ހުވަދުއަތޮޅު ބަޔެއްގެ ޙައްދު ފަހަނަޅައިފައިވާ އަނިޔާވެރިކަން










ހުވަދުއަތޮޅުގެ ނިސްބަތުގައި ދާދި މަދު ބަޔެއްގެ ޙައްދު ފަހަނަޅައިފައިވާ އަނިޔާވެރިކަމަކީ، ދިވެހިތާރީޚުން ފެންނަންއޮތް ނުހަނު ހިތާމަވެރި ޞަފުޙާއެކެވެ. މި އަނިޔާވެރިކަން ހިންގާފައިވަނީ، އިނގިރޭސިން އަޑީގައިތިބެގެން ދިވެހި ދައުލަތާ ދެކޮޅަށް އައްޑުއަތޮޅުގައި އުފެއްދި ދައުލަތާއި ހުވަދުއަތޮޅުގެ ބަޔަކު ގުޅުމަށްފަހު، އެ ބަޔެއްގެ ނުފޫޒާއި ބާރުގެދަށުގައި ހުވަދުއަތޮޅު ޙިޞާރުކޮށްފައި އޮތް ދުވަސްވަރުގަ އެވެ. 

އިނގިރޭސިން އަޑީގައިތިބެގެން ދިވެހި ދައުލަތާ ދެކޮޅަށް އައްޑުއަތޮޅުގައި އުފެއްދި ދައުލަތާއި ހުވަދުއަތޮޅުގެބަޔަކު ގުޅުނީ، އިނގިރޭސިން އެކަމަށް ބޭނުންވެގެންނޫނެވެ. ނުވަތަ އިނގިރޭސީންގެ ގަދައެޅުމުގެތެރެއިން އެ ދައުލަތުގެ އިސްވެރިއަކަށް އިނގިރޭސީން ބެހެއްޓި ހިތަދޫ ފިނިފެންމާގޭ އަލްފާޟިލް އަލްމަރުޙޫމް ޢަބުދުﷲ ޢަފީފުގެ އެދިވަޑައިގަތުމެއް އޮވެގެން ވެސް ނޫނެވެ. އައްޑުއަތޮޅުގައި އުފެއްދި ދައުލަތާއި ހުވަދުއަތޮޅުގެބަޔަކު ގުޅުނީ، އެ ބަޔަކު އަމިއްލައަށެވެ. އައްޑުއަތޮޅުގައި އިނގިރޭސިން އުފެއްދި ދައުލަތަކީ އެގޮތަށް އޮވެދާނެ އެއްޗެއްކަމާމެދު، އެއްގޮތަކަށް ވެސް ވިސްނާލުމެއްނެތި އެވެ.

އިނގިރޭސިން އަޑީގައިތިބެގެން ދިވެހި ދައުލަތާ ދެކޮޅަށް އައްޑުއަތޮޅުގައި އުފެއްދި ދައުލަތާއި ހުވަދުއަތޮޅުގެބަޔަކު ގުޅުމަށްފަހު އެބައިމީހުންގެ ޙިޞާރުގެ ދަށުގައި ހުވަދުއަތޮޅު ބޭއްވުމަށްޓަކައި 05 މާރޗް 1959މ. ދުވަހުގެ ރޭ 8.30 ގައި ހަވަރުތިނަދޫގައި ބޭއްވި ޖަލްސާއަކުން ޚާއްޞަ ކަންތައްތަކެއް ފާސްކޮށްފައިވެ އެވެ.

ހ- އެއްވެސްބަޔަކު މާލޭގެ ސަރުކާރާއި އެއްކޮޅަށް ތިބެގެން އަތޮޅުންފުރައިގެން ހިނގައްޖެނަމަ، އެބަޔެއްގެ ގެދޮރާއި މުދާތައް ނެތިކޮށްލުން.

ށ- ރައްޔިތުން އެއްކުރުމަށްޓަކައި ގޮވާ "ނާރޭތަކުބީރު" (ނަޣަރާ ތަކުބީރު) ގޮވުމުން، ފަސް މިނިޓެއްހާ އިރު ތެރޭ "މާވަށްދިހެރޭ" (ހަވަރުތިނަދޫގެ ފާލަން ހުރި ސަރަޙައްދު)އަށް އަންހެނުންނާއި ފިރިހެނުން ނުކުތުމާއި، ނުކުންނައިރު ކޮންމެމީހެއްގެ އަތުގައި ވެސް ކަނޑައެޅިފައިވާ ފަދަ ޙަމަލާއެއްދެވިދާނޭ އެއްޗެއްއޮތުން.

ނ- ދިވެހި ސަރުކާރާއި އެއްކޮޅަށް މީހަކުހުރިކަން އެނގިއްޖެނަމަ، އެކަމަށް ފިޔަވަޅުއެޅުން. 

(މިގޮތަށް އަޅާ ފިޔަވަޅުގެތެރޭ، އެ މީހަކު ރައްޔިތަށްދެއްކުމާއި ގަންހިންގުން ހިމެނެ އެވެ. މިއީ ކުރީ ޒަމާނުގައި މީހަކު މާލޭގެ ހަވަރަށްދެއްކުމާއި މާލޭގައި ގަންހިންގުން ފަދަ ކަމެކެވެ. މިގޮތަށް މީހަކު ހަވަރުތިނަދޫގައި ދައްކައިފިނަމަ، އެ މީހެއްގެ އަތްފައި ބަނދެ، "މާވަށްދިހެރޭ" އަވީގައި ބޭއްވުމާއި ބަނޑުގައި ވާ ޖަހައިގެން ރަށުތެރޭ ހިންގުން ހިމެނެ އެވެ. އެއަށްފަހު އެ މީހަކު ދޫކޮށްލާނީ، ސުވައިދީބު ސަރުކާރު ގަބޫލުކުރުމުންނެވެ. މިގޮތަށް މިކަންކުރި ބައެއް ބޭފުޅުންގެތެރޭ ރަތަފަންދޫ، ފިޔޯރީ، ގައްދޫގެ ބޭފުޅުންކޮޅެއް ހިމެނެ އެވެ.)

ދިވެހި ސަރުކާރަށް ވަފާތެރިކަމާއެކު ތިބޭ މީހުންނަށް ލިބެމުންދާ ޖިސްމާނީ އަދި ނަފުސާނީ ހާނީއްކައާއި ވޭނުގެ ބޮޑުކަމުން އެފަދަ ގިނަ މީހުންނަށް މަޖުބޫރުވީ، އަމިއްލަ ފުރާނައާއި ބަލަންޖެހޭ މައިންބަފައިންނާއި އަނބިދަރިންނަށްޓަކައި ވިޔަސް އެ ގޮތް ދޫކޮށްލި ސިފަ ދެއްކުމަށެވެ. ވަފާތެރިކަމެއް (ދިވެހި ސަރުކާރަށް) އޮތް ނަމަވެސް، އެ ކަން ހިތުގައި ބޭއްވުމަށެވެ. އެތެރޭގަ އެވެ. ބޭރުފުށުން އެ ކަން ދެއްކުމަކީ، ނުކުޅަދާނަކަމަށްވީ އެވެ.

ނަމަވެސް ރަތަފަންދޫ އަލްފާޟިލް އަލްމަރުޙޫމް މުދިމް ކަލޭގެފާނު ފަދަ އެ ޢުމުރުގެ މުސްކުޅިބޭފުޅަކު ހަމަ ފާޅުގައި އައްޑޫ ސަރުކާރާއި ދެކޮޅުހެއްދެވުމުގައި ދެމިހުންނެވި އެވެ. މިނޫން ބައެއް ބޭފުޅުން ވެސް މިގޮތުގައި ތިއްބެވި އެވެ. މުދިމް ކަލޭގެފާނާއި އޭނާގެ ބޭފުޅެއްކަމަށްވާ ކަތީބު އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ބަޝީރަށް ވަރަށްބޮޑެތި އަނިޔާއާއި ގެއްލުންކުރުމަށްފަހު، މުދިމް ކަލޭގެފާނު އަރުވާލީ، މުއްދަތެއްނެތި ދެއްވަދޫއަށެވެ. ބަޝީރު އަރުވާލީ ފުވައްމުލަކަށެވެ.

އަދި ގައްދޫ އަތިރީގޭ އަލްފާޟިލް އަލްމަރުޙޫމް ޢަލިކަލޭގެފާނު ފަދަ ބައެއް ބޭފުޅުންނަށް ވެސް ބޮޑެތި އަނިޔާކުރި އެވެ. ބައެއް މީހުން ގުދަނުގައި އަނދަގޮޑި ޖަހައި ބަންދުކުރި އެވެ. ބައެއް މީހުން ބަންދުގައި ތިބޭއިރު ގުދަނުތެރެއަށް މިރުސްދުންއެޅުން ފަދަ އަނިޔާވެރިކަންތައް ވެސް ކުރެ އެވެ. ބައެއް މީހުން އަނދަގޮނޑިން ނަގާއިރު، ހިނގުމަށް ވެސް ދަތިވެ އެވެ. ގުދަނުން ދޫކޮށްލާ ބައެއްމީހުން ތިބެންޖެހެނީ ގޭ ބަންދުގަ އެވެ.

އިސްވެ ދެންނެވިދިޔަ ފަދަ އަނިޔާކުރުމަށް އެއްވެސް ރަށެއްގައި އެ ރަށެއްގެ ރައްޔިތޭ ބުނެވޭމާނައިގެ ބަޔަކު ނުވަތަ ގިނަބަޔަކު ނޫޅެ އެވެ. މިކަހަލަ ކަންކަމުގައި އުޅޭތަން ފެންނަނީ، އިންސާނިއްޔަތުކަން ކުޑަ އަނެކުންނަށް ރަޙުމްނުކުރާ މަދު ބަޔެކެވެ. ތިމާގެ މައްޗަށް އޭރު ތިބި ވެރިންގެ ރުހުން އިތުރަށް ހޯދުމަށްޓަކައި މިފަދަ ކަންކަމަށް ފުންމައިގަންނަ ބަޔެކެވެ. މިކަހަލަ ކަންކަމުގައި އުޅޭ މީހުންނަށް ހިތްވަރުދީ އެ މީހުންކުރާ މިބާވަތުގެ ނުލަފާކަންކަމަށް އުފާކޮށް، ހިނިތުންވާ މޫނުތަކެއް ވެސް މަދުމަދުން ފެނޭމެ އެވެ. މިވާހަކަ ދަންނަވައިލީ، އޭރު ހިނގަމުންދިޔަ މިކަހަލަ ކަންކަމަކީ އެ ތަނެއްގައިއުޅޭ ގިނަބަޔަކު ކުރާ ކަންކަމެއް ނޫންކަން ދެންނެވުމުގެ ބޭނުމުގަ އެވެ.

މިދެންނެވި ދުވަސްވަރު، ހުވަދުއަތޮޅުގެ މަދު ބަޔެއްގެ  ކިބައިގައިހުރި އިންސާނިއްޔަތުކަން ޙައްދު ފަހަނަޅާފައިވާ އަނިޔާވެރިކަން އެންމެބޮޑަށް ދެއްކީ، ހުވަދުއަތޮޅު ގައްދޫއަށެވެ. ގައްދޫގެ ބައެއް އޮޑިދޯނިފަހަރުގައި އަލިފާންރޯކޮށް އަންދާލައި، މީސްމީހުންގެ ޖާނަށް ބޮޑެތި އަނިޔާކޮށް، ގޭގެ ހަލާކުކޮށް، ގޭގޭގެ މުދައުލޫޓުވައި، މަޢުޞޫމް ޅަދަރިންގެ ގައިގައި އަޅާފައިވާ ރަންރިހީގެތަކެތި އެ ކުދިން ރޮއިރޮއި ތިއްބައި ގަދަކަމުން ފޭރުނެވެ.

ގައްދޫގެ އޮޑިދޯނިފަހަރުގައި އަލިފާންރޯކޮށް އަންދާލައި،  އެ ރަށުގެ މީސްމީހުންގެ ޖާނަށް ބޮޑެތި އަނިޔާކޮށް، ގޭގެ ހަލާކުކޮށް، ގޭގޭގެ މުދައުލޫޓުވައި، މަޢުޞޫމް ޅަދަރިންގެ ގައިގައި އަޅާފައިވާ ރަންރިހީގެތަކެތި އެ ކުދިން ރޮއިރޮއި ތިއްބައި ގަދަކަމުން ފޭރުނު ލާއިންސާނީ ޖަރީމާ ހިންގުމުގެ އެންމެ އިސް ވެރިންނަކީ، ހުވަދުއަތޮޅުގެ ދެވަނަ ހަމަނުޖެހުމުގައި އިސްކޮށްތިބި ހަވަރުތިނަދޫގެ ބަޔެކެވެ. މި ނުލަފާ ޖަރީމާހިންގީ، ގައްދޫގެ ގިނަ މީހުންނަކީ ދިވެހިދައުލަތަށް ބޯލަނބައި އެ ދައުލަތުގެ އިސްތިގުލާލާއި ކަރާމަތަށް ޙުރުމަތްތެރިކޮށް ހިތާ ބަޔަކަށްވެފައި، ގައްދޫގެބަޔަކު މާލެ ދިޔުމަށް އެ ރަށުން ފުރުމާ ގުޅިގެންނެވެ. އެއީ، ހުވަދުއަތޮޅުގެ އެއްވެސްބަޔަކު މާލޭގެ ސަރުކާރާއި އެއްކޮޅަށްތިބެގެން އަތޮޅުން ފުރައިގެންހިނގައްޖެނަމަ، އެ ބަޔެއްގެ ގެދޮރާއި މުދާތައް ނެތިކޮށްލުމަށް ނިންމާފައިވާގޮތުގެ މަތިންނެވެ. 

ގައްދޫގެބަޔަކު މާލެ ދިޔުމަށް އެ ރަށުން ފުރިކަން ހަވަރުތިނަދޫއަށް އެނގުމާއި ގުޅިގެން، ހުވަދުއަތޮޅުގެ މީހުންއުޅޭ ހުރިހާ ރަށްރަށަށް މި ޚަބަރުދިނުމަށް އުޅަނދުތައް ފޮނުވައި އަންގާފައިވަނީ، ކޮންމެ ރަށަކުންވެސް ވީހާ ގިނަބަޔަކު މިވެނި ދުވަހަކަށް ގައްދޫއަށް އަރައިގަތުމަށްޓަކައި ގައްދޫގެ ކައިރީގައި އޮންނަ "ލޮނުދޫ" ބޭރަށް ދޯނިފަހަރުގައި އައުމަށެވެ. މިއެންގުން އެންގުމާއި ގުޅިގެން ސުވައިދީބު ދައުލަތަށް ތާއީދުކުރާބަޔަކު މަސްދޯންޏާއި ވަދު ދޯންޏާއި ރިޔާނެގި ބައެއް އުޅަނދުތަކުގައި ލޮނުދޫއަށް އައުމުން ގައްދޫއަށް އަރައިގަނެ އެ ރަށުގައި ކުރަންވީ ކަންކަމާމެދު މަޝްވަރާކޮށް ނިންމުންތަކެއް ނިންމި އެވެ.

ޖެހިގެންއައި 04 ޑިސެމްބަރ 1961މ. ދުވަހަކީ ގައްދޫގެ ރައްޔިތުންނާއި ދުވަހަކު ވެސް ބައްދަލުނުވާ ފަދަ ބިރުވެރި ދުވަހެކެވެ. ފުން އަސަރުތަކެއް ކުރުވި ދުވަހެކެވެ. މި ދުވަހަށް އިރު އެރުމާއެކު، ލޮނުދޫ ބޭރުގައި ތިބި އުޅަނދުތައް ފައްޔާއި ރިޔަލުގައި ގައްދޫއަށްދަތުރުކޮށް ހެނދުނު 7.30 ހާ އިރު، ގައްދޫއަށް އަރައިގަތެވެ. އެހާތަނުން ގައްދޫގެ އަތިރިމަތީގެ އެކި ހިސާބުތަކުން ކުރިމަތިލުންތަކެއް ހިނގައި، މީހުންނަށް އަނިޔާވާން ފެށި އެވެ. އެއީ ދެކޮޅުވެރިކަމާއެކު ގައްދޫއަށް އައި މީހުން ރަށަށް އެރިޔަ ނުދިނުމަށް ގައްދޫގެ ބައެއް ޒުވާނުން މަސައްކަތްކުރުމުންނެވެ.

މިކަން މިގޮތަށް ހިނގަމުންދަނިކޮށް، ލޮނުދޫއިން އައި ދެކޮޅުވެރިން ތިބި ދޯންޏެއް ގައްދޫގެ ތުނޑީކޮޅަށް ބީއްސާލައި ޕެޓްރޯލާއި އަލިފާނާއި ހިފައިގެން ރަށަށްއަރައި ރަށުގެ އުތުރުކޮޅުގެ އަތިރިމައްޗަށް އެހިލާފައި ހުރި ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނުގެ ބޭރު ދަތުރުކުރާ އަރުމާޒު އޮޑިއަށް ޕެޓްރޯލް އަޅައި އަލިފާން ރޯކޮށްލި އެވެ. އެއާއެކު، އަތިރިމަތީގައިވާ އެހެނިހެން އޮޑިދޯނިފަހަރުގެ ހަރުގެތައް ވެސް ރޯކޮށްލި އެވެ. މި ރޯކޮށްލުމުގައި ވަތަބަނޑޭރި ކަލޭގެފާނު އަލަށް ބަންނަމުންދާ އަރުމާޒު އޮޑިއަކާއި މަރިޔަމްމާގެ ޢަބުދުއްރަޙުމާން އާދަމްގެ މަސްދޯންޏެއް އަނދައިގެންދިޔަ އެވެ. އެ ފަހަރު ގައްދޫ ވައިލެޓްވިލާ ޙުސައިންމަނިކުގެ "ނޫރުޖަހާން" އަރުމާޒުއޮޑި އަނދައިގެންދިޔަ ނުދީ ސަލާމަތްކުރީ، އެ ފަހަރު ގައްދޫއަށް އައި ދާންދޫގެ ބަޔެކެވެ.

މި ދުވަހު އޭގެ އިތުރަށް، ގައްދޫގެ 10 މަސްދޯންޏާއި، 17 ވަދުދޯންޏަކަށް އެކިވަރުގެ ގެއްލުންދީ ތަޅައި ހަލާކުކުރި އެވެ. އަލިފާން ރޯކުރުމުގެ ސަބަބުން އެ ސަރަޙައްދުން އެންމެބޮޑަށް ގެއްލުންވީ ގައްދޫ "ގުލްއަލާގެ" އަށެވެ. މިނޫން ބައެއް ގޭގެ އަލިފާން ރޯވަމުންދަނިކޮށް ގައްދޫ ލޫޓްވާލަން އައި ކޮންމެވެސް ބަޔަކު އެ ގޭގެ ނިއްވާލި ނަމަވެސް، އެ ގެތަކުގައިވާ މުދާ ފޭރިގެން ގެންދިޔަ އެވެ.

އޮޑިހަރުގެތަކާއި އެނޫން ބައެއް ތަންތާނގައި އަލިފާން ރޯކުރުމުގެ ސަބަބުން ރަށުތެރެއަށް ވެރިވެގެން ދިޔަ ބިރުވެރިކަމާއެކު ދެކޮޅުވެރިން ގައްދޫއަށް އެރިޔަނުދިނުމަށް މަސައްކަތްކުރަމުން ގެންދިޔަ މީހުން އެބައިމީހުންގެ އަނބިދަރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެނބުރި ގޭގެއަށް ގޮސް އަނބިދަރިންނާއެކު ރަށްދޫކޮށް ފުއްޓަރުފަރާތު މޫދަށްފައިބައިގެން ކައިރީގައި ހުރި ފަޅުރަށްރަށަށް ދިޔަ އެވެ. މިގޮތަށް ދާންޖެހުނީ ދެކޮޅުވެރިންގެ މީހުން ރަށުގެ ބައެއް މީހުންނަށް ބޮޑެތި އަނިޔާކުރަން ފެށުމާއި ގުޅިގެންނެވެ. މީގެތެރޭ ހަވަރުތިނަދޫ މީހަކު ދަގަނޑު ޚަންޖަރެއް ކަހަލަ އެއްޗެއް ހިފައިގެން މީހުންނަށް ބިރުދައްކަމުން އަނިޔާކުރަމުންދިޔަ އެވެ. މީގެ ސަބަބުން ޒަޚަމްވެ ދިޔަ އެކަކީ، ގައްދޫ ދޯޅަނބުގޭ ސަންފާގެ އާދަނެވެ. ގައްދޫގެ އެތަން މިތާނގައި ހިންގި އަނިޔާވެރިކަމުގެ ތެރޭ، ގައްދޫ މަލުތެރޭގޭ ޢަލިފުތާއަށް އަނިޔާވެ ބޯފަޅައިގެންދިޔަ އެވެ. އަދި ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނު ގޭގައި ހުންނަވަނިކޮށް އޭނާގެ އިސްތަށިފުޅުގައި ޖެހިޖެހީނުން އިސްތަށިފުޅު ފަޅާލައި ބިންމައްޗަށް ވައްޓާލައި ހޭފުޅުނެތެންދެން ތެޅި އެވެ.

ގައްދޫގެ މި ބިރުވެރި ދުވަހު، ދެކޮޅުވެރިންގެ ކިބައިން ގައްދޫ ދިފާޢުކުރުމަށް މަސައްކަތްކުރި މީހުންގެތެރޭ، ގައްދޫ ސުވާސާގޭ ޢަބުދުﷲ އަބޫބަކުރާއި ދިލާވަރުގޭ ޢަބުދުﷲ އާދަމާއި ފެލިދޫގޭ ކަމަނާގެ އާދަނަކީ، ހިތްވަރާ ޢަޒުމާއެކު މަސައްކަތްކުރި މީހުންނެވެ. ނަމަވެސް ޢަބުދުﷲ އަބޫބަކުރުގެ ފަޔަށް ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން އޭނާވެއްޓި ސަލާމަތް ހޯދުމަށް ބިންމަތީ ފިރުކެމުން ކަހަލަ ގޮތަކަށް ގޮސް، ގައްދޫގެ ދެކުނުކޮޅު ތުނޑިން މޫދަށް ފައިބައި ފަތާފައި ގައްދޫކަނޑު ހުރަސްކޮށް ގަމަށް އެރީ، އޭނާ އެކަނިމާ އެކަންޏެވެ.

މި ދުވަހުގެ އަނިޔާވެރިކަން 11 ޖެހިއިރު، މުޅި ރަށަށްވަނީ ޢާއްމުވެފަ އެވެ. އޭރު ގައްދޫ "ޢަޞުރުމާގެ" ނޫނީ، ލޫޓުވައި ނުލާ އެއްވެސް ގެއެއް ޢިމާރާތެއް ގައްދޫގައި ނެތެވެ. މެންދުރު 1 ޖެހިއިރު، ހަވަރުތިނަދޫ މީހަކު އޭނާގެ ގަދައަޑުން ރަށުތެރޭ ގޮވުމެއް ގޮވަމުންދިޔަ އެވެ.

"އޭއި އޯއި! ސުވައިދީބު ދައުލަތުން އަންގަނީ، އަންނަ އަންގާރަދުވަހުގެ ކުރިން ގައްދޫގެ ހުރިހާމީހުން ހުވަދުއަތޮޅުގައި ޖުޒާމްބަލީގެ މީހުން ތިބޭ ފުނަދުއަށް ބަދަލުކުރާނެ ކަމަށާއި ފުނަދުއަށް ދާން ނޭދޭ ގައްދޫގެ މީހަކު ހުރިނަމަ ގައްދޫ ދޫކޮށް އެހެން ރަށަކަށް ދާށޯ"

މި ގޮވުމެއް ގޮވި މީހާ ނޫނަސް އެ ދުވަހު ގައްދޫގެ އެކި ތަންތަނަށް ދެކޮޅުވެރިންގެ މީހުން ގޮސް އެހެން އެންގުމެއް ވެސް އަންގަމުން ދިޔަ އެވެ.

"ގައްދޫގައި މިއަދުގެ ފަހަށް މީހުން ދިރިނޫޅޭނެ އެވެ. ރަށުގެ ހުރިހާ ގެތަކެއް ތަޅައި ބިމާހަމަކޮށް، ފަޅުރަށަކަށް ހަދާނަމެވެ. އަތުޖެހުނު އެއްޗެއް އަތުޖެހުނު މީހަކު ޣަނީމާއެއްކަމަށް ހަދައި އަތޮޅު ރައްޔިތުން(ގައްދޫއަށް އަރައިގަތް ދެކޮޅުވެރިން)ނަށް ބަހާލާށެވެ."

މި އެންގުމާއި ގުޅިގެން އަތޮޅުގެ ރަށްރަށުން ގައްދޫއަށް އަރައިގަތް ބައެއްމީހުން ގައްދޫގެ ގޭގޭގެ ވަރަށްގިނަ އެއްޗެތި ގެންދިޔަ ނަމަވެސް އެފަދަ އެއްޗެއް ނުގެންދާމީހުން ވެސް އެ ދުވަހު ތިއްބެވެ. އެ މީހުން ގައްދޫއަށް ދިޔައީ، އަތޮޅުގައި އެއިރު އޮތް ވެރިކަމުގެ ފަރާތުން އެންގިކަމެއް އެންގިގޮތަކަށް ނުކޮށްފިނަމަ ވާނެގޮތް އެނގޭތީ އެވެ. އެގޮތަށް ކަންތައްވެފައި ވެސް ވީތީ އެވެ.

އިސްލާމުންގެ ނަމުގައި ތިބި ބަޔަކު އިސްލާމުން ދިރިއުޅޭ ރަށަކަށް ގަދަކަމުން އަރައިގަނެ އެ ދުވަހު ހިންގި ލާއިންސާނީ ލާއީމާނީ ނުބައިކަން އެންމެބޮޑު އެއް ކަމަކީ، ގައްދޫގެ ގޭގެ ލޫޓުވައި މުދައުތައް ފޭރުމުގެ ތެރޭ، ގައްދޫ "މުޖުމަރާގެ"އަށް ބަޔަކު ވަދެ އެ ގޭގެ އެތެރެގޭ (ކުޑަކޮށް އަނދިރިވެފައިވާ) އުނދޯލީގެ ކުނަލާއި ބާލީހާއި އޮޅާލައިގެން ކޮނޑަށްލައިގެން ދުވެފައި ދަނިކޮށް، އޭގެ ތެރެއިން ޢުމުރުން 15 ދުވަސްވީ ޅަ ކުއްޖަކު ބިންމައްޗަށް ވެއްޓި އެ ކުއްޖާގެ ބޯ ގާގަނޑެއްގައި ޖެހި ފަޅައިގެން ދިޔަ އެ ޒަޚަމުގެ ސަބަބުން އެ ކުއްޖާ ދުނިޔެއިން ވަކިވެގެންދިޔަ ކަމެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ 

ހަވަރުތިނަދޫގެ ބަޔަކު އިސްވެތިބެގެން އެމީހުންގެ އަމުރަށް ގައްދޫގެ މީސްމީހުންގެ ޖާނަށް ބޮޑެތި ގެއްލުންތަކެއްކޮށް ގައްދޫ ލޫޓުވާލައި ސުންނާފަތިކުރި ދުވަހު ގައްދޫގައި ތިއްބެވި އެ ރަށުގެ އިސްބޭފުޅުންގެ ތެރެއިން ވައިލެޓްވިލާ އަލްފާޟިލް އަލްމަރުޙޫމް ޙުސައިންމަނިކުގެ އަމިއްލަ ނަފުސު ސަލާމަތްކުރެވުނީ، އޭނާ ގައްދޫ ދޫކުރައްވައި މޫދަށް ކަރުތާފެނަށް އެރިވަޑައިގެން އެ ރަށު ފަޅުތެރޭ އޮންނަ "ގޮޅާއްލާ"އަށް ވަޑައިގަތުމުންނެވެ. ނަމަވެސް އޭނާގެ ގެ "ވައިލެޓްވިލާ" ލޫޓުވައިލި އެވެ. އަދި އޭގެ އަނެއްދުވަހު އޭނާ ގައްދޫއަށް ވަޑައިގަތުމުން ހަވަރުތިނަދޫއަށް ފޮނުވާލުމަށްފަހު މަޑަވެއްޔަށް އަރުވާލީ އެވެ.

އިސްމާޢީލް ވަތަބަނޑޭރި ކަލޭގެފާނު އަރުވާލީ ހަވަރުތިނަދޫއަށް ގެނެސް ވާރުގޭ ގުދަނުގައި އެތައް ދުވަހަކު ބަންދުގައި ބޭއްވުމަށްފަހު، ވާދުއަށެވެ. ގައްދޫގެ އެނޫން ހުރިހާ ބޭފުޅުން އަރުވާލީ ހުވަދުއަތޮޅުގެ މީހުންނޫޅޭ ފަޅު ރަށްރަށަށެވެ. ގައްދޫ ލޫޓުވާލި ދުވަހު އެ ރަށު އަތިރީގޭ އަލްފާޟިލް އަލްމަރުޙޫމް ޢަލިކަލޭގެފާނު އެ ރަށުގައި ވަޑައިގެން ނޫޅުއްވަ އެވެ. އޭރު އޭނާ ހުންނެވީ އައްޑުއަތޮޅުގައި ބަންދުކޮށްފަ އެވެ.

ހަވަރުތިނަދޫގެ ބަޔަކު އިސްވެތިބެގެން 2 ވަނަ ފަހަރަށް ދިވެހިދައުލަތުގެ ބާރުގެދަށުން ހުވަދުއަތޮޅު ވަކިކުރުމަށްފަހު ގައްދޫ އަތިރީގޭ އަލްފާޟިލް އަލްމަރުޙޫމް ޢަލިކަލޭގެފާނު ހަވަރުތިނަދުއަށް ގެނެސް އެ ރަށުގެ ކާޑުގޭގެ ގުދަނުގައި ބަންދުކޮށް އޭނާއަށް އެކި ކަހަލަ އަނިޔާކޮށް އިންސާނީ ކަރާމާތާއި ޚިލާފު އެތައްކަމެއްކޮށްފައިވެ އެވެ. މިތަން ދުށް ތިނަދޫގެމީހުންގެ ތެރެއިން ބައެއް މީހުން އެކަމުގެ ނުބައިކަމާއި ނުލަފާކަމާމެދު ސަހަރޯހީވެ އެ ވާހަކަ މިހާރު ވެސް ދައްކަ އެވެ. މަރުޙޫމް ޢަލިކަލޭގެފާނަށް އޭރުކުރި އެންމެބޮޑު އަނިޔާއަކީ، ތިނަދޫގެ އަތިރިމަތީގައި ހުރި ދިދަދަނޑީގެ ބުޑުކޮނެ ދިދަދަނޑި ނެގުމަށް ކަލޭގެފާނަށް ޖެއްސުމެވެ. މިކަންކުރުވީ 3 ދުވަސްވަންދެން ހެނދުނުއްސުރެ މެންދުރުފަހާ ޖެހެންދެން ގަދަ އަވީގައި ހުއްޓުމެއްނެތި އެވެ. މި އަނިޔާވެރިކަން ހިނގަމުންދިޔައިރު އެކަމަށް ތަރުޙީބު ދީ ކުޅިބަލަންތިބޭ ބަޔަކު ވެސް މާދުރުނޫން ހިސާބެއްގައި ތިއްބެވެ.

އެ މަސައްކަތް ކުރެއްވުމުގެ ތެރޭ ޢަލިކަލޭގެފާނު ވަރުބަލިވެވަޑައިގެން މަސައްކަތް މަޑުޖައްސަވާލެއްވި ނަމަ، އޭނާގެ ގައިގައި އެތިފަހަރެއް ޖަހައި މަސައްކަތް ހުއްޓާނުލުމަށް އެންގި އެވެ. މީގެތެރެއިން އެއްދުވަހު މެންދުރު އެންމެ ހޫނު ވަގުތުގައި ކަލޭގެފާނު ކަރުހިއްކައިގެން ހިއްޕަވާނެ ބޯފެންފޮދަކަށް އެދިވަޑައިގެން އެ ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން އެ ތާނގައި ހުރި އަންހެނަކު މޫދުން ނާއްޓެއްގެ ލޮނު ގެނެސް ކަލޭގެފާނަށް ދިނުމުން ކަލޭގެފާނު އެ ހިއްޕަވަން ފައްޓަވައި އެއީ ލޮނުކަން އެނގިވަޑައިގެން އެ އަންހެންމީހާގެ މޫނަށް ބައްލަވާލެއްވި އެވެ. މިހެންވީ ނަމަވެސް ކަލޭގެފާނު އެ ލޮނު ހިއްޕެވި އެވެ.

ގައްދޫ މަރުޙޫމް ޢަލިކަލޭގެފާނު ލައްވައި ހަވަރުތިނަދޫގެ ދިދަދަނޑީގެ ބުޑު ކޮނުވާތާ 3 ވަނައަށް ވީ ދުވަހު ކަލޭގެފާނުގެ ދެ އަތް ރޯނުން ބަނުމަށްފަހު، ބަނޑުގައި (ދޯނިފަހަރު އެހިލަން ބޭނުންކުރާ) ވަލެއް ޖަހައިގެން ހަވަރުތިނަދޫ ބޮޑުމަގު "ޝާރިޢުލް އަމީން" (ހުކުރުމިސްކިތް ކުރިމަތީ މަގު)ގެ ދެކޮޅަށް ގަންހިންގި އެވެ. މި މަންޒަރު ބަލަމުން ދިޔަ އިންސާނިއްޔަތުކަން ހުރި މީހުން އެ ކަމާ ކަންބޮޑުވެ ހިތާމަކޮށް އެ ވާހަކަ ދައްކަމުންދިޔަ އިރު، އިންސާނިއްޔަތުގެ ކަންފުޅެއްނެތް މީހުން ވެސް އެ ދުވަހު ހަވަރުތިނަދޫގައި ތިއްބެވެ. އެ ކަމަށް ތަރުޙީބު ދީ، އައްތިލަބަޑި ޖެއްސެވެ. ސުބްޙާނައްﷲ!

ގައްދޫ އަލްމަރުޙޫމް ޢަލިކަލޭގެފާނު ވިދާޅުވެފައިވަނީ، ހަވަރުތިނަދޫގައި އޭނާއަށް އަނިޔާކޮށް ފަޟީޙަތްކުރުމަކީ ހަވަރުތިނަދޫގެ ގަދަރުވެރިއެއްކަމަށްވާ އަލްމަރުޙޫމް ބޭސް ދޮންކަލޭގެފާނު ވަރަށްބޮޑަށް ރުހިވަޑައިނުގެން އެކަމާ ވާހަކަފުޅުދެއްކެވި ކަމެކެވެ. ނަމަވެސް ހަވަރުތިނަދޫގެ އިސްވެރިން މަރުޙޫމް ދޮންކަލޭގެފާނުގެ ބަސްފުޅަށް އެއްވެސް އިޖާބައެއް ނުދެއްވީ އެވެ.

ގައްދޫ އަތިރީގޭ މަރުޙޫމް ޢަލިކަލޭގެފާނު ލައްވައި ހަވަރުތިނަދޫގެ ދިދަދަނޑީގެ ބޮޑު ކޮނުވީ، އެ ކަން ކުރުވި ބަޔެއްގެ ނުލަފާކަމުގެ ބޮޑުކަމުންނެވެ. މީހުންނަށް އެނގިފައި އޮތީ، އެ ކަން ކަލޭގެފާނު ލައްވައި ކުރުވަނީ ފުރަތަމަ ފަހަރަށް ދިވެހިދައުލަތުގެ ބާރުގެ ދަށުން ހުވަދުއަތޮޅު ވަކިކޮށްފައި ވަނިކޮށް، އެކަން ހަމަޖެއްސުމަށްފަހު ހަވަރުތިނަދޫގެ އަތިރިމަތީ އެ ދިދަދަނޑި ޖެހިއިރު ކަލޭގެފާނު އިސްވެ ޞަލަވާތް ފާތިޙާ ވިދާޅުވެފައިވުމުން އެ ހެއްދެވީ ފަންޑިތަ ކަމަށެވެ. ނުވަތަ ދިވެހިދައުލަތުގެ ބާރުވެރިކަން ހަވަރުތިނަދޫ ބިމުން ގެއްލިގެން ނުދާގޮތަށް އެ ދަނޑި ޖަހަން ކޮނުނު ވަޅުގަނޑަށް ކަލޭގެފާނު އެއްޗެއް ލެއްވި ކަމަށެވެ. ނަމަވެސް މިއީ އޭގެ ޙަގީގަތެއް އޮތް ކަމެއްނޫނެވެ. މުޅިން ވެސް ދެއްކި ބަހަނާ އެވެ.

އެހެނީ، ދިވެހިދައުލަތުގެ ބާރުވެރިކަން ހަވަރުތިނަދޫ ބިމުން ގެއްލިގެން ނުދާގޮތަށް އެ ދަނޑި ޖަހަން ކޮނުނު ވަޅުގަނޑަށް ކަލޭގެފާނު އެއްޗެއް ލެއްވިނަމަ ލައްވާފައި ވަނިކޮށް، އެ ބުނެވޭ ދިވެހިދައުލަތުގެ ބާރުވެރިކަން ހަވަރުތިނަދޫ ބިމުން ލުހެލައި އެ ބިން އެ ބަޔެއްގެ ބާރުގެ ދަށަށް ގެނައި ބަޔަކީ ވެސް، ކަލޭގެފާނު ލައްވައި އެއްވެސް ރަޙުމެއްނެތި މި ނުލަފާ މަސައްކަތް ކުރުވި މީހުންނެވެ. ކަލޭގެފާނު ހެއްދެވި ފަންޑިތަ ކޮބައިހެއްޔެވެ؟!

ތެދެކެވެ. ހުވަދުއަތޮޅުގެ ނިސްބަތުގައި ދާދި މަދު ބަޔެއްގެ ޙައްދު ފަހަނަޅައިފައިވާ އަނިޔާވެރިކަމަކީ، ދިވެހިތާރީޚުން ފެންނަންއޮތް ނުހަނު ހިތާމަވެރި ޞަފުޙާއެކެވެ. މި އަނިޔާވެރިކަން ހިންގާފައިވަނީ، އިނގިރޭސިން އަޑީގައިތިބެގެން ދިވެހި ދައުލަތާ ދެކޮޅަށް އައްޑުއަތޮޅުގައި އުފެއްދި ދައުލަތާއި ހުވަދުއަތޮޅުގެ ބަޔަކު ގުޅުމަށްފަހު، އެ ބަޔެއްގެ ނުފޫޒާއި ބާރުގެދަށުގައި ހުވަދުއަތޮޅު ޙިޞާރުކޮށްފައި އޮތް ދުވަސްވަރުގަ އެވެ. 


ނޯޓް:

މިލިޔުމުގައިވާ މަޢޫލޫމާތްތަކުގެ ރިފަރެންސެއް ނުވަތަ އެމަޢޫލޫމާތު ހޯދިގޮތް ލިޔެފައިނުވަނީ އެމަޢުލޫމާތްތަކަކީ ހުވަދުއަތޮޅު ތިނަދޫއާއި ގައްދޫއާއި އަދި އެހެން ބައެއް ރަށްރަށުގައި މިހާރުވެސް ދިރިދުނިޔޭގައި ތިބި ވަރަށްގިނަ ޢަދަދެއްގެ ބަޔަކަށް އެކަންކަން އެބަޔެއްގެ ލޮލަށްފެނި ކަންފަތަށްއިވިފައިވާ ކަންކަމަށްވާތީ މިމަޢުލޫމާތްތަކުގެ ތެދުދޮގުހޯދުމަށް ބޭނުންފުޅުވާ ފަރާތްޕުޅުތަކަށް އެކަންކުރެއްވުމުގެ ދަތިފުޅެއް އޮންނާނެކަމަށް ނުފެންނާތީއެވެ.
                          --------------

ޢަބުދުﷲ ޙިލްމީ
29 މާރޗް 2016މ.