ހަވަރުތިނަދޫގެ ދެވަނަ އާބާދީ ފަންސަޔާޅީސް













ހަވަރުތިނަދޫން މީހުން ބޭލީ 1962މ. ގަ އެވެ. އޭގެފަހުން އެ ރަށް 4 އަހަރެއްހާ ދުވަހު ފަޅުރަށެއްގެ ގޮތަށް އޮތެވެ. ގދ. އަތޮޅުވެރިޔާ އަލްފާޟިލް ޙުސޭން މަނިކުގެ ސީދާ ބެއްލެވުމުގެ ދަށުގައި އަތޮޅު އޮފީހުގެ ޙަވާލުގައެވެ. އެ ދުވަސްވަރު އެ ރަށުގެ ބިމުގައި ހެދިފައިވާ ކާބޯތަކެތީގެ ބާވަތްތަކާއި ލަކުޑި ދަރުފަދަ އެއްޗެތި އެކަމަށް ބޭނުންވާ ބަޔަކަށް ހަމަޖެހިފައިވާ އުޞޫލެއްގެ ދަށުން ދޫކުރިއެވެ.


ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް މީހުން އަބާދުވީ 22 އޯގަސްޓް 1966 ގައެވެ. އެއީ ހަވަރުތިނަދޫ ބިމުގެ ދެވަނަ އާބާދީއެވެ. ދެވަނަ ވަޒަންވެރިންނެވެ. މިއާބާދީއަކީ ހަވަރުތިނަދޫން ބޭލި މީހުން އަނބުރައި އެ ރަށަށް ގެނެސްގެން އެމީހުންނަށް ސީދާ ނިސްބަތްކުރެވޭނޭ އާބާދީއެއް ކަމަކަށް ނުބެލެވެއެވެ. ހަވަރުތިނަދޫން ބޭލި މީހުން ސީދާ އެރަށަކަށް އަނބުރައި ނުގެންދެއެވެ. ގެންދަން އުޅުނުކަމެއް އަޅުގަނޑު ނުދެނެހުރީމެވެ. ފަޅުރަށެއްގެ ގޮތަށް އޮތް ރަށެއްގައި ދިވެހިރާއްޖެއިން ވަޒަންވެރިވާން ބޭނުންބަޔަކަށް އެކަމުގެ ފުރުޞަތު ހުޅުވާލީމާ، ދިޔަބަޔަކު ދިޔައީއެވެ. ނުދިޔަބަޔަކު ނުދިޔައީއެވެ.

ހަވަރުތިނަދޫގައި ދެވަނަފަހަރަށް މީހުން އާބާދުކުރެއްވުމުގެ މަސައްކަތް އިސްކޮށް ކުރައްވައި ހިންގެވުމަށް ސަރުކާރުން ފޮނުއްވީ މާލޭ މަޑުފެހިގޭ އަލްފާޟިލް އަލްމަރުޙޫމް އަޙުމަދު ރަޝީދު (ތުއްތުދީދި ދޮންމަނިކު)އެވެ. އެކަމަށް ވަރަށް ޤާބިލް ބޭފުޅެކެވެ. ސަރުކާރުން ހަމަޖެއްސެވި ޗާޓަކާ އެއްގޮތަށް މަގުތަކާއި ގޯތި ދޭނޭ ތަންތަނާއި ހުސްބިންތަކާއި މިސްކިތްތަކާއި ތަންތަން ހަމަޖެއްސެވިއެވެ. ކުރީގައި ހަވަރުތިނަދޫގައި ހުރި މިސްކިތްތަކުން އަލުން މަގުހެދުމުން މަގަށް އެރުމުން ރޫޅާލަން ޖެހުނު މިސްކިތަކީ ދޮށިމޭނާ މިސްކިތެވެ. މިހާރު މޮސްކޯގެ ސަރަޙައްދާއި އެގޭގެ އިރުމަތިން މަގާއި އެމަގާ ޖެހިގެން އިރުމަތީ ގޯއްޗާއި މިހިސާބަށް ދޮށިމޭނާ މިސްކިތާއި މިސްކިތުގެ ޤަބުރުސްތާނު އޮތެވެ. ދެވަނަ އާބާދީގެ މަސައްކަތާއި ހިނގި ކަންކަމަކީ މިކަހަލަ ކުރު ލިޔުމެއްގާ ގެނެސްދިނުން ދަތި ކަމަކަށްވާތީ އެބައި ދޫކޮށްލީއެވެ.

މާދަމާ 22 އޯގަސްޓް 2011 އަކީ އެރަށުގެ ދެވަނަ އާބާދީއަށް 45 އަހަރު ފުރޭ ދުވަހެވެ. 40 ހުން މައްޗަށް ދިޔައީމާ ގޮތަކަށް މުސްކުޅިވީއެވެ. ގައިގެ ބާރު ދެރަވީއެވެ. މިހާރު ކިޔައިއުޅޭ ގޮތަށް ކުރީގައި ހުރި ޕަވަރެއް ނުހުންނާނެއެވެ. އެކަމަކު އެއީ އިންސާނުންގެ އެވެ. ހިކިފައި އޮތް ބިމެއްގެ ގޮތަކުން ނޫނެވެ. ބިމަކީ ދުނިޔޭގައި މީހުން އުޅޭހާ ދުވަހަކު އިތުރު ދިރުމާއި އިތުރު ތަރައްޤީ އަންނާނޭ އެއްޗެކެވެ. މިވޭތިވެދިޔަ ދުވަސްތަކުގާ އެރަށުގާ އުޅޭބަޔަކު އެބިމުގެ ދެވަނަ އުފަންދުވަސް އެކިފަހަރު އެކިވަރަށް އެކިގޮތަށް ފާހަގަ ކުރެއެވެ. އާބާދީ ފަންސަވީހަކީ އެގޮތުން ފާހަގަކުރި އޭގެ އެންމެ ވިދުންގަދަ އުފަން ދުވަހެކެވެ.

އިންސާނެއްގެ ޙަޔާތުގާ އެމީހަކަށް ދެވަނަ އުފަންވުމެއް ދެވަނަ މަރެއް އައުމަކީ ޤުދުރަތުގެ ކުޅަދުންވަންތަކަމުގެ ތެރެއިން ވަރަށްބޮޑު ޢިބްރަތަކާއި އިލާހީ މަތިވެރި ޙިކުމަތެއްގެ ތެރެއިން ނޫނީ އަންނާނޭ ކަމެއް ނޫނެވެ. އެއީ އިންސާނީ ބާރެއް ނުފޯރާ ކަމެކެވެ. ނަމަވެސް ރަށެއް އެއްފަހަރު އުފަންވެ މަރުވުމުން ދެވަނަފަހަރަށް ދިރި އަނެއްކާ މަރުވެސް ވެދާނެއެވެ. މިމަރަކީ ފުރާނައިގެ މަރެއް ނޫނެވެ. ބިމުގެ މަޞްނޫޢީ މަރެކެވެ. އިންސާނުންގެ ފަރާތުން ހިނގާ ކަމެކެވެ. މަތިވެރި ﷲ ގެ އިރާދަފުޅާއެކު އިންސާނުން ކުރާ ކަމެކެވެ. (ނިމުނީ)
                     -------------------
ލިޔުނީ: ޢަބުދުﷲ ޙިލްމީ 
21 އޯގަސްޓް 2011މ.
www.havaruonline.com