމް ކަލޭފާނެވެ. 

ގައްދޫގައި ކުރެވުނު މަސައްކަތުގެތެރޭ ރަށުގެ ދިގުމަގު ހެދުމަށްޓަކައި ރަށުގައިއޮތް ވަރަށްބޮޑު ޗަސް ބިމެއް ހިއްކި އެވެ. ކޮނޑޭގައި ބޯޅަދަނޑެއް ހަދައި ބޯޅަ ކުޅެވުނެވެ. ދަނޑުހެދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވީ، އެ ދުވަސްވަރު ހުވަދުއަތޮޅުގެ އެންމެއިސް ސަފުގައި ޙަރަކާތްތެރިވި ބޭކަލުންނެވެ.

ހުވަދުއަތޮޅުގެ ރަށްވެހިކަމުގެ މަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވުމަށް ސަރުކާރުންފޮނުއްވި އެއްބޭފުޅަކީ ބޮނޑިބަތް ދޮންކަލޭފާނެވެ. ކުދިންލައްވައި ކުޅިވަރު ކުޅުވުމުގައި އިސްކޮށް އުޅުއްވީ ދޮންކަލޭފާނެވެ. އެމަސައް ކަތުގައި އުޅުއްވި އަނެއްބޭފުޅަކީ، ކުއްޅަވައް ޢަލިދީދީއެވެ. އޭނާފޮނުވީ ރަހަދޫގައި ތިބި ފައިފަލަބަލީގެ މީހުން ޢާއްމުންގެތެރެއަށް ދޫކުރުމުގެ ކަންކަން ކުރެއްވުމަށެވެ.

ރަށްވެހިކަމުގެ ވާދައިގެތަށި ދެއްވުމުގެ ރަސްމިއްޔާތު އޮތީ، ހަވަރުތިނަދޫ ބޯޅަދަނޑުގަ އެވެ. ތަށި ދެއްވުމަށްޓަކައި ރަށްވެހިކަމުގެ ބާނީ ރައީސް އަލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާކިލެގެފާނު ހަވަރުތިނަދުއަށް ވަޑައިގަތީ، ސަރުކާރުގެ އިންޖީނު އުޅަނދު "ހައިސިންތު" ގައެވެ. ހުވަދުއަތޮޅުގެ އިސް ބޭކަލުންނާއި، ކަނބަލުންނަށް ދަޢުވަތުދެއްވައިގެން ބޭއްވި އެ ރަސްމިއްޔާތުގައި މުޙަންމަދު އަމީން ދީދީ ވާހަކަފުޅު ދެއްކެވި އެވެ. އަމީން ދީދީގެ ވާހަކަފުޅުގައި ފާހަގަކޮށްލެވޭ ކަލުންނާއި، ކަނބަލުންގެ ނަންތައް ވިދާޅުވުމުގައި ނަޑެއްލާ ޢާއިޝަތު ޒުހުރާ އާއި، ރަތަފަންދޫ މުދިމްކަލޭފާނުގެ ދަރިކަނބަލުން މަރިޔަމް ޝަރީފާ އާއި ކޮނޑޭ ޙައްވާ ޝަރީފާ (ޢާއިޝަތު ބަރިއްޔާ)ގެ ނަން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވި އެވެ. ނަޑެއްލާ ޢާއިޝަތު ޒުހުރާގެ ނަން ވިދާޅުވުމުގެ ތެރޭ ނަޑެއްލާ ނިސްބަތްކުރެއްވީ "ފިނި ބަގީޗާއެއް ފަދަ ފެހި ނަޑެއްލާ" އެވެ.

އެ ޖަލްސާގައި ރަތަފަންދޫ މުދިމްކަލޭފާނު ވެސް އޭނާގެ ޖޯޝީ ރާގުގައި ވާހަކަ ދެއްކެވިއެވެ. އޭނާގެވާހަކަ ނިންމަވާލެއްވީ ސަމާސާފުޅުގޮތެއްގައި "މަގެ ތަޓަޓަސް ޝުކުރިއްޔާ، މަގެ މަރިޔަންދިޔަ ޓަސް ޝުކުރިއްޔާ" ވިދާޅުވަމުންނެވެ.

ރަތަފަންދޫ މުދިމްކަލޭގެފާނުގެ ވާހަކަދެއްކެވުމުގެ ތެރޭ "މަގެ ތަޓަޓަސް" އެ މުޚާޠަބްކުރައްވަނީ މަގޭ ތިބާ (އަލްއަމީރު މުޙައްމަދު އަމީން)އަށެވެ. "މަގެ މަރިޔަންދިޔަ ޓަސް" އެ މުޚާޠަބްކުރައްވަނީ މަގޭ ދަރިފުޅު (މަރިޔަމް ޝަރީފާ)އަށެވެ.
ރަތަފަންދޫ މުދިމްކަލޭގެފާނަކީ އޭނާގެ ދުވަސްވަރުގައި ރާއްޖޭގެ ވެރިކަމުގެ އިސް ދާއިރާތަކުގައި ތިއްބެވި ބޭފުޅުންނާއި ގުޅިވަޑައިގަތުން ބޮޑު، އަދި ވާހަކަފުޅުދެއްކެވުމާއި އުޅުއްވުމުގައި ވެސް ސަމާސާގޮތެއް ގެންގުޅުއްވި ބޭފުޅެކެވެ.

ހައިބަތުން ފުރިގެންވާ އެ ރަސްމިއްޔާތުގައި ޝުކުރުދެންނެވީ، ހަވަރުތިނަދޫ އަލްފާޟިލް އަލްމަރުޙޫމް ޢަބްދުﷲ ކަތީބު ކަލޭފާނެވެ. އަލްއުސްތާޒް އަލްމަރުޙޫމް އިބްރާހިމް ޝިހާބުގެ ބަލާޣާތްތެރި ޢިބާރާތުން ޝުކުރުގެ އެ "ތަރާނާ" ލިޔުއްވީ އަލްއުސްތާޒް އަލްމަރުޙޫމް މުޙަންމަދު އިބްރާހީމް ލުޠުފީ އެވެ. ރަށްވެހިކަމުގެ "ތަށި" ލިބުނީ ގައްދޫއަށެވެ. ގައްދޫގެ ރައްޔިތުންނަށެވެ. އަމީން ދީދީ ވިދާޅުވީ ތައްޓާއި، އުނދުޅި އެއްރަށަކަށް ދިނުމުގެ ބަދަލުގައި ގައްދުއަށް ދެއްވާނީ ރަށްވެހިކަމުގެ ތައްޓެވެ. ވާދައިގެ ތަށި ގައްދުއަށް ދެއްވިއިރު ހަވަރުތިނަދުއަށް ވަނީ "އުނދުޅި" ދެއްވާފަ އެވެ. އެއީ ހުވަދުއަތޮޅުގެ އަތޮޅުވެރިކަމެވެ. މޫސާ ހިރިހަމައިދި ކަލޭގެފާނަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމު ދެއްވީ، ހުވަދުއަތޮޅު އަތޮޅުވެރިޔާ އަލްފާޟިލް ވީރު ޢަލިދީދީ އަށް ޖުމްހޫރީ ދަރުބާރަށް ވަޑައިގަތުމުގެ ދަޢުވަތު އެރުވިފައިވަނިކޮށް،  އޭނާ އަވަހާރަވެ އެ މަގާމު ހުސްވުމުންނެވެ.

ބޮޑުތަކުރުފާނުގެ ޒަމާނުން ފެށިގެން، އަހަރަކު އެއްފަހަރު ހަވަރުތިނަދޫން މާލޭ ހަވަރަށް ޖިޒީގެގޮތުގައި ގެންދާތަކެތި ގެންދިއުން ހުއްޓަވާލައްވައި، އެތަކެތީގެ ބަދަލުގައި އަހަރަކު 25000.00ރ. (ފަންސަވީސްހާސް ރުފިޔާ) ސަރުކާރަށް ދައްކާގޮތަށް ހަމަޖެއްސެވީ ވެސް އަލްއަމީރު މުޙައްމަދު އަމީންގެ އެ ދަތުރުފުޅުގަ އެވެ.

އަހަރަކު އެއްފަހަރު ހަވަރުތިނަދޫން މާލޭގެ ހަވަރަށްގެންދިޔަ ކާބޯތަކެތީގެ ބާވަތްތައް ގެންދިއުން ހުއްޓާލާފައިވަނީ، އަލްއަމީރު މުޙައްމަދު އަމީންގެ ވެރިކަމުގެ ދައުރުގެ ކުރިންނެވެ. އެއީ އެ ތަކެތި ތައްޔާރުކުރުމުގައި ޞިއްޙީ މައްސަލަތައްހުރި މީހުން ޙަރަކާތްތެރިވާތީ، އެއީ އެހާ ރަނގަޅުކަމެއް ނޫންކަމަށް ރާއްޖޭގެ އެންމެމަތީ ވެރިޔާއަށް ފެނިވަޑައިގަތް ގޮތެއްގައި ފެނިވަޑައިގަތުމުންނެވެ.

ހަވަރުތިނަދޫ ބޯޅަދަނޑު (މިހާރު 2011މ.ގައި ތިނަދޫ ގަބުރުސްތާނު)ގައި ބޭއްވި ހުވަދުއަތޮޅުގެ ރަށްވެހިކަމުގެ ނަތީޖާ ފާޅުކުރުމުގެ "ރަސްމިއްޔާތު" ނިމުނީ ލަވަކިޔުމުގެ އައިޓަމަކަށްފަހު އެވެ. އެ ތަނުގައި މެހުމާންސަރާތަކާއި،  ބޯކްތަކާއި، ތިރި ފާރުބުރިތަކާއި އަދި މިނޫނަސް އެފަދަ މުނާސަބު ކިތަންމެތަނެއް ތައްޔާރުކޮށްފައި ހުއްޓެވެ. އެ ތަނުގައި ތައްޔާރުކުރި ޕިންޕޮންގެ ނުވަތަ "ޓޭބަލްޓެނިސް މާލަމަކީ" ޒީނަތްތެރިކަމުގެ ލާމަސީލު މިސާލެކެވެ. މިތަންތަން ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތްކުރީ ހަވަރުތިނަދޫ ރައްޔިތުންކަމަށް ވިއަސް، މައިގަނޑުގޮތެއްގައި އެ ކަމަށް ޚަރަދުކުރެއްވީ މޫސާ ހިރިހަމައިދި ކަލޭފާނެވެ. އެ ރަސްމިއްޔާތަށްފަހު އެ ބޯޅަދަނޑުގައި ކުޅުނު ފައިބޯޅަމެޗްގައި ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭފާނާއި، މޫސާ ހިރިހަމައިދި ކަލޭފާނާއި، ރަށްރަށުން ދުރުވި އިސް ބައެއް މެހުމާނުން ވެސް ކުޅުއްވި އެވެ.

އަލްފާޟިލް ޢަބްދުﷲ ކަތީބުގެ ކެރިފޯރުންތެރިކަން ހުރިކަމަށް ވިއަސް، ދިވެހި ސަރުކާރާއި ހަވަރުތިނަދޫ ހިރިހަމައިދި ގެއާއި ދެމެދު އޮތް މަޢުނަވީގުޅުމުގެ ރަމްޒީ ހަނދާނަކީ "އަމީން ދީދީގެ ޢިބާރާތުންނަމަ" ރީތި އަންހެންކުދިން ތިބެންޖެހޭނީ "ރީތި" ގޭގައޭ ވިދާޅުވެ، ޢިމާރާތްކޮށްދެއްވި ގެ (އަޅިވިލާގެ) އެވެ. އަމީން ދީދީ މާލެ ވަޑައިގަތުމަށްފަހު ސޯސަންގެ އާއި ދާދި އެއްގޮތަށް ގެއެއްގެ މޮޑެލެއް ތައްޔާރުކޮށް އެ މޮޑެލާއެކު، ސިވިލް އިންޖިނިއަރެއްގެ ގޮތުން  އަބާ މޫސާފުޅު ފޮނުވިއެވެ.

ޢަބްދުﷲ ކަތީބުގެ އަޅިވިލާގެ އާއި، މުޙައްމަދު ޖަމީލު ކަލޭގެފާނުގެ ގުލްދަސްތާއާގެ އާއި ވިލިނގިލީ ތުއްތުމަނިކު ކަތީބުގެ މުޝްތަރީގެ ޢިމާރާތްކުރި މޭސްތިރިއަކީ، މި އަބާ މޫސާފުޅެވެ. ގުލްދަސްތާއާގެ ޢިމާރާތްކުރީ ވެސް ދެބުރިއަށެވެ. އެ ގެތައް ޢިމާރާތްކުރި އިރު ޒީނަތްތެރި ކުރުމަށްޓަކައި، މާމެލާމެލީގެ ވެޔޮތަކުން ކުރެހުންތައް އަޅާފައިވެ އެވެ. އަޅިވިލާގޭގެ ތަޅުންއެޅީ، އުވަޔާއި، ދިޔާހަކުރު އެއްކޮށްގެންނެވެ. އުވަޖެހީ، ބަތްޕެނުގެ އޮލަފެނާއި، އުވަޔާއި އެއްކޮށްގެންނެވެ. ފާރުތަކުގެ ބޯމިން 14 އިންޗިވަރު ވާނެ އެވެ. ތަޅުން އަޅާފައިވަނީ ދެ ފޫޓެއްހާ އުސްމިނުގަ އެވެ. އެ ގެ ހުރީ މިހާރު ތިނަދޫ ރޯޒަރީގެ އެ ހުރި ގޯތީގަ އެވެ. ކަންދިމާވިގޮތުން އެ ގޭގެ އެއްބުރި ނިމުނުތަނާހެން އަމީންދީދީގެ ޖުމްހޫރިއްޔާ ގަޑުބަޑުކޮށް އެ ދައުރުނިމުމާ ގުޅިގެން ގުޅިގެން އެހާތަނަށް ގެ ނިމިފައިހުރި ވަރަށް ނިންމީ އެވެ. 

ނަމަވެސް އަޅިވިލާގެ ހިޔާކުރުމަށް ބޭނުންވާ އީޓުދެއްވީ ދިވެހި ސަރުކާރުންނެވެ. އޭރު ދައުލަތް ހިންގެވުމާއި، ޙަވާލުވެ ތިއްބެވި ދެ ބޭފުޅުންކަމަށްވާ ވެލާނާގެ އިބްރާހިމް މުޙަންމަދު ދީދީއާއި، އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ވެސް އެ ގުޅުންތައް ދެމެހެއްޓެވުމަށް ބޭނުންފުޅުވާތީ އެވެ. (މަޢުލޫމާތު: ޢަބުދުއްޞަމަދު ޙުސައިން މާކޯނި/ ތިނަދޫ، ޢާއިޝަތު ފަރީދާ ގޯލްޑަންހައުސް/ ތިނަދޫ)

މޫސާ ހިރިހަމައިދި ކަލޭގެފާނާއި ގުޅުންހުރި ދެތިންކަމެއް

މޫސާ ހިރިހަމައިދި ކަލޭފާނު  މާލެއިން ހަވަރުތިނަދުއަށް ކުރެއްވި ދަތުރެއްގައި އެއްފަހަރަކު މާލެއަތޮޅު ގިރާވަރުގައި އޮޑި ބަނދަރުކޮށް ހިރިހަމައިދި ކަލޭފާނު އެ ރަށަށް ފޭބެންނެވި އެވެ. އެއީ ޝަޢުބާން މަހެއްގެ ފަހު ހަފުތާ އެވެ. އެއިރު ކާބޯތަކެތީގެ ދަތިކަން އެ ރަށުގައި ވަރަށްބޮޑުކަން ކަލޭގެފާނަށް އެނގިވަޑައިގަތުމުން ރަށުގެ އެންމެންނަށް މަސްދުވަހުގެ ކާބޯތަކެއްޗާ، ވޮށުތެޔޮ (ސާފުތެޔޮ) ދެއްވި އެވެ. (މަޢުލޫމާތު: ޙައްވާ އިބްރާހީމް މ.އަލުންތިލަ)

އަލްފާޟިލް ފެންސިރު އަޙުމަދު ދީދީގެ އަތޮޅުވެރިކަން ތަޢާރަފުކުރެއްވުމަށް "ހައިސިންތު"ގައި ފޮނުއްވީ މޫސާ ހިރިހަމައިދި ކަލޭގެފާނެވެ. އެ ބޯޓު މާލެ ދިޔައީ 8 މުޙައްރަމް 1373ހ. ބުދަ (16 ސެޕްޓެމްބަރ 1953މ.) ގައި ހުވަދުއަތޮޅުން ކާށި ބަރުކޮށްގެންނެވެ. (ދުވަހު ކަންކަންހިނގާ ފޮތުން)

އިނގިރޭސި ރާނީއާއި ބައްދަލުކުރެއްވި ވަފުދު މާލެއިން ފުރާވަޑައިގަތީ، 20 މާރޗް 1954މ. (16 ރަޖަބް 1373ހ. ހޮނިހިރު) ދުވަހުއެވެ. އިނގިރޭސި ރާނީ ކޮޅުނބަށް ވަޑައިގަތީ، 10 އޭޕްރީލް 1954މ. ގަ އެވެ. ދިވެހި ވަފުދާއި ރާނީ ބައްދަލުކުރެއްވުން އޮތީ، 13 އޭޕްރީލް 1954މ. ދުވަހު 11:00 ގައި ކޮޅުނބުގަ އެވެ.


ހަވަރުތިނަދޫގައި ޒުވާނުންގެ ޙަރަކާތްތައް

މާލޭގައި ކްލަބްތަކެއް އުފައްދައި، ޒުވާނުންގެ ޙަރަކާތްތައް އިތުރުވާންފެށީ، އަމީންދީދީގެ ޖުމްހޫރީ ދުވަސްވަރުގަ އެވެ. ހަމަ އެ ދުވަސްވަރު ހަވަރުތިނަދޫގައި ވެސް ކްލަބެއް އުފެއްދި އެވެ. އެ ކްލަބުގެ ނަމަކީ"ތިނަދޫ ސްޕޯރޓްސް ކްލަބް" އެވެ. މެމްބަރުންނަކީ:
ރައީސް އިބްރާހީމް ޝިހާބް، ނާއިބް ރައީސް މުޙައްމަދު ސަޢީދު، ކުޅިވަރު ސެކެރެޓްރީ ޙަސަން ޙަލީމް، ޙަސަން ޙަބީބް، ޢަބްދުއްޞަމަދު ޙުސައިން، ޙަސަން ޙިލްމީ ދީދީ (އޮޅަދީދީގެ ޙަސަންދީދީ)، މުޙައްމަދު ޙަމީދު، އިބްރާހިމް ރަޝީދު، މުސްޠަފާ މަންޞޫރު، އަދިވެސް ބައެއް މެމްބަރުން ތިއްބެވި އެވެ. (މަޢުލޫމާތު: ޢަބުދުއްޞަމަދު ޙުސައިން މާކޯނި/ ތިނަދޫ)

ހުވަދުއަތޮޅު ރައްޔިތުންގެ މާލިއްޔާ


ހުވަދުއަތޮޅު ރައްޔިތުންގެ މާލިއްޔާއަކީ، ވީރު ޢަލިދީދީގެ އަތޮޅުވެރިކަމުގައި، އަމީންދީދީގެ ލަފާފުޅުގެމަތިން އުފެއްދި ޖަމްޢިއްޔާއެކެވެ. އަތޮޅުރައްޔިތުންގެ މާލިއްޔާގެ މުސްތަޝާރަކީ، ވީރު ޢަލިދީދީ އެވެ. ރައީސަކީ، މޫސާ ހިރިހަމައިދި ކަލޭފާނެވެ. ނާއިބު ރައީސުންނަކީ، ކޮލަމާފުށީ އިސްމާޢީލް ކަތީބާއި، ހަވަރު ތިނަދޫ ނާއިބު އިސްމާޢީލް ދީދީއާއި، ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭފާނެވެ. އަތޮޅުގެ ކޮންމެ ރަށަކުން ދެ މެމްބަރުން ހިމެނޭ އެ ޖަމްޢިއްޔާގެ ޚަޒާންދާރަކީ، ޙާޖީ މުޙަންމަދު ކަލޭގެފާނެވެ. އެ ޖަމްޢިއްޔާއަށް ނަންގަވަނީ، ވާރު ދޭ ޢުމުރުގެ ކޮންމެ ބޮލަކަށް (މަހަކަށް) އެއްރާތާ ކަނޑުމަހެވެ. އެ މާލިއްޔާގެ ސަބަބުން ބަނޑުހައިހޫނުކަން ލުއިވެ، އޮނު އޮރިޔާމުގެ ޙާލަތަށް ދުޅަހެއުކަން ލިބުނެވެ.

ހުވަދުއަތޮޅުގެ އަތޮޅުވެރިޔާ ވީރު ޢަލި ދީދީއަކީ، ހުވަދުއަތޮޅުގެ އެންމެހާ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ. ޢަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި، މުޅި ހުވަދުއަތޮޅު ކަރުނައެޅި އެވެ. (ޢަބްދުއްޞަމަދު ޙުސައިން)

ވީރު ޢަލިދީދީ އަވަހާރަވީގޮތާއި އަދި އެ ކަމާގުޅިގެން ކުރެއްވި ތަޙްގީގު ތާރީޚުގައި ބަޔާންކޮށްފައިވާނެ އެވެ. ހަވަރުތިނަދޫގައި ކުރެވުނު އެ ތަޙްގީގުގައި ތުހުމަތުކުރެވޭ މީހުންގެބޮލުގައި އޮޅުއަޅައި، ގަސްގަހަށް އެލުވައި، އަދި ދުއްރައިން ތެޅުންފަދަ އަދަބުތައް ދީފައިވެ އެވެ. އެ ތަޙްގީގު ކުރެވުނު ގޮތާމެދު އެ ކަމުގެތެރޭގައި އޭރު އުޅުއްވި ސިފައިންގެ ބޭކަލެއްކަމަށްވާ މ. ނަދި މިނާގޭ އަލްފާޟިލް މެދުހުއްތު ބުނުއްވީ، އެއްބަސްވުން ނޫން އެހެން އެއްވެސްގޮތެއް އެ މީހުންނަކަށް ނޯންނާނެކަމަށެވެ.

ޢަލިދީދީގެ އަތޮޅުވެރިކަމުގެ ދުވަސްވަރު އަތޮޅުގޭގެ ކާތިބުކަންކުރެއްވި ހަވަރުތިނަދޫ ސްޓާރލިންގ އަޙުމަދު ޙިލްމީ (ދޮންދީދީގެ އަހަންމައިދީ) ވިދާޅުވީ އެ ދުވަސްވަރަކީ، ޓައިފޮއިޑްހުމުގެ ރޯގާއެއް ފެތުރުނު ދުވަސްވަރެއްކަމަށާއި، ވިލިގިއްޔަށް ވަޑައިގެންނެވިއިރު ވެސް ޢަލި ދީދީ އުޅުއްވަނީ އާލާސްކަންފުޅުގައި ކަމަށެވެ. އެ ދަތުރު އަޙުމަދުދީދީ ވަޑައިނުގަންނަވާ ކަމަށެވެ. ޢަލިދީދީ އަވަހާރަވެ، ފަސްދާނުލާފައިވަނީ، އެ ރަށު ހުކުރުމިސްކިތު ގަބްރުސްތާނުގެ އިރުއުތުރުގަ އެވެ. އެ ތަނުގައި ހުރި ބޯޅަކިންކިރިމާ ގަހަކީ، ޢަލިދީދީގެ މަހާނައިގައި، އަޙުމަދުދީދީ ޖެއްސެވި ގޮފިގަނޑެކެވެ. (މަޢުލޫމާތު: މ.ސ އަދި ޙަސަން އަޙުމަދުދީދީ ސްޓަރލިންގ/ ތިނަދޫ)

ވީރު ޢަލިދީދީ އަވާރަވަމުގެ ހިތާމައިގައި ހަވަރުތިނަދޫ އިބްރާހިމް ރަޝީދު ހައްދަވާފައިވާ ޅެމަކުން އެނގޭގޮތުގައި އަތޮޅުވެރިކަމުގެ މަޤާމުގައިވި 9 އަހަރުވަންދެން އޭނާ ހުންނެވި އެވެ. (މަޢުލޫމާތު: ފާޠިމަތު ޖަމީލާ ހިންދޫސް/ ގދ. ތިނަދޫ)

އަމީންދީދީގެދައުރު ނިމުނުއިރު، ޖުމްހޫރީދަރުބާރު ފަރިކުރުމަށްޓަކައި، ކޮޅުނބުންގެނައި ތަކެއްޗަށް ސަރުކާރުން އަގު އަދާނުކުރައްވަ އެވެ. އެ ތަކެތި ފޮނުވި މަރައްކާރު އުންބުޗީއަށް އައްޑިހަވަރަކަށް ހާސް ރުފިޔާ ދައްކަންޖެހެ އެވެ. މިހެންވުމުން އިބްރާހީމް ފާމުލަދޭރި ކިލެގެފާނުމެންގެ ފަރާތްޕުޅުން މޫސާ ހިރިހަމައިދި ކަލޭފާނަށް އެ ކަން ހުށަހެޅުއްވުމުން، ދަރަންޏާއި ބެހޭގޮތުން މަޝްވަރާކުރެވުނީ، ހުވަދުއަތޮޅުގެ އޮޑިފަހަރުގެ އިސްވެރިންގެ މެދުގައި ކޮޅުނބުގެ ބަނދަރުގަ އެވެ. އިސްކޮށް ތިއްބެވީ މޫސާ ހިރިހަމައިދި ކަލޭގެފާނާއި، ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭފާނު ކަމަށެވެ. އެ މަޝްވަރާގައި ނިންމީ، އެ ފަހަރު ކޮޅުނބަށް ގެންދިޔަ ހުވަދުއަތޮޅު ރައްޔިތުންގެ މާލިއްޔާގެ މަހުން އެ ދަރަނި އަދާކުރުމަށެވެ. އެ ދަރަނި އަދާކުރުމަށްޓަކައި ޖަމްޢިއްޔާގެ އައްޑިހަ ހަންދަރުގެ ހިކި ކަނޑުމަސް އުންބުޗީއަށް ދިނީ އެވެ. މިއީ ދިވެހިސަރުކާރުގެ ދަރަންޏެއް ހުވަދުއަތޮޅު ރައްޔިތުންގެ ބައިތިލްމާލުން އަދާކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް އެހާ ހިސާބުން ރައްޔިތުންގެ މާލިއްޔާ ބަގުރޫޓުވެ އަދި އުވުނީ އެވެ. (މަޢުލޫމާތު: ޙަސަން ޙުސައިންމަނިކު މާގަސްދޮށުގެ/ ގައްދޫ)

އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރުކަން

އަލްއަމީރު މުޙަންމަދު އަމީނުގެ ވެރިކަން ނިމުމަށްފަހު، ސަރުކާރު ހިންގެވުމާއި، ޙަވާލުވި ކޮމިޓީގައި އެންމެ އިސްކޮށް ތިއްބެވީ، އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި، ވެލާނާގޭ އިބްރާހިމް މުޙަންމަދު ދީދީ އެވެ. އޭގެފަހުން މުހަންމަދު ފަރީދު ދީދީގެ ރަސްކަމުގައި ބޮޑުވަޒީރުކަމުގައި ހުންނެވީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ. ކުރިއެކޭ އެއްގޮތަށް އެ ދުވަސްވަރު ވެސް ސަރުކާރާއި، ހިރިހަމައިދިގެއާއި ދެމެދު އޮތް ގާތް ގުޅުން ދެމިއޮތެވެ. އެ ގުޅުން ދެމެހެއްޓުމަށް ޢަބްދުﷲ ކަތީބު ހުންނެވީ ނުހަނު ޘާބިތުކަމާ އެކުގަ އެވެ.


އެގޮތުން ހަވަރުތިނަދޫގައި ހިނގަމުންދިޔަ މަދަރުސަތުއް ސުބްލައްސަލާމުގެ ނަން މަދަރުސަތުލް އަމީރު އިބްރާހިމުގެ ނަމަށް ބަދަލުކުރެއްވި އެވެ. ޢިމާރާތަކީ ހަމަ އެއް ޢިމާރާތެކެވެ. އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ނަންފުޅަށް ނިސްބަތްކޮށް ޤާއިމުކުރި، އެމަދަރުސާ ހުޅުއްވައިދެއްވީ ވެސް އެ ކިލެގެފާނެވެ. އެ ދަތުރުފުޅުގައި ކިލެފާނުގެ އަރިހުގައި އަލްއުސްތާޒް އިބްރާހިމް ޝިހާބު ވަޑައިގަތެވެ.

ހުވަދުއަތޮޅުގައި ބޯޑިންގ ސިސްޓަމަކަށް ކިޔަވައިދޭން ފެއްޓީ މޫސާ ހިރިހަމައިދި ކަލޭފާނުގެ އަތޮޅުވެރިކަމުގަ އެވެ. އަތޮޅުގެ ރަށްރަށުން ކުދިންގެނެސް ހަވަރުތިނަދޫ ގޭގޭގައި ބައިތިއްބައިގެން "މަދަރުސަތުލް އަމީރު އިބްރާހީމު" ގައި ކިޔަވައިދިނުމުގެ ނިޒާމެއް ގާއިމުކުރި އެވެ. އަތޮޅެއްގައި އެންމެފުރަތަމަ ބޯޑިންގ ސިސްޓަމަށް ކިޔަވައިދޭން ފެއްޓި މަދްރަސާއަކީ އެއީ އެވެ. އޭރު މަދަރްސާގެ ނާޒިރަކީ ޢަބްދުﷲ ކަތީބެވެ. ހަވަރުތިނަދޫގައި ފުރަތަމަފަހަރު ހުވަދުއަތޮޅުގައި ބަޣާވާތްކުރުމާއި ގުޅިގެން ބޮޑުވަޒީރު އަލްފާޟިލް އިބްރާހީމް ނާޞިރު ހަވަރުތިނަދުއަށް ވަޑައިގެން އެ ރަށް ސަރުކާރުގެ ބާރުގެދަށަށް ގެންނެވުމަށްފަހު މަދަރުސާ ހިންގި ޢިމާރާތް ބަދަލުކުރީ ކުރިން މަކުތަބަތުއް ސަޢާދާ ހިންގި ޢިމާރާތަށެވެ.

މަދަރުސަތުލް ސުބްލައްސަލާމް އާއި، މަދަރުސަތުލް އަމީރު އިބްރާހީމު ކުރިން ހިންގީވެސް ޙާޖީ މުޙައްމަދު ކަލޭފާނު ޤާއިމުކުރެއްވި މަދަރްރަސަތުލް އަސްބާޙްގެ ޢިމާރާތުގައެވެ. ފަހުން ބޮޑުއަށިގެއަކީ ވެސް އެއީ އެވެ. ފޮޓޯތަކުންފެންނަ އެ ޢިމާރާތަށް ޢިމްރާނީ ބައެއް ބަދަލުތައް ގެނައީ މޫސާ ހިރިހަމައިދި ކަލޭގެފާނުގެ އަތޮޅުވެރިކަމުގެ ދުވަސްވަރުގަ އެވެ. "ހުވަދުއަތޮޅުގެ ތަޢުލީމުގެ ބާނީއަކީ، ޙާޖީ މުޙައްމަދު ކަލޭފާނެވެ." (މަޢުލޫމާތު: ޢަބްދުއްޞަމަދު ޙުސައިން މާކޯނި/ ތިނަދޫ)

އަތޮޅުތަކުގެ އަތޮޅުވެރިން މަޤާމުން ދުރުކުރެއްވުން

ދުނިޔޭގެކަންކަން ހިނގާނީ ދުނިޔޭގެ ސުންނަތާއި އެއްގޮތަށެވެ. ދުނިޔޭގެ ކަންކަމަކީ، ވަގުތީ ކަންކަމެވެ. އެއްދުވަހު ހެއްވާފައި، އަނެއްދުވަހު ރޮއްވުމަކީ، ދުނިޔޭގެ ޠަބީޢަތެވެ. ހިތާމައެއް އަދި ދަތިކަމެއް ކުރިމަތިވެއްޖެނަމަ ސަލާމަތުގެ އައްސޭރިއަކަށް ދާން ހިތް އަވަސްވާގޮތަށް، ތަނަވަސްކަމެއް ލިބިއްޖެނަމަ، އެކަން ދެމެހެއްޓުމަށް ވެސް ހިތް އެދޭނެ އެވެ. ކޮންމެ ތަރިއެއް ވެސް އެރުމަށްފަހު، އޮއްސެ އެވެ. އެ އުޞޫލުން އިންސާނުންގެ ކެރިފޯރުންތެރިކަން މެދުޖެހޭއިރު، ފެންނަންޖެހޭނެ އެންމެހާ ބުރުޞޫރަތަކެއް ވެސް ފެންނާނެ އެވެ. ރުހޭ ކުލަތަކާއި، ނުރުހޭ ކުލަތަކެއް ވެސް ހުންނާނެ އެވެ.

އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަން ނިމި ވެލާނާގޭ އަލްފާޟިލް އިބްރާހިމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ 11 އޮގަސްޓް 1957މ. (12 މުޙައްރަމް 1377ހ.ބުރާސްފަތި) ދުވަހު އެވެ. އިބްރާހިމް ނާޞިރަށް ބޮޑުވަޒީރުކަން ލިބިވަޑައިގެން ސަރުކާރު ހިންގެވުމުގެތެރޭ ބައެއް އަތޮޅުތަކުގައި ތިއްބެވި އަތޮޅުވެރިން ބަދަލުކުރެއްވި އެވެ. އެފަހަރު ވަކިކުރެއްވި ބައެއް ބޭފުޅުންގެ ތެރޭގައި: ހއ.އަތޮޅު މާރަންދޫ ކަލޭފާނު، ޅ.އަތޮޅު ނައިފަރު ކާންނާ ކަލޭފާނު، ބ.އަތޮޅު އޭދަފުށީ ޔޫސުފްކަލޭފާނު، މާލޭ ވަޑިދޮންމަނިކު، ހުވަދުއަތޮޅު ހަވަރުތިނަދޫ މޫސާ ހިރިހަމައިދި ކަލޭފާނު، އަދިވެސް ބައެއް އަތޮޅުތަކުގައި ތިއްބެވި އަތޮޅުވެރިން މަޤާމުން ވަކިކުރެއްވި އެވެ. މޫސާ ހިރިހަމައިދި ކަލޭގެފާނު ވެސް އެ މަޤާމުން ވަކިކުރެއްވުމަށްފަހު، މާލޭ މެރިންއޮފީހުގެ ވެރިކަން ދެއްވަން ހަމަޖެއްސެވުމުން އޭނާ އެކަން ޤަބޫލުފުޅު ނުކުރެއްވީ ސަރުކާރުގެ ވަޒީފާއެއް އަދާކުރެއްވުމަށް އޭރު ޢުޒުރުވެރިވާތީ އެވެ. އެއީ ޢުމުރުގެ ގޮތުންވެސް މެ އެވެ.) އަތޮޅުވެރިކަން އޭނާ ގަބޫލުކުރެއްވީ ވެސް އަމީންދީދީ އެ ކަމަށް ބާރުއެޅުއްވުމުގެ ސަބަބުން ނެވެ. (މަޢުލޫމާތު: ޢަބްދުއްޞަމަދު ޙުސައިން މާކޯނި/ ތިނަދޫ، ޢަބްދުލްމުޙްސިނު މޫސާ ގަހާކޯޅި/ ތިނަދޫ)
                  ------------------

ޢަބުދުﷲ ޙިލްމީ
13 އޯގަސްޓް 2016މ.