ހުވަދުއަތޮޅު ތިނަދޫގެ ގިނަދުވަސްވީ ތަކެތި - އެއްވަނަބައި













ހުވަދުއަތޮޅު ތިނަދޫގައި ފެންނަން ހުރި އެންމެ ގިނަ ދުވަސްވީ ނުވަތަ އެންމެ އާސާރީ އެއްޗަކީ އެ ރަށުގެ ބިމުގައި ހުރި "ލާޓް ދަގަނޑު"ގެ ނަމުން މަޝްހޫރުވެފައިވާ ދަގަނޑުކަމަށް މީގެކުރިން ބެލެވުނެވެ. ނަމަވެސް އޭގެފަހުން ހިނގަމުން މިދާ އަހަރުތަކުގައި ފެނިފައިވާ ތިނަދޫ މަސްޖިދުއްސުލްޠާން މުޙައްމަދުގެ ބައެއް ތަކެތީގެ ސަބަބުން އެ މިސްކިތާއި އެ ތަކެއްޗަކީ ތިނަދޫގައި ހުރި ލާޓް ދަގަނޑަށްވުރެ 143 އަހަރު ކުރީގެ ތަކެތި ކަމަށް ގަބޫލުކުރެވެ އެވެ. 


ތިނަދޫގައި ހުރި "ލާޓް" ދަގަނޑަކީ މީހަކު ނުވަތަ ބަޔަކު ޖެހި ދަގަނޑެއްނޫން ކަމާއި އަދި އެއީ ރާއްޖެ ސާރވޭކުރުމުގެ މަސައްކަތަށް ރާއްޖެއަށް އައި ކެޕްޓަން މޮރަސްބީ(ލާޓް) ތިނަދޫގެ މަސައްކަތުގައި ބޭނުންކުރި ބިންގަނޑު ތޮރުފާމެޝިންގެ ތިލަ ހަރުކޮށްފައި ހުރި ދަގަނޑު ކަމަށް ދިވެހި މުއައްރިޚު އުސްތާޛުލް މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީގެ ލިޔުއްވުމަކުން އެނގެ އެވެ. މި މަސައްކަތް ތިނަދޫގައި ކުރީ 1836މ. ވަނަ އަހަރުގެ ނޮވެމްބަރ 5 ން 16 އަށެވެ.

ތިނަދޫގައި ހުރި "މަސްޖިދުއްސުލްޠާން މުޙައްމަދު" އަކީ ތިނަދޫ "އަބޫބަކުރު ސްކޫލް" ނިސްބަތްވާ ހުވަދޫ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނުގެ މާފަދަރިކަލުން އައްސުލްޠާން މުޙައްމަދު ސިރީ ކުލަރަންމަނި މަހާރަދުން ނުވަތަ މަޝްހޫރު "ދެއްވަދޫ ރަސްގެފާނު"ގެ ރަސްކަމުގެ ދުވަސްވަރު އެ ރަދުން ބިނާކުރެއްވި މިސްކިތެކެވެ.

މި މިސްކިތް ބިނާކުރެއްވުމުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވައިލެއްވުމަށް ދެއްވަދޫގައި އިންނެވި އެ ރަދުންގެ ދައިތާފުޅު(ދައްތާފުޅު) ޛުލައިޚާ(ދޮންދަލޭކަ ކަނބުލޭގެފާނު) ތިނަދޫއަށް ދަތުރުފުޅު ކުރައްވަމުން ގެންދެވިކަމަށާއި އެ ކަމަނާ އަވަހާރަވީ މިގޮތަށް ވަޑައިގެންނެވި ދަތުރުފުޅެއްގައި ތިނަދޫގައި ކަމަށާއި ފަސްދާނުލެއްވީ ތިނަދޫ ހުކުރުމިސްކިތުގެ އުތުރުފަރާތުގެ ބިސްތާނައިގައި ކަމަށް ތިނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ ލިޔުއްވައިފައިވެ އެވެ.

ހުވަދުއަތޮޅު ތިނަދޫގައި ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި އަދި އެ ރަދުންނަށް ނިސްބަތްވާ މިސްކިތް "މަސްޖިދުއްސުލްޠާން މުޙައްމަދު" ތިނަދޫގައި މަޝްހޫރުވެފައިވަނީ ހުޓިކޮޑޭ(ހުއްޓޭކޮޑު) މިސްކިތުގެ ނަމުންނެވެ. "ހުއްޓޭކޮޑު" މިއީ މާލޭ ބަހުރުވައޭ އެ ކިޔާ ބަހުރުވައިގައި (ފުށިކޮޅު) އެވެ. މި މިސްކިތް "މަސްޖިދުއްސުލްޠާން މުޙައްމަދު" ބިނާކުރީ ދެއްވަދޫ ރަސްގެފާނުގެ ރަސްކަމުގެ 2ވަނަ އަހަރު (1693މ.) ގައި ކަމަށް މީގެކުރިން އެ މިސްކިތުގައި ފެންނަން ހުރި ލިޔުމަކުން އެނގެއެވެ. ދާދިފަހުން މި ލިޔުމުގެ ނަކަލަކާއި މިސްކިތުގެ ބޯގަފަތްކޮޅުގެ ނަކަލެއް އަޅުގަނޑަށް ލިބިފައިވެއެވެ. މިއެއްޗެތި ފޮނުއްވައި ދެއްވީ އަލްފާޟިލް މުޙައްމަދު ވަޙީދު ނަދުވީ އެވެ. މިކަމަށްޓަކައި އޭނާއަށް ޝުކުރު ދަންނަވަމެވެ. 


މަތީގައި އެ ވަނީ 1693މ. ގައި ތިނަދޫ ފުށިކޮޅު މިސްކިތް (މަސްޖިދުއްސުލްޠާން މުޙައްމަދު) ބިނާކުރިކަން އެނގޭ ލިޔުމުގެ ނަކަލެވެ.


މަތީގައިވާ ފޮޓޯއަކީ ލާގެއާއި ލިޔެ ލާޖެހުމާއި ހިރިގަލުގެ މަސައްކަތް މޮޅަށްކޮށްފައިވާ އެ މިސްކިތް ރައްކައުތެރި ކުރުމަށްޓަކައި އަހަރުތަކެއްގެ ފަހުން މިސްކިތުގެ ވަށައިގެން ފެންޑާލުމުން އެ މިސްކިތް ބޭރުން ފެންނަ ފޮޓޯއެކެވެ. ހަވަރުތިނަދޫގެ ދެވަނަ އާބާދީ އެ ރަށުގައި ވަޒަންވެރިވީ އިރު އެ މިސްކިތް ފެންނަނީ އެ ގޮތަށެވެ. އެހެންނަމަވެސް މި ޢިމާރާތުގެ އެތެރޭގައި އޭރުވެސް ދެއްވަދޫ ރަސްގެފާނުގެ ދުވަސްވަރު އެ ރަދުން ބިނާކުރައްވައި އެ ރަދުންގެ ސިއްކަ ޖައްސަވާފައިވާ މަސައްކަތުގެ ފެންވަރު މޮޅު މިސްކިތް ހުއްޓެވެ 


މަތީގައިވާ ފޮޓޯއަކީ ދެއްވަދޫ ރަދުންގެ ދުވަސްވަރު އެ ރަދުންގެ މިސްކިތް ބިނާކުރެއްވުމުގެ ކުރިން އެ ތާނގައި ހުރި ގިބުލަ ދިމާނުވާ މިސްކިތެއްގެ ގާފޮޅާއި، ދެއްވަދޫ ރަދުންގެ ދުވަސްވަރު އެ ރަދުން ބިނާކުރެއްވި މިސްކިތުގެ ގާފޮޅާއި، ދެއްވަދޫ ރަދުންގެ މިސްކިތް ރައްކައުތެރި ކުރުމަށްޓަކައި އަހަރުތަކެއްގެ ފަހުން މިސްކިތުގެ ވަށައިގެން ހަދާފައިވާ ފެންޑާގެ ގާފޮޅާއި، އަދި މިހާރުހުރި މިސްކިތުގެ އެތެރޭ ފާރުތައް ފެންނަ ފޮޓޯއެކެވެ.  

ތިރީގައި ވަނީ ދެއްވަދޫ ރަދުންގެ ދުވަސްވަރު އެ ރަދުން ތިނަދޫގައި ބިނާކުރެއްވި މިސްކިތުގެ ހިރިގަލުގެ ރީތި މޮޅު މަސައްކަތް ފެންނަ ގައުތަކެއްގެ ފޮޓޯއާއި މިސްކިތުގެ ބޯގަފަތްކޮޅުގެ ނަކަލެކެވެ.

މި ގައުތަކުގެ ފޮޓޯ އަޅުގަނޑު ނެގީ އެ މިސްކިތް ބޮޑުކުރުމުގެ މަސައްކަތް ކުރުމުގެތެރޭ އެ ގައުތައް ކުރީގެ މިސްކިތުގެބިނާއިން ވަކިކޮށް މިސްކިތުގެ ގޯތިތެރޭ އެތަންމިތަނަށް އުކާލާފައި ހުއްޓައި މީގެ ދެތިން އަހަރުގެ ކުރިންނެވެ. (ނުނިމޭ)


                                    ------------------
ޢަބުދުﷲ ޙިލްމީ
28 ސެޕްޓެމްބަރ 2015މ.