ސުވާދީބާއި ސުވާދީބުގައި އުފެއްދި ސަރުކާރު – 2








ސުވާދީބު(ދެކުނުގެ 3 އަތޮޅު)ގައި އިނިގިރޭސިން އުފެއްދި ވެރިކަމުގެ އިސް ބޭފުޅަކަށް (މީހުނަށް ފެންނަފަށުގައި) ހިތަދޫ ފިނިފެންމާގޭ އަލްފާޟިލް އަލްމަރުޙޫމް ޢަބުދުﷲ އަފީފު ހުންނެވީ، އެ މަނިކުފާނު އެ ކަމަށް ބޭނުންފުޅުވެވަޑައިގެންތޯ ނުވަތަ ނޫންތޯ މިކަމާ މެދު ރަނގަޅަށް ވިސްނަވާ ފަރާތްތައް މަދެވެ. ނޫންނަމަ، މިކަމުގެ ޙަގީގަތް އެ ފަރާތްތަކަށް ހޯއްދެއްވުނީހެވެ.


އަދި ދިވެހި ދައުލަތާ ވަކިން ސުވާދީބުގައި އުފެއްދި ވެރިކަމަކީ އެ މަނިކުފާނު ބޭނުންފުޅުވެގެން ކުރި ކަމެއްނޫން ކަމާއި، އެ މަނިކުފާނަކީ އނގިރޭސިންނަށް އިތުބާރުކުރެއްވި ބޭފުޅެއްނޫން ކަން ވެސް އެނގިވަޑައިގަތީހެވެ.


އައްޑޫ ހިތަދޫ ފިނިފެންމާގޭ ޢަބުދުﷲ ޢަފީފަކީ، މިޞްރުގެ އަލްއަޒުހަރުން ތަޢުލީމު ޙާޞިލްކުރެއްވި ބޭފުޅެކެވެ. ޢަރަބި ބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު ވާހަކަފުޅު ދައްކަވަ އެވެ. އުރުދޫ ބަހާއި ސިންގަޅަ ބަސް ވެސް ދެނެވަޑައިގަނެ އެވެ. އެ މަނިކުފާނު އައްޑުއަތޮޅުގައި އަދާކުރެއްވި ބައެއް ވަޟީފާތަކުގެ ތެރޭ ހިތަދޫ ކަތީބުކަމާއި، ބޮޑުކަތީބު ކަމާއި، ހިތަދޫ ނާއިބުކަމާއި، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ސަރުކާރުގެ ފަރާތުން ހުންނެވި އިނގިރޭސީންގެ ތަރުޖަމާނު ކަމާއި އަތޮޅުވެރިޔާގެ ގާއިމުމަގާމު ކަން ހިމެނެ އެވެ.

ހިތަދޫ ފިނިފެންމާގޭ ޢަބުދުﷲ ޢަފީފަކީ ކޮންކަހަލަ ބޭފުޅެއްކަމާ މެދު ބައެއް ފަރާތްތަކަށް ވިސްނާނުލެއްވެނީ، އަލްއަމީރު މުޙައްމަދު އަމީން ދިވެހިދައުލަތް ހިންގެވި ދުވަސްވަރު ދިވެހިދައުލަތާ އިދިކޮޅު ބޭފުޅެއްގެ ގޮތުގައި ވަރަށްބޮޑު އަދަބެއް އެ މަނިކުފާނަށް ދެއްވާފައި އޮތުމުން ކަމަށް ވެދާނެ އެވެ. ނަމަވެސް އެ ކަމުގެ ޙަގީގަތަކީ ކޮބައިތޯ ބެއްލެވުމަށް ވެސް ބައެއް ފަރާތްތަކުން ނޫޅުއްވަ އެވެ. ބައްލަވަނީ، ދިވެހިދައުލަތުން ޢަބުދުﷲ ޢަފީފުމެންނަށް ދެއްވި ބޮޑު އަދަބެވެ. ނަމަވެސް މި ކަމުގެ ޙަގީގަތް ހާމަކުރައްވައި އެކި ބޭފުޅުން ވާހަކަފުޅުދައްކަވައި، އަދި ލިޔުއްވާފައި ވެސް ވެ އެވެ.

"ހަނދާނާއި ތާރީޚަށްޓަކައި އަލްފާޟިލު އަލްމަރުޙޫމު ޢަބުދުﷲ ޢަފީފު ދީދީގެ ޙަޔާތްޕުޅުގެ ތެރެއިން" މިފޮތުގައި ހިތަދޫ ނިޔާޒް އަލްފާޟިލް ޢަބުދުﷲ ޞާދިގު ލިޔުއްވާފައިވާ ގޮތުގައި އެކަމުގެ ފެށުމަކީ، އައްޑުއަތޮޅުގެ ވެރިކަމަށް ދަހިވެތިވެފައިވާ ބަޔެއްގެ ބޮޑުވެގެންވާ ފިތުނަވެރި ރޭވުމެކެވެ. އަލްއަމީރު ޙަސަން ފަރީދު އަވަހާރަކޮށްލުމަށް ބަޔަކު (ޢަބުދުﷲ ޢަފީފު ވެސް ހިމެނޭގޮތުން) ސިޙުރު ހެދިކަމަށް ބުނެ، އޭރު ދިވެހިދައުލަތް ހިންގެވުމަށް އިސްވެހުންނެވި އަލްއަމީރު މުޙައްމަދު އަމީން އަރިހަށް އެކަން ހުށަހެޅި އެވެ. އޭގެ ފަހުން އެ ކަމާ ގުޅިގެން އެ މަނިކުފާނު ފިޔަވަޅު އެޅުއްވީ، ޞިޙުރުހަދަން ޢަފީފަށް އެނގިވަޑައިގަނޭތޯ، ހެދި ސިޙުރަކީ ކޮބައިތޯ، އަދި ސިޙުރު ހަދަން ޖެހޭ ސަބަބެއް ވެސް ބައްލަވާލެއްވުމެއް ނެތިއެވެ.

އައްޝައިޚު މާވަޑިބެއްޔާގެ އިބްރާހިމް މަނިކު ބުނުއްވި ކަމަށް ސިއްކަގޭ ދޮންމަނިކުފާނު ލިޔުއްވާފައިވެ އެވެ. "އެމީހުން (ޢަބުދުﷲ ޢަފީފުމެން) ރަށަށް ފޮނުއްވި ދުވަހު މުޙައްމަދު އަމީން ވިދާޅުވިއެވެ. "ކަލޭމެނަށް ސަރުކާރުން މިދެއްވި އަދަބަކީ ނުޙައްގު އަދަބެއް ކަން އެނގުމުން ދޫކޮށްލީއެވެ. މިއީ ބަޔަކު ފެށި ވަރަށް ބޮޑު ފިތުނައެއް ކަން ސަރުކާރަށް ސާބިތުވުމުން ކަލޭމެން ދޫކޮށްލީއެވެ." އަދި އެންމެންގެ ކައިރިން މުޙައްމަދު އަމީނު ޙައްގު ކެނޑުއްވިއެވެ."

ސުވާދީބު(ދެކުނުގެ 3 އަތޮޅު)ގައި ވަކި ވެރިކަމެއް އުފެއްދީ އައްޑުއަތޮޅު ބަޔެއްގެ ވާގިވެރިކަން ވެސް ހޯދައިގެން އިނގިރޭސީންނެވެ. އެ ވެރިކަން އުފެއްދީ ހިތަދޫ ފިނިފެންމާގޭ މަރުޙޫމް ޢަބުދުﷲ ޢަފީފެއް ނޫނެވެ. އެ ވެރިކަމަކީ ނުވަތަ އެ ވަކިވެގަތުމަކީ އެ މަނިކުފާނުގެ އަމިއްލަ އެއްވެސް ބޭނުންފުޅެއް އޮތް ކަމެއްނޫނެވެ. މީގެ ދަލީލަކީ، ސުވާދީބުގައި އިނގިރޭސީން އުފެއްދި ވެރިކަމުގެ އެންމެ އިސްވެރިއަކަށް ހުންނެވުމުގައި އިނގިރޭސިންގެ ފަރާތުން އެ މަނިކުފާނު ހޯއްދެވި ޙިމާޔަތެވެ. އެ ޙިމާޔަތް ހޯއްދެވީ އިނގިރޭސިންނަށް އެ މަނިކުފާނު އިތުބާރު ނުކުރައްވާތީ އެވެ. އެބައިމީހުންގެ ބޭނުމާއި އެ ބޭނުމަށްޓަކައި ކުރަންއުޅޭ ކަމެއް އެނގިވަޑައިގަންނަވާތީ އެވެ. އިނގިރޭސީންގެ އަމިއްލަ ބޭނުމަކަށް އެމީހުން އުފައްދާ ކަމަކީ، އެ ބޭނުމެއް ނިމުމުން އެ މީހުން ހުއްޓާލާނެ ކަމަކަށް ވެސް ވީތީ އެވެ. ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުމެއް ނޯންނަ އުޞޫލުންނެވެ. އަދި ބައިނަލްއަގުވާމީ އުޞޫލުތައް ހަމަޖެހިފައިވާ ގޮތް ވެސް އެ މަނިކުފާނަށް އެނގިވަޑައިގަންނަވާތީ އެވެ.

މަޝްހޫރު ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވި "މުޚްތަޞަރު ތާރީޚު ދީބާމަޙަލް"ގައި ވެ އެވެ.
"ތަން ބައިބައިކޮށްގެން ހިންގުމުގެ ސިޔާތު ބޭނުންކޮށްގެން އައްޑުއަތޮޅު ދުވަސްކޮޅަކަށް ދިވެހި ސަރުކާރާއި އެކަހެރިކޮށްލުމަށް ނިންމައިފި އެވެ. ކަމުގެ އަޑީގައި އިނގިރޭސީން ތިބެގެން އެމަސައްކަތް ކުރަމުން ދިޔައީ "ކޮސްޓެއިން" ކުންފުނިން އައްޑުއަތޮޅުގައި ތިބި އިސް ވެރީންނެވެ. ދިވެހި ލޭބަރުންނަށާއި އެބައިމީހުންގެ ސަރުދާރުންނަށް ދީލަތިކަމާއެކު ފާޅުގައި ގިނަގުނަ އެހީތައް ދީ، ދިވެހި ލޭބަރުންގެ "ސިކުނޑި ދޮންނަމުން" ދިވެހި ސަރުކާރާ ދެކޮޅަށް އިރުޝާދު ދެމުން ގެންދިޔަ އެވެ. އެންމެފަހުން 1 ޖަނަވަރީ 1959މ. ގައި "އައްޑޫ ބަޣާވާތު"ގެ ނަމުން ނަންދެވޭ ހަމަނުޖެހުމަށް ޢަމަލީ ސިފަ ގެނެވިއްޖެ އެވެ."

މަތީގައިވާ ލިޔުއްވުމާ ގުޅޭ ބައެއް ވާހަކަތަކުގެ ފަހުން އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވިއެވެ. "އައްޑުއަތޮޅުގައި އިނގިރޭސީން ކުރަން ފެށި މަސައްކަތް ނިމެމުން ފުރިހަމަވަމުން ދިޔަދިޔަހެން ދިވެހި ލޭބަރުންނަށް ދެމުން ދިޔަ އެހީތައް އުނިކުރަމުން ގޮސް އެންމެފަހުން އެ ޢިނާޔަތްތައް ކަނޑާލި އެވެ. އަދި 5000 މީހުންނަށް ކުރެވޭނެ ވެރިކަމެއް ނޯންނާނެ ކަމަށް ފާޅުގައި ބުނަމުން، އަވަހަށް ނަމަވެސް އަދި ލަހުން ނަމަވެސް ދިވެހި ސަރުކާރުގެ ދަށަށް އައްޑުއަތޮޅު ދާންޖެހޭނެ ކަމުގެ އިންޒާރުތައް ވެސް އިނގިރޭސީންގެ އިސް އޮފިސަރުން ދޭން ފަށައިފި އެވެ."

މަރުޙޫމް ޢަބުދުﷲ ޢަފީފުގެ ދަރިކަލުން އިބްރާހީމް ޢަފީފު ވިދާޅުވިކަމަށް "ހަވީރު" ނޫހުގައި އަލްފާޟިލް ޢަލީ ޚާލިދު ލިޔުއްވާފައިވާ ބައެއް ވާހަކަތަކުން ވެސް އިނގިރޭސީންގެ މަގްޞަދާއި، ޚަޞީލަތް ސާފުނޫން ކަމަށް ގަބޫލުފުޅު ކުރެއްވޭތީ އޭނާގެ ބައްޕާފުޅު ޢަބުދުﷲ ޢަފީފު، އިނގިރޭސިންނަށް އިތުބާރު ނުކުރައްވާކަން އެނގެ އެވެ. އިނގިރޭސިން އުފެއްދި ވެރިކަމުގެ އިސް ބޭފުޅަކަށް ޢަބުދުﷲ ޢަފީފު ހުންނަވަން އނގިރޭސިން ހުށަހެޅުމުން އެކަމަށް އެއްބަސްވެވަޑައިގަތީ އެ ކަން ނާކާމިޔާބުވި ނަމަވެސް، ޢަބުދުﷲ ޢަފީފާއި އެ މަނިކުފާނުގެ ޢާއިލާއަށް ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަން އިނގިރޭސިންގެ ފަރާތުން ލިޔުމަކުން ދިނުމަށް ޝަރުޠުކުރައްވާފައި ކަން ވެސް އެނގެ އެވެ.

"ހަނދާނާއި ތާރީޚަށްޓަކައި އަލްފާޟިލު އަލްމަރުޙޫމު ޢަބުދުﷲ ޢަފީފު ދީދީގެ ޙަޔާތްޕުޅުގެ ތެރެއިން" މިފޮތުގައި ހިތަދޫ ނިޔާޒް އަލްފާޟިލް ޢަބުދުﷲ ޞާދިގު ލިޔުއްވާފައިވެ އެވެ.
"މިމަގާމު ޢަފީފުދީދީ ގަބޫލުކުރެއްވީ އަތޮޅުގެ ވަރަށްގިނަ ޢަދަދެއްގެ ބަޔަކު އެ މަގާމު ގަބޫލުކުރެއްވުމަށް އެދި ދަންނަވަމުން ގެންދިޔުމާއި، ޢަފީފުދީދީގެ ޢާއިލާއަށް އިނގިރޭސި ސަރުކާރުގެ ޙިމާޔަތް ލިބޭނެކަމުގެ ރަސްމީ ލިޔުމެއް ލިބިވަޑައިގަތުމުންނެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި އިނގިރޭސިންގެ ތަފާތު ފެންވަރުގެ ތަފާތު ބޭފުޅުން ސޮއިކުރައްވައި ތަފާތު ދެތިން ލިޔުމެއް އިނގިރޭސިން ޢަފީފުދީދީއަށް ގެނެސްދެއްވި ކަމަށް ވެ އެވެ. ނަމަވެސް ޢަފީފުދީދީ ގަބޫލުކުރެއްވީ އިނގިރޭސި ރާނީ ސޮއިކުރައްވައި ފޮނުއްވި ލިޔުމެއް ލިބިވަޑައިގަތުމުންނެވެ."

"ދިވެހީންނާ އިނގިރޭސީންގެ ކޯޅުން - ސުވާދީބު" މިފޮތުގައި އަލްފާޟިލް ޢަލީ ފަހުމީ އަޙުމަދު ލިޔުއްވާފައިވެ އެވެ.
"ސުވާދީބު އުފެއްދެވި ބޭފުޅުން މޭޖާރ ޕިލިޕާއެކު ގަމުގައި ބޭއްވެވި ފުރަތަމަ ޖަލްސާއަށް ޢަފީފަށް އެރުވި ދަޢުވަތު ގަބޫލުފުޅު ނުކުރައްވައި ރައްދުކުރެއްވިކަން އެއީ މިޙަރަކާތާއި ޢަފީފު ރުހިވަޑައިނުގަންނަވާ ކަމުގެ ހެއްކެއް. އެޖަލްސާއަށް  ޢަފީފަށް ދަޢުވަތު އަރުވަން ޖެހިވަޑައިގަތީ މޭޖާރ ޕިލިޕްގެ އެދިވަޑައިގަތުމަކަށް. ގަމަށް ވަޑައިގަތުމަށް ޢަފީފަށް ދަންނަވަން ދިޔަ ބޭކަލުންނަށް ޢަފީފު އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ދެންނެވުމުން، އެކަމާއި ހިތްހަމަޖެހި ނުލައްވައިގެން އެބޭކަލުން ޢަފީފު ގޭގައި ބަންދުކުރައްވައި ގެ ބެލެހެއްޓުމަށް ފާރައަށް މީހުން ބޭތިއްބި.
މިޚަބަރު ލިބުމުން ހިތަދޫ އާރުއޭއެފްގައި ހުންނަވާ އިނގިރޭސީންގެ އެންމެ އިސް އޮފިސަރ ޢަފީފާއި ބައްދަލު ކުރެއްވުމަށް ހިތަދުއަށް ދިޔުމަށް ގަޞްދުކުރި. ނަމަވެސް މިޚަބަރު ލިބިގެން މަގުތަކަށް ނުކުމެތިބި ހިތަދޫގެ ރައްޔިތުންނަށްވެސް ވާނުވާ ނޭގިތިބެ، އާރުއޭއެފްގެ އައި ޖިޕް ހިފަހައްޓާ، އޭނާއަށް ހިތަދުއަށް އެރިޔަނުދީ އަބުރާ ފޮނުވާލީ. އޭގެ ފަހުން ގަމަށް މިމަޝްވަރާއަށް ވަޑައިގެން ގަމުގައި ތިއްބެވި އަތޮޅުގެ ބައެއް ބޮޑުންނާއެކު މޭޖާރ ޕިލިޕް ހިތަދުއަށް ވަޑައިގެން ޢަފީފު ހުންނެވި ފިޔާތޮށިގޭގައި ޢަފީފާއި ބައްދަލުކުރެއްވި. އެގޭގެ ކޮޓަރިއެއްގައި ގިނިކަންޏާ މޭޖާރ ޕިލިޕްއާއި ޢަފީފު ގަޑިއަކަށްވުރެވެސް ގިނަވަގުތު ހޭދަކުރެއްވުމަށްފަހު، އެބޭފުޅުންނާއެކު ޢަފީފު ގަމަށް ވަޑައިގެންނެވި.
އެހިސާބުން ޢަފީފު ބަދަލުވެ ވަޑައިގަތްކަމަށް ގަބޫލުކުރެވެނީ. އެއްގޮތަކީ އިނގިރޭސީންގެ އެދިވަޑައިގަތުން ބޮލާލާ ޖެހެން ނެތުމުން އެގޮތަށް ދީލާލަން މަޖުބޫރުވެ ވަޑައިގަތުން. އަނެއްގޮތަކީ ޢަފީފުގެ ވެސް ހުށަހެޅުންތަކެއް ޝަރުޠުކުރައްވާ އެޝަރުޠުތައް އިނގިރޭސީން ގަބޫލުކުރެއްވުން. ވަރަށް ތަފްޞީލުކޮށް އަލްފާޟިލް ޞާލިޙް ޢަލިދީދީ ވިދާޅުވެދެއްވި އެވެ." (ނުނިމޭ)
                ------------------
ޢަބުދުﷲ ޙިލްމީ
09 މާރޗް 2016މ.