ސުލްޠާން މުޢިއްޒުއްދީންގެ ޒައިތޫނި ފަތްކޯޅި - ދެވަނަ ބައި













ރަސްކަމުގެ ހުރިހާ ބާރެއް ހުރާގޭ މުޙައްމަދު މަނިކުފާނު ހިފަހައްޓަވައި ރަސްކަލެއްގެ ހަމައެކަނި ނަމެއްގައި ސުލްޠާން މުޢިއްޒުއްދީން ހުންނަވަން ޖެހިވަޑައިގަތުން އެކަށީގެންވާ ސަބަބުގެ ތެރޭ އެ ރަދުން ކުރެއްވި ކައިވެނިފުޅެއް ފާހަގަކުރެވުނު ނަމަވެސް، މުޢިއްޒުއްދީން ރަސްކަމަށް ވަޑައިގަތުމުގެ ކުރިއާއި ފަހުން ވެސް މުޙައްމަދު މަނިކުފާނު ގެންދެވީ އޭނާ ބޭނުންފުޅުކަމެއް ބޭނުންފުޅު ގޮތަކަށް ކުރައްވަމުންނެވެ. އޭގެ ނުބަޔެއް ހަޑިއެއްވާނަމަ އެ ކަމެއްގައި ސުލްޠާން މުޢިއްޒުއްދީންގެ ދައުރަކީ ކޮބައިތޯ ވެސް ސުވާލުއުފެދޭ ފަދަ ގޮތަކަށެވެ. މިގޮތަށް މުޙައްމަދު މަނިކުފާނަށް ކަންކަން ކުރެއްވުނީ ސުލްޠާން މުޢިއްޒުއްދީނަކީ ޙީލަތާއި މަކަރާއި ނުބައި ރޭވުންތަކާއި ދުރު ސާދާ ބޭފުޅަކަށްވީމަ އެވެ. ދުނިޔޭގެ ދަހިވެތިކަމާއި ޒާތީ ތަޢައްޞުބާއި ދުރުގެ މާޙައުލެއްގައި ބޮޑުފުޅުވި ބޭފުޅަކަށް ވުމުންނެވެ. 


އެހެނީ، ސުލްޠާން މުޢިއްޒުއްދީންގެ ބައްޕާފުޅު ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން ވެސް އުޅުއްވި އަދި އެ ބައްޕާފުޅާއެކީ މުޢިއްޒުއްދީނަށް ވެސް ވޭތިކުރެއްވުނު މާޙައުލަކީ ދުނިޔޭގެ ދަހިވެތިކަމާއި ޒާތީ ތަޢައްޞުބާއި ދުރުގެ މާޙައުލެކެވެ. އިންސާނިއްޔަތާއި ޚިލާފު ނުބައި ނުލަފާ ޖަރީމާއެއް ހިންގައިގެން ދިވެހި ރަސްކަން ބޭނުންނުވާނޭ މާޙައުލެކެވެ.

ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން އުޅުއްވި މާޙައުލުގެ ވާހަކަ ދެންނެވީ، އެ ރަދުންނަކީ ދުނިޔޭގެ ދަހިވެތިކަމާއި ޒާތީ ތަޢައްޞުބާއި ދުރުގައި އުޅުއްވި ބޭފުޅެއްކަމަށް ގަބޫލުކުރެވޭ ކަންކަމެއް ފެންނަން އޮތުމުންނެވެ. އަދި އެއީ ދިވެހި ވެރިކަމުގެ ފޮނިކަމާއި މީރުކަމާއި އަރާމުގެ މަސްތެއް ލަޢުނަތްލެއްވި އިބްލީހަށް ވެސް އެ ރަދުންގެ ހިތްޕުޅަށް ވައްދައިނުލެވުނު ހަރުދަނާ އީމާންތެރި ބޭފުޅެއްކަމުގެ ދަލީލު ލިބެން އޮތުމުންނެވެ. މީގެ ތަފްޞީލެއް ހޯއްދެވުމަށް ބޭނުންފުޅުނަމަ މިފަތްކޮޅު ބައްލަވާލެއްވުން އެދެމެވެ.


އެއްވެސް ކަމެއް ތަނެއްގައި ގާއިމުވިކަމަށް ބުނުމުގެ މާނައަކީ އެ ކަމެއް އެ ތަނެއްގައި ނުވާ ހިނދު ނުވަތަ އެ ކަމެއް އެ ތާކުން ގެއްލިފައި ވަނިކޮށް އެ ކަމެއް އަނެއްކާ ވެސް އެ ތާކަށް އައިސް އެ ކަމެއް އެ ތާކުން ފެންނަމުން ދިޔުމެވެ. ސުލްޠާން މުޢިއްޒުއްދީން ދިއްކޮށްލެއްވި ނުވަތަ އެ ރަދުންނަށް ދިއްކޮށްލެއްވުނު ޒައިތޫނި ފަތްކޯޅީގެ ސަބަބުން ޞުލްޙައާއި ގުޅުންތެރިކަމާއި ހިމޭން ވެއްޓެއް ދިވެހި ގައުމުގައި ގާއިމުވީ ކަމަށް ބެލެވެނީ އެ ހިސާބަށް އައިއިރު ހިނގި ނުވަތަ ހިންގި ކަންކަމެއްގެ ސަބަބުން ވިޔަސް އެ ކަންކަން ނެތިގެން ގޮސްފައިވަނިކޮށް އެ ކަންކަން އަނބުރައި އިޢާދަވާން ފެށުމުންނެވެ. ސުލްޠާން މުޢިއްޒުއްދީންގެ ޒައިތޫނި ފަތްކޯޅިއަކީ ޞުލްޙައާއި ގުޅުންތެރިކަމާއި ހިމޭން ވެއްޓެއްގެ ފެށުމެވެ.

އޭގެފަހުން ސުލްޠާން މުޢިއްޒުއްދީންގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސުލްޠާން ޙަސަން ނޫރައްދީން އައްވަލް އާއި މިރަދުންގެ ދަރިކަލުން ސުލްޠާން މުޙައްމަދު މުޢީނުއްދީން އައްވަލް ވެސް ޞުލްޙައާއި ގުޅުންތެރިކަމާއި ހިމޭން ވެއްޓެއް ދިވެހި ގައުމުގައި ދެމެހެއްޓެވުމަށް އިސްކަމެއް ދެއްވިކަން ގަބޫލުކުރެވޭ ކަންކަމެއް ފެނިފައިވެ އެވެ. ނަމަވެސް މިކަންކަން ދަންނަވައިލުމުގެ ކުރިން މިކަންކަމުގެ ވާހަކައަށް ތަން ހޯދުމަށްޓަކައި އެހެން ބައެއް ކަންކަމުގެ ވާހަކަ ދަންނަވާލަން ޖެހެ އެވެ.

ހަނދުމަފުޅު ބެހެއްޓެވުން އެދެވިގެންވެ އެވެ. ދިވެހި ވެށީގެ ހިމޭންކަމާއި އޮމާންކަމާއި ޞުލްޙައާއި ގުޅުންތެރިކަން އެ ދުވަސްވަރު އެންމެބޮޑަށް ގެއްލިގެންދިޔަ މިންގަނޑު ދަރަޖައިން ބަލާނަމަ ސައްތައިން މައްޗަށްދިޔައީ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން ކުރެއްވިކަމަކުން ނޫނެވެ. ނުވަތަ ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ކުރެއްވި ކަމަކުން ވެސް ނޫނެވެ. އެއީ ހަމައެކަނި ނުބައިކަން ބޮޑު ލާއިންސާނީ ޖަރީމާއެއް ހިންގައި ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ޝަހީދުކުޅައުމުން ވީ ގޮތެކެވެ.

ހުރާގޭ މުޙައްމަދު މަނިކުފާނު އިސްވެ ހުންނަވައިގެން ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަން ބަދަލުކޮށްލައްވައި އެ މަނިކުފާނު ރަސްކަމަށް ވަޑައިގަތްކަމީ، އެތައްގޮތަކުން އެތައްކަމެއް ފެންނަން ހުރުމުން އެ ކަމަށް އިންކާރުކުރެވެން ނެތް ކަމެކެވެ. ވީއިރު އެ މަނިކުފާނު ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގެން ކުރެއްވި ނުބައި ކަންކަމަށްފަހު، ރަސްކަމުން ދުރުވެވަޑައިގަތުމަށް ޖެހިވަޑައިގަތް ގޮތެއްގައި ދުރުވެވަޑައިގަތުމަކީ މުޅިން އެހެންކަމެކެވެ. ގަބޫލުކުރަންޖެހޭ ކަމަކީ، ސުލްޠާން ޣިޔާސުއްދީންގެ ރަސްކަން ބަދަލުކޮށްލައްވައި ރަސްކަމަށް ވަޑައިގަތް މުޙައްމަދު މަނިކުފާނަކީ ރަސްކަމާ ތޮޅުއްވުމުގެ އިތުރަށް "ރާއްޖޭގެ ރަސްކަމެއް ދެނެއް އެހެންމީހަކަށް ނުދެއްވާނަމޭ، މިރަސްކަން ޙައްގުވެގެން ހުށީ ތިމަން މަނިކުފާނަށޭ، މިރަސްކަމާއިހުރެ ތިމަން މަނިކުފާނު މަރުދެއްވައި ތޮޅުއްވާނަމޭ" މިގޮތަށް އަމިއްލަފުޅަށް ވިދާޅުވިކަން ތާރީޚުގެ ފަތްފުށްތަކުން އެނގޭ ބޭފުޅެއްކަމެވެ.

މިހެންވުމުން ރަސްކަމާ ދުރުވެވަޑައިގަތުމަށް ޖެހިވަޑައިގަތް ނަމަވެސް ރަސްކަން ޙައްގު ބޭފުޅަކީ އެ މަނިކުފާނުކަމަށް އަމިއްލަފުޅަށް ވެސް ގަބޫލުފުޅުކުރެއްވޭތީ ރަސްކަމުން ދުރުވެވަޑައިގަތީ ހަމައެކަނި ނަމެއްގަ އެވެ. ކަމަކުން ނޫނެވެ. ރަސްކަމުގެ ހުރިހާބާރެއް ހިފަހައްޓަވާފަ އެވެ. އޭގެފަހުން ރަސްކަމަށް ލާއިގު ޙައިސިއްޔަތެއް ލިބިވަޑައިގެންފައިވާ ޒުވާން ބޭފުޅަކު ހަމައެކަނި ނަމެއްގައި ރަސްކަލެއްގެ ގޮތުގައި ބެހެއްޓެވީ އެވެ.

ނަމުން ވިޔަސް ރަސްކަމުން ދުރުވެވަޑައިގަތުމަށް ހުރާގޭ މުޙައްމަދު މަނިކުފާނަށް ޖެހިވަޑައިގަތުމުގެ ސަބަބުތަކެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ތެރެއިން އެއްކަމަކީ ކައިރި މާޒީއެއްގައި ފެނިފައިވާ އެކިއެކި ރަސްކަމަށް ބޭފުޅުން ވަޑައިގަތް ފަދަ ލާއިގު އެއްވެސް ޙައިސިއްޔަތެއް އެ މަނިކުފާނުގެ ކިބައިގައި ނެތުމުން "ތިބީންނަށް" އެ ރަސްކަން ބަލައިގަތުމަށް އުނދަގޫވުން ކަމަށް ވެދާނެ އެވެ. އަނެއްކަމަކީ އެ މަނިކުފާނު ރަސްކަން އަތުލެއްވި ނުބައިކަން ބޮޑު ގޮތެވެ. މިގޮތުގެ ނުބައިކަމުން އެ މަނިކުފާނު ރަސްކަމަށް ވަޑައިގަތްކަމެއް ވެސް ކޮޅުނބުގައި ހުންނެވި ވެރިޔަކަށް ލިޔުއްވަން ކެރިވަޑައިގެން ނުލިޔުއްވުމުން ވިޔަސް ލިޔުއްވިކަމެއް އެނގޭކަށް ނެތެވެ. އެހެންނޫނީ ކައިރި މާޒީއެއްގައި ރަސްކަންކުރެއްވި ބޭފުޅުންނާއި ހުރާގޭ މުޙައްމަދު މަނިކުފާނަށް ފަހު ރަސްކަންކުރެއްވި ބޭފުޅުން ވެސް ރަސްކަމަށް ވަޑައިގެންފައި އެކަން ކޮޅުނބުގެ ވެރިޔާއަށް ލިޔުއްވައި އެންގެވި އެވެ. މީގެތެރޭ މުޡައްފަރު މުޙައްމަދު ޢިމާދުއްދީނާއި އިބްރާހީމް ރަސްގެފާނާއި މުކައްރަމް ޢިމާދުއްދީނާއި ޙަސަން ޢިއްޒުއްދީނާއި މުޙައްމަދު ޣިޔާސުއްދީނާއި މުޙައްމަދު މުޢިއްޒުއްދީނާއި ޙަސަން ނޫރައްދީން އައްވަލާއި މުޙައްމަދު މުޢީނުއްދީން އައްވަލް ހިމެނިވަޑައިގަނެވެ.

މިދެންނެވި ވާހަކަތަކަށް އަލިއެޅިގެންދާ ފަދަ ބައެއް ކަންކަން ދަންނަވައިލާނަމެވެ. ޚާއްޞަކޮށް އިންސާނިއްޔަތާއި ޚިލާފު ނުބައި ނުލަފާ ޖަރީމާއެއް ހިންގައިގެން ދިވެހި ރަސްކަން ހޯއްދެވުމަކީ ސުލްޠާން މުޢިއްޒުއްދީންގެ އިތުރަށް ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ އެއްވެސް ބޭފުޅަކު ތަރުޙީބުދެއްވާނޭ އަދި ބޭނުންފުޅުވާނޭ ގޮތެއްކަމަށް ގަބޫލުކުރަން ދަތިވާ ބައެއް ކަންކަމުގެ ވާހަކަ އެވެ.

(ހ) ސުލްޠާން މުޙައްމަދު ޣިޔާސުއްދީން ރަސްކަމަށް ވަޑައިގަތް ފުރަތަމަ އަހަރު ވެސް އެ ރަދުން ގަތުލުކޮށްފައި ވިޔަސް ރަސްކަން އަތުލުމަށްޓަކައި ބަޔަކު ކުރި މަސައްކަތްތަކެއްގެ ވާހަކަ ތާރީޚުގެ ފަތްފުށްތަކުން ފެނެ އެވެ. މީގެތެރޭ ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ އެއްވެސް ބޭފުޅެއްގެ ނަންފުޅެއް ނުވަތަ އެ ބޭފުޅުންގެ ބައިވެރިވެ ވަޑައިގަތުމެއް ނުވެ އެވެ. މިއީ ނުހިނގާ ނުވަތަ ފިތުނައުފެދޭ ފަދަ ދޮގު ވާހަކައެއް ނޫނެވެ. އެހެނީ، މިކަމާއި ގުޅިގެން ދިވެހިރާއްޖޭގެ ވަޒީރުންނާއި ފަނޑިޔާރުންނާއި ފިގުހުވެރިންނާއި ޢިލްމުވެރިންނާއި އަދީބުންނާއި ނާއިބުންނާއި ދައުލަތުގެ ކުރިޔަށް ތިބި މީހުންނާއި އެންމެހައި ޢަސްކަރުންނާއި އަދި ސަރުދާރުންގެ ފަރާތުން ކޮޅުނބުގައި ހުންނެވި ވެރިޔަކަށް ފޮނުއްވި މި ފަތްކޮޅުން ވެސް މިކަން އެނގެ އެވެ.


(ށ) މަތީގައިވާ ބަޣާވަތާއި ގުޅިގެން ބައެއް ފަރާތްތައް އަރުވާލެވުނެވެ. އޭގެފަހުން ސުލްޠާން މުޢިއްޒުއްދީންގެ ރަސްކަން ވެސް ނިމި، ދެން ރަސްކަމަށް ވަޑައިގަތް އެ ރަދުންނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސުލްޠާން ޙަސަން ނޫރައްދީންގެ ރަސްކަމުގެ ދުވަސްވަރު ކުރިންދެންނެވި ބަޣާވާތާއި ގުޅިގެން އަރުވާލެވުނު ބައެއް ފަރާތްތައް މާލޭގައިވަނިކޮށް އޭގެ ބައެއް މީސްމީހުންގެ އަތުގައިހުރި މުދައު ފޭރި، އެ މީސްމީހުން ރާއްޖޭގެ ރަށްރަށަށް ފޮނުވާލެއްވި ކަން ތާރީޚުގެ ފަތްފުށްތަކުން އެބަ އެނގެ އެވެ.

(ނ) ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަން އަތުލެއްވުމަށް ހުރާގޭ މުޙައްމަދު މަނިކުފާނަށް ވާގިވެރިވި ރަސްގެތީމު ޙަސަން ތަކުރަށް ހުރާގޭ މުޙައްމަދު މަނިކުފާނު ރަސްކަމަށް ވަޑައިގެން "ބޮޑުބަނޑޭރި"ކަން ދެއްވާފައިވަނިކޮށް، ސުލްޠާން މުޢިއްޒުއްދީންގެ ރަސްކަން ވެސް ނިމި، ދެން ރަސްކަމަށް ވަޑައިގަތް އެ ރަދުންނާއި އެއްބަނޑުއެއްބަފާ ކޮއްކޯފުޅު ސުލްޠާން ޙަސަން ނޫރައްދީންގެ ރަސްކަމުގެ ދުވަސްވަރު މިދެންނެވި ރަސްގެތީމު ޙަސަން ތަކުރުގެ ގައިން ބޮޑުބަނޑޭރި ކަން ނަންގަވައި މީނާގެ އަތުގައިހުރި މުދައުފޭރި މީނާ ބޮލިމުލަކަށް އަރުވާލެއްވި ވާހަކަ ދިވެހި ތާރީޚުގައި ލިޔެފައިވެ އެވެ.

ހ. ށ. އަދި ނ. އަށް ބަލައިލުމެއް:

މިހެންވުމުން، ސުލްޠާން މުޙައްމަދު ޣިޔާސުއްދީންގެ ރަސްކަމުގެ ފުރަތަމަ އަހަރު އެ ރަސްކަން އަތުލައިގަތުމަށް ކުރި ބަޣާވާތާއި އަދި ހުރާގޭ މުޙައްމަދު މަނިކުފާނު ރަސްކަން އަތުލެއްވި ބަޣާވާތަކީ ވެސް، ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ އިތުރަށް ސުލްޠާން ޙަސަން ނޫރައްދީނުގެ ވެސް ސީދާ ޙިއްޞާއެއް އޮތް ކަންތަކެއްނޫން ކަމާއި ދިވެހި ރަސްކަމުގެ ބޭނުންފުޅުގައި ސީދާ އެ ބޭފުޅުން ބަޔަކުލައްވައި ބަޣާވާތެއް ނުކުރުއްވާކަމަށް ބެލެވެ އެވެ. އެ ކަމެއް އެ ކުރީ ކުރި ބަޔެކެވެ. އެހެނީ، ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ އިތުރަށް ސުލްޠާން ޙަސަން ނޫރައްދީން ވެސް ބަޔަކުލައްވައި ބަޣާވާތެއް ކުރުއްވައި ނުވަތަ އެ ކަމަށް ތަރުޙީބުދެއްވައި ރަސްކަން ހޯއްދަވަން އުޅުއްވާފައިވީ ނަމަ، އެއިން ބޭފުޅެއްގެ ވެރިކަމުގައި އެ ބަޣާވާތެއްގައި ހިމެނޭ މީހެއްގެ މުދައު ފޭރި އެ މީހަކު ރާއްޖޭގެ ރަށަކަށް ފޮނުވައިލައްވާނެތޯ އެވެ. އެހެންވެއްޖެނަމަ، މުދައު ފޭރިފައި ފޮނުވާލެއްވި މީހަކަށް ދެއްކޭނޭ ވާހަކަ ވެސް ހުންނާނެ ނޫންތޯ އެވެ. ނަމަވެސް އެފަދަ ކަމެއް އެނގޭކަށް ނެތެވެ.

އަދި ދަންނަވަމެވެ. ސުލްޠާން މުޙައްމަދު މުޢިއްޒުއްދީންގެ ފަރާތްޕުޅުން އުފެދުނު ޢާއިލާގެ ބޭފުޅަކު، ރާއްޖެއިން ބޭރުގެ (އިނގިރޭސި ރާނީގެ ފަރާތްޕުޅުން މަތީ ފެންވަރެއްގެ ޢިއްޒަތެއް ލިބިވަޑައިގެންފައިވާ) ބޭފުޅަކަށް ފޮނުއްވި ސިޓީފުޅަކުން ވެސް މިކަންކަމަށް އަލިއެޅިގެންދާ ފަދަ ބައެއް ވާހަކަތައް ލިޔުއްވާފައިވެ އެވެ. އެއީ، މަޝްހޫރު ޙާޖީ ޢިމާދުއްދީން ރަދުންގެ ރަސްކަމުގެ ދުވަސްވަރުގަ އެވެ. (ނުނިމޭ)
                  ---------------
ޢަބުދުﷲ ޙިލްމީ
29 ޖޫން 2016މ.