ހުވަދޫ "ފަތުޙުލް ޢިނާޔަތު" އޮޑިއަކީ 1970މ.ގެ އަހަރުތަކާ ހަމައަށް ރާއްޖޭގެ އެތެރާއި ބޭރުގެ ދަތުރުކުރި އައްޑޫ ހުވަދޫ ފުވައްމުލަކުގެ އޮޑިފަހަރު ކަހަލަ އޮޑިއެކެވެ. މިއީ އަރުމާޒު އޮޑިއެވެ. މިކަހަލަ އޮޑިތަކަކީ އޭގައި ރިޔާނެގުން ފިޔަވައި "އޮޑި" ކަމަށް ދިވެހިބަހުގެ ރަދީފުގައި ސިފަކޮށްދީފައިވާ އެހެންކަމެއް ހުންނަ އުޅަނދެއްނޫނެވެ. ދިވެހިބަހުގެ ރަދީފުގައި އޮޑިކަމަށް ސިފަކޮށްދީފައި ވަނީ، އެއީ ދިވެހިރާއްޖޭގައި ގެންގުޅޭ ރިޔާ ނަގައިގެން ދުއްވާ އެއްޗެއް ކަމަށާއި މީގެ ކޮޅުފަސްކޮޅު މައްޔަލާއި ހުންގާނާއި ދޭތީގެ ބައްޓަން އެންމެ ވައްތަރުވާނީ އިށީނދެގެން އިން ބުޅަލެއްގެ ބުރަކަށީގައި އޮންނަގުދާ ކަމަށެވެ. އަދި އޭގެ ދިރުނބަލުން ފެށިގެން ކުނބާހަމައަށް ފަޑިއެއް، ކުނބުން ފެށިގެން ކޮޅުފަސްކޮޅު ފިލާގަނޑާ ހަމައަށް ފަށްގަނޑެއް، މަތިކަނުގެ މަތީގައި ހުންނާނެ ކަމަށެވެ.
މިހެންވީމާ
ދިވެހިބަހުގެ ރަދީފު ސިފަކޮށްދޭ އޮޑިއަކީ ތިރީގައިވާ ކަހަލަ އޮޑިއެވެ. މިވައްތަރުގެ އޮޑިއަށް އައްޑޫ ހުވަދޫ ފުވައްމުލަކުގެ މީހުން ކިޔަނީ މަސްއޮޑި އެވެ.
އަދި މިނޫން ބައެއް އަތޮޅުތަކުގެ މީހުން ވެސް މިވައްތަރުގެ އޮޑިއަށް މަސްއޮޑި ކިޔާކަމަށް
ވެދާނެ އެވެ.
ހުވަދޫ "ފަތުޙުލް
ޢިނާޔަތު" އޮޑި އުފައްދަވައި އޭގެބޭނުން ފުރަތަމަ ކުރެއްވި ވެރިއަކީ ހަވަރުތިނަދޫ
ޙާޖީ މުޙައްމަދު ކަލޭގެފާނެވެ. އޭނާ ދުނިޔެ ދޫކުރެއްވިތާ އަހަރުތަކެއްގެ ފަހުން އެއްބަޔަކު
މި އޮޑިއަށް "މަންޞޫރު އޮޑި" ކިޔެވެ. މި ނަން ކިޔައި އުޅުނީ ޙާޖީ މުޙައްމަދު
ކަލޭގެފާނުގެ މުޞްޠަފާ މަންޞޫރު މިއޮޑި ގެންގުޅުއްވަން ފެއްޓެވުމާ ހަމައިންނެވެ. މުޞްޠަފާ
މަންޞޫރަކީ އިންޑިއާއާއި މިޞްރުން ތަޢުލީމު ހޯއްދެވި ބޭފުޅެކެވެ. އަދި ސިލޯނަށް ގިނަ
ދަތުރުކުރެއްވުމުގެ އިތުރަށް އެ ތާނގައި ވެސް ދުވަސްކޮޅެއް ހޭދަކުރެއްވި އެވެ. ޢަރަބި،
އުރުދޫ، އިނގިރޭސި، އަދި ސިންގަޅަ ބަސް ދެނެވަޑައިގަނެވެ. އަދި މުޞްޠަފާ މަންޞޫރަކީ
ދިވެހިރާއްޖެ ދެކިފައިވާ އެންމެމޮޅު މާލިމީންގެ ތެރޭ ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ތިނަދޫ މުޞްޠަފާ
މަންޞޫރު ފާހަގަވެފައިވަނީ އޭނާގެ ބައްޕަ ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭގެފާނެކޭ
އެއްގޮތަށް ދުރު ވިސްނިވަޑައިގަންނަވާ ބުއްދިވެރި ކެތްތެރި އަދި ދިވެހިންގެ ދީނަށާއި
ދިވެހިންގެ ގައުމަށް ވަފާތެރި އިޚްލާޞްތެރި ދިވެއްސެއްގެ ގޮތުގަ އެވެ. އޭނާގެ ޙަޔާތުގެ
ބާބު ނިމިއްޖައުމާ ހަމައަށް ވެސް އެ މާތް ރިވެތި ސިފަ އޭނާއާއި ވަކިވެފައިނުވެ އެވެ.
ދިވެހި ސަރުކާރުގެ
ބާރުގެ ދަށުން ދެވަނަފަހަރަށް (15 ޖޫން 1961މ. ގައި) ހުވަދުއަތޮޅު ވަކިކޮށްލިއިރު މުޞްޠަފާ
މަންޞޫރު ހުންނެވީ "ފަތުޙުލް ޢިނާޔަތު" އޮޑިން މާލެއަށްކުރެއްވި ދަތުރެއްގައި
މާލޭގަ އެވެ. އޭރު އޭނާއަކީ ރާއްޖެތެރޭގެ ކަންކަމުގެ ތެރެއިން ދިވެހިދައުލަތުން ބޭނުންފުޅުވާ
ބައެއް ކަންކަން ވެސް ވުޒާރަތުއް ދާޚިލިއްޔާގެ ފަރާތުން އިންސްޕެކްޓްކޮށް ބަލަހައްޓަވަމުން
ގެންދެވި ބޭފުޅެއްކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
މި ލިޔުމުގެ ސުރުޚީގައި
އެވާ ހުވަދޫ "ފަތުޙުލް ޢިނާޔަތު" އޮޑީގެ ތާރީޚީ ހުވަދޫދަތުރަކީ ދިވެހިދައުލަތުން
ރައްޔިތުންނަށް ފޮނުއްވާ ކާޑުގެ ބާވަތްތަކާއި ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުއޮފީހުގެ
ފަރނީޗަރާއި އަތޮޅުއޮފީހުގެ ފައިސާ ހުރި ތިޖޫރީއާއި ވިލިގިލި މާމެންދޫ ނިލަންދޫގެ ބައެއް
ފަސިންޖަރުންނާ ވެސް އެކީ ހުވަދުއަތޮޅު އުތުރުބުރިއަށް ދިޔުމަށް މާލެއިން ފުރި ދަތުރެވެ.
އެއީ ޖުލައި 1961މ.ގެ ފަހުކޮޅެވެ.
މި ދަތުރަށް "ފަތުޙުލް
ޢިނާޔަތު" ފުރަން އޮތް ދުވަހުގެ ކުރީ ރޭ އޮޑީގެވެރި އަދި މާލިމީ މުޞްޠަފާ މަންޞޫރާއި،
ސަރަނގު ޢަލީ ގާސިމް (ތިނަދޫ ޖޭނެސްޓް ރެއްކާބެ) ގެ އިތުރުން އޮޑީގެ ބައެއް ފަޅުވެރިންނާއި
ބަނޑޭރިގޭ (އަމަންޢާއްމު މަޙުކަމާ)ގައި އެ ދުވަސްވަރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު ބައްދަލުކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި އާދަމް ނަޞީރު މަނިކާއި ފާމުދޭރިގޭ އިބްރާހީމް ޒަކީއާއި ބަންދު މުޙައްމަދު ކަލޭގެފާނު ތިއްބެވިކަމަށާއި ބޮޑުވަޒީރުގެ ވާހަކަފުޅު ދެއްކެވުމުގެ ތެރޭ "ފަތުޙުލް ޢިނާޔަތު" އޮޑީގެ މީހުން ބޭނުންވާ ކަމެއް، އެއްޗެއް އޮތްތޯ އެއްސެވުމުން އެ އެއްޗެއްގެ ވާހަކަ ދެންނެވުމުން އެކަން ހަމަޖައްސަވައިދެއްވި
ކަމަށް ވެސް ތިނަދޫ ގޯލްޑްރިންގް މުޙައްމަދު ޢަލީ (ތުއްތުބެ) އާއި ތިނަދޫ ޖޭނެސްޓް މުޙައްމަދު ޒުހައިރު މަޢުލޫމާތު ދެއްވި އެވެ. ގޯލްޑްރިންގް މުޙައްމަދު ޢަލީ (ތުއްތުބެ)އަކީ އޭރު ޢުމުރުގެ ގޮތުން ޅަ ކަމާއެކު ވިޔަސް އެ ބައްދަލުވުމުގައި
ނުހިމެނޭ "ފަތުޙުލް ޢިނާޔަތު" އޮޑީގެ މުވައްޟަފެކެވެ. އޭނާ މިހާރުވެސް އެބަ
ހުންނެވި އެވެ.
މިދަތުރު
"ފަތުޙުލް ޢިނާޔަތު" ދަތުރުކުރަމުން ގޮސް މޫސުމުގެ ގޮތުން އިރު އޮއްސުމާއި
ހަމައަށް ކައިރިވެވުނީ ހުވަދުއަތޮޅުގެ އިރުމަތީ ފަރާތުން ނިލަންދުއާ އެވެ. އެ ރަށާއި
ކައިރިވުމުން އޮޑީގެ ބޮއްކުރާ ބާލައި އެރަށަށް ފައިބަން ބޭނުންވާ މީހަކު ފޭބުމަށް
އޮޑިވެރި ފަރާތުން އެންގެވުމުން އެކަމަށް ބޭނުންވި ބަޔަކު ފޭބި އެވެ. މިގޮތުން ފޭބި
މީހުންގެތެރެއިން އޮޑީގެ ފަޅުވެރިންގެ ބަޔަކު ވިޔަސް އެނޫން ބަޔަކު ވިޔަސް ނިލަންދޫއާއި
އަތޮޅުގެ ޚަބަރުދަބަރު ހުރި ނެތްގޮތް އޮޑިވެރިޔާއާއި ޙިއްޞާކުރުމަކީ މިދަތުރުގެ ގޮތުން
އެކަށީގެންވާ ކަމެކެވެ. އޭރު ނިލަންދޫއަށް ވީހާވެސް ގިނަބަޔަކު ފޭބުމުން އޮޑީގެ
މައިރިޔާ ނުނެގި ފުރައިގެން ދިޔުމަށް ދަތިވެއްޖެނަމަ އޮޑީގައި ހުރި ކާޑުގެ ބާވަތްތަކާއި
ފައިސާއާއި އެހެނިހެން ސާމާނު ވެސް ލިބޭނެކަމަށް ބާރުއަޅައި އޮޑިން ދަތުރުކުރި ކޮންމެވެސް
މީހަކު މަސައްކަތްކުރި ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
"ފަތުޙުލް
ޢިނާޔަތު" ގެ މިދަތުރުގެ ދުވަސްކޮޅެއްކުރިން ނަޑެއްލާ ކުޑަ ކަތީބުކަމުގެ މަގާމް
ލިބިލެއްވި އެ ރަށު ލިލީގޭ ޢަލީ މުޞްޠަފާ ވެސް ރަށަށް ދުރުވުމަށްޓަކައި ނިލަންދުއަށް
ފޭބެންނެވުން ރަނގަޅުކަމަށް މުޞްޠަފާ މަންޞޫރު އެންގެވުމުން އެ ރަށަށް ޢަލީ މުޞްޠަފާ
ވެސް ފޭބެންނެވި އެވެ. އޭގެފަހުން މުޞްޠަފާގެ ކަންކަން ހިނގައިދިޔަގޮތުގެ މަޢުލޫމާތު
ވެސް އޭނާ އަޅުގަނޑަށް ދެއްވާފައިވެ އެވެ.
ނިލަންދުއަށް ފައިބަން
ބޭނުންވި ބަޔަކު ފޭބުމުން އެތަނުން "ފަތުޙުލް ޢިނާޔަތު" ފުރައިގެން ގޮސް
ދެން ކައިރިކުރީ ވިލިގިލި ކަނޑާއި ދިމާލުން ވިލިގިއްޔާއި ގާތަށެވެ. މި ހިސާބަށް އޮޑި
ދިޔުމަށްފަހު ވިލިގިލި މާމެންދޫ މީހުން އެ ބަޔެއްގެ އެއްޗެތި ހިފައިގެން ރަށަށް ފޭބި
އެވެ. މިއެންމެން ފޭބުމުން ދެން އޮޑީގައި ތިބީ އޮޑީގެ ވެރި މުޞްޠަފާ މަންޞޫރާ އެކީ
މުޅިއެކު 7 މީހުންނެވެ. އެއީ މުޞްޠަފާ މަންޞޫރާއި، ސަރަނގު ޢަލީ ގާސިމް (ތިނަދޫ ޖޭނެސްޓް
ރެއްކާބެ) އާއި، އޮޑީގެ މުވައްޟަފުން (ފަޅުވެރިން)ގެ ތެރޭ ހިމެނޭ ދެކުނުގޭ ދޮންމަނިކުގެ
ތުއްތުއާއި، ތިނަދޫ ލަސެއްޔާބޭގެ ރެކިފުތާއި، ގ. ހޮރިޒަން ޙުސޭނާއި، ތިނަދޫ އުއްސަކުރު
މޫސާ ތަކުރުފާނެވެ. މިއީ އޮޑީގެ މައިރިޔާ ނެގުމަށް ދަތިވާނެ ޢަދަދެއްގެ ބަޔެކެވެ.
ހުވަދުއަތޮޅު ވިލިގިއްޔަކީ
"ފަތުޙުލް ޢިނާޔަތު" އޮޑީގެ ވެރި އަދި މާލިމީ މުޞްޠަފާ މަންޞޫރުގެ ބައްޕަ
ޙާޖީ މުޙައްމަދު ކަލޭގެފާނާއި ދެބެންގެ ދެދަރި ބަޔެއްގެ ފަރާތުން އުފެދިފައިވާ ވަރަށްބޮޑު
ޢާއިލާއެއް އޭރުވެސް އަދި މިހާރުވެސް އޮންނަ ރަށެކެވެ. މީގެތެރޭ ތިބި ހޭވަރި(ހަމަ ބުއްދިއާއި
ތަންދޮރު ވަކިވުމުގެ ބާރުލިބިފައި)ވާ މީހުންނަކީ މުޞްޠަފާ މަންޞޫރަށް ނުހަނު ހެޔޮއެދޭ
ގާތް ބަޔަކަށްވީ ހިނދު، ހުވަދުއަތޮޅާއި ރަށަށް ކުރިމަތިވެފައިވާ އެ ޙާލަތުގައި ކަންކަން
ހިނގާފައިވާ އަދި ހިނގުން އެކަށޭނަ ކަންކަމުގެ މަޢުލޫމާތު މުޞްޠަފާ މަންޞޫރާއި އެބައިމީހުން
ޙިއްޞާކުރާނެ ކަމަށް ގަބޫލުކުރެވެ އެވެ. އަދި ކީއްތޯ އެވެ. މިއީ ކަށަވަރުވާ ކަމެކެވެ.
މިދެންނެވި އެއްޗެއް
އެއަށްވުރެ ތިލަކުރާނަމަ ދަންނަވާފައި އެވަނީ "ފަތުޙުލް ޢިނާޔަތު" ނުފުރައި
ނުވަތަ ފުރޭނޭގޮތެއް ނެތިގެން ވިޔަސް މަޑުކޮށްފިނަމަ އެ އޮޑީގައި ހުރި އެންމެހައި ތަކެތީގެ
ޒިންމާ އުފުއްލެވުގެ އިތުރަށް އަމިއްލަ ނަފުސުގެ ސަލާމަތަށް ރައްކާތެރި ނުވުމުގެ ޒިންމާ
ވެސް މުޞްޠަފާ މަންޞޫރު އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމުގެ ވާހަކަ އެވެ. މިހެނީ
އޭރު ހުވަދުއަތޮޅުގެ ޙާލަތު އޮތީ އެފަދަ ނާޒުކުގޮތެއްގަ އެވެ. އެ ޙާލަތު ދެކި ތަޖުރިބާކޮށްފައިވާ
މީހުން މިހާރުވެސް މަދެއްނޫނެވެ. އަދި ތާރީޚުގެ ޞަފުޙާތަކުން ވެސް އެ ހުރީ މީގެ ހެކި
ފެންނާށެވެ. (ނުނިމޭ)
---------------
ޢަބުދުﷲ ޙިލްމީ
18 ފެބްރުއަރީ
2016މ.