ހުރާގޭ މުޙައްމަދު މަނިކުފާނު









ގައުމިއްޔަތަށްޓަކައި ގުރުބާންވުމާއި ގައުމީލޯތްބަކީ، ވަކި ނަސަބަކަށް ވަކި ދަރިކޮޅަކަށް ވަކި މީހެއްގެ ދަރިއަކަށް ޚާއްޞަކުރެވިފައި އޮންނަ ކަންކަމެއްނޫނެވެ. އެކަންކަން ހިމެނިފައިއޮންނަނީ އެމީހެއްގެ ޢަގީދާއާއި ހަރުދަނާކަމުގެ މައްޗަށެވެ. މިދެންނެވިގޮތުން ހުރާގޭ މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި، އޭނާގެ ބޭފުޅުންގެތެރެއިން ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) އާއި ޙަސަން މަނިކުފާނު(ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން) އަކީ ގައުމިއްޔަތަށްޓަކައި ގުރުބާންވެވަޑައިގަތް ގައުމީލޯބި ހުރި ބޭފުޅުންނެވެ. މިހެން ދެންނެވުމަކީ ގައުމިއްޔަތަށްޓަކައި ގުރުބާންވި ގައުމީލޯބި ހުރި މިނޫން އެހެން ބޭފުޅުން ނެތެކޭ ދެންނެވުމެއްނޫނެވެ. 


ގައުމިއްޔަތަށްޓަކައި ގުރުބާންވެ ވަޑައިގަތުމާއި، ގައުމީލޯބީގައި ހުރާގޭ މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި، އޭނާގެ ދެ ދަރިކަލުންކަމަށްވާ ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) އާއި ޙަސަން މަނިކުފާނު (ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން) އާއި މިބޭފުޅުންކުރެއްވި ބައެއް ކަންކަމަށް ބަލައިލަމާތޯއެވެ.

ހޮޅީންގެބަޔަކު ރާއްޖެއަށް ވެރިވެގަނެގެން އެތެރެކޯލުގައި ހުޅުޖަހައި ޙީލަތްތެރިގޮތެއްގައި އޭރުގެ ރަދުން މުކައްރަމް މުޙައްމަދު ޢިމާދުއްދީނާއި، މިރަދުންނާއި އެއްބަޑުއެއްބަފާ ބޭބޭފުޅު އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނު(ސުލްޠާން މުޙައްމަދު ޣިޔާޡުއްދީން) އާއި ދެބޭފުޅުން ރާއްޖެއިން ބޭރަށް ގެންދިޔައިރު "އެދެބޭފުޅުންގެ އަރިޔަހުގައި ތިމަންމީހުން ދާނަމުއޭ ކިޔައިފައި މަލާބާރީންގެ ބޮޑުރުހުމަކާއި ނުލައި" ރަދުންނަށްވާހާލެއް ވެވަޑައިގަތުމަށް ޢަދުއްވުންގެ ބަޔަކާއެކު ހުރާގޭ މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި، އޭނާގެ ދަރިކަލުން ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) އާއި ދެބަފައިކަލުންވަޑައިގަތީ ގައުމިއްޔަތަށްޓަކައެވެ. ގައުމީ ލޯބީގައެވެ. އެފަދަ ދަނޑިވަޅެއްގައި މިދެބަފައިކަލުން މިކުރެއްވީ ދިރިހުރުމާއި މަރާއިދެމެދުގެ ކަމެކެވެ. އެދަތުރުފުޅުގައި ވަޑައިގަތްގޮތަށް މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަދުންނާއި މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި ދެބޭފުޅުން ރާއްޖެއިންބޭރުގައި އަވަހާރަވީއެވެ. 

ނަމަވެސް ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) ރާއްޖެއަށް ވަޑައިގަތެވެ. އެއީ ރާއްޖޭގެ ވެރިކަމުގައި މަޑިއްޕައިގެން އަދިވެސް ހޮޅިންތިބިކަމަށް ކަންނަންނޫރުގެ ޢަލީރާޖާ ހީކޮށް "ރަސްކަން އައުކުޅައުމަށް" ދެ ފުރެއްދެ އޮޑީގައި ހޮޅީންގެބަޔަކު ރާއްޖެއަށް ފޮނުވިއިރު، އެމީހުންގެ ވެރިޔަކަށް ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) ފޮނުވުމުންނެވެ. އެފަހަރު "ރަސްކަން އައުވެ" ހޮޅީން ބައުވި" ގޮތް ދިވެހިތާރީޚުން އެބަ ފެނެއެވެ. ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) އަވަހާރަވީ އެކިލެގެފާނުގެ ކޮއްކޯފުޅު ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ ރަސްކަމުގައި މާލޭގައެވެ. 

ހުރާގޭ މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުން ޙަސަން މަނިކުފާނު(ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން) އަކީ ގައުމިއްޔަތަށްޓަކައި ގުރުބާންވެ ވަޑައިގަތް ގައުމީލޯބި ހުރި ބޭފުޅެއްކަމަށް ފާހަގަކުރެވޭ ގިނަ ކަންކަމެއް އެބަވެއެވެ. އޭގެތެރެއިން ދެތިންކަމެކެވެ. އެމަނިކުފާނު އިސްވެހުންނަވައިގެން ހޮޅީންގެއަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ފަހުން ރާއްޖެއަށް އަތްގަދަކުރުމަށް ދެފަހަރަށް ހޮޅީން އުޅުމުން އެ ދެފަހަރުވެސް ރާއްޖެ ސަލާމަތްކޮށްދެއްވުމަށް އިސްނެންގެވީ އެމަނިކުފާނެވެ. އެކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތެވެ. އުޅުއްވައި ދެން އެހެންކަމެކެވެ. އެކަމަކީ އެމަނިކުފާނު(ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން) ގެ ރަސްކަމަށްފަހު، ދެން ރަސްކަމަށް އިސްކުރައްވާނީ ހޮޅީން ގެންދިޔަ ބޭފުޅެއްކަމަށްވާ މުކައްރަމް މުޙައްމަދު ޢިމާދުއްދީން ރަދުންގެ އެއްބަޑުއެއްބަފާ ބޭބެ އިބްރާހީމް ރަސްގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނު(ސުލްޠާން މުޙައްމަދު ޣިޔާޘުއްދީން) ކަމަށް ނިންމެވުމެވެ. މިއީ އެއްކަމަށްވުރެ ގިނަ ކަންކަމަށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އެރަދުން ވިސްނައިވަޑައިގަތުމަށްފަހު އެޅުއްވި ނުހަނު ވިސްނުންތެރި ޙިކުމަތްތެރި ހަރުދަނާ ފިޔަވަޅެކެވެ. މިފިޔަވަޅު އެޅުއްވުމުގައި ސުލްޠާން ޣާޒީ ޙަސަން ޢިއްޒައްދީންގެ ބޭނުންފުޅާމެދު ބައެއް ފަރާތްތަކަށް އެންމެރަނގަޅަށް ވިސްނައިވަޑައިނުގެންނެވެނީ ކީއްވެގެންކަމެއް ދަންނަވަން ނޭނގެއެވެ. (ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީންގެ މި ނިންމެވުމާމެދު އެއްޗެއް ދަންނަވައިލުމުގެ  މަސައްކަތްކުރުމުގެ ތައުފީގުދެއްވާށިއެވެ.)

ގައުމިއްޔަތަށްޓަކައި ގުރުބާންވުމާއި ގައުމީލޯތްބަކީ ވަކި ނަސަބަކަށް ވަކި ދަރިކޮޅަކަށް ވަކި މީހެއްގެ ދަރިއަކަށް ޚާއްޞަކުރެވިފައި އޮންނަ ކަންކަމެއްނޫނޭ، އެކަންކަން ހިމެނިފައިއޮންނަނީ އެމީހެއްގެ ޢަގީދާއާއި ހަރުދަނާކަމުގެ މައްޗަށޭ، މިލިޔުމުގައި ދަންނަވައިފައި އެވަނީ ހުރާގޭ މުޙައްމަދު ފާމުލަދޭރި މަނިކުފާނާއި އޭނާގެ ދަރިކަލުން ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) އާއި ދެބަފައިކަލުންނަކީ ގައުމިއްޔަތަށްޓަކައި ގުރުބާންވެ ވަޑައިގަތް އަދި ގައުމީލޯބީގައި އެނަމޫނާދެއްކެވި ދެ ބޭފުޅުންނަށްވާއިރު، އެމަނިކުފާނުގެ ބައްޕައާއި ކާފަ ދެއްކެވި ނަމޫނާ ދައްކަވަން ހުރާގޭ މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުން ޙުސައިން މަނިކުފާނު(ޙުސައިން ދޮށިމޭނާކިލެގެފާނު) ގެ ދަރިކަލުން ހުރާގޭ މުޙައްމަދު މަނިކުފާނަށް އެނގިވަޑައިނުގަތުމުންނެވެ. ނުވަތަ އެމަނިކުފާނު އެކަމަށް ބޭނުންފުޅުނުވުމުންނެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ދިވެހިގައުމަށް ފެނުނީ، އެމަނިކުފާނުގެ ބައްޕައާއި ކާފަ ދެއްކެވި ނަމޫނާގެ ދިމާ އިދިކޮޅެވެ. ދިވެހިތާރީޚުގެ ޞަފުޙާތަކުން މީގެ ހެކި ލިބެއެވެ.

ހުރާގޭ މުޙައްމަދު މަނިކުފާނަކީ މުޙައްމަދު ޝަމްސުއްދީން(2ވަނަ) ގެ ނަންފުޅުގައި ރާއްޖޭގައި ރަސްކަންކުރެއްވި ރަދުންނެވެ. ރަސްކަމުގެފަހުން މުޙައްމަދު ޝަމްސުއްދީން ފާށަނާކިލެގެފާނެވެ.

ސުލްޠާނު މުޙައްމަދު ޣިޔާޘުއްދީން(ޙާޖީ ބަންޑާރައިން)ގެ ރަސްކަމުގައި އެރަދުން ގަތުލުކޮށް ރަސްކަން ފުރޮޅައިލުމަށް ބަޔަކުމީހުން އުޅެގެން އެކަމަށް ފިޔަވަޅުއަޅުއްވައިފައި ވަނިކޮށް، ހުރާގޭ މުޙައްމަދު މަނިކުފާނު "މިމަނިކުފާނާއި ތަބަޢަވީބަޔަކު ގޮވައިގެން ގަޑުވަރުތެރެޔަށް ވެދެވަޑައިގެން ރަސްކަންއަތުލާނޭ ގޮތަކާއިމެދު ވާހަކަދައްކަވައި މިއެންމެން އެއްބަސްވީކަމަށް ރަށުތެރޭގައި މޮށެވުނޭ ގަޑުވަރާއި ގާތުހުރި ގެޔެއް ހުޅުޖަހާފައި އެއަލިފާން ނިވާން ރަސްގެފާނު ނިކުމެވަޑައިގަތީމާއި އެތަންވަޅުގައި ގަޑުވަރުތެރެޔަށް ވަންނުވާންކަމަށް ވާހަކަދައްކައިފައި ގަޑުވަރާއި ދާދިގާތުގައި ހުރި ބަޑިބޭސް ގެޔެއްގައި ހުޅުޖައިފިޔޭ" މިގޮތަށް މިކަން ހިނގީމާ މިކަން ބަލަންޖެހެނީ ކޮންކަހަލަ ކަމަކަށްތޯއެވެ.

ބަޑިބޭސް ގޭގައި ހުޅުޖެހުމަށްފަހު ވެސް ހުރާގޭ މުޙައްމަދު މަނިކުފާނު މެން "ރަސްކަންއަތުލާނޭ މަގަކާއިމެދު ފިކުރުކޮށް ވާހަކަދައްކައި ކޮންމެވެސްގޮތަކުން ރަސްކަންއަތުވޭތޯ މަސައްކަތްކުރާކަން މީސްތަކުންނަށް ފައުޅުވުމުން މުޙައްމަދު މަނިކުފާނު ކަޅައިދުވަށް ފޮނުވައިލެއްވި އޮޑިމަތީގައި އެއޮޑި ފުރައިގެންދަނިކޮށް މާލެއިން އެމަނިކުފާނު ގޮވައިގެންދާން ފޮނުއްވި ޢަސްކަރަކާއި ދެކޮޅުވެގެން އެމީހާ ބަންނަވައި، އަދި އެއޮޑިޔާއިގެން ރާއްޖޭން ނިކުމެގެންދާން" ވެސް އެމަނިކުފާނު އުޅުއްވިކަން ވެރިކަމުގެފަރާތަށް އެނގިވަޑައިގަތުމުން ފިޔަވަޅުއަޅުއްވައި އަހަރެއްހާ ދުވަހު ކަޅައިދޫގައި ބެހެއްޓެވުމަށްފަހު މާލެ ގެންނަވައި އެމަނިކުފާނު ކިބައިން ރަސްގެފާނަށް އެފަދަކަމެއް ނުކުރައްވާންކަމަށް އެތައް ޢަހުދެއް ކުރެއްވެވުމަށްފަހު އެމަނިކުފާނުގެ ބޭބޭފުޅުގެ ޙަޔާތްޕުޅުގައި ހުންނެވި ގަނޑުވަރު ދެއްވަވައި ބެހެއްޓެވިފަހުން މުޙައްމަދު ޣިޔާޘުއްދީން ރަދުން ޙައްޖަށް ފުރާވަޑައިގަތުމުން ރޭވިގެން ގަޑުބަޑެއްހިންގައި ހުރާގޭ މުޙައްމަދު މަނިކުފާނު ރަސްކަމަށް ވެރިވެވަޑައިގަތުން ހިމެނިގެންދާނީ ކޮންކަހަލަ ކަމަކަށްތޯއެވެ.

ކުރިންދެންނެވި ރޭވިގެންހިންގި ގަޑުބަޑުގައި "ބޮޑުކޯއްޓޭ ބުރުޒުގައި ތިބިމީހުން ގަދައަޑުންގޮވަޔޭ ޢަލީ ވެލާނާމަނިކުފާނު އެހުންނެވީ ރަސްކަން މިލްކުކޮށްގެންނޭ. ފުރާވަޑައިގެންނެވި ރަދުންނަށް ވާތްގެން ދޭންތިބި މީހަކުވިއްޔާއި މިބުރުޒުދޮށަށް އަންނަހަރޭ. ދެން މިބަސްތަކަށް މީސްތަކުން ބޮޑުކޯއްޓޭ ބުރުޒުދޮށަށް ޙާޟިރުވީމާއި މުޙައްމަދު މަނިކުފާނު(ހުރާގޭ މުޙައްމަދު މަނިކުފާނު) ވިދާޅުބަސްފުޅީ، ޢަލީ ވެލާނާމަނިކުފާނުންގެ ދެކަބަލުން ޣިޔާސުއްދީނު ރަދުންގެ އަމުރުފުޅު ޚިލާފުކޮށް ވެލާނާމަނިކުފާނު މައްޗަށް ރަސްކަން ފިރުކައިގެން ރަސްކަން އަމިއްލަކޮށްފިޔޭ. އެކަންތައް އެހެނެއްވިޔަކަ ނުދެއްވާނަމޭ. މަލާބާރީން ރާއްޖެހިފައި ރާއްޖެ ދަރަނިވެރިވެ ފެތި ފަރާވަންދުވެފައި އޮއްވައި ތިމަންގެ ބޭބޭފުޅު ރާއްޖެހިއްޕަވައި ދަރަނިދެއްވަވައި ރާއްޖެ މިނިވަންކުރެއްވިޔޭ. ރާއްޖޭގެ ރަސްކަމެއް ދެނެއް އެހެންމީހަކަށް ނުދެއްވާނަމޭ. މިރަސްކަން ޙައްގުވެގެން ހުށީ ތިމަން މަނިކުފާނަށޭ މިރަސްކަމާއިހުރެ ތިމަން މަނިކުފާނު މަރުދެއްވައި ތޮޅުއްވާނަމޭ." މިގޮތަށް ހުރާގޭ މުޙައްމަދު މަނިކުފާނު ވިދާޅުވެ "ރަސްކަމަށް މަރުދެއްވައި" ރަސްކަމަށް ވެރިވެވަޑައިގަތުމުން މިކަންކަން ހިމެނިގެންދާނީ ކޮންކަހަލަ ކަންކަމަކަށްތޯއެވެ.

ރޭވިގެން ގަޑުބަޑެއްއުފައްދައި ރަސްކަން ފުރޮޅައިލައި ހުރާގޭ މުޙައްމަދު މަނިކުފާނު، ސުލްޠާން މުޙައްމަދު ޝަމްސުއްދީން(2ވަނަ)ގެ ނަންފުޅުގައި ރަސްކަމަށްވަޑައިގެން ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ ދަރިކަނބަލުން އާމިނާ ކަނބާފާނުގެ ދެކަނބަލުން ހުޅިޔަންދުވަށް އަރުވާލައްވައި އެދެކަނބަލުން އެރަށުގައި އަވަހާރަވުމާއި، ރަސްކަމުގެކޯލުގެ ދެކުނުންހުރި މުޙައްމަދު ޣިޔާޘުއްދީން ރަދުންގެ ގަނޑުވަރު ރޫޅާލައްވައި އެތާނގައި ހުރި ހުރިހާތަކެއްޗަކާއި، އިބްރާހީމް ރަސްގެފާނުންގެ ގޮވަތިގޮވައްޗާއި، ވަގުފުކުރައްވައިފައި ހުރި ހުރިހާ ތަކެއްޗަކާއި، އިބްރާހީމް ރަސްގެފާނުންގެ ބޭފުޅުންނަށް އެބޭފުޅުންގެ ކާފާފުޅު މުޙައްމަދު ޢިމާދުއްދީން ރަދުންގެ ދިޔަމިގިލީގައި ހުރި ގަނޑުވަރުނޫން އެހެން އެއްވެސްތަނެއް ނުވީއްލަވައި ހުރިހާއެއްޗެއް ހިއްޕެވުމާއި، އިބްރާހީމް ރަސްގެފާނުގެ ދަރިކަނބަލުން މަރިޔަމް ކަނބާފާނާއި އޭނާގެ ބޭފުޅުންގެ އަތްޕުޅުގައި ހުރި މުދައުފޭރި މިބޭބޭފުޅުން ޢިލްމު އުނގެނުންވެސް މަނާކުރައްވައި، ހުރިހާ ބޭފުޅުން ދިޔަމިގިއްޔަށް އަރުވާލެއްވުމާއި، އިބްރާހީމް ރަސްގެފާނުންގެ ދަރިކަނބަލުން ފާޠިމާ ރަނިކލެގެފާނާއި އެކަމަނާގެ ދަރިކަލުން އިބްރާހީމް މަނިކުފާނު(ފަނޑިޔާރު އިބްރާހީމް ސިރާޖުއްދީން) ގެއަތްޕުޅުގައި ހުރި ފޮތްފޮތާއި ހުރިހާ މުދައުވެސް ފޭރި އެކަމަނާ ގާދިއްފުއްޓަށް، އެކަމަނާގެ ދަރިކަލުން ދަރަބޫނދޫއަށް ފޮނުވައިލައްވައި މުޙައްމަދު ޣިޔާޘުއްދީންގެ ރަސްކަމުގެ ދުވަސްވަރު ކަންތަކާއި ޙަވާލުވެއުޅުނު ގިނަގިނަމީހުންގެ މުދައުފޭރި ރަށްރަށަށް އަރުވައިލެއްވުމުން މިކަންކަމާމެދު ބަލަންޖެހެނީ ނުވަތަ މިކަންކަން ހިމެނިގެންދާނީ ކޮންކަހަލަ ކަންކަމަށްތޯއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަޔަށް ގޭގެ މުގުރާން އަމުރުކުރައްވައި ޢިލްމުކިޔަވާމީހުންގެ އަތުން ފޮތްފޭރޭން އަމުރުކުރެއްވެވި ބޭފުޅަކީ މުޙައްމަދު ޝަމްސުއްދީން(2ވަނަ) ކަމާއި އަދި އޭނާ ހިތްޕުޅާހަމަކުރައްވާ މީހަކަށްނޫނީ ޢިލްމުއުނގެނުން މަނާކުރެއްވިކަމަށް ދިވެހިތާރީޚުގައި ލިޔެފައިވާތީ މިކަންކަން ހިމެނިގެންދާނީ ކޮންކަހަލަ ކަންކަމަށްތޯއެވެ.

މުޙައްމަދު ޣިޔާޘުއްދީން(ޙާޖީ ބަންޑާރައިން) ޙައްޖުދަތުރުފުޅުން އެނބުރި ރާއްޖެވަޑައިގަތް އުޅަނދު މާލެއަތޮޅު ގުރައިދޫ ބޭރުގައި ބަނދަރުކުރުމަށްފަހު، "ރަސްގެފާނާއި ފާށަނާކިލެގެފާނާއި ދެ ބޭފުޅުންގެ އަރިއަހުން އަމާންކަން އެދިވަޑައިގެން، މާތްކަލާނގެ ކުރެއްވި ނިޔާފުޅަށް ރުހިވަޑައިގެނެގެން" ހުންނެވިކަމަށް މުޙައްމަދު ޣިޔާޘުއްދީން ފަތްކޮޅެއް ލިޔުއްވައި މާލޭގެރަސްކަމުގެ ކޮއިލަށް ފޮނުއްވުމުން "މިގޮތްމައްޗަށް އެދެބޭފުޅުން ރުހިވަޑައިނުގެން" މުޙައްމަދު ޣިޔާޘުއްދީން ހުންނެވި އުޅަނދަށް ޢަސްކަރީންގެ ބަޔަކު ފޮނުއްވައި، އެރަދުން ގިނިކަންޏާކުރައްވައި ދެންތިބި އެންމެން މާލެ ގެންނެވުމަށްފަހު، ރޭވިފައިވާގޮތުގެ މަތިން މުޙައްމަދު ޣިޔާޘުއްދީން(ޙާޖީ ބަންޑާރައިން)ގެ ކަންތައް ނިންމައިލުމަށްޓަކައި އެރަދުންހުންނެވި އުޅަނދުދޮށަށް ފޮނުވިމީހުން މާލެއައިސް "މީސްތަކުންނަށް އެންގީ، ރަންޖެހިގަނޑުވަރަށް އެމަނިކުފާނު ފައިބައިވަޑައިގެންނެވި ކަމުގައޭ. ދެން އެއަށްފަހު އެމީހުންހެދި ދޮގު ފައުޅުވެއްޖެޔޭ. ދެން އެކަމާއި މީސްތަކުން ޢަޖާއިބުވެ މޮށޭންފެށީމާ މިއަޑު އައްސަވާފާއި، މުޙައްމަދު ފާށަނާކިލަގެފާނު ވިދާޅުވިޔޭ، ތިމަންނާ ފަނޑިޔާރުކަލޭގެފާނު ކުރެން، އެމަނިކުފާނަށް ކުރާނޭކަމެއްގެ ވާހަކަ އެހީމާ ފަނޑިޔާރު ކަލޭގެފާނު ބުނުއްވިޔޭ ޤަތުލުކުރަހަރޭ، ދެން ތިމަންނާ ޤަތުލުކޮށްފީމޭ. މިވާހަކަ ފަނޑިޔާރުކަލޭގެފާނު އައްސަވައިފައި ފަނޑިޔާރު ކަލޭގެފާނު އެއްގޮތަކަށްވެސް ތިމަންކަލޭގެފާނު ނުދެނެހުންނެވި ކަމަށް ހުވައި ކުރެއްވެވިޔޭ." މިގޮތަށް މަތިވެރި ﷲ އަށް އެއްވެސް ބިރުވެތިވުމެއް ނެތި، ނުބައިކަމާއި ނުލަފާކަމާއި ފާފަވެރިކަން ބޮޑު ޖަރީމާއެއް ހިންގެވިކަމަށް ދިވެހިރައްޔިތުންގެ ކުރިމަތީގައި ޝަމްސުއްދީން ފާށަނާކިލެގެފާނު(ހުރާގޭ މުޙައްމަދު މަނިކުފާނު) އަމިއްލަފުޅަށް ވިދާޅުވީމާ މިކަން ހިމެނިގެންދާނީ ކޮންކަހަލަ ކަމަކަށްތޯއެވެ.

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ޝަހީދުކުޅަގޮތަކަށް ޝަހީދުކުޅައީ 07 އޮކްޓޫބަރ 1774މ. ހުކުރުދުވަހު އެވެ. ހުރާގޭ މުޙައްމަދު މަނިކުފާނު އަވަހާރަވީ މުޙައްމަދު ޝަމްސުއްދީން(2) ގެ ނަންފުޅުގައި ދުވަސްކޮޅަކު ރަސްކަން ކުރެއްވުމަށްފަހު، ރަސްކަން ދޫކޮށްލައްވައި މުޙައްމަދު ޝަމްސުއްދީން ފާށަނާކިލެގެފާނުގެ ނަންފުޅުގައި ހުންނަވަނިކޮށް 30 މާރޗް 1779މ. ގައެވެ.
މަތިވެރި ﷲ ހުރާގޭ މުޙައްމަދު މަނިކުފާނުގެ ހެޔޮ ޢަމަލުފުޅުގެ ސަވާބު އިތުރުކޮށްދެއްވައި، ނުބައި ޢަމަލުފުޅުގެ ފާފަ ޢަފޫކުރައްވައި އެމަނިކުފާނަށް ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރުކޮށްދެއްވާށިއެވެ. އާމީން!

ނޯޓް: 
ދިޔަމިގިލީ އިބްރާހީމް ރަސްގެފާނުގެ ބޭފުޅުންނަކީ އާމިނާރަނި ކިލެގެފާނާއި، ފާޠިމާރަނި ކިލެގެފާނާއި، މަރިޔަމް ކަނބާފާނާއި، މުޙައްމަދު ޣިޔާޘުއްދީނާއި، ސަންފާރަންދި ކަނބާފާނާއި، އަދި ޢާއިޝާ ކަނބާފާނެވެ. މީގެތެރެއިން އާމިނާރަނި ކިލެގެފާނު އަވަހާރަވީ ހުރާގޭ މުޙައްމަދު މަނިކުފާނު(މުޙައްމަދު ޝަމްސުއްދީން - 2ވަނަ) ރަސްކަމަށް އިސްވެވަޑައިގެން އެކަމަނާ ހުޅިޔަންދުވަށް އަރުވާލެއްވުމުން އެރަށުގައެވެ. ފާޠިމާރަނި ކިލެގެފާނާއި، މަރިޔަމް ކަނބާފާނާއި ދެބޭފުޅުން އަވަހާރަވީ ސުލްޠާން ޙަސަން ޢިއްޒައްދީނުގެ ދެވަނަ ދަރިކަލުން ޙަސަންނޫރައްދީން(1)ގެ ރަސްކަމުގައި މިދެބޭފުޅުން އަރުވާލާފައިވަނިކޮށެވެ. ފާޠިމާރަނި ކިލެގެފާނު ހުވަދޫ ކަނޑުހުޅުދޫން ހައްދުންމަތީ ގަމަށް ބަދަލުކޮށްފައިވަނިކޮށް ގަމުގައެވެ. މަރިޔަމް ކަނބާފާނު އަވަހާރަވީ ދިޔަމިގިއްޔަށް އަރުވާލުމުން އެރަށުގައެވެ.

ދޮންބަންޑާރައިންގެ ދަރިކަލުން ޙަސަންނޫރައްދީން(1)ގެ ރަސްކަމުގައި، ފާޠިމާރަނި ކިލެގެފާނާއި މަރިޔަމް ކަނބާފާނާއި ދެބޭފުޅުން އަވަހާރަވެ ދިޔަ އަރުވައިލި ޙާދިސާގެ ވާހަކަ ދިވެހިތާރީޚުފޮތުގައި ލިޔެފައިވަނީ "ސިރާޖުއްދީން ފަޑިޔާރުމަނިކުފާނު އޭނަޔާއިއެކުގައި ބަޔަކުމީހުން ރަސްކަންއަތުލާން ވާހަކަދެކެވިގެން، މިވާހަކަދެކެވުނު ދޮގުބަސްތައް ގަބޫލުވެވިގެން" ރަދުން ކުރެއްވިކަމެއްގެ ގޮތަށެވެ. އަދި އެފޮތުގައިވާގޮތުން އެފަހަރު ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނު ތެޅުއްވި ތެޅުއްވުމުގައި "ލޭއަންނަވަރުގެ ފާރާއި، މަސްކެފުނުފާރާއި، އެޔަށްވުރެ ފުންވެ މަހާ ކައްޓާ ދެމެދު ހުންނަ ދުލިފެންނަ ފާރާއި، ކަށިފެންނަ ފާރުތަކުގެތެރޭ ހަތަރުސަތޭކަ ހަތްދިހަގަޑު ފާރު" ހުއްޓެވެ. އެއަށްފަހު އެމަނިކުފާނާއި އޭނާގެ މަންމާފުޅު ފާޠިމާ ރަނިކިލެގެފާނު ވެސް ހުވަދޫ ކަނޑުހުޅުދުވަށް އަރުވައިލެއްވީއެވެ.

މުޙައްމަދު ޣިޔާޘުއްދީން ރަދުން ޝަހީދުކުޅައީ ކޮންތާކު ކިހިނެއް ކޮންގޮތަކަށް ކަމާމެދު ސުވާލުއުފެދިފައިވީ ނަމަވެސް، އެމަނިކުފާނު ޝަހީދުކުޅަކަމާއި އެކަމުގައި އިސްކޮށްތިބި ބަޔަކާމެދު ސުވާލެއް ނުއުފެދެވެ. ސަންފާރަންދި ކަނބާފާނާއި، ޢާއިޝާ ކަނބާފާނުގެ މަހާނަ މާލޭ ހުކުރުމިސްކިތުގެ ގަބުރުސްތާނުގައިވެއެވެ. (ނިމުނީ)
                                 ----------------

ޢަބުދުﷲ ޙިލްމީ
21 ޖެނުއަރީ 2014މ.

މަޢުލޫމާތުގެ ޙިއްޞާ:
ދިވެހިތާރީޚު ފޮތް
މާލޭ ހުކުރުމިސްކިތް ފޮތް