ޚިދުމަތެއްގެ އަގު - 1
ދިވެހިގައުމަށް ބަޔަކު ކުރި ނުހަނު ބޭނުންތެރި އިޚްލާޞްތެރި ޚިދުމަތެއްގެ އަގު ވަޒަންކުރައްވައި އޭގެ ކޮންމެމީހަކަށް ދިވެހިދައުލަތުން ދެއްވި އިނާމަކީ ކިހާ އަގުހުރި އެއްޗެއްކަން އެ އިނާމު ލިބުނު ބަޔަކަށް އޭރު ރަނގަޅަށް ނޭނގުނު ނަމަވެސް މިހާރު އެ ކަން އެނގޭކަމަށް އޭގެތެރެއިން މިހާރު ދުނިޔޭގައި ތިބި ބަޔަކު ބުނެ އެވެ. އެ އިނާމަކީ އޭގެ ވެރިޔާ ބޭނުންވެއްޖެނަމަ ހާހުން ލައްކައިން ވެސް ރަން ބިސް އަޅާ ދޫންޏެކެވެ.
                   *********

މަސްވެރިކަން ކުރުމަށްޓަކައި އިނގިރޭސި ސަރުކާރުގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި އެންމެފުރަތަމަ އިންޖީނު ބެހެއްޓި އުޅަނދުތައް (މަސްބޯޓްތައް) ތައްޔާރުކުރީ ސުލްޠާން މުޙައްމަދު ފަރީދުގެ ރަސްކަމުގެ ދުވަސްވަރު ދިވެހި ދައުލަތް ހިންގެވުމުގެ އިސް ވެރިއަކަށް ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު ހުންނަވައިގެން ހުޅުލޭ ބޯޓްޔާރޑްގަ އެވެ. މި ބޯޓްޔާރޑްގެ ކަންކަން ބެލެހެއްޓީ ދިވެހިދައުލަތުގެ ކުންފުންޏެއްކަމަށްވާ "މައިޓް" ކުންފުނީގެ ފަރާތުންނެވެ. 


މި ބޯޓްތައް ބަނުމުގެ މަސައްކަތް ފެށީއްސުރެ ނިމެންދެން އޭގެ މާވަޑިންނާއި އަތްދަށު ވަޑިންނާއި މަސައްކަތުމީހުންނަށް ވުމުގެ ޝަރަފާއި ފަޚުރު ޙާޞިލްވަނީ ދިވެހީންގެ ބަޔަކަށެވެ. ޝަރުޢީ ޙުކުމެއް ތަންފީޒުކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ބެއްލެވުމުގެ ދަށުގައިވާ ބަޔަކަށެވެ. މިއީ ތަޢުރީފާއި ޝުކުރު ޙައްގުކަމެކެވެ. އަދި އެ ފެށުމަކީ އޭގެ ސަބަބުން އަދާ ހަމައަށްވެސް ހުއްޓުމެއްނެތި ދިވެހިރާއްޖެއަށް ނުހަނުބޮޑެތި މަންފާތައް ލިބެމުންދާ ކަމަކަށްވުމަކީ ކުލަގަދަ ރަން އަކުރުން ދިވެހިތާރީޚުގައި ފާހަގަކުރަންޖެހޭ ކަމެކެވެ.

ވިސްނެވުން އެދެވިގެންވެ އެވެ. ދިވެހިގައުމާއި ދިވެހިންނަށް މަންފާކުރަނިވި ޚިދުމަތެއް ކުޅައުމަކީ ގައުމީ ޚިދުމަތުގެ ބުރަދަނަށް ބަލާއިރު އޭގެ ޒާތުގައި ގައުމުގެ އެންމެމަތީ ވެރިޔާއާއި އެންމެދަށު މީހާއާއި ގައިދީއާއި މީނައާއި އޭނައާއި އެންމެން ހަމަހަމަ ކަމެކެވެ. އެކި މީހުނަށް އެކިވަރުގެ ބައިކުޅަބައެއް އޭގައި ނޯންނާނެ ކަމެކެވެ. ގައުމީ ޚިދުމަތުގެ ނިސްބަތުގަ އެވެ. އެ ޚިދުމަތުގެ ބުރަދަނުގެ ނިސްބަތުގަ އެވެ.

ހުޅުލޭ ބޯޓްޔާރޑްގައި ތައްޔާރުކުރި ދިގުމިނުގައި ގާތްގަނޑަކަށް 10 ވަރަކަށް މީޓަރ ހުންނަ މި ބޯޓްތަކުގެ ފަށަންބެހެއްޓީ 3 މާރޗް 1963މ. ގަ އެވެ. މި ބޯޓްތަކުގެ މަސައްކަތް ފުރަތަމަފެށީ އިނގިރޭސި ނޭވަލް އާކިޓެކްޓް މިސްޓަރ ސޯންޑާޒް ހުރެގެންކަމަށް ވިޔަސް ފުރަތަމަ ބަންނަން ފެށި 6 ބޯޓްގެ ފަށަން ދަމާލުމާއެކު އޭނާގެ މަސައްކަތް ހުއްޓާލައި ވަޟީފާއިން އިސްތިޢުފާދީ އެނބުރި ރަށަށްދިޔައީ އެވެ.

މިފަދަ ބޭނުންތެރި މަސައްކަތެއް ފެށުމަށްފަހު އެކަން އެދެވޭގޮތެއްގައި ހިނގައި ނުގަންނަނީސް މީނާ އެނބުރިދިޔައީ މާލެއަތޮޅު ދޫނިދޫގައި ހުންނެވި އިނގިރޭސި އިސްތިޢުމާރުގެ ޙީލަތްތެރި މަޝްހޫރު "ޑޭވީ"ގެ އިރުޝާދެއް އޮވެގެން ކަމަށާއި އޭގެ ބޭނުމަކީ ދިވެހިދައުލަތަށް ދަތިކޮށް ކަމަކަށްވާކަމެއް ވިޔަނުދިނުންކަން ލިޔުންތަކުން އެނގެ އެވެ.  އެ ދުވަސްވަރަކީ އިނގިރޭސީން އަޑީގައި ތިބެގެން ދިވެހިސަރުކާރާއި ރާއްޖޭގެ ދެކުނުގެ 4 އަތޮޅުވަކިކޮށް އެ އަތޮޅުތަކުގައި އަމިއްލަވެރިކަމެއް ގާއިމުކޮށް އެކަން މުޅިން ޙައްލުނުވެ އޮތް ދުވަސްވަރެވެ.

މިސްޓަރ ސޯންޑާޒް އޭނާގެ ގައުމަށްދިޔަ ނަމަވެސް ހުޅުލޭ ބޯޓްޔާރޑްގައި މަސްބޯޓްތައް ބަނުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިޔަ އެވެ. އެ މަސައްކަތްކުރީ މާލެއަތޮޅު ވިލިގިލީ ޖަލުގެ ބަންދުގައިވާ ދެކުނުގެ 4 އަތޮޅަށް ނިސްބަތްވާ ގައިދީންގެ ބަޔެކެވެ. މީގެ ތެރޭ ގިނައީ ހުވަދުއަތޮޅުގެ މީހުންނެވެ.

ހުޅުލޭ ބޯޓްޔާރޑްގައި ތައްޔާރުކުރި ފުރަތަމަ 6 މަސްބޯޓް ބަނުމުގެ މަސައްކަތް ނިމުނީ 6 އޮގަސްޓް 1963މ. ގަ އެވެ. އޭރު ދެން މަސައްކަތް ފަށަންޖެހޭ 6 ބޯޓަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމާއި ނިމުނު 6 ބޯޓަށް ބޭނުންވާ އިންޖީނު ގެނައުމުގެ މަސައްކަތް ވެސް ކުރަމުން ގެންދެވުނެވެ.

ހުޅުލޭ ބޯޓްޔާރޑްގެ ފުރަތަމަ ބޯޓްގައި އިންޖީނު ބެހެއްޓުމަށްފަހު ބޭލީ 30 ޖުލައި 1964މ. ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. ލިޔުންތަކުން އެނގޭގޮތުގައި އޭރު މި ބޯޓްވަނީ ދިވެހި ސިފައިންނާއި ޙަވާލުކުރައްވާފަ އެވެ. މަސްވެރިކަމަށާއި އާމްދަނީ ހޯދުމުގެ އެކި މަސައްކަތް ކުރުމަށެވެ. އަދި ސިފައިންގެ އެކުވެރި ކުންފުނި (އެސް.އީ.ކޭ) އުފެދުނީ ވެސް މި މަސައްކަތްތަކުގެ ތެރޭ 1964ގައި ކަމަށް ލިޔުންތަކުން އެނގެ އެވެ.  

ހުޅުލޭ ބޯޓްޔާރޑްގައި މަސައްކަތްކުރި ގައިދީންނަށް ދިވެހިދައުލަތުން މާފާއި އިނާމުދެއްވުން:

ހުޅުލޭ ބޯޓްޔާރޑްގައި މަސްބޯޓް ބަނުމުގެ މަސައްކަތްކުރަމުން ދިޔަ ދިހަ، ބާރަ، ފަނަރަ އަހަރުގެ ޙުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީންގެ ބަޔަކު އެ މީހުންގެ މުޅި ބަންދުގައި ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސްވީތަނާ ދިވެހިދައުލަތުން އެބައިމީހުންނަށް މާފުދެއްވައި އެބައިމީހުން މިނިވަންކޮށް ދޫކޮށްލެއްވުމުގެ އިތުރަށް އެއިން ކޮންމެމީހަކަށް ވެސް އެ މީހަކު ބޭނުންނަމަ ރަންބިސް އަޅާ ދޫންޏެއް ދެއްވިކަމީ ދިވެހިގައުމަށް އޭގެ މަންފާ ލިބޭގޮތަށް ބަޔަކު ކުރި އިޚުލާޞްތެރި ޚިދުމަތެއްގެ އަގު ވަޒަންކުރެއްވުމުގެ ރަނގަޅު މިސާލެކެވެ. އެހެނީ އެ ފެށުމެއްގެ ސަބަބުން އަދާ ހަމައަށް ވެސް ހުއްޓުމެއްނެތި ދިވެހިރާއްޖެއަށް ބޮޑެތިމަންފާތައް ލިބެމުން މިދަނީ އެވެ. މިއީ އޭގެ އަގު ވަޒަންނުކޮށް ދޫކޮށްލަން ޖެހޭ ވަރުގެ ކަމެއްނޫނެވެ. މިއީ ކުރަންޖެހޭ ކަމެކެވެ. އެ ހިނދަށް އެ ކަން ކުރެވެން ރަނގަޅުގޮތެއްގަ އެވެ.

މިދެންނެވި ރަންބިސް އަޅާ ދޫނި ބޭނުންވި ބަޔަކު ބޭނުންކުރި ނަމަވެސް ބޭނުންނުވާ ބަޔަކު އޭރު އެކަމެއް ނުކުރެ އެވެ. ނުކުރެވުނީތީވެ އޭގެތެރެއިން ބައެއް މީހުން މިހާރު އެކަމާ ވާހަކަދައްކާ އަޑު ވެސް އިވެ އެވެ. ދައްކާ ގޮތެއްގަ އެވެ. މިކަމަށް ބަލައިލެވޭނީ ތަންކޮޅެއް ފަހަތުންނެވެ. އެ ރަންބިސް އަޅާ ދޫންޏަކީ ކޮބައިކަމެވެ.

ހުޅުލޭ ބޯޓްޔާރޑްގެ ފުރަތަމަ 6 ބޯޓް ނިމުމާއެކު އެ މަސައްކަތްކުރި އެންމެންނަށް ދިވެހިދައުލަތުން މާފުހޯއްދެވުމަށް އުޅުއްވާނެކަމާއި އެ އުއްމީދުގައި ރަނގަޅަށް މަސައްކަތްކުރުމަށް ބޯޓްޔާރޑްގެ އިސް ބޭފުޅެއްގެ ގޮތުގައި ވެސް ހުންނެވި އުތުރުގޭ އަލްމަރުޙޫމް ޢަބުދުﷲ ޚަލީލު، އެ މީހުންގެ ގާތުގައި ވިދާޅުވެފައިވާ ކަމަށް އޭގެތެރޭ ހިމެނޭ ދެ ބޭކަލެއްކަމަށްވާ ތިނަދޫ ގްރާސްމީޑް މުޙައްމަދު ރުޝްދީއާއި ތިނަދޫ އަލިހަނދުވަރުގެ ޢަލީ ސުލައިމާން އަޅުގަނޑަށް މަޢުލޫމާތު ދެއްވި އެވެ.

ތިނަދޫ ގްރާސްމީޑް މުޙައްމަދު ރުޝްދީ މަޢުލޫމާތުދެއްވި ގޮތުގައި އެ ދުވަސްވަރު ބަންދުގައި ތިއްބަސް އެ މީހުންގެ ނުހަނު ފޮނި އުއްމީދެއް އޮތެވެ. އެ މީހުނަށް އައިސްފައިވާ ޝަރުޢީ ޙުކުމުގެ މުއްދަތަށްވުރެ މާކުރިން މިނިވަންވެ އެނބުރި ވަޒަނަށް ދެވޭނެކަމެވެ. މި އުއްމީދު އެ މީހުންނަށް ދެއްވީ އެއިރުގެ އުއްތަމަފަނޑިޔާރު މަނިކުފާނު ޝައިޚުލްއުސްތާޛު މަރުޙޫމް މުޙައްމަދު ޖަމީލު ދީދީ އެވެ. ވިލިގިލީ ޖަލުގެ ގައިދީންނަށް ނަޞޭޙަތްދެއްވުމަށް ދިވެހިދައުލަތުން އެ މަނިކުފާނު ފޮނުއްވެވީމާ ވިލިގިއްޔަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ "ހަމަޖެހިފައިވާ ގަވާޢިދަށް ބޯ ލަނބައި އިޚުލާޞްތެރިކަމާއި ކިޔަމަންތެރިކަމުގައި އުޅޭ މީހުންނަށް ދިގުނޫން މުއްދަތެއްގައި މިނިވަންވުމުގެ ފުރުޞަތު އެބަ އޮތް"ކަމެވެ.


މިކަންވީ ވެސް ހަމަ މިހެންނެވެ. އުއްތަމަފަނޑިޔާރު މަނިކުފާނު ވިދާޅުވިގޮތަށެވެ. ހުޅުލޭ ބޯޓްޔާރޑްގެ މީހުންގެ ޚިދުމަތުގެ އަގު ވަޒަންކުރެއްވުމަށްޓަކައި 7 އޮގަސްޓް 1963މ. ގައި އެ މީހުން މިނިވަންކޮށްދެއްވި ނަމަވެސް 8 ޖޫން 1964މ. ގައި އެނޫން ގިނަބަޔަކު ވެސް ވިލިގިލީ ޖަލުން ދިވެހިދައުލަތުން މިނިވަންކުރައްވައި ދޫކޮށްލެއްވި އެވެ. މީގެތެރޭ ދެކުނު 4 އަތޮޅުގެ ހަމަނުޖެހުމާއި ގުޅިގެން ވިލިގިލީ ޖަލުގައި އެ ހިސާބަށް ޙުކުމް ތަންފީޒުކުރަމުން ދިޔަ އެންމެން ހިމެނިފައިވާކަން ފާހަގަކުރެވެ އެވެ.
(ނުނިމޭ)
                  ---------------
ޢަބުދުﷲ ޙިލްމީ
07 ޖުލައި 2016މ.