ސުވާދީބާއި ސުވާދީބުގައި އުފެއްދި ސަރުކާރު - 1
ސުވާދީބަކީ ކޮބައިތޯއާއި ސުވާދީބުގައި އުފެއްދި ސަރުކާރަކީ ކޮބައިތޯ ބަލައިލަން ޖެހުނީ، އެކަންކަން އެންމެ ރަނގަޅަށް އެނގިވަޑައިގެންފައި ނެތުމުން ކަމަށް ވިޔަސް ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ 3 އަތޮޅުގެ މީހުނަށް ނިސްބަތްކޮށް ތިޔައީ "ސުވައިދީބު" އުފެއްދި މީހުންނޭ ބައެއް ބޭފުޅުން ވިދާޅުވުމަކީ، އެގޮތަށް ވިދާޅުވުން ހެޔޮނުވާވަރުގެ ބަސްފުޅަކަށް ވުމުންނެވެ. އެހެނީ، އެ ވިދާޅުވުން ހެޔޮވާވަރުގެ ބަސްފުޅަކަށް ވާނީ، މާލެ އަތޮޅުގެ ބަޔަކަށް ނިސްބަތްކޮށް ތިޔައީ މާލެއަތޮޅު އުފެއްދި މީހުންނޭ ބައެއް ބޭފުޅުން ވިދާޅުވުމަކީ ވެސް އެގޮތަށް ވިދާޅުވުން ހެޔޮވާވަރުގެ ބަސްފުޅަކަށް ވާނަމަ އެވެ. އަދި އެއީ ސަލާމަތްބުއްދި ގަބޫލުކުރާ ވަރުގެ ކަމަކަށް ވެސް ވާނަމަ އެވެ. 


ވިސްނެވުން ހުއްޓެވެ. އޭގެ ކޮންމެ ދެ މެދެއްގައި މާސިންގާ ފުން ކަނޑާއި ވަށައިގެން ފުއްޓަރު އޮންނަ އަތޮޅުތަކެއް އުފެއްދުމަކީ ދެކުނުގެ 3 އަތޮޅުގެ މީހުންނަށް ވެސް، އަދި އެނޫން އިންސާނުންގެ ބަޔަކަށް ވެސް ކުރެވޭނޭ ވަރުގެ ކަމެއްނޫނެވެ. އަދި ކީއްތޯ އެވެ. މިފަދަ ބޮޑެތި ކަންކަން ކުރެއްވުމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވަނީ، ހަމައެކަނި ޢާލަމުތަކުގެ ވެރި މަތިވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ.

ދެކުނުގެ 3 އަތޮޅުގެ މީހުނަށް ނިސްބަތްކޮށް ތިޔައީ "ސުވައިދީބު" އުފެއްދި މީހުންނޭ ބައެއް ބޭފުޅުންނަށް ދޫފުޅުން ވިދާޅުވެވެނީ އެ މީހުންނަކީ އެ ތަނުގައި ވަކި ވެރިކަމެއް އުފެއްދި ބަޔެއްކަމަށް ހިތްޕުޅުން ގަބޫލުފުޅުކުރެއްވިފައި އޮތުމުންކަމަށް ވާނަމަ، މި ގަބޫލުފުޅުކުރެއްވުން ވެސް ރަނގަޅެއް ނޫނެވެ. ސީދާ ނުވެ އެވެ. ޙަގީގަތާ އެއްގޮތެއް ނޫނެވެ. އެހެނީ އެ ތަނުގައި ވަކި ވެރިކަމެއް އުފެއްދީ އިނގިރޭސިންނެވެ. އަދި އެ ވެރިކަން ނައްތައިލީ ވެސް ހަމަ އެ މީހުންނެވެ. ސީދާވާނީ މި ގޮތެވެ. ޙަގީގަތަކީ ވެސް މި އެވެ.

ސުވާދީބާއި ސުވާދީބުގައި އުފެއްދި ސަރުކާރާއި މިއީ ދެ ނަމެކެވެ. ދެ ކަމެކެވެ. އޭގެ މިސާލަކީ، ދިވެހިރާއްޖެއާއި ދިވެހިރާއްޖޭގައި އުފެއްދި ސަރުކާރެވެ. މިއީވެސް ދެ ނަމެކެވެ. ދެ ކަމެކެވެ. ސުވާދީބަކީ، ލަކްޝަދީބު (ލަކްޝަދީޕް)ގެ އެންމެ ދެކުނުގެ 3 އަތޮޅުކަމަށްވާ އައްޑޫ މުލައް ހުވަދޫ އެވެ. ލަކްޝަދީބު (ލަކްޝަދީޕް)އަކީ ކުރީގެ ދުވަސްވަރެއްގައި މަލިކުއަތޮޅުގެ ރަށްތައް ވެސް ހިމެނޭގޮތުން ދިވެހިރާއްޖެ އެވެ.

ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވި "މުޚްތަޞަރު ތާރީޚު ދީބާމަޙަލް" ފޮތުގައި ވަނީ، ދިވެހިތަޚުތުގައި ރެދަލިކުރެއްވި ސުލްޠާން ދިނެއި ކަލަމިންޖާގެ ރަސްކަމުގައި (1192-1199މ.) ގައި ލިޔެވުނު އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނުން އެނގޭގޮތުގައި އެރަދުންނަކީ "ސަވާލަކްޝަދީޕް"ގެ ރަސްގެފާނެވެ. އެދުވަސްވަރު މަލިކުއަތޮޅުގެ ރަށްތައް އޮތީވެސް ދިވެހިރާއްޖޭގެ ބައެއްގެ ގޮތުގައެވެ. ދިވެހިވެރިކަމުގެ ބާރުގެ ދަށުގައެވެ. މިހެންވުމުން އެދުވަސްވަރު ލަކްޝަދީބު (ލަކްޝަދީޕް) ކިޔާފައި އެވަނީ މަލިކުއަތޮޅާއި ރާއްޖޭގައި މިހާރު ހުރި އަތޮޅުތަކާވެސް އެކީގައެވެ. ނަމަވެސް މިހާރުގެ ލަކްޝަދީބު (ލަކްޝަދީޕް)އަކީ އިންޑިޔާގެ ޓްރިޓޮރީގައި ހިމެނޭ ރާއްޖޭގެ އުތުރުގައި އޮތް ރަށްތަކެވެ.

ސުވާދީބަކީ، ލަކްޝަދީބު (ލަކްޝަދީޕް)ގެ އެންމެ ދެކުނުގެ 3 އަތޮޅުކަމަށްވާ އިރު، އޭގެތެރެއިން ހަމައެކަނި ހުވަދުއަތޮޅަށް "ސުވާދީބު" ކިޔައި އުޅުނު ދުވަސްވަރެއް ދިޔަ ކަމަށް މިހާރުގެ ބައެއް ލިޔުންތަކުން ފެނެ އެވެ. މިއީ އެކަންވެފައިވާ ގޮތެއްނަމަ އެއީ ހަމަޖެހޭ ގޮތަކަށް ވެދާނެތޯ ސުވާލު އުފެދެ އެވެ. އޭގެ މިސާލަކީ ހަމައެކަނި ހުވަދުއަތޮޅަށް "އައްޑޫ ހުވަދޫ މުލައް" ކިޔާނަމަ އެއީ ހަމަޖެހޭ ގޮތަކަށް ވެދާނެތޯ ސުވާލު އުފެދުން ކަހަލަ ކަމެކެވެ. މިކަމުގައި ސުވާލު ނުއުފެދޭނަމަ އެ ކަމުގައި ވެސް ސުވާލެއް ނުއުފެދޭނެ އެވެ. އެހެނެއްނޫނެވެ. ކުރީގެ ދުވަސްވަރެއްގައި ސުވާދީބުގައި ހިމެނޭ 3 އަތޮޅުގެ ތެރެއިން ހުވަދުއަތޮޅަށް "ސުވަދުންމަތި" އަދި "ހުވަދުންމަތި" ކިޔައި އުޅުނު ދުވަސްވަރެއް ދިޔަ ކަމަށް ބަލާނަމަ އެކަމާ އުފެދޭނޭ ސުވާލެއް ނޯންނާނެ އެވެ. އަދި އެކަންވާނީ ތެދަކަށެވެ.


އިނގިރޭސީން ބޭނުން ގޮތަކަށް ކަންތައްތައް ނުވުމުން ދެކުނުގެ ތިން އަތޮޅު، ދިވެހިރާއްޖެއިން ވަކިކޮށް ވަކި މިނިވަން ދައުލަތެއް އުފެއްދުމުގެ ކަންތައް އިނގިރޭސީން އަޑީގައި ތިބެގެން ހިންގާން ފެށިއެވެ. އަދި 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު މި ދައުލަތް، ޔުނައިޓެޑް ސުވާދީވް އައިލެންޑްސްގެ ނަމުގައި ވުޖޫދަށް އައެވެ.

އިޔާޒު ނަސީމު - http://sun.mv/58548

އިންޑިޔާ ކަނޑުގައިވާ މަޙަލްދީބުގެ ސުވާދީބު(އައްޑޫ މުލައް ހުވަދޫ)ގައި ވަކި ވެރިކަމެއް އުފެއްދީ އިނގިރޭސިންނެވެ. ހަމަ އެގޮތަށް އެ ވެރިކަން ނިމުމަކަށް ގެނައީ ވެސް އިނގިރޭސިންނެވެ. ސުވާދީބުގައި އުފެއްދި ވެރިކަން ނިންމާލުމުގެ ފެށުމަކީ، ގަމުގައި ހުންނެވި އިނގިރޭސި ސިޔާސީ މަންދޫބު ރައުންތަވެއިޓް މަރަދޫ ރައްޔިތުންނަށް އެންގެވި އެންގެވުމެކެވެ. މަރަދޫއަށް މި އެންގެވުން އެންގެވީ، ރަސްމީ ގޮތުން އަތޮޅުގެ ވެރިރަށަކީ މަރަދޫ ކަމަށް ވުމާއި އަތޮޅުގެ ހެޑްކުއާޓަރަކީ މަރަދޫ ރަތްވިލާގެ ކަމަށް ވުމުންނެވެ. އޭނާ އެންގެވީ، ސުވާދީބު (ވެރިކަމުގެ) ދިދަ ބާލައި ދިވެހި ދައުލަތުގެ ދިދަ 24 ގަޑިއިރު ތެރޭގައި ނެގުމަށެވެ. މި މުހުލަތު ދިނުމުން ފޮތުން ބަލައިގެން މަރަދޫ ކުއްބާގެ އަހަންމާ ދިވެހި ދިދައެއް ފަހައި ތައްޔާރުކޮށްފި އެވެ. ދިދަ ތައްޔާރުކުރުމަށް ފޮތި ދިނީ އިނގިރޭސިންނެވެ. ދިދަ ތައްޔާރުވުމާ އެކު، 23 ސެޕްޓެމްބަރު 1963 ވަނަ ދުވަހަށް އަދި އަލި ވެސް ނުވިލެނީސް ދަންވަރު ތިނެއް ޖެހިއިރު މަރަދޫގައި ހުންނަ ރަތްވިލާގެއިން ސުވާދީބު ވެރިކަމުގެ ދިދަ ބާލައި ދިވެހިދިދަ ނަގައިފި އެވެ. މިކަމެއްކުރީ މަރަދޫ އެޅަދައިތާގެ އަލިފުތާ އާއި ހަސަންރަހާގެ އަހަންމާ އެވެ.

ދިވެހިދައުލަތުގެ ޙޫކޫމަތު މަރަދޫމީހުން ގަބޫލުކުރި އަސް ސުވާދީބު ވެރިކަމުގެ މައިމަރުކަޒު ކަމަށްވާ ހިތަދޫން އޭރު ސުވާދީބުގެ ދިދަ ތިރިއެއް ނުކުރެ އެވެ. މިކަން ޙައްލުކުރުމުގެ ގޮތުން އިނގިރޭސިން ބޭނުން ކުރި ބުއްދިއަކީ، ގަމާއި މާމެންދޫގައި އިނގިރޭސިންގެ ވަޒީފާގައި މީހަކަށް ދެމިހުރެވުމުގެ އެންމެ އިސް ޝަރުތަކީ ދިވެހި ދައުލަތުގެ (މާލޭގައި އޮތް ވެރިކަމުގެ) ޙުކޫމަތު ގަބޫލުކުރުން ކަމަށް އިޢުލާން ކުރުމެވެ. އެ ހިސާބުން ސުވާދީބުގައި އިނގިރޭސިން އުފެއްދި ވެރިކަން ސަންދޯކުގައި އެޅިއްޖެ އެވެ. އަދި އެ ހިސާބަށް ދިއުމުން ސުވާދީބުގައި އިނިގިރޭސިން އުފެއްދި ވެރިކަމުގެ އިސް ބޭފުޅަކަށް އެ މީހުން ބެހެއްޓި ހިތަދޫ ފިނިފެންމާގޭ އަލްފާޟިލް އަލްމަރުޙޫމް ޢަބުދުﷲ އަފީފު ވަނީ، އޭނާއަށް ޙިމާޔަތްދޭނެ ކަމަށް އިނގިރޭސިން ވަޢުދުވެ އެ މީހުން ދީފައި އޮތް ސިޓީ އެ މީހުންނަށް ދައްކަވައި އެއާއި އެއްގޮތަށް އެ މީހުންގެ ޙިމާޔަތް ހޯއްދަވާފަ އެވެ.

މިހެންވުމުން އެ މީހުންގެ ވައުދާއި އެއްގޮތަށް އިނގިރޭސިން ވަނީ، 30 ސެޕްޓެމްބަރު 1963 ގައި "އެޗް.އެމް.އެސް ލޮކް ލޮމޮންޑް" ކިޔުނު މަނަވަރުގައި ޢަބުދުﷲ ޢަފީފާއި އެ މަނިކުފާނުގެ ޢާއިލާ ސީޝެލްސްއަށް ގެންގޮސްފަ އެވެ. އެއީ މަރަދޫ ރަތްވިލާގޭގައި ދިވެހި ދައުލަތުގެ ދިދަ ނަގައި ސުވާދީބުގައި އުފެއްދި ވެރިކަން ނިންމައިލި ފަހުންނެވެ. ޢަބުދުﷲ ޢަފީފު ގޮވައިގެން ސީޝެލްސްއަށް ފުރުމުގެކުރިން އިނގިރޭސިން އެ މަނިކުފާނު ލައްވައި ކުރުވި އެންމެ ފަހުގެ މަސައްކަތަކީ، ގަމުގައި ތައްޔާރުކުރި ދިވެހި ދިދަ ހިތަދޫއަށް ގެންގޮސް ހިތަދޫގައި އެ ދިދަ ނެގުމެވެ. އެކަން ކުރީ މަރަދޫގައި ދިވެހި ދިދަ ނެގިތާ ހަފުތާއެއްގެ ފަހުންނެވެ. އެއީ ޢަބުދުﷲ ޢަފީފު ފުރާވަޑައިގަތް ދުވަހެވެ. – މަޢުލޫމާތު: މީދޫ ޑޮޓްކޮމް އިން
(ނުނިމޭ)
                   ---------------

ޢަބުދުﷲ ޙިލްމީ
08 މާރޗް 2016މ.