އިނގިރޭސީންގެ ބޭނުމަކަށްޓަކައި އެ މީހުންގެ ބާރުގައި ސުވާދީބުގައި އެ މީހުން އުފެއްދި ސަރުކާރުގެ އެންމެ އިސް ބޭފުޅަކަށް އައްޑޫ ހިތަދޫ ފިނިފެންމާގޭ އަލްފާޟިލް އަލްމަރުޙޫމް ޢަބުދުﷲ ޢަފީފު ހަމަޖައްސަން އިނގިރޭސީން މަސައްކަތްކުރީ، އެ މަނިކުފާނު އިސް ބޭފުޅަކަށް ބެހެއްޓުމަށް އައްޑުއަތޮޅުގެ ބަޔަކު ބޭނުންވުމަކުން އެކަންޏެއް ނޫނެވެ. އެ ނޫން ގިނަ ސަބަބުތަކެއް ވެސް އޮވެގެންކަމަށް ބެލެވެ އެވެ. އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ތަޢުލީމާއި ތަޖުރިބާއާއި ވިސްނުންފުޅެވެ. އަނެކުންގެ ފަރާތުން ލިބިވަޑައިގެންފައިވާ މަގުބޫލްކަމާއި އިޙުތިރާމާއި ގަދަރެވެ. ދުނިޔޭގެ ދަހިވެތިކަމެއް ނެތުމެވެ. މިކަހަލަ ކިތަންމެ ކަމެކެވެ. އެންމެބޮޑަށް ފާހަގަކުރެވޭ ކަމަކީ، އެ ދުވަސްވަރު ޢިލްމީ، އަދި ސިޔާސީ ފެންވަރުގައި އިނގިރޭސީންނާއި މުޢާމަލާތު ކުރެވޭނެ ބޭފުޅަކަށް ވެސް ވުމެވެ.
ސުވައިދީބުގައި
އިނގިރޭސީން އުފެއްދި ސަރުކާރުގެ އިސްވެރިއަކަށް މަރުޙޫމް ޢަފީފު ހުންނަވަން
ޖެހިވަޑައިގަތުމުން އެކަމުގައި ހުންނެވީ ވެސް، އަމިއްލަ އެއްވެސް ބޭނުންފުޅެއް ނެތި އެވެ. އެ ވެރިކަމުގެ
ތެރެއިން އެއްވެސް ބާވަތެއްގެ ނާޖާއިޒު ފައިދާއެއް އެ މަނިކުފާނު ނަންގަވާފައި
ނުވެ އެވެ. މިއީ ގިނަބަޔަކު ގަބޫލުކުރާ ކަމެކެވެ.
ސުވައިދީބުގައި އުފެއްދި ވެރިކަމާ ބެހޭ ބައެއް މަޢުލޫމާތު އަޅުގަނޑާއި ޙިއްޞާކުރައްވަމުން 20 ފެބްރުއަރީ 2008މ. ގައި ހުވަދޫ ތިނަދޫ ދެލްވައްތަ އަލްފާޟިލް މުޙައްމަދު ޙަމީދު ވިދާޅުވީ، މަރުޙޫމް ޢަބުދުﷲ ޢަފީފަކީ އަޚުލާގު ރަނގަޅު މާތް ބޭފުޅެއްކަމަށާއި ޙައްގުނޫން ފައިސާއާއި މުދަލުގެ ބޭނުންފުޅެއް އެ މަނިކުފާނު ނުކުރައްވާ ކަމަށާއި ޢާއިލާއާއި އެކީ އެ މަނިކުފާނު ސީޝެލްސް އަށް ފުރާވަޑައިގަތް ދުވަހު، އޭނާގެ އަތްޕުޅުގައި ޖުމްލަ 60 ޕައުންޑް ވެސް ނޯންނާނެ ކަމަށެވެ. އެ ދުވަހު ހެޔޮއެދޭ ބަޔަކު އެ މަނިކުފާނަށް އެރުވިނަމަ އެރުވި މަދު ފައިސާކޮޅެއް ފިޔަވައި، އެހެން އެއްވެސް ފައިސާއެއް އޭނާގެ އަތްޕުޅުގައި ނުހުންނާނެ ކަމަށެވެ.
މަރުޙޫމް
ޢަބުދުﷲ ޢަފީފާ ބެހޭ ބައެއް މަޢުލޫމާތު އަޅުގަނޑާއި ޙިއްޞާކުރައްވަމުން 11 މާރޗް
2016މ. ގައި އައްޑޫ ހިތަދޫ މީނާޒް އަލްފާޟިލް ޢަބުދުﷲ ނަޞީރު ވިދާޅުވީ، ޢާއިލާއެކީ
މަރުޙޫމް ޢަފީފު ސީޝެލްސްއަށް ފުރާވަޑައިގަތުމުގެ ކުރީ ހަތަރު ފަސްދުވަހުން
ފެށިގެން ފުރާވަޑައިގަތުމާ ހަމައަށް ވެސް، ޢަފީފުމެންގެ ފަރިއްކޮޅު ތައްޔާރުކޮށް
އެ މަނިކުފާނުގެ ގެއަށް ގެންދިޔައީ، ޢަބުދުﷲ ނަޞީރުމެންގެ
"މަދަރުސާދޮށުގެ"އިން ކަމަށެވެ. އަދި ޢަފީފު ފުރާވަޑައިގެންނެވިތާ 5
ވަނައަށް ވީ ދުވަހު ޢަފީފުގެ މަންމަ އަވަހާރަވީއިރު، ޢަފީފުމެންގެ ގޭގައި
ކަށުކަމާކެމީގެ ކަންތައްތައް (ތަކެއްޗާއި ފައިސާގެ ގޮތުން) ކުރެވޭނޭ ގޮތެއް ވެސް
ނެތް ކަމަށެވެ.
އެ ދުވަސްވަރު
ދުނިޔޭގެ "ގަދަ" އަދި މުއްސަނދި އިނގިރޭސީންގެ ބާރުގައި އެ މީހުން
މަޙަލްދީބުގެ ސުވައިދީބުގައި އުފެއްދި ސަރުކާރުގެ ވެރިޔަކަށް އެ މީހުންބެއްޓި
ވެރިޔާ ޚިޔާރުކުރެއްވި ދިރިއުޅުއްވުމަކީ މިއެވެ. ފަހެ، ޢިބްރަތް ލިބުން ވަނީ،
ވިސްނާ ބަޔަކަށެވެ.
އައްޑޫ ހިތަދޫ
ފިނިފެންމާގޭ އަލްފާޟިލް އަލްމަރުޙޫމް ޢަބުދުﷲ ޢަފީފަކީ، ވަރަށް އޯގާތެރި ދުރު
ވިސްނިވަޑައިގަންނަވާ ބޭފުޅެކެވެ. މި ދެންނެވި އެއްޗަކަށް ބާރު ލިބޭ ގިނަ
ކަންކަމެއް އެ މަނިކުފާނުގެ ފަރާތްޕުޅުން ފެނިފައިވެ އެވެ.
އިނގިރޭސީންގެ
ފަރާތުން އެ މަނިކުފާނަށް ލިބިވަޑައިގެންފައިވާ ޙިމާޔަތުގެ ދަށުން 29 އޮކްޓޫބަރ
1963މ. ގައި ޢާއިލާއާއި އެކީ ޢަބުދުﷲ ޢަފީފު ސީޝެލްސްއަށް ފުރާވަޑައިގަތީ، ސުވައިދީބުގައި އިނގިރޭސީން އުފެއްދި ވެރިކަމުގެ ސަބަބުން
ދިވެހި ދައުލަތުގެ ކުށްވެރިންނަށްވެ، އޭގެ އަދަބު އެ މީހުންނަށް ލިބޭނެކަމަށް
ބެލެވޭ ދެކުނު 3 އަތޮޅުގެ މީހުންނަށް ދިވެހި ދައުލަތުގެ މާފު ލިބޭނޭގޮތެއް ހެއްދެވުމަށް
އިނގިރޭސީން މެދުވެރިކޮށް ވަރަށްބޮޑަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް މީގެ
ތެރެއިން ދިވެހި ދައުލަތުގެ މާފުލިބުނީ، ހަމަ އެކަނި އައްޑުއަތޮޅުގެ މީހުންނަށެވެ.
ފޯއްމުލައް ހުވަދޫ ނުހިމެނި، ހަމަ އެކަނި އައްޑުއަތޮޅުގެ މީހުންނަށް 8 ސެޕްޓެމްބަރ
1963މ. ގައި ދިވެހި ސަރުކާރުގެ މާފު ލިބިގެން ދިޔައީ، އޭގައި ސަބަބުތަކެއް ވެސް
ހުރެގެންނެވެ.
ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ދިވެހި ސަރުކާރު ފިޔަވައި ވަކި ސަރުކާރެއް (އިނގިރޭސީން އުފެއްދުމުން ކަމަށް ވިޔަސް) އުފެއްދީ، އައްޑުއަތޮޅުގެ ސަރަޙައްދުގަ އެވެ. ފޯއްމުލައް ހުވަދޫ، ހިމެނޭ ގޮތަކުން ނޫނެވެ. މީގެ ދަލީލު ލިބޭ އެއް ކަމަކީ، އައްޑުއަތޮޅުން 3 ޖުލައި 1961މ. ގައި ދިވެހިދައުލަތަށް ހުށަހެޅި "ދިވެހިރާއްޖޭގެ މާލޭގައިވާ ސަރުކާރާއި އައްޑުއަތޮޅުގެ ރަޢިއްޔަތުގެ މަޖްލިސާއި ދެމެދު ގުޅުން އާކުރުމުގެ މައްޗަށް މަޖްލިސުން ހުށަހެޅި އިގްތިރާޙް"އެވެ. މި އިގްތިރާޙުގެ އެކި އެކި ނަމްބަރުތަކުގައި ވަނީ ވެސް، އައްޑުއަތޮޅުގެ އެކި ވާހަކަ އެވެ. ފޯއްމުލައް ހުވަދޫ، ހިމެނޭ ގޮތަކުން ނޫނެވެ. 1 ޖެނުއަރީ 1959މ. ގައި އައްޑުއަތޮޅުގެ ރައްޔިތުންނާއި މާލޭ ސަރުކާރާ ދެމެދުގައިވާ ގުޅުންތައް ކަނޑާލުމަށް މެދުވެރިވި ސަބަބެވެ. އައްޑުއަތޮޅުގެ ރައްޔިތުންނަށް ފުރިހަމަ ޙައްގު ލިބިފައިވާ މިނިވަން ވެރިކަމެއް އަތޮޅުގައި އޮތުމުގެ ވާހަކަ އެވެ. މިނޫން ވެސް އައްޑުއަތޮޅާއި ގުޅުންހުރި ވާހަކަ އެވެ. ފޯއްމުލައް ހުވަދޫ، ހިމެނޭ ގޮތަކުން ނޫނެވެ. - "މަލަސް 26" ވަނަ ޢަދަދު -
ދެވަނަ
ކަމަކީ، 14 ފެބްރުއަރީ 1960މ. ގައި
އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު ސޮއިކުރެވުނު މަޝްހޫރު
"އޯލްޕޯޓް އެގްރީމެންޓް" އާއި، އަދި އެއާއި ގުޅިގެން ދެ ސަރުކާރުގެ މެދުގައި
ބަދަލުކުރެވިފައިވާ ސިޓީ އެވެ.
މީގެ ސަބަބުން އެ ތާރީޚުގެ ފަހުން ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ކީރިތި މަހާރަދުން، މާލޭގައި ގާނޫނީގޮތުން އުފައްދަވާ ސަރުކާރު ފިޔަވައި އެ ނޫން ސަރުކާރެއް (އެ ސަރުކާރެއްގައި ބައިވެރިވާ މީހުން ވެސް ހިމެނޭ ގޮތުން) އިނގިރޭސި ދައުލަތުން ގަބޫލެއް ނުކުރާނެ އެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން ވަނީ، މިކަން ދިވެހި ދައުލަތަށް ޔަގީންކޮށްދީފަ އެވެ. ދިވެހިރާއްޖޭގެ ސަރަޙައްދުގައި ދިވެހި ސަރުކާރު ފިޔަވައި ވަކި ސަރުކާރެއް (އިނގިރޭސީން އުފެއްދުމުން ކަމަށް ވިޔަސް) އުފައްދާފައި ވަނީ، 1 ޖެނުއަރީ 1959މ. ގަ އެވެ. 14 ފެބްރުއަރީ 1960މ. ގެ ފަހުން ނޫނެވެ. ނުވަތަ "އޯލްޕޯޓް އެގްރީމަންޓް"ގެ ފަހުން ނޫނެވެ.
(ހ) ދިވެހި
ދައުލަތުގެ ކުށްވެރިންނަށް ވުން އެކަށޭނަ އައްޑޫގެ އެންމެންނަށް އިނގިރޭސިން
މެދުވެރިވެ، 8 ސެޕްޓެމްބަރ 1963މ. ގައި ދިވެހި ސަރުކާރުގެ މާފުލިބިގެން ދިޔައިރު،
ދިވެހި ދައުލަތުގެ ބާރުގެ ދަށުން 2 ވަނަ ފަހަރަށް ހުވަދުއަތޮޅު ވަކިކޮށްލުމާ
ގުޅިގެން ކުށްވެރީންގެ ގޮތުގައި ތިބި ހުވަދޫބަޔަކު ދިވެހި ސަރުކާރުގެ ބެއްލެވުމުގެ
ދަށުގައި ތިއްބެވެ. ނަމަވެސް އައްޑޫގެ ބަޔަކަށް ލިބުނު މާފެއް އެ މީހުންނަށް
ނުލިބެ އެވެ. ނުލިބުނީ، ދިވެހިދައުލަތުގެ ބާރުގެ ދަށުން 2 ވަނަ ފަހަރަށް ހުވަދުއަތޮޅު
ވަކިކޮށްލީ، "އޯލްޕޯޓް އެގްރީމަންޓް"ގެ ފަހުން 15 ޖޫން 1961މ.ގައި
ކަމަށް ވާތީ އެވެ. މިހެންވީމާ، ހުވަދޫގެ ބަޔަކަށް ދިވެހި ދައުލަތުގެ މާފު
ހޯދައިދިނުމަށް މަރުޙޫމް ޢަފީފު ބޭނުންފުޅުވި ނަމަވެސް، އެ ކަމާ އިނގިރޭސީންނަށް
އުޅުމުގެ ފުރުޞަތު ކުޑަކަމަށް، ކަންހިނގި މަގު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން
ވިދާޅުވެ އެވެ.
(ދިވެހި ސަރުކާރާ ވަކިން 1 ޖެނުއަރީ 1959މ. ގައި އައްޑޫގައި އިނގިރޭސީން އުފެއްދި ސަރުކާރުގައި، 16 ފެބްރުއަރީ 1959މ. ގައި ފުރަތަމަ ފަހަރަށް ހުވަދޫ ބައިވެރިވެފައި ވަނިކޮށް، ދިވެހި ސަރުކާރުން މަސައްކަތް ކުރައްވައިގެން 17 ޖުލައި 1959މ. ގައި ހުވަދޫ ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ގެންނެވި އެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ހުވަދޫ، ދިވެހި ސަރުކާރުގެ ބާރުގެ ދަށުން ވަކިކޮށްލީ 15 ޖޫން 1961މ. ގަ އެވެ.)
ފުވައްމުލަކާއި ހުވަދުއަތޮޅުގައި (ދިވެހި ދައުލަތަށް ކުށްވެރިވެފާ) ތިބި މީހުންނަށް ވެސް، އިނގިރޭސީން މެދުވެރިވެ، ދިވެހި ދައުލަތުގެ މާފު ދެއްވުމަށް މަރުޙޫމް ޢަބުދުﷲ ޢަފީފު ބޭނުންފުޅުވެ ވަޑައިގަތެވެ. ނަމަވެސް އެކަން ކުރުމުގައި އިނގިރޭސީންނަށް ވެސް އެ އެއްޗެއް ގިރާކޮށްފައި ކުރިޔަށް ނުދެވޭނޭ ވަރަށްބޮޑު ހުރަހެއް އެ މީހުންގެ ކުރިމަތީ އޮތެވެ. އެއީ ކުރިން ވެސް ދެންނެވި އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާއި ދެމެދު ކުރެވިފައިވާ މަޝްހޫރު "އޯލްޕޯޓް އެގްރީމެންޓް" އެވެ.
14 ފެބްރުއަރީ 1960މ. ދުވަހު މާލޭގައި ކުރެވުނު މި އެގްރީމެންޓްގައި އިނގިރޭސި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ، ކޮމަންވެލްތުގެ ރިލޭޝަންސް އޮފީހުގެ ދައުލަތުގެ ވަޒީރު މިސްޓަރ ސީ.ޖީ.އެމް އޯލްޕޯޓެވެ. ދިވެހި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. 14 ފެބްރުއަރީ 1960މ. ގައި ސޮއިކުރި އޯލްޕޯޓް އެގްރީމްންޓާއި ގުޅިގެން ހަމަ އެ ދުވަހު މިސްޓަރ ސީ.ޖީ.އެމް އޯލްޕޯޓް ދިވެހިރާއްޖޭގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ފުރަތަމަ ޕެގްރާފްގައިވެ އެވެ.
"ޢިއްޒަތްތެރި މަނިކުފާނެވެ. އަދު އަޅުގަނޑުމެން މި ސޮއިކުޅަ އެގްރީމަންޓްގެ ފުރަތަމަ މާއްދާއާއި ގުޅޭގޮތުން މި ދަންނަވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ކީރިތި މަހާރަދުން، މާލޭގައި ގާނޫނީގޮތުން އުފައްދަވާ ސަރުކާރު ފިޔަވައި އެހެން އެއްވެސް ސަރުކާރެއް، އިނގިރޭސި ދައުލަތް ގަބޫލުކުރުން އެއީ ނެތް ކަމެކެވެ. އިނގިރޭސި ދައުލަތުގެ ފަރާތުން މިކަން މަނިކުފާނަށް ޔަގީންފުޅުކޮށް އެރުވުން އެއީ އަޅުގަނޑުގެ އުފަލެކެވެ."
(ށ) 2 ވަނަ
ފަހަރަށް ހުވަދުއަތޮޅު ދިވެހިދައުލަތުގެ ބާރުގެ ދަށުން ވަކިކޮށްލުމަށްޓަކައި، ހުވަދުއަތޮޅަށް ނިސްބަތްވާ ބަޔަކު އައްޑުއަތޮޅު
ހިތަދޫގައި މަޝްވަރާކުރި ރޭ، މަޝްވަރާގެ ފަހުގެ ވަގުތެއްގައި އޭގެ އެންމެ އިސް ފަރާތްތަކާ މަރުޙޫމް
ޢަބުދުﷲ ޢަފީފާ ދެމެދު، ހިތަދޫ ފިނިފެންމާގޭގައި ބައްދަލުވެ ވާހަކަތަކެއް ދެކެވިފައިވެ އެވެ.
މި ބައްދަލުވުމަކީ، މަރުޙޫމް
ޢަބުދުﷲ ޢަފީފު އެދިވަޑައިގެން ބޭއްވި ބައްދަލުވުމެއް ކަމަށް މަޢުލޫމާތު
ލިބިފައިވެ އެވެ.
މި ބައްދަލުވުމުގެ ތެރޭ ނުހަނު ބޭނުންތެރި ވާހަކަފުޅެއް އެ މަނިކުފާނު ވިދާޅުވި އެވެ. މިއީ އޭރު އެ ތާނގައި ތިބި މީހުންނާއި ނެތް މީހުންނަށް ވެސް އޭގެ މަންފާކުރުވަނިވި، އަދި އޭގެ މައްޗަށް ވިސްނުމާއި ފިކުރުހިންގުން އައުލާކަން ބޮޑު ވާހަކަފުޅެކެވެ. ޢިލްމީ ސިކުނޑިއެއްގެ ތަޖުރިބާގެ ފިލާވަޅެކެވެ. މަރުޙޫމް ޢަބުދުﷲ ޢަފީފުގެ އެ ވާހަކަފުޅުގެ މަފްހޫމަކީ، އިނގިރޭސީންގެ ބާރުގައި އުފައްދާފައިވާ ސުވައިދީބު ދައުލަތަކީ، އެ ދައުލަތް އެ ގޮތުގައި ދަމަހައްޓައި ބޭއްވުމަށް އިނގިރޭސީން ބޭނުންނުވާ ދުވަހަކުން ފަސްތަނުން ބަނދެ މޫނުއަޅާނެ ދައުލަތެއްކަން، އެބައިމީހުންނަށް ވިސްނުވައި ދެއްވޭތޯ ބެއްލެވުމެވެ. ކަންހިނގި މަގު ދެނެވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި މަރުޙޫމް ޢަފީފު އެ ރޭ މަސައްކަތްޕުޅު ކުރައްވާފައި އެވަނީ، 2 ވަނަ ފަހަރަށް ހުވަދުއަތޮޅު ދިވެހިދައުލަތުގެ ބާރުގެ ދަށުން ވަކިކުރުމުގެ މަސައްކަތް އެ ކުރަނީ "އޯލްޕޯޓް އެގްރީމަންޓް"ގެ ފަހުން ކަމަށް ވާތީ، އެކަމަށް ވެސް ރިޢާޔަތްކުރައްވާފަ އެވެ. ސުވައިދީބު ދައުލަތް ނިމިގެންދާނެ ކަމާއި، ހުވަދޫގައި މިފަހަރު އެކަން ކުރިޔަސް، އަނެއްކާ ވެސް ދިވެހި ސަރުކާރުގެ ބާރުގެ ދަށަށް ހުވަދޫ ގެންނާނެ ކަން، އެ މަނިކުފާނަށް ގަބޫލުފުޅުކުރެއްވޭތީ އެވެ. އަދި ކަން ހިނގުން އެކަށޭނަ ގޮތްތަކަށް ވެސް ވިސްނުންފުޅު ބަހައްޓަވާތީ އެވެ.
ކޮންމެއަކަސް، މަރުޙޫމް
ޢަބުދުﷲ ޢަފީފުގެ އެ ރޭގެ މަސައްކަތްޕުޅާ މެދު، ސުވައިދީބުގައި އިނގިރޭސީން އުފެއްދި
ވެރިކަމުގެ މަޢުލޫމާތު ދިރާސާކުރައްވާ ބޭފުޅުން ދެކިވަޑައިގަންނަވަނީ،
ދިވެހިދައުލަތުގެ ބާރުގެ ދަށުން 2 ވަނަ ފަހަރަށް ހުވަދުއަތޮޅު ވަކިކޮށްލުމުގައި
މަރުޙޫމް ޢަފީފުގެ އެއްވެސް ދައުރެއްނެތް ކަމަށެވެ. އަދި އެއީ އެ ކަން ކުރުމުގައި
ދެވަނަ ވިސްނުމަކަށް ދާންޖެހޭ ކަމެއް ކަމަށެވެ.
އެއީ، ހުވަދުއަތޮޅު 2 ވަނަ ފަހަރަށް ދިވެހި ދައުލަތާ ވަކިކޮށްލާ އިރު، "އޯލްޕޯޓް އެގްރީމަންޓް" އޮތުމާއި، އަދި މަރުހޫމް ޢަފީފުގެ ވެސް، އަދި އިނގިރޭސީންގެ ވެސް ސީދާ ދައުރެއް އޭގައި ނެތުމެވެ. އޭގައި އިނގިރޭސީންގެ ދައުރެއް އޮތް ނަމަ، އެންމެ ކުޑަމިނުން އަމިއްލަ ނަފުސު ދިފާޢު ކުރެވިދާނެ ފަދަ އާލާތްތަކެއް ވިޔަސް، ހުވަދޫ މީހުންނަށް އެ މީހުން ދިނީސް ކަމަށެވެ. އެ ކަމެއްގެ ތެރޭ އިނގިރޭސީންގެ ފުރިހަމަ ދައުރެއް އޮތީ އައްޑުއަތޮޅުގައި ކަމަށް ވީމާ، އެ އަތޮޅު ހަމަޖެއްސުމަށްޓަކައި (ބާރުގެ ގޮތުން) އެ ތަނާ ކައިރިވާކަށް ދިވެހި ދައުލަތުން ނުއުޅޭ ކަމަށެވެ. އެހެންވީމާ، އައްޑުއަތޮޅުގައި އުފެއްދިކަމެއް އުފައްދައި، އަދި އެ އުފެއްދިކަމެއް ނިންމީ ވެސް އިނގިރޭސީންނެވެ. އެހެން ބަޔެއްނޫނެވެ.
އެއީ، ހުވަދުއަތޮޅު 2 ވަނަ ފަހަރަށް ދިވެހި ދައުލަތާ ވަކިކޮށްލާ އިރު، "އޯލްޕޯޓް އެގްރީމަންޓް" އޮތުމާއި، އަދި މަރުހޫމް ޢަފީފުގެ ވެސް، އަދި އިނގިރޭސީންގެ ވެސް ސީދާ ދައުރެއް އޭގައި ނެތުމެވެ. އޭގައި އިނގިރޭސީންގެ ދައުރެއް އޮތް ނަމަ، އެންމެ ކުޑަމިނުން އަމިއްލަ ނަފުސު ދިފާޢު ކުރެވިދާނެ ފަދަ އާލާތްތަކެއް ވިޔަސް، ހުވަދޫ މީހުންނަށް އެ މީހުން ދިނީސް ކަމަށެވެ. އެ ކަމެއްގެ ތެރޭ އިނގިރޭސީންގެ ފުރިހަމަ ދައުރެއް އޮތީ އައްޑުއަތޮޅުގައި ކަމަށް ވީމާ، އެ އަތޮޅު ހަމަޖެއްސުމަށްޓަކައި (ބާރުގެ ގޮތުން) އެ ތަނާ ކައިރިވާކަށް ދިވެހި ދައުލަތުން ނުއުޅޭ ކަމަށެވެ. އެހެންވީމާ، އައްޑުއަތޮޅުގައި އުފެއްދިކަމެއް އުފައްދައި، އަދި އެ އުފެއްދިކަމެއް ނިންމީ ވެސް އިނގިރޭސީންނެވެ. އެހެން ބަޔެއްނޫނެވެ.
*******
2 ވަނަ
ފަހަރަށް ހުވަދުއަތޮޅު ދިވެހިދައުލަތުގެ ބާރުގެ ދަށުން ވަކިކޮށްލުމަށްޓަކައި
ހުވަދުއަތޮޅަށް ނިސްބަތްވާ ބަޔަކު އައްޑުއަތޮޅު ހިތަދޫގައި ކުރި މަޝްވަރާއަށްފަހު،
އެ ބަޔަކު އަނެއް ރޭގެ (15 ޖޫން 1961މ.) ދަންވަރުގެ ވަގުތެއްގައި އެ އަތޮޅު
ތިނަދޫއަށް ގޮސް ކުރިކަމެއް ކޮށް، ދިވެހިދައުލަތުގެ ބާރުގެ ދަށުން ހުވަދުއަތޮޅު
ވަކިކޮށްލުމަށްފަހު ވެސް، މަރުޙޫމް ޢަބުދުﷲ ޢަފީފުގެ ފަރާތްޕުޅުން ފެނިގެން
ގޮސްފައި ވަނީ، އޯގާތެރިކަމާއި ދުރު ވިސްނިވަޑައިގަތުމެވެ.
އެ ފަހަރު
ދިވެހިދައުލަތުގެ ބާރުގެ ދަށުން ހުވަދުއަތޮޅު ވަކިކޮށްލައި ކުށްވެރީންގެ ގޮތުގައި
އައްޑުއަތޮޅު ހިތަދޫއަށް ގެންދިޔަ ބައެއްމީހުން ބަންދުގެ ފަހުން ރަށުތެރެއަށް
ދޫކޮށްލުމުން، އޭގެ ތެރެއިން
ބައެއް މީހުންނާއި މަރުޙޫމް ޢަބުދުﷲ ޢަފީފާއި ބައްދަލުވެފައިވެ އެވެ. މީގެތެރޭ
ކުރިއްސުރެ އޭނާ ދެނެވަޑައިގަންނަވާ ބައެއް މީހުންނަށް ނަޞޭޙަތްތެރިވެ، ކަން ހިނގާ މަގާއި ދެން ހިނގުން އެކަށޭނަ މަގު ވެސް
އޮޅުންފިލުއްވައި ދެއްވާފައިވެ އެވެ. މީގެ ތެރެއިން އެކަކީ، ތިނަދޫ ހަލަވެލި އަލްމަރުޙޫމް
މުޙައްމަދު ޙިލްމީ އެވެ. އޭނާގެ ގާތުގައި ބައެއް ވާހަކަފުޅު މަރުޙޫމް ޢަފީފު
ދެއްކެވިކަމަށް 28 ޖެނުއަރީ 2008މ. ގައި އޭނާ އަޅުގަނޑަށް މަޢުލޫމާތު ދެއްވި އެވެ.
މީގެ ތެރެއިން އެއް ވާހަކަފުޅަކީ، ސުވައިދީބު (ދެކުނުގެ 3 އަތޮޅު)ގައި މިހާރު
އުފައްދާފައިވާ ވެރިކަމަކީ، އެ ގޮތަށް ދެމި އޮންނާނެ އެއްޗެއްނޫން ކަމާއި، ލަސްތަކެއްނުވެ، ދިވެހިދައުލަތުގެ ބާރުގެ ދަށަށް ތިނަދޫ ވެސް ދާނެ ވާހަކަ
އެވެ.
2 ވަނަ
ފަހަރަށް ހުވަދުއަތޮޅު ދިވެހިދައުލަތުގެ ބާރުގެ ދަށުން ވަކިކޮށްލައިފައި ވަނިކޮށް،
އޭރު ހުވަދުއަތޮޅުގެ އިސްވެރިންގެ ތެރޭ ހިމެނިވަޑައިގަންނަވާ ތިނަދޫ ދެލްވައްތަ
މުޙައްމަދު ޙަމީދު، ޖެނުއަރީ 1962މ. ގައި އައްޑުއަތޮޅަށް ކުރެއްވި ދަތުރެއްގައި ހިތަދޫގައި އުޅުއްވަނިކޮށް މަރުޙޫމް ޢަބުދުﷲ ޢަފީފު، މުޙައްމަދު ޙަމީދު
ބަލާފޮނުއްވައިގެން ފިނިފެންމާގެއަށް ގެންނަވައި އޭނާގެ ގާތުގައި މަރުޙޫމް ޢަފީފު
ވިދާޅުވި ނުހަނު ބޭނުންތެރި ވާހަކަފުޅެއްގެ މަޢުލޫމާތު، 20 ފެބްރުއަރީ 2008މ. ގައި މުޙައްމަދު ޙަމީދު އަޅުގަނޑާއި
ޙިއްޞާ ކުރެއްވި އެވެ.
މަރުޙޫމް ޢަފީފު ވިދާޅުވީ، "އެ ދުވަސްވަރުގެ ބޮޑުވަޒީރު އިބްރާހީމް
ނާޞިރު، ހުވަދުއަތޮޅުގެ ކަންކަން ހަމަޖެއްސެވުމަށް އެ އަތޮޅަށް
ވަޑައިގަތުމަށްޓަކައި މިހާރު މާލެއިން ފުރާވަޑައިގެންފި އެވެ. ވީމާ އަވަހަށް
އަތޮޅަށް ގޮސް ބޮޑު ވަޒީރު ވަޑައިގަތުމާއެކު، ދިވެހި ދައުލަތަށް ކިޔަމަންތެރިކަން
އަދާކުރާށެވެ. ބާރުގެ ކުރިމަތީ ގަދަ ނުދައްކާށެވެ. ދެރަގޮތެއް މެދުވެރިވިޔަ
ނުދޭށެވެ."
އަޅުގަނޑާއި މި
ވާހަކަ ޙިއްޞާކުރައްވަމުން މުޙައްމަދު ޙަމީދު ވިދާޅުވީ، މަރުޙޫމް ޢަފީފުގެ އެ
ވިދާޅުވުމާއި ގުޅިގެން ހުވަދުއަތޮޅަށް ދަތުރުކޮށް ތިނަދޫއަށް ވަޑައިގަތް
އިރު، އޭރުގެ
އިސްވެރިންގެ ތެރޭ ހިމެނޭ ތިނަދޫ "މޫންލައިޓް" ޙަސަން ޙިލްމީދީދީ ތިނަދޫގައި
ވަޑައިގެން ނޫޅުއްވަ އެވެ. އޭނާ ހުންނެވީ އަތޮޅުތެރޭގަ އެވެ. މިހެންވީމާ، ޙަމީދު ގިނިކަންޏާ ހުންނަވައިގެން މަރުޙޫމް ޢަފީފު
ވިދާޅުވި ވާހަކަފުޅު ރައްޔިތުންނަށް އަންގަވައިފި ނަމަ، ދެން ވުން އެކަށީގެންވާ
ކަމަކަށް ވެސް ބައްލަވައި، ޙަސަން ޙިލްމީދީދީ އާއި ދެ ބޭފުޅުން ތިއްބަވައިގެން މަރުޙޫމް ޢަފީފުގެ
ވާހަކަފުޅު ރައްޔިތުންނަށް އެންގެވުމަށް، ޙަސަން ޙިލްމީދީދީ ހޯއްދަވަން އަތޮޅުތެރެއަށް ފުރާވަޑައިގަތީ އެވެ. އެ
ދަތުރު ޙަމީދު ދާންދޫގައި ވަނިކޮށް، ބޮޑުވަޒީރު އިބްރާހީމް ނާޞިރު ތިނަދޫއަށް
ވަޑައިގެން ހިނގަމުންދާ ކަންކަމުގެ ޚަބަރު ލިބިވަޑައިގަތުމުން، ދެން އެ ވަގުތު ކުރެއްވޭނެ ކަމެއް ނެތުމުން، ދާންދޫއިން އައްޑުއަތޮޅަށް ފުރުއްވީ ކަމަށެވެ.
އެ ދަތުރު
މުޙައްމަދު ޙަމީދު ހިތަދޫއަށް ވަޑައިގަތުމުން، ޙަމީދު ގަމަށް ވަޑައިގަތުމަށް ހިތަދޫ މޫންލައިޓްވިލާ
މަރުޙޫމް މުޙައްމަދު ސަޢީދު ވިދާޅުވީމާ، ގަމަށް ވަޑައިގެން ފާލަމުން މަރުޙޫމް ޢަބުދުﷲ ޢަފީފާއި ބައްދަލުވި ކަމާއި،
އަދި ކަން ހިނގިގޮތް އޭނާއަށް ދެންނެވިކަމަށް ވެސް މުޙައްމަދު ޙަމީދު މަޢުލޫމާތު
ދެއްވި އެވެ.
މުޙައްމަދު
ޙަމީދު ވިދާޅުވި ގޮތުގައި އެ ފަހަރު އޭނާ އައްޑުއަތޮޅަށް ވަޑައިގަތްކަމާއި، އަދި ގަމުގެ ފާލަމުން މަރުޙޫމް ޢަފީފާ ބައްދަލުކުރި
ޚަބަރު ވެސް ހަމަ އެ ވަގުތު، ހުވަދުއަތޮޅު ތިނަދޫގެ ބޭރުގައި އޮތް "ސިލްވަރ ކްރެސްޓް"އަށް
(ބޮޑުވަޒީރަށް) އިނގިރޭސީން ފޯރުކޮށްދިނެވެ. މިކަން ޙަމީދަށް އެނގިވަޑައިގަތީ، އޭގެ ދުވަސްކޮޅެއްގެ ފަހުން މާލެއިން މ.ލަކްސްލިންގ
އަންނަބީލު އަލްމަރުޙޫމް މުޙައްމަދު ޢިމާދުއްދީންގެ ފައިންޕުޅު ފެނުމުން، އޭނާ އެ
ވާހަކަފުޅު ވިދާޅުވީމަ އެވެ.
މަރުޙޫމް މުޙައްމަދު ޢިމާދުއްދީނަކީ، ދިވެހިދައުލަތުގެ ބާރުގެ ދަށުން ވަކިކޮށްފައިވާ ހުވަދުއަތޮޅުގެ ކަންކަން ހަމަޖެއްސެވުމަށްޓަކައި އެ ދުވަސްވަރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު، "ސިލްވަރ ކްރެސްޓް" ގައި ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތް ބޭފުޅެކެވެ.
މަރުޙޫމް
ޢަބުދުﷲ ޢަފީފަކީ، އަލްއަމީރު މުޙައްމަދު އަމީން ދިވެހިދައުލަތް ހިންގެވި
ދުވަސްވަރު، ޙައްގުނޫން
ބޮޑު އަދަބެއް ލިބިވަޑައިގަތް ބޭފުޅަކަށް ވިޔަސް، މުޙައްމަދު އަމީނާ ވެސް ޢާއިލީގުޅުން އޮތް ބޭފުޅެކެވެ.
އަދި އިނގިރޭސީން އުފެއްދި ސުވައިދީބުގެ އިސްވެރިއަކަށް އޭނާ ހުންނެވުމުގެ
ކުރިއާއި ފަހުން ވެސް، އޭގެ އަނެއްކޮޅުގައި ތިއްބެވި ރަސްގެފާނު މުޙައްމަދު
ފަރީދާއި، ބޮޑުވަޒީރު
އިބްރާހީމް ނާޞިރާއި ވެސް ޒާތީކަމެއް ގެންގުޅުއްވި ބޭފުޅެއްނޫނެވެ. އަދި އެއީ މަރުޙޫމް
ޢަބުދުﷲ ޢަފީފާއި ޢާއިލީގުޅުން ވެސް އޮތް ބޭފުޅުންނެވެ. މި ހުރިހާ ބޭފުޅުންގެ
ތެރެއިން ވެސް، މަރުޙޫމް
ޢަފީފާއި ގާތްކަން ބޮޑު ޢާއިލީގުޅުމެއް އޮތީ، ބޮޑުވަޒީރު އިބްރާހީމް ނާޞިރާ އެވެ.
އެއީ މީދޫ ކަޅިހާރު ދަރިކޮޅުންނެވެ.
މީދޫ
ކަޅިހާރު ދަރިކޮޅުން:
މަރުޙޫމް އިބްރާހީމް ނާޞިރަކީ، މީދޫ ކަޅިހާރު ޙަސަން މަނިކާގެ ކަޅިހާރު ޢާއިޝާ މަނިކުފާނުގެ، ޙުސައިންދީދީގެ، މަރިޔަމްދީދީގެ، މޫސާދީދީގެ، ޢާއިޝަތުދީދީގެ ދަރިކަލެކެވެ.
މަރުޙޫމް ޢަބުދުﷲ ޢަފީފަކީ، މީދޫ ކަޅިހާރު ޙަސަން މަނިކާގެ ކަޅިހާރު ދޮން ޢަލިތަކުރުފާނުގެ ހިތަދޫ އެޅެދީދީ (މުޙައްމަދުދީދީ) ގެ ޢަލިދީދީގެ ދަރިކަލެކެވެ.
ދިޔަމިގިލީ
ދަރިކޮޅުން:
މަރުޙޫމް އިބްރާހީމް ނާޞިރަކީ، ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީންގެ އިބްރާހީމް(އިސްކަންދަރު)ގެ މުޙައްމަދު ޣިޔާޘުއްދީނުގެ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ޙަސަންދީދީގެ ޙުސައިންދީދީގެ މަރިޔަމްދީދީގެ މޫސާދީދީގެ ޢާއިޝަތުދީދީގެ ދަރިކަލެކެވެ.
މަރުޙޫމް ޢަބުދުﷲ ޢަފީފަކީ، ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީންގެ އިބްރާހީމް(އިސްކަންދަރު)ގެ މުޙައްމަދު ޣިޔާޘުއްދީނުގެ އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ މޫސާދީދީގެ އާމިނާދީދީގެ ދޮންދީދީގެ ޢާއިޝާދީދީގެ ފާޠިމާދީދީގެ ދަރިކަލެކެވެ.
މަރުޙޫމް މުޙައްމަދު ފަރީދަކީ، ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީންގެ އިބްރާހީމް(އިސްކަންދަރު)ގެ ޢާއިޝާ ކަނބާފާނުގެ މަރިޔަމްދީދީގެ ޙުސައިންދީދީގެ ޢާއިޝާދީދީގެ ޚަދީޖާދީދީގެ ޢާއިޝާދީދީ(ދޮންގޮމާ)ގެ ދަރިކަލެކެވެ.
މަރުޙޫމް މުޙައްމަދު އަމީނަކީ، ދިޔަމިގިލީ މުޙައްމަދު ޢިމާދުއްދީންގެ އިބްރާހީމް(އިސްކަންދަރު)ގެ ޢާއިޝާ ކަނބާފާނުގެ މަރިޔަމްދީދީގެ ޙުސައިންދީދީގެ ޢާއިޝާދީދީގެ މަރިޔަމްދީދީގެ އަޙުމަދުދީދީގެ ދަރިކަލެކެވެ.
ނިންމާލުން:
ސުވައިދީބު (ދެކުނުގެ 3 އަތޮޅު)ގައި 3 ޖެނުއަރީ 1959މ. ގައި ވަކި ވެރިކަމެއް އުފެއްދީ، އިނގިރޭސިންނެވެ. އެހެން ބަޔެއްނޫނެވެ. އަދި އެ ވެރިކަން ނައްތައިލީ ވެސް، ހަމަ އެ މީހުންނެވެ. ސީދާވާނީ މި ގޮތެވެ. ޙަގީގަތަކީ ވެސް މި އެވެ.
------------------
ޢަބުދުﷲ ޙިލްމީ
12 މާރޗް
2016މ.
މައިގަނޑު މަޢުލޫމާތުގެ
ޙިއްޞާ:
އަލްފާޟިލް
މުޙައްމަދު ޙަމީދު ދެލްވައްތަ/ ތިނަދޫ، އަލްފާޟިލް އަލްމަރުޙޫމް މުޙައްމަދު ޙިލްމީ
ހަލަވެލި/ ތިނަދޫ ދެއްވާފައިވާ މަޢުލޫމާތު، އަލްފާޟިލް ޢަބުދުﷲ ނަޞީރު މީނާޒް/
ހިތަދޫ، އަލްފާޟިލް އަޙުމަދު ނާޞިޙު ޢަންބަރީވިލާ/ މީދޫ، އުސްތާޛުލް މަރުޙޫމް މުޙައްމަދު
އިބްރާހީމް ލުޠުފީ ލިޔުއްވި "މުޚްތަޞަރު ތާރީޚު ދީބާ މަޙަލް" ފޮތް، ދިވެހިބަހާއި
ތާރީޚަށް ޚިދްމަތުކުރާ ގައުމީ މަރުކަޒުން ނެރުއްވި "މަލަސް 26" ފޮތް، "މީދޫ. ކޮމް" ވެބްސައިޓް، އަލްފާޟިލް ޢަބުދުﷲ ޞާދިގު ނިޔާޒް/ ހިތަދޫ ލިޔުއްވި "ހަނދާނާއި
ތާރީޚަށްޓަކައި އަލްފާޟިލް އަލްމަރުޙޫމް ޢަބުދުﷲ ޢަފީފުދީދީގެ ޙަޔާތްޕުޅުގެ
ތެރެއިން" ފޮތް، އަލްފާޟިލް ޢަލީ ފަހުމީ އަޙުމަދު ލިޔުއްވި "ދިވެހީންނާ
އިނގިރޭސީންގެ ކޯޅުން-ސުވާދީބު" ފޮތް