މިޒަމާނުގައި ފެތުރިފައިވާ ލޫޠުބާގައިގެ ބައެއް އާދަތައް













ލޫޠުބާގައިގެ މީހުން ކޮށް އުޅުނު ބައެއް ކަންތައް މިޒަމާނުގެ ޒުވާން ކުދިން ކުރެ އެވެ. އެ ބާގައިގެ މީހުން އެކަންތައް ކޮށްއުޅުނީ، ފާޙިޝް ޢަމަލުތަކަށް މަގުފަހިކުރުމަށްޓަކަ އެވެ. ނަމަވެސް މިޒަމާނުގެ ގިނަ ޒުވާނުން އެކަންތައް ކުރަނީ އޭގެ ހަގީގަތް ނޭނގޭ ހާލުގަ އެވެ. ތިރީގައި މިވަނީ، އެއިން ހަތަރު ކަމެކެވެ.

1- ޝީސް ގޮއްވުން

ޝީސް ގޮއްވުމަކީ، ކަށިގަނޑު ފުމެލީމާ އިވޭ އަޑު ކަހަލަ އަޑެއް ތުނބުން ފުމެގެން، ނުވަތަ އަނގައިގެ ތެރެއަށް އިނގިލި ލައްވައިގެން ގޮއްވުމެވެ. އެކަމަކީ، ލޫޠުބާގައިގެ މީހުން ކުރި ކަމެކެވެ. އެމީހުން އެކަންކުރީ، ފާޙިޝް ޢަމަލުތައް ކުރުމަށްޓަކައި، އެކަމުގައި ބައިވެރިވާ އެހެން މީހުންނަށް ގޮވާލުމުގެ ބޭނުމުގަ އެވެ. މިޒަމާނުގެ ޒުވާން ކުދިން ވެސް އެކަކު އަނެކަކަށް ގޮވާލުމުގެ ބޭނުމުގައި ޝީސް ގޮއްވަ އެވެ.

2- މަގުމަތީގައި ހުއްޓިގެން ތިބުން

މަގުމަތީގައި ހުއްޓިގެން ތިބުމަކީ، ލޫޠުބާގައިގެ މީހުން ކޮށްއުޅުނު ކަމެކެވެ. އެމީހުން އެކަންކުރީ، ފާޙިޝް ޢަމަލުތައް ހިންގުމަށްޓަކައި ފިރިހެން ކުދިން އަތުލައިގަތުމުގެ މަގުސަދުގަ އެވެ.

މިޒަމާނުގެ ޒުވާން ކުދިން، ދުވާރުތަކާއި، ކަންމަތިތަކުގައި ހުއްޓިގެން ތިބެ އެވެ. އަދި މަގުމައްޗަށް ހުންނަ ފާރުބުރިތަކުގެ މަތީގައި އިށީނދެގެން ވެސް ތިބެ އެވެ. އެކުދިން އެތަންތާނގައި ތިބޭއިރު މަގުމަތިންދާ މީހުންނާ ފޮށި ހަދަ އެވެ.

3- މޭމަތި ހާމަކޮށްގެން އުޅުން

ލޫޠުބާގައިގެ މީހުން، އެމީހުންގެ މޭމަތި ހާމަކޮށްގެން އުޅުނީ، އެމީހުންގެ ހަށިގަނޑުގެ ރީތިކަން ދެއްކުމުގެ މަގުސަދުގަ އެވެ. އެއީ އެމީހުންގެ ޖިސްމާނީ ސިފައަށް މީހުންގެ ހިތް ލަންބުވައިގެން ފާޙިޝް ޢަމަލުތައް ކުރުމުގެ ބޭނުމުގަ އެވެ. އެމީހުން ލައިއުޅުނީ މިޒަމާނުގެ ގަމީހާ ދާދި އެއްކަހަލަ ހެދުމެއް ކަމަށް ބުނެވެ އެވެ. އެމީހުން މޭމަތި ހާމަކޮށްގެން އުޅުނު ގޮތަށް މިޒަމާނުގެ ޒުވާން ކުދިން މޭމަތި ހާމަކޮށްގެން އުޅެ އެވެ.

4- އުކުޅުވަޅާ ހިސާބުގައި ހަރުވާޅު ބެހެއްޓުން

އުކުޅުވަޅާ ހިސާބުގައި ހަރުވާޅު ބެހެއްޓުމަކީ ވެސް ލޫޠުބާގައިގެ މީހުން ކޮށްއުޅުނު ކަމެކެވެ. އެބާގައިގެ މީހުންގެ ތެރެއިން އެކަން ކުރި ބަޔަކީ، އެބަޔަކާއެކު ފާޙިޝް ޢަމަލު ކުރެވޭ މީހުންނެވެ. އުކުޅުވަޅާ ހިސާބުގައި ހަރުވާޅު ނުވަތަ ފަޓްލޫނު ބެހެއްޓުމަކީ މިޒަމާނުގައި ވަރަށް ބޮޑަށް ފެތުރިފައިވާ ފެޝަނެކެވެ. މިޒަމާނުގެ ޒުވާން ކުދިން އެ ފެޝަނަށް ނުހަނު ލޯބިވެސްކުރެ އެވެ. އެ ފެޝަން އުފެއްދި މީހަކީ، އެއްޖިންސުގެ މީހުންނާއެކު ފާޙިޝް ޢަމަލުތައް ހިންގައިއުޅުނު މީހެކެވެ. އޭނާ އެ ފެޝަން އުފެއްދީ، ލޫޠޫބާގައިގެ މީހުންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަގުސަދުގަ އެވެ.
                            --------------------

ތަރުޖަމާ: އަލްއުސްތާޛު ޢަބުދުލްމުޢީދު ޙަސަން