ސޯޅަ އަނގައިން އެކާވީސް ވައްތަރުގެ ވާހަކަ



ބަކުރުބެ ރަށަށްއައިތާ މިވީ ދޮޅުމަހެއްހާ ދުވަހުގެތެރޭ އޭނާގެ ގާތުގައި އެންމެ ގިނަބަޔަކު ދެއްކި ވާހަކައަކީ ބަކުރުބޭގެ އެ ހުންނަކަހަލަ ހަރުދަނާގޮތެއް އޭނާގެކޮއްކޮ އާދަނުގެ ކިބައިގައި ނެތް ވާހަކައެވެ. ދުވާލަކު ޕާޓީއަކަށް އޭނާ ސޮއިކުރާ ވާހަކައެވެ. ކޮންމެ ޕާޓީއަކުން އެ ރަށުގައި ޖަލްސާއެއް އެއްވުމެއް ރެލީއެއް ބޭއްވިކަމަށް ވިޔަސް އެ ތާކަށް އާދަނު ގޮސްއުޅޭ ވާހަކައެވެ. އަދި ވަރަށްފަހަކުން އެއްދުވަހެއްގައި އޭނާ ސޮއިކުރި ދެ ޕާޓީއެއްގެ ފަރާތުން ޖެއްސި މައްސަލައިގެ ވާހަކައެވެ. އެ ދެ ޕާޓީގެތެރެއިން ކޮންމެ ޕާޓީއަކުން ވެސް ބުނަނީ އެ ދުވަހު އާދަނު އެންމެފަހުން ސޮއިކުރީ އެ ޕާޓީއަށް ކަމަށެވެ. ދެ ޕާޓީގެ ދެ ފޯމްގައި ވެސް އޮތީ އެއް ތާރީޚެކެވެ. ސޮއިކުރީ އާދަނެވެ. އިނގިލީގެ ނިޝާން ދިމާވޭތޯ ނުވޭތޯ އެ ކަމެއް ބެލޭކަށް ނެތެވެ.

މިހެންވުމުން އެންމެފަހުން ސޮއިކުރީ ކޮން ޕާޓީއަކަށްތޯ މިސުވާލު އާދަނާއި ކުރިމަތިވުމުން އޭނާ ބުނެފައިވަނީ ކަމާއިބެހޭ ފަރާތުން އެ ފޯމްތައް ބެލުމުން ފޯމުން އެ ކަން ނޭނގޭނަމަ އެ ކަމާއި އޭނާ ކުރާނޭކަމެއް ނޯންނާނެ ކަމަށެވެ. އެ ފޯމްތަކުގައި "ފުރަތަމައަށް މިފޯމް" "ދެވަނައަށް މިފޯމް" ލިޔެފައި ނެތުމަކީ، ފޯމް ހެދިފަރާތުން ނޫނީ ފޯމް ގެނައި ފަރާތުން ހަދާފައިވާ ވަރަށްބޮޑު ގޯހެކެވެ.

އާދަނާއި ބެހޭގޮތުން މިކަހަލަ އެތައް އަޑުތަކެއް އުޅޭތީވެ އޭނާގެބޭބެ ބަކުރުބެ އޭނާއާއި މި ވާހަކަ ދައްކައިލީމާ އާދަނު ބުންޏެވެ. 

"ބޭބެއެވެ. ވާހަކައަކީ އެ ބަޔަކު ދެއްކިގޮތަކަށް ދެއްކިދާނެ ވާހަކައެއް ނޫންހެއްޔެވެ. ރޭޑިޔޯ ފޮއްޓާއި ޓީވީ ފޮށިން ވެސް އެ ދައްކަނީ އެ ބަޔަކު ދައްކާނެ ވާހަކައެކެވެ. އެ ބަޔަކު ހިތަށްއެރި ގޮތަކަށެވެ. އެއް ދުވަހެއްގެ އެއް ވަގުތެއްގައި އެއް ކަމެއްގެ ވާހަކަ އޭގެ ދެ ގޮލައަކުން އެއް ގޮތަކަށް އިންސާނުންގެ ބަޔަކަށް ނުއިވޭނެއެވެ. މީހެއްގެ ވާހަކައެއް ދައްކާނަމަ އެކަތިން ބުނާނީ އެ މީހާވަރުގެ ގޯސް ވިޔާނުދާމީހަކު މި އުޑުދަށުގައި ނުވާ ވާހަކައެވެ. ހަމަ އެ މީހާގެވާހަކަ އަނެއް އެތިން ދައްކާނީ އެ މީހާވަރުގެ ރަނގަޅު ދެވަނަ މީހަކު ހައްދަވައިގެން ނެތް ކަމަށެވެ.

ބޭބެއެވެ. ތެދެކެވެ. އަހަރެން ޕާޓީތަކަށް ސޮއިކުރަމެވެ. އެކަމަކު އެއީ ޕާޓީތަކުގެ ފޯމްހިފައިގެން އަހަރެންގެ ގާތަށް އަންނަނީ އިންސާނުންކަމަށް ވާތީ އެ މީހުންނަށް ކަމޭހިތުމުގެ ގޮތުންނެވެ. އެކަމަށްޓަކައި އެ މީހުންގެ އަތުން ފައިސާއެއް އަތުލާފައެއް ނޯންނާނެއެވެ. މީހަކު އެފަދަކަމަކު އެދިގެންއައި ނަމަ އެ ވަގުތަކަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދޭން ޖެހޭނެ ނޫންހެއްޔެވެ. އަހަރެން ޕާޓީއަކަށް ސޮއިކުރާއިރު އޭގެކުރިން ސޮއިކުރި ޕާޓީއަށް އެއްޗެހި ނުގޮވަމެވެ. ކުދި ނުކިޔަމެވެ. ހީލަތްތެރި މަކަރުވެރި އަނގަތަކެއް ނުތަޅަމެވެ. އެ މީހުންނަކީ އެއްވެސްކަމެއް ނުވާނޭ ބަޔެއްކަމަށާއި އެ ތާނގައި އުޅުމުގެ ބޭނުމެއްނެތް ކަމަށް ނުބުނަމެވެ.

އަދި އެ މީހުންނާއި ގުޅިގެން މި ރަށާއި މި ރާއްޖެއަށް ރަނގަޅުގޮތެއް ނުވާނެޔޭ އެމީހުންގެ ކިބައިގައި އެ ވަރުގެ އުރަތްޕެއްނެތޭ ވެސް ނުބުނަމެވެ. އަދި އެ މީހުންގެއަތުން ހާހުން ލައްކައިން ފައިސާ އަތުލާފައެއް ވެސް ނޯންނާނެއެވެ. ބަލިނުވާ ދަރިއަކު އަނގައިން ބަލިކޮށްގެން ނުޖެހޭ ބައްޔެއް ޖެހުނުކަމަށް ހަދައިގެން އެ ކަމަށް ހިނގާނީ މިވެނި ވަރެކޭ، ގޭގެ ފުރާޅުން ވާރޭ ވެހެނީއޭ، އެ ކަމަށް މިތައް ގަނޑު ޓިނު ބޭނުންވާނެއޭ ވެސް ބުނެފައެއް ނޯންނާނެއެވެ. އަދި ސޯޅަ އަނގައިން އެކާވީސް ވައްތަރުގެ ވާހަކަ ވެސް އަހަރެން ދައްކާފައި ނޯންނާނެއެވެ."

މިހިސާބުން ބަކުރުބެ އޭނާގެ ގާތުގައި ތިބި އެހެން މީހުންނަށް ބަލައިލަމުން ބުންޏެވެ. "ކޮބާ! އަޑުއިވުނު ހެއްޔެވެ. އަހަރެމެންގެ އާދަނަކީ މިއީވާ މީހެކެވެ. ގޯހެއް މަކަރެއް ނަހަދާނެއެވެ. އޮޅުވައިލައިގެން އެހެން މީހުން ވާވައްދާކަށް ވެސް ނުއުޅޭނެއެވެ. މިކަހަލަ ރަނގަޅު މީހުންނަކީ މިޒަމާނުގައި މަދުންނޫނީ ނުފެންނާނެ ބަޔެކެވެ. އާދަނާއެވެ. އާދަނަށް ސާބަހެވެ. ތިޔަ ގޮތުގައި ދެމިހުންނާށެވެ. ބޭބޭގެ ނަޞޭޙަތަކީ ވެސް އާދަނު ތިޔަ ބުނާހެން އެތިބަ އުޅޭ މީހުންހެން ސޯޅަ އަނގައިން އެކާވީސް ވައްތަރުގެ ވާހަކަ ނުދައްކައި މަރުވަންދެން ހުރެވޭތޯ ބެލުމެވެ. އެހެންއުޅޭ މީހުންނަކީ މީސްތަކުންގެ ކުރިމަތީގައި އެއްވެސްގޮތެއް ފޮތެއް އަގެއްނެތް ލަޓޯފަޓޯ މީހުންނެވެ. މަކަރުވެރި ހީލަތްތެރިންނެވެ."
                   -----------------

ލިޔުއްވީ: އިބްރާހީމް އާދަމް