މުލަތަރަހަތާ ކައިގެން - ހުވަދޫ ބަހުރުވައިގެ މިސާލުބަހެއް
















މީހަކު އާދަޔާ ޚިލާފަށް ތެޅިފޮޅި ހިމޭނުންނުހުރެ، އެއްތަނުގައި ޖެހިފައި އަނެއްތަނުގައި ޖެހިފައި (އެގޮތްމިގޮތަށް) މައިތިރިނުވެ އުޅެންޏާ ހުވަދޫ ބަހުރުވައިގައި ހުވަދޫގެ މުސްކުޅި ބައެއްމީހުން ކިޔައިއުޅެނީ "ވަށްވަށްލޮޅާ ޖެހުން" (ކުއްތާ ވަށްވަށްޖެހުން ފަދަ) ނޫނީ، "އެބެރެންތެއްލާ ޖެހުން" (މޮޔަ ބޮލަށް އަރައިގެން އެނބުރުން ފަދަ) ނޫނީ "ހަންނުހަން ނުޖެހީގެން ވޮންޑުން" (ހިމޭނުން ނުހުރުން ފަދަ) އެވެ. ހަމަ އެފަދައިން އެގޮތަށްއުޅޭ މީހަކަށް "މުލަތަރަހަތާ ކައިގެން" އުޅޭ މީހެކޭވެސް ކިޔައެވެ. މިއީ ހުވަދޫ ބަހުރުވައިގެ މިސާލުބަހެކެވެ. "މުލަތަރަހަތާ" އަކީ މުއްސަނދި، އެހެނަސް ފަނޑުވުމުގެ ބިރު ހީވެފައިވާ، މިސާލު ބަހެކެވެ. 


"މުލަތަރަހަތާ ކައިގެން" މިބަހުގައިހިމެނޭ "ތަރަހަތާ" އަކީ، ކުރީޒަމާނުގައި އެކި އެއްޗެތީގައި (ޚާއްޞަކޮށް ފޭރާން ވިޔަން ބޭނުންކުރާ އުއިފަދަ އެއްޗިއްސާއި އެހެންބައެއް ތަކެތީގައި) ކުލަޖެއްސުމަށް  އަހިމޫ ފަދަ އެކި އެއްޗެތި އަޅައިގެން ކައްކަން ގެންގުޅުނު ބަނޑިޔާ ޒާތަކަށް ހުންނަ އެއްޗެކެވެ. އެއީ ހުވަދޫ ބަހުރުވައިގައި އެއަށް ކިޔައިއުޅޭ ނަމެކެވެ. މިބަސް އައިގޮތާއި ދޭތެރޭ ވިސްނާލާއިރު، އެއީ މީސްމީހުންނަށް ދިމާވާ ބައެއްކަހަލަ ކަންކަމުގެ ވާހަކަތަކުގެތެރޭ ހިމެނޭ ގިނަ ބަޔަކަށް ނޭނގި އޮންނަ އެހެން ނަމަވެސް ވަރަށް ޝަޢުގުވެރިވާކަހަލަ ކަމެކެވެ. 

އިހުޒަމާނުގައި ރިޔާ، އެންދަމާ ދާ، ނުވަތަ އެނޫންވެސް ބައެއް ތަކެތީގައި ކުލަޖެއްސުމަށް ބޭނުންކުރަނީ އެކިކަހަލަ ފަތްޕިލާވެއްޔާއި ގަސްގަހުގެ މޫތަކެވެ. އެފަދަ ބާވަތްތައް ކުރިން ދެންނެވުނު ފަދަ ތަރަހަތެއްގައި ނުވަތަ އެނޫންވެސް އެއްޗެއްގައި ކެއްކުމަށްފަހު ހޫނުކޮށްހުއްޓައި ކުލަޖައްސަން ބޭނުންވާ ރިޔާ ނުވަތަ އެނޫންވެސް އެއްޗެއް އޭގެތެރެއަށް ލާނީއެވެ. އަދި އިރުކޮޅަކަށް އަލިފާނުގެ މަޑުގިނީގައި ކެއްކުމަށް ފަހު ރަނގަޅަށް ކުލަ ހިފަންދެން ބަހައްޓައެވެ. މިގޮތަށް އާންމުކޮށް ބޭނުންކުރަނީ އަހި މުލެވެ. މިމުލުން ނުކުންނާނީ ރަތްކުލައެވެ. އެނޫން ކުލައަކަށް ބަދަލުކުރާނީ އެހެން ބައެއްތަކެތި އަޅައިގެންނެވެ. ޢާއްމުކޮށް ކުރީޒަމާނުގައި ފެންނަ އޮޑި، ދޯނި، ބައްތެލިފަހަރުގެ ރިޔަލުން އެފެންނަ ރަތްކުލަޔަކީ މިގޮތަށްޖައްސާ ކުލައެކެވެ. ކުލަޖެއްސުމަށް މޫތައްކޮށައި ކައްކާފައި ހުންނައިރު ހުންނާނީ، ހިކިމަސް ކޮށައިގެން ރިހަ ކައްކާފައި ހުންނަ ގޮތަށެވެ. 

ކޮންމެއަކަސް މިބަސް އައިގޮތަށް ބަލާލާއިރު، އެއީ ކޮން ރަށެއްގައި ކޮން އިރަކު ހިނގި ހާދިސާއެއްކަމެއް ނޭނގެއެވެ. އިވޭ ގޮތުގައި އެއީ އެރަށެއްގައި ފަރިވަޅެއް (ޚާއްސަ މުނާސަބަތަކާއި ގުޅިގެން ބާއްވާ ކެއުމެއް) ދިން ރެއެއްގެ ވާހަކައެކެވެ. މިފަ ރިވަޅަށް ދިޔަ ބަޔަކު ގިނައިން ކާންވެގެން އެހެން މީހުންނަށް ސިއްރިޔާތުގައި ބިތްދޮށު ބަދިގެއަށް ދިޔައެވެ. އެޒަމާނުގައި އާއްމުކޮށް ހުންނާނީ، ހިކިމަހާއި، ކާއްޓާއި، ރިހާކުރާއި، ގަބުޅި ބޯކިބަލާއި ހުނިލީ ބަތާއި މިޒާތުގެ ބައެއްބާވަތެވެ. އަދި ބިތްދޮށު ބަދިގޭގައި ކެއްކުމަށްފަހު ކޭން ތައްޔާރުކުރާނީ ބޭރު ފެންޑާގައެވެ.

ކޮންމެއަކަސް ބިތްދޮށު ބަދިގެއަށްދިޔަ މީހުން އެތަނުން ބަތާއި ހިކިމަހާއި އެކި ވައްތަރުން ބަނޑުފުރާ ކައިގެން ނިކުމެއްޖެއެވެ. އަދި އިރުކޮޅަކުން އެމީހުން އެއްތަނުގައި ޖެހިފައި އަނެއްތަނުގައި ޖެހިފައި ތެޅެންފެށިއެވެ. ހަޤީގަތުގައި މިމީހުންނަށް ހިކިމަސް ކަމަށް ކެވުނީ އެއްކަލަ ތަރަހަތުގައި ހުރި މޫތަކެވެ. ހަމަ އެވަގުތު އެތަނުން މީހަކު ބުނިކަމަށްވެއެވެ. "ޔަގީނެ, ތިވޮންނާ ތިތާ ހުއްޓީ މުލަތަރަހަތާ ކައިގެން" (ޔަގީން، ތިއުޅެނީ ތިޔަތާނގައި ހުރި މުލަތަރަހަތާ ކައިގެންނެވެ.) މިއީ މިބަސް ހުވަދޫ ބަހުރުވައިގެތެރެއަށް އައިގޮތްކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިފަދަ ބަސްތައް މިހާރަކަށްއައިސް ބޭނުންކުރަނީ ވަރަށްމަދުންނެވެ. ހުވަދޫ ބަހުރުވައިގައި ހިމެނޭ މިފަދަ އެތައްބަހެއް މިހާރުމިވަނީ ނެތިގެން ގޮސްފައެވެ. މިފަދަ ބަސްތައް އައިގޮތާއި މިބަސްތަކުގެ މާނައާއި ތާރީޚީ މިފަދަކަންތައް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކޮންމެވެސް މަސައްކަތެއް ކުރަންޖެހޭކަމަށް ދެކެމެވެ.

ހުވަދޫމީހުންނަކީ ޒަމާނުއްސުރެ އަމިއްލަ ބަހުރުވައެއް ގެންގުޅޭ އަމިއްލަވަންތަ ބައެކެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގެ ބަހުރުވައަށްވުރެ އައްޑޫ ހުވަދޫ ބަހުރުވައިގެ މުއްސަނދި ކަން ބޮޑުކަމަށް ބުނުމަކީ އެއްގޮތަކަށްވެސް އެހެން ބަހުރުވަތަކަށް ބުނެވޭ ބަދު ބަހެއްނޫނެވެ. އެއީ ޙަޤީގަތުގައިވެސް އެކަންއޮތް ގޮތެވެ. ދިވެހިބަހުގެ ފުންނާބުއުސް ފަރާތްތަކުން އެކަމަކަށް ހެކިވާ ކަމެކެވެ. އެހެންކަމުން މިމުއްސަދނި ބަހުރުވަ ދިރުވާ އާލާކުރުމަކީ، ދިވެހިބަހަށް ޚާއްޞަކޮށް ހުވަދޫބަހަށާއި، އަދި ދިވެހިތާރީޚަށް ލޯބިކުރާ ކޮންމެމީހެއްގެވެސް ޒިންމާއެކެވެ.
                              ------------------

ޙަސަން ޢަބުދުﷲ 
Havaruonline.com
22/12/2012