ލާ މަރުކަޒީގެ ނަމުގައި ލާ ގަބީލީ ނިޒާމެއް













ދުނިޔޭގެ ބައެއް ދިމަދިމާލުގައި ހިނގައިފައިވާ ހަނގުރާމައެއް ނޫނީ ތަޅާފޮޅުމެއް ނޫނީ ސިޔާސީ ބައިބައިވުމެއްގެ ފަހަތުން އެތަނެއްގެ ހިންގުމުގެ ނިޒާމަށް ގެނުވާ ބަދަލުތަކެއް ހުރެއެވެ. ރުހުމާއި ނުރުހުމުގައެވެ. މިބަދަލުތައް އެތަނަކަށް ގެންނަ ބޭނުމުގެ އެންމެއިސް ނަމަކަށް އޮންނަނީ ރައްޔިތުންނަށް ފައިދާވާގޮތަށް އެބައިމީހުންގެ ގާތުން އެބައިމީހުންނަށް ޚިދުމަތްދިނުމެވެ. މިކަމަށް ބައެއް ތަންތާގައި ޑިސެންޓަރލައިޒް ކުރުމޭ ކިޔައެވެ. ނަމަވެސް ވަކިއަތަކަށް ނުޖެހި ކަމުގެ މުޅި މަގްޞަދާމެދު ވާހަކަދައްކާ ގިނަ ފަރާތްތަކުން އެއްބަސްވަނީ ޑިސެންޓަރލައިޒް ކުރުމޭ ކިޔައިގެން އެކަމެއްކޮށްގެން އުޅޭ ދުނިޔޭގެ ބައެއް ތަންތާނގައި އެނަން ބޭނުންކުރަނީ ހަމައެކަނި ބޭރުފުށުގެ ނަމަކަށެވެ. ރައްޔިތުންގެ ލޮލުގައި އަޅުވާ އަދުނަކަށެވެ. 

ލާ މަރުކަޒީ، ކިޔައިގެން ދިވެހިރާއްޖޭގައި އުފައްދައިފައި މިއޮތް އެއްޗަކާމެދު ވާހަކަފުޅުދައްކަވަމުން ބޭރުގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ ރައްޔިތުންގެ ޓެގް އަޅުވައިގެން ބަޔަކުމީހުން ގެނުވި މިއެއްޗެއްގެ ސަބަބުން ރައްޔިތުންގެ ބާރާއި ފައިސާއާއި ތަކެއްޗާއި ބިންބިމާއި ވަކި ބަޔެއްގެ މުށުތެރެއަށް ގޮސް ނިމިއްޖެކަމަށެވެ. ރާއްޖޭގެ ބައެއް ތަންތާގައި މިހާރު ކުރަމުންދާ ވެރިކަމަކީ ޖާހިލިއްޔަ ޒަމާނުގައި ކުރަމުންދިޔަ ފަދަ ވަންހަތަކާއި ގަބީލާތަކުގެ ވެރިކަމުގެ ތެރެއިންވެސް ޖަރުހަމު ވަންހައިގެ ވެރިކަން ފަދަ ވެރިކަމެކެވެ. ލާ ގަބީލީ ވެރިކަމެކެވެ. އެމީހަކާއި އެމީހެކެވެ. އެބަޔަކާއި އެބަޔެކެވެ. އެމީހަކު ނެގި އެއްޗެއް އެމީހަކަށެވެ. އެމީހަކު ކުރާނެކަމެއް އެގޭނީ އެމީހަކަށެވެ. އަޑުގަދަ ބާރުގަދަ ކެރޭ ނުލަފާމީހުންނަކީ ލާ މަރުކަޒީ ނޫނީ ލާ ގަބީލީ ވެރިންނެވެ.

އަދިވެސް މިބޭފުޅަކު ވިދާޅުވިއެވެ. ލާ މަރުކަޒީގެ ނަމުގައި ނޫނީ ނޯ ޑިސެންޓަރލައިޒީގެ ނަމުގައި ވީނަމަވެސް ގެނެވިފައި ތިޔަވަނީ ލާ ގަބީލީ ނިޒާމެކެވެ. މިއެއްޗެއް ތިޔަވަނީ ގެނެވިފައެވެ. ދެން ކުރަންވީ ކަމަކީ ތިޔަ އެތީގައި ހުރި ރައްޔިތުންނަށާއި މުޅި ރާއްޖެއަށް ގެއްލުންވާ ޒާތުގެ ކަންކަން ތިޔަ އެތިން އުނިކޮށް މުޅި އެތި އޯވަރހޯލް ކުރަންވީއެވެ. އުފެއްދުންތެރިކަން ކުޑަ މިކަހަލަ ރާއްޖެއަކަށް ތިޔަ އެތީގައި ހުރި ގިނަ ކަންކަމެއް ރަގަޅެއްނޫނެވެ. އެކަންކަން ހޯދައި ދެނެގަންނާށެވެ. އަދި ތިޔަ އެއްޗެއް މިރާއްޖެއަށް ގެނައި ޙަގީގީ ބޭނުމަކީވެސް ކޮބައިތޯ ހޯދައިބަލައި ދެނެގަންނާށެވެ. ދުނިޔެ މިވަނީ ކުރިއަރައިފައެވެ. އެހެންނަމަވެސް ދިވެހިރާއްޖެވަނީ ބަޔަކުމީހުން ގެނުވި ލާ ގަބީލީ ނިޒާމެއްގެ ސަބަބުން އެތައް އަހަރެއްގެ ފަހަތަށްގޮސް ރައްޔިތުން ބަގުރޫޓްވެ އިދަޖެހިފައެވެ. ރައްޔިތުންގެ ބާރާއި ފައިސާއާއި ތަކެއްޗާއި ބިންބިމާއި ވަކި ބަޔެއްގެ މުށުތެރެއަށް ގޮސް ނިމިފައެވެ. ލާ ގަބީލީ ވެރިކަމެއްގައި އެވެރިކަމުގެތެރޭ އުޅޭ ބައެއް މީސްމީހުންގެ ހޮޑަށްލެވޭނީވެސް ރައްޔިތުންގެ ފައިސާއެވެ. ދެވަނައެއްޗެއް ނޫނެވެ.                
                  -----------------

ލިޔުއްވީ: އިބްރާހީމް އާދަމް
30 އޯގަސްޓް 2014މ.