އަތިރީގޭ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދެވަނަ އަނބިކަނބަލުން - ކޮންބޭފުޅެއްގެ ބޭފުޅެއްތަ؟













ތަޢާރަފު:

އަތިރީގޭ ސުމުއްވުލްއަމީރު އިބްރާހީމް ދޮށިމޭނާކިލެގެފާނަކީ (1847 – 1952) ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު (1910 – 1954) ގެ ބައްޕަ ފަރާތްޕުޅުގެ ކާފައެވެ. އަވަހާރަވީ ޢުމުރުފުޅުން 84 އަހަރުގައެވެ. ފަސްދާނުލެވުނީ ހުކުރު މިސްކިތު ޤަބުރުސްތާނުގައެވެ.

އިބްރާހީމް ދޮށިމޭނާ ކިލެގެފާނު 5 ބޭފުޅަކާ ކައިވެނި ބެއްލެވިއެވެ. އަވަހާރަވީއިރު އިންނެވި އަނބިކަނބަލަކީ މާންދޫގޭ ތުއްތު ގޮމައެވެ. ފަހުން ކިޔަނީ އަތިރީގޭ ގޮމައެވެ. އެއީ މުސްކުޅި ބަންޑާރައިންގެ ދަރިކަނބަލެކެވެ.

ބަޙުސް:

އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދެވަނަ އަނބިކަނބަލެއް ކަމަށް މުޙައްމަދު އަމީން ލިޔުއްވަނީ: "އެސްޖެހިގަޑުވަރު ސައްޔިއްދު މާފަތްކިލެގެފާނުގެ ދަރިކަބަލުން ދޮންދީދީ" ކަމުގައެވެ. (ޙަޤީޤީ ބައްޕަ، ޞ21) 
މިހާރު އުފެދޭ ސުވާލަކީ:
ހ- އެސްޖެހިގަނޑުވަރު (މިހާރު އެސްޖެހިގެ) ސައްޔިއްދު މާފަތްކިލެގެފާނަކީ، ކޮންބޭފުޅެއް ހެއްޔެވެ؟ 
ށ- އެސްޖެހިގަނޑުވަރުގައި ދެ ސައްޔިއްދު މާފަތްކިލެގެފާނު ތިއްބެވި ހެއްޔެވެ؟ 

އެސްޖެހިގަނޑުވަރު ސައްޔިދު މާފަތްކިލެގެފާނު ތަޢާރަފުކޮށްދޭން އަޅުގަނޑުވާނީ ފަތްތޫރައިގައި މަޒުމޫނެއް ލިޔެފައެވެ. (ފަތްތޫރަ 426 ސެޕްޓެންބަރު 2015)

ފުރަތަމަ ސުވާލާ މެދު:

އެސްޖެހިގަނޑުވަރު ސައްޔިދު މާފަތްކަލޭގެފާނަކީ އެސްޖެހިގަނޑުވަރުގައި ހުންނެވި ތުއްތު ސީދީއެވެ. މި ސީދީއަށް މާފަތްކިލެގެ ކަމަށް ކޮލިލެއްވީ ޙާޖީ ޢިމާދުއްދީނު ރަދުންގެ ރަސްކަމުގައި ހިޖުރައިން 1313 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ މީލާދުން 1895 ވަނަ އަހަރެވެ. އޭގެ ފަހުން އެއީ އެސްޖެހިގަނޑުވަރު ސައްޔިދު މާފަތްކިލެގެފާނެވެ. މަޝްހޫރު ބޮޑުހުޅުގައި އިބްރާހީމް ދޮށިމޭނާކިލެގެފާނާއެކު އުޅުއްވިއެވެ. އޭރު އަދި މާފަތްކިލެގެ ކަމަކަށް ކޮއްޔެއް ނުލައްވައެވެ.

ދެވަނަ ސުވާލު:

އެސްޖެހިގަނޑުވަރުގައި ދެ ސައްޔިދު މާފަތްކިލެގެފާނެއް އުޅުއްވިކަން އެނގޭކަށް ނެތެވެ. އެސްޖެހިގަނޑުވަރުގައި ހުންނެވި ސައްޔިދު މާފަތްކިލެގެފާނަކީ އެސްޖެހިގަނޑުވަރު ތުއްތު ސީދީއެވެ. މި ތުއްތު ސީދީއަކީ އެސްޖެހިގަނޑުވަރު ކަޅުކަލޭގެފާނު (ކަޅު ސީދީ) ގެ ބޭފުޅެކެވެ. މި ތުއްތު ސީދީއަށް އިހު މީހުން ކިޔަނީ "ކަޅު ސީދީގެ ސީދީ" އެވެ. މި ވާހަކަ ވިދާޅުވެދެއްވީ އެސްޖެހިގޭ ދޮށީ ސީދީއާ ކައިވެނިބައްލަވައިގެން އެގޭގައި އިންނެވި، ބުރުނީގޭ މުޙައްމަދު ދީދީގެ ޢާއިޝާ ދީދީއެވެ. މި ދޮށީ ސީދީއަކީ، އެސްޖެހިގަނޑުވަރު ސައްޔިދު މާފަތްކިލެގެފާނުގެ ދޮން ސީދީގެ ދޮށީ ސީދީއެވެ.

އެސްޖެހިގަނޑުވަރު ކަޅު ކަލޭފާނުގެ ބޭފުޅުން:

އެސްޖެހިގަނޑުވަރު ކަޅު ކަލޭފާނު (ނުވަތަ ކަޅު ސީދީ) ގެ ތިއްބެވީ އެކި ބަނޑުގެ ބޭފުޅުންނެވެ. އެއް ބޭފުޅަކީ އެސްޖެހިގަނޑުވަރު ސައްޔިދު މާފަތްކިލެގެފާނެވެ. އަނެއް ބޭފުޅަކީ ވެލާނާ މަނިކުފާނުގެ އަނބިކަނބަލުން އެސްޖެހިގަނޑުވަރު ސިއްތިއެވެ. މި ދެ ބޭފުޅުންގެ މައިކަނބަލަކީ، މުލީގޭ ބޮޑު އިސްމާޢީލް ދީދީ މާފަތްކިލެގެފާނުގެ ފާޠިމާ ދީދީ އެވެ.
ކަޅު ކަލޭފާނުގެ ދެން ތިއްބެވި ބޭފުޅުންނަކީ: އަލިމަސްގޭ ދޮން ދީދީގެ ބަނޑުފުޅުން އަލިމަސްގޭ ސިއްތިއާ، ފޫޅުމާގޭ މަރިޔަމް ދީދީގެ ބަނޑުފުޅުން ފޫޅުމާގޭ ސިއްތިއާ އަދި ވަކި ބަނޑު ދޮންދީދީއެވެ. މި ދޮންދީދީގެ މަންމައަކީ ކާކުކަން އޮޅުންފިލާކަށް ނެތެވެ.

އެސްޖެހިގަނޑު ސައްޔިދު މާފަތްކިލެގެފާނުގެ ބޭފުޅުން:

ސައްޔިދު މާފަތްކިލެގެފާނުގެ ތިއްބެވި ބޭފުޅުންނަކީ ގަލޮޅުގޭ ޢަލީ ދޮށިމޭނާކިލެގެފާނު ދެ ބޭފުޅުންގެ ބޭފުޅުންނެވެ. އެއީ ގަލޮޅުގޭ އާމިނާ ދީދީއާއި ސަންފާ ދީދީއެވެ. އަދި ޢަލީ ދޮށި މޭނާ ކިލެގެފާނުގެ ޙައްވާ ދީދީއާ ވެސް ސައްޔިދު މާފަތްކިލެގެފާނު ކައިވެނި ބެއްލެވިއެވެ. ބޭފުޅަކު ލިބިވަޑައިގެން އަވަހާރަވީއެވެ.

އާމިނާ ދީދީގެ ބަނޑުފުޅުން ލިބިވަޑައިގަތީ ދޮންސީދީއާއި ތުއްތު ސިއްތި (ސަކީނާ) އެވެ. މި ތުއްތު ސިއްތިއަކީ މީރުބަހުރުގޭ މުޙައްމަދު އިސްމާޢީލް ދީދީގެ އަނބިކަނބަލުންނެވެ. އަދި މުޙައްމަދު އަމީނުގެ މަންމަފަރާތްޕުޅުގެ ބޮޑުދައިތަ ވެސް މެއެވެ. މި އާމިނާ ދީދީ ފުރަތަމަ ކައިވެނި ބެއްލެވީ ރޯނުގޭ އިބްރާހީމް ދީދީއާއެވެ. ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ ރޯނުގޭ ޢާއިޝާ ދީދީއެވެ. މިއީ މުޙައްމަދު އަމީނުގެ މަންމައެވެ.

އެސްޖެހިގަނޑުވަރު ދޮން ދީދީ:

އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ދެވަނަ އަނބިކަނބަލުން އެސްޖެހިގަނޑުވަރު ދޮންދީދީއަކީ، އެސްޖެހިގަނޑުވަރު ސައްޔިދު މާފަތްކިލެގެފާނުގެ ބޭފުޅަކަށް ވެއްޖެނަމަ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނަކަށް އެ ދީދީއާ ކައިވެނި ބައްލަވައެއް ނުގަނެވޭނެއެވެ. ކައިވެނި ހެވެއްނުވާނެއެވެ.

ޚުލާސާ:

އެސްޖެހިގަނޑުވަރު ދޮންދީދީއަކީ އެސްޖެހިގަނޑުވަރު ކަޅުކަލޭގެފާނު ނުވަތަ ކަޅު ސީދީގެ ބޭފުޅެކެވެ. އެސްޖެހިގަނޑުވަރު ސައްޔިދު މާފަތްކިލެގެފާނާ އެއްބަފާ ބޭފުޅެކެވެ. މި ދޮން ދީދީއާ އިބްރާހީމް ދޮށިމޭނާ ކިލެގެފާނު ކައިވެނި ބެއްލެވިއެވެ. ބޭފުޅަކު ނެތެވެ. ފަހުން މި ދޮން ދީދީއާ ކައިވެނި ބެއްލެވީ، ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ދޮހުއްތީދީ (މޫސާ ދީދީ) އެވެ. ލިބިވަޑައިގަތީ ކަކާގޭ ޅަ ދީދީއެވެ. ޅަ ދީދީގެ ތިއްބެވީ ދެ ބޭފުޅުންނެވެ. އެއީ ދޮން ދީދީއާ މޫނިމާގޭ ސީދީއެވެ. މިއީ ދެ ބަފައިގެ ދެ ބޭފުޅުންނެވެ.
                 ------------------

މުޞަންނިފު: އަލްއުސްތާޛު މުޙައްމަދު ވަޙީދު ނަދްވީ

މަޢުލޫމާތު
ދިވެހިތާރީޚަށް އައުއަލިކަމެއް، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، ދެވަނަ ޗާޕު 1990
ދޮންތުއްކަލާ: ބައްޕަގެ ހަދާން، ޗާޕު އަހަރު ނެތް، އިހުގެ ޗާޕު
މުޙައްމަދު އަމީން: ސުމުއްވުލްއަމީރު އަލްޙާއްޖަ އިބްރާހީމް ދޮށިމޭނާކިލެގެފާނު މި ޒަމާނުގެ ދިވެހިރާއްޖޭގެ ޙަޤީޤީ ބައްޕަ، 1369ހ.، އިހުގެ ޗާޕު
މާލޭ ހުކުރު މިސްކިތް، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، އަހަރު ނެތް
ކޮލި ޙަސަން މަނިކު: ދިވެހި ނަސަބުތަކާ ބެހޭ ފޮތެއް، ޗާޕުނުވާ، ތާރީޚު ނެތް
އެސްޖެހިގަނޑުވަރު ކަޅު ސީދީގެ ބޭފުޅުން ލިޔެފައިވާ މުސްކުޅި ލިޔުމެއް، ޤައުމީ މަރުކަޒު
އަޙުމަދު ޝަފީޤު އަރިހުން ލިބިފައިވާ މަޢުލޫމާތު
ޙުސައިން ޞަލާޙުއްދީން: ދިވެހީންގެ ވާހަކަ، ނޮވެލްޓީ ޗާޕު 2003
މަލިން މުޙައްމަދު ދީދީ: " މާލޭގެ ތޮށި"، ފަތްތޫރަ 184 ޖުލައި 1994