
ދޭއް ޖެހިއިރު (29 އޯގަސްޓް 1969މ.) އަޅުގަނޑުމެން ފުރަން ނުކުމެއްޖައީމުއެވެ. މިދަތުރު ޢަބުދުﷲ ދީދީ (ފިޔޯރީ އިރަމާގޭ ޢަބުދުﷲ ޙުސައިންދީދީ) ވަޑައިނުގަންނަވައެވެ. މުހިއްމު ބޭނުމަކު ރަށުގައި މަޑުކޮށްލެއްވީއެވެ. ދަތުރުގައި ވަޑައިގަންނަވަނީ ކަތީބު އަޙްމަދުދީދީ (ފިޔޯރީ ގުލްފާމުގެ އަޙުމަދު ޙުސައިންދީދީ) އެވެ. ފުރޭވަރުވީ ފަނަރަ ވަރަކަށް މިނެޓް ފަހުންނެވެ. ރަށުގެ ހެޑްގެ ދަތުރެއްގައި އެއީ ލަސްވުމެއް ނޫން ދޮގެއްތޯއެވެ؟ ރަށުން ނައްޓާލިތަނާ ކުޑަ ކޮޅިކޮޅަކާ ޖެހުނެވެ. ނަމަވެސް މިދޯނީގައި ހިޔާގަނޑެއް ހަދާފައި އޮތުމާއިއެކު މާ ބޮޑުކަމަކަށް ނުވިއެވެ. ފިޔޯރިން ފުރި ނަމަވެސް އެރަށުގެ ހަނދާންތަކާ އެހާ ފަސޭއަކުން ވަތްކެއް ނުވެވުނެވެ. އަޙްމަދުދީދީގެ ޢިބުރަތްތެރި ވާހަކަތަކެވެ.
މިދަތުރު ފެށުނީ ކުރީ ބަޣާވަތުގެ ވާހަކައިންނެވެ. ކުރީގައި ވިދާޅުވެދެއްވާފައި ވަނީ ދެވަނަ ބަޣާވަތުގައި އޭނާއަށް ޖެހިވަޑައިގެންނެވި ޙާލުކޮޅެވެ. ހުރިއެންމެ ފިރިހެންދަރިފުޅު ގެއްލިދިޔަ ގޮތެވެ. ފުރަތަމަ ބަޣާވަތުގައިވެސް ފެށުނީ އަތުގައި ރޯނުއޮޅާ ހަވަރުތިނަދޫގައި ހަވަރަށް ދެއްވުމުންނެވެ. އެއްބަނޑުއެއްބަފާ ޝައިޚު ޒުހްރީއާއި ވެސް އެކުގައެވެ. ހިތްޕުޅަށް ގެންނަވާށެވެ. ބައްޕަޔާ ބޭބެ އަތުގައި ބޮޑުރޯނު އޮޅާފައި (އިހުޒަމާނުގައި ރޫމީންގެ އަނިޔާވެރި ވެރިކަމުގައި ސިންގާއަށް ކާންދޭން "ކުށްވެރި" އިންސާނުން ގެންނަހެން) ހަވަރަށް ދިނުމަށްޓަކައި އެއިރުއޮތް އަނިޔާވެރި ސުވައިދީބު ސަރުކާރުގެ އެއްވުމެއްގެ ތެރެޔަށް ގެނެވުނުއިރު އެތާނގެ ކާތިބަކަށް އިނީ އަޙްމަދުދީދީގެ ދަރިފުޅު މުޞްޠަފާއެވެ. (މުސްތަފާއަކީ ކުރީގެ އަތޮޅުވެރި އަލްއުސްތާޛު ނ.ތ. ޙަސަންދީދީ ވެސް ގެންގުޅުއްވި ކާތިބެވެ.)
(ނަން)
ފޮށިގަނޑެއްގެ މައްޗަށް އަރާ ހުންނަވައިގެން ހަރުއަޑުފުޅުން
މިފަދަ ނުލަފާމީހުން ދޫކޮށްލައްވައިގެން ތި ބޭކަލުން ހަމަ ތިއްބަވާނީތޯއޭ؟ ތިންފަހަރު
ވިދާޅުވާއިރަށް ވަރުގަދަ އަތެއް އައިސް އަޅުގަނޑުގެ ކަނދުރާމައްޗަށް ވެއްޓިއްޖެއެވެ.
ދެނަކާ ދެނެއްނެތެވެ. ޒުހްރީގެ ހާލުކޮޅެއް އަޅުގަނޑަކަށް ނޭނގެއެވެ. އެއްބަޔަކު އަނިޔާކުރި
ނަމަވެސް އަނެއްބަޔަކު އަޅުގަނޑު ގެންގޮސް މަދްރަސާ އަމީރު އިބްރާހިމްގެ ތެރެޔަށް ވެއްދިކަން
އެއީ ނަސީބެކެވެ. ދެން އެތަންމިތާ ފިލާއުޅެނިކޮށް އަނެއްކާވެސް އަނިޔާވެރިންގެ
އަތުގައިޖެހި އަޅުގަނޑުގެނަސް އަތޮޅުގޭ ފާރުމަތިން އެތެރެއަށް ވައްޓާލައިފިއެވެ.
ޒުހްރީ އެތަނަށް ގެނެވުނުއިރު ހުންނެވީ މީހެއްގެ ބައު މުންޑުފަޅިޔެއް އެދިވަޑައިގެންނެވެ.
އަޅުގަނޑަށް ރޮވުނީ ޒުހްރީ ފެނުނީމައެވެ. ދެން އަޅުގަނޑު ލައިގެންހުރި ގަމީސް ބާލާ
ޒުހްރީ ލާން ދިނީމެވެ.
ކުޑަ އިރުކޮޅަކުން
އަތޮޅުގޭ އަނދިރި ކޮޓަރިޔެއްގެ ތެރެއިން އިވުނީ އަޅުގަނޑުގެ މުޞްޠަފާ ރޯ އަޑެވެ. ކުރިން
ދެންނެވިވަގުތު އޭނާގެ ގައިގާ ވެސް ތަޅާފޮޅާގަތީއެވެ. އެ އަނދިރި ޖަލުގެކާނާ....
ރަމްޟާން މަހެވެ..... ދުވަސްކޮޅަކަށްފަހު ޒުހްރީ އަރުވާލީއެވެ. މުޞްޠަފާއަށް
އަނިޔާކުރި މީހުން ބަންދުކޮށް އޭނާ ރަށަށް ބޭސްކުރަން ފޮނުވީއެވެ. އަޅުގަނޑުވެސް
އަރުވާލަން ނިޔާ ކަނޑައެޅުމަށްފަހު، ފަހުން ފޮނުވާލުން ރަނގަޅުކަމަށް ނުފެނެވެ. އެއްވެސްއެއްޗެއް
ނުކައި ބައެއް ދުވަހު ރޯދަހިފަން ޖެހޭތީ އަޅުގަނޑުގެ ޙާލު ވަރަށް ދެރަވާންފަށައިފިއެވެ.
އެއްދުވަހު ފެންބޯން ދާނީން ފެން ނަގައިފައިވެސް
ރޯދަޔަށް ހުރެގެން މަރުވުމުގެ އެދުން ބޮޑުކޮށްލާފައި ގޮސް އޮށޯތީއެވެ. ހަމަ އެދުވަހު
(ނަން) ވަޑައިގެންކުރެއްވި ސުވާލުތަކަކާއި އެކު
(ނަން) އަށް އަޅުގަނޑަށް ކާންދިނުމަށް އަންގަވައިފިއެވެ.
އިރުއޮއްސުނު އިރު ގެނައި ތަށިބަރިޔެއް..... ސުބްޙާނަﷲ! ކުކުޅުރިހައިން ފެށިގެން... ހެދިކާއިން ސަންބޯސާއަށް ދަންދެން ހުއްޓެވެ. 9 ޖެހިއިރު ސަޔާއެކުވެސް ހަމަ އެހާ ގިނަސާމާނު ހުއްޓެވެ. އެހާ ހިސާބުން ކާންލިބޭލެއް މޮޅުކަމުގެ ކޮޅެއްނެތެވެ. ދުވަސްކޮޅަކަށްފަހު އޮފީހަށް ފޮނުވަން އަޅުގަނޑު ސޮއިކޮށްލަންވީ ސިޓީއަކާއެކު (ނަން) އަޅުގަނޑަށް ސިއްރު ސިޓީއެއް ފޮނުއްވައިފިއެވެ. މަޢާފުގެ ސިޓީ ދިޔުމާއިއެކު ނާރޭ ތަކްބީރަށް އަލުން ހަވަރު އެއްވެލައްވާ އަޅުގަނޑަށް މަޢާފު ދެވިއްޖެއެވެ. (ނަން) ރާއްވަވާފައިވާ ގޮތަށް އަޅުގަނޑު ބޮޑު ފޮށިގަނޑެއްގެ މައްޗަށް އަރައިހުރެ އަޅުގަނޑުވެސް ސަރުކާރަށް ކިޔަމަންތެރިކަން އަދާކުރާނޭކަމުގައި ދެންނެވީމެވެ. އޭގެފަހުން އަޅުގަނޑު އެބޭފުޅުންގެ ތެރޭގައި ހަވަރުތިނަދޫގައި ދުވަސްތައް ހޭދަކުރަމުން ގެންދިޔައީމެވެ.
ވާހަކައަކީ
ޢިބްރަތުން ފުރިގެންވާ ލިޔަންބޭނުން ވާހަކައެކެވެ. ނަމަވެސް، އެންމެފަހަރަކު އަހާލައިފައި
އޭގެ ދެ ދުވަހެއްގެ ފަހުން ލިޔަންވީމާ އަޙްމަދުދީދީ އަރިހުން މަޢާފުއެދެމެވެ.
ފުރަތަމަ ފަތަޙައިގެ ދުވަހާ ޖެހެންދެން އޭނާއާއި ދިމާވި މުހިއްމު ހުރިހާ
ޙާދިސާތަކެއް ކިޔާދެއްވިއެވެ. ކޮންމެއަކަސް އަޙުމަދުދީދީ ހޭދަކުރައްވާފައިވާ
"އެކުވެރި" ސިޔާސަތު ވަރަށް މޮޅެވެ. ހަވަރުތިނަދޫ ފަތަޙަކުރެއްވުމަށް ޞދ.
އަލްފާޟިލް އިބްރާހިމް ނާޞިރު ކުރެއްވި ތާރީޚީ ދަތުރުފުޅުގައި ނާޞިރުގެ އޯޑަރުތައް
އަޑުގަދަކުރާގެ ޛަރީޢާއިން އެރަށަށް ފޮނުވުމުގެ ޝަރަފު ދެއްވީ އަހްމަދުދީދީ އަށެވެ.އަދި
އެދުވަހު ބަސްކިޔާ އިސް މީހަކަށް ހެއްދެވިއެވެ. ހަވަރުތިނަދޫ ފަތަޙަ ކުރެއްވުމަށްފަހު،
ފުރައިވަޑައިގަންނަވަމުން ރަޢިއްޔަތުންގެ
ކަންތައްހިންގެވުމާއި ނާއިބުކަންވެސް ޙަވާލުކުރެއްވިއެވެ. ފިޔޯރިން ފުރައިގެން
ނަޑެއްލާ ބޭރަށް އާދެވެންދެން އޮތީ މިވާހައެވެ.
އަޙުމަދުދީދީ
ވިދާޅުވެދެއްވި ހުރިހާ ވާހަކައެއް ލިޔެލެވުނު ނަމަޔޭ މިހާރު ހިތަށް އަރައެވެ.
އެވާހަކަތައް ލިޔެލެވުނުނަމަ އަޙްމަދުދީދީގެ ހިތްވަރުފުޅު ގަދަކަމާ ސަރުކާރަށް ބެހެއްޓެވި
ތެދުވެރިކަމުގެ ކަމުގެ ދިރިހުރި މިސާލުތަކަށްވީސް ކަން ޔަގީނެވެ.
އިސްވެ ދެންނެވި
ވާހަކަތަކުންވެސް ސިޔާސީ ގޮތުން ޙައްގަކާ ނުލައި އަޙްމަދުދީދީ އަށް ލިބިވަޑައިގެންނެވި
ބައެއް އަނިޔާތަކާ ސުވައިދީބުގައި ހިނގަމުން ދިޔަ އަނިޔާވެރިކަން ވެސް ކޮންމެވެސް ވަރަކަށް
ސިފަ ކުރެއްވޭނެ ކަމަށް ހީކުރަމެވެ. ކޮންމެއަކަސް އަޅުގަނޑު ދުށް އަޙްމަދުދީދީ
އަކީ، ހިތްވަރުގަދަ ފަހުލަވާނެކެވެ. ހިތްޕުޅުހެޔޮ ދީލަތި ބޭފުޅެކެވެ. އަތޮޅުގެ
ގިނަ ބަޔަކުގެ އިޙްތިރާމް ހޯއްދަވަމުން ގެންދެވި، ވަފާތެރި ޤަވްމީ
ޚިދުމަތްތެރިއެކެވެ.
ފިޔޯރީ އަޙްމަދުދީދީ
އަކީ، ރާއްޖޭގެ ޢިލްމުވެރި ޢާއިލާއެއްގެ އެއް ބޭފުޅެކެވެ. ތަފްޞީލުކޮށް
ދަންނަވާނަމަ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން އަރައިހުންނެވި
ފަޟީލަތުއްޝައިޚު ޢަލީ ޙުސެންދީދީއާއި ޢިލްމުވެރި ޝައިޚު ޒުހްރީގެ ބޭބެއެވެ. އަޙްމަދުދީދީ
ދުނިޔޭގެ އަލިކަން ދެކިވަޑައިގެންނެވީ 1910 ވަނައަހަރު ޖުލައިމަހު 15 ވަނަ ދުވަހު
ހުވަދުއަތޮޅު ފިޔޯރީގެ ތަނަވަސް ޢާއިލާއަކަށެވެ. ރަށުން ލިބިވަޑައިގެންނެވި ތަޢްލީމެއް
ޙާޞިލް ކުރެއްވުމަށްފަހު މާލެވަޑައިގެން އެއިރު "މަދްރަސާއެއް ކަމުގައިވި"
ފަޟީލަތުއް ޝައިޚު ޙުސައިން ޞަލާޙުއްދީނު އަރިހުން ތަޢުލީމު ޙާޞިލް ކުރެއްވިއެވެ.
ރަށަށް ވަޑައިގެންނެވުމަށްފަހު،
މުރާލިކަމާއި އެކު ދިރިއުޅުމުގެ މަސައްކަތްތައް ފެއްޓެވިއެވެ. މަސްދޯނިފަހަރު ދުއްވުމާ
ފަޅުރަށްރަށް ލިޔުއްވާ ބެލެހެއްޓެވުމާ ވިޔަފާރި ކުރެއްވުމެވެ. އަދާކުރެއްވި
ވަޒީފާތަކުގެ ތެރޭގައި އަތޮޅުގެ ބައެއް އިސް މަގާމްތަކާ ސަރުކާރުގެ ބައެއް މަގާމްހިމެނެއެވެ.
އެންމެ ގިނަދުވަހު އަދާކުރެއްވި ވަޒީފާއަކީ، ފިޔޯރީގެ ކަތީބުކަމެވެ. ކައިވެނީގެ ގޮތުން
އައްޑޫހުޅުދޫ ވާރުގޭ މަރިޔަމް މަނިކެފާނާއި ގުޅިވަޑައިގެން ފިރިހެން ތިން ބޭފުޅުންނާ
އަންހެން ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. ނަމަވެސް މިހާރު ދުނިޔޭގައި
ތިއްބެވީ އަންހެން ތިން ބޭފުޅުންނެވެ.
އުފާވެރި
ތަނަވަސް ދިރިއުޅުއްވުމަކަށްފަހު، ދިގު އާލާސްކަންފުޅެއްގައި މާލޭގައި
ދުވަސްތަކެއް ހޭދަކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 28 ނޮވެމްބަރ
2009 ވަނަ ދުވަހުއެވެ. ކީރިވަންތަﷲ މި މަރްޙޫމަށް ފުއްސެވުމާއި ރުއްސެވުން އިތުރުކުރައްވައި ދާއިމަށް ދެމިހުންނަ
ސުވަރުގޭގެ ނިޢްމަތުގައި ލަހައްޓަވާށިއެވެ!
"ކާކުތޯ ނުދާނެނީ މިގުލްޝަނުން ވަކިވެ
ހިގާ ކާކުތޯއެ ހަރުލަނީ ނުދާނެހެން މިތާކުގައި
އިއްޔެގައި އެކީއުޅުނު މިތުރުނާ އަޒީޒުނާ ވިއްޔެވަކި
މިފާލަމުން ކުރިދަތުރު އެ ނިންމަމުން"
-----------------
ލިޔުއްވީ:
އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ މީޒާން/ ނައިފަރު (ޑައިރީ)